ހިތި ނިމުން 8
” އަނ! އަހަރެމެންނަށް ނަމާދެއް ދޫކޮށްލެވުނަސް އެހާވަރު ކުރާނެ… އެކަމަކު އިއްޔެވެސް އަސުރުގަޑި ޖެހުނު އިރުވެސް ލޮލަކަށް ދައްކާ ނުލާ…އަނެއްކޮޅުން ހަސަންބެ ދޭ ނަޞޭހަތުގައި އަޑުއަހާލަންވެސް މަޑެއްކޮށް ނުލަން…ހަސަންބެއާ އެއްކޮށް ޤުރުއާން ކިޔަވާލަން ތިބެވުނީމާވެސް ހިތްހަމަޖެހޭ ވާހަކަ އެންމެ ގިނައިން ދައްކާނީވެސް ސަމީރު… މިއަދު ހަސަންބެއަށްވެސް މިކަންތައް ފާހަގަ ވެގެން ދައްކައިފި..” އުމައިރު ބުންޏެވެ.
*********************************************
” ހަސަންބެ ކިޔައިދެނީ އަބަދު ކިޔައިދޭ އެއްވާހަކަތަކެއް… އާވަހަކައެއް ކިޔާދޭކަށް ނޫޅޭ..” އަހަރެން ބުނެލީމެވެ. ” ބަލަ.. ސަމީރުއެއްނޫންތަ ބުނީ އެއްވާހަކައެއް ދެއްކިޔަސް އޭގަ އަޑުއެހުމުން އަހަރެމެންނަށޭ ފައިދާވަނީ.. އެއީ އަހަރެމެންނަށް ގިނަގިނައިން އެކަލާނގެ މަތިން ހަނދުމަކުރަން ލިބޭ ރަނުގެ ފުރުސަތެކޭ..” އަހަރެންނަށް އެއްޗެކޭ ނުކިއިގެން އުޅެނިކޮށް ގޭތެރެއިން އަމްނާ ނިކުތެވެ. އަހަރެންގެ ރަޙުމަތްތެރިން ކުރިމަތީ އަމްނާ ލައިގެން ހުރި ހެދުމުން ކޮންމެވެސް ވަރެއްގެ ލަދުވެތިކަމެއް އަހަރެންނަށް ވެރިވިއެވެ. ނަމަވެސް އަމްނާގެ ރީތިކަން މިހާރު އެމީހުންނަށްވެސް އިނގޭނެތީ އަހަރެން އެކަމާ އުފާވިއެވެ. ” މީ ސަމީރުގެ ރައްޓެހިންތަ؟.. އަހަރެންނަށް ކިޔަނީ އަމްނާ… އަހަރެންވެސް މީސަމީރުގެ ރައްޓެއްސެއް…ބޮޑަށް ރަގަޅީ އެއަށްވުރެ ގާތްކޮށް ދެކުނިއްޔާ..” އަހަރެންނަށް ވިސްނާލެވުނީ އެކުވެރިންގެ ހިތައް އަރާނެ އެއްޗަކާމެދުއެވެ. ނަމަވެސް އެކަން މޫނުމަތިން ދައްކާ ނުލަމެވެ. އަމްނާ އެމީހުންނާ ސަލާން ކުރުމަށްޓަކައި އަތްދިތް ކޮށްލިއެވެ. ނަމަވެސް އެއަތުގައި އެމީހުން ނުހިފާނެކަން މާކުރިންވެސް އަހަރެންނަށް އެނގެއެވެ. އެއްލިކަޅިއަކުން އަހަރެންނަށް ފެނުނީ ހިތާމަވެރިކަމުގެ ސާލެއްލައިގެން މި ހުރިހާ މަންޒަރެއް ބަލަހައްޓައިގެން އިން އަހަރެންގެ މަންމައެވެ. ނަމަވެސް އެމަންމަ ފެނުނު ކަމަކަށް އަހަރެން ނަހަދަމެވެ. އެއީ މަންމަ އަހަރެންގެ މިއުފަލަށް މަރުޙަބާ ނުކިޔާނެކަން އެނގޭތީއެވެ. އެމީހުން ސަލާން ނުކުރުމުން އަމްނާ އަހަރެންގެ ކައިރީ ފައިމަތީ އަތްބާއްވައިގެން އިށީދެއްޖެއެވެ.
އޭރު ރަޙުމަތްތެރިން ވަނދެގެން އަންނާތީ އަށިން ތެދުވެ އިށީންގޮތަށް ދެފައި ހެއްލަ ހެއްލާ ހުރި އަހަރެންގެ ދެފަޔަށް މަޑުކަމެއް އައެވެ. އޭގެ އެއްވެސް ކަމެއް މޫނުމަތިން ނުދައްކައިވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ރަހުމަތްތެރިން ދަނީކަމުގައި ބުނެ ނިކުމެގެން ދިޔައެވެ. މަންމަވެސް އަހަރެމެންގެ މި މިމަންޒަރު ބަލަން ބޭނުންނުވާތީ އަނެއްކާވެސް އެ ދުންބަދިގެތެރެއަށް ވަދެއްޖެއެވެ. ކައްކާގަޑީގައި އެތާ އެތެރޭގައި ހުރުންވެސް ކުޅަދާނަ ނުވާނެކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އަހަރެން އެކަމަށް ފަރުވާލެއް ނުބަހައްޓަމެވެ. ” ފަތިހު ނިކުންނަން ބުނި މީހާ އަދި ކިރިޔާ ތި ނިކުމެވުނީ..” އަހަރެން ބުނެލީމެވެ. ” އަހަރެން ބުނީމެއްނު..އަހަރެންނަށް ގޮވަން..” އަމްނާވެސް ދޫނުދީ ބުންޏެވެ. ” ދޭ އަވަހަށް ސައިބޮއިލައިގެން އަންނަން.. މަންމަ އެބަހުރި ސައި ހޯދައިފަ..” އަހަރެން ބުނެލީމެވެ. ” ހިނގާ އަހަރެންނާއެއްކޮށް ސައިބޯން..” އަމްނާ ބުންޏެވެ. “ނޫން.. ދެންމެ އަހަރެން ސައިބުއީ.. އަމްނާ އަވަސްކޮށްލައިގެން އާދޭ..ވައިފޮދެއް ލިބޭތީ މިތާ ޖައްސައިލައިގެން މިއޮތީ..” އަހަރެން ބުނެލީމެވެ. ނަސީބަކުން އަމްނާ އިތުރު އެއްޗެކޭ ނުކިޔާ ގޮސް ސައިބޯންވަނެވެ.
އަހަރެމެން ބޭރަށް ނިކުންނަން ދިޔައިރު މަންމަ ބަލަހައްޓައިގެން ހުއްޓާ އަހަރެން ދުށީމެވެ. ނަމަވެސް އަހަރެންނަށް އެތަން ފެނުނު ކަމަކަށްވެސް ނަހަދަމެވެ. ދުނިޔެމަތީގައި އެންމެ ގިނަ ދަރުމައާ ޘަވާބު ލިބޭ އެއް އަމަލަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތާ އިހުސާންތެރިވީމަކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އަހަރެން އެކަމާ މިވަގުތު ނުވިސްނަމެވެ. މުޅި ދުވަހު އަމްނާއާއެއްކޮށް ބޭރުގައި ހޭދަ ކުރެވުނު އިރު އަހަރެންނަށް ދުނިޔެ ހިނގަނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އަމްނާގެ އެކިއެކި ވާހަކަތަކުގައި ޖެހި އަހަރެން އެތައް އިރެއް ހޭދަ ކުރީމެވެ. މެންދުރު ކަނަމަދު ބިންނަށް ވަލަށް ވަންގޮތަށް އެތާ ތެރެއިން އަހަރެމެންނަށް ނިކުމެވުނީ އަސުރުވެސް ފަހުންނެވެ. އެހާގިނަ މިދިލިގަސްތައް ހުރުމުން އަމްނާ އެތަނުން ނިކުންނަން ބޭނުންނުވީއެވެ. އެހެން ހުރެފަ ކޮންމެވެސް އެއްޗެއްގެ އަޑުއިވުމުން އައިސް ފުންމާފަ އަހަރެންގެ ކޮނޑަށްވެސް އަރާފާނެއެވެ. މިހުރިހާ ކަމެއްވެސް ވީ އަހަރެން ގަޔާވާ އަހަރެން ވަރަށް އުފާ ކުރުވި ކަންތައްތަކަށެވެ. މިއަދު އެންމެ ނަމާދެއްވެސް ނުކޮށް ދެވޭތީ އެހެންވެސް ހިތައް އަރައެވެ. ނަމަވެސް މި ވަގުތު ކޮޅު ދޫކޮށްލައިފައި އެހެން ތާކަށް ދާކަށްވެސް ބޭނުމެއް ނުވެއެވެ. ” ހިނގާ ދެން އެހެން ތަނަކަށްދާން…ތުނޑިއަށްވެސް އޯކޭވާނެ..” އަމްނާ ބުންޏެވެ. ދެމީހުން އެއްކޮށް ތުނޑިއަށް ފޭބުނު އިރު ފަހެއްވެސް ޖަހާފިއެވެ. އިރުއޮތްސެން ގާތްވުމުން ކުޑަކުދިން ގޮވައިގެން އުޅުނު އެންމެން ކަހަލަ ގޮތަކަށް އެއްގަމަށް އަރަމުން ދިޔައެވެ. އޭރު މަދުންނަމަވެސް ޒުވާން ގުރޫޕުތައް މޫދުގައި ތިއްބެވެ.
” މިރަށު ވަރަށް ގިނަމީހުން މިތަނަށް މޫދަށް އާދޭ ދޯ.. އަހަރެންވެސް ބޭނުން މޫދަށް އެރެން..” އަމްނާ ބުންޏެވެ. ” މިހާރު މޫދަށް އެރުމުން ފަތިހު ފުރަންވާއިރަށް ހެދުންތައް ނުހިކޭނެ..” އަހަރެން ބުނެލީމެވެ. ” އެ އޯކޭ ވާނެ… ޗުއްޓީގަ ސަމީރު އަހަރެމެންގެ ރަށަށް އަންނައިރު މި ހެދުން ހިފައިގެން އަންނާތި… ދެން އެދުވަސްކޮޅަށް އަހަރެންގެ ހަނދާނަކަށް ސަމީރުގެ އަތުގައި މިހެދުން ބާއްވާ..” އަމްނާ ބުންޏެވެ. އަމްނާ މިކޮޅަށް އައިފަހުން އަމްނާގެ ދެބަފައިން ހެދުންތައްވެސް ދޮންނަނީ މަންމަ އަމިއްލަ ދެއަތުންނެވެ. އަމްނާ އެހާވަރު ވެފައި ހުއްޓަސް އެފަދަ އެއްވެސް ކަމެއް ކޮށް ނޫޅެއެވެ. އަހަރެން އެއްދުވަހު އެވާހަކަ ދެއްކުމުން އެކަމަށް އަމްނާ އުޒުރުވެރިވިއެވެ. ” އަހަރެން އެގޮތަށް ދޮންނަން ވެއްޖިއްޔާ.. އަތުގެ ހަން ފޮޅޭނެ.. ރަށުގައި ހުންނައިރުވެސް ހެދުންތައް ދޮންނާނީ މަންމަ،..” އަމްނާ ބުންޏެވެ. ދެމީހުން އެއްކޮށް ދުވެލައިފައިގޮސް ދިޔަގަނޑަށް ފުންމާލީމެވެ. މި މަންޒަރު ބަލަން އެއްގަމުގައިވެސް މީހުން ތިއްބެވެ. ނަމަވެސް އަހަރެންގެ ހިތަކަށް މާބޮޑުއެއްޗެއް ނާރައެވެ.
އަހަރެމެންނަށް ގެއަށް ދެވުނުއިރު އިޝާނަމާދަށް ބަންގި ގޮވަނީއެވެ. ބޭރު ފޭރުގަހުގައި އެލުވާފައި އޮތް އުނދޯލީގައި އިށީންނަމުން އަމްނާ ކައިރީ ފުރަތަމަ ފެންވަރަން ވަންނަން އަހަރެން ބުނީމެވެ. ވަޅު ގިފިލިވެސް ހުންނަނީ ގެއާ ވަކިން ހަދާފައެވެ. ވަށާ ފަންވިޔެ ޖަހާފައިވާއިރު ދޮރު ހުންނަނީ ޓިނުގަނޑަކުން ހަދާ ވަކަރުކޮޅަކުން ތަޅުހަދާފައެވެ. ފެންވަރަން ވަންއިރުވެސް އަމްނާހުރީ ކޮންމެވެސް ވަރަކަށް ހީކަރުވާގެންފައެވެ. އަހަރެންވެސް ދުވަހަކު ދިޔަގަނޑަށް ނުދާ އިރެއްގައި ދިޔަގަނޑަށް ފޭބުމުން ފިނިވެ ރޯގާވައްތަރުވެސް ވިއެވެ. ގެއަށް އާ މަގުމަތީގައިވެސް އެހާވަރަށް ކިބިހި އެޅުނެވެ. ނަމަވެސް އަމްނާ ފަތިހު ފުރަންޖެހޭތީ އަހަރެން ބޭނުންވީ އޭނާ އަވަހަށް ހިކޭށެވެ.
އަމްނާއަށް ފެންވަރައިގެން ނުނިކުންނަނީސް ބައްޕައާ ހަލީލްބެ މިސްކިތުން ނިމިގެން ގެއަށް އައިސްވަނެވެ. ” ދަރިފުޅާ ތެމިގެން ކޮންކަމެއް؟.. މިއަދު ނަމާދަށް ދިޔައީ ކޮންމިސްކިތަކަށް ތަ؟..” ބައްޕަ އަހާލިއެވެ. ހަލީލްބެވެސް އޭރު ހުރީ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ހަލީލްބެގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަ ނުޖެހުމެވެ. ނަމަވެސް ބައްޕަގެ އަޑުން މަޑުމައިތިރިކަން އަހަންނަށް ފާހަގަވިއެވެ. ” ބައްޕާ އަހަރެން މިސްކިތައް ދާނެއެއްނޫންތަ..” އަހަރެން ބުނެލީމެވެ. ” ބައްޕަ ނާހަން ދޯ.. މިސްކިތައް ނުދަންހޭ..؟.. ބައްޕަ މި ބުނީ ދަރިފުޅު ދިޔައީ ކޮން މިސްކިތަކަށް ހޭ؟..” އަނެއްކާވެސް ބައްޕަ ބުންޏެވެ. އަހަރެން ކުޑަކޮށް ހިތްހަމަ ނުޖެހޭ ގޮތްވިއެވެ. ނަމަވެސް ބައްޕަ ކުރިމަތީ ދުވަހަކުވެސް ހަޅޭފަޅޭ ލަވާވައްތަރަށް މިއިން ދުވަހަކުވެސް އަހަރެން ވާހަކަ ދައްކާފައެއް ނުވާނެއެވެ. ” ކިހިނެއްވީ ބައްޕާ؟.. މަންމަ އެއްޗެކޭ ކީތަ؟..” އަހަރެންނަށް އަހާލެވުނެވެ. ” ދަރިފުޅަށް ބައްޕަ ކުރާ ސުވާލަށް ޖަވާބު ނުދެވިގެން އުޅެނީ ކީއްވެ؟.. ބައްޕަ ނުދައްކަމެއްނު މަންމަގެ ވާހަކައެއް؟..” ބައްޕަގެ އަޑުން މިފަހަރު ހިތްހަމަނުޖެހުން ފާޅުވިއެވެ. ނަމަވެސް ބައްޕަގެ އަޑުއައީ ޖެހިގެން ހުންނަ މީހާއަށްވެސް އަޑުނީވޭނެހާ މަޑުންނެވެ. ” ނުދަން.. މަދު ބިންނަން އުޅެނިކޮށް ބަންގި ގޮވީ.. އެހެންވެ ނަމާދަށް ނުދެވުނީ..” އަހަރެން ބުނެލީ އެއްވެސް ކަންބޮޑުވުމެއްނެތިއެވެ. ” ދަރިފުޅާ ތިއީ ނަމާދުނުކޮށް ހުންނަން ދެއްކޭނެ އުޒުރެއްތަ؟.. ދަރިފުޅަށް ބަންގިދޭގަޑި ޖެހެން ގާތްވުމުން އިނގޭ..ކުރަން ހުރި ކަމެއް ހުއްޓާފަ މިސްކިތައް ދެވެން ޖެހޭނެ.. ދަރިފުޅު ތިހާވަރުވީ އެންމެ ނަމާދެއްވެސް ގަސްތުގަ ދޫކޮށްފައެއް ނޫން.. ބައްޕަ މިއަދު ވަރަށް ދެރަވެއްޖެ.. އަނެއްކޮޅުން ދަރިފުޅޭ ކިޔާފަ މިހާރު މުޅި ރަށުތެރޭގަ އެތައް ވާހަކައެއް އެބަ ދެކެވޭ..” ބައްޕަ ބުންޏެވެ. ” ބައްޕާ މީހުން ކިޔާހާ އެއްޗެހި އަޑުއަހާގެން ދުނިޔޭގައި އުޅެވޭނެތަ.. އަހަރެން ގޯސްކޮށެއް ނޫޅެން… އަހަރެން ދިޔައީ އަމްނާއަށް ތަންތަން ދައްކާލަން… ދެން މަދުބިންނަން ވަނީ.. ދެން ދިޔައީ މޫދަށް…އެހެންމީހުން ނުދާ ތަނަކަށް އަހަރެންވެސް ނުދަމޭ…” އަހަރެން ބުނީމެވެ. ” ދަރިފުޅު މިހާރު ބައްޕަ ކުރިމަތީ ތިގޮތަށް ވާހަކަ ދައްކާ ވަރުވެއްޖެތަ؟.. ފެންވަރައިލައިގެން އެކަނިހުރެ ވިސްނާލާ… މިއަދު އެކަލާނގެ ރުހުން ހޯދުމަށް ދަރިފުޅަށް ކުރެވުނީ ކޮންކަމެއްކަން.. ދުވަހަކުވެސް ބައްޕަ ދެރަ ނުވާވަރަށް މިއަދު ދެރަވެއްޖެ.. ދަރިފުޅު މަޖާ ކުރަން ތަންތަނަށް ދިޔުމެއް ނޫން މައްސަލައަކީ… ނަމާދު ނުކުރުން…ދެން ދަރިފުޅަށް ވިސްނާލީމަ އެނގޭނެ ތިއުޅެވެނީ ރަގަޅަށް ނޫންކަން..” ހަލީލް ބަހެއް ނުކިޔާ ހުއްޓަސް އޭނަ ހުރީ ވަރަށް ދެރަވެފައެވެ. ވަލީދުގެ އެދަރިފުޅު މިއީ ހަލީލްއަށް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. އެދަރިފުޅުގެ ކިޔަމަންތެރިކަމާ ދީނަށް އޮތް ލޯބި ކުޑައިރުއްސުރެ ހަލީލް ދެކުނެވެ. މޫނިސާ، ވަލީދު ރަށުގަ ނެތަސް އެކަނިމާ އެކަނި އެދަރިފުޅަށް ދެމުންދިޔަ ތަރުބިއްޔަތު ހުދު ހަލީލްގެ ލޮލަށްވެސް ވަނީ ފެނިފައެވެ.
ނަމަވެސް މިއަދު އޭނަގެ އަންހެންދަރީގެ ހުރި ޖާސޫސުކަން ބޮޑުކަމުން ވަލީދުމެންގެ ދެލޮލުގެ ކޮއި ވަނީ މަގުން ކައްސައިލައިގެން ގޮސްފައެވެ. އޭނަގެ ފަރާތުން ވަލީދުމެންނަށް ލިބިގެން މިދިޔަ ހިތްދަތިކަމުގެ އަގު ހަލީލް އަނބުރާ ދޭނީވެސް ކިހިނެއްހެއްޔެވެ. އެތައްފަހަރަކު އަމްނާ ގޮވައިގެން ނާދެވުނު ނަމައޭ ހިތައް އެރިއެވެ. އެހެން ނަމަވެސް ނަމަޔަކުން ކެއްކޭނެ ރިހައެއް ނޯންނާނެތާއެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Masha Allah ? Varah reethi mi part ves ? waiting for next part
??Thank you Nuzu??
Masha allah kudhu …..love it as always …. varaha reethi mibaives ?❤️❤️❤️♥️
??Thank you thiththaaa??