Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީލޯބި

ހިތި ނިމުން 20

kudhoo Level 310 Stories100 Comments
December 10, 2020 4 Mins Read
1 Comment

ދަރިފުޅާއެވެ. މިއަދު މަންމަ ދަރިފުޅަށް އެތައް އާދޭހެއް ކުރީމެވެ. އެއީ ދަރިފުޅަށް އުނިވާނެ އެއްވެސް ކަމެއް ނުބާއްވާ..ދަރިފުޅު ބޭނުންވާ ހުރިހާއެއްޗެއް ދަރިފުޅަށް ހޯދައިދެމުން އައި ދަރިފުޅުގެ ބައްޕަ ދަރިފުޅުގެ ލޯ ކުރިމަތީ ތަންމަތީ އޮންނަން ޖެހުނު ދުވަހެވެ. އެބައްޕަ ފެންވަރުވާލަންވެސް މަންމަ ދަރިފުޅަށް ކިހާ އާދޭހެއް ކުރީމުހެއްޔެވެ. މިއަދު ދަރިފުޅުގެ އަތުގެ ފިރުމުންތައް އެބައްޕަ ބޭނުންވާނެވަރު ދަރިފުޅަށް އަންދާޒާކޮށެއްވެސް ނުލެވުނެވެ. މަންމަ މިއަދު މިޖެހުނީ ދުރުހިލޭ މީހުން ގެނެސްގެން ބައްޕަ ބަލާށެވެ.

*********************************************

ދަރިފުޅާއެވެ. ނަމަވެސް މިހުރިހާ ކަމަކަށް މަންމަ ކެއްތެރިވަމުން އައީމެވެ. ދަރިފުޅު މަންމަމެން ދޫކޮށްލައިފައި ފުރައިގެން ދިޔަ ދުވަހު އެކަމާ ދަރިފުޅުގެ ބައްޕަގެ ހިތަކަށް ކެތެއްނުވިއެވެ. ދަރިފުޅު ފުރައިގެން ދިޔަދުވަހު މިމަންމަޔަށް އިތުރު ނިކަމެތިކަމެއް ލިބިގެން ދިޔައެވެ. މަންމަ އެކަނިވެރިވެއްޖެއެވެ. ބައްޕަވެސް މަންމަ ދޫކޮށްލައިފައި ފަސްގަނޑުދަށަށް ގޮސްފިއެވެ.

ދަރިފުޅަށްވެސް އެނގޭނެ ފަދައިން މިއަދު މަންމައަކީ މީހުނަށް މަސައްކަތް ކޮށްދެވޭ ފެންވަރުގެ ގާބިލިއްޔަތު ކަމެއް ލިބިފަ ހުރި މީހެއް ނޫނެވެ. މިމަންމަޔަށް ދަރިފުޅު ނޫނީ އަޅާލާނެ މީހަކުވެސް ނެތެވެ. ނަމަވެސް މަންމަޔަށް ދަރިފުޅުގެ ސިޓީއެއްލިބުމުން ވަރަށް އުފާވިއެވެ. ނަމަވެސް އެއާ އެއްވަރަށް މަންމަ ވަރަށް ދެރަވިއެވެ. އެކަމާ ހިތާމަ ކުރީމެވެ. މަންމަގެ ދެލޮލުގެ ނޫރާ ،މަންމަ އަބަދުގެ އަބަދަށް ދުނިޔޭގައި ހުރެ ވަކިވެގެން ދާންޖެހޭނެ ކަމުގައި އުންމީދު ނުކުރަމެވެ. ނަމަވެސް މިއަދު މިއޮތީ ކެއްތެރިކަމާއެކު މިދުވަހަށްވެސް ކުރިމަތިލާން ޖެހިފައެވެ. މަންމަ މިއުޅެނީ ބަނޑުހައި ހޫނު ކަމުގައެވެ. އަޅާލާނެ ވާލެއްޔާރެއް ނެތި މަގުމަތިވެފައެވެ. ނަމަވެސް މި ޚަބަރު މަންމަ ދަރިފުޅަށް ދޭނީ ކިހިނެއްހެއްޔެވެ. ދަރިފުޅާއެވެ. އަމްނާގެ މައިންބަފައިންވެސް ވަކިވެގެން އެދިޔައީ މަންމަ ދުނިޔޭގައި ހުއްޓައެވެ. އެއްވެސް ދަރިއެއްގެ ފަރާތުން އަޅާ ލުމެއްނުލިބިއެވެ. މަންމަޔަށް ދިމާވި މިކަންތަކަށް އެކަލާނގެއަށް ޝުކުރުވެރިވަމެވެ. އަދިވެސް މީ އެކަލާނގެ މަންމަޔަށް ކުރިމަތި ކުރުވާ އިމްތިހާނެއްކަމުގައި ދެކެމެވެ.

އެއްދުވަހުން އަނެއްދުވަހަށް މިހާލުގަ މަންމަގެ ގައިބާރު ދޫވަމުން ދިޔައެވެ. ދަރިފުޅާއެވެ. މަންމަ ކޮންމެ ދުވަހަކުވެސް ދަރިފުޅު އެނބުރި އަންނާނެކަމަށް އުންމީދުކޮށް ދަރިފުޅުގެ ކޮޓަރިވެސް ސާފުކުރަމެވެ. ނަމަވެސް ކޮންމެ ދުވަހެއްގެ އިރު އޮއްސި އަނެއް ދުވަހަށް އިރުއަރަނީވެސް މަންމަ މި އެކަނިވެރިކަމާ ހިތްދަތިކަމުގައެވެ. މިކަމުގެ ސަބަބުން މަންމަގެ ތި ދަރިފުޅަށް މާތް ރަސްކަލާނގެ ދެރަގޮތެއް މިންވަރު ނުކުރެއްވުމަށް އެދި އެތައްފަހަރަކު މި މިމަންމަ ދުޢާކުރަމެވެ.

ދަރިފުޅާއެވެ. މަންމަ މިހާލުގައި އުޅެނިކޮށް އެއްދުވަހު ކާއެއްޗެއް ނުލިބިގެން ސަލާންޖަހަނިކޮށް ދިމާވީ ދަރިފުޅުގެ އެކުވެރިޔަކާއެވެ. މަންމަ އެދުވަހު ދަރިފުޅު އެމީހުނާ ދޭތެރޭވެސް ކަންތައް ކޮށްފައިވާ ގޮތުން ލަދުވެސް ގަތެވެ. ނަމަވެސް އުމައިރު މަންމައަށް ވަރަށް ހެވެއެވެ. އޭރު އުމައިރުގެ ބައްޕަވެސް ވަނީ މިދުނިޔެ ދޫކޮށްފައެވެ. އުމައިރު ވަރަށް އާދޭސް ކޮށްގެން މަންމަ މިހާރު އުޅެމުން މިދަނީ އުމައިރު މެން ގޭގައެވެ. ދަރިފުޅުގެ ފަރާތުން ނުލިބުނު ލޯތްބާ އަޅާލުން އުމައިރުއާ އޭނާގެ އަންހެނުން ޒީނާގެ ފަރާތުން ދެވޭތޯ އެދެމީހުން ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް ދަރިފުޅު ނެތްތަން ކޮޅު އެމީހުންނަށް ފޫ ބައްދައިދެވޭނެހެއްޔެވެ. ދުވަސްތައް ފާއިތުވަމުންގޮސް މަންމަގެ ބަލިހާލަތު ބޮޑުވުމުން މަންމަ މިއުޅެނީ އުމައިރުއާއެކު ދަރިފުޅު ހުރި ރަށަށް ދާށެވެ. ދަރިފުޅު ފެނުމަށްވެސް މަންމަ އުންމީދުކުރަމެވެ. ނަމަވެސް އެއީ ދަރިފުޅަށް އުނދަގުލެއް ކުރާކަށް ނޫނެވެ. ނަމަވެސް ދަރިފުޅަށް މަންމަ ނުފެނި ކެތްވިޔަސް މަންމައަށް ދަރިފުޅު ނުފެނި ކެތްނުވާތީއެވެ.

މަންމަ ލަންކާއަށް ދިޔައިރުވެސް ރަގަޅަކަށް ނުހިނގެއެވެ. މަންމަ އިށީދެއިންނަން ޖެހެނީ ފުރޮޅުލީ ގޮޑިއެއްގައެވެ. މަންމައަށް މީހަކު އެހީތެރިނުވެ ދަރިފުޅު ފެންނަ ހިސާބަކަށްވެސް ނުދެވޭނެއެވެ. މަންމަ އުމައިރުއަށް ވަރަށް އާދޭސްކޮށްގެން އުމައިރު ދަރިފުޅު ހުންނަ ހިސާބަކަށް މަންމަ ގެންދަން އެއްބަސްވިއެވެ. މަންމަގެ އެދުމަކަށް އުމައިރު އަބަދުވެސް ދަރިފުޅުގެ ޙާލު މަންމައަށް ބަލައިދެއެވެ. ދަރިފުޅާއެވެ. މަންމައަށް މާފްކުރާށެވެ. މަންމައަށް އަނެއްކާވެސް ދަރިފުޅަށް އުނދަގުލެއް ކުރެވިއްޖެއެވެ. އެކަމަކު އެއީ ގަސްތުގައެއްނޫނެވެ. މަންމައަށް މާފް ކުރާށެވެ. މަންމަ ދަރިފުޅާ ހަމައަށް ގެންދަން އުމައިރު ވަރަށް ދެކޮޅު ހަދައެވެ. ނަމަވެސް މި މަންމަގެ ހިތައް ތަސައްލީއެއް ދިނުމަށްޓަކައި އުމައިރު މަންމަ ގޮވައިގެން ދަރިފުޅު ހުންނަ ގެއަށް ދިޔައެވެ. އެދުވަހު މަންމައަށް އެތަން ނުދެއްކެވިނަމަ ހެޔޮތާއޭ އެތައް ފަހަރަކު ހިތައް އެރިއެވެ. ދަރިފުޅާއެވެ. މަންމަގެ ނަސީބުގައި ދަރިފުޅު ފެންނަން ނެތީއެވެ. މަންމައާ ގެއިން ދިމާވީ އަމްނާއާއި އޭނަ ގެންގުޅޭ މީހުންތަކެވެ. މަންމަ ފެނުމުން އަމްނާ ދަންނަ މީހަކަށް ވެސް ފުރަތަމަ ނަހަދައެވެ. ނަމަވެސް ފަހުން އުމައިރު ވާހަކަ ދެއްކުމުން މަންމައަކީ ދަރިފުޅު ހޯދަންދާންޖެހޭ ފެންވަރުގެ މީހެއް ނޫންކަމުގައި ބުންޏެވެ. މުސްކުޅިވެ ގައިބާރު ދޫވީމަ މުސްކުޅިން ބަލައިދޭނެ ތަންތަން ތިބޭނެ ކަމުގައި ބުންޏެވެ. އަދި ބަލާނެ މީހެއް ނެތް މީހެއް ވިއްޔާ ގޮވައިގެން އެތަނަށް ދިޔުމަށް ބުންޏެވެ. މަންމަޔަށް އެގެއިން މަރުޙަބާކީ އަމްނާގެ އަތުގައި ހުރި ރާތަށިއެވެ. އަމްނާ މަންމަގެ ގަޔަށް އެތަށި ޖެހުމަށް ފަހު އެތަނުން ދިޔުމަށް ބުންޏެވެ.

އަމްނާ މަންމައާ ދޭތެރޭ މިފަދައިން ކަންތައް ކުރި ވާހަކަ މަންމަ ދައްކާކަށްވެސް ބޭނުމެއް ނުވެއެވެ. ނަމަވެސް މަންމަގެ ހިތައް ކެތްނުވީއެވެ. މަންމަގެ އެންމެ ފަހުގެ ބޭނުންވެސް މަންމައަށް ނުފުދި ތިގެއިން ދާން ޖެހުނީއެވެ. ދަރިފުޅާއެވެ. އެދުވަހު އަމްނާގެ އުފަލަށް މަންމައަށް ހުރަސްއެޅުނީތީ މަންމައަށް މާފްކުރާށެވެ. މަންމައަށް ދަރިފުޅާ ބައްދަލު ނުވި ކަމުގައިވިޔަސް ދަރިފުޅަށް މާތްރަސްކަލާނގެ ދެރަގޮތެއް މިންވަރު ނުކުރެއްވުމަށް އެދި ދުޢާ ކުރެވެއެވެ. ދަރިފުޅާއެވެ. މި މަންމަޔަށް ދަރިފުޅާމެދު އެއްވެސް ކަމެއް ގޯސްކޮށް ވެފައިވާނަމަ މަންމައަށް މާފްކޮށްދޭށެވެ. ދަރިފުޅުގެ ފަހުނޭވާ ހޮޅިއަށް އެޅުމުގެ ކުރިން މާތްރަސްކަލާނގެ ދަރިފުޅަށް ހިދާޔަތް ދައްކަވާތޯ އެދި އެކަލާނގެ ޙަޟްރަތުގައި މަންމަ ދުޢާ ކުރަމެވެ. ދަރިފުޅާއެވެ. މީ މަންމަގެ ފަހުބަސްކަމުގައި އަޑުއަހައި ޤަބޫލުކުރާށެވެ. ދުނިޔެއަކީ ވަގުތީ ތަނެކެވެ. އެމީހަކު ބޭނުން ގޮތަކަށް މިތާ އުޅެވިދާނެއެވެ. ނަމަވެސް އާޚިރަތުގައި ލިބެން އޮތީ މިތަނުން ހޯދައިގަތް އެއްޗެކެވެ. ދަރިފުޅާއެވެ. ކުރެވުނު ކުއްތަކަށް ތައުބާވާށެވެ. މި މަންމަގެ ހިތައް ކިތަންމެ ތަދުވެފައި ހުރި ނަމަވެސް މިމަންމަ ދަރިފުޅަށް ހިތްހެވެއެވެ. އަދި ދަރިފުޅު މާފަށް އެދި އަންނަ ދުވަހަކުން އުފަލުން މާފުވެސް ކޮށްދޭނަމެވެ. ”

އަހަރެންނަށް އަދިވެސް ރޮވެނީއެވެ. އިށީދެފައި ހުރުމުގެ ސަބަބުން އަހަރެންގެ ދެފައިވެސް ވާޅުވާން ވެއްޖެއެވެ. ނަމަވެސް ކޮޅަށް ތެދުވޭނެހާވެސް ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. އަހަރެން ފޮށި ކައިރީ އެހެން އިށީދެފައި ހުއްޓާ އުމައިރުއައިސް ވަނެވެ. އަދި އަހަރެން ކައިރީ ކަކޫ ޖައްސައިގެން އިށީނެވެ. އުމައިރު އަންގަޔަކުން ނުބުނެއެވެ. އަހަރެން އެއްޗެކޭ ބުނަން ދެން އިންތިޒާރު ކުރީކަންނޭގެއެވެ. ” ކީއްވެ އަހަރެން ކައިރީ ނުބުނީ…” އަހަރެންނަށް ޝަކުވާ ކޮށްލެވުނެވެ. ” ތީ ސަމީރުގެ މަންމަ އަބަދުވެސް ގެންގުޅޭ ފޮތެއް.. ދުވަހަކުވެސް ކުރިއަކުން ނުބަލަން..މަންމަ އެފޮތް ގެންގުޅެނީ ކޮންކަމަކުތޯ…އަހަރެން ހީކުރީ އެއީ މަންމަ ކިޔަން ގެންގުޅޭ ފޮތެއްކަމަށް… އަހަރެން ކިހިނެއް ސަމީރު ކައިރީ ބުނާނީ… އެކޮޅަށް ގޮސްގެންވެސް ސަމީރުކައިރީ ބުނެވޭތޯ ވަރަށް މަސައްކަތް ކުރިން… ދެދުވަހަކު ސަމީރު ގޭގައި ހުއްޓާ ދިޔައިން… އެކަމަކު ދޮރޯށި ހުޅުވަނީ އަމްނާ… ދެން ސަމީރުއަށް އެނގޭނެ ނުބުންޏަސް ކަންތައް ވާނެގޮތް…އެކަމަކު މަންމަ އާދޭސް ކުރާވަރުން އެންމެ ފަހުން މަންމަ ގޮވައިގެން ދިޔައީ…އުންމީދު ކުރިން އެދުވަހު ދިމާވާނެ ކަމަށް…އެކަމަކު އެދުވަސްވެސް ވީ ސަމީރު ގޭގައި ނޫޅޭ ދުވަހަކަށް… އެތަނުން މަންމަ ނިކުމެގެން އަންނަން ޖެހުނީ އެތައް ހިތްދަތިކަމެއްގައި..އަހަރެންގެ ހިތައް ފަހުން އެތައް ފަހަރަކު އެރި މަންމަ ގޮވައިގެން ނުދެވުނު ނަމައޭ… އެދުވަހު ގެއަށް އައިސް މަންމަ ބުނެގެން އަހަރެން މަންމަ ވެއްދީ މަންމަ އުޅޭ ކޮޓަރިއަށް… އަހަރެން ހީކުރީ މަންމަ އެކަނިވެލަން ބޭނުންވީކަމަށް… އެހެންވެ މަންމަ ބަހައްޓައިފަ ޒީނާ ކައިރީ ވީގޮތް ކިޔައިދީފަ…މަންމައަށް ބެލުމަށް ބުނެފަ..އަހަރެން ދިޔައީ މިސްކިތައް… އެދުވަހު ރޭގަނޑު މަންމަ އަހަރެންގެ އަތައް މިފޮތް ދިނީ… ދީފަ ބުނި.. މި ފޮތުގެ ބޭނުން ކޮންމެވެސް ދުވަހަކުން ސަމީރުއަށް ކޮށްފާނޭ… ދެން ރަށަށް ދާފަހަރަކުން މިފޮތް ގެންގޮސް މަންމަ އުޅޭ ކޮޓަރީގެ މޭޒުމަތީ ބާއްވާލަދޭށޭ… އަހަރެން މަންމަގެ އެއެދުން ފުއްދައިލަދިނިން… އެފޮތް އަހަރެންގެ އަތައް ދިންތާ.. ތިންވަނައަށް ވި ދުވަހު މަންމަ ވަރަށް ގަދަޔަށް ހޮޑުލައި ..ހޮޑާއެއްކޮށް ލޭވެސް ލައިފައި އެންމެ ފަހު ނޭވާ މިދުނިޔެއަށް ދޫކުރީ… ޑޮކްޓަރ މަންމަ ބަލައިފަ ބުނި… ހިތްފަޅައިގެން މަރުވީ ކަމަށް… މަންމަ އަހަރެމެންނާ ވަކިވި ދުވަހުވެސް ވަޅުލުމުގެ ކުރިން އެޚަބަރު ހިފައިގެން ދިޔައިން…އެދުވަހު އަހަރެންނަށް ސަމީރުއާ ދިމާވި…އެކަމަކު އަހަރެން ބުނި އެއްވެސް އެއްޗެއް ސަމީރުއަކަށް ނޭނގުނު…ސަމީރު ހުރީ މަސްތުގެ ޙާލަތުގަ…ސަމީރު އަހަރެންނާއި ދިމާލަށް އެދުވަހު ބުނިން… މަރުވެފައި މީހަކު އޮތްނަމަ ވަޅުލާށޭ ނޫންނަމަ އަންދާލާށޭ…ތިމަންނަޔަކާ ކޮންކަމެއްހޭ… އަހަރެން ބޭކާރު ވަގުއްތަކެއް ހޭދަ ކޮށްލަން އެތާކު މަޑެއް ނުކުރަން…އެމަންމައަށް ވެސް ރަގަޅުވާނީ އަވަހަށް ވަޅުލުން ކަމަށްވާތީ…” އުމައިރު އެފަހުން ކަންތައްވި ގޮތް ކިޔައިދިނެވެ.

އަހަރެން މިދުނިޔޭގައި އިތުރަށް އުޅުނު ނަމަވެސް އަހަރެންނަށް ލިބޭނީ ކޯއްޗެއް ހެއްޔެވެ. އެއީ އަހަރެން ބަނޑު އަޅާ ވިހޭ މައިމީހާއެވެ. އަހަރެން ދަމާފައި ނަމަވެސް ނަރަކައިން ސަލާމަތްކޮށްދޭން މަސައްކަތް ކޮށްދެމުން އައި މައިމީހާއެވެ. އެދެމީހުންނާ މެދުވެސް އަހަރެން ކަންތައް ކުރީ ހާދަ ނުބައި ކޮށެވެ. ހާދަ އިހާނެތިކޮށެވެ. އަހަރެން ދެން ކަންތައް ކުރާނެ ގޮތެއްވެސް ނުވިސްނެއެވެ. ” އުމައިރު އަހަރެން ދެން ހަދަންވީ ކިހިނެއްތަ؟… އަހަރެންނަށް މުޅި މިދުނިޔެވެސް ލައުނަތް ދޭނެ… އަހަރެންގެ ފާފަތައް ކަނޑުގެ ފޮނުތަކަށްވުރެންވެސް ގިނަ… އަހަރެން ދެން ދުނިޔޭގައި ކިތަންމެ ދުވަހަކު އުޅުނަސް އަހަރެންނަށް ބާއްޖަވެރި ކަމެއް ނުލިބޭނެ…އަހަރެންގެ ފާފަތައް އެކަލާނގެ ފުއްސަވައިދޭނީވެސް ކިހިނެއް؟.. އަހަރެންގެ ސުވަރުގެ ވަނީ އެމަންމަގެ ފައިތިލަ ދަށުގަ…އަހަރެން ކިތަންމެ ވަރަކަށް ދުނިޔޭގައި ހުރެ ހެޔޮކަންތައް ކުރިޔަސް…އަހަރެންނަށް ލިބޭނީ ކޯއްޗެއް؟..” އަހަރެން އަޑުން އަޑުނަގައި ރޮމުން ބުނަމުން ދިޔައީމެވެ. ” އަހަރެން އަމިއްލައަށް މަރުވާން ވީތަ؟.. އަހަރެން ކިހިނެއް މިދުނިޔެއާ ކުރިމަތި ލާނީ… އަމްނާ އަހަރެންގެ މުޅި ދުނިޔެ ނަރަކައަށް ހަދާލައިފައި ހިނގައްޖެ…އަދިވެސް އޭނަގެ ކަންތަކުން އަހަރެންނަކަށް ސަލާމަތެއް ނުވެވޭ…” އަހަރެން ރޮމުން ބުނަމުން ދިޔައީމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

މި ހިތުން މަޤާމޭ މި ދެނީ 14

Next

އިމްތިޙާން 39

Next
December 11, 2020

އިމްތިޙާން 39

Previews
December 10, 2020

މި ހިތުން މަޤާމޭ މި ދެނީ 14

One Comment

  1. thiththaa says:
    December 11, 2020 at 12:23 am

    masha allah kudhu mi baives varah reethi

Comments are closed.

Next Episodeހިތި ނިމުން ( ފަހު ބައި )←


All Right Reserved!