މަޑު މަޑުން ސުކޫލް ގޯތި ތެރޭ ހިނގަމުން ދިޔަ އާރްޔަން ގެ ފިޔަވަޅުތަކައް ހުއްޓުމެއް އައީ ފެނުނު މަންޒަރުންނެވެ. އާރްޔަން ދެލޯ ބޮޑުވެގެން ދިޔައެވެ. ވަގުތުން ކަރުނަތައް ޖަމާވާން ފެށިއެވެ. އޭނަގެ ހިތައް ހީވީ މީހަކު އަރާ ޗިސް ޗިސް ކޮއްލިހެންނެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު އާރްޔަން ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. ދެލޯ އުނގުޅާލުމަށްފަހު އަލުން ބަލައިލީ އެ މަންޒަރު ބަދަލުވުމަށް އެދި އެދިއެވެ. ނަމަވެސް އާރްޔަން އަށް ޖެހުނީ މާޔޫސް ވާށެވެ. އާރްޔަން ގެ ފުރަތަމަ ލޯބި ނާކާމިޔާބު ވެގެން ދިޔައީއެވެ. ހަޔާތުގައިވެސް ހަމައެކަނި ލޯބިވި ކުއްޖާ އެވަނީ އެހެން މީހެއްގެ އަތު ތެރޭގައެވެ. މަލްދާ އޭނަ ދެކެ ލޯބި ނުވާކަން މިއަދު ޔަގީންވެއްޖެއެވެ. ނަމަވެސް ހިތައް މިހާ ތަދުވަނީ ކީއްވެބާއޭ އާރްޔަން ހިތައް އަރަމުން ދިޔައެވެ. ލޯބި ނާކާމިޔާބު ވުމުން ހަމަ ކޮންމެ މީހަކަށް ވެސް މިހެން ވޭ ހެއްޔެވެ؟ އާރްޔަން ހުރި ފިޔަވަޅު މަތީ ހުރީ ގުޑިލާންވެސް ނޭނގިފައި ދުރުގައި ތިބި މަލްދާއަށާއި އަޒްހާން އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އޭރުވެސް ހުއްޓުމެއްނެތި އާރްޔަންގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
ދެން އަޒްހާން ކޮއްލި ކަމަކުން އާރްޔަން ގެ ހިތަށް ލިބުނީ އިތުރު ޒަޚަމެކެވެ. ދެލޯ ބޮޑު ވެގެންދިޔައެވެ. މަންޒަރު ބަލަން ކެއްނުވެގެން އަވަސް އަވަހަށް އަނެއް ފަރާތައް އެނބުރުނެވެ. ބަލާކަށް ނުހުރެ އާރްޔަން ގެއަށް ދާން ހިނގައިގަތީ ހިތައް ކެއްނުވެގެންނެވެ. އޭރު އާރްޔަންގެ ހިތައް ކުރަމުން ދިޔަ އަސަރުތައް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. އާރްޔަންގެ ހަށިގަނޑުގައި އެއްވެސް ބާރެއް ނެތްކަހަލައެވެ. ލޯބީގައި ނާކާމިޔާބު ވުމަކީ މިހާ ވޭން ހުރި ކަމެއްކަން އާރްޔަން ނުދެނަ ހުއްޓެވެ.
****************************
އަޒްހާން ކައިރީ އިން މަލްދާގެ ދެ ކޮލަށް އަރަމުން ދިޔައީ ޖަންބު ކުލައެވެ. އަޒްހާން އާއެކީ ހޭދަވެގެން ދިޔަ މި އުފާވެރި ވަގުތުކޮޅު އޭނަ ދުވަހަކުވެސް ހަނދާނަކުން ނުނެތޭނެއެވެ. މީހަކަށް އެހާ އިތުބާރު ކުރެވޭ މިއީ ފުރަތަމަ ފަހަރެވެ. އަޒްހާން ދުވަހަކުވެސް މަލްދާ އަށް ދެރަގޮތެއް ވިޔަ ނުދޭނެކަން މަލްދާ ދަނެއެވެ. މަލްދާގެ ހިތުން އަޒްހާންގެ ނަން ފުހެވިގެން ދިޔުމަކީ ދެން ވާނެ ކަމެއް ނޫނެވެ. އެއަށްވުރެ ކުލަ ގަދަކޮށް އެނަން ވަނީ މަލްދާގެ ހިތުގެ ތެރޭގައި ފެވިފައެވެ. އަޒްހާން އާއި ވަކިވާން ޖެހިއްޖެނަމަ މަލްދާ ދުނިޔޭންވެސް މޮޔަވެދާނެއެވެ. ހަމައެފަދައިން އަޒްހާން ގެ ހާލަކީވެސް މިއީއެވެ. މަލްދާ ދެކެ އޭނަ އަށް ލޯބި ވެވުނީ ވަރަށް ބޮޑަށެވެ. ވަކިވެދާނެ ކަމުގެ ހިޔާލުވެސް ގެންނަން ބޭނުމެއް ނުވެއެވެ.
” ކާކު ގުޅަނީ؟..” އަޒްހާންގެ ފޯން ރިންގްވާން ފެށުމުން މަލްދާ އެހިއެވެ. ” މި… ޝައިހާން..” މިހެން ބުނުމަށްފަހު އަޒްހާން ފޯނު ހިފައިގެން ތަންކޮޅެއް ދުރަށް ދިޔައެވެ. މަލްދާއަށް އަޒްހާން އާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. މަލްދާ ކައިރީ ނުދެއްކޭ ވަރުގެ ވާހަކަ އެއް އޮންނަނީ ބާއޭ ހިތައް އަރަމުން ދިޔައެވެ. ދެފަރާތައް ބޯހޫރުވާލެވުނީ އަޒްހާން އާއި މެދު ގޯސްކޮށް ވިސްނުނީމައެވެ. މަލްދާ މާ ކަންތައް ބޮޑުކުރަނީއޭ ބުނެ އަމިއްލަ ނަފުސަށް އަޑުލިއެވެ. އަދި އެހެން ހިތައް އެރީތީވެސް ދެރަވިއެވެ. ނަމަވެސް އެހެން އަބަދު ވާތީ ވިސްނެނީއެވެ. މަލްދާ ކައިރީ ހުރެފައިވެސް ފޯނަށް ގުޅުމުން އަޒްހާން ވާހަކަ ދައްކަން ދާނީ މަލްދާ އަށް އަޑު ނީވޭ ހިސާބަށެވެ. އޭގެފަހުން އަޒްހާން ގެ މޫޑު ހުންނާނީ ގޯސްވެފައެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް އަޒްހާން ބޭނުމެއް ނުވެއެވެ.
“ހިނގާ ދާން ދެން.. މީހަކަށް ފެނިދާނެ..” ފޯނު ނިންމާފައި އައި އަޒްހާން ބުނީ އެވަރަށެވެ. މަލްދާވެސް އިތުރު އެއްޗެކޭ ނުބުނެ ހިނގައިގަތީ އަޒްހާން އާއި އެކީއެވެ. ދެމީހުން ހިނގާފައި ގެއަށް ދިޔަ މަގުމަތީގައިވެސް އަޒްހާން އަނގައަކުން ނުބުނެއެވެ. ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައި ކަން މަލްދާއަށް ނަގައިގަނެވުނެވެ. އިތުރު އެއްޗެކޭ މަލްދާވެސް ނޭހީ މިގަޑީ ވާހަކަ ދެއްކުން އެންމެ ރަނގަޅުހެން ހީނުވާތީއެވެ. “މަލް..” މަލްދާ އެއްޗެކޭ ނުބުނެ ގެއަށް ވަންނަން ދާން ފެށުމުން އަޒްހާން މަލްދާ ހުއްޓުވިއެވެ. ” އައި ލަވް ޔޫ” މީހަކު ފެންނަން ހުރިތޯ މަގުގެ ދެކޮޅު ބަލާލުމަށްފަހު އަޒްހާން، މަލްދާ ގައިގަ ބައްދާލިއެވެ. ނުތަނަވަސްވެފައިވާ މަލްދާގެ ހިތައް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ” އައި ލަވް ޔޫ ޓޫ..” ތުންފަތަށް ވެރިވި ހިނިތުންވުމާއެކު މަލްދާ މިހެން ބުނުމަށްފަހު ގެއަށް ވަނެވެ. ކޮޓަރިއަށް ވަނުމަށްފަހުވެސް އަޒްހާން އާއި ވާހަކަ ދައްކާލާ ހިތުން މަލްދާ ގުޅިއެވެ. ބައިގަޑިއިރަކަށްހާއިރު ދެމީހުން ވާހަކަ ދައްކާފައި ފޯނު ބޭއްވީ އަޒްހާން ނިދި އައިސްގެން ބުނުމުންނެވެ. ފޯނުބޭއްވުމަށްފަހު ފިލާވަޅު ނުހަދާކަށް ހަނދާންވެގެން އަވަސް ވެލީ މާދަން ސްކޫލަށް ދާންވާއިރަށް ފިލާވަޅުތައް ހަދާ ނިންމޭތޯއެވެ. ހިސާބު ސުވާލު ފެނުމާއެކުހެން މޫނު ކުނިކޮއްލެވުނެވެ. އުޅި އުޅި އެއްގޮތަކަށްވެސް އެ ހަދާކަށް ނޭނގުނެވެ. ހިސާބަކީ އެއް އިރެއްގައިވެސް މަލްދާ ބޮލަށް ވަންނަ އެއްޗެއް ނޫނެވެ. އެންމެ ކިޔަވާހިތް ނުވަނީވެސް އެ މާއްދާއެވެ. އެންމެ ފަހުން ބޯގާނަ ގާނަފައި ގުޅީ ސާރާއަށެވެ. އޭރު ސާރާ އޮތީ ނިދަން ތައްޔާރުވެލައިގެންނެވެ. ފިލާވަޅު ހަދަން ދިންކަން ހަނދާންވީވެސް މަލްދާ ގުޅުމުންނެވެ. އަވަހަށް ތެދުވެ ފޮތް ނަގާ ފޯނު ސްޕީކަރަށްލީ ދެމީހުން ޑިސްކަސް ކޮއްގެން ފިލާވަޅު ހަދަން ވެގެންނެވެ.
****************
” އެވަރަށް ބުނިން އަދި މަ ބަހައްޓާފައި ނާންނައްޗޭ .. އެކީއޭ އަން…” ގެއަށް އައިގޮތަށް އައިސް އާރްޔަންގެ ކޮޓަރިއަށް ވަން އަލީ އަށް ހުއްޓެވުނީ ކޮޓަރި އޮތް ހާލު ފެނުމާއެކީއެވެ. ނިދާބޮކީގެ ފަނޑު އަލި ތެރެއިން ކޮޓަރިތެރެ ފެންނަމުންދިޔައިރު ކޮޓަރީގައިވާ ހުރިހާ އެއްޗެއް ވަނީ އެކި ދިމަދިމާލަށް ހޫރާލެވިފައެވެ. ރީތިވާމޭޒު ކުރިމަތީ ހުރި ލޯގަނޑުވެސް ވަނީ ތަޅައިގެން ގޮއްސައެވެ. އެނދުމަތީގަވާ ހުރިހާ ބާލީސްތަކެއްވެސް އޮތީ މުށިގަނޑުމަތީގައި އުކާލެވިފައެވެ. “ކޮން ތޫފާނެއް އަރާފައި މިއޮތީ.” ކޮޓަރިއަށް ވަށައިގެން ނަޒަރު ހިންގާލަމުން ދިޔަ އަލީ އަޒްހާން ފެނުނީ ތަންކޮޅެއް އެތެރައަށް ވަންތަނާއެވެ. ކޮޓަރީގެ އެއްކަނެއްގައި ފާރުބުޑުގައި ކަކޫމައްޗައް ދެ އަތް ނަގައި މޫނު ފޮރުވާލައިގެން އިން އާރްޔަންގެ ގިސްލުމުގެ އަޑު އިވުމާއެކީ އަލީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. އާރްޔަން އަކީ މީގެ ކުރިން މިހާ ހިތްބަލިވެގެން ރޯ މީހެއް ނޫނެވެ. ކިތައްމެ ދެރަވާ ކަމެއް ވިޔަސް އާރްޔަން ހިތްވަރު ކުރާނެއެވެ. ނަމަވެސް މިއަދު އެހާ ބަލިކަށިވީ ކީއްވެބާއޭ ހިތައް އެރިއެވެ. ބޮޑު ކަމެއް ވީކަމުގެ ސިގްނަލް އަލީއަށް އަށް ލިބެން ފެށުނެވެ. އެކުވެރިޔާ އިން ހާލު ފެނިފައި އަލީގެ ހިތުގައި ރިއްސާލިއެވެ. މަޑުމަޑުން ގޮސް އާރްޔަން ކައިރީ އިއްތާލިއެވެ. އަދި ދެފަހަރަކު އާރްޔަން އަށް ގޮވާލިއެވެ. މަޑުމަޑުން އާރްޔަން އޭނަގެ ބޯ ހިއްލާލިއެވެ. އޭރު މުޅި ދެލޯ ވަނީ ދުޅަވެފައެވެ. ” ކިހިނެއްވީ..” އަލީ މަޑުމަޑުން އަހާލިއެވެ. އިރުކޮޅެއް ވަންދެން އަލީއާއި ދިމާލަށް ބަލަހައްޓައިގެން އާރްޔަން އަށް ހުރެވުނީއެވެ. އެއަށްފަހު ބަޑިފަޅައިގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. އަލީގެ ކޮނޑުގައި ބޯ އަޅާލައިގެން އާރްޔަން ރޯނެ ވަރަކަށް ރޯން އަލީ ބެހެއްޓިއެވެ. އޭރުންވެސް ހަށިގަނޑަށް ލުޔެއް ލިބޭނެކަން އަލީ ހިތައްއެރިއެވެ. ” މަލްދާ ލޯބިވަނީ އެހެން މީހެއް ދެކެ.. އައި ސޯ ހާ ވިތް ސަމްވަން އެލްސް..”އިރުކޮޅަކަށްފަހު އާރްޔަން ގެ ދުލުން ބޭރުވީ މިޖުމްލަތަކެވެ. އެކުވެރިޔާ މިހާލުގައި އިން ސަބަބު ވަގުތުން ދެނެގަނެވުނެވެ. ނަމަވެސް އެހީތެރިވުމުގެ ގޮތުން ކުރެވޭނެ އެއްވެސް ކަމެއް ނެތުމުން އަލީ ދެރަވިއެވެ. އާރްޔަންގެ ހިތުގައި މަލްދާއަށްޓަކައި އިހުސާސްތަކެއް ވާކަން އަލީއަށް ކުރިންވެސް އިނގެއެވެ. ނަމަވެސް މިހާ ބޮޑަށް ލޯބިވާކަމެއް ނޭނގެއެވެ. ހަމަގައިމުވެސް ދެން ކުރެވޭނެ ކަމެއް ނެތެވެ. ލޯތްބަކީ ގަދަބާރުން ހޯދޭނެ އެއްޗެއްކަން އާރްޔަންވެސް ދަނެއެވެ. ލޯބީގައި މުހިންމީ ތިމާ ލޯބިވާ ފަރާތުގެ އުފަލާއި ހަމަޖެހުން ކަން ވެސް އާރްޔަން ދަނެއެވެ. ނަމަވެސް އެހިތައް ވިސްނައިދޭނީ ކާކު ހެއްޔެވެ؟ މަލްދާގެ ހިތައް އެދެވޭލެއް ބޮޑުކަމުން ހިތައް ތަދުވަނީއެވެ. ލޯތްބަކީ މިހާ ވޭންދެނެވި އެއްޗެއްކަން އިނގުން ނަމަ އޭނަ ލޯތްބެއް ނުވީހެވެ. ނަމަވެސް ލޯތްބަކީ ވާ އެއްޗެއް ނޫނެވެ. ވެވޭ އެއްޗެކެވެ. އަލީ، އާރްޔަން އަށް އެތައް ނަސޭހަތެއް ދިނެވެ. އަދި އެއަށްފަހު ދެމީހުން ނިދަން ދިއައީ އަލީގެ ކޮޓަރިއަށެވެ. ކޮޓަރި އަށް އެވަރުވީ ދެމީހުން ސަކަރާތް ޖަހަނިކޮށް ކަމަށް ބުނެ އަލީ، އޭނަ މަންމަ ކައިރީ ދޮގު ހަދާލިއެވެ.
*****************
” އައްދޯއި.. މިކަންވެސް މި ނިމުނީ.. އަތުގަ އާ ބޮލުގަ އާ ރިއްސާ އެވަރަށް އެބަ.. ސްކޫލުންވެސް އިނގެން ވާނެކަންނޭނގެ ކުދިންނަށް އެހާ ބައިވަރު ފިލާވަޅު ހަދަން ދޭއިރު.. އަހަރުމެން މިއޮއް ނާޒުކު ކުދިންކޮޅު.. ހުވާ މިބުނި…” ފިލާވަޅުތައް ހަދާ ނިންމާލުމާއެކު ސާރާ ވާހަކަ ދައްކަން ފެށިއެވެ. ފިލާވަޅު ހަދަން އެހާ ލަސްވީވެސް ދެމީހުން ކޮންމެވެސް ބޭކާރު ވާހަކައެއް ދައްކަން ހަދައިގެންނެވެ. އެއީ އަބަދުގެވެސް އާދައެވެ. ދެމީހުން އެއްތަންވެއްޖެއްޔާ އަބަދުވެސް ކޮންމެވެސް ވާހަކަ އެއް ދައްކަން އޮންނާނެއެވެ. ފިލާވަޅު ހަދާ ނިންމުމަށްފަހުވެސް ބައިގަޑި އިރެއް ހާއިރު ވަންދެން މަލްދާ އާއި ސާރާ އާއި ދެމީހުން ވާހަކަ ދައްކަން އިނެވެ. އެންމެފަހުން ފޯނު ބޭއްވީ ދެމީހުން ނިދިއައިސްގެންނެވެ. މަލްދާ ނިދަން އަރާ ހަމަ ޖެހިލިތަނާ އޭނަ ފޯނު ރިންގުވާންފެށިއެވެ. ގުޅަނީ ޝައިހާންއެވެ. އަޒްހާންގެ ރައްޓެއްސަކަށް ވުމުން މަލްދާވެސް ކޮންމެވެސް ވަރަކަށް ޝައިހާން އާއި ވާހަކަ ދައްކައެވެ. އެކަމް މިހާ ލަސްވީމަ އެގުޅަނީ ކީއްކުރަންބާއޭ ހިތައް އެރިއެވެ. ދެހިޔާލެއްގައި ހުރެފައިވެސް އެންމެފަހުން މަލްދާ ނިންމީ ފޯނު ނަގާށެވެ. ” ހަލޯ.. އޭ އަޒްހާން ވީ ތަނެއް އިނގޭތަ.. މަލް އާ އެކީތަ.. މިރޭ ގުޅާ ގުޅާ އެއްގޮތަކަށްވެސް ފޯނެއް ނުނަގާ.. ޝަރުމީލައްތަވެސް އޭނަ ގެއަށް ނާންނާތީ …” ޝައިހާން ދައްކަމުން ދިޔަ ވާހަކަ އަޑު އިވިފައި މަލްދާ ހައިރާންވިއެވެ. އަދި އަޒްހާން ވީ ތަނެއް ނޭނގޭތީ ކަންބޮޑުވިއެވެ. މަލްދާ ކައިރީ ނިދަނީއޭ ބުނި މީހާ މިހާ ދަންގަޑިއެއްގައި ގެއަށް ނުވަދެ ކީއްކުރަނީބާއޭ ހިތައް އެރިއެވެ. އަޒްހާން މަލްދާއަށް ކަމެއް އޮޅުވާލަނީބާއޭވެސް މަލްދާގެ ހިތައް އެރިއެވެ. އަވަހަށް އަޒްހާން އަށް ގުޅަން ފެށިއެވެ. އެތައް ފަހަރަކު ގުޅުމުން ވެސް އަޒްހާން ފޯނެއް ނުނަގައެވެ. މަލްދާއަށް ނިދުނީވެސް އެހާ ލަހުންނެވެ.
އޭގެ އަނެއްދުވަހު ހޭލެވުމާއެކުހެން މަލްދާ އެންމެ ފުރަތަމަވެސް ފޯނު ބަލައިލީ އަޒްހާން ގުޅި ތޯ ބަލަން ވެގެންނެވެ. ނަމަވެސް މަލްދާ އަށް ޖެހުނީ މާޔޫސް ވާށެވެ.. ސްކޫލަށް ދާން ތައްޔާރު ވުމަށްފަހު ގެއިން ނިކުއިން މަލްދާ ގޮސް ވަނީ އަޒްހާން މެން ގެއަށެވެ. އޭރު ޝަރުމީލާ ބަދިގެ ތެރޭ އުޅެއެވެ. އަޒްހާން ކޮބައިތޯ އެހުމުން ވީ ކޮޓަރީގައޭ ބުންޏެވެ. އޭރުވެސް ކަމަކާ ހިތްހަމަ ނުޖެހިފަކަން ހުރީ މަލްދާ އަށް އިނގުނެވެ. މަލްދާ ގޮސް އަޒްހާން ގެ ކޮޓަރި ހުޅުވާލި އިރު އަޒްހާން އެނދުމަތީގައި އިށީނދެލައިގެން އިނެވެ. ” ކީއްވެ މަލް އަށް ދޮގު ހެދީ.. ނިދަންށޭ ކިޔާފަ ކޮންތާކަށް ދިޔައީ.. އަދި މަލް އެވަރަށް ގުޅީމަ ފޯނުވެސް ނުނަގާ.. ކުޑަ މިނުން ކީއްވާނީ ފަހުން ގުޅާލިނަމަވެސް..” އައި ގޮތައް އައިސް ޝަކުވާ ކުރެވެން ފެށުނީ އަޒްހާން އެހެން ކަންތައް ކުރުމުން މަލްދާ ދެރަވި ވަރުންނެވެ. ” ބޭރަށް ދިޔައި.. ފޯނު ގޭގައި ބާއްވާފައި ދިޔައިމަ ނޭނގުނީ ގުޅިކަމެއް.” މަލްދާ އާއި ދިމާލަށް ބަލައިލަމުން އަޒްހާން މަޑުމަޑުން ބުނެލިއެވެ. ” ކޮންތާކަށް ދިޔައި..” މަލްދާ ދެންވެސް ކުރީ ސުވާލެކެވެ. ” ބޭރަށޭ…” މިފަހަރު އަޒްހާން ހުރީ ކުޑަކޮއް ހިތްހަމަ ނުޖެހިފަކަން އޭނަގެ އަޑުން އިނގުނެވެ. ” ބޭރު ކޮންތާކަށްހޭ.. އަޒްހާން.” މަލްދާގެ އަޑުވެސް ތަންކޮޅެއް ބާރުވިއެވެ. ” ކިހާ ދެރަކަމެއް ބޭރަށޭ ދިޔައީ.. މަގުމަތީ ހުރީ… ކޮންހާ ސުވާލެއްތަ ތިކުރަނީ.. ” ކުއްލިއަކަށް ތެދުވި އަޒްހާން ބާރު ބާރަށް ހަޅޭއް ލަވައިގަތެވެ. މަލްދާ ދިޔައީ ސިއްސައިގެންނެވެ. އަދި ހިތައް ކުރީ ބުނެދޭން ނޭނގޭ އަސަރުތަކެކެވެ. ވަގުތުން ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


Wow mi part vx varah reethi masha Allah
Waiting for the next
Thankyou ??
Wowwwwwwwwwwww part hama vrr hahbu…. Aaryan alhey haadha dheraey dho
Yeahh..
Thankyou so much for your response ??
Yowwww wowww. Sissooo.. It’s been so long since my last comment. sorry sister. Mi part ves hama vrh habeys.. Poor maldha I think azhaan is really lying to her. Oh nooo aaryans heart is broken. NOW I THINK MAL & ARYAN WILL BE TOGETHER IN THE END. Hope so. Ekam mal ah dhera goteh nuhadhahchey please please. Much love
It’s okay dear.. and thanyou so much for your response.. let’s see dhw what happens ??