ހިތި ނިމުން 9
ނަމަވެސް މިއަދު އޭނަގެ އަންހެންދަރީގެ ހުރި ޖާސޫސުކަން ބޮޑުކަމުން ވަލީލުދުމެންގެ ދެލޮލުގެ ކޮއި ވަނީ މަގުން ކައްސައިލައިގެން ގޮސްފައެވެ. އޭނަގެ ފަރާތުން ވަލީދުމެންނަށް ލިބިގެން މިދިޔަ ހިތްދަތިކަމުގެ އަގު ހަލީލް އަނބުރާ ދޭނީވެސް ކިހިނެއްހެއްޔެވެ. އެތައްފަހަރަކު އަމްނާ ގޮވައިގެން ނާދެވުނު ނަމައޭ ހިތައް އެރިއެވެ. އެހެން ނަމަވެސް ނަމަޔަކުން ކެއްކޭނެ ރިހައެއް ނޯންނާނެތާއެވެ.
*************************************************
ބައްޕަ ދައްކަން ބޭނުންވި ވާހަކަ ނިމުމުން ބަދިގެއާ ދިމާލަށް ދާން ހިނގައިގަތެވެ. ހަލީލްބެ ވެސް މަޑު ހިނގުމެއްގައި ފަހަތުން ދިޔައެވެ. ” އޭ ކޮން ހިޔާލެއްގަ… ނިމިގެން އައިސް ހާދަ ވަރަކަށް ގޮވާފީމޭ..” އަމްނާ އަހަރެންގެ ކޮނޑުގައި ޖަހާލަމުން ގޮވާލިއެވެ. ބޮލުގައި ތުވާލި އޮޅާފައިވާއިރު އަތްދިގު މައްޗަކާ ފަލަ ހަރުވާޅެއް ލައިފައި ހުއްޓެވެ. މި ނޫނީ މިރަށަށް އައި ފަހުންވެސް މިހާ ދިގު އެއްޗެއް އަމްނާއަށް ލެވުނު ކަމެއް ނޭނގެއެވެ. ” އާނ! ނިމުނީތަ.. ދޭބާ ބަދިގެ ފަރާތައް ހޫނު އެއްޗެއް ބޯލަން…މަންމަ ކައިރީ ބުނީމަ ހަދާދޭނެ..” އަހަރެން އެހެން ބުނެފާ ތެދުވެގެން ފެންވަރަން ވަނީމެވެ.
އެހާ ލަސްގަޑިއެއްގައި ތެމުމުން އަހަރެން އަޅަމުން ދިޔަ ކިބިއްސްތައް މަދުވާގޮތެއް ނުވިއެވެ. ކައިގެން ނިދަން އޮށޯއްފަހުންވެސް މަންމަ އަހަރެންނަށް ދެފަހަރު ހޫނުކޮށް ހުރި ލުބޯ ފަނިތައްޓެއްވެސް ދީފިއެވެ. ހައްތަހާވެސް އަހަރެން ބަލިވެދާނެތީ މަންމަ ކަން ބޮޑުވަނީއެވެ. ނަމަވެސް މަންމަ އަނގަޔަކުން ނުބުނެއެވެ. މަންމަ އަނގައިން ނުބުނިއެއްކަމަކު މަންމަ ކޮއްދޭން ޖެހޭ ކަންތަކުގެ އެއްވެސް ކަމެއް އުނިއެއްނުކުރެއެވެ. ރޭގަނޑުން ދަންވިއިރުވެސް އަހަރެންނަށް ނިދޭ ގޮތެއްނުވިއެވެ. އަހަރެންނަށް ނިދެން ފެށުނީ މަންމަ އަހަރެންގެ ބޯ މޮޑެލަދޭން ފެށުމުންނެވެ. އަހަރެން ހޭއެރީ ބައްޕަ އަހަރެންނަށް ގޮވަން ފެށުމުންނެވެ. އޭރު ބައްޕަގެ ބޮލުގައި ތާކިހާ އޮތް ގޮތުން ބައްޕަ އެހުރީ މިސްކިތައް ދާން ތައްޔާރުވެގެންކަން އެނގެއެވެ. ނަމާދު ގަޑި ޖެހިއްޖެ އަވަހަށް ތެދުވާން ބައްޕަ ބުންޏެވެ. އަމްނާ ފުރަންޖެހޭކަން ހަނދާންވުމުން އަހަރެން އަވަހަށް ތެދުވެ ފަތިސްނަމާދަށް ދާން ތައްޔާރުވީމެވެ. އަހަރެންނަށް ފަތިސްނަމާދު ކުރެވުނަސް އެކަމުން ހިތްހަމަޖެހުމެއް ނުލިބުނެވެ. ލިބޭނީވެސް ކިހިނެއްހެއްޔެވެ. އަހަރެން ހިތް އޮތީ ގޭގައެވެ. އަހަރެންނަށް ހީވަނީ އަމްނާ އަހަރެންނަށް ނުފެނި ހިނގައިދާނެ ހެންނެވެ.
ނަމަވެސް އަހަރެންގެ ސިނކުޑީގެ އުނިކަމުންކަންވެސް ނޭނގެއެވެ. ބައްޕައާ ހަލީލްބެވެސް ހުރީ އަހަރެންނާ އެއް މިސްކިތެއްގައެވެ. އެމީހުން އަހަރެން ކައިރީ ހުއްޓާ އަމްނާއަށް ފުރާގެން ދެވޭނީވެސް ކިހިނެއް ހެއްޔެވެ؟ ދެކޮނޑަށް ސަލާމް ދެވޭލެއް އަހަރެނަށް ހުރީ ލަސްވެފައެވެ. އިމާމުމީހާ ސަލާން ދިންތަނުން އަހަރެން ފުންމައިގެން ތެދުވުނީމެވެ. އެހެން މީހުން ކިޔާނެ އެއްޗަކަށް ވިސްނުމެއް ނެތި އަވަސް ފިޔަވަޅެއްގައި އަހަރެން ނިކުމެގެން އައިސް ގެއަށް ވަނީމެވެ. އެހެން ދުވަހު އަމްނާ އަވަހަށް ނުތެދުވުނަސް މިއަދު ތެދުވާނެކަން އަހަރެންނަށް އެނގެއެވެ. ” ސަމީރު ކިހިނެއް ފައިވާނު ލާގެން ތިހުރީ..” ގޭގެ ވަންނަ ފާރު ކައިރީގައި ހުއްޓިލައިގެން ހުރި އަމްނާ ބުންޏެވެ. އަހަރެންނަށް ބަލައިލެވުނީ އަހަރެންގެ ފަޔަށެވެ. އޭރު އަމްނާ ބިނދިބިނދިފައި ހެނީއެވެ. އަހަރެންގާތަށް ވެސް ހިނިއައެވެ. އަހަރެން އަނެއްކާ ވެސް މިސްކިތާ ވީކޮޅަށް ހިނގައިގަތީމެވެ. އަހަރެން މަޑުން ހިނގާލާފައި ދިޔައީ ކައިރީ އޮތް ގޯޅިއަށް އަޅާ ލެވެންދެނެވެ. ގޯޅި އެޅުމާއެކު ގައިގައި އޮތްހާ ބާރެއްލާ ދުއްވައިގެންފީމެވެ. އަހަރެންނަށް ލެވިފައިވަނީ ފަޔަށް ވުރެ ބޮޑު އެއްފައިވާން ކިބައާ ފަޔަށް ވުރެން ކުޑަ ފައިވާން ކިބައެކެވެ. އެވަރުގެ ކަމެއް ވެގެން ދިޔައިރު އަހަރެންގެ ހިއްސުވެސް ކޮބާ ހެއްޔެވެ. ހަމަގައިމުވެސް ލޮލުގަ ނުފެންނަ މީހާއަށްވެސް އޭނާގެ އެއްޗިހި ވަކިކުރަން އެނގޭނެކަން ގައިމެވެ. އަހަރެން ވަންއިރު އެންމެ ފަހަށް މިސްކިތު ބޭރުގައި ހުރީ އަހަރެންގެ ބައްޕައާ ހަލީލް ބެއެވެ. އޭގެ އިތުރުން މިސްކިތާ ކައިރި ގެއެއްގެ މީހެއް އޭނަގެ އަހަރެމެންނަށް ވުރެން އުމުރުން ކުޑަ ކުއްޖަކާއެކު ހުއްޓެވެ. ހަސަންބެ އާދަވެގެން ކުރަމުން އަންނަ މަސައްކަތުގައި ހުއްޓެވެ. އަހަރެންގެ އެކުވެރިންވެސް ހަސަންބެގެ ވާހަކަތައް އަޑުއެހުމަށް މިސްކިތު ތެރޭ ތިއްބެވެ.
އަހަރެންނަށް ކުރެވުނު ކަންތަކާ މެދު ލަދު ގަންނަ ގޮތްވިއެވެ. އަހަރެންގެ އެއްފައިގައިވީ ބައްޕަގެ ފައިވާންކިބައެވެ. އަނެއްފައިގައި ހުރީ އެ ފިރިހެން ކުއްޖާގެ ފައިވާން ކިބައެވެ. އަހަރެން ދިޔައިރު އެމީހުން މިސްކިތުގެ ބޭރު ފެންޑާގެ ތަޅުންމަތީ ބޭރަށް ފައިބައިލައިގެން އިންތިޒާރުގައި ތިއްބެވެ. އާންމުގޮތެއްގައި ސައިޒުން ތަފާތުވިނަމަވެސް އެންމެންވެސް އަރާ އުޅެނީ އެއްކަހަލަ ފައިވާނަކަށެވެ. ކޮންމެ މީހަކުވެސް އޮންނަނީ އެމީހަކުގެ ފައިވާނުގެ މަތީގައި ބޮޑުއަކުރުން އެމީހެއްގެ ނަމާ ގޭގެ ނަން ޖަހާފައެވެ. އެއީ ފައިވާން ވަކިކުރުމަށް ކޮށްފައި ހުންނަކަމެކެވެ. އަހަރެން އަވަހަށް ގަތްލަދާއެކު ފައިވާން ބަދަލުކޮށްލައިގެން ނިކުތީމެވެ. މިފަހަރު އަހަރެން ގެއަށް އައީ މަޑު ހިނގުމެއްގައެވެ. އަސްލަކީ އަހަރެން އަމްނާގެ ކުރިމައްޗަށް އަރަންވެސް ކުޑަކޮށްލަދުގަތީއެވެ. އަމްނާ އަހަރެންނާ ދިމާ ކުރާނެ ވަރު ހިތައް އަރާފައެވެ. ކަންވީވެސް އެހެންނެވެ. ދުރުން އަހަރެން ފެނުނުއިރުވެސް އަމްނާގެ ހުނުމުގެ އަޑު އިވެއެވެ. ” ހުވާ..ހެމުންހެމުން ގޮސް ބަނޑަށްވެސް އެބަ ތަދުވޭ..” އަމްނާ ބުންޏެވެ. ” ދެންވެސް މަރުކަޒަށް ގެންދަން ނުޖެހެނީސް ހުއްޓާލަން ވީއެއްނޫންތަ..” އަހަރެން ބުނެލީމެވެ. ބައްޕަ މެންނަށް އާދެވުނީވެސް އަމްނާ އަހަރެންނާ ދިމާ ކޮށްކޮށް ހުއްޓާއެވެ. ބައްޕަ އެއްޗެކޭ ނުބުންޏަސް ބައްޕަވެސް ހުރީ ހިނިއައިސްފަކަން އިނގެއެވެ. ސައިބޯން ވަނދެފަ ބައްޕަ ދެންމެ ދިމާވި ހާދިޘާ އެކޭ ކިޔާ މަންމަޔަށްވެސް އެވާހަކަ ކިޔާ ދިނެވެ. ނަމަވެސް މަންމަގެ މޫނުމަތިން އެއްވެސް ކުލައެއް ނުފެނެއެވެ. މިދުވަސްކޮޅު މަންމަ ހީވަނީ އޮއްސިފައިވާ ތަރިއެއް ހެންނެވެ. ސައިބޮއިގެން ފުރަންދާ މީހުން ފުރުވުމަށްޓަކައި އެމީހުންގެ ފަހަތުން އަހަރެންވެސް ނިކުތީމެވެ. އާންމުކޮށް ބައްޕަ ފުރާގަޑިއަށް މަންމަ އަބަދުވެސް އަތިރި މައްޗަށް ދާނެއެވެ. އަހަރެން ދަނީ ވަރަށް މަދުންނެވެ.
އަމްނާމެން ފުރާގެންގޮސް ލޮލުކޮޅަށް އެދޯނި ގެއްލެންދެންވެސް އަހަރެން ހުރީ ބަލަހައްޓައިގެންނެވެ. ދޯނި ލޮލުކޮޅަށް ގެއްލުމުން އަހަރެން އެނބުރި ބަލާލިއިރު މަންމަވެސް ވަރަށް ދުރަށް ހިނގާފައި ގޮސްފިއެވެ. އަހަރެން މަންމައާ އެއްވަރު ކުރުމަށްޓަކައި ދުއްވައިގަތީމެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނުތަނާ އަހަރެންގެ ފައި ބިމުގައި ތައްލެވި ކަހަލައެވެ. އަމްނާ ރަށުގައި ހުއްޓާ އެމަންމަ ކޮބައިތޯ އެއްފަހަރުވެސް އަހަރެން ބެލިން ހެއްޔެވެ. އެންމެ ފަހަރަކުވެސް މަންމަ ކޭތޯ ސައިބުއިތޯ ބެލިން ހެއްޔެވެ. ނަމަވެސް އަހަރެންނަށް ކިތަންމެ ކުޑަ ކަމެއްވިޔަސް މަންމަ ކޮށްދޭ ޚިދުމަތުން އަހަރެންނަށް މަދުވީ ކޯއްޗެއް ހެއްޔެވެ. ގަދަކަމުންވެސް ފިޔަވަޅު ނަގަމުން އަހަރެން ކުރިއަށް ދިޔައީމެވެ. މިއަދަކީ ސްކޫލު ދުވަހަވެ. އަހަރެންނަށް އަދި ދިން އެންމެ ފިލާވަޅެއްވެސް ހެދިފައެއް ނެތެވެ. ދަސްކުރަން ޖެހޭ އެއްވެސް އެއްޗަކަށް ބެލިފައެއް ވެސް ނެތެވެ. މަންމަގެ ފަހަތުން ގޮސް އަހަރެންވެސް ގެއަށް ވަނީމެވެ. މަންމައާ ކުރިމަތިލާން ނުކެރޭނެތީ އަހަރެން ގޮސްވަނީ އަހަރެންގެ ކޮޓަރިއަށެވެ.
ސްކޫލް ފޮތްތައް ނަގައިގެން ފިލާވަޅުތައް ހެދޭތޯ އުޅެގަތީމެވެ. ނަމަވެސް އަހަރެންނަށް އެކަން ކުރެވޭ ގޮތެއް ނުވިއެވެ. އެއްކޮޅުން އަމްނާގެ ހިޔާލެވެ. އަނެއްކޮޅުން މަންމައާ ކުރިމަތިލާނެ ގޮތަކާ މެދު ވިސްނެނީއެވެ. މެންދުރު ސްކޫލަށް ދިޔުމުގެ ކުރިން އާދައިގެ މަތިން އަހަރެން ފެންވަރައިލައިގެން ކެއުމަށްޓަކައި ނިކުތީމެވެ. މޭޒުމައްޗަށް ކާއެއްޗެހި ހޯދައިފައި ހުއްޓަސް އެހެން ދުވަހު އަހަރެން ވަގުތު ފޫހިކަމެއް ނުގެނެސްދޭ މަންމަ މިއަދަކު ނެތެވެ. ކާގެން އަހަރެން އަނެއްކާވެސް އެތެރެއަށް ވަދެ ޔުނިފޯމް އަޅައިގެން ސްކޫލަށް ދާން ނިކުތީމެވެ. ސްކޫލަށް ދާ މަގުމަތީ އަހަރެން އަބަދުވެސް ދަނީ މެންދުރު ނަމާދުކޮށްގެންނެވެ. ނަމަވެސް މިއަދު އަހަރެންނަށް ދެވުނީ މިސްކިތުގެ ފާރާ ހިސާބަށެވެ. އަހަރެން ނަމާދަށް ޣާފިލުވީ ކޮން ސަބަބަކާ ހެދި ހެއްޔެވެ. އަހަރެންނަށް މިކަމުން ހޭ މިލެވުނީ އަމްނާ ދިޔަފަހުންނެވެ. ހިލޭ އަންހެންނުންނާއެއްކޮށް އުޅުމަކީ އަހަރެމެންގެ ދީނުގައި ރަގަޅުކަމެއް ނޫންކަން އަހަރެންނަށް ނޭގެނީ ހެއްޔެވެ. ނޫނެކެވެ. ޝައިތާނާ އޭނާގެ ކެހިވެރިކަމުގެ ދަލުގައި އަހަރެން ރަގަޅަށް ބަންދުކޮށްލީއެވެ. އެކަމުން ސަލާމަތް ނުވާނެ މިންވަރަށެވެ. ނަމާދާމެދު އަހަރެން ލައްވާ އެތައް ދޮގުތަކެއް ހައްދައިފިއެވެ.
މަޑުމަޑުން މިސްކިތައްވަނދެ އަހަރެން ފުރަތަމަ ވެސް އެކަލާނގެ ޙަޟްރަތަށް ތައުބާވާން ބޭނުންވިއެވެ. އެހެން ކަމުން މެންދުރު ނަމާދަށް ބަންގި ދިނުމުގެ ކުރިން އަހަރެން ތައުބާ ވުމަށްޓަކައި ނަމާދު ކުރީމެވެ. އަހަރެންގެ ފާފަތައް ފުއްސެވުން އެދި އެތައްފަހަރަކު ދެންނެވީމެވެ. އަހަރެންގެ މައިމީހާގެ މާފް އަހަރެންނަށް ލިބުމަށް އެދި އެތައް ފަހަރަކު ދެންނެވީމެވެ. މެންދުރު ނަމާދަށް ބަންގިދިނީ އަހަރެން މިގޮތުގައި ހުއްޓައެވެ. މެންދުރު ނަމާދުކޮށްލައިގެން އަހަރެން ސްކޫލަށް ދިޔައީމެވެ. ނަމަވެސް އެއްވެސް ފިލާވަޅެއް ނަހަދާ ސްކޫލަށް ވަންނަން ޖެހުމުން ފަސްޖެހެވުނެވެ. އަހަރެންގެ ނަސީބުކަން ނޭނގެއެވެ. މިއަދު ފިލާވަޅުތައް ނިންމިތޯ އެއްވެސް މާއްދާއަކުން ނުބަލައެވެ. އެހެން ދުވަސްދުވަހު ގެއަށް އަންނަ މަގުތީ އަހަރެން އަންނަނީ އަސުރު ނަމާދު ކޮށްލައިގެންނެވެ. ނަމަވެސް މިއަދު އަހަރެން ބޭނުންވީ ގެއަށް ގޮސް ފެންވަރައިލައިގެން މިސްކިތައް ދާށެވެ. ގެއަށް ވަނުމުގެ ކުރިން އަހަރެން ވަނީ ބަދިގެއަށެވެ. މަންމަ ބަދިގޭގައި ނެތަސް ސައިހުރީ މޭޒުމައްޗަށް ހޯދައިފައެވެ. އަހަރެން ސައިބޮއިގެން ގެއަށް ވަންނަން އައިރު މަންމަ އަށި މަތީ މުސްޚަފު ހިފައިގެން ޤުރުއާން ކިޔަވަން ހުއްޓެވެ. އަހަރެންނަށް އިރުކޮޅަކަށް އެތާ މަޑުކޮށްލެވުނެވެ. ނަމަވެސް މަންމަ އިސްއުފުލާ އަހަރެންނާ ދިމާލަށް ބަލާވެސް ނުލައެވެ. އަހަރެން މަޑުމަޑުން ގޮސް މަންމަގެ ކޮނޑުމަތީ ބޯއަޅާލީމެވެ. އަދި މާފަށް އެދުނީމެވެ. މަންމަ ހިފަހައްޓާއިގެން ހުރި ކަރުނަތައް ލޮލުން ފޭދެން ފެށީ އެވަގުތުއެވެ. މަންމަ ގިސްލަގިސްލާފައި ރުޔެވެ. އަހަރެންނަށް އެމަންމަގެ ހިތުގައި ޖެއްސުނީ ކިހާވަރަކަކަން އިޙުސާސް ކުރެވުނެވެ. އެމަންމަ އުފާ ކޮށްލަދޭންވެސް އަހަރެން ނޫނީ އެހެން މީހަކު ހުރީއެއްވެސް ނޫނެވެ. މަންމަ އަހަރެންނަށް ހެޔޮހިތުން މާފްކުރިއެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Masha Allah varah ? reethi mi part ves ? waiting for next part ??
??Thank you Nuzu???
Varah iburitheri vaahaka eh next part ge inthixaaru ga.thanks kudhoo
?? Thank you zaa??