ތިޔަ ލޯބި އަދު ލިބޭނެބާ 7
އަނެއްކޮޅުން އާރްޔަންގެ ހާލަކީ ކޮބައިތޯއެވެ. މަލްދާގެ ހިޔާލުތަކާ އެންމެ ސިކުންތަކުވެސް ދުރަކަށް ނުދެވެއެވެ. ކުލާހުގައިވެސް ސިއްރު ސިއްރުން ނަމަވެސް މަލްދާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވެއެވެ. ނަމަވެސް މަލްދާ އަބަދުވެސް ހުންނަނީ އާރްޔަން ދެކެ ރުޅި އައިއްސައެވެ. އެހެންވެ ބައެއްފަހަރު ރުޅި އަރުވާވެސް ލެވެއެވެ. މަލްދާގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައެވެ. ރުޅި އައިސްގެން ނަމަވެސް މަލްދާ އޭނަ އާއި އަނގައިން ބުނުމުން ލިބެނީ ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެކެވެ. ނަމަވެސް އާރްޔަން އަށް ނޭނގޭ ތަންކޮޅަކީ އޭނަގެ ހަޔާތުގެ މަލިކާގެ ރާޖާ އަކީ އެހެން މީހެއް ކަމެވެ. މަލްދާގެ ހިތް އެހެން މީހަކަށް ހިބައިން ދެވިފައިވާ ކަމެވެ. މިކަމުގެ ނަތީޖާ ވަރަށްވެސް ހިތި ވާނެ ކަން ގައިމެވެ.
” އިނގޭތަ މިހާރު ރަށު ތެރޭ ކިޔާ އެއްޗެހި.. ” ޚާލިދު ވާހަކަ ދައްކަމުން ދިޔައީ ނަފީސާ އާއިއެވެ. އޭރު ސިޓިންގްރޫމް ގެ އެއްކަނެއްގައި މަލްދާ އޭނަގެ ބައްޕަ ދައްކާ ވާހަކަތައް އަޑު އަހަން ހުއްޓެވެ. މިއަދު ޚާލިދުގެ މޫނުން ރުޅިއެއް ވުރެ ބޮޑަށް ފެންނަނީ ހިތާމައެވެ. ވާނީވެސް އެހެންތާއެވެ. ހުރި ހަމައެކަނި ދަރިފުޅެވެ. މީހުން އެއްވެ އުޅޭ ތަންތަނަށްވެސް ގޮސް އުޅުން މަނާ ކުރީ ރަށު މީހުންނަށް އެއްޗެކޭ ކިޔުމުގެ އެއްވެސް ފުރުސަތެއް ނުދިނުމުގެ ގޮތުންނެވެ. ނަމަވެސް ކަންތައް މިވީ ކިހިނެއް ހެއްޔެވެ. މަލްދާ އެއްވެސް ކުށެއް ކޮއްފައި ނުވާނަމަވެސް ރަށުގެ ބައެއް މީހުން އޭނަގެ ބޮލުގައި އަޅުވަމުން ދިޔައީ ބޮޑެތި އިލްޒާމްތަކެކެވެ. ޚާއްސަކޮށް ވަހީދުގެ އަންހެނުންނެވެ. ވަހީދު ފިލައިގެން ދިޔައިރު އޭނަ އަނބި ދަރީންނާއި މެދު އެއްގޮތަކަށް ވެސް ވިސްނައެއް ނުލައެވެ. އެކަމުގެ ސަބަބުން ވަހީދުގެ އަންހެނުން ރުޅި އައި މަލްދާ ދެކެއެވެ. އޭނަގެ ފިރިމީހާ އޭނަ ދޫކޮއްލާފައި ދިޔައީ މަލްދާގެ ސަބަބުން ކަން ގަބޫލުކޮށް މަލްދާއޭ ކިޔައިގެން ދޮގު ހަބަރުތައް ފަތުރަން ފެށިއެވެ. އަލިފާން ރޯވެގެން ދާހާ އަވަހަށް މުޅީ ރަށުތެރޭގައި އެވާހަކަ ދެކެވެމުން ދިޔައެވެ. ބައެއް މީހުން މަލްދާ ކުއްވެރި ކުރަމުން ދިޔައިރު އަނެއްބައި މީހުން ދިޔައީ މަލްދާ ދިފާޢު ކުރަމުންނެވެ. ” މަލްދާއޯ އުޅުނީ ވަހީދު ފަހަތުން މޮޔަވެގެން.. އޭރުވެސް އުޅެނީ އެ އަޒްހާން އާއި ރައްޓެހިވެގެންނޯ.. އެދެމީހުން ނުކުރާ ކަމެއް ނެތޯ..” ޚާލިދު ވާހަކަ ދައްކަމުން ދިޔަ ވަރަކަށް މަލްދާގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. އޭނައަކީ ތިބުނާހާ ވިޔާނުދާ ކުއްޖެއް ނޫނެވެ. ” މީހުން ކޮންމެ އެއްޗެކޭ ކިޔަސް ބައްޕަ އަށް އިނގޭ ބައްޕަގެ ދަރިފުޅު އެކަހަލަ ކަމެއް ނުކުރާނެކަން.. ވަހީދުގެ ނުލަފާ ކަން އިނގޭ.. އަދި އިނގޭ ދަރިފުޅާ އަޒްހާންގެ އެކަހަލަ އެއްވެސް ގުޅުމެއް ނުވާނެކަން..” ވަހީދު ދެން ވާހަކަ ދެއްކީ މަލްދާ އާއި މުޚާތަބު ކޮއްނެވެ. މުޅީ އުމުރު ދުވަހުވެސް ޚާލިދު މަލްދާ އަށް އިތުބާރު ކުރި މީ އެންމެ ފުރަތަމަ ފަހަރު ކަންނޭނގެއެވެ. އެހާ ލޯބިން ޚާލިދު ވާހަކަ ދައްކަމުން ދިޔައިރު މަލްދާ އުފާވި ނަމަވެސް އެންމެ ފަހު ޖުމްލަ އަޑު އިވިފައި ހިތުގައި ކުޑަ ބިރުވެރި ކަމެއް އުފެދުނެވެ. ހަމަގައިމުވެސް އަޒްހާން އާއި އޮތް ގުޅުން ބުނާކަށް މީ އެންމެ ރަނގަޅޫ ވަގުތެއް ނޫނެވެ. އެހެންނަމަވެސް އިސްޖަހާލީ ކުއްވެރިކަން އިހުސާސް ކުރެވުމުންނެވެ. އަޒްހާން އަކީ މަލްދާގެ ކާކު ކަން އެނގޭ ދުވަހުން ވާނީ ކިހިނެއްބާއޭ ހިތައް އަރަމުން ދިޔައެވެ.
” އާރްޔަން.. އަލީ.. އާދޭ ސައިބޯން..” އަލީގެ މަންމަ އީމާން ގޮވާލިއެވެ. ފަސް ވަރަކަށް މިނެޓު ފަހުން ދެމީހުން އެކީ ސައިބޯން ނިކުތެވެ. އޭރު ހަލީމާ އާއި އީމާން އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ. ހަތަރު މީހުން އެކުއެކީގައި ސައިބޯން ފެއްޓިއެވެ. ” ކޮބާ ކިޔެވުން މިހާރު ކިހިނެއް..” ހަލީމާ ވާހަކަ ދެއްކީ އޭނަގެ މާމަ ދަރިންނާއެވެ. ” ރަނގަޅު އަނެއްހެން ދޯ.. ” އަލީ، އާރްޔަން އަށް ދޯ ދެމުން ބުންޏެވެ. އާރްޔަންވެސް ޖަވާބުގައި ބޯ ޖަހާލިއެވެ. ” އެއްކަލަ ނަފީސާ ގޯތި މަންޖެ ގަނެގެން އުޅޭ ގަނޑު އަޑު އެހިންތަ..” އީމާން އާދައިގެ މަތިން މީހުންގެ މަސްކާން ފެށިއެވެ. އެއީ އަބަދުވެސް އީމާންގެ އާދައެވެ. ތަނެއްގައި އެއްޗެކޭ ކިޔައިފިއްޔާ މުޅި ރަށަށް އެވާހަކަ ފަތުރާލާނެއެވެ. އަލީ ކިތައްމެ ހިތްހަމަ ނުޖެހުނަސް މަންމަ ވެ އެއްޗެކޭ ނުބުނެ ހުންނަނީއެވެ. ” މަލްދާ ދޯ.. އެކަމް ހަމަ މަންމަ އަކަށް ގަބޫލެއް ނުކުރެވޭ މަލްދާ އެކަހަލަ ކަމެއް ކޮށްފާނެ އެކޭ.. އެ ވަހީދު ފިލާނީވެސް ގައިމު ކަމެއް ވީމަތާ..” ހަލީމާ ވާހަކަ ދެއްކީ އީމާން އާއެވެ. މަލްދާގެ ނަން އަޑު އިވުމާއެކުހެން އާރްޔަން އަށް ލިބުނީ ސިހުމެކެވެ. އަނެއްކާ މިވެގެން އުޅެނީ ކިހިނެއްބާއޭ ހިތައް އެރިއެވެ. ” މަންމަ ތިހެން ބުނަޏަސް އެ މަލްދާ އަކީ ރަނގަޅު ކުއްޖެއްތަ.. އޯލެވެލެގަ އެހާ މޮޅަށް ކިޔަވާފަ ކުއްލިއަކަށް ދައްވީ.. ޔަގީނޭ މިވައްތަރަށް އުޅެން ފެށީމަ ކަން..” އީމާންގެ ވާހަކަތައް އަޑުއަހަން ހުރި އާރްޔަން ގެ ހިތައް ހީވީ މީހަކު ތޫނު އެއްޗަކުން ހަމަލާ ދިންހެންނެވެ. މަލްދާއޭ ކިޔައިގެން އެފަދަ ވާހަކަތަކެއް އަޑު އިވުމުން ހިތައް ކުރަމުން ދިޔައީ ބުނެދޭން ނޭނގޭ އަސަރުތަކެކެވެ. ” މަންމާ.. ކިޔެވުމާ އަޚްލާގާ ހުރި ގުޅުމަކީ ކޮބާ.. ކިތައްމެ މޮޅު ނަތީޖާތަކެއް ނެރޭ ކުދިންނެއް އެބަ އުޅޭ މަންމަމެން ހީނުކުރާހާ ގޯސްކޮށް.. އަހަރެން މީ މަލްދާ އާއި އެއްކުލާހެއްގައި އުޅެމުން އަންނަތާ 12 އަހަރު ވަނީ.. އޭނަ އަކީ އެކަހަލަ ކުއްޖެއް ނޫން.. އެހެންނޫނަސް އެވަހީދު އާއި ހެދިން އުނދަގޫ ވާ އެހެން ކުދިންވެސް އުޅޭ.. ބުނަން ނުކެރޭ ތަންކޮޅު.. ” އަލީ އަށް ނުހުރެވިގެން އެންމެ ފަހުން އޭނަގެ އެކުވެރިޔާ ދިފާޢު ކުރަންފެށިއެވެ. އާރްޔަން އަދިވެސް އިނީ ވާނުވާގައެވެ.
ކައި ނިންމައިގެން އައިސް ކޮޓަރިއަށް ވަންނަމުން އާރްޔަން، އަލީ އާއި އެކަމާ ބެހޭގޮތުން ސުވާލުކުރިއެވެ. އަލީ ވީގޮތް ކިޔައިދިނުމުން އާރްޔަންގެ ހިތުގައި ރިއްސާލިއެވެ. މަލްދާ އަށް އެފަދަ ކަމެއް ވީއިރު އޭނައަށް ކުރާނެ އަސަރު ވިސްނާލެވުނެވެ. އެރޭ އާރްޔަން ގެ ލޮލަށް ނިންޖެއްވެސް ނައެވެ. މަލްދާއާއި މެދު ވިސްނެނީއެވެ.
ސުކޫލަށް ދިޔަނަމަވެސް މަލްދާގެ ފަރާތުން އާރްޔަން އަށް މާބޮޑު ސަމާލުކަމެއް ނުލިބެއެވެ. އެކަމާ އާރްޔަން ކިތައްމެ ދެރަވިނަމަވެސް އެއްޗެކޭ ބުނާކަށް ނުކެރެއެވެ.
“ކޮބާ.. ބެޑްމިންޓަން ކުޅޭތާކަށް ނުދާނަން؟..” އާރްޔަން ކޮޓަރިން ނުނިކުމެ ހުރުމުން އަލީ އަހާލިއެވެ. ” ދާ ކަހަލަތަ..” އާރްޔަން އިނީ ފޫހި ވެފައެވެ. ” ދާ ކަހަލަހޭ.. އެތަނަށް ދާނެ ނުލާހިކު ރީތި ބިޓުން… އާރްޔަން ގޮއްސިއްޔާ ހުންނާނީ މޮޔަވެފަ.. އޭރުން އަހަންނަށް ވެސް އެޓެންޝަން ކޮޅެއް ލިބިދާނުން.. ގެޓު..؟” އަލީ އެހެން ބުނި އަޑު އިވިފައި އާރްޔަން އަށް ހިނިގަނޑެއް ޖަހާލެވުނެވެ. ” އަމިއްލަ ފައިދާއަށް ދޯ ތި ވިސްނަނީ..” ” ނޫނޭ.. މަ ހަމަ މި ވިސްނަނީ އާރްޔަންއަށް.. މަލްދާ ދާނެ ވިއްޔަ އެތަނަށް.. އާންމުކޮށް މަލްދާ ބައްޕަ ނުއެއް ފޮނުވާނެ.. އެކަމް ސުކޫލު މުބާރާތެއް ވީމަ އެއްޗެކޭ ނުބުނާނެ.. އައި ގެރެންޓީ.. ޝީ ވިލް ބީ ދެއާ..” އަލީ ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނާލިއެވެ. ” ތީ ޖާސޫސެއް ދޯ..” އާރްޔަން ދެންވެސް އިތުރު އެއްޗެކޭ ނުބުނުމުން އަލީ ގާތައް ރުޅިއައެވެ. ” ފޮނި ނުދައްކާ ރެޑީ ވޭ އިނގޭ..” އެނދުމަތީ އޮތް ބާލިސް އާރްޔަން އާއި ދިމާލަށް އެއްލަމުން އަލީ ބުންޏެވެ. ” ހާދަ ކިއުޓޭ ތިހެން ތުން ދަމައިގެން ހުންނައިރު.. އެހެންވެ ތިއުޅެނީ ބިޓެއް ސެޓު ނުވެގެން…………… އޯކޭ އޯކޭ.. މިދަނީ ރެޑީ ވާން” އަލީ ލޯ އަޅާލުމުން އާރްޔަން ހެމުން ހެމުން ބުންޏެވެ.
” މަލް މި ނިމުނީ އޭ.. އަމް.. އޯކޭ ނަޔަސް.. މަލް އެބަ ދަން ވަރަށް އަވަހަށް..” މަލްދާ ފޯނުން ވާހަކަ ދައްކަމުން ދިޔައީ ސާރާ އާއެވެ. ” މަލް އެކަނި އަންނަން؟… އޯހޮހޯ… އެބަ ގެޓު ވޭ.. އަޒްހާން އާއެކީ އަންނަން ދޯ.. އޯކޭ.. އެކަމް އަވަހަށް އަންނާތި މާ ފޮޅުވަން ނުތިބެ” ސާރާ އަކުރުތަކަށް ދަމާލަމުން ވާހަކަ ދެއްކީ މަލްދާ އާއި ދިމާކޮށްލުމުގެ ބޭނުމުގައެވެ. މަލްދާ އެންމެ ރަނގަޅޭ ބުނެ ފޯނު ބާއްވާފައި ގޭން ނިކުންނަން ހިނގައިގަތެވެ. މިއަދު ޚާލިދު ރަށުގަ ނޫޅެނީ ނަސީބޭ ހިތައް އެރިއެވެ. ބެޑްމިންޓަން ކުޅޭތަނަށް ދާން ހުއްދަ ދިން ނަމަވެސް އަޒްހާން އާއި އެކީ ދާކަށް އިނގިއްޖެއްޔާ އަންނާނީ އަމަށަކު ރުޅިއެއް ނޫނެވެ.
އަޒްހާން އެގޭ ކުރިމަތީ އިންތިޒާރު ކުރަމުން ދިޔައީ މަލްދާ ނިކުންނާނެ އިރަކަށެވެ. މި މަދު ދުވަސްކޮޅުތެރޭގައި އަޒްހާން އަށް އިހުސާސްވީ މަލްދާ އާއި ނުލާ އޭނައަށް އެންމެ ހިނދުކޮޅަކުވެސް ނުހުރެވޭނެކަމެވެ. ދުވަހެއް ދުވަހަކަށް މަލްދާދެކެ ވާ ލޯބި ދިޔައީ އިތުރުވަމުންނެވެ. މިދުވަސް ފެންނާނެ ކަމަށް އަޒްހާން ދުވަހަކުވެސް އުއްމީދެއް ނުކުރެއެވެ. އަޒްހާން އެކޭ އެއްފަދައިން މަލްދާވެސް އަޒްހާން ދެކެ ލޯބިވުމަކީ އަޒްހާން ގެ ނަސީބޭ ހިތައް އެރިއެވެ. އަދި އެކަމަށްޓަކައި ހެއްދެވި ފަރާތައް ޝުކުރުވެރިވެވޭ އަދަދެއްވެސް ނޭނގެއެވެ. އެހެންނަމަވެސް އަޒްހާން ދެރަވަނީ ހަމަ އެންމެ ކަމެކެވެ. ކިތައްމެ ހިތާމަ ކުރިޔަސް އޭނަ އަށް އެކަމުން ސަލާމަތްވެވޭކަށް ނެތެވެ. އަދި އެހަގީގަތް މަލްދާ އަށް އިނގިއްޖެނަމަ އޭނަ ދޫކޮއްލާނެ ކަމުގެ ބިރު ހީވަމުން ދިޔައެވެ.
މިފަދަ ހިޔާލުތަކަކަށް ގެއްލިފައި އިން އަޒްހާން ސިހިގެން ދިޔައީ ގޭގެ ދޮރާށީ ހުޅުވާފައި ނިކުމެގެން އައި މަލްދާ ފެނުމުންނެވެ. ފެހި ކުލައިގެ ގަޔަށް ދޫ ކުރުތާ ހެދުމަކާއެކީ ކަޅު ކުލައިގެ ލެގިންސެއް ލައިގެން ހުރި މަލްދާ ފެނިފައި އަޒްހާން އަށް ހިނިތުންވެވުނެވެ. އިސްތަށިގަނޑު ފަހަތަށް ދޫކޮއްލެވިފައިވާއިރު މޫނުގައި ވަނީ ލުއި ލުއި މޭކްއަޕް އެއް ކުރެވިފައެވެ. ” ޔޫ ލުކް ބިއުޓިފުލް..” މަލްދާ އައިސް އަރާހަމަވުމާއެކުހެން އަޒްހާން ބުންޏެވެ. ވަގުތުން މަލްދާގެ ކޮލަށް ޖަންބު ކުލަ ވެރިވެގެން ދިޔައެވެ. ދެމީހުން ވާހަކަ ދައްކަމުން މުބާރަތް އޮންނަ ތަނާ ދިމާލަށް ދާން ހިނގައިގަތެވެ.
” ސާބަހޭ.. އާދެވިއްޖެ ދޯ..” މަލްދާ ފެނުމާއެކުހެން ސާރާ ލަސްވެގެން ޝަކުވާ ކުރަންފެށިއެވެ. ” ދެން ތި ޝަކުވާ ނުކޮއް ދާން ހިނގާބަލަ..” މިހެން ބުނެ ތިން މީހުން ހިނގައިގަތެވެ.
“މަލް..” އަޒްހާން މަލްދާއަށް މަޑުމަޑުން ގޮވާލިއެވެ. އަދި އެއަށްފަހު މަލްދާ އަތުގައި ހިފައިގެން ގެންގޮސް ސުކޫލް މީހުން ނޫޅޭ ފަރާތައް ގެންދިޔައެވެ. ” ކީއްކުރަން މިތަނަށް ތި ގެނައި؟..” މަލްދާ ވާހަކަ ދެއްކިއެވެ. ދެކޮޅު ހޯދާ ބަލައިލީ މީހަކަށް ފެނިދާނެތީ ބިރުންނެވެ. ” އަމް… ކުޑަ އެއްޗެއް ދޭންވެގެން..” އަޒްހާން، މަލްދާ އާއި ދިމާލަށް ބަލައިލިއެވެ. އަދި އަތުގައި އޮތް ރިހިކުލައިގެ އަނގޮޓި ދައްކާލިއެވެ. ” ވާއު.. ތޭންކްޔޫ ސޯ މަޗް.. އައި ލަވް ޔޫ..” މަލްދާ އަތުގައި އަނގޮޓި އަޅުވައިދިނުމާއެކުހެން އޭނަ ބުންޏެވެ. އަދި އަޒްހާން ގައިގައި ބައްދާލިއެވެ. ” އައި ލަވް ޔޫ ޓޫ..” އަޒްހާންވެސް ހިނިތުންވެލަމުން މަލްދާގެ އުނަގަނޑުގައި އޭނަގެ ދެއަތް ވަށާލިއެވެ.
” ކަލޭ ބުނީ މަޖާ ވާނޭ.. މިއައް ވުރެ ރަނގަޅު ވާނެ ގެއައް ދިޔަޔަސް” އާރްޔަން ހުރީ ފޫހި ވެގެން ހަލާކު ވާ ވަރުވެފައެވެ. ނުވިތާކަށް މަލްދާ ވެސް ނުފެނުމުން އެހިތް ވަނީ މާޔޫސް ވެފައެވެ. ” ސާބަހޭ.. ދެން މަޑު ކޮއްބަލަ އިރުކޮޅަކު.. މަނުލައި ނުވާނެ ގެއަށް ގޮސްގެން..” އަލީ އިނީ ދާހިތްވާ ކަހަލަ މޫޑަކު ނޫނެވެ. ” ތިހެންވީރު ބޭރަށް މިޖައްސާލަނީ..” އާރްޔަން ބޭރަށް ޖެހެލީ އެކަނި ވަގުތުކޮޅެއް ހޭދަކުރަން ބޭނުން ވެގެންނެވެ. މީގެ ކުރިން އާރްޔަން އަކީ މިހާ އަވަހަށް ކަންކަމާ ފޫހި ވާ މީހެއް ނޫނެވެ. ނަމަވެސް މިހާރު މިވާ ގޮތެއް ޚުދު އާރްޔަން އަކަށް ނޭނގެއެވެ. އިނގޭހާވެސް އެއްޗަކީ އޭނައަށް މަލްދާ ދެކެ ލޯބި ވެވިއްޖެކަމެވެ. ވަރަށް ބޮޑަށެވެ.
މަޑު މަޑުން ސުކޫލް ގޯތި ތެރޭ ހިނގަމުން ދިޔަ އާރްޔަން ގެ ފިޔަވަޅުތަކައް ހުއްޓުމެއް އައީ ފެނުނު މަންޒަރުންނެވެ. އާރްޔަން ދެލޯ ބޮޑުވެގެން ދިޔައެވެ. ވަގުތުން ކަރުނަތައް ޖަމާވާން ފެށިއެވެ. އޭނަގެ ހިތައް ހީވީ މީހަކު އަރާ ޗިސް ޗިސް ކޮއްލިހެންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.


Wow mi part vx vrh reethi ????? waiting for the next part ……
Thankyou so much.. ?
I think aaryan ah e fenunee azhaan & maldhaa aadhemeehun maafolhuvan thibi than kanneyge. ?????Vrrrr Reethi mipartves waiting for the next part ??????
Let’s see dhw.. thankyou so much for reading ?
Chis Chis V hitheyyy
Karunun fururny loleyy
V loabi hasil nukerevenees
Beevegen dhiyaee athunnn
Maasha Allah mi bai vrh reethi ❤️❤️❤️
Ahaha.. thankyou so much ?
Hehe welcome ??
??