ހިތި ނިމުން 5
” ހާދަ ބައިވަރު މީހުން އެއްފަހަރާ..” މީހުން ގިނަވާން ފެށުމުން އަމްނާއަކަށް ކަމަކު ނުދިޔައެވެ. އޭނާ ބޭނުންވީ އަވަހަށް އެހެން ތަނަކަށް ދިޔުމަށެވެ. ” ހުކުރު ދުވަހަކީ މިރަށު އެންމެން ގޮތަށް ޕިކްނިކް ހަދަން މިތަނަށް އަންނަ ދުވަހެއް..” އަހަރެން ބުނެލީމެވެ. ” ދެން އެހެން ވިއްޔާ ހިނގާ އެހެން ތަނަކަށް.. މީހުނަށް ފެނުނީމަ ސަމީރުއަކަށް ކަމަކު ނުދެއެއްނު..” އަމްނާ ބުންޏެވެ.
*************************************************
އަހަރެން އަމްނާ ގޮވައިގެން މައްޗަށް ދާން ހިނގައިގަތީމެވެ. ދެމީހުން އެއްކޮށްގޮސްފޭބީ އަނެއްކާވެސް އެހެން ދިމާލަކުން އަތިރި މައްޗަށެވެ. މަގޫގަސްތަކަކީ ރަށުގެ ހުރިހާ ދިމާލެއްގައިވެސް ގިނަ ގަހެކެވެ. އަމްނާ އޭނަ އަތުގަ ޖެހޭ މަގޫގަސްތަކުގެ ވަކިތައް އައީ ބިންނަމުންނެވެ. ” ވަރަށް ރީތި ދޯ މިގޮތަށް ގަސްތައް ހުރީމަ..” އަމްނާ ބުންޏެވެ. ” އާނ! އަމްނާމެންގެ ރަށުގަ ނުހުރޭތަ މި ކަހަލަ ގަސްތައް..” އަހަރެން އަހާލީމެވެ. ” ނޫން ހުރޭ އެކަމަކު މިރަށަށް ވުރެން ތަފާތުކޮށް… އާންމުކޮށް ރަށުގެ ހުރިހާ ދިމާލެއްގަވެސް ހިމުން ދޮންވެލި ހުންނަނީ..މިގޮތަށް ކަށިވެލިތަކެއް ނުހުންނާނެ.. ސަމީރު ދާންވީއެއްނު އަހަރެމެންގެ ރަށް ބަލައިލަން މި ފަހަރު ބޮޑު ޗުއްޓީއަށް..” އަމްނާ ބުންޏެވެ. ” މަންމަ މިހާރު ދޯނިން ދަތުރު ކުރާ ވަރަށް ވުރެންބަލި.. މަންމަ ދޯންޏަކަށް އަރާފިއްޔާ ހޮޑު ނުލަވާ ނުހުންނާނެ..” އަހަރެން ބުނެލީމެވެ. ” ބައްޕަ ދާ ފަހަރަކުން ސަމީރުއަށް ދެވިދާނެއެއް ނު؟..” އަނެއްކާވެސް އަމްނާ ބުންޏެވެ. ” އޭރުން މަންމަ އެކަނިވާނެ… މަންމަ އެކަނި ބަހައްޓާފަ ދިޔާމަ މަންމަޔަށް ކަމެއްވިޔަސް ބަލާނެ މީހަކު ނުހުންނާނެ؟..” އަހަރެން ބުނެލީމެވެ. ” ދެން ސަމީރުގެ މަންމަޔަށް ވެސް އެނގޭނެ ދޯ ސަމީރުވެސް ތަންތަނަށް ދާހިތްވާނެކަން…މަންމައަށް ނުދެވޭތީ ސަމީރުވެސް ތަނަކަށް ނުފޮނުވާ… ދެން ތީ ގޮތެއްނޫނެއްނު..” އަމްނާ އަނެއްކާވެސް ހިތްހަމަ ނުޖެހުމަކާއެކު ބުންޏެވެ. އަމްނާ ހިތްހަމަ ނުޖެހުނުކަން އެނގުމުން އަހަރެން ދަތުރަކު ދާހިތްވިއެވެ. މަންމަ އެކަނިވިޔަސް އަހަރެން ފޮނުވާނެކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އަހަރެންނަށް ނޭނގުނީ އެމަންމަ އަހަރެން މިވަރުކުރީ މީހަކުގެ ބަހަށް ހެއްލިގެން އެކަނިވެރިކޮށްގެން ނޫންކަމެވެ. މިހާ ހިސާބަށް އަހަރެން ގެންނަން އެމަންމަ ދުވާލާ ރޭގަނޑު ނިދި ނަގައިގެން އަހަރެންނަށް ޓަކައި އުފުލި ބުރަ ސިކުންތުކޮޅަކަށްވެސް އަހަރެންގެ ހަނދާނުން ކައްސައިލައި ފިއެވެ. އަހަރެންނަށް އެމަންމަގެ ހިތުގައި ޖެއްސުމުން ލިބޭނެ އަޒާބު ނޭނގެނީ ހެއްޔެވެ.؟ ނޫނެކެވެ. އަހަރެންނަށް ނޭގެނީއެއްނޫނެވެ. ކޮންމެ ދުވަހަކު މިސްކިތުގައި ހަސަންބެ އެތައްފަހަރަކު މައިބަފައިން ހިތުގައި ނުޖެއްސުމަށާ ބަލިވީމަ އަޅާ ލުމަށާއި މުސްކުޅި ވާ ދުވަހު އަޅާލާ އޯގާތެރިވުމަށް ނަސޭޙަތް ދެއެވެ. މައިންބަފައިން ހިތުގައި ޖެއްސި ބައެއްދަރިންނާއި ދޭތެރޭ ދިމާވެފައި ތީ ބައެއް ޙާދިޘާތައްވެސް ކިޔާދެއެވެ. ނަމަވެސް އަހަރެންގެ ސިކުނޑި އަހަރެންނަށް ނޭނގި ހުރެ ޣާފިލުކަމުގެ ތެރެއަށް ވަންނަނީއެވެ. ޝައިތާނާ ގޯލަށް ޖަހާ ބޯޅަތައް މިފަހަރު ކާމިޔާބުކަމާއެކު ގޯލަށް ވަންނަނީއެވެ.
” އަމްނާ ދެން ހިނގާ ގެއަށް ދާން.. މިހާރު އަސުރު ގަޑި ޖެހެން ކައިރިވެދާނެ..” އަހަރެން ބުނެލީމެވެ. ” އެއްކަލަ ސަމީރު.. ދެންމެ އަދި ކިރިޔާ އަތިރިއަށް މި ފޭބުނީ.. ފަހުންވެސް ކުރެވިދާނެއެއްނު؟..” އަމްނާ ބުންޏެވެ. ” ފަހުންވެސް ކުރެވިދާނެ…އެކަމަކު ގަސްދުގައި ނަމާދު ފަސްކޮށްލުމަކީ ރަގަޅު ކަމެއްނޫން.. އަމުދުން ފިރިހެނުން ޖަމާއަތުގައި ކުރާ ނަމާދު މާ ފައިދާ ބޮޑުވާނެ..” އަހަރެން ބުނެލީމެވެ. ނަމަވެސް އަމްނާ ގެއަށް ދާކަށް އެއްބަހެއް ނުވިއެވެ. އަމްނާ އެކަނި ބަހައްޓާފައި ގޮސްފިއްޔާ ހަލީލްބެވެސް ހިތްހަމައެއް ނުޖެހޭނެއެވެ. މިއީ އަހަރެން ނަމާދުކުރަން ފެށިއްސުރެ ފަސްކޮށްލެވުނު ފުރަތަމަ ނަމާދެވެ. ނަމަވެސް އަހަރެން ކަންބޮޑުވީ އިރުކޮޅަކަށެވެ. އަމްނާގެ ވާހަކަތަކުގައި ވަގުތު ދުއްވާލެވުނު ގޮތެއްވެސް ނޭނގެއެވެ. އިރު އޮތްސެންގާތްވީ ރަށުގެ ކުޅީ ސަރަހައްދުގައި އަހަރެމެން ތިއްބައެވެ. ” އަމްނާ ދެން ހިނގާ ދާން.. އަދި އަސުރު ނަމާދު ނުކޮށް މިހުރީ.. އަނެއްކޮޅުން މަޣޮރިބުގަޑި މި ޖެހުނީ..” އަސްރު ނަމާދުނުކޮށް ހުއްޓާ މަޣޮރިބު ވަގުތު ޖެހުމުން އަހަރެން ކަންބޮޑުވާން ފެށިއެވެ. ނަމަވެސް އަމްނާ ގެއަށް ދާން ޚިޔާލެއް ނުކުރިއެވެ. ނަމާދު ނުކުރުމުން ލިބޭނެ އަޒާބުގެ ވާހަކަ އަހަރެން އެތައްފަހަރަކު އަޑުއެހީމެވެ. ކަށަވަޅުގެ ފުރަތަމަ ސުވާލަކަށްވެސް ވާނީ ނަމާދާ ބެހޭ ގޮތުންކަން އަހަރެން ހަނދާނަށް އަންނަން ފެށިއެވެ. އަހަރެން ނަމާދުނުކޮށް ހުއްޓާ މިވަގުތުވެސް މަރުވެއްޖެއްޔާ އަހަރެން އެ ނަމާދަށް ޖަވާބު ދޭނީ ކިހިނަކުން ހެއްޔެވެ.؟. ” އަމްނާ ދެން މާދަމާވެސް އާދެވިދާނެ އެއް ނޫންތަ ބަލަން.” ހިތްހަމަ ނުޖެހުމާއެކު އަހަރެންނަށް ބުނެވުނެވެ. މެންދުރު ނިކުތްގޮތަށް ގެއަށް ނުދެވި ހަވީރު ސައިވެސް ނުބޮއި ހުރުމުގެ ސަބަބުން އަހަރެންނަށް ހައިކަންވެސް އިތުރުވިއެވެ. ” ދެން މާދަމާ އެކަންޏެއް ނު؟.. ދެން މިތާ ތިބޭއިރު އިރު އޮތްސޭ މަންޒަރު ވަރަށް ރީތިވާނެހެން ހީވަނީ..” އަމްނާ ދޫދޭކަށް ބޭނުންވާހެނެއް ހިއެއް ނުވެއެވެ.
” އަމްނާ އަހަރެން ވަރަށް ހައިވެސް އެބަވޭ.. ދެން ދަމާ ހިނގާ..މަންމަމެންވެސް މިހާރު ތިބޭނީ ލަސްވެގެން ކަންބޮޑުވެފަ..އަނެއްކޮޅުން އަހަރެން ނަމާދު ނުކޮށް ހުރިކަން އެނގިއްޖެއްޔާ ވަރަށް ބޮޑަށް ހިތްހަމަނުޖެހޭނެ..” އަހަރެން ހަމަ ހަޤީގަތުގައިވެސް ކަންބޮޑުވަމުން ދިޔައެވެ. އަހަރެން މީ ފިރިހެންކުއްޖެކެވެ. އަންހެންކުއްޖަކާއެކު އެކަނި ހުއްޓާ ކުރަން ނުވާވަރުގެ ކަމެއް ކުރެވިދާނެތީވެސް ބިރުގަނެއެވެ. އަނެއްކޮޅުން އަމްނާ އަހަރެންގެ އަތުން ދޫކޮށްލާކަށްވެސް ނޫޅެއެވެ. ” އެއްކަލަ މަންމަ ކަންތައް ބޮޑުވެދާނެތީ އުޅެން ފަށައިފި.. ބަލަ ނަމާދުވެސް ގަޟާވެސް ކުރެވެން އޮވެއެއްނު؟.. މި ދީނަކީ ސަމީރު ތިދެކޭހާ އުނދަގޫބޮޑު ދީނެއް ނޫނޭ.. ދެން ހިނގާ ސަމީރު ހައިވަންޏާ ބަނޑަށް އެއްޗެއް ނުލާ ނުހުރެވޭނެއެއްނު..” އަމްނާ އެހެން ކިޔާފަ ހިނގައިގަތެވެ. މިފަހަރު އަހަރެންގެ އަތުން ދޫކޮށްލާ ހިނގައިފައި ކުރިޔަށް ދިޔައެވެ. އަމްނާގެ މޫނުމަތިން އޭނާ ހުރީ ހިތްހަމަ ނުޖެހިކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އަހަރެންނަށް ވިސްނުނު އެންމެ ރަގަޅުގޮތަކީ އަޅައި ނުލުމެވެ. އަމްނާ ރުއްސަން އުޅެއްޖެއްޔާ މިރޭ ބާރަ ޖަހާއިރުވެސް ގެއަށް ދެވޭނެ ހެނެއް ހިއެއްނުވެއެވެ. އަނެއް ކޮޅުން އަމްނާއަށް ނޭނގުނީ ނަމާދު ގަޟާކުރެވެނީ އުޒުރެއް މެދުވެރިވެގެން ނުކުރެވޭ މީހުން ކަމެވެ. ނަމަވެސް އެހެން ބުންޏަސް އަމްނާގެ އަނގަޔަކުން ނާރާނެކަން އަހަރެންނަށް އެނގެއެވެ. އަހަރެމެންނަށް އައިސް ގެއަށް ވަދެވުނު އިރު މަޣޮރިބަށް ބަންގި ގޮވަނީއެވެ. ހިނގާލައިފައި މިސްކިތައް ދެވޭއިރު ނަމާދުކުރަން ފަށާފާނެތީ އަހަރެން މިސްކިތައް ދިޔައީ ބައްޕަ އަހަރެންނަށް ގަނެދީފައި ހުރި ބައިސްކަލުންނެވެ.
” ސަމީރު ކިހިނެއްވީ އަސުރަށް ނައީ..ހުކުރުން ފައިބައިގެންވެސް ވަލީދު ކައިރީ އަހާލުމުން އެނގުނީ އައިކަންވެސް.. އަސުރުންވެސް ނުފެނިގެން ވަލީދު ކައިރީ އެހުމުން ބުނި ނާންނަ ވާހަކަ.. އެހެން މިސްކިތަކަށް ދިޔައީ ހެންނޭ ހީވަނީ..” އަހަރެން ގަވާއިދުން މިސްކިތުން ފެންނާތީ އެކަން ފާހަގަ ނުވާނެ މީހަކު އެމިސްކިތައް ދާނެ ހެނެއްވެސް ހިއެއް ނުވެއެވެ. އަހަރެން ބުނާނެ އެއްޗަކާމެދު ވިސްނާލީމެވެ. ” އާނ! މެންދުރުން ނިމުނު އިރު މިއަދު މާބޮޑަށް ހައިވީމަ އަވަހަށް ދިޔައީ… ދެން އަސުރަށް ދިޔައީ އެހެން މިސްކިތަކަށް..” އަހަރެންނަށް އެހާ ބޮޑު ދޮގެއް ހެދުނީތީ ހައިރާންވެސް ވިއެވެ. އަދި ފަސްޖެހުމެއްނެތި އަހަރެންނަށް އެހެން ބުނެވުނު އިރު އަހަރެން ހެއްދެވި ފަރާތް އެކަން ދެނެވޮޑިގެން ނުވަނީ ހެއްޔެވެ. އަހަރެންނަށް މަޑުމަޑުން މިފަދަ ކަންތައް ކުރެވެމުން އަންނަ ކަމުގެ އިހުސާސްވަމުން ދިޔައެވެ. މިކަމުން އަހަރެންނަށް ލިބިދާނެ ކޯފާއަކާ މެދުވެސް ބިރުގަނެއެވެ. ނަމަވެސް އަހަރެންނަކަށް މިކަންތައް ހުއްޓައެއް ނުލެވެއެވެ.
ހަސަންބެއާ އިތުރަށް ވާހަކަ ދައްކާލަން މަޑުނުކޮށް އަހަރެން މިސްކިތުން ނިކުންނަށް ހިނގައިގަތީމެވެ. ” ސަމީރު ދަނީތަ.. މިއަދު ޤުރުއާން ކިޔަވަން މަޑުވެސް ނުކުރަންތަ؟..” އަނއްކާވެސް ހަސަންބެގެ ސުވާލާ ކުރިމަތިވިއެވެ. ” އާނ! އަސުރަށް ނިކުތް ގޮތަށް އަދި ގެއަށް ނުވަންނަން.. އެހެންވެ ވަރަށް ހައިވެފަ މިހުރީ..” އަހަރެން އަވަހަށް އެހެން ބުނެލާފައި ހިނގައިގަތީމެވެ. ” ސަމީރު..ކޮންތާކުތަ ތިއުޅެނީ.. އަހަރެމެން މަސައްކަތް ނިންމައިލައިފައި ހަވީރު ކުޅެން ދާންވެގެން ހޯދަން ދިޔައިރު ގެއަކު ނެތް..” އަހަރެންނަށް ބަލައިލެވުނީ ހަސަންބެ ހުރިތޯއެވެ. އަހަރެންގެ ނަސީބުކަން ނޭގެއެވެ. ހަސަންބެ އަދި މިސްކިތުތެރޭގައި ހުއްޓެވެ. އެހެން ނޫނަސް މީ ހަސަންބެ މިސްކިތުން ނިކުންނަ ގަޑިއެއް ނޫނެވެ. ” އުމައިރު އަހަރެންނަށް ހީވަނީ ސަމީރުއަށް އެއްޗެއް އަވަލައިފި ހެން.. ބަލާބާ އޭނަގެ މޫނުމަތިންވެސް ވެފައިހުރިލަސް އެބަ ފެނެއެއްނޫންތަ؟.” އަހަރެންގެ އެކުވެރިންތައް އަހަރެންނާއި ދިމާކުރަން ފެށިއެވެ. ނަމަވެސް އަހަރެން އެއަކަށް ރައްދެއް ނުދެމެވެ. ” ކިހިނެއްވީ އަނެއްކާ އެމަންޖެއާ ހިތާވީތަ؟..” މަޖަލަކަށް ހަދާފަ ރަޝީދު ބުންޏެވެ. ނަމަވެސް އެމީހުންނަކީ އެވައްތަރަށް އުޅޭ ބައެއް ނޫންކަން އަހަރެންނަށް އެނގެއެވެ. ކުދިންނާ ރައްޓެހިވެ އެކީގައި އުޅުން އެއީ އެމީހުންވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ” ކިހިނެއްވީ ކަލޭމެން މިސްކިތުން ނިކުމެގެން ތިއުޅެނީ..” އަހަރެން އަހާލީމެވެ. ” ސަމީރުތީ މޮޔައެއްތަ؟.. މިސްކިތަކީ އަހަރެމެން ބޭނުންހާ ވާހަކައެއް ދައްކަން ގޮސް ތިބޭނެ ތަނެއް ނޫނޭ..” އުމައިރު ބުންޏެވެ. ” އޯކޭ.. އަހަރެން ދިޔައީ އަދި ހަވީރު ސައި ނުބޮއެ މިހުރީ..” އަހަރެން ބުނެލީމެވެ. ” ސަމީރު އަހަރެމެންނަށް ހީވަނީ ތި ކުރެވެނީ ރަގަޅު ކަމެއް ނޫންހެން.. އެކުއްޖާއާ އެކު ތިހެން އުޅެން ނަހަދާ.. ސަމީރުއާ ގުޅޭ ކަހަލަ ކަމެއްވެސް ނޫން..” ޒާހިދު ބުންޏެވެ. އަމްނާއާ ގުޅުވާފަ އެއްޗެކޭ ބުނުމުން އަހަރެން ހިތްހަމަ ނުޖެހޭގޮތްވިއެވެ. ” އަހަރެން މިދަނީ ގެއަށް..” އިތުރު އެއްޗެއް ބުނުމެއް ނެތި އަހަރެންގޮސް ގެއަށް ވަނީމެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



Hey me first dhw… Vvvvv reethi mi part vx… Waiting for the nxt part… Lysm… Tc
??Yes first comment… Insha Allah… Tc??
Masha allah kudhu…. varah interesting mi vaahaka waiting for next part ??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
????Thank you thiththaaa????
Masha Allah kudhu .. varha interesting mi part ves waiting for next part????????????
???Thank you Nuzu???