ތިން ލަފްޒުން (4)
“ބައްޕާ.. އަޅުގަނޑަށް ފެންނަނީ ވިޝާމް ގާތު ތެދަށް ބުނަން. ނޫނީ އެމީހުނަށް ގޯސްގޮތަކަށް ހީވެދާނެ” ލަޔާން ހަމްޒާގެ ކޮނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ.
“އަދި މަޑު ކޮއްލާ.. ބައްޕަ ގޮތެއް ނިންމާފަ ބުނާނަން” ހަމްޒާ މިހެން ބުނެފައި ތެދުވެއްޖެއެވެ. އެވަގުތު ޔުސްރާއާއި ނައުރާވެސް އަތުވެއްޖެއެވެ. އެމީހުން އެއައީ ލަމްހާގެ ޓެސްޓާ ސްކޭންގެ ނަތީޖާ ހިފައިގެންނެވެ.
****
ނައުރާ ލަޔާން ގާތު މަޑުކޮއްލުމުން ޔުސްރާ ނަތީޖާ ހިފައިގެން ވަނީ ލުވޭޒާ ބައްވާފައި އޮތް ކޮޓަރިއަށެވެ. ލުވޭޒާގެ މަގަތުގައި އިށީންދެ އިނދެ ލަމްހާ އޭނާގެ އަތުގައި މަޑުމަޑުން ފިރުމަމުން ދިޔައެެވެ. ޔުސްރާގެ އަތުގައި އޮތް ރިޕޯޓު ދިއްކޮއްލުމުން ލަމްހާ ނުކުތީ ބޭރަށް ވާގޮތަށް ހުންނަ ކޮރިޑޯއަކަށެވެ. ޔުސްރާ މަޑުކޮއްލީ ލަމްހާއާ ތަންކޮޅެއް ދުރުގައެވެ. މިވަގުތު ލަމްހާ ބޭނުންވާނީ އެކަނި ވެލަންކަން ޔުސްރާއަށް ވިސްނުނެވެ.
ހުޅުމާލޭ ކާރޫ ބާރު މަގުތަކަށް ބަލަހައްޓައިގެން ހުރިއިރު އެދެލޯ ވަނީ ތެމިފައެވެ. ސްކޭން ނަތީޖާގައި އޮތް ފޮޓޯގަނޑަށް ބަލާލެވުނެވެ. ފުރިހަމަ އިންސާނެއްގެ ބައްޓަން ނެތަސް ކުޑަ ކުޑަ ފުއްގަނޑެކެވެ. ލަމްހާ އޭނާގެ ބަނޑުގައި އަތްޖައްސާލިއެވެ. ބަނޑަށް 3 މަހެވެ. އޭނާގެ ހަށިގަނޑުގައި އަށަގަންނަމުން ދަނީ ސިއްހަތު ރަނގަޅު ޅަ ފުރާނައެކެވެ.
ޖެހިގެން އައި ދުވަހެވެ. ލުވޭޒާ ސޯފާގައި އިންދެފައި ލަމްހާގެ ކޮޓަރިއަށް ދާން ތެދުވިއެވެ. އެއީ އޮފީސް ނިމިގެން ހަމްޒާވެސް އައިސް ވަތް ވަގުތެވެ. ލުވޭޒާ ފެނުމުން ވަރަށް އަވަހަށް އައިސް އޭނާ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވެއްދިއެވެ.
“ކިހިނެއްތަ ވީ؟” ހަމްޒާ އޭނާގެ ދަބަސް ހާވާތަން ފެނުމުން ލުވޭޒާ އަހާލިއެވެ.
ހަމްޒާ ވަކި އެއްޗެކޭ ނުބުނެއެވެ. އޭނާ ދަބަހުން ނެގީ ކޮތަޅެކެވެ. އޭގައި އޮތް އެއްޗެއް ލުވޭޒާ އަތަށް ލައި ދިނެވެ.
“އެބޯޝަން.. ބޭސްކާޑެއް؟.. ” އަތަށް ލައިދިން ބޭސްކާޑާ ދިމާއަށް ބަލާލާފައި ލުވޭޒާގެ ދެލޯ ބޮޑުވިއެވެ.
“ލަމްހަ ކައިރީ ބުނޭ ބަނޑުގައި އޮތް ދަރިފުޅު ވައްޓާލާށޭ” ހަމްޒާ ބުނެލިއެވެ.
“ހަމްޒާ!! ކޮންކަހަލަ މުޑުދާރު ވާހަކައެއް ތިދައްކަނި. އަމިއްލަ ދަރިފުޅު ލައްވާ ތިހާ ބޮޑު ފާފައެއް ކުރުވާކަށް ހަމްޒާ ބިރެއް ނުގަނޭތަ” ލުވޭޒާ ގަބޫލު ނުކުރެވިގެން ބުނެލިއެވެ.
“ބުނީމަ ބުނާގޮތް ހަދާ. ލުވޭޒާ ބޭނުންވަނީ ނަހަލާލު ދަރިއަކު މިދުނިޔެއަށް އުފަން ކުރަންތަ. ހުރި ހަމައެކަނި އަންހެން ދަރިފުޅު ބައްޕަ ކަށަވަރު ނުވާ ދަރިއަކު ވިހޭމަ މީހުން ކިހާ މަލާމާތެއް ކުރާނެ. ލުވޭޒާ ބޭނުންވަނީ މުޅި ދުނިޔެއަށް ފަލީހަތް ވާންތަ” ހަމްޒާ ހަޅޭލަވައިގަތެވެ.
“ނޫން.. އެކަމު.. އަހަރެންނަކަށް ނުކެރޭނެ އެވަރު ބޮޑު ފާފައެއް ލަމްހާ ލައްވާ ކުރުވާކަށް.. ވިޝާމް އާއި ކައިވެނި ނުކުރިއަސް އަދި އިންނާނެ މިހުން ލަމްހާ އަށް ވާނެ. ބަނޑުގައި އޮތް ކުއްޖާގެ ބައްޕަވެސް ހޯދިދާނެއްނުން” ލުވޭޒާ ހަމްޒާއަށް ވިސްނަދޭން މަސައްކަތް ކުރިއެވެ.
“އެދަރިފުޅުގެ ބައްޕައޭ.. ހަތަރު މީހުންގެ ތެރެއިން ކާކު ތޯ ބަލަން އެންމެން ޓެސްޓު ކުރާނީތަ.. މޮޔަ ނުގޮވަބަލަ. އަހަރެންގެ ނިންމުމެއް ބަދަލެއް ނުކުރެވޭނެ. ދޭ.. ގަދަކަމުންވިއަސް އެދަރިފުޅު ވައްޓާލާ.. ނޫނީ ލުވޭޒާއާ ލަމްހާ ޖެހޭނީ މިގެއިން ނުކުންނަން” ހަމްޒާގެ އެންމެ ފަހުބަސް ބުނެފައި ނުކުމެގެން ދިޔައެވެ.
ހަދާނެ ގޮތް ހުސްވެގެން ލުވޭޒާ އެންމެ ފަހުން ބޭސް ކާޑު ހިފައިގެން ލަމްހާގެ ކޮޓަރިއަށް ދިޔައެވެ.
އެނދުގެ ފަޑީގައި ބުރަކަށި ޖައްސާލައިގެން ދެފާދަމާލައިގެން އޮތް ލަމްހާ އިނީ ލެޕުން ފިލްމެއް ބަލާށެވެ. ބަނޑުމަތީގައި އޮތް އަތުން މަޑުމަޑުން ބަނޑުގައި ފިރުމަމުން ދިޔައެވެ. އެމަންޒަރު ފެނިފައި ލުވޭޒާގެ ހިތަށް ތަދުވިއެވެ.
“މަންމާ.. ކިހިނެއް ވެފަ ތިހުރީ ކޮޅަށް” ލަމްހާއަށް ދޮރުމަތީހުރި ލުވޭޒާ ފެނިގެން އަހާލިއެވެ.
“ކަމެއް ނުވޭ.. މިހާރު ކިހިނެއްތަ ބޮލުގަ ރިހުން” ލުވޭޒާ އެނދުގެ މަގަތުގައި އިށީނެވެ.
“މިހާރު އޯކޭ.. މަންމަ ހާސްނުވެބަލަ” ލަމްހާ ލުއި ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ. އެރެއަށްފަހު ލަމްހާގެ ހިނިތުންވުން ފެނުނު މިއީ ފުރަތަމަ ފަހަރެވެ.
“ކޮބާ ޔުސްރާ.. މިއަދު އަދި ނުވެސް ދެކެން” ދައްކަން އައި އެއްވެސް ވާހަކައެއް ފަށާނެ ގޮތެއް ލުވޭޒާއަކަށް ނޭނގުނެވެ.
“ހުމް.. ޔުސްގެ މަންމަ ކުޑަކޮށް ބަލިވީމަ ދިޔައީ ގެޔަށް” ލަމްހަ ބުނެލިއެވެ.
“މަންމާ.. ވާހަކައެއް ބުނަން ބޭނުންވެފަތަ ތި އިންނަނީ” ލަމްހާއަށް އެކަން ފާހަގަ ވިއެވެ.
“އާން.. ވަރަށް ބޮޑު ވާހަކައެއް.. ދަރިފުޅާ.. މަންމައަށް މާފްކުރޭ. މަންމަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު މަންމައަކަށް ރައްކާތެރިއެއް ނުކުރެވުނު. ދަރިފުޅާ ދޭތެރޭ ފަރުވާ ކުޑަކުރެވުނީމަ ވީގޮތް މިއީ. މަންމަ އަށް މާފްކުރޭ” ލުވޭޒާ ލަމްހާގެ އަތުގައި ހިފާލަމުން ރޯންފެށިއެވެ.
“ހުއްޓާލާ މަންމާ.. މަންމަ ނުޖެހޭނެ މާފަށް އެދޭކަށް. މިއީ މަންމަގެ ކުށެއްނޫން. މިއީ އަހަރެންގެ ކުށް. ނުބައި ތަނަކަށް ނުބައި ވަގުތަކު ދެވުނީ އަހަރެންނަށް. މަންމަ ދެން ނުރޮއެ. އަހަރެން ވިޝާމް ގަތު ހުރިހާ ވާހަކައެއް ބުނާނަން. ދެން ވެދާނެ ގޮތަކާމެދު އަހަރެންގެ އެއްވެސް ފަރުވަލެއް ނެތް.” ލަމްހާ ލުވޭޒާގެ އަތަށް ބާރު ކޮއްލަމުން ބުނެލިއެވެ.
“ނޫން ދަރިފުޅާ.. ދަރިފުޅު އިންނަންވާނީ ވިޝާމްއާ.. އެއީ ބައްޕަ ބޭނުން ވާ ގޮތަކީ.. ވިޝާމް ގާތު މިވަހަކަ ނުބުނާތި.. މަންމަ ބުނާގޮތް ހަދާ ދަރިފުޅާ..” ލުވޭޒާ ބުނެލިއެވެ.
“އަހަރެންގެ ބަނޑުގައި މިއޮތް ދަރިފުޅު ވިޝާމް ބަލައި ގެންފިއްޔާމުން އަހަރެން މިހުރީ އިންނަން ތައްޔާރަށް” ލަމްހާ ބުނެލިއެވެ.
“ނޫން.. ދަރިފުޅާ.. މަންމަ އަބަދުވެސް އެދެނީ ދަރިފުޅަށް ރަނގަޅު ގޮތް.. ތިއީ ދުނިޔެއަށް އައުމަށްވުރެ ނައުން ރަނގަޅުވާނެ ފުރާނައެއް. މީހުންގެ މަލާމަތުގެ ބަސްތައް އަޑު އަހާކަށް މަންމަ ބޭނުމެއްނޫން.” ލުވޭޒާގެ ވަހަކަ މިހިސާބަށް ދިޔަތަނާ ލަމްހާ ލުވޭޒާގެ އަތުން ދުކޮއްލަފިއެވެ. ލަމްހާ ދުރަށް ޖެހިލުމުން ލުވޭޒާ އޭނާގެ އަތުގައި އަނެއްކާވެސް ހިފައިފިއެވެ.
“ލަމް.. ބަނޑުގައި އޮތް ދަރިފުޅު ވައްޓާލާ.. މަންމައަށް ޓަކައި.. މި އާއިލާގެ މަސްލަހަތަށް ޓަކައި. ބަނޑުގައި އޮތް ތި ކުއްޖާ ދުވަހަކުވެސް ލަމްގެ ބައްޕަ ބަލައެއް ނުގަންނާނެ. ” ލުވޭޒާގެ ބަސްތަށް ލަމްހާގެ ކަންފަތުގައި ގުގުމާލިއެވެ.
“ކިކޭ ތިކިޔަނީ މަންމާ؟ ނޫން.. އަހަރެން ބޭނުމެއް ނޫން.. އަހަރެން އަހަރެންގެ ދަރިފުޅު ބޭނުން” ލަމްހާ ބަނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ.
ލުވޭޒާ އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން ލަމްހާ ދުވެފައިގޮސް ފާހަނައަށް ވަނެވެ. އަދި ދޮރު ތަޅުލާފައި ގޮސް ފާހަނަ ތަށީގައި މަތިޖަހާފައި މަތިގަނޑު މަތީ އިށީނެވެ.
އޭރު އެދެލޮލުން ކަރުނަ ފާއްދާލާފިއެވެ.
ލަމްހާ އޭނާގެ ހަށިގަނޑުގައި އަށަގަންނަމުން އަންނަ ދަރިފުޅު ދެކެ ލޯބިވެއެވެ. އެއީ ބޭނުންވެގެން ލިބުނު ދަރިއަކަށް ނުވިއަސް އެއީ އޭނާގެ ދަރިއެކެވެ. އަމިއްލަ ދަރިއަކު މަރާލަން މަޔަކަށް ކެރޭނެ ހެއްޔެވެ. އެފަދަ ބޮޑު ފާފައެއް ކުރާކަށް ލަމްހާއަކަށް ނުކެރޭނެއެވެ.
އެކިމީހުންނަށް ދިމާވާނީ އެކި ގޮތެވެ. އެންމެންގެ ދިރިއުޅުމަކީ އޮމާން ތިނު ގަނޑަކަށް ނުވެދާނެއެވެ. ދުނިޔޭގައި އުޅޭއިރު ދިމާވާހުރިހާ ދެރަކަމަކާ ހިތާމައަކަށް ޖެހޭނި ކެތްތެރިވާށެވެ. މިއީ ގަބޫލު ކުރަން ދަތިވިއަސް ކަން އޮންނާނެ ގޮތެވެ.
ލަމްހާ އެހުރީ އޭނާގެ ބަދުނަސީބު ދިރިއުޅުން ގަބޫލު ކޮއްގެނެވެ. އެންމެން ނުރުހުނަސް އޭނާ އެދަރިފުޅު ބޭނުމެވެ. އޭނާގެ އަމިއްލަ އާއިލާއައްޓަކައި އެފުރާނަ ދުއްވައެއް ނުލާނަމެވެ. ލުވޭޒާ ލަމްހާދެކެ ލޯބި ވާފަދައިން އެދަރިފުޅުދެކެ ލަމްހާވެސް ލޯބިވެއެވެ. އެއީ ކުށެއްނެތް މައުސޫމު ފުރާނައެކެވެ. އަމާނާތެކެވެ.
ލަމްހާ ކަންތަށް ކުރިގޮތް ހަމްޒާއަށް އެނގުމުން އޭނާ ހުރީ ހިތްހަމަ ނުޖެހިފައެވެ. ރޭގަނޑު ކާންވެސް ލަމްހާ ނުނިކުމެއެވެ.
“ސީމާ.. ލަމްގެ ތަށި ކޮޓަރިއަށް ގެންގޮސްދީ.. ހިއެއްނުވޭ ނުކުމެ ދާނެހެނެއް” ލުވޭޒާ ނޯކަރު މީހާއަށް ބުނެލިއެވެ.
އެމީހާ ދާން ހިނގައިގަތުމުން ހަމްޒާވެސް އޭނާގެ ފަހަތުން ދިޔައެވެ.
“ގެނޭ ތަބަށް މަގޭއަތަށް..” ސިޑިން މައްޗަށް އަރާފައި ސީމާއާ ދިމާއަށް ބުނެލިއެވެ. އެއަށްފަހު ތަބަށް ހިފައިގެން ހަމްޒާ ވަނީ އޭނާގެ ކޮޓަރިއަށެވެ. އަލަމާރި ހުޅުވާލާފައި ހަމްޒާ ނެގީ ބޭސް ކާޑެކެވެ. އަދި ބޭސްގުޅަ ދެފަޅި ކޮއްލާފައި ފެންތަށި ތެރެއަށް ލިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފެންފޮދު ތެރެއަށް ބޭސްގުޅަ ވިރިގެން ދިޔައެވެ.
ދޮރުގައި ޓަކި ޖަހަލުމުން ލަމްހަ ވަންނާށޭ ބުނެލިއެވެ. ދޮޅި ބާލާފައި މުސައްލަ ތެރެއަށް ލައި އޮޅާލާފައި އޭނާ ތެދުވިއެވެ. ދޮރުމަތީ ހުރި ހަމްޒާ ފެނުމުން ލަމްހާ ކަންބޮޑުވިއެވެ. ލުވޭޒާ ދެއްކި މައުޟޫއަށް ވާހަކަ ދައްކަފާނެތީއެވެ.
ނަމަވެސް ހަމްޒާގެ އަތުގައި ހުރި ތަބައްފެނުމުން ހިނިތުންވެލިއެވެ.
“ކާން ނުނިކުންނާތީ މިއައީ.. އަން މީގަ ހިފާ” ހަމްޒާ ބުނެލިއެވެ.
“އަން މި ފެންތަށި ބޯލާ..” ހަމްޒާ އެހެން ބުނުމުން ލަމްހާ ސިހުނެވެ. އެފެންތަށި ނުބޯށޭ އޭނާގެ ހިތް ބުނަމުން ދިޔައީ ކީއްވެކަމެއް ނޭނގުނެވެ.
ލަމްހާ އަށް ޝައްކުވިއެވެ. ތަށި ތުންފަތާ ކައިރި ކޮއްލަމުން ހަމްޒާއާއި ދިމާއަށް ބަލާލިއިރު ހަމްޒާ ހުރީ ބަލަހައްޓައިގެނެވެ.
ލަމްހާ ފެންތަށި ގަސްތުގައި ދޫކޮއްލިއެވެ. ބާރު އަޑުފައްގަނޑާއެކު ތަށި ތަޅައިގެން ދިޔައެވެ.
“ތައްޓެއްގަ ހިފަލާނެ ވަރެއްވަސް ނެތީތަ އަތުގަ” ހަމްޒާގެ މޫނުމައްޗަށް އަރާފައިވާ ރޫތައް ފެނުމުން ލަމްހާ ބިރުގަތެވެ. ކުރެވުނު ޝައްކު ޔަގީންވިއެވެ. އެހެންނޫނީ ހަމްޒާ އެހާ ރުޅިއަންނަވީ ސަބަބެއް ނެތެވެ.
“ގަސްތަކު ނޫން..” ލަމްހާއަށް ބުނެލެވުނެވެ.
“މަށަށް ނޭނގިގެނެއް ނޫޅެމޭ.. ލަމްހާ ޖެހޭނީ ހަމަ ތި ކުއްޖާ ވައްޓާލަން. ނޫނީ ލާހިކެއްނޫން މިގޭތެރޭގަ ހުންނާކަށް. މަމީ ލަމްހާގެ ބައްޕަކަމަށް ވަންޏާ ހަމަ މިހާރު އެކުއްޖާ މަރާލާ..” ހަމްޒާ ރޫރޫ އަޅަން ފެށިއެވެ.
“ނޫން ބައްޕާ.. ހެޔޮ ނުވާނެ. އެހެން ކޮންމެ ކަމެއްވެސް ކޮއްފާނަން. އެކަމު އަހަރެން މިދަރިފުޅަށް ގެއްލުމެއް ނުދީ ބައްޕާ” ލަމްހައަށް ރޮވިއްޖެއެވެ.
“މިގޭ ހަތަރު ފާރުތެރޭ ހުރިހާ ހިނދަކު ޖެހޭނީ މަމުބުނާގޮތް ހަދަން.” ހަމްޒާގެ އަޑަށް ލަޔާން އާއި ލުވޭޒާވެސް އެތަނަށް އައެވެ.
“ބައްޕަ ބޭނުން ނުވިއަސް އަޅުގަނޑު މިކުއްޖާ އުފަންކުރާނަން. މަންމައެއްގެ ލޯބި ދީގެން ބަލަންވެސް ބަލާނަން. ބައްޕަ އަޅުގަނޑު ދެކެ ކިތަންމެ ރުޅިއަޔަސް އަޅުގަނޑުގެ ފަރުވާލެއް ނެތް” ލަމްހަ މިހެން ބުނުމުން ހަމްޒާގެ ރުޅި ފަޅައިގެންދިޔައެވެ.
“މަގޭ ކުރިމަތީ ޒުވާބުވެސް ކުރަން ފެށީތަ. ލަމްހާގެ ބަނޑުގަ ތިއޮތް ކުއްޖާއާހުރެ އަހަރެންނަށް ހަމަނިދިވެސް ނުލިބޭ.. ހީވަނީ ކޮންމެވެސް މީހަކު ގުޅާފަ އެހެން ބުނެ ފާނެހެން. އެދުވަހަކުން އަހަރެން މީހުނަށް ދައްކާނީ ކޮންމޫނެއް.. ކުޑައިރު ބުނިހާ އެއްޗެއް ހޯދައިދީގެން ބޮޑު ކުރީމަ ނެތޭނުން ރީއްޗެއް. އަހަރެން ބުނި އެންމެ ކަމެއްވެސް ނުކޮއްދެވުނު.” ހަމްޒާ ހަޅޭލަވަން ފެށިއެވެ.
ލަމްހާ އިސްޖެހިގޮތަށް ހުރީއެވެ. ނަމަވެސް އޭނާއަށް ގިސްލެވެމުން ދިޔައެވެ.
“ބައްޕަ ބުނުއްވި ގޮތަށް ލޯބި ނުވާ މީހަކާ އިންނަންވެސް އަހަރެން އެއްބަސް ވިން. އަހަރެންނާ ރައްޓެހިވާން އަހާ ކޮންމެ ކުއްޖަކަށް ނޫނެކޭ ބުނެ ވިޝާމްއާއި ގުޅުނީވެސް ބައްޕަ ބުނުއްވީމަ.. އެކަމު އަޅުގަނޑު އެއްވެސް ޝަކުވާއެއް ނުކުރަން. އެކަމު މިފަހަރު. ހަމަ އެންމެ ފަހަރަކު އަޅުގަނޑު ހިތްއެދޭ ގޮތަށް ކަންކުރުމުގެ ހުއްދަ ދީ.. ހަމަ އެންމެ ފަހަރަކު” ލަމްހާ ބުނެލިއެވެ.
ހަމްޒާ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ދެވަނަ ސިކުންތު އޭނާ ލަމްހާގެ ގައިގައި ޖެހުމަށް އަތް މަޅާލިއެވެ. ލަމްހާ ދެލޯ މަރާ ބާރު ކޮއްލިއެވެ. ނަމަވެސް ހަމްޒާގެ އަތެއް ލަމްހާގެ ގައިގައި ނުޖެހެއެވެ. އެއަށްވުރެ ލަޔާން މާ ހުށިޔާރެވެ.
“ބައްޕާ.. ރުޅި ދުރުވިއަސް އަތް އިސްނުކުރައްވާ.. މިވެގެން އުޅޭ ގޮތެއްވެސް އަޅުގަނޑަކަށް ނޭނގޭ..” ލަޔާން ބުނެލިއެވެ.
ހަމްޒާ ލަޔާންގެ އަތް ފޮޅާލާފައި ނިކުމެގެން ހިނގައްޖެއެވެ.
ލަމްހާވެސް ދުވަމުން ކަހަލަ ގޮތަކަށް ނުކުތީ ބޭރަށެވެ. ސިޑިން ފައިބައިގެން ގޮސް އޭނާ ގެއިން ނުކުތެވެ.
“ލަމް.. ލަމް މަޑުކޮއްބަލަ” ލަޔާން ލަމްހާގެ ފަހަތުން ދުއްވައިގަތެވެ.
“ލަމް ކޮންތާކަށް ތިދަނީ.. ތިހެން ރުޅިއައިސް ގެއިން ނުނިކުމޭ.. މަންމައާއި ދޭތެރޭ ވިސްނާލަބަލަ” ލަޔާން ލަމްހާ އަށް ވިސްނަ ދޭން އުޅުނެވެ.
“ދޮންބެވެސް ތިހުރީ މަންމަމެންނާ އެއްކޮޅަށް ދޯ؟” ލަމްހާ ލަޔާންގެ އަތް ފޮޅުވާލަމުން ބުނެލިއެވެ.
“ނޫން.. އަހަރެން މިހިރީ ވަކި މީހެއްގެ ކޮޅަކަށް ނޫން.. ބުނެބަލަ.. ކީއްވެތަ ކުއްލިއަކަށް ޒުވާބު ކުރަން ފެށީ” ލަޔާން ހުރީ ވާނުވާގައެވެ.
“މަންމަ އާއި ބައްޕަ ބޭނުންވަނީ އަހަރެންގެ ބަނޑުގައި އޮތް ދަރިފުޅު ވައްޓާލަން. މީހުނަށް ފަޅާ އަރާފާނެތީ ބިރުން. އެނގޭ އަހަރެން ނަހަލާލަށް ބަލިވެ އިންކަން އެނގުނީމަ މީހުން މަލާމަތް ކުރާނެކެން. މަންމައާއި ބައްޕަގެ އަގު ވެއްޓޭނެ ކަންވެސް.. އެކަމު އަހަރެން މި ދަރިފުޅު ބޭނުން.” ލަމްހާ ކިޔައިދިނެވެ.
ލަޔާން ކުޑައިރުކޮޅަކު މަޑުން ހުއްޓެވެ. ހަމްޒާގެ ބިރަށް އޭނާއަކަށް ބޭބެއެއްގެ ވާޖިބު އަދައެއް ނުކުރެވުނެވެ. ލަމްހާއަށް އިންސާފު ހޯދަދޭން އޭނާ ވަރަށް ބޭނުމެވެ. ލަމްހާ ހިތްހަމަ ޖައްސައިދޭން ވެސް ބޭނުމެވެ. މިވަގުތު ލަމްހާ ބޭނުންވާ ގޮތް ހަދައިދޭންވަސް ބޭނުމެވެ. ނަމަވައެސް އޭރުން ހަމްޒާ ގަބޫލެއް ނުވާނެއެވެ.
އެއްކޮޅުން ހަމްޒާއެވެ. އަނެއްކޮޅުން އޭނާގެ އެހީ އެންމެ ބޮޑަށް ބޭނުންވާނެ ކޮއްކޮއެވެ.
އިރުކޮޅު ވިސްނަން ހުރެފައި ލަޔާން ގޮތެއް ނިންމިއެވެ.
” ބޭބެ ކިހިނެއް ހަދައި ދޭންވީ؟ ލަމް ބުނި ކޮންމެ ކަމެއް ކޮއްދޭންވެސް ބޭބެ މިހުރީ ތައްޔާރަށް” ލަޔާންގެ ޖުމްލަ އިވިފައި ލަމްހާ އުފަލުން ފޮޅުނެވެ.
މި ފަދަ ވަގުތެއްގައި ލަޔާން އޭނާއާ އެއްކޮޅަށް ހުރިކަން އެނގުމުން ލަމްހާގެ ހިތަށް ހަމަޖެހުން ލިބުނެވެ.
“މިވަގުތު އަހަރެން ޔުސްރާމެން ގެއަށް ގެންގޮސްދީ.. އަހަރެން ބޭނުމެއް ނޫން މިގޭގަ ހުންނާކަށް. ގަދަކަމުންވެސް އަހަރެންގެ ދަރިފުޅަށް ގެއްލުމެއް ދޭން ބައްޕަ އުޅެފާނެ” ލަމްހާގެ ބުނުމަށް ލަޔާން އޭނާ ޔުސްރާގެ ގެއަށް ލައިދިނެވެ.
ދެދުވަސް ފަހެވެ. އަދިވެސް ލަމްހާ އުޅެނީ ޔުސްރާގެ ގޭގައެވެ. ހަމްޒާ އޭނާ ކޮބައިތޯވެސް ބަލާ ނުލައެވެ. ލަޔާންގެ ފަރާތުން ލުވޭޒާއަށް ލަމްހާ ވީތަން އެނގުމުން އިތުރަކަށް ސުވާލެއް ނުކުރެއެވެ.
“ލަމް ކޮންތާކަށް ދާން ތި އުޅެނީ..؟” ލޯގަނޑު ކުރިމަތީ ރީތިވާން ހުރި ލަމްހާ ފެނިގެން ޔުސްރާ ސުވާލުކުރިއެވެ.
“މިއުޅެނީ ވިޝާމުއާއި ބައްދަލު ކުރަން. އަހަރެން ބޭނުން އޭނަ ގާތު ހުރިހާ ވާހަކައެއް ކިޔައިދޭން” ލަމްހާ ބުނެލިއެވެ.
“އަހަރެން ދަންތަ ލަމްއާއެކު” ޔުސްރާ އަހާލިއެވެ.
“ތެންކްސް.. ބަޓް އިޓްސް އޮކޭ ޔުސް.. އަހަރެން ބޭނުންވަނީ އެކަނި ދާން” ލަމްހާ އެކަމަށް އިންކާރު ކުރިއެވެ.
“އޯކޭ.. ގުޑުލަކް” ޔުސްރާ ބޯޖަހާލުމުން ލަމްހާ ނުކުމެގެން ހިނގައްޖެއެވެ.
ޓެކްސީ ވިޝާމްގެ ގޭ ކުރިމައްޗަށް ހުއްޓާލުމާއެކު ލަމްހާ ކާރުން ފޭބިއެވެ. އޭރު މަގުގައި ތިބި މީހުންގެ ލޯތަށް އޭނާއަށް އަމާޒުވެފައި ވެއެވެ. ލަމްހާ ލައިގެން ހުރި ދޫ މަތިކޮޅާ ޖިންސުގައި އޭނާ ވަރަށް ހިތަގައިމެވެ. ކަޅުކުލަގަދަ ފަން އިސްތަށިގަނޑު އޮތީ އައްސާލާފައެވެ. ދަބަހުގެ ވާގަނޑަށް ދަމާލާފައި އޭނާ ފުންނޭވާއެއް ލިޔެވެ. އެއަށްފަހު އެގޭގެ ދޮރާށި ހުޅުވާލާފައި އެތެރެއަށް ވަދެގެން ދިޔައެވެ.
ދެފަހަރަކު ބެލް ޖަހާލިތަނާ ވަސީމާ ދޮރު ހުޅުވައިފިއެވެ. ދޮރުމަތީގައި ހުރި ލަމްހާ ފެނިފައި އޭނާ ހައިރާންވިއެވެ.
“ލަމް.. އަވަހަށް ވަދޭ.. ކަމަކު ތަ ތިއައީ؟” ވަސީމާ ލަމްހާގެ އަތުގައި ހިފައިގެން އެތެރެއަށް ވަނެވެ.
“ވިޝާމް އެބައުޅޭތަ.. މިއައީ ވިޝާމް އާއި ބައްދަލު ކޮއްލަން” ލަމްހާ ހީލަމުން ބުނެލިއެވެ.
“ވިޝާމް ވެއްޖެ ކޮޓަރީގަ.. ދޭ މައްޗަށް..” ވަސީމާ މިހެން ބުނެފައި ވަނީ ބަދިގެއަށެވެ. ދެ ކުދީންނަށް ޖޫސް ހަދައިދޭށެވެ.
ވިޝާމްގެ ކޮޓަރީގައި ޓަކި ޖަހަލުމުން އޭނާ ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރި ލަމްހާ ފެނުމުން ވިޝާމްވެސް ހައިރާން ވިއެވެ.
މިއީ ލަމްހާ އޭނައާ ބައްދަލު ކުރަން އައި ފުރަތަމަ ފަހަރެވެ.
“ލަމް.. ވަދޭ” ވިޝާމް ހުރީ އޮފީހުން އައިގޮތަށް އަދި ހެދުން ބަދަލު ނުކޮށެވެ. ޓައީ ދުކޮއްލާފައި ގިރުވާން ގޮއްވަނީ ނައްޓާލާފައެވެ. ވިޝާމް އަކީވެސް ރީތި ޒުވާނެކެވެ. ތުނިކޮށް ކޮށާލެވިފައިވާ އިސްތައްޓާ ތުންބުޅިން ވަރަށް ފިރިހެން ވައްތަރު ޖަހައެވެ. ނަމަވެސް އެންމެ ފަހަރަކުވެސް އެރީތި ކަމަކުން ލަމްހާގެ ހިތަކަށް އަސަރެއް ނުކުރެއެވެ. ރީތި ހުރިހަ އެންމެނަކަށް ހިތެއް ނުކިޔާނެއެވެ.
“ވިޝާމް.. އެބައޮތް ވަރަށް ބޮޑު ވާހަކަ އެއް ބުނަންވެފަ” ލަމްހާ އެތެރެއަށް ވަދެފައި ބުނެލިއެވެ.
“ކޮންވާހަކައެއް.. އަވަހަށް ފަށާ” ވިޝާމް ކޮޓަރި ދޮރު ކައިރި ކޮއްލާފައި އައިސް އެނދުގައި އިށީންވެ. ލަމްހާ އިށީންނަން ގޮނޑި ދައްކާލުމުން ލަމްހާ ބޯހޫރާލާފައި ގޮސް ހުއްޓުނި ހުޅުވާފައިވާ ކުޑަދޮރު ކައިރީގައެވެ.
” އަ.. އަހަރެން.. ވިޝާމް.. އައިމް ޕުރެގުނެންޓު” ވިޝާމް އާ ދުރަށް އެނބުރެމުން ލަމްހާ އިއްވާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



