ކުރުވި ދިގު އިންތިޒާރު… 5
“އަހަރެންވެސް ޝިޔާދެކެ ވަރަށް ލޯބިވޭ. ޝިޔާ އަހަންނާ އިންނަންވީނު؟” ޒާލިފް އަހަރެންގެ ކޯތާފަތްމަތީ ރޮނގަކަށް ދެމިފައި ހުރި ކަރުނަތައް ފޮހެލަދިނުމަށްފަހު ކޮށްލި ސުވާލުން އަހަރެންގެ ހިތް ފުރިގެން ދިޔަ ކަހަލައެވެ.
“އާނ އާނ. އަހަރެން ބޭނުން ޒާލިފްއާ އިންނަން. އެކަމު ބައްޕަ….” ޒާލިފްއަށް އާބަސް ބުނެވުނީ ހިތް އެކަމަށް އެދޭ ވަރުންނެވެ. ނަމަވެސް ބައްޕަ ޤަބޫލު ނުވާނެކަން ސިކުނޑި އަހަންނަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. “ބައްޕަ ކިހިނެއްވީ؟ ބައްޕަ އަދިވެސް އަހަންނާ ޤަބޫލު ނުވާނެތަ؟ އަހަރެން ޝިޔާގެ ބައްޕަގެ ރުހުން ހޯދަފާނަން.” ޒާލިފް އަހަންނަށް ހަދިޔާ ކޮށްލީ ލުއި ހިނިތުންވުމެކެވެ.
ޒާލިފް އަހަންނާއެކު ގެއާ ހިސާބަށް ދިޔައެވެ. ނަސީބު ކަންދިމާކުރި ގޮތުން އެ ވަގުތަކީ މަންމަ ތިރިއަށް ފޭބި ވަގުތެވެ. “މަންމާ. މީ ޒާލިފް. އަހަރެން އިންނަން އުޅޭ ކުއްޖާ. ބައްޕަ ގާތު އަދި ބުނާނަން.” އަހަރެމެން ފެނުމުން މަންމަ ބަލަން ހުރުމުން އަހަރެން ޒާލިފް ގެ ވާހަކަ ބުނި ހިނދު މަންމަގެ މޫނުމަތީގެ ކުލަވަރު ބަދަލުވިތަން ރީއްޗައް އަހަންނަށް ފެނުނެވެ.”އައްސަލާމްއަލައިކުމް. ދައްތައަށް ކުރިންވެސް އަހަރެން އިނގޭނެ ކަންނޭނގެ. ކުރިންވެސް އަދި މިހާރުވެސް ޝިޔާ ލޯބިވަނީ އަހަރެން ދެކެ. އަހަރެންވެސް ލޯބިވަނީ ޝިޔާދެކެ.” މަންމައާ ސަލާމް ކޮށްލަން ޒާލިފް ދިއްކުރި އަތް ތިރިކޮށްލަން އުޅުނު ވަގުތު މަންމަ އެ އަތުގައި ހިފާ ސަލާމަށް ޖަވާބު ދިނުމުން އަހަންނަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. “މަންމައަށް އިނގޭ ތި ދެކުދިން އެކަކު އަނެކަކު ދެކެ ލޯބިވާ ވަރު. މަންމަދެން ނެތިން އިތުރަށް ތި ގުޅުމަށް ހުރަސް އަޅާކަށް. މާދަން ޒާލިފް ދާންވީނު މިޝްޔާގެ ދޮންތަމެން ގެއަށް ހަވީރު ސައި ބޯން. މަންމަ ދާނަން މިޝްޔާ ގެއަށް އައީމަ ގޮވައިގެން އެ ގެއަށް. ބައްޕައާ ވާހަކަ ދެއްކުމުގެ ކުރިން މަންމަ ޒާލިފްއާ ދައްކަންޖެހޭ ވާހަކަތަކެއް އެބަހުރި. މިރޭ މާ ލަސްވެއްޖެ އެއްނު. މިޝްޔާވެސް ދެން އެހާ ގިނައިރު ނުކޮށް އާދޭ އެތެރެއަށް. މަންމަވެސް މި ނުކުތީ ބައްޕަ އާދޭތޯ ބަލާލަންވެގެން.” މަންމަގެ ޚިޔާލު ބަދަލުވީ ކޮން ދުވަހަކު ކަމެއް އަހަންނަކަށް ނޭނގެއެވެ. ނަމަވެސް މިއީ ރަނގަޅު ފެށުމެއް ކަމަށް ހިތް ބުންޏެވެ.
އިރު އޭގެ ވާޖިބު އަދާ ކުރުމަށް ފަހު އޮއްސެން ތައްޔާރުވަނީއެވެ. މަންމަ ގޮވައިގެން އަހަރެން ސައިކަލުގައި މިސްރާބު ޖެހީ ދޮންތަމެން ގެއާ ދިމާލަށެވެ. ޒާލިފް ސައިކަލުގައި ދޮންތަމެންގެ ގެ ކައިރީގައި މަޑުކޮށްގެން އިނީ އަހަރެމެން އަންނަންދެނެވެ. މަންމަގެ ފަހަތުން އަހަންނާއި ޒާލިފް އަތުގައި ހިފައިގެން ވަތްތަން ފެނުމުން ދޮންތަހުރީ ވެގެން އުޅޭ ގޮތެއް ނޭނގޭ ފަދައަކުންނެވެ. “ޒާލިފް އާ މިޝި އާ..” ދޮންތަ ބުނަން އުޅުނު ވާހަކަ ފުރިހަމަނުވަނީސް މަންމަ ވާހަކަދައްކަން ފަށައިފިއެވެ. “ދެކުދިން އިށީނދޭ. މާޝާ ދޭބަލަ ކާލާނެ ނޫނީ ބޯލާނެ އެއްޗެއް ގެންނަން.” މިއީ އަހަރެން ކިޔަވައިގެން އައި ފަހުން މަންމަގެ މޫނުމަތިން ހިނިތުންވުމާއެކު މީހަކާ ވާހަދެއްކި ފުރަތަމަ ފަހަރެވެ. “ޒާލިފް އަދާކުރަނީ ކޮންކަހަލަ ވަޒީފާއެއް.” މަންމަގެ ފުރަތަމަ ސުވާލުންވެސް ޒާލިފްގެ ތުންފަތްމަތީ ދުވެލީ ލުއި ހިނިތުންވުމެކެވެ. އަހަންނަށް ސިފަވީ އިންޓަވިއުއެކެވެ. “އަޅުގަނޑު އުޅެނީ އެމް.އެން.ޑީ.އެފް ގަ. ދެން އަނެއްހެން..” “ޒާލިފްސާރ… މިގޭގަ؟” ޒާލިފްގެ ވާހަކަ ފުރިހަމަ ނުވަނީސް ލޫތް ނިކުމެ ބުނެލި އެއްޗަކުން އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ލޫތްއަށް ޒާލިފް އެނގެނީ ކިހިނަކުން ބާވައެވެ. “އަނހާ ލޫތް. މިގޭ ކުއްޖެއްތަ ލޫތްއަކީ؟” ޒަލިފްވެސް ތެދުވެ ލޫތްއާ ކޮނޑާ ކޮނޑު ޖައްސާ ސަލާމްކޮށްލީ ވަރަށް ގާތް މީހެއް ފަދައިންނެވެ. “ލޫތްއަކީ އަހަރެންގެ ދަރިއެއް. ޒާލިފްއަށް ލޫތް އެނގެނީ ކިހިނެއް؟” ޖޫސް ހިފައިގެން ބަދިގެއިން ދޮންތަވެސް ނުކުތީ ހަމަ އެ ވަގުތެވެ. ސުވާލުގެ މައްޗައް ސުވާލު އޮހެނީއެވެ. އަހަންނާއި މަންމަ އިނީ ބުނާނެ އެއްޗެއް ނެނގިފައެވެ.
“ޒާލިފްސާރ އަކީ އަޅުގަނޑު ރިސޯޓްގަ އުޅުން އިރު އަޅުގަނޑުމެންނާ ރިސޯޓްގެ ފަރާތުން ޙަވާލުވެ ހުރީ ސާރ. އެ ރިސޯޓްގެ މެނޭޖަރ އެއީ. ވަރަށް ފަހުން އަޅުގަނޑަށްވެސް އިނގުނީ ސާރ އުޅެނީ އެމް.އެން.ޑީ.އެފް ގަ ކަން. ސާރ ވަރަށް ރަނގަޅު ވާނެ.” ލޫތް ހުރިހާ ވާހަކައެއް ކިޔާ ނިންމި އިރު އަހަރެންވެސް އިނީ ޙައިރާންވެފައެވެ. އަހަރެމެން ދެމީހުން ދުރުވެފައި މި ވީ ދުވަސްކޮޅުގެ ތެރޭގައި ހާދަ ކަމެއް ބަދަލު ވެއްޖެއޭ ހިތަށް އެރިއެވެ. “އަސްލު އެއީ ބައްޕަގެ ރިސޯޓެއް. ބައްޕަ އަހަންނާ ރިސޯޓް ޙަވާލު ކުރެއްވީ މީގެ 3 ވަރަކަށް އަހަރު ކުރިން. އެމް.އެން.ޑީ.އެފް ގަ އުޅޭތާ މިހާރު 6 ވަރަކަށް އަހަރު ވެދާނެ.” ޒާލިފްގެ ހަށިގަނޑަށް އައިސްފައި ހުރި ބަދަލުގެ ސިއްރަކީ މިއޭ އަހަރެންގެ ހިތް ބުނަން ފެށިއެވެ. “ޒާލިފް ސިނގިރޭޓު ބޮންތަ؟” މަންމަ އެ ސުވާލު ކުރި ސަބަބު އަހަންނަށް ރީއްޗައް އެނގެއެވެ. ކުރިން ޒާލިފް އާ ވާހަކަ ދެއްކި އިރުވެސް އަހަނަނަށް ސިނގިރޭޓުގެ ވަސް ޖެހުމުން ބޯއަނބުރާ ގޮތްވާކަން އޮންނާނީ ބުނެފައެވެ. “ނުބޮން. ދުވަހަކުވެސް ސިނގިރޭޓާ ވޭޕާ ޝީޝާ ފަދަ ހަށިގަނޑަށް ގެއްލުން ހުރި އެއްޗިއްސެއް ނުބޮން. ޝިޔާ އަށް އުނދަގޫ ވެސް ވެއެއްނު.” މަންމަ ފަދައިން ދޮންތަގެ މޫނުމަތީގެ ކުލަވަރުވެސް ބަދަލުވާން ފެށިއެވެ. ޒާލިފް މި ގެއަށް ވަތް އިރު މޫނު ހަދައިގެން ހުރި ދޮންތަގެ މޫނުމަތިން މިހާރު ފެންނަމުންދަނީ ހިނިތުންވުމެވެ. “މަންމަ ގަބޫލު ތި ދެކުދިން ކައިވެނި ކުރަން. އެކަމު މިޝްޔާގެ ބައްޕަ ކުރިންވެސް އޮތީ ތި ގުޅުމަށް ހުރަސް އަޅާފަ. މަންމަ އަށް ފެންނަނީ ފުރަތަމަ މިޝްޔާ ގޮސް ބައްޕަ ގާތު މި ވާހަކަ ދައްކަން. އޭގެ ފަހުގަ މަންމަ ބައްޕައާ މި ވަހަކަ ދައްކާނަން.” މަންމަގެ އާބަސް ލިބުމުން އަހަރެން ހަނދާން ނައްތާލަން މަސައްކަތްކުރި ހުވަފެންތަކުގައި ކުލަ ޖެހެން އުޅޭ ކަމުގެ އިޙްސާސް ކުރެވެން ފެށިއެވެ.
ދުވަސްތައް އެ ގޮތުގައި ފައިތުވަމުން ދިޔައެވެ. ބައްޕަގާތުގައި ޒާލިފްގެ ވާހަކަ ދައްކަން އަހަރެން ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ޒާލިފް ބުނަމުން ދިޔައިރުވެސް އަހަރެންގެ ހިތް ބިރުގަންނަނީ ކީއްވެކަމެއް ޚުދު އަހަންނަކަށް ނޭނގެއެވެ. “ބައްޕާ. އަޅުގަނޑު މީހަކާ އިންނަން ބޭނުން.” ބިރު ކަނޑާލާފައި ގޮސް ބައްޕައާ ވާހަކަ ދައްކަންފެށީ ކާމިޔާބު ވާނެކަމުގެ އެއްވެސް އުންމީދެއް ނެތިއެވެ. “އަލްޙަމްދުލިﷲ. ބައްޕަ ވަރަށް އުފާވެއްޖެ. ކޮން ކުއްޖަކާތަ ދަރިފުޅު އިންނަން ބޭނުމީ؟” ޒާލިފްގެ ނަން ބުނެފިއްޔާ ބައްޕަގެ ހިނިތުންވުން ފަނޑުވާނެކަން ހިތުގެ ކަނަކުން ގޮވަމުން ދިޔަނަމަވެސް އަހަރެން ތެދަށް ބުނީމެވެ. ކަންތައްވީ ހީކުރި ގޮތާ މުޅީން ޚިލާފަށްށެވެ. ބައްޕަގެ ހިނިތުންވުމަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް ޖަވާބު ލަސްވަމުން ދިޔަ ކޮންމެ ސިކުންތެއް އަހަރެންގެ ހިތުން ނާރެއް ބުރިކޮށްލަން މަސައްކަތް ކުރާ ފަދައެވެ. ” ބައްޕަ ތި ކަމާ ވަރަށް ވިސްނައިފިން. މީހަކު ކޮންމެ އެއްޗެއް ކޮންމެ ގޮތަކަށް ކިޔަސް ތި ދެކުދީން ދުވަކުވެސް ދުރެއް ނުވާނެކަން ކުރީރޭ ބައްޕައަށް ވަރަށް ރީއްޗައް ސާބިތުވެއްޖެ. ޒަމާން ތަކަކަށް ފަހު ތި ދެކުދިން ދިމާވިރޭ ތި ދެކުދިން ދެއްކި ހުރިހާ ވާހަކައެއް ބައްޕައަށް އަޑު އިވުނު. ސާފު ވައި ކޮޅެއް ހޯދަން ބައްޕަ އެރޭ ނުކުތީ ދަރިފުޅު ދިޔަ ފަހުން. ތަޤުދީރު ނިޔާ ކުރިގޮތުން ދަރިފުޅު ދިޔަތަން ނޭނގުނަސް ބައްޕައަށް އެރޭ އެ ތަނަށް ދެވުނީ ތި ދެކުދިން ދެއްކި ވާހަކަ އަޑު އިވެން ކަމަށްވެސް ވެދާނެ. ދަރިފުޅު ބައްޕަމެނަށް ޓަކައި ވީ ޤުރުބާނީ އެރޭ ބައްޕަ އަށް އެނގުނު. ދެން އިތުރަށް ދަރިފުޅުގެ އުންމީދުތަކަށް ހުރަސް އަޅާކަށް ބައްޕަ ނެތިން.” ބައްޕަގެ ވާހަކަ ހުއްޓުމަކަށް އައީ ބައްޕަގެ ލޮލުގައި ޖަމާވެފައި ހުރި ކަރުނަތަށް ފޭބުމުންނެވެ. އަހަރެން ވާންވީ އުފާ ކަމެއް ނުނީ ދެރަ ކަމެއް އެ ވަގުތަކު އަހަންނަކަށް ނެނގުނެވެ. ބައްޕަ ގައިގައި ބައްދާލެވުނީ ބޭއިޚްތިޔާރުގައެވެ. މުޅި ދުނިޔެއަށް އިވޭ ވަރަށް ހަޅޭލަވައިގަންނަން ބޭނުންވިއެވެ. ފޯނު ނަގާ ޒާލިފްއަށް ގުޅަން އުޅެފައިވެސް ފޯނު ބޭއްވީ ޒާލިފްގެ ހިތް ތަޅުވާލާ ހިތުންނެވެ.
މެދުއުޑުގައި ސާދަ ވިލޭރޭގެ ހަނދު ރަސްކަން ކުރަމުން ދިޔައެވެ. ހަނދުގެ ދަރުބާރުގައި ތަރިތައް ވިދާ ބަބުޅަމުން ދިޔައީ ކުދި ކުދި ޖަވަހިރުތަކެއް ފަދައިންނެވެ. ހިތެއްގެ ބައްޓަމަށް އެތުރިފައި ހުރި އުއްބައްތިތަކުގެ ފަނޑު އަލިން މުޅި ސިޓިންގް ރޫމް ވަނީ އަލިކޮށްލާފައެވެ. މުޅި ތަނަށް އުކާލެވިފައިވަނީ ރަތް ފިނިފެންމަލުގެ ފިޔަތަކެކެވެ. ހިތް ފުރެންދެން ބަލަހައްޓައިގެން ހުރެވުނީ ޒާލިފް އަށް މި ސަރޕްރައިޒް ކަމުދާނެ ކަމުގެ އުނމީދުގައެވެ.
“ޝިޔާ. ދެން އަހަރެން ނުތަޅުވާ ބުނެބަލަ ކީކޭތަ ބައްޕަ ބުނީ؟” ޒާލިފްގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. މިރޭ ޒާލިފް އާ ދިމާވީންސުރެ އަހަރެންގެ މޫނުމަތިން ހިނިތުންވުމެއް ޒާލިފްއަކަށް ނުފެންނާނެއެވެ. “ބައްޕަ ބޭނުންވީ އެ ވާހަކަ ބައްޕަ އަމިއްލަޔަށް ޒާލިފްގާތު ބުނަން. ހިނގާ އެތެރެއަށް ވަންނަން. ބައްޕަ އިންނާނެ މިހާރު އިންތިޒާރުގަ. އެކަމު ބައްޕަމެން ނުރުހޭ ކަމެއް ކުރާކަށް އަހަންނަކަށް ނުކެރޭނެ އިނގޭ.” ކިތަންމެ ފޮރުވަން އުޅުނު ނަމަވެސް އަހަރެންގެ މޫނުމަތިން އުފާވެރިކަމެއް މިފަހަރަކު ނުފޮރުވުނެވެ. އެވަގުތު ޒާލިފްގެ ކަޅި އަހަންނަށް ހުއްޓިފައި ނެތްކަމީ އަހަރެންގެ ނަސީބެވެ.
ގޭގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ވަގުތު ޒާލިފްގެ މޫނަށް އަރަމުންދިޔަ ކުލަވަރު ނުހަނު ރީއްޗައް އަހަންނަށް ފެނުނެވެ. އުއްބައްތި ތަކުގެ ފަނޑު އަލި ޒާލިފްގެ މޫނަށް އެޅިފައި ވި ހިނދު އެ މޫނަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނީ ދުވަހަކުވެސް ބަލާ ފޫހި ނުވާނޭ ފަދަ ގޮތަކަށެވެ. “ސޯ އިޓްސް އަ ޔެސް؟” ޒާލިފް އަހަރެންގެ އަތުގައި ހިފާލިއެވެ. ދުވަހަކުވެސް އެ އަތުން ދޫކޮށްލާކަށް އަހަންނެއް ބޭނުމެއް ނޫނެވެ. ޒާލިފްވެސް އަހަރެންގެ އަތަށް ބާރުކޮށްލީ ދުވަހަކުވެސް ދުލެއް ނުކޮށްލާނަމޭ ބުނާ ފަދައިންނެވެ.
ކައިވެނީގެ ކަންތައް ނިމުނީ ނުހަނު ކާމިޔާބުކަމާއެކުއެވެ. ދެފަރާތު އާއިލާގެ ބައިވެރިވުމާ ލޯތްބާއިއެކުއެވެ. ކައިވެންޏަށް ފަހު ޒާލިފްގެ ގެއަށް އަހަރެން ބަދަލުވީ މައިންބަފައިންނާ ވަކިންނެވެ. މަންމަމެން ދޮންތަ ކައިރިޔަށް ބަދަލުވީ އެކަނި އުޅެން އުނދަގޫ ވާނެތީއެވެ. ކިޔެވުމުގެ ބާކީ އޮތްބައި ފުރިހަމަ ކުރަން އޮސްޓްރޭލިޔާއަށް އަހަރެން ގޮވައިގެން ދާގޮތަށް ޒާލިފް ނިންމިއެވެ. ނަމަވެސް އެކޮޅުގައި މާ ގިނަ ދުވަހު ހުންނަން ދިއުމަށް ޒާލިފްއަށް ހުރަސްއެޅީ އޭނާގެ ވަޒީފާއެވެ. އެއްމަސްދުވަހު އަހަންނާއެކު އެ ކޮޅުގައި މަޑުކުރުމަށް ފަހު އެނބުރި އަންނަގޮތަށް ޒާލިފް ހަމަޖެއްސިއެވެ. ޒާލިފްއާ ކައިވެނި ކުރުމުގެ ކުރިން އަހަރެން އެކަނި ވަގުތުހޭދަކުރި ނަމަވެސް ކައިވެންޏަށް ފަހު ޒާލިފް އާ ދުރުގައި ވަގުތު ހޭދަކުރަން އަހަންނަށް އުނދަގޫ ވިއެވެ.
ގާތްގަނޑަކަށް ނުވަ ގަޑިއިރުގެ ދަތުރަކަށް ފަހު އޮސްޓްރޭލިޔާގެ ރަންވޭގައި ފްލައިޓް ޖެއްސުމާއެކު ޒާލިފް އަހަރެންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. މަޑުމަޑުން ފްލައިޓުން މީހުން ނުކުންނަމުން ގޮސް އަހަންނާއި ޒާލިފްއަށްވެސް އޮސްޓްރޭލިޔާގެ ފިނި މާހައުލަށްނުކުމެވުނެވެ. ފަޒާގައި ހިފާފައިވާ ތެތް ފިނި ކަމުގެ އަސަރު ނޭވާ ދޫކޮށްލާހިނދު ރީއްޗައް ހާމަވެއެވެ. ޒާލިފްގެ އަތުގައި ހިފާލައިގެން ޓެކްސީއެއްގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުރި އިރު ދެ މީހުންގެ ހަތަރު ކަޅި ވަނީ ހަމަވެފައެވެ. ޒާލިފްގެ ލޮލުން އަހަންނަށް ފެންނަމުން ދިޔައީ ނިމުމެއް ނެތް ލޯބީގެ އަސަރެވެ.
-ނިމުނީ-
5 Comments!
Comments are closed.

salaam all readers. ummeedhu kuran hurihaa kudhinnah ves mi part ves kamudhaane kamah. Hurihaa kuiyuntheringe kibain maafah edhen kudakoh las veema mi part up kollevunu leh. 18th ga saaji submit kollin. Ekam miadhu upload vee. Welcome for the comments…
Maasha Allah??♥♥♥ V reethi mi part ves❤ when is next and yes story thah upload vaaleh v las dhw mihaaru. Even i noticed it♥♥♥
Keep it up
Stay safe♥
Insha allah next part maadhan submit kollaanan. And thankyou for the support and love. ♥️ you too stay safe ?♥️
And hello all readers. Vaahaka nimun thanuga nimunee jehifa e iny olhumakun ingey. It’s a typing mistake. I’m sorry for that. Story will be continued. This is not the ending.
?❤
Hello dear readers. Mi story mihaa hisaabun mi nimmaalany ingey. Due to many reasons. But insha allah fahun mi story badhalu thakaa eku dhigu koh genesdheynan. Hope you all will understand
?♥️