“އެސް ސީ އޭ ގެ ޝިކާރަވެރިޔާ 8 (ފަހުބައި)”
ދުވަހަކަށް ފަހު ދުވަހެއް ވޭތުވަނީއެވެ. ކޮންމެ ދުވަހަކު ރީހަބަށް ގޮސް އެކި ގޮތްގޮތަށް ޙަރަކާތްތެރިވަމުން އަންނަ މާހިން ނިމުމަކަށް އަންނަން ގާތްވެއްޖެއެވެ. އަހަރެން މާހިން ކައިރިއަށް ކޮންމެ ދުވަހަކު ޒިޔާރަތް ކުރަމެވެ. ބައްޕަގެ ރުހުމާއި، މަންމަގެ އެހީތެރިކަމާއި އެއްބާރުލުންވެސް އަހަންނަށް ލިބުނެވެ.
އާދައިގެމަތީން މިއަދުވެސް އަހަރެން މާހިން އަށް ޒިޔާރަތް ކުރީމެވެ. އަދި މާހިން ބޭރަށް ނިކުމެލާން ބޭނުންވާ ވާހަކަ ބުނުމުން ފުރޮޅުލީގޮނޑި އަކަށްލައިގެން ބޭރަށް ދިޔައީމެވެ. ނަމަވެސް މާހިން ހިތްހަމަޖައްސާދީފައި ހޮސްޕިޓަލަށްއައި މަގުމަތީ މާހިން ނޭވައި ކުރުވާން ފެށިއެވެ. އަހަރެން އަވަސް އަވަހަށް މާހިން ގޮވައިގެން ހޮސްޕިޓަލަށް ވަނީމެވެ. އަހަންނަށް މާހިންގެ ވަގުތު އައިސް ޖެހުނީކަން ޔަޤީންވެއްޖެއެވެ. ޑޮކްޓަރުންތައް އައިސް މާހިންގެ އަނގައިގައި ހެދިފައިހުރި ދަވަގަނޑު “ސަކްޝަން” ބޭނުންކޮށްގެން ސާފުކުރަނީއެވެ. ހިތުގެ ވިންދު ލަސްވާތީ ސީޕީއާރު ދޭން ފެށިއެވެ. އަހަންނަށް ކެތްތެރިވުން ނޫން ގޮތެއް ނެތެވެ. މާހިންގެ މައިންބަފައިންނާއި ކޮއްކޮ ރޮއެ ހޭރެނީއެވެ. އަހަރެން އެމީހުން ހަމައަކަށް އެޅުވޭތޯ ނަސޭޙަތް ދެނީއެވެ. ޑޮކްޓަރުން ކުރި ކަންތައް ދިޔައީ ބޭކާރު ވެގެންނެވެ. ހިތުގެ ވިންދު އެއްކޮށް ކެނޑިއްޖެއެވެ. ސީޕީއާރު ދިނުން ހުއްޓައިލައިފިއެވެ. އޯގާތެރިކަމާއި އެކީ ލޯމަރުވައިލިއެވެ. ގައިގެ ފޭރާން ބަދަލުކޮށް ފޮތިގަނޑެއް އަޅައި ހަށިގަނޑު ނިވައި ކުރިއެވެ. ހިނަވައި ކަށުކަމާކެމީގެ ކަންތައް ނިންމައި ގެޔަށް އައި މަގުމަތީ މާހިންގެ މަންމަ އަހަންނަށް ޝުކުރު އަދާކުރިއެވެ. އެކަންވެސް ނިމުނީތާއެވެ.
ދެއަހަރުފަހެވެ. އަދިވެސް އަހަރެންގެ ހިތުން މާހިންގެ އެއްވެސްކަމެއް ފިލައިގެންނެއް ނުދެއެވެ. ފިލާނެނަމަ އެކަންވާނެތާ ކިތަންމެ ދުވަހެކެވެ. މިއަދަކީ އަހަރެން ޑޮކްޓަރީކަން ކިޔަވާން އިންޑިޔާއަށްފުރާ ދުވަހެވެ. ބަލިވެފައިވާ މީހުންނަށް އެހީތެރިވުން އެއީ މިހާރު އަހަރެން ވަރަށް ކުރާ ހިތްވާ ކަމެކެވެ. ފުރުމުގެ ކުރިން މާހިންގެ އާއިލާއާއި ބައްދަލު ކުރީމެވެ. އަހަރެންގެ އާއިލާގެ މީހުންވެސް ތިބީ ވަރަށް ދެރަވެފައެވެ. އަހަރެންގެ މޫނު ދެރަވެފައިވާކަން ފެންނަން ނެތް ކަމުގައި ވީނަމަވެސް އަހަރެންގެ ހުރިހައި އިޙްސާސް ތަކެއް ރަށުގައި ވަޅުލެވިފައިވެއެވެ. އެންމެންނަށް ސަލާމް ކޮށްލުމަށްފަހު ޗެކިން އަށް ވަދެފީމެވެ. މާހިން ކަހަލަ ކެތްތެރިމީހަކާ ދިމާވުމުން ﷲ އަށް ޝުކުރު ކުރަމެވެ.


