Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީލޯބި

ހިތި ނިމުން 10

kudhoo Level 310 Stories100 Comments
October 27, 2020 4 Mins Read
3 Comments

އަހަރެންނަށް އިރުކޮޅަކަށް އެތާ މަޑުކޮށްލެވުނެވެ. ނަމަވެސް މަންމަ އިސްއުފުލާ އަހަރެންނާ ދިމާލަށް ބަލާވެސް ނުލައެވެ. އަހަރެން މަޑުމަޑުން ގޮސް މަންމަގެ ކޮނޑުމަތީ ބޯއަޅާލީމެވެ. އަދި މާފަށް އެދުނީމެވެ. މަންމަ ހިފަހައްޓާއިގެން ހުރި ކަރުނަތައް ލޮލުން ފޭދެން ފެށީ އެވަގުތުއެވެ. މަންމަ ގިސްލަގިސްލާފައި ރުޔެވެ. އަހަރެންނަށް އެމަންމަގެ ހިތުގައި ޖެއްސުނީ ކިހާވަރަކަކަން އިޙުސާސް ކުރެވުނެވެ. އެމަންމަ އުފާ ކޮށްލަދޭންވެސް އަހަރެން ނޫނީ އެހެން މީހަކު ހުރީއެއްވެސް ނޫނެވެ. މަންމަ އަހަރެންނަށް ހެޔޮހިތުން މާފްކުރިއެވެ.

*********************************************

އަހަރެން އެތެރެއަށް ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ. އެނދުގައި ޖައްސައިލި ތަނުން އަހަރެންނަށް ނިދިއްޖެއެވެ. ހޭލެވުނީ މަޣޮރިބު ގަޑި ޖެހެން ގާތް ވުމުން މަންމަ އައިސް ގޮވާލުމުންނެވެ. އަހަރެންނަށް އެހާ ފަސޭހައިން ނިދާލެވުނީ އިއްޔެ މޫދައް ގޮސްފައި އައިސް އެވަރުބަލިކަމުން ސަލާމަތް ނުވާތީއެވެ. ” ދަރިފުޅާ ނަމާދުގަޑި ޖެހިއްޖެ އަވަހަށް ދޭ މިސްކިތަށް…މަންމަ ވެސް މިދަނީ ނަމާދުކުރަން ތައްޔާރުވާން..” މަންމަ އަހަރެންނަށް ގޮވާލައިފައި ނިކުމެގެން ދިޔައެވެ. އަހަރެން ކުއްލިޔަކަށް ހަނދާންވީ އަދި އަސްރު ނަމާދު ނުކޮށް ހުރެވުނު ކަމެވެ. ނަމަވެސް އެހެން ކަމެއް ކުރުމަށް ވުރެ އަހަރެންގެ މުޅި ހަށިގަނޑަށް ވަނީ ކަންނެތްކަން ވެރިވެފައެވެ. އަމްނާގެ ހިޔާލުތައްވެސް ސިނކުޑިއަށް ވެރިވާން ފެށިއެވެ.  ނަމަވެސް އެހިޔާލުތަކުން ދުރުވުމަށްޓަކައި ފެންވަރައިލަންވަނީމެވެ. މަޢޮރިބުނަމާދަށް ބަންގި ދިން އިރުވެސް އަހަރެންނަށް އަދި ފެންވަރައިލައިގެން ނުނިކުމެވެއެވެ. އަހަރެން ނަމާދަށް ނުދާކަން މިގަޑީގައި މަންމަ ބޭރަށް ނިކުންނަމަ އެނގޭނެއެވެ.

އަވަހަށް ކޮޓަރިއަށްވަދެ ރީތި ވެލައިގެން ނިކުތީމެވެ. ނަމަވެސް އަހަރެންނަށް ހިނގައިގަނެވުނީ މިސްކިތް ހުރި ކޮޅުނޫން އަނެއް ކޮޅަށެވެ. އަހަރެންނަށް ގޮސް ހުއްޓިލެވުނީ އަމްނާއާ އަހަރެން ސަކަރާތް ޖަހަން އުޅުމުގެ ތެރޭގައި އަމްނާ އަޅައިގެންފައި ވެއްޓުނު ގާގަނޑު ކައިރީއެވެ. އެދުވަހު އަމްނާގެ ކަކުލުން ހަންމަށައިގެން ގޮސްފައިވެސް ހުއްޓެވެ. އަހަރެން އެތަނުގައި ފިރުމާދީ ފުމެވެސް ހެދީމެވެ. އަހަރެން އެގާގަނޑު ކައިރީ އިށީނީމެވެ. އިރުކޮޅެއް ފަހުން އަހަރެންގެ ސިނކުނޑި ދަތުރުކުރަން ފެށީ މިއަދުގެ މެންދުރު ވަގުތަށެވެ. އަހަރެން އެގަޑީގައި ތައުބާވީމެވެ. ނަމަވެސް އަހަރެންނަށް އިޚްލާސްތެރި ތައުބާއަކުން ތައުބާވެވިއްޖެ ހެއްޔެވެ. އަހަރެންނަށް ލިބުނީ މަންމަގެ ރުހުން އެކަންޏެވެ. އަހަރެން ހެއްދެވި ފަރާތުގެ ރުހުން އަހަރެންނަށް ލިބިއްޖެހެއްޔެވެ. ނޫނެކެވެ. އަހަރެންނަށް އެވަގުތު އެކަންތައް ކުރެވުނަސް އަހަރެންނަށް ފުރިހަމަ ތައުބައެއް ނުވެވުނެވެ. އަހަރެންނަށް އެކަލާނގެއަށް ބިރުވެތިއެއް ނުވެވުނެވެ. އަހަރެން ނަމާދުކުރަން ބޭނުން ނުވަނީއެއް ނޫނެވެ. ނަމަވެސް ހަމަ ނުކުރެވެނީއެވެ.

އަނެއްކާވެސް ތެދުވެގެން މިސްކިތައް ދާން ހިނގައިގަތީމެވެ. އަހަރެންނަށް ވަދެވުނުއިރު އިޝާ ނަމާދު ކުރަން ފަށައިފިއެވެ. ޖަމާއަތް ލިބުނީވެސް ކިރިޔާއެވެ. މިސްކިތުން ނިކުންނަމުން އެންމެނާ ސަލާން ކުރީމެވެ. އެންމެ ފަހަށް ތިބީ އަހަރެންނާއި ހަސަންބެއާ އަހަރެންގެ ރަޙުމަތްތެރިންނެވެ. ” ސަމީރު މިހާރު ހާދަ ނުފެނެއޭ.. ކިހިނެއްތަވީ… ސަމީރު ބަލީތަ؟..” ހަސަންބެ އަހާލިއެވެ. އެކުވެރިންތައްވެސް ބަލައިލީ އަހަރެން ދޭނެ ޖަވާބަކަށެވެ. އަހަރެންނަށް މިސްކިތު ތެރޭ ހުރެވުމުން ދޮގުހަދާކަށްވެސް ނުކެރުނެވެ. އަހަރެން ބަހެއް ނުކިޔުމުން ހަސަންބެ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ” ސަމީރު.. ނަމާދު އަޅާފައި ލިބޭނެ އުފަލެއް ނޯންނާނެ… ކަށްވަޅުގައި ކުރެވޭނެ ފުރަތަމަ ސުވާލުން ފާސްނުވެ އަހަރެމެންނަށް ލިބޭނެ ހިތްހަމަޖެހުމެއް ނޯންނާނެ.. އުޒުރެއް މެދުވެރި ނުވާހާ ހިނދަކު ގަސްދުގައި ނަމާދު އަޅައިފިނަމަ އެމީހަކީ އަހަރެމެން މުސްލިމުން ތެރެއިން ވާ މީހެކޭ ނުބުނެވޭނެ.. ހަސަންބެއަށް އިނގޭ ސަމީރު އަމިއްލައަށް ބޭނުންވެގެން ނަމާދުނުކޮށް ނުހުންނާނެކަން..އެކަމަކު ޝައިތާނާއަށް ކުރި ދީގެން އޭނާގެ ބަހަށް ހެއްލުމަށް ވުރެން މިދުނިޔޭގައި އިންސާނާއަށް ކުރެވޭނެ އެއަށް ވުރެ ބޮޑު ދެރަކަމެއް ނޯންނާނެ.. ޝައިތާނާ އަބަދުވެސް ބޭނުންވާނެ އޭނަގެ ސުވަރުގެއަށް އެންމެން ގެންދަން..ޚާއްސަކޮށް ސަމީރުމެން ކަހަލަ ކުދިން ތިމަޅީގައި ޖެއްސުމަކީ އޭނާއަށް ލިބޭނެ ވަރަށް ބޮޑު އުފާވެރިކަމެއް..” ހަސަންބެ އަހަރެންނަށް އެތައް ނަޞޭޙަތެއް ދިނެވެ. އޭގައި އެއްވެސް ގޯހެއް ނުވާކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އަހަރެންނަށް އެގޮތުގައި ހުރެވޭނީ ކިތައް މިނެޓް ވަންދެން ހެއްޔެވެ. މިއަދު ދޫކޮށްލެވުނު ދެ ނަމާދު ވެސް އަދި އަހަރެން ނުކުރަމެވެ. އެންމެން މިސްކިތުން ނިކުމެގެން ހިނގައިގަތުމުން އަހަރެންވެސް ފަހަތުން ހިނގައިގަތީމެވެ. ގެއަށް ދެވުނު އިރު މަންމަ ހުރީ ކާން ތައްޔާރުކޮށްގެންނެވެ. އަހަރެންގެ ދުވަސްތައް ފާއިތުވަމުން ދިޔައީ މިފަދަ ގޮތަކަށެވެ. ފަތިސް ނަމާދަށްވެސް އަމިއްލައަށް ބޭނުންވެގެން ނުތެދުވަމެވެ. މަންމަ ކިޔާވަރުން މިސްކިތައް ދެވުނަސް، އެހެން ކަމަކު މިސްކިތުގައި މަޑެއް ނުކުރަމެވެ. އެކަމުގެ ސަބަބުން އަހަރެންނާއި އަހަރެންގެ އެކުވެރިންވެސް ދުރުވަމުން ދިޔައެވެ. އަހަރެންނަށް އެމީހުން ދައްކާވާހަކަތައް މުހިއްމު ނުވަނީއެއް ނޫނެވެ. ނަމަވެސް އެމީހުން ބުނާގޮތަށް އަހަރެންނަކަށް ކަންތަކެއް ނުކުރެވެއެވެ.

ސްކޫލްގެ މަސައްކަތައްވެސް އަހަރެންނަކަށް ނުކުރެވެއެވެ. އެކަމުގެ ސަބަބުން ކިޔެވުމަށްވެސް ވަރަށް ބޮޑަށް ދަށްވެއްޖެއެވެ. ކިޔަވާހިތް ނުވަނީއެވެ. މަސައްކަތް ނަހަދާ ސްކޫލަށް ދާތީ އެތައް ދުވަހަކު މަންމަ ސްކޫލަށް ގެންގޮސްފިއެވެ. ނުވިތާކަށް ސްކޫލަށްވެސް ދެވެނީ ގަޑި ޖެހިގެންނެވެ. އަހަރެންގެ ރީތި އުޅުން ގެއްލުމުގެ ސަބަބުން އަހަރެންނަށް ނަސޭޙަތް ނުދޭ އެކަކުވެސް ހުންނާނެ ހެއްޔެވެ. މައިންބަފައިން އެހާ ވަރަށް ނަޞޭޙަތްދެއެވެ. އެކުވެރިންނާއި މުދައްރިސުންނާއި ހަސަންބެވެސް އެހާވަރަށް ނަސޭޙާތް ދެއެވެ. ނަމަވެސް އަހަރެންނަށް އެއިން އެއްވެސް ވާހަކައެއް ނުއިވެނީއެއް ނޫނެވެ. މަންމަމެން ދެރަކުރެވޭތީ އެކަމާވެސް އަހަރެން ދެރަވެއެވެ. ނަމަވެސް އަމްނާ ބުނި ފަދައިން މި އެންމެންގެ ބަސްއަހައިގެން އަހަންނަށް މިހާރު މިއުޅެވޭހާ މިނިވަން ކޮށެއް ނޫޅެވެއެވެ. އަހަރުގެ ފަހު އެގްޒާމްވެސް ނެގީ އަހަރެން މިހެން އުޅެނިކޮށެވެ. ޓެސްޓަށް ގޮސްވެސް އަހަރެންވަކި ޕޭޕަރެއްގައިވެސް ލިޔާނީ ކޯއްޗެއް ހެއްޔެވެ. އެއްވެސް މާއްދާއަކުން ކިޔެވި އެއްޗެއް ނޭނގެއެވެ. ކުރިން ކިޔަވާފަ ހުރި އެއްޗަކަށް ވިޔަސް މިހާރު ހަނދާނަކުއެއް ނެތެވެ.

އެއްޗެއް ނޭނގުނު ނަމަވެސް ބަރާބަރަށް ޓެސްޓަށް ވެސް ދިޔައީމެވެ. އެހެން ފަހަރު ތަކާ ޚިލާފަށް މި ފަހަރު އަހަރެންނަށް ލިބޭނެ ނަތީޖާއަކަށް އިންތިޒާރެއް ނުކުރަމެވެ. އަހަރެންނަށް ލިބޭ ނަތީޖާއަކުން އުފާވާނެ އެކަކުވެސް ނުހުންނާނެކަން އެނގެއެވެ. އަހަރެން މީ ކުރިން ސްކޫލުގެ ޓޮޕްގައި ހިމެނެމުން އައި ކުއްޖެކެވެ. ނަމަވެސް އަހަރެން މިފަހަރު އޮންނާނީ އެންމެ ފުލުގައި ކަން ޔަގީނެވެ. ނަތީޖާ ލިބުނު ދުވަހު އެންމެ ފަހުން ސްކޫލަށް ވަން ދަރިވަރަކަށްވެސް ހުންނާނީ އަހަރެންކަން ޔަގީނެވެ. މަތީ ވަނަތައް ހޯދި ދަރިވަރުންނަށް ސްޓޭޖްމަތިން ފޮތް ދޫކުރަމުން ދިޔައެވެ. އަހަރެން މިއަދު ގަންނަންވީ ލަދު ނޫން ހެއްޔެވެ. ނަމަވެސް އަހަރެންގެ ހިތައް މާ ބޮޑު އެއްޗެއް ނާރައެވެ. އަހަރެން ނަތީޖާ ހިފައިގެން ގެއަށް ދާންވާއިރަށް މަންމަ ހުންނާނީ އިންތިޒާރުގައިކަން އަހަރެންނަށް އެނގެއެވެ. ފޮތް ހިފައިގެން ގެއަށް ދިއުމުގެ ބަދަލުގައި އަހަރެން މުޅި ރަށުތެރޭގައި އެނބުރުނީއެވެ.  ގެއަށް އައިސް ވަދެވުނީ ރަތްވިލާވެސް އޮއްސުނު ފަހުންނެވެ.

” ދަރިފުޅާ މަންމަ ދަރިފުޅުގެ ދެފައިގައި ހިފާ އާދޭސް ކުރަން… ތިހެން ނޫޅޭ..މަންމަޔަށް އެނގޭ ދަރިފުޅު ގެއަށް ނައީ ދަރިފުޅަށް ލިބުނު ނަތީޖާ ރަގަޅު ނުވާތީކަން… ހުރިހާ ފަހަރެއްގައި ނަތީޖާ ރަގަޅު ނެވެވެސް ހިނގައިދާނެ.. މަންމަ އެކަމާ ހިތާމައެއް ނުކުރަން…މަންމަގެ އިތުރު ދަރިޔަކު ހުރީއެއް ނޫން… މިއަދުވެސް މަންމަމެން ލޯ ފިއިއްޖެއްޔާ މަންމަމެންނަށް ބޭނުންވާނީ ޞާލިޙު ދަރިއެއްގެ ފުށުން ލިބޭނެ ހެޔޮދުޢާ…މި މަންމަމެންނަށްޓަކައި ދުޢާއެއްވެސް ކޮށްލަދޭން ހުރީ ދަރިފުޅު އެކަނި… މަންމަ އާދޭސް ކުރަން ތި ގޮތް ދޫކޮށްލާ…ދަރިފުޅާ ފަހުނޭވާ ހޮޅިއަށް އެޅެންދެން ދަރިފުޅަށް ވަގުތު އެބައޮތް ތައުބާވާން… މަންމަ އާދޭސް ކުރަން..” މަންމަ ރޮއިރޮއިފާ އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް އަހަރެން ކުރާނީ ކީއްހެއްޔެވެ. މީ އަހަރެން ބޭނުންވެގެން ކުރި ކަމެއް ނޫނެވެ. އަހަރެން ރަގަޅަށް އުޅެން ބޭނުންވިޔަސް އަހަރެންނަކަށް ނޫޅެވެނީއެވެ.

ބައްޕަ ރަށަށް އައީ އަހަރެންގެ ނަތީޖާ ލިބުނު ހަފްތާގެ ފަހު ހަފްތާގައެވެ. އަހަރެން އިންތިޒާރު ކުރަމުންއައީ ބައްޕަ ރަށަށް އަންނާނެ ދުވަހަކަށެވެ. ” ބައްޕާ ދެން ފުރުން އޮތީ ކިހާ ހިސާބަކުތަ؟..” މެންދުރު ކާން އިށީދެފަ އަހަރެން އަހާލީމެވެ. ” ކިހިނެއްވީ..ދަރިފުޅު އެއްޗެއް ބޭނުންވީތަ؟..” ބައްޕަ އަހާލިއެވެ. ” އެއްޗެއް ބޭނުންވީއެއް ނޫން…ބައްޕަ ދާ ފަހަރަކުން އަހަރެން ބޭނުން ހަލީލްބެ މެންގެ ރަށަށް ދާން..” އަހަރެން ބުނެލީމެވެ. ” މަންމަ ދޯނީގަ ދަތުރު ކުރެވޭވަރަށް ވުރެ ބަލިކަން ދަރިފުޅަށް އެނގެއެއްނު… ބައްޕަޔާ ދެމީހުން އެއްކޮށް ދިޔާމަ މަންމަ އެކަނިވާނެ.. މަންމަ އެކަނި ބަހައްޓާފަތަ ދަނީ..” ބައްޕަ އަހާލިއެވެ ” އެއީ މަންމަ އެކަނި ވުމެއް ނޫނެއްނު.. ދެތިން ހަފްތާވަރުވާނީ.. އަނެއްކާވެސް އެނބުރި އަންނަނީއެއްނު..” އަހަރެން ބުނެލީމެވެ. ” މަންމަޔަށް އެންމެ ރަގަޅު ދަރިފުޅު ދިޔަޔަސް.. އެކަމަކު ބަލައިގެން ރަގަޅަށް އުޅެންޏާ މަންމަ ހުންނާނީ ހިތްހަމަ ޖެހިގެން..” މަންމަ ބުންޏެވެ.

މަންމަ އެއްބަސްވާނެ ކަން އަހަރެންނަށް ކުރިންވެސް އެނގެއެވެ. އަހަރެން އެކޮޅަށް ދިޔާމަ އަމްނާ އުފާވާނެ ވަރު އަހަރެންނަށް އިޙުސާސް ކޮށްލެވުނެވެ. ފުރާދުވަސް ޖެހެންދެން އަހަރެން އެތައް ހިޔާލީ ފޮލާތައް ކެއްކީމެވެ. މަންމަޔަށް އަލްވަދާއު ކިޔުމަށްފަހު އަހަރެން ދޯންޏަށް އެރީމެވެ. މަންމަގެ ލޮލުން ކަރުނަ ފޮހުނު ތަންވެސް އަހަރެން ދުށީމެވެ. އަލަށް މަންމަޔާ ވަކިވެގެން ތަނަކަށް ދާއިރު އެހެންވާނެކަން ވެސް އަހަރެންނަށް އެނގެއެވެ. އަހަރެމެންނަށް އެރަށަށް ދެވުނީ ރޭގަނޑުން ދިހައެއް ޖަހާފައި ހުއްޓައެވެ. އަހަރެން ދާކަން ހަލީލްބެ މެންނަށްވެސް އޮތީ ނޭނގިފައެވެ. ސިޓީ ފޮނުވައިގެން ނޫނީ އެނގޭނެ ގޮތެއް ނެތީމައެވެ. އަހަރެމެން ދިޔައިރު އަމްނާގެއަކު ނޫޅެއެވެ. ނަފީއްސައްތަ އަވަހަށް އުޅުނީ އަހަރެމެން އުޅޭނެ ތަނެއް ދައްކާށެވެ. އަހަރެންނާ ބައްޕަޔާ އުޅެން އެއް ކޮޓަރި ދިންއިރު އަހަރެން އުޅޭ ގެއަށްވުރެން ބޮޑުކަމަށް ދައްކައެވެ. ތެޅިގަލުން ރާނާފައިވާ ހަތަރުކޮޓަރިއަކާ ބަދިގެއެއް އެއްކޮށް ރާނާފައި ހުއްޓެވެ.  ނަމަވެސް ފާޚާނާ ކުރަން ދާން ޖެހެނީ އަތިރިމައްޗަށެވެ. ނޫންނަމަ ގިފިލީގައި ވަޅުކޮނެގެންނެވެ. އަހަރެންނަށް އެއީ މާ ބޮޑުކަމަކަށް ނުވެއެވެ. އެއީ އަހަރެންވެސް ރަށުގައި އުޅުނު ގޮތްކަމުންނެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..31

Next

ތިން ލަފްޒުން (7)

Next
October 28, 2020

ތިން ލަފްޒުން (7)

Previews
October 27, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..31

3 Comments!

  1. NERF says:
    October 27, 2020 at 8:56 pm

    Kudhoo, varah reethi mibaives ingey mashaallah, waiting for next part

    1. kudhoo says:
      October 28, 2020 at 7:23 am

      ?? Thank you NERF??

  2. thiththaa says:
    October 29, 2020 at 2:46 pm

    masha allah kudhu varah furihama mibaives… cant wait for next ep

Comments are closed.

Next Episodeހިތި ނިމުން 11←


All Right Reserved!