” ކީއްވެ މަލް އަށް ދޮގު ހެދީ.. ނިދަންށޭ ކިޔާފަ ކޮންތާކަށް ދިޔައީ.. އަދި މަލް އެވަރަށް ގުޅީމަ ފޯނުވެސް ނުނަގާ.. ކުޑަ މިނުން ކީއްވާނީ ފަހުން ގުޅާލިނަމަވެސް..” އައި ގޮތައް އައިސް ޝަކުވާ ކުރެވެން ފެށުނީ އަޒްހާން އެހެން ކަންތައް ކުރުމުން މަލްދާ ދެރަވި ވަރުންނެވެ. ” ބޭރަށް ދިޔައި.. ފޯނު ގޭގައި ބާއްވާފައި ދިޔައިމަ ނޭނގުނީ ގުޅިކަމެއް.” މަލްދާ އާއި ދިމާލަށް ބަލައިލަމުން އަޒްހާން މަޑުމަޑުން ބުނެލިއެވެ. ” ކޮންތާކަށް ދިޔައި..” މަލްދާ ދެންވެސް ކުރީ ސުވާލެކެވެ. ” ބޭރަށޭ…” މިފަހަރު އަޒްހާން ހުރީ ކުޑަކޮއް ހިތްހަމަ ނުޖެހިފަކަން އޭނަގެ އަޑުން އިނގުނެވެ. ” ބޭރު ކޮންތާކަށްހޭ.. އަޒްހާން.” މަލްދާގެ އަޑުވެސް ތަންކޮޅެއް ބާރުވިއެވެ. ” ކިހާ ދެރަކަމެއް ބޭރަށޭ ދިޔައީ.. މަގުމަތީ ހުރީ… ކޮންހާ ސުވާލެއްތަ ތިކުރަނީ.. ” ކުއްލިއަކަށް ތެދުވި އަޒްހާން ބާރު ބާރަށް ހަޅޭއް ލަވައިގަތެވެ. މަލްދާ ދިޔައީ ސިއްސައިގެންނެވެ. އަދި ހިތައް ކުރީ ބުނެދޭން ނޭނގޭ އަސަރުތަކެކެވެ. ވަގުތުން ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ.
އަޒްހާން އަށް ކުރެވުނު ކަންތައް އިހުސާސްވީ މަލްދާ ނިކުމެގެން ދާން ފެށިއެވެ. އަވަހަށް މަލްދާގެ އަތުގައި ހިފާ އޭނަ ހުއްޓުވިއެވެ. ބައެއްފަހަރު މިއަރާ ރުޅިގަނޑު މައިތިރި ކުރަން އަޒްހާން އަށް ނޭނގެނީއެވެ. މަލްދާ އާއި ދިމާލަށް އެގޮތައް ހަޅޭއްލަވައިގަނެވުނީމަ އަޒްހާން ވަރަށް ދެރަވިއެވެ. ” އައި އޭމް ސޮރީ..” މަލްދާގެ ކަރުނަތައް ފުހެލަމުން އަޒްހާން ބުންޏެވެ. އިސްޖަހާލައިގެން ހުރި މަލްދާ މަޑުމަޑުން އިސް އުފުލާލައި އަޒްހާން އާއި ދިމާލަށް ބަލާލިއެވެ. މިހާރު އެލޮލުން ފެންނަމުން ދިޔައީ ރުޅިވެރިކަމެއް ނޫނެވެ. އޭގެ ބަދަލުގައި އަޒްހާންގެ ލޮލުގައިވަނީ ހިތާމައެވެ. އަޅާލުމެވެ. ” އިޓްސް އޯކޭ…” މަލްދާ މަޑުމަޑުން ބުންޏެވެ. އެއަށްފަހު މަލްދާ ދާން ހިނގައިގަތީ ސްކޫލަށް ދާން ގަޑިޖެހޭތީއެވެ. މަލްދާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި އަޒްހާންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.
” އަނހަ.. ދަނީތަ..” ގެއަށް ވައިން ޝަރުމީލާ އަށް މަލްދާ ފެނުމާއެކު ބުންޏެވެ. މަލްދާ މަޑުމަޑުން ބޯ ޖަހާލިއެވެ. އެއަށްފަހު ސްކޫލަށް ދާން ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮއްސަ ފަހަތް ބަލާލީ އަޒްހާން ބެލްކަނީއަށް ނަމަވެސް ނިކުމެ ހުރިތޯ ބަލަންވެގެންނެވެ. ނަމަވެސް މިފަހަރުވެސް މަލްދާ އަށް ޖެހުނީ މާޔޫސް ވާށެވެ. މާޔޫސް ވެފައިވާ ހިތަކައިގެން މަލްދާ އަނެއްކާވެސް ދާން ހިނގައިގަތެވެ. ބައެއްފަހަރު އަޒްހާންގެ އަމަލުތައް ހުންނަ ގޮތުން މަލްދާގެ ހިތުގަޖެހެއެވެ. ހަމަގައިމުވެސް ކުރިން އަޒްހާން މިހާ ރުޅިގަދަވެގެންނެއް ނޫޅެއެވެ. މިހާރަކަށް އައިސް ކުރިން ނުފެންނަ އެތައް ސިފަތަކެއް އަޒްހާންގެ ކިބައިން ފެނެއެވެ. މަދުން ނަމަވެސް އެއީ މުޅިން އެހެން މީހެއްކަމުގައިވެސް ހީވާ ފަހަރު އާދެއެވެ.
” ކަމަނާ ކޮން ހިޔާލަކަށް ގެއްލިފަ.. ތިޔޮއް ޖެހެނީ ގޮސް ފާރުގަ..” ސްކޫލަށް ވަންނަން އައި މަލްދާ ފެނިގެން ސާރާ އައިސް ވާހަކަ ދެއްކިއެވެ. ތެދެކެވެ. އަޒްހާން އާއި މެދު ވިސްނަމުން އައި އިރު މަލްދާ އަށް ހިނގެމުން ދިޔަ ދިމާވެސް ރޭކައެއް ނުލިއެވެ. ކަމެއްވީތަ؟.. މާ ހިޔާލަކަށް ގެއްލިފަ ” ސާރާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. މަލްދާ ދެކޮޅަށް ބޯހޫރުވާލީ ހިނިތުންވެލަމުންނެވެ. އެހެންކަމުން ސާރާވެސް އިތުރަށް އެކަމާ ސުވާލު ކުރާކަށް ނޫޅުނެވެ. ” މިއަދު ހާދަ ރީތި ވެލައިގެން..” މަލްދާ ސާރާ އާއި ދިމާލަށް ބަލާލަމުން ބުންޏެވެ. މިއަދު ސާރާ ހުރީ ހަމަ ރަނގަޅަށްވެސް އެހެން ދުވަސް ދުވަހާ ހިލާފަށް ވަރަށް ރީތި ވެގެންނެވެ. ތުންފަތުގައިވެސް ލުއި މޭކްއަޕް އެއް ހާކާފައި ހުއްޓެވެ. ” ރީތިތަ؟..” ސާރާ ދެލޯ ބޮޑު ކޮއްލަމުން ސުވާލު ކޮއްލިއެވެ. ” ރީތި.. އެކަމް ސްކޫލުގައި މޭކްއަޕް ކުރުމަކީ މަނާ ކަމެއް.. އެޔޮއް އަންނަނީ ޕްރިންސިޕަލް..” މަލްދާ ޕްރިންސިޕަލް އޭ ކިޔައިގެން ސާރާ ބިރުގެންނެވޭތޯ އުޅުނެވެ. ” ސާބަހޭ މިވަރަށް ކުރިޔަސް ނޭނގޭނޭ.. އާރްޔަން އަށް އަހަރެން ފެނުނީމަ ރީތި ވާނެހެން ހީވޭތަ..” ސާރާ ދެން ބުނެލި ޖުމްލައާ އެކު މި ވެގެން އުޅޭ ގޮތް މަލްދާއަށް ނަގައިގަނެވުނެވެ. މިހާރަކަށް އައިސް ސާރާ އާރްޔަން އާ ހެދީ އުޅެނީ މާ ވަރަކަށެވެ. އެކަމާ މަލްދާ ހުންނަނީ ފޫހިވެފައެވެ. އަބަދު ދައްކާނީ އިނދެގެން އާރްޔަންގެ ވާހަކަ ވިއްޔާއެވެ. އާރްޔަން މިވެނި ކަމެއް ކުރަން މޮޅުވާނޭ އެވެނި ކަމެއް ކުރާނެ ވާހަކައެވެ. ބައެއްފަހަރު މަލްދާ އިންނަނީ ރުޅިގަދަވެފައެވެ. އެއީ ދެން މީހަކު މޮޔަވެގެން އުޅޭނެ ފިރެހެނެއްހޭ މަލްދާ ހިތައް އަރައެވެ. ” މީ ދޯ މި ވާ ގޮތަކީ.. ހިނގާބަލަ ކްލާހަށް.. އޭރުންތާދޯ އިނގޭނީ އާރްޔަން އަށް ރީތި ވިއްޔާވެސް..” މަލްދާ ބެލީ އަވަހަށް ކްލާހަށް ދެވޭތޯއެވެ.
ކްލާހުގައި އިނދެގެންވެސް މަލްދާ އަށް ވިސްނެމުން ދިޔައީ އަޒްހާން އާއި މެދުގައެވެ. އަޒްހާންގެ ބަދަލުވެފައިވާ މިޒާޖާމެދުއެވެ. މީގެ ކުރިންވެސް ރަށަށް އައިސް އުޅުން އިރު އެހާވަރަށް އަޒްހާން އާއި ވާހަކަ ނުދައްކާތީ އެކަމެއް މަލްދާއަކަށް އިނގިފަކަ ނުވޭވިއްޔާއެވެ. ނަމަވެސް ސަބަބެއް ނެތި އެހާބޮޑު ބަދަލެއް ނާންނާނެކަން މަލްދާއަށް އިނގެއެވެ. އަނެއްކޮޅުން އާރްޔަން ސްކޫލަށް ނާންނާތީ ސާރާ އިނީ ފޫހި ވެފައެވެ. އެހާ ވަރަކުން ނަލަ ހެދިލައިގެން އައުމުގެ އެއްވެސް ފައިދާއެއް ނުކުރިއެވެ. މަލްދާ ކައިރީ އިރުކޮޅުކޮޅާ އެވާހަކަ ދައްކައެވެ. އެކަމާވެސް މަލްދާ އިނީ ބޯ ގޮވާ ވަރުވެފައެވެ. ސާރާ އަށް ވެވިގެން މިއުޅެނީ ވަރުގަދަ ލޮއެތްބެއްތާއޭ ހިތައް އެރިއެވެ.
*************
ރޭގަނޑު ނުނިދާ ރޮއެފަ ހުރުމުގެ ސަބަބުން އާރްޔަންގެ ދެލޯ ވަނީ ދުޅަވެފައެވެ. މޫނުމަތީގައިވަނީ ވަރުބަލިކަމެވެ. އެންމެ ކުޑައިރުއްސުރެ އާރްޔަން އުޅެމުން އައީ ނުލާހިކު އުފާވެރި ދިރިއުޅުމެކެވެ. އާރްޔަންގެ ކުދި ބޮޑު ހުރިހާ އެދުމެއް އާރްޔަންގެ މައިންބަފައިން ވަނީ ފުރިހަމަ ކޮއްދީފައެވެ. ބޭނުން ކޮންމެ އެއްޗެއް ވަގުތުން ހޯދައިދެއެވެ. ނަމަވެސް މިއަދު އާރްޔަންގެ އެންމެ ބޮޑު އެދުން އޭނަގެ މައިންބަފައިންނަކަށްވެސް ނުހޯދައިދެވޭނެއެވެ. ލޯތްބަކީ ހާސިލް ކުރުން ނޫން ކަން އާރްޔަން ވަރަށް ރަނގަޅަށް ދަނެއެވެ. ނަމަވެސް ހިތައް ކޮއްފައިވާ އަސަރުން ކަރުނަތައް ހިފަހައްޓަން އުނދަގޫ ވަނީއެވެ.
ޖެހިގެން އޮތް ދުވަސްތައްވެސް ދިޔައީ އެކަހަލަ ގޮތަކަށެވެ. އާރްޔަން ކޮޓަރިން ނުނިކުންނަތާ ސްކޫލަށް ނުދާތާވެސް ހަފްތާއެއްވަރު ވެދާނެއެވެ. މިކަމާ ހަލީމަ ވެސް ހުންންނަނީ ނުލާހިކު ނުތަނަވަސްވެފައެވެ. އާރްޔަން އަށް އައިސްފައިވާ ބަދަލުތައް ފެނި އަލީ ވެސް ހުންނަނީ ކަންބޮޑުވެފައެވެ.
އާރްޔަން ކްލާހަށް ނާންނާތީ ވަރަށް ގިނަ ކުދިން އައިސް އަލީ ކައިރީ އެވާހަކަ އެހިއެވެ. އޭގެތެރޭގައި ސާރާވެސް ހިމެނެއެވެ. އާރްޔަން ލޮލަށް ނުފެންނާތީ ސާރާ އަށް އުނދަގޫ ވަނީއެވެ. ހިތް އަބަދު އެދެނީ އާރްޔަން އާއި އެކީ ވުމަށެވެ. ސާރާ އާއި އަލީ އަކީ ކުރިންވެސް ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމުން އަލީ އެއްވެސް ކަމެއް ސާރާއަކާ ސިއްރެއް ނުކުރެއެވެ. ހުރިހާ ވާހަކަ އެއް ކިޔައިދީ ނިންމުމަށް ފަހު އަލީ އެދުނީ އެންމެ ކަމަކުއެވެ. އެވާހަކަތައް ސިއްރެއް ގޮތުގައި ބަހައްޓައިދިނުމަށެވެ. ސާރާއަކީ އިތުބާރު ހިފޭ ރަނގަޅު ރަހުމަތްތެރިއެއްކަން އަލީ ގަބޫލުކުރެއެވެ. ހިނިތުން ވުމަކާއެކު އަލީގެ ބަހަށް ބޯ ޖަހައިލި ސާރާގެ ހިތް ކުދި ކުދިވެގެން ދިޔައެވެ. ހިތުގައި އަޅަމުން ދިޔަ ވޭން ދިޔައީ އިތުރުވަމުންނެވެ. އާރްޔަންގެ ހިތުގައި ވަނީ އޭނަ ނޫން އެހެން ކުއްޖެއް ކަން އިނގުނީމަ އެހިތައް ކުރަމުން ދިޔައީ ބުނެދޭން ނޭނގޭ އަސަރުތަކެކެވެ. އަދި އެވެސް އޭނަގެ އެންމެ ގާތް އެކުވެރިޔާއެވެ.
އަނެއްކޮޅުން މަލްދާ އާއި އަޒްހާން އުޅެމުން ދިޔައީ ނުހަނު އުފަލުންނެވެ. ނަމަވެސް ބައެއްފަހަރު މައްސަލަ ޖެހިގެން ދެމީހުންނަށް އެއްޗެހި ބުނެވޭ ފަހަރު އާދެއެވެ. ކޮންމެ ގުޅުމެއްގައިވެސް މައްސަލަ ޖެހޭނެކަން މަލްދާ ގަބޫލު ކުރެއެވެ. ކިރިޔާ ކަމެއް ވާއިރަށް ގުޅުން ކަނޑާލުމަކީ އޮތް ހައްލު ނޫންކަންވެސް މަލްދާ ދަނެއެވެ. އެއަށްވުރެ ބޮޑަށް މަލްދާ އަޒްހާން ދެކެ ލޯބި ވެއެވެ. ވަކިވުމުގެ ވާހަކަ ހިތައް ގެންނަންވެސް މަލްދާ ބޭނުމެއް ނުވެއެވެ.
“އަޒްހާން؟..” ސްކޫލުން ނިމިގެން ގެއަށް ދިޔަ މަގުމަތީ މަލްދާގެ ލޮލުގައި އަޅައިގަތީ މަގުގެ އެއްފަރާތެއްގައި ބައިސްކަލެއްގައި ހުރި މެދު އުމުރުގެ ފިރެހެނަކާ ވާހަކަ ދައްކަން ހުރި އަޒްހާން އެވެ. އަޒްހާން ވާހަކަ ދައްކަމުން އެދަނީ ރަށުގައި އެންމެ ގޮތެއް ފޮތެއް ނެތް ޝިމާން އާއެވެ. ޝިމާން އަކީ ވައްކަން ކުރުމާ މާރާމާރީ ހިންގުމުގެ އެއްވަނައެވެ. އަޒްހާން އެކަހަލަ މީހަކާ ވާހަކަދައްކަން ހުރުމުގެ ބޭނުމަކީ ކޮބައިބާއޭ މަލްދާގެ ހިތައް އަރަމުން ދިޔައެވެ. އިރުކޮޅެއް ފަހުން ޝިމާން ބައިސްކަލް ދުއްވާލިއެވެ. ޝިމާން ފަހަތުން ދާން އަޒްހާން ވެސް ހިނގައިގަތެވެ. ދެހިޔާލެއްގައި ހުރެފައިވެސް މަލްދާ އެމީހުން ފަހަތުން ހިނގައިގަތީ އަޒްހާން ކުރާކަމެއް ބަލާށެވެ. ފާރަލުމަކީ ގޯސް ކަމެއް ކަން އިނގުން ނަމަވެސް ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު މަލްދާ ބޭނުން ވެއެވެ.
ޝިމާން ގޮސް ބައިސްކަލް ހުއްޓީ ރަށުގެ އެއްފަރާތުގައި ހުންނަ ކުޑަ ފަޅުގެއެއްގެ ކުރިމަތީގައެވެ. އެއަށްފަހު ގޮސް ވަނީ އެގޭ ބިއްދޮށަށެވެ. އަޒްހާންވެސް ޝިމާން ފަހަތުން ގޮސް އެތަނަށް ވަނެވެ. މަލްދާގެ ހިތައް ބިރުވެރި ކަމެއް ވަނީ ކުއްލިއަކަށެވެ. ކުރެވެނީ މި ރަނގަޅު ކަމެއްބާއޭ ހިތައް އެރިއެވެ. އަޒްހާން އާ ރީތިކޮއް މިވާހަކަތައް ދެއްކިދާނެ އެއްނުހެއްޔެވެ؟ ނަމަވެސް މިހާ ހިސާބަށް އައިއްސަ ހުސް އަތާ އެނބުރި ދާކަށް މަލްދާ ބޭނުމެއް ނުވިއެވެ. އިރުކޮޅެއް ވަންދެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ހަދާނެ ގޮތެއް ނޭނގިގެންނެވެ. އަވަސްވެފައިވާ ހިތަކާއެކު މަލްދާވެސް އެދިމާލަށް ދާން ހިނގައިގަތެވެ.
ވަކި ހިސާބަކަށް ގޮއްސަ މަލްދާގެ ފިޔަވަޅުތައް ހުއްޓުނެވެ. ފެނުން މަންޒަރު ގަބޫލުކުރާކަށް މަލްދާ ބޭނުމެއް ނުވިއެވެ. މަލްދާ އަށް ދެލޯ ބޮޑު ކޮއްލެވުނެވެ. އަނގަމަތީ އަތް އެޅި އިރު ދެ އަތް ތުރު ތުރު ލަމުން ދިޔައެވެ. ކުޑައިރުއްސުރެ ދަންނަ އަޒްހާން އެހާ ދަށުދަރަޖައަކަށް ވެއްޓިދާނެކަމަށް މަލްދާ ހުވަފެނުގައިވެސް ހިޔެއް ނުކުރެއެވެ. ކަރުނައިގެ ސަބަބުން ފުސްވެފައިވާ ދެލޯ އުނގުޅާލުމަށްފަހު އަލުން ބަލައިލީ މަސްތުގެ ހާލުގައި އެވަނީ ހަމަ އޭނަގެ އަޒްހާން ތޯ ޔަގީން ކުރުމަށްޓަކައެވެ. މަލްދާ އަށް ޖެހުނީ ހަމަ މާޔޫސްވާށެވެ. ފަޅުގޭ ބިއްދޮށުގައި ގޮނޑި ބަހައްޓާފައި ހުރިއިރު މެދުގައި މޭޒެއް ބަހައްޓާފައި ހުއްޓެވެ. މޭޒުމަތީގައި ބަހައްޓާފައި ހުރީ މަސްތުވާ ޒާތުގެ އެއްޗެހި ކަން މަލްދާ އަށް ނަގައިގަނެވުނެވެ. މަލްދާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައިރު އަޒްހާން ގޮނޑިޔަށް ދެމިފައި އޮތެވެ. ވާހަކަ ދައްކަމުން ދިޔަ ރާގުންވެސް އަޒްހާން އެގަޑީ ހުރީ ހަމަޔަކު ނޫން ކަން މަލްދާއަށް އިނގުނެވެ. މަލްދާ އެނބުރި އައިކޮޅަށް ދާން ހިނގައިގަތީ އިތުރަށް އެތާނގައި ހުންނަން ކެތްނުވެގެންނެވެ.
ގެއަށް ދިޔަ މަގުމަތީގައިވެސް މަލްދާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. އަޒްހާން ހަމަ އެހާ ގޯސް މީހަކީ ހެއްޔެވެ؟ ހަމަ ގައިމުވެސް އެއީ އޭނަ ކުރިން ދަންނަ އަޒްހާންއެއް ނޫނެވެ. އެއަޒްހާން އެކަހަލަ އެއްވެސް ކަމެއް ނުކުރާނެއެވެ. ވިސްނާ ވިސްނާ ގޮސް ހީވަނީ މަލްދާގެ ބޯ ފަޅައިގެން ގޮސްދާނެ ހެންނެވެ.
ގެއަށް އައިރު ނަފީސާ ގޭގައި ނޫޅެނީ ނަސީބެކޭ ހިތައް އެރިއެވެ. އެހެންނޫންނަމަ ބައިވަރު ސުވާލުތަކަކާ މަލްދާ ކުރިމަތި ލާން ޖެހުނީހެވެ. ނަމަވެސް މިވަގުތު އެކަކާވެސް ވާހަކަ ދައްކާނެހާ ހިއްވަރެއް މަލްދާގެ ގަޔަކު ނެތެވެ. ކޮޓަރިއަށް ވަދެވުމާއެކު ދޮރު ތަޅު ލުމަށްފަހު ޔުނީފޯރމްވެސް ބަދަލު ނުކޮއް ދިޔަ ގޮތައް ގޮސް އެނދުމައްޗަށް ވެއްޓުނެވެ. އެއާއެކު ކޮޓަރި ތެރޭގައި ގުގުމާލީ މަލްދާގެ ގިސްލުމުގެ އަޑެވެ. އެގޮތައް އޮއްވާ ނިދުނީ ކިހާއިރަކު ކަމެއް ވެސް މަލްދާ އަކަށް ނޭނގެއެވެ.
މަލްދާއަށް ހޭލެވުނީ ރޭގަނޑު އަށެއް ޖެހިފަހުންނެވެ. ހޭލިގޮތަށް އެނދުމަތީގައި އޮތީ ތެދުވާނެހާ ހިތްވަރު މަލްދާގެ ގައިގަ ނެތުމުންނެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު މަލްދާ ފޯނު ނެގިއެވެ. ” އައި ނޯ އެވްރީތިންގް އެބައުޓް ޔޫ… އިޓްސް އޯވަރ..” މިހެން ލިޔުމަށްފަހު މެސެޖު ފޮނުވާލިއެވެ. އެއާއެކު އަނެއްކާވެސް މަލްދާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އަންނަން ފެށިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Mi part vx hama amazing masha Allah
Waiting for the next
Thankyou so much.. next part In Sha Allah varah avahah genesdheynan.. ?
Alheyyyyy. Mal haadha dhera vaaney. Azhaan hama ehaa goas vee tha? Can’t believe this. Anyway I’m dying to read next episode. Much love siss
Thankyou so much..
Let’s see what happens next ?