ނުފިލާނޭ މިހިތަކުން…35
ހިތައް އަރަން ފެށި އެއްޗަކުން ކޮނޑުގައި އަޅުވާފައި އޮތް ދަބަހުން ފޯނު ނަގާ ފިއްތަކަށް ފިތާލަމުން އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ބޭރަށް ނުކުތުމަށް ހިނގައިގަތެވެ.
މެހެކް އެގެއިން ނުކުމެގެން ދިޔަ ފަހުން ބައި ގަޑިއެއްހާއިރު ވީއެވެ. މާކިން އަދިވެސް އެއިނީ އެއިން ގޮތަށެވެ. ދެކަކޫ މައްޗަށް އިށީނދެ ތިރިއަށް ބަލަހައްޓައިގެން އިން އިރު އޭނާގެ ހަށިގަނޑުގައި ހަރަކާތެއް ނުވެއެވެ. ލޮލުން ފޭބި ކަރުނަތައް ލޯ ކައިރީގައި ހިކިފައި ހުރިއިރު އިތުރަށް އެ ލޮލުން އަންނާނެ ކަރުނައެއް ނުވާފަދައެވެ. ހިތާމައިން ފޯވެފައިވާ އެކުވެރިޔާއާއި ދާދި ގާތުގައި އިޝާންއާއި ޝުބާ އިށީނދެލައިގެން ތިއްބެވެ. މާކިންގެ ހިތަށް ހަމަޖެހުން ގެނުވައިނުދެވުނަސް އޭނާގެ އެ ހިތްދަތި ދަނޑިވަޅުގައި އަބަދުވެސް ވާ ފަދައިން އޭނާއާއި އެކުގައި އެދެމީހުން ވިއެވެ. އެކުގައި ވީ ނަމަވެސް، އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ޝުބާގެ ހިތުގައި މާކިންއާއިމެދު ހަމްދަރުދީގެ އިތުރުން ކޮންމެވެސް ވަރެއްގެ ރުޅިވެރިކަމެއްވެސް ވަނީ އުފެދިފައެވެ.
“ކެން.. ތިހެން ތިތާ އިންނަންވީ ކީއްވެ ދެން؟.. ކެން ބޭނުންވާ ގޮތަށް މެހެކް އެދިޔައީނުން..” ވަގުތުތަކެއްގެ ހަމަ ހިމޭންކަމަށްފަހު ޝުބާ އެންމެ ފަހުން ކަރުނަ ފޮހެލަމުން މާކިންއާއި ވާހަކަ ދެއްކިއެވެ. ނުރުހުންތެރިކަން އެކުލެވިފައިވާ ޝުބާގެ އަޑު އިވުމުން އިސް ޖެހިފައި އިން މާކިން އިސް އުފުލާލުމަށްފަހު ޝުބާގެ މޫނަށް ބަލާލީ ގަބޫލު ކުރަން ދަތިވެފައި އިން ފަދައަކުންނެވެ.
“ބޭނުންވާ ގޮތޭ؟.. ޝުބީ.. އަޅެ ޝުބީއަކަށް ނޭނގޭތަ މަ އެހެން ކަންތައް ކުރީ ކީއްވެކަމެއް؟..” ޝުބާ ބުނެލި އެއްޗަކުން މާކިން ރަނގަޅަށްވެސް ހިތުގައި ޖެހިއްޖެކަން އޭނާގެ އަޑުގައި ވާ ޝަކުވާގެ ރާގުން އެނގެއެވެ. އެހެން ނަމަވެސް ޝުބާ އޭރުވެސް އިނީ ހިތްހަމަ ނުޖެހިފައެވެ. މާކިންއާއި ދިމާއަށް ބަލާ ނުލި ތަނުގައި އޭނާ ދައްކާ ވާހަކަވެސް އަޑު އަހާކަށް ޝުބާ ބޭނުމެއް ނުވެއެވެ.
“ކޮންހާ ޑްރާމާއެއްތަ މާކިން..” ޝުބާ ކުއްލިއަކަށް ކޮޅަށް ތެދުވަމުން ހަޅޭއްލަވައިގަތެވެ. އޭނާގެ ގަދަ، ތޫލި އަޑުގެ ސަބަބުން މާކިންއާއިއެކު އިޝާންވެސް ދިޔައީ ސިއްސައިގެންނެވެ. ޝުބާއާއި ދިމާއަށް ބަލަހައްޓައިގެން ތިބެގެން ދެމީހުން އެކުގައި ކޮޅަށް ތެދުވިއިރު ރުޅި އައިސްގެން ގޮސް ޝުބާގެ މޫނުމަތި ހުރީ ރަތްވެފައެވެ.
“ކިހާ ދުވަހަކުތަ ތިހެން އުޅޭނީ ކެން؟.. ކިހާ ދުވަހަކުތަ؟.. ކެންއަށް އެނގޭތަ މެހެކް.. ކެންގެ އަނބިމީހާ.. އުޅެމުންދާ ހާލެއް.. ބައްޕަ ދެކެ ބިރުން.. ބައްޕަ ބާރުގަދަވެ.. ބައްޕަ ގޯސްވެ.. އެ ނޫންކަމެއް ކެންއަށް އެބަ އޮތްތަ؟.. އެކަމާ އުޅެން ހަދައިގެން ކެންއަށް ނޭނގޭ މައުސޫމް އަންހެން ކުއްޖެއްގެ ދިރިއުޅުން ގެއްލިގެން ދާއިރު..” ޝުބާ ނުރުހުންތެރިކަމާއިއެކު މާކިންއާއި ދިމާއަށް އެއްޗެހި ކިޔަމުން ދިޔަ ނަމަވެސް ދޭތެރެ ދޭތެރެއިން އޭނާގެ އަޑު ކެނޑި ލޯ ފޮހެލާ ތަން ފެނެއެވެ. އޭނާ ކިޔަމުން ދިޔަ އެއްޗެހިން މާކިންއަށް ދެލޯ ބޮޑުކޮށްފައި ޝުބާއާއި ދިމާއަށް ބަލހައްޓައިގެން ހުރެވުނީ ހައިރާންވެފައެވެ. އެއީ ދުވަހަކުވެސް ޝުބާގެ ފަރާތުން އޭނާއަށް ފެނިފައިވާ ސިފައެއް ނޫނެވެ.
“ހަތަރު އަހަރު ކެން.. ހަތަރު އަހަރު.. ވީ ގޮތެއް.. ހަދަންވީ ގޮތެއް އަންގާލުމަކާ ނުލާ ހަތަރު އަހަރު ވެގެން ދިޔައީ.. ކައިވެންޏެއް ކޮށްފަ އަންބަކަށް ދޭންޖެހޭ އެއްވެސް ޚިދުމަތެއް.. އަޅާލުމެއް ނުދޭ.. ހަމަ ބައްޕަދެކެ ބިރުން.. ބިރުން ހުރެގެން.. ބައްޕަ ބުނިގޮތް ހަދައިގެން.. މެހެކްއަށް ލަނޑު ދީގެން ކޮން ކަމެއްތަ ވީ ކެން؟..” ޝުބާގެ އަޑު އިތުރަށް ގަދަވިއެވެ. އެއާއިއެކު މާކިންއަށް އަނެއްކާވެސް ލިބުނީ ކުއްލި ސިހުމެކެވެ.
“މެހެކް.. މެހެކްއަށް.. ގެއްލުމެއް ނުދޭނެ..” “ކެން ބެލިންތަ؟.. އެއްފަހަރުވެސް ބެލިންތަ ބިލާލްބެ މެހެކްއަށް ގެއްލުމެއް ނުދޭތޯ؟ މެހެކް އުޅެމުން ދިޔައީ ހަމަ ޖެހިގެންތޯ؟..މެހެކް.. މެހެކް ހުރީ.. ކޮން ހާލެއްގަތޯ؟..” ޝުބާގެ އަޑު މަޑުވެއްޖެއެވެ. ރުޅިގަނޑުގައި ދައްކަމުން ދިޔަ ވާހަކަ ގިސްލުމަކަށް ބަދަލުވެ ސޯފާގައި އިށީނދެ ދެއަތުން މޫނު ފޮރުވާލިއެވެ. އެއާއިއެކު އިޝާން އޭނާގެ ކައިރީގައި އިށީނދެ އޯގާތެރިކަމާއިއެކު ދެކޮނޑުގައި ހިފަހައްޓާލިއެވެ. ޝުބާގެ ހަރަކާތްތައް ހުރި ގޮތުންނާއި ދައްކަމުން ދިޔަ ވާހަކަތަކުގެ ސަބަބުން މާކިންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް އުފެދިއްޖެއެވެ. މެހެކްއާއި ބެހޭގޮތުން އޭނާއަށް ނޭނގޭ ކަމެއް ޝުބާއަށް އެނގިފައި އޮތީ ހެއްޔެވެ؟ މެހެކްގެ ދިރިއުޅުމުގައި ދަތިތަކެއް ހުރީ ހެއްޔެވެ؟ ބައްޕަ މެހެކްއަށް ގެއްލުމެއް ދިނީ ހެއްޔެވެ؟ މި ހުރިހާ ދުވަހު އޭނާ އުޅެމުން އެދިޔައީ ބިލާހެއްގައި ހެއްޔެވެ؟
“ޝު.. ޝުބީ ކީކޭ ތިކިޔަނީ؟.. ބައްޕަ.. ބައްޕަ ނުހަދާނެއެއްނު މެހެކްއަށް ގޮތެއް.. ބައްޕަ.. ބައްޕަ ބޭނުންވި ގޮތަށް.. މެހެކް.. މެހެކްއާ ދުރުގައެއްނުން.. މިހުރީ..” ބާރު ބާރަށް ތެޅެމުންދިޔަ ހިތާއިއެކު މާކިން ޝުބާގެ ކައރީގައި އިށީނދެލިއިރު އޭނާގެ އަޑުގައި ތުރުތުރެއް އުފެދިފައި ހުއްޓެވެ. ޝުބާގެ ހަރަކާތްތައް ފެންނަމުން ދިޔަ ވަރަކަށް އޭނާއަށް ހީވަމުން ދިޔައީ ގަދަ ނިންޖަކުން ހޭލެވެމުން ދިޔަހެންނެވެ. ބައްޕަގެ ފަރާތުން ރައްކާތެރި ކުރަން އުޅުނު އުޅުނުން އޭނާއަށް މެހެކްއާއި ދޭތެރޭ ކަންތައް ކުރެވުނު އިހާނެތި ގޮތް އޭނާގެ ލޯމަތީގައި ސިފަވަމުން ދިޔައެވެ.
“ނޫން ކެން.. މެހެކް.. މެހެކް އުޅުނީ ވަރަށް ހާލުގަ.. އަހަންނަކަށް ނޭނގެ ކެންގެ ބައްޕަގެ.. ނުފޫޒުން ކަމެއް.. ނޫނީ.. އިއްތިފާގުން ކަމެއް.. މެހެކް.. މެހެކް ބުނި.. އޭރު… އަހަރުން.. މާލެ އައިތާ ދުވަސްކޮޅެއްވެސް ނުވަނީސް.. ކައިސްގެ ޖޮބް.. އެހެން ރަށަކަށް ބަދަލުވީ .. ވާހަކަ.. ދެން.. ދެން ޝީ ވޯޒް.. އޯލް އެލޯން..” ޝުބާ މެހެކް ކިޔާދީފައި ހުރި ވާހަކަތައް މާކިންއަށް ބުނެދޭން ފެށިއެވެ. ބަލި މަންމަ ގޮވައިގެން އުޅެމުންދިޔަ އެކަނިވެރި ގޮތެވެ. ކައިސްއަށް އެހީތެރިވާން އުނދަގޫ ވީ މިންވަރެވެ. ދިރިއުޅެމުންދިޔަ ދަތިކަމާއި އެކަނިވެރިކަމެވެ. މާކިންއަށްޓަކައި ކުރި އިންތިޒާރެވެ. މަންމައަށްޓަކައި ހޭދަކުރި ވަގުތުތަކެވެ. އެންމެ ފަހުން މަންމަ އޭނާއާއި ވަކިވީ ގޮތެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަ ފޮހެމުން، އަސަރާއިއެކު ޝުބާ ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން އިން މާކިންއަށް އިހުސާސް ކުރެވެމުންދިޔައީ ލަދުވެތިކަމެވެ. އޭނާ ކުށްވެރިވެފައިވާ މިންވަރެވެ. މެހެކްގެ ކުރިމަތީގައި އަގުވެއްޓިފައިވާވަރެވެ. އޭނާގެ ފިނޑިކަމެވެ. ކުށްވެރިކަމާއި، ރުޅިއާއި، ހިތާމައިގެ އަސަރުތަކުން ސިކުނޑި ފުރެމުން ދިޔަ މާކިން ކުއްލިއަކަށް އިސްތަށިގަނޑުގައި ދެއަތުން ހިފަހައްޓާލުމަށްފަހު އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ.
“ބިލާލް.. ބިލާލް އުޅުއްވާތޯ؟.. ބައްދަލުކޮށްލަން..” މެހެކް ތިންވަނަ މީހަކާއި ސުވާލު ކުރިއެވެ. އޭނާ ހުރީ ބިލާލްގެ ގެ ކަމަށްވާ މުޅި ރާއްޖެއަށާއި މާލެއަށް މަޝްހޫރު “ހޮރައިޒަން” ގޭގެ މައި ދޮރު ކުރިމަތީގައެވެ. އެތައް ތަނަކަށް ގުޅައިގެން، އެގެ ހޯދުމަށްފަހު އޭނާ އެގޭ ދޮށަށް އޭނާ އައީ ބިލާލްއާއި ކުރިމަތިލުމުގެ ފުރިހަމަ ހިތްވަރާއިއެކުއެވެ. އޭނާ ގޭ ދޮށަށް އެރުމާއިއެކު 10 ވަރަކަށް ފަންގިފިލާ އެކުލެވިގެން އިމާރާތް ކުރެވިފައިވާ އެ ބޮޑު ގޯތީގެ، ބިޔަ މައި ދޮރާށި ދޮރުގައި ހުރި ސެކިއުރިޓީ ގާރޑް އޭނާއާއި ސުވާލު ކުރީ ހައިރާންކަމާއިއެކުގައެވެ. އޭނާގެ ބޭނުމަކީ ބިލާލްއާއި ބައްދަލު ކޮށްލަން ކަމުގައި ބުނުމުން ރަސްމީ ކަންކަމުގައި ބިލާލް މީހުންނާއި ބައްދަލު ކުރައްވަނީ އޮފީހުގައި ކަމަށް ބުންޏެވެ. އެހެން ނަމަވެސް މެހެކް އޭނާއާއި ބައްދަލު ކުރަން ބޭނުންވީ އަމިއްލަ ކަމެއްގައި ކަމަށް ބުނުމުން އެ ސެކިއުރިޓީ ގާޑް ފޯނު ނަގާ މީހަކާއި ގުޅާލީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުމުގެ ކުލަވަރު ދައްކަމުންނެވެ.
މައި ދޮރާށި ހުޅުވާލާފައި އެތެރެއިން އިތުރު މީހަކު ނުކުތީ ގާޑް ގުޅާލުމަށްފަހު މާ ގިނަ އިރުތަކެއް ނުވަނީހެވެ. އެމީހާވެސް މެހެކްއާއި ކުރީ ހަމަ އެއްސުވާލެވެ. މެހެކް ދިނީވެސް ހަމަ އެއް ޖަވާބެކެވެ. ދެންވެސް އޭނާއަށް އެތެރެއަށް ވަދެވޭނެ ކަމުގެ ނިޝާނެއް ނުލިބުނެވެ. މުއްސަނދިންގެ ހުރި ޒާތްކޮޅު ބޮޑުކަމާއިއެމެދު ފުރަތަމަ ފަހަރަށް މެހެކްގެ ހިތުގައި ނުރުހުމުގެ އަސަރު އުފެދުނީ އެވަގުތުއެވެ. އެހެން ނަމަވެސް މޫނުމަތިން އެކަން ނުދައްކާ ހަމަ ޖެހިލައިގެން ހުރީ ބައްދަލު ކުރެވެން މިއުޅެނީ އޭނާ އެންމެ ލޯބިވާ ފަރާތުގެ އާއިލާއާއި ކަން ހަނދާނުގައި ހުރުމުންނެވެ. ދެވަނަ މީހާ މެހެކްގެ އެދުމާއިއެކު އެތެރެއަށް ވަނުމަށްފަހު ތިންވަނަ މީހަކު ދޮރާށިން ބޯ ދިއްކޮށްލީ 10 ވަރަކަށް މިނެޓް ފަހުންނެވެ. މެންދުރުގެ ވަގުތު މަގުމަތީގައި ކޮޅަށް ހުންނަން ޖެހުމުން ނުތަނަވަސްވެފައި ހުރި މެހެކް އޭނާއާއި ބިލާލްއާއި ބެހޭގޮތުން ސުވާލުކޮށްލީ އެމީހާ އެއްވެސް އެއްޗެއް ބުނުމުގެ ކުރިންނެވެ.
“ބިލާލްގެ އަރިހުގައި ދަންނަވައިފިން.. ހުންނެވީ ވަރަށް މުހިންމު ކޯލެއްގައި.. މިގަޑީގައި ބައްދަލު ކުރުވޭކަށް ނެތޭ ބުނުއްވީ..” އެމީހާ ބޭރަށް ނުކުތުމަށްފަހު ނިކަން ހަމަ ޖެހިލާފައި މެހެކްގެ ސުވާލަށް ޖަވާބު ދިނެވެ. އެ ޖަވާބާއިއެކު މެހެކްގެ މޫނުގެ ކުލަވަރު މުޅިން ބަދަލުވިއެވެ. ދެބުމަ ކައިރިވެ، ލޯ ހަނިވެގެން ދިޔައެވެ. އޭނާއާއި މާކިންގެ ދިރިއުޅުމާއި ކުޅެލުމަށްފަހު ބިލާލް ހަމަ ހަމަޖެހިލައިގެން ހުރީ ހެއްޔެވެ؟ މާކިންއަށް ބިރު ދެއްކުމަށްފަހު ދެނެހުރި ކަމަކަށްވެސް ހަދާ ނުލާ ހުރީ ހެއްޔެވެ؟ ދެން އެގޮތަކަށް އެކަމެއް ނުވާނެއެވެ. މާކިންއަށްޓަކައި ކޮންމެ ފަދަ ހަނގުރާމައަކާއި ކުރިމަތިލުމަށްވެސް މެހެކް މިހާރު އެހުރީ ތައްޔާރު ވެގެންނެވެ.
“ބިލާލް ކައިރި ބުނެދެއްވާ ބިލާލްގެ ދަރިފުޅު މާކިންގެ އަނބިމީހާއޭ ބައްދަލު ކޮށްލަން އައިސް ހުރީ..” ނުރުހުންވެފައި ހުރި ވަރުން ދެދަތްޕިލަ ޖައްސާލައިގެން ހުރެ މެހެކް ބުނެލި އެއްޗަކުން އެތަނުގައި ތިބި ދެމީހުންނަށްވެސް ދެލޯ ބޮޑުކޮށްލެވުނީ އެއްފަހަރާއެވެ. އެހެން ނަމަވެސް އިތުރަށް ސުވާލު ކުރުމެއްނެތި ފާޑަކަށް މެހެކްގެ މޫނަށް ބަލަމުން ތިންވަނައަށް ނުކުތް މީހާ އަނެއްކާވެސް އެތެރެއަށް ވަދެއްޖެއެވެ.
މެހެކްއަކީ މާކިންގެ އަނބިމީހާ ކަމަށް ބުނުމުން އެގޭތެރެއަށް ވަންނަން ހުއްދަ ލިބޭކަށް ގިނަ އިރުތަކެއް ނުވެއެވެ. މައި ދޮރުން އެތެރެ ވުމާއިއެކު އޭނާއަށް ނަޒަރު ހުއްޓާލެވުނީ ގޯތި ތެރޭގައި އޮތް ބޮޑު ބަގީޗާގެ ތެރެއަށެވެ. ޕޮޓުތަކުގެ އެހީގައި އެކި އެކި ވައްތަރުގެ ގަސްތަކުން ހައްދާލާފައިވާ ބަގީޗާގެ ސަބަބުން ގޯތި ތެރެއަށް ޝާހީކަމާއި މުއްސަނދިކަން ގެނުވައިދެއެވެ. އެ މާހައުލު ފެނުމުން މާކިންގެ އާއިލާއަކީ ކިހާ މުއްސަނދި، ކިހާ ނަން ހިނގާ ބައެއްކަން މެހެކްގެ ސިކުނޑިން އިންޒާރުކޮށްލުމާއިއެކު އޭނާގެ ހިތުގެ ތެޅުން ބާރުވެލިއެވެ. އެހެންނަމަވެސް މިހާރު އޭނާ އެހުރީ އެގެއަށް ވަދެއެވެ. މާކިންއާއި އޭނާގެ ހައްގު ހޯދައިގެން ފިޔަވައި ދެން ފަސް އެނބުރި ދާކަށް އޭނާ ބޭނުމެއް ނުވެއެވެ. ހިން ދިރުވާލުމާއިއެކު ހަށި ފުރާ ނޭވާއެއް ލަމުން އޭނާ ވަށައިގެން ހޯދާލިއެވެ. އެވަގުތު ލޮލުގައި އަޅައިގަތީ ބަގީޗާގެ ބިއްދޮށުގައި ހުރި ކޮފީ ހަޓެއް ކަހަލަ ތަނެއްގެ ކައިރީގައި މާކިންގެ މަންމައާއި ބައްޕަ އޭނާއާއި ދިމާއަށް ބަލަހައްޓައިގެން ތިބި މަންޒަރެވެ. ބާރު ބާރަށް ތެޅެމުން ދިޔަ ހިތާއިއެކު މެހެކް ލަސް ފިޔަވަޅުތަކެއްގައި އެދިމާއަށް ހިނގައިގަތެވެ. ބިލާލްގެ މޫނުން ނަޒަރު ވަކިކޮށްލުމެއްނެތި ކުރިއަށް ހިނގަމުން ދިޔަ މެހެކްއަށް، އޭނާ ފެނުމުން ބިލާލްގެ މޫނަށް އަންނަމުން ދިޔަ ބަދަލުތައް ވަރަށް ސާފުކޮށް ފާހަގަ ވަމުން ދިޔައެވެ. އެ ވިސްނުންތެރި މޫނުގައި ވަނީ ހަމައެކަނި ހައިރާންކަމުގެ އަސަރުތަކެއް ނޫނެވެ. އެއާއި އެއްވަރަށް ނަފްރަތާއި، ރުޅިވެރިކަމުގެ ކުލަވަރުވެސް އެމޫނުން ފާޅުވަމުން ދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Vrrrr Reethi mipartves waiting for the next part ???????
Awnnn me first tha????
mi part vess varah reethi?☺️
next part kn iarakah up vany
luv u???
stay safe ????
Den kihenae baa vaanee alha avhae vaahaka up kohdeeba plz ?♥️?