ތިން ލަފްޒުން (2)
ދެއެކުވެރީން ވާހަކަ ދައްކަން ތިބިއިރު ގަޑި ހިނގާ ދިޔަ ގޮތްވެސް ނޭންގުނެވެ. ލަމްހާ ސިއްސައިގެން ދިޔައީ ފޯނު އެލާމުވި އަޑަށެވެ. އޭރު ހަވީރު 3 ގަޑި ބައިވަނީއެވެ. އަވަހަށް ލެޕްޓޮޕު ބާއްވާފައި ލަމްހާ އަވަސްވެގަތީ ކޮލެޖަށް ދާން ފެންވަރާށެވެ.
*****
އެދުވަހަށް ހަމަޖެހިފައިވާ ކުލާސްތަށް ނިމުނު އިރު ރޭގަނޑު 8 ގަޑި ބައިވެއްޖެއެވެ. ކޮލެޖުގެ މައި ގޭޓާ ހަމައަށް އަރާފައި ލަމްހާ ލަޔާންއަށް ގުޅާލިއެވެ. ކުލާސް ނިމުނު ވާހަކަ ބުނާށެވެ. ނަމަވެސް ލަޔާން ލަސްވާނެ ވާހަކަ ބުނުމުން އެނބުރި ބެންޗުތަކާ ދިމާއަށް ދާން ހިނގައި ގަތެވެ. އެވަގުތު އެތާ ކައިރި ފިހާރައެއްގެ ޑިސްޕުލޭގައި އިން ރީތި ހެދުމެއް ލަމްހާގެ ލޮލުގައި އަޅައިގަތެވެ. އެފިހާރަ ބަލާލުމުގެ ނިޔަތުގައި ލަމްހާ އޭނާގެ މިސްރާބު ބަދަލު ކޮއްލިއެވެ.
މަގު ހުރަސް ކޮއްލާފައި އެފިހާރަ އިން ބުލޮކާ ދިމާއަށް ދާން ހިނގައިގަތް ތަނާ އަންހެންކުއްޖެގެ ވޭނީ ރުއިމެއްގެ އަޑު އޭނާގެ ކަންފަތުގައި ގުގުމާލިއެވެ. އަޑުއައީ ކަނާތްފަރާތަށް ހުރި ހަނި ގޯޅިގަނޑުންކަން ލަމްހާއަށް ދެނެގަނެވުނެވެ. އެގޯޅިން މީހަކު ފެނޭތޯ ބަލާލިއިރު އެތަނަކުން އެކަކުވެސް ސާފެއް ނުވެއެވެ. އެއްވެސް އަލިކަމެއް ނުވާ އެ ގޯޅިގަނޑުގެ ތެރޭގައި މީހަކު ހުރިހެންވެސް ހީނުވެއެވެ. ދެވަނަ ފަހަރަށް އަޑެއް އިވޭތޯ މަޑުކޮއްލާފައި ނީވުމުން އަނެއްކާވެސް ހިނގައިގަތެވެ. ދެވަނަ ފަހަރަށްވެސް އެއަޑު އިވުނެވެ. ނަމަވެސް ވަރަށް މަޑުންނެވެ. ހީވަނީ މީހަކު އަނގަމަތީގައި އަތްއަޅާފައި ހުރުމުން އަޑު ކެނޑިގެން އައިހެނެވެ.
އަތުގައި އޮތް ފޯނު ނަގާ އަލިކޮއްލި ވަގުތު ފެނުނު މަންޒަރުން ލަމްހާ ގައިން ހީބިހި ނަގައިގަތެވެ. އެތަނުގައި ތިބި ދެފިރިހެނުންގެ ސަމާލުކަންވެސް ލަމްހާއަށް ހުއްޓުނެވެ. އެތަނުން އެކަކު ހުރީ އަންހެން ކުއްޖާގެ އަނގަ މަތީގައި އަތްއަޅާ ބަންދުކޮއްގެނެވެ. އަނެއް މީހާ ހުރީ ލަމްހާއާ ވީފަރާތަށް އެބުރިގެންނެވެ.
އެއަންހެން ކުއްޖާގެ ހެދުމުގެ ބޮޑުބައެއްވަނީ އިރާލާފައެވެ. ހަށިގަނޑުގެ ބޮޑުބައެއް ހާމައަށް ފެނެއެވެ. އޭނާގެ ނިއްކުރިން ފަޅައިގެން ގޮސްފައިވާތަނުން ލޭއާދެއެވެ. އޭރުވެސް އެކުއްޖާއަށް ގިސްލެވެމުން ދިޔައެވެ. ލަމްހާ ހަދާނެއް ގޮތެއް ނޭނގި ހުއްޓާ ވާހަކަ ދެއްކީ އެތަނުން އެއް ފިރިހެނެކެވެ.
“އެއްވެސް އެއްޗެއް ނުފެންނަ ކަމަށް ހަދާފަ މިތަނުން ރައްކާވޭ.. ނޫނީ ..” އެމީހާ ބުނެލިއެވެ.
ލަމްހާއަށް ބަލާލެވުނީ އެ އަންހެންކުއްޖާގެ މޫނަށެވެ. ލަމްހާގެ ހިތުގައި ރިއްސާލިއެވެ. އެއީވެސް ލަމްހާ ކަހަލަ އަންހެން ކުއްޖެކެވެ. އޭނާއަށް އެހީނުވެ ދާނެ ހިތްވަރެއް ލަމްހާއަކަށް ނުލިބުނެވެ.
“އެކުއްޖާ ދޫކޮއްލާ.. ނޫނި އަހަރެން ފުލުހުންނަށް ގުޅާނަން” ލަމްހާ ބުނެލިއެވެ. ބޭރުފުށުން ކެރޭކަން ދައްކައިގެން ހުއްޓަސް އެތެރެއިން އޭނާ ހުރީ ބިރުން ރޫރޫ އަޅައަޅައެވެ.
“ހަހަ ހަހަ ” އެ ދެމީހުންގެ އަނގައިން ނުކުތީ ވިހަގަދަ ހުނުމެކެވެ.
“މައްސަލައެއް ނެތް.. އަވަހަށް ގުޅާ” އެމީހާ މިހެން ބުނެފައި ލަމްހާއާ ދިމާއަށް އަންނަން ފެށިއެވެ. އެމިހާ ބަލަހައްޓައިގެން ހުރީ ނުލަފާ ގޮތަކަށެވެ. ލަމްހާ ބިރުގަތެވެ. އަނެއްފަރާތަށް އެނބުރި މަގާ ދިމާއަށް ދުއްވައިގަތީ އެހީއެއް ވެވޭނެ މީހަކު ހޯދާށެވެ. ނަމަވެސް ލަމްހާގެ ފިޔަވަޅު ހުއްޓުނީ ކުރިމަތިން އިތުރު ދެމީހަކު ލަމްހާއާ ދިމާއަށް އަންނަތަން ފެނުމުންނެވެ.
ބާރަށް ހަޅޭލަވައިގަންނަން އުޅެނިކޮށް އެތަނުން އެކަކު އޭނާގެ އަނގަމަތީގައި އަތް އެޅިއެވެ. އެއަށްފަހު ފާރާ ދިމާއަށް ކޮއްޕާލިއެވެ. އިތުރު ގޮތެއް ނެހެދެނިސް އޭނާ ފާރާލާ ފިއްތާލިއެވެ.
“އަހަރެން ދޫކޮއްލާ.. އަހަރެން ގައިގަ އަތް ނުލާ” ލަމްހާގެ ދުލުން ނުކުތީ ހަމައެކަނި އެބަސްތަކެވެ. އަމިއްލަ ނިކަމެތިކަމާހުރެ މުޅިން މާޔޫސްވެއްޖެއެވެ. ދެން ކަންތަށް ވާނެ ގޮތް ހިތަށް އެރުމުން ރޮވިއްޖެއެވެ.
ލަމްހާއަށް ބަލާލެވުނީ ބިންމަތީގައި އޮތް އަންހެން ކުއްޖާއަށެވެ. ފެނުނު މަންޒަރުން ލަމްހާއަށް ދެލޯ މަރާ ބާރުކޮއްލެވުނެވެ. އެއީ އޭނާ ދުވަހަކުވެސް ދެކެން ބޭނުން ނުވާނޭފަދަ މަންޒަރެކެވެ.
އެކަކު ލަމްހާގެ އަތުގައި ހިފަހައްޓައިގެން ހުރީރު އަނެއް މީހާ ހިފާފައިވަނީ އޭނާގެ ކަރުގައެވެ. އެމީހާގެ ހޫނު ނޭވާ ބީހިލާ ކޮންމެ ތަނަކުން ހީވަނީ އަލިފާން ޖައްސާހެނެވެ. އެމީހާގެ ރާޅު އަތްތިލަ އޭނާގެ ހަށިގަނޑުގެ އެކި ހިސާބުގައި ފިރުމަންފެށިއެވެ. ނަމަވެސް ލަމްހާ ކެތްކޮއްލައިގެން ހުރީއެވެ. އެވަގުތު އޭނާގެ ހިތަށް އަރާ ފައިބަމުން ދިޔައީ ކޮންފަދަ ހިޔާލުތަކެއް ކަމެއްވެސް ނޭނގެއެވެ. ލަޔާން އަންނަން ދެން ކޮޮލެޖުގައި ހުރެވުނު ނަމައޭވެސް ހިތަށް އެރިއެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އެވަގުތު ލަމްހާ ހިތަށް އެރީ އޭނާ ބަލާ ސީރީޒް ތަކުގައި މިފަދަ ހާލަތްތަކުގައި އާންމުކޮއް ކަންތައް ކުރާ ގޮތެވެ.
ފުން ނޭވާއެއް ލާފައި ފަޔަށް ބާރު ލާފައި އޭނާގެ ކަކޫ ހިއްލާލި ކުރިމަތީގައި ހުރި މީހާގެ ކުރިމަތި ފަރާތުގައި ޖަހާށެވެ. އެމީހާ ހަޅޭ ލަވައިގަނެފައި ލަމްހާގެ ކަރުން ދޫކޮއްލިއެވެ. ދެންހުރި މީހާގެ އަތުން ރެކިގަނެގެން އަވަހަށް މަގާ ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް ހިސާބަކަށް ނުދެވެނީސް އެތަނުން އެކަކު މަޅާލި ދަނޑިބުރި އައިސް ޖެހުނި ލަމްހާގެ ބޮލުގައެވެ. ބޮލަށް އެރި ތަދާއެކު ބޮލަށް އެބުރުން އެރިއެވެ. ބިންމަތީގައި ޖެހެންވާއިރަށް އޭނާގެ ހަބަރު ހުސްވެއްޖެއެވެ.
އިރުކޮޅެއް ފަހެވެ. ލަމްހާއަށް ހޭވެރިކަންވިއެވެ. މެރިފައިވާ ދެލޯ ހުޅުވާލި އިރު ވާށައިގެން ވަނީ އަނދިރިކަމެވެ. ބޮލުގައި ރިހެމުންދިޔައީ އެހެނެއް ބަލާފައެއް ނޫނެވެ. ނިތްކުރީގައި ފިރުމާލާފައި ރީއްޗަށް ވަށައިގެން ބަލާލިއެވެ. އޮއެވުނީ ކުރިން ވަތް ގޯޅިގަނޑު ތެރެއިގައި ކަން ދެނެގަނެވުމުން ތެޅިގަނެފައި ތެދުވިއެވެ. ފާރުގައި ބުރަކަށި ޖައްސާލާފައި ކަކޫމަތީ އަތްބާތްވާލިއެވެ. އޭރު އޭނާ ލައިގެން ހުރި ހެދުންވަނީ ބޮޑުބައެއް ވީދިފައެވެ. ޖިންސުގެވެސް ގޮއްތަށް ހުރީ ހަލާކުވެފައެވެ. ގައިގައި ނުރިއްސާކަށް އެންމެ ތަންފުކެއްވެސް ނެތެވެ. ވެފައި ހުރި ޖަހަމްތަށް ނޭންގެނީ އަނދިރިކަމުންނެވެ.
ގައިގައި ވަރުޖެހުމުން ލަމްހާ ތެދުވަން މަސައްކަތްކުރިއެވެ. ނަމަވެސް އެކަން ނާކާމިޔާބު ވީއެވެ. ބިންމަތީގައި ހޭކެމުން ކަހަލަ ގޮތަކަށް ދަނިކޮށް އޭނާގެ އަތުގައި އެއްޗެއް ޖެހުނެވެ. އެއީ އޭނާގެ ފޯނެވެ. ވީއުފަލަކުން އަވަހަށް ފޯނު ނެގިއެވެ. އޭރު ލަޔާންގެ ވިއްސަކަށް މިސްކޯލާ މަންމައާއި ބައްޕަގެ އެތަށް މިސްކޯލެއް އައިސްފައި އޮތެވެ.ލަޔާންގެ ނަންބަރަށް ފިއްތާލާފައި ކަންފަތުގައި ފޯނު ޖައްސާ ބާރު ކޮއްލިއެވެ.
ލަމްހާ ގެއްލުނު ފަހުން ގަޑީރެއްވީއިރުވެސް ހަބަރެއް ނުވުމުން ލަޔާން ހުރީ ހާސްވެފައެވެ. ކޮލެޖު ކައިރީގައި ކާރުގެ ހުންގާނުގައި ބޯ އަޅައިލައިގެން އޮތް ލަޔާން ސިއްސައިގެން ދިޔައީ ފޯނު ރިންގުވި އަޑަށެވެ. އެގުޅަނީ ހަމްޒާ ކަމަށް ހީކޮށް ލަޔާން މާޔޫސްވިއެވެ. ބައްޕައަށް ދޭނީ ވަކި ކޮންޖަވާބެއް ކަމެއް ނޭނގިގެނެވެ. ނަމަވެސް ފޯނަށް އަރާފައިވާ ލަމްހާގެ ނަމާ ފޮޓޯގަނޑު ފެނިފައި ލަޔާންގެ ހިތް ތެޅިލިއެވެ. އަދި އަވަހަށް ފޯނަށް ޖަވާބު ދިނެވެ.
“ލަމްހާ.. ލަމް ކޮންތާކު ތިއުޅެނީ.. ކިހާއިރެއް މިހާރު ހޯދާތާ.” ލަޔާންގެ އަޑު ކަންފަތުގައި ޖެހުމާއެކު ލަމްހާއަށް ރޮވިއްޖެއެވެ. ތުން ފިއްތާލާފައި ރުއިން މަތަކުރަން އުޅެނިކޮށް އަނެއްކާވެސް ބޮޑަށް ރޮވުނީއެވެ.
“ހަލޯ.. ހަލޯ.. ލަމް.؟ ” ލަމްހާގެ އެއްވެސް އަޑެއް ނީވުމުން ލަޔާން ހާސްވިއެވެ. ލަމްހާގެ ރުއިމުގެ އަޑު އިވުނީ އެވަގުތުއެވެ.
“ލަމް ނުރޮއެ.. ބުނޭ.. ކޮންތާކު ތިހުރީ.. އަވަހަށް ބުނޭ.. މިދަނީ ލަމް ބަލާ” ލަޔާން ހާސްވެގެން ދެފަރާތަށް އެނބުރެން ފެށިއެވެ.
“ނޭނގެ.. އެމީހުން.. އަހަރެން..” ލަމްހާ ރުއިން ހުއްޓާލެވޭ ގޮތެއް ނުވިއެވެ.
“ބުނެބަ ތިތާ ކައިރިން ފެންނަ ކޮންމެވެސް ތަނެއް.. ” ލަޔާން ކާރު ސްޓާޓު ކޮއްލަމުން ބުނެލިއެވެ. އެވަގުތު ލަމްހާ ހަނދާންވީ ކުރިން އޭނާ ވަންނަން އުޅުނު ފިހާރައިގެ ނަމެވެ.
ފިހާރައިގެ ނަން ބުނުމާއެކު ލަޔާން ވަށާ ބަލާލިއެވެ. އޭނާއަށް ހުރެވުނީ އެތަނާ ވަރަށް ކައިރީގައެވެ. އަވަހަށް އެދިމާއަށް އޭނާ މިސްރާބު ޖެހިއެވެ. ލަޔާންއަށް އެތަނަށް ދެވެން ދެންވެސް ފޯނު ކަނޑައެއް ނުލައެވެ.
ގޯޅިގަނޑުގެ ކުރިމައްޗަށް ވާގޮތަށް ކާރު މަޑުކޮއްލާފައި ލަޔާން ފޭބިއެވެ. ފޯނުގެ އެހީގައި ލަޔާން އެ ގޯޅިގަނޑަށް އަލިކުރިއެވެ. ގޯޅިގަނޑުގެ އެއްފަރާތެއްގައި ވެއްޓިފައި އޮތް ކުއްޖާއާ ދިމާއަށް ލަޔާން ދުއްވައި ގަތެވެ. ލަމްހާގެ ނަމުން ގޮވާލަމުން އޭނާ އެކުއްޖާގެ ކައިރިއަށް ތިރިވިއެވެ. ނަމަވެސް އެއީ ލަމްހާއެއް ނޫނެވެ. އެއީ ލަމްހާގެ އިތުރުން އެމީހުންގެ ޝިކާރައަކަށްވި އަންހެން ކުއްޖާއެވެ. އެކުއްޖާގެ މޫނުގައި ދެފަހަރަކު މަޑު މަޑުން ޖަހާލާފައި ލަޔާން އަނެއްކާވެސް އަލި ކޮއްފައި ބަލަން ފެށިއެވެ.
ފާރުގައި ބުރަކަށި ޖައްސާލައިގެން ދެފައި ކުރުކޮއްގެން އިން ލަމްހާ ފެނުނީ ދެނެވެ. އަވަހަށް ލަމްހާ ކައިރިއަށް ޖެހިލާފައި ތިރިވެފައި ރީތިކޮށް ލަމްހާއާ ދިމާއަށް ބަލާލިއެވެ. ފުރާނަ ފަދައިން ލޯބިވާ ހަމައެކަނި ހުރި ކޮއްކޮ އިން ހާލު ފެނިފައި ލަޔާން ހުއްޓުން އެރިއެވެ. ދެފަރާތަށް ބޯހޫރާލަމުން ލަމްހާ ގެނެސް ގާތްކޮއްލިއެވެ. އޭރު ލަމްހާ ގިސްލަ ގިސްލާފައި ރޮނީއެވެ. އެ ކުޑަ ހަށިގަނޑުގައި މަޑު ތުރު ތުރެއް ހުއްޓެވެ.
“ނުރޮއެ.. ހުއްޓާލާ.. ނޫން ނުރޮއެ.. ބޭބެ މި އައީ އޭ.. ދެން ދުވަހަކުވެސް މިކަހަލަ ކަމެއް ވިޔަކަ ނުދޭނަން” ލަޔާންގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. އޭނާގެ ހިތަށް ކުރީ މީން ދުވަހަކު ނުކުރާފަދަ އަސަރެކެވެ.
ލަމްހާ ގާތްކޮއްލަމުން ކޮޅަށް ނެގިއެވެ. ވަކިހިސާބަކަށް ދެވުނު ތަނާ ލަމްހާގެ ހަބަރުހުސްވެގެން ވެއްޓިއްޖެއެވެ. އަތްދަނޑި މައްޗަށް އުފުލާލައިގެން ގެންގޮސް ކާރުގެ ފަހަތު ސީޓުގައި ބޭއްވިއެވެ. އަދި ހަމްޒާއަށް ގުޅާފައި ހޮސްޕިޓަލަށް ދިއުމަށް އެނގިއެވެ. އެމްބިއުލާންސް އައުމުން އަންހެން ކުއްޖާ އެމީހުނާ ހަވާލުކޮއްފައި ލަޔާންވެސް ލަމްހާ ގޮވައިގެން އޭޑީކޭއާ ދިމާއަށް މިސްރާބު ޖެހިއެވެ.
އޭޑީކޭގެ އެމަޖެންސީ ރޫމުގެ ބޭރުގައި ހަމްޒާއާއި އޭނާގެ އާއިލާ އެއްވެފައި ތިއްބެވެ. ލުވޭޒާއަށް ހަބަރު އެނގުނީއްސުރެ ރުއިމެއް ނުހުއްޓެވެ. ނައުރާގެ ކޮނޑުގައި ބޯއަޅާއިލައިގެން އޮވެ ލުވޭޒާ ރޯތީވެ ނައުރާއަށްވެސް ރޮވެނީއެވެ. އެދެމައިންނާ ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއަކަށް ވެއްޓިފައި އޮތް ލަޔާންގެ ލޮލުގައިވެސް ކަރުނަ ގިނަވެފައި ވެއެވެ. ދޭތެރެއަކުން އަތުން ދެލޯ ފުހެލައެވެ. ކޯތާފަތް މައްޗަށް ވެއްޓުނު ކަރުނަ ތިކި ފުހެލާފައި ލަޔާން އޭނާގެ ކައިރީ ކޮޅަށް ހުރި ހަމްޒާ އާއި ދިމާއަށް ބަލާލިއެވެ. އެހެން އެންމެން ރޮއެފައި ތިބިއިރު ހަމްޒާގެ ލޮލަކު ކަރުނައިގެ އަސަރެއް ނެތެވެ. ބުދެއްހެން ހުއްޓިހުރެ އެވިސްނަމުން ދަނީ ކޯއްޗެއްކަމެއްވެސް ބުނާކަށް ލަޔާންއަކަށް ނޭނގުނެވެ.
އިރުކޮޅެއްފަހުން އެމަޖެންސީ ރޫމުގެ ދޮރު ހުޅުވަލާފައި ޑޮކްޓަރު ނުކުތެވެ. ލަޔާން އަވަހަށް ގޮސް ލަމްހާގެ ހާލު އެހިއެވެ.
“ޕޭޓިއެންޓުގެ ހަށިގަނޑުގެ ބޭރަށް ފެންނަން ހުރި އަނިޔާއަށް ވުރެ އޭނާގެ އެތެރެ ހައްޓަށްވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ. ވަރަށް ގިނައިން ލޭވެސް އަޅަން ޖެހުނު. އަދި ހެޔެއް ނާރާ.. އިތުރު ގެއްލުމެއް ހުރިތޯ ބެލޭނީ ހޭއެރުމުން” ޑަކުޓަރު މިހެން ބުނެފައި ދިޔައެވެ.
ލަމްހާ ހޭއެރުމުން ވޯޑަށް ބަދަލު ކުރެވުނެވެ. އޭނާގެ އެނދުގެ މަގަތުގައި ލުވޭޒާ އިށީންދެ އިނދެގެން ރޮނީއެވެ. ލުވޭޒާ އެތައް ވާހަކައެއް ދެއްކި ނަމަވެސް ލަމްހާ އަޅައެއް ނުލައެވެ.
“ހަމްޒާ.. އެބައޮތް ކުޑަ ވާހަކައެއް ހިއްސާ ކޮއްލަންވެފަ” ޑަކުޓަރު ހަމްޒާއަށާ ލަޔާންއަށް ބަލާލަމުން ބުނެލިއެވެ.
ތިންމީހުން ތަންކޮޅެއް ދުރަށް ޖެހިލިއެވެ.
“އަހަރެން ހެދި ޓެސްޓު ތަކުން ދައްކަނީ ލަމްހާގެ ސިކުނޑި އެހާ ރަނގަޅު ނޫންކަމަށް. ކުއްލިއަކަށް އެކަހަލަ ބޮޑުކަމަކާ ދިމާވުމުން ކުޑަ ޝޮކެއްޖެހިފަ. މިދުވަސްކޮޅު އޭނަ ހާސްވާ ކަހަލަ ވާހަކައެއް ނުދެއްކުން ވަރަށް ބުއްދިވެރި. މިހާރު ބޭނުންވާނީ ރެސްޓު” ޑަކުޓަރު މިހެން ބުނުމުން ލަޔާން ބަލާލީ ހަމްޒާއަށެވެ.
“ބައްޕާ.. އަޅުގަނޑަށް ފެންނަނި ލަމްހާގެ ކައިވެނި ލަސްކޮށްލަން. އަދި ވިޝާމް ގާތު ހުރިހާ ވާހަކައެއް ކިޔައިދޭން” ޑޮކްޓަރު ދުރަށް ދިއުމުން ލަޔާން ހަމްޒާއާ ވާހަކަ ދެއްކިއެވެ
“ނޫން.. ނުބުނާތި. މިކަންތަށް ޖެހޭނީ ސިއްރުކުރަން” ހަމްޒާ ވަރަށް ހަމަ ޖެހިލާފައި ބުނެލިއެވެ.
“އެކީއްވެ ސިއްރު ކުރަނީ؟” ލަޔާންއަށް އެއްޗެއް ނުބުނެވެނިކޮށް ފަހަތުން އިވުނީ ލުވޭޒާގެ އަޑެވެ.
“ސިއްރު ނޫނިއްޔާ ދެން ކިއެއް ކުރަންވީ.. މުޅި ރަށުގަ އަޑު ހަރުކޮށް ކިޔަންވީތަ.. ހަތަރު ފިރިހެނުން ވެގެން އަހަރެންގެ ދަރިފުޅާ ބެހިއްޖެއޭ” ހަމްޒާ ރުލިއައިސްގެން ހަޅޭލަވައިގަތެވެ.
“ހަމްޒާ!! ކީކޭ ތި ކިޔަނީ؟” ލުވޭޒާވެސް ހަޅޭލަވައިގަތެވެ.
“ބުނަން.. ރޭގަ ހިނގާ ދިޔަ އެއްވެސް ކަމެއް އެކަކަށްވެސް އެނގިގެން ނުވާނެ. އަހަރެން ބޭނުމެއް ނުން އަހަރެންގެ އަބުރާ އިއްޒަތް ވެއްޔާ މޮޑެލާކަށް.. މުޅި މާލޭގަޔާ ހުޅުމާލޭގަ ނޫޅޭނެ އަހަރެން ނުދަންނަ މީހެއް. އެމީހުނަށް އެކަން އެނގިއްޖެއްޔާ ކިހާ މަލާމަތެއް ކުރާނެ. ލަމްހާއާއި އިންނާނެ މީހަކުވެސް ނުވާނެ.” ހަމްޒާ އަޑު މަޑު ކޮއްލާފާ ބުނެލިއެވެ.
ތެދެކެވެ. އަންހެން ކުއްޖެއްގެ އަބުރާ އިއްފަތްތެރިކަން ނެތިއްޖެއްޔާ އިންނާނެ މީހަކު ނުވާނެއެވެ. މީހުން ކުރާނީވެސް މަލާމަތެވެ. ނަމަވެސް ގަދަކަމުން އިއްފަތްތެރިކަން ނަގާލުމުން އެއީ އެ އަންހެންކުއްޖަގެ ކުށެއް ނޫނެވެ. އެއީ ލަމްހާގެވެސް ކުށެއް ނޫނެވެ.
ލުވޭޒާގެ ދޫބަންދުވިއެވެ. ލަމްހާއަށް އެފަދަ ގޮތެއްވާކަށް އޭނާ ބޭނުމެއް ނޫނެވެ. ލުވޭޒާ އަނެއްކާވެސް ގޮނޑީގައި އިށީންދެފައި ބޮލުގައި އަތް އަޅާލިއެވެ. ލަޔާން ލުވޭޒާ ކައިރީ އިށީންދެ ހިތްވަރު ދޭން ފެށިއެވެ.
“އައްސަލާމު އަލައިކުމް.. އަހްމަދު ލަޔާން ހަމްޒާ؟” ތަނުގެ ހަމަ ހިމޭން ކަން ނަގާލީ އެތަނަށް އައި ދެފުލުސް މީހުނެވެ.
“އަޅުގަނޑަކީ ލަޔާން” ލަޔާން ތެދުވެލާފައި ސަލާމަށް އަތް ދިއްކޮއްލިއެވެ.
“ރޭޕް ކޭސްއެއް ރިޕޯޓު ކުރަން ވެގެން އަޅުގަނޑު ގުޅާލީ” ލަޔާން ބުނެލިއެވެ. ލަޔާންގެ ޖުމްލަ އިވިފައި ހަމްޒާ ނުރުހުންވެފައި ބަލާލިއެވެ. އޭނާ ހުރީ ރުޅިއައިސް ރަތްވެފައެވެ.
“ހިންގަވާ އަޅުގަނޑު މެންނާއެކު.. ” ފުލުސް މީހާ ބުނެލިއެވެ.
“ލަޔާން މަޑުކުރޭ.. އަހަރެން ދާނީ” ހަމްޒާ ލަޔާން ހުއްޓުވާފައި ބުނެލިއެވެ. ފުލުސްމީހާ މައްސަލައެއް ނެތޭ ބުނުމުން އެމީހުން ފަހަތުން ހަމްޒާ ހިނގައި ގަތެވެ.
“އޮފިސާރ.. ވަރަށް ބޮޑަށް މާފަށް އެދެން. އަހަރެން ބޭނުމެއް ނޫން މިކަން ރިޕޯޓު ކުރާކަށް.” ހަމްޒާ ވަކި ހިސާބަކުން ހުއްޓިފައި ބުނެލިއެވެ.
ފުލުސް މީހާ ވަކި އެއްޗެކޭ ނުބުނެ ދިޔައީއެވެ. އެކަހަލަ ވަރަށް ގިނަ މީހުނާ ދިމާވެއެވެ. އެކަހަލަ ކަމެއް ދިމާވުމުން ގިނަ މީހުން ބޭނުންވާނީ ސިއްރު ކުރާށެވެ. އިންސާފު ހޯދުމެއް މުހިންމެއް ނޫނެވެ.
“ބައްޕާ.. ކީއްވެ ތިއައީ.. ރިޕޯޓު ނުކުރަނީތަ؟” ހަމްޒާ މާ އަވަހަށް އެނބުރި އައުމުން ލަޔާން ސުވާލު ކުރިއެވެ.
“ހުމް.. އޭރުން ގިނަމީހުނަށް އެކަން އެނގިދާނެ. ކަމަކު ނުދާނެ. އަހަރެން މިއޮށް ހުރިހާ ދުވަހު ކުރި މަސައްކަތް ފެނަށް ދިޔައީމަ އަހަރެން ކިއެއް ކުރާނީ” ހަމްޒާ މިހެން ބުނެފައި ހިނގައްޖެއެވެ.
ހަމްޒާގެ ނިންމުމެއް ލަޔާން އަކަށް ކަމަކު ނުދިޔައެވެ. މިވަގުތު ހަމްޒާއަށް މުހިންމުވީ ވިޔަފާރީގެ ކަންތައްތަކެވެ. އަމިއްލަ އަބުރާ އިއްޒަތެވެ. ލަމްހާއާ މެދު ހަމްޒާ ނުވިސްނަނީ ކީއްވެ ހެއްޔެވެ. ދަރިފުޅުގެ ދިރިއުޅުން ހަލާކު ކޮއްލި އަނިޔާވެރިޔާގެ ކިބައިން އިންސާފު ހޯދައި ދިނުން ހަމްޒާއަށް މުހިންމު ނޫނީހެއްޔެވެ. ނަމަވެސް ލަޔާންއަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތެވެ. ހަމްޒާގެ ނިންމުމަކީ ބަދަލުކުރެވޭނޭ އެއްޗެއް ނޫނެވެ.
ލަމްހާ އޮތް ވޯޑާ ޖެހިގެން އޮތް ވޯޑާ ދިމާއަށް ހަމްޒާ ހިނގައި ގަތެވެ. އެންމެ ބިއްދަށަށް ހުރި އެނދު ކައިރިއަށް ދިޔައިރު ގޮނޑިއެއްގައި ނިދިފައި މެދު އުމުރުގެ ފިރިހެނެއް އޮތެވެ. އެމީހާ ލައިގެން ހުރި ބާ ގަމީހާ ފަޓުލޫނުންވެސް އެއީ މެދު ފަންތީގެ މީހެއްކަން ހަމްޒާއަށް އެނގުނެވެ. އެނދުމަތީގައި އޮތް ބަލި އަންހެން ކުއްޖާއާ ދިމާއަށް ހަމްޒާ ބަލާލިއެވެ. ހީވާގޮތުން ލަމްހާއަށް ވުރެ ބޮޑަށް ގެއްލުން ވެފައި ވަނީ އެކުއްޖާއަށެވެ. އެކުއްޖާއަށް އޮތީ ނިދިފައެވެ.
ޖީބަށް އަތް ޖަހާލަމުން ހަމްޒާ ގޮނޑީގައި ފައިން ޖަހާލިއެވެ. ނިދިފައި އޮތް މީހާއަށް ސިއްސައިގެން ގޮސް ތެދުވެވުނެވެ. ދެލޯ އުނގުޅާ ލާފައި އެމީހާ ހަމްޒާއާ ދިމާއަށް ބަލާލިއެވެ.
“ދަރިފުޅުތަ؟” އެނދުމަތީގައި އޮތް ކުއްޖާއަށް އިޝާރަތް ކޮއްލަމުން ހަމްޒާ އަހާލިއެވެ. އެމީހާ ޖަވާބުގައި ބޯޖަހާލިއެވެ.
“ތިއީ ކޮން ބޭފުޅެއްތޯ؟ ނޭނގުނު؟” އެމީހާ ހަމްޒާގެ މަތިން ތިރިއަށް ބަލާލަމުން އަހާލިއެވެ.
“އަހަރެން މިއީ ކާކު ކަމެއް މުހިންމެއް ނޫން. މިއައީ ވާހަކައެއް ބުނަން.. ރޭގައި ދިމާވި އެއްވެސް ކަމެއް އެއްވެސް މީހަކު ގާތު ބުނިންތަ؟” ހަމްޒާ އަހާލިއެވެ.
“ނުބުނަން.. ތިއީ އަހަރެންގެ ދަރިފުޅަށް އަނިޠާ ދިން މީހުންގެ މީހެއްތަ.. ހުންނަ ގޮތް ކުޑަކަން” އެމީހާ ހަމްޒާގެ ގިރުވާނުގައި ހިފައިގަތެވެ.
“މަގޭ ގައިގަ އަތް ނުލާ.. އަހަރެން މިއި ތިހީކުރާކަހަލަ މުޑުދާރު މީހެއް ނޫން. އަހަރެން މިއީ ކަލޭގެ ދަރިފުޅުގެ އިތުރުން ދެން ހުރި އަންހެން ކުއްޖާގެ ބައްޕަ.. ކަލޭގެ ދަރިފުޅު މިތަނަށް ގެނެސް ދިނީވެސް އަހަރެމެން” ހަމްޒާ ވަރަށް މަޑުމައިތިރިކޮށް ވާހަކަ ދެއްކިއެވެ. ހަމްޒާގެ ވާހަކަ އިވުމުން އެމީހާ ކުޑަކޮށް ލަދުގަތެވެ. އަދި ހަމްޒާގެ ގަމީހުގެ ގިރުވާނުން އަތް ދޫކޮއްލިއެވެ.
“އަހަރެން ބޭނުމެއް ނޫން މިކަންތަށް އެކަކަށްވެސް އެނގޭކަށް.. ފުލުހުންނަށް ރިޕޯޓު ކުރުމުގެ ހިޔާލު އޮތްނަމަ ވަގުތުން އެހިޔާލު ދޫކޮއްލާ” ހަމްޒާ މިހެން ބުނެފައި ޖީބުން ޗެކެއް ނަގާ އެމީހާ އާ ދިމާއަށް ދިއްކޮއްލިއެވެ. އެމީހާ އޭގައި ހިފުމުގެ ކުރިން ހަމްޒާ އޭގެން ދޫކޮއްލިއެވެ.
ފައިބުޑަށް ވެއްޓުނު ޗެކު ނަގާ އެމީހާ އެއަށް ބަލާލިއެވެ. ރުފިޔާގެ އަދަދަކަށް ޖަހާފައި އިން އަދަދުތަށް ފެނުމުން އެމީހާގެ ދެލޯ ބޮޑުވިއެވެ.
“ދެ.. ދެ ލައްކަ..؟ ކީއްވެ މިހާ ގިނަ ފައިސާ އަހަރެންނަށް ތިދެނީ.. ކޮބާ ބޭނުމަކީ؟” އެމީހާ އަހާލިއެވެ.
“މާ ބޮޑުކަމެއް ނޫން.. ކަލޭގެ ތިއަނގަ ބަންދުކޮއްގެން ހުންނަންވީ..ފުލުހުންނަށްވެސް އަދި އިތުރު އެހެން މީހަކަށްވެސް އެނގިގެން ނުވާނެ..” ހަމްޒާ ބުނެލިއެވެ.
“އެކަމު..” އެމީހާ ކުޑަކޮށް ޖެހިލުންވެފައި ބަލާލިއެވެ.
“އެގޮތަށް ކަންތައް ނުކުރެވެންޏާ ތި ޗެކް އަނބުރާ ހަވާލުކުރޭ” ހަމްޒާ އޭގައި ހިފާލަމުން ބުނެލިއެވެ. އެމީހާ ހުރީ ދެވިސްނުމެގައެވެ. އެފައިސާގައި ހިފައިފިނަމަ އެމީހުންގެ ދިރި އުޅުން ވަރަށް ބޮޑުތަން ރަނގަޅުވާނެއެވެ. ފައިސާގެ ދަތިކަމަކާ ހުރެ އުޅޭކަށް ނުޖެހޭނެއެވެ. އެހެންމަވެސް އޭނާގެ ދަރިފުޅަކަށް އިންސާފެއް ނުލިބޭނެއެވެ. އިރުކޮޅަކު ވިސްނަން ހުރެފައި އެމީހާ ހަމްޒާގެ ޝަރުތަށް އެއްބަސްވިއެވެ. އިތުރަކަށް އެކައްޗެކޭވެސް ނުބުނެ ހަމްޒާ އެތަނުން ނުކުތެވެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



