ފުރަ މެންދަން 1
ނޫކުލައިގެ ސާފު ބިއްލޫރިކޮޅެއްފަދަ ކަނޑަށް އެޅިފައިވަނީ ހިނިތުންވެފައިވާ ހަނދުގެ ފަނޑުއަލިކަމެވެ. ސާލެއް ފަދައިން ދަމާލެވިފައިވާ އުޑުމަތީގައި ތަރިތައް ބަބުޅަމުންދިޔައެވެ. ހަނދުގެ އަލިން އެކުއްޖާގެ ހަންގަނޑު ވިދަމުންދިޔައެވެ. ލޮނުގަނޑު އައިސް ދަނީ އެކުއްޖާ ލައިގެން ހުރި ހުދުކުލައިގެ ދިގު ހެދުން ތެންމާލަމުންނެވެ.
އެކުރެހުމަށް ފުރިހަމަކަން ގެންނަމުން ކައިންއަށް ހުރެވުނީ ހުވަފެނީ ދުނިޔެއެއްގައެވެ. މަޣުރިބްނަމާދަށް ބަންގި ގޮވިއަޑު މުޅި މާހައުލުގައި ފެތުރިގަތްއަޑަށް ކައިންއަށް ހޭވެރިކަމެއްވިއެވެ. ނިމިފައިވާ ކުރެހުން ޑްރޯވިން ބްލޮކްގެ ތެރެއަށް ކޮއްޕާލަމުން ކައިން އެއްގަމަށް އަރަން ދުއްވައިގަތެވެ.
އެދުވެފައިދިޔަގޮތަށް ކައިންއަށް ގެއަށް ވަދެވުނުއިރު ގޭދޮރުމަތީގައި ހުއްޓިގެންހުރި ކާއިނާތު ފެނިފައި ޖެހިލުންވާގޮތްވިއެވެ. “ކައިން.. ކިތައްފަހަރުތަ ބުނަންވީ މޫދުގާތަށް ނުދާށޭ..؟” ވެލިން ތަތްތެޅިފައިވާ ދެފަޔަށް ބަލާލަމުން ކާއިނާތު ބުނެލީ ހިތްހަމަނުޖެހިހުރެއެވެ. “ސޮރީ ދައްތާ ދެން ނުދާނަން..” ކައިންއަށް ބުނެވުނީ އެވަރަށެވެ. ބޮޑުދައިތަގެ ކުރިމަތީ ޖަދަލުކުރަން ބޭނުން ނުވާތީއެވެ.
“ދެންވެސް ނަމާދުކުރަންދާން އުޅޭ…” ކާއިނާތު ބުނެލީ އެހިސާބަށެވެ. ކައިން ބޯޖަހާލަމުން ބަސްއަހާ ކުއްޖެއް ފަދައިން އެތެރެއަށް ވަދެގެން ހިނގައިގަތެވެ. ކޮޓަރިއަށްވަދެ ދޮރުލައްޕާލިއިރު ހިތުގައި ފުނި ޖެހެމުންދިޔަ ސުވާލުތަކާއި ޝަކުވާތައް މަދެއް ނޫނެވެ.
ކައިންއަކީ އަށާރަ އަހަރުގެ އަންހެންކުއްޖެކެވެ. އުނަގަނޑާއި ހަމައަށް އަންނަވަރުގެ ރާޅުބާނި އިސްތަށިގަނޑަކާއި ތޫނު ދެލޮލުގެ ވެރިއެކެވެ. އެހީލާ އެންމެ ހީލުމަކީ ހިތްތައް ދިޔާވެގެން ފައިބާ ވަރުގެ ހިނިތުން ވުމެކެވެ. ކާއިނާތަކީ ކައިންއާއި ދޮންތަ ކައިރާގެ ބޮޑުދައިތައެވެ. ކައިރާއާއި ކައިންގެ މަންމަ ކައިލިން އަކީ ކާއިނާތުގެ ދެވަނަ ކޮއްކޮއެވެ. ކައިންއާއި ކައިރާގެ މަންމައާއި ބައްޕަ ކާރު އެކްސިޑެންޓެއްގައި ދުނިޔެ ދޫކޮށް ދިޔަފަހުން ދެކުދިންގެ ކަންކަމާއި ހަވާލު ވެގެން ހުންނަނީ ކާއިނާތުއެވެ. އަދި ކާއިނާތުގެ ދެކޮއްކޮ ކާމިލްއާއި ކައިލް އަދި އުޅޭނެއެވެ. އެއީ ކައިންގެ ކުޑަ ދޮންބެއާއި ކުޑަބެއެވެ. ކާމިލްވީ ރާއްޖެ އިން ބޭރުގައެވެ. ކައިލް ޑޮކްޓަރެއްގެ މަގާމުގައި މާލޭގައި ދިރިއުޅެމުން ދެއެވެ. ކައިންމެންގެ މާމަ އައިސާދީ ދުނިޔެ ދޫކޮށް ދިޔަފަހުން ހުންނަނީ ކައިންމެންގެ ކާފައެވެ. ކުޑަ ހުއްތަކީ މަސްވެރި ކަމުގައި އެ ރަށުގައި އެންމެ މޮޅު މީހާއެވެ. ކަނޑަށް ނުލާހިކު ވަރުގަދައެވެ. ފަތާ ފީނާލަން މޮޅުކަމުން އެގާރަ ބާރަ އަހަރުގެ ކުއްޖެކޭ ތަފާތު ނުވާ ހިނދުކޮޅުތައްވެސް އާދެއެވެ.
މޫދަށް އެރި މޫދާއި ގާތަށް ގޮސް އުޅުމަކީ ރަނގަޅުކަމެއް ނޫންކަން ކާއިނާތުވަނީ ކައިން ތުއްތު އިރުއްސުރެ ބުނެދެމުން އައި ވާހަކަ އެކެވެ. ކައިންގެ ޝަކުވާތައް އެއިން ކޮންމެ ފަހަރަކުވެސް ފުނިޖެހިލައެވެ. ކައިން އަށް މޫދަށް އެރެވެނީވެސް ހާލަކުން ފަހަރަކުންނެވެ. އެރެންޏާ އެރެވޭނީ ކާއިނާތު ފުލުގައި ޖައްސައިގެންނެވެ. މޫދާއި ދޭތެރޭ ކައިންގެ ޝައުގުވެރިކަން އުފެދެނީ އެހެން ވެގެންނެވެ. އަލަށް ވިހައިގެން އުޅޭ ތުއްތު ދަރިންވެސް މޫދަށް އަރުވާ އުޅޭތަން ކައިންއަށް ފެނެއެވެ. އެކުދިންނަށް ގޮތެއްވެ ކަމެއްވާ ތަނެއް ކައިންއަކަށެއް ނުފެނެއެވެ. އެހެންކަމުން ކައިން މޫދަށްއެރިއުޅޭ އުޅުން ގޯސްވަނީ ކީއްވެ ގެންކަމެއް ކައިންގެ ސިކުނޑި އަކަށެއް ނުވިސްނެއެވެ.
ކައިން މޫދުދެކެ ލޯބިވަނީ ވަކި ސަބަބެއް ނެތިއެއް ނޫނެވެ. ކިރު ކުލައިގެ ނަލަ ދޮންވެލިގަނޑު ފެންނައިރަށް ސިކުނޑިއަށް އެލިބޭ ތާޒާ ކަމުންނެވެ. މޫދުގެ ލޮނުގަނޑު އައިސް ބީހިލާފައި ދާއިރު އެލިބޭ އަރާމުންނެވެ. މޫދު އަޑީގެ މަންޒަރުތައް ނަލަކަމުންނެވެ. އެ މަންޒަރުތައް ދެކިލުމަކީ ކިހާ އުފާވެރިކަމެއް ލިބޭކަމެއް ކާއިނާތުއަށް ނުވިސްނެނީ ކީއްވެގެން ބާވައޭ ކައިން ހިތަށް އަރައެވެ.
އެނދުމަތީ އެކާވީސް އަހަރުގެ ކައިރާ އޮތީ ވާހަކަ ފޮތެއް ހިފައިގެންނެވެ. ކައިންއާއި ޚިލާފަށް ކައިރާގެ ހަމުގެ ކުލަ ހުންނަނީ ކުޑަކޮށް އަނދިރިކޮށެވެ. ނަމަވެސް ކައިރާއަށް ބުޅި އިސްތަށިގަނޑަކާއި ރީތި ދެލޯ ލިބިފައިވެއެވެ.
“މޫދު ގާތަށް ދިޔައީމަ އަނެއްކާ އަދަބެއް ލިބުނީދޯ..؟” ކައިރާ ފޮތް ލައްޕާލަމުން އެއްސެވެ. ”ނަސީބަކުން ނުލިބޭ…” ކައިން ބުނެލިއެވެ. ”ހޫމް.. ދެންވެސް މޫދު ގާތަށްގޮސް އުޅޭތި.. އަތުގައި ތިއޮތީ ކޯޗެއް..؟” ކައިންގެ އަތުގައިވާ ޑްރޯވިން ބްލޮކް ދަމައިގަނެ އެ ހުޅުވާލާފައި ކައިރާ ދެލޯ ބޮޑުކޮއްލިއެވެ. ޑްރޯވިން ބްލޮކްގެ ގާތްގަނޑަކަށް ހުރިހާ ސަފްހާއެއް ފުރިފައިވަނީ މޫދާއި ގުޅުން ހުރި ކޮންމެވެސް ކުރެހުމަކުން ނޫނީ ގޮނޑުދޮށާއި ގުޅުން ހުރި ކޮންމެވެސް ކުރެހުމަކުންނެވެ. “ވާވް… މީ ކޮންކަމެއްތަ..؟ މިއީ ކައިން ކުރަހާފަތަ..؟” ކައިރާ ޑްރޯވިން ބްލޮކްގައިވާ ހުރިހާ ކުރެހުމަކަށް ބަލަމުން އެހީ ހައިރާންވެ ހުރެއެވެ. “ދައްތައަށް ފެނިދާނެ… އަވަހަށް ބާއްވާ…” ކައިން ޑްރޯވިން ބްލޮކް އަތުލަމުން އަލަމާރިދަށަށް އެ ލައްވާލިއެވެ. އެހުރިހާ ދުވަހެއް ވަންދެން ކައިރާއަށް ނުފެނި ކައިން އެ ޑްރޯވިން ބްލޮކް ގެންގުޅުނީ ކިހިނެތްކަން އެ އެނގުނީއެވެ. “ހޫމް.. ދެން ދޮންތައެއް ނޫޅެމޭ ބުނާކަށެއް… ދެން ބުނެބަލަ… އެއީ ކައި ކުރެހި ކުރެހުންތަކެއް ނޫންތަ..؟” ކައިރާ އެހީ ޝައުގުވެރި ވެވުނު ވަރުންނެވެ.
”ހޫމް.. އެއީ ކައި ކުރަހާފަ.. ސްކޫލްގައި އަތިރިމަތި ފަޅި ކްލާހުގައި އިނދެގެންނާއި ސިއްރު ސިއްރުން ގޮނޑުދޮށަށް ދިޔަ ދެތިން ދުވަހުގައި…” ކައިން ދުރު ބަލާލައިގެން ހުރެ ޖަވާބުދިނެވެ. ”ވާވް.. ކައިން ކުރެހުމުގައި ތިހާމޮޅުކަމެއް އަދި ނުދަންނަން.. އެކަމް ދައްތަ މަނާ ކޮށްފައި އޮންނައިރު ސިއްރުން ގޮނޑުދޮށަށް ދާކަށް ނުވާނެ ދޯ..؟؟” ކައިރާ މަޑުމަޑުން ހީލާފައި ބުނެލިއެވެ.
“ދެންވެސް ތިއަނގަ ލައްޕައިގެން ހުންނާނީ.. ބޮޑުދައިތައަށް އެ ފެންނަދުވަހަކީ ކައިން ބިމުގެ ހަފޫޓު އަޑިއަށް ވެއްޓޭ ދުވަސް..!! އަދި ރައިނާއަކަށްވެސް މިއެއް ނުފެންނާނެ..” ކައިން އެކަމާއި ދޭތެރޭ ސީރިއަސް ވެފައިވަރުން ކައިރާގެ ގާތަށް އައީ ހިންޏެވެ. “އޭނ..؟ ރައިނާއަކަށްވެސް ނޭނގޭނޭ..؟ އެކަމް ރައިނާއަކީ ކައިންގެ ބެސްޓް ފްރެންޑްއެއްނު..؟؟” ކައިރާއަށް އެހެން ބުނެވުނީ ހައިރާންވި ވަރުންނެވެ. ކައިންއަކީ ވައިރޯޅިއެއް ޖެހުނަސް އެ ޚަބަރު ރައިނާއަށް ޚަބަރުދޭ ކުއްޖަކަށް ވާތީއެވެ. އެ ދެ މީހުންނަކީ ރަށުގައި ހުރި އެންމެ ނަމޫނާ ދެ ރަހުމަތްތެރިންނެވެ. “ހޫމް ދެން ބެސްޓީއަށް ވިޔަސް…..” ކައިން އެހެން ބުނެލަމުން ދެކޮނޑު އަރުވާލިއެވެ. “ހޫމް ހޫމް.. ދޮންތީގެ އަނގަ ލައްޕާ ތަޅުލާފަ ކޯރަކަށް ތަޅުދަނޑި އެއްލާލައިފިން..” ކައިރާ އެވާހަކަ ނުބުނާނެކަމަށް ބުނުމުން ކައިން ހިތްހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު ފާޚާނާއަށް ވަދެ ވުޟޫ ކޮއްގެން ނަމާދަށް އެރިއެވެ.
ނަމާދު ކޮއްގެން ޓެބްލެޓަށް އެއަރޕޮޑްސް ގުޅާލައިގެން ކައިންއަށް ލަވަ އަޑުއަހަން ހުރެވުނީ ކިހާއިރެއް ވަންދެންކަމެއް ނޭނގުނެވެ. ކައިން ސިއްސައިގެން ދިޔައީ ކާއިނާތު ކުރިމައްޗަށް އެރުމުންނެވެ. ޓެބުގެ އަޑުމަޑުކޮއްލަމުން ކައިން ކާއިނާތަށް ސަމާލުކަންދިނެވެ. ހާވާލެވިފައިވާ އެއިސްތަށިގަނޑުގެ ތެރެއިން އެއަރޕޮޑްސްތައް ނުފެންނާނެކަން ޔަގީންވާތީއެވެ. ކާއިނާތަކީ އިނގިރޭސި ލަވަދެކެ ފާޑެއްގެ ރުޅިއެއް އަންނަ މީހެކެވެެ. ކައިން އިނގިރޭސި ލަވަ އަޑު އަހާކަން އެނގިއްޖެނަމަ ކާއިނާތުގެ މޫޑު ޚަރާބުވެއެވެ. ކާއިނާތު އަކީ ހިންދީ އެއްޗެއްސަށް އާދަޔާޚިލާފަށް ލޯބިކުރާ މީހަކަށް ވާތީ ކާއިނާތުއަކީ އަނެއްކާ އިންޑިޔާ މީހެއް ނޫންބާއޭ ކައިންގެ ހިތަށް އަރާ ފަހަރު މަދެއް ނޫނެވެ.
“ކައިންއަށް ގޮވާތާ ކޮންއިރެއްތަ..؟ މިގޮވަނީ ރައިނާ އައިސްގެންނޭ.. ރައިނާގެ ތުއްތަބޭ މާލޭގައި ހުރެހުރެފައި އަނެއްކާ އެގެއަށް ބަދަލު ވީމައި އެގޭގައި ކެއުން އޮވެގެން ތައްޔާރުވާށޭ ބުނަންވެގެން… ނަމަނަމަ ސޯޓު ނުލާތި..!!!” ކާއިނާތު ބުނެލިއެވެ. އޯކޭޔޭ ބުނެލިގޮތަށް އަލަމާރިން ހުދު ކްރޮޕްޓޮޕަކާއި އައިސްބްލޫ ހައިވެއިސްޓެއް ނެގިގޮތަށް އެ ލައިގެން ކައިން އިސްތަށިގަނޑު ދޫކޮއްލީ ހުޅި ނުޖަހަން ވެގެންނެވެ.
އޭރު ކައިރާވެސް ހުރީ ތައްޔާރު ވެގެންނެވެ. ނޫކުލައިގެ ޓޮޕަކާއި ކަނޑުނޫ ޖިންސެއް ލައިގެންނެވެ. “ދޮންތަ ހާދަވަރަކަށް ރީތި ވެލައިގެން ތިހުންނަނީ..؟” ކުޑަ ޝައްކެއް ވެގެން ކައިންއަށް އެހުނެވެ. “ކިހިނެތްތަވީ..؟ ރައިނާގެ ތުއްތަބޭ އެކަންޏެއްނޫނޭ އެގެއަށް އައީކީ.. ޝަރޫންވެސް އައޭ..” ކައިރާގެ ޖަވާބުން ކައިން މޫނުކުނިކޮއްލިއެވެ. ރައިނާ ކިޔައިދިން ގޮތުންނަމަ ޝަރޫންއަކީ ރައިނާގެ ތުއްތަބޭގެ ދޮށީ ފިރިހެން ދަރިފުޅެވެ. އެފަށައިގަންނަން އުޅޭ ވާހަކައިގެ މިސްރާބު ދާންއުޅޭ ދިމާ ކައިން އަށް ނަގައިގަނެވެން ވަގުތު ކޮޅެއްވެސް ނުނެގިއެވެ.
“އަބަދު ދޮންތި ދައްކާނީ ފިރިހެންކުދިންގެ ވާހަކަ… ޒަލާން ބޭބެއާއި ބްރޭކްއަޕްވީ ފަހުން ދޮންތިއަށް ރީތިނުވާ އެކަކުވެސް މިރަށުގައި ނެތްކަމަކަށް ނުވޭ.. ކުރީ ދުވަހު ބައިސްކަލުގައި މިމަގުން ދިޔަ ކުއްޖާ ރީތިވެއްޖެ.. މިއަދު ދޮންތިއަށް ކިއްލި ޕެކެޓެއް ދިން ކުއްޖާވެސް ރީތިވެއްޖެ… މިހާރު އަނެއްކާ ޝަރޫން..؟ މީ ކިހިނެތްވަކަމެއް..؟” ކައިން ބޯ ހޫރާލަމުން ބުނެލިއެވެ. “ދެން ކައިން.. ދޮންތިއަށް އަންނަ މަހުގައި ބާވީސްވާނެ.. ދެން މައްސަލައަކީ ކޮބައި..؟” ކައިރާ ތުން އަނބުރާލަމުން އެއްސެވެ. ”މައްސަލައަކީ އެންމެން ރީތިވެގެން އުޅޭތީ.. ޔާ އިލާހީ އަޅުގަނޑު ފިރިހެންކުދިންގެ ވާހަކައިން ސަލާމަތްކޮއްދެއްވާ..” ކައިން ޖުމްލަ ނިންމާލަމުން އެހެން ބުނެލި ކައިރާ ރުޅިއަރުވާލުމުގެ ނިޔަތުގައެވެ.
“ހޫމް.. ކައިނީގަނޑު.. ދެން އެކަކުގެ ވާހަކައެއްވެސް ނުދައްކާނަމޭ..” ކައިރާ ކޮޓަރިން ނުކުތީ ވައްތަރެއް ޖައްސާލާފައެވެ. ކައިން ހީލާފައި މޭޒުމަތީގައި ކޮތަޅަކަށް ލާފައި އޮތް ރިހާކުރު ފުޅިއާއި މަސްމިރުސް ދަޅު ނަގައިގެން ނުކުތެވެ.
ރޭގަނޑު ގަޑިކަމުން މަގުމަތި އަނދިރިއެވެ. ނަމަވެސް ހޮޅިދަނޑިތަކުގެ ފަނޑުއަލިން ދާންވީ މަގުތައް އިނގެއެވެ. ރައިނާމެންގެ ގެއާއި އަރާހަމަވާއިރަށް އެގޭ މީހުންތަކުގެ އަޑު ކަންފަތްދޮށުގައި ގުގުމާލައިފިއެވެ. އެބުނާ ތުއްތަބެއެއް އައިސްގެން އެގޭ މީހުން ފޯރިއަރާފައި ވާވަރު އެވަރުން އެނގެއެވެ.
“އައްސަލާމު އަލައިކުމް..” ކައިން އެތެރެއަށް ވަންނަމުން ގޮވާލިއެވެ. “އަނހަ.. ކައިންމެން މިއޮއްއައީ ސުޒާނާ އަވަހަށް ކާންއަޅާ..” އެތެރެއަށް ނުވަންނަނީސް ރައިނާގެ މަންމަ ޝަޒީލާގެ އަޑު އިވިއްޖެއެވެ. “އައްދޭ މައި ޕާޓު.. ހާދަ ލަސްވީ..؟ އައިގޮތުން ހީވަނީ މާލެއިން މިކޮޅަށް އައިހެން..” ރައިނާ އައިސް ކައިންގެ ކޮނޑަށް އަތް ވައްޓާލަމުން އެއްސެވެ. “ކަމެއް ނުވޭ.. މިއޮތީ ދައްތަ ރައިމެންނަށް ދޭށޭ ކިޔާފަ ދިން އެއްޗެއް..” ކައިންގެ އަޑުގައި ޖޯޝެއް ނެތްވަރު ފެނި ރައިނާ މޫނެއް ހަދާލިއެވެ. “ހާދަ މޫޑުކަޓާފަ ހުރިހެން އެބަހީވެޔޭ..؟ އަނެއްކާ ކިހިނެތްވީ..؟” ރައިނާ އެއްސެވެ. “މިދައްތަޔާ ހެދި.. މަށަށް މޫދު ގާތަށް ނުދެވެންވީ ސަބަބެއް އަދި ވިސްނާލެވިފައެއް ނެތް..” ކައިން ކޮއްލި ޝަކުވާއިން ރައިނާ ބޯހޫރާލިއެވެ. “ސާބަހޭ.. ތި މައްސަލައިގައި އަބަދު ކައިން ހުންނަނީ ތާށިވެފައި… ތިމައްސަލަ ދެން ދޫކޮއްލާހާ ދުވަސް ވެއްޖެއެއްނު..؟” ރައިނާ ބުނެލިއެވެ. “ނޫން.. މަށަށް ރަނގަޅު ޖަވާބެއް ދައްތަ ދިން ދުވަހެއް އަންނަންދެން ކުރުނުކޮށް ކިޔާނަން..” ކައިން ބުނެލިއެވެ.
”އެއްކަލަ ޓަފް ކުއްޖާގަނޑު… ސާބަސް.. އާދޭ ކާން.. ތުއްތަބެއާއި އެފެމެލީ އެންމެން އެބަހުރި ކައިމެން އަންނަންދެން ނުކައި..” ރައިނާ ބުނެލިއެވެ. “މަޑުކޮއްބަލަ.. ތުއްތަބެއަކީ ކާކުތަ..؟ ރައިގެ އާއިލާ ބޮޑުކަމުން ދެން މަށަކަށް ނޭނގެ އެއީ ކާކުކަމެއް މިއީ ކާކުކަމެއް…” ކައިން އެއްސެވެ. “އެއީ އަލީ ސަފީރު… ކައި ހަނދާން އެބަހުރިތަ..؟ އަހަރެމެންނަށް ހަ އަހަރުގައި… އޭރު ޝަރޫންބެއާއެކީ މިކޮޅުގައި މަހެއް ވަންދެން މަޑުކޮއްފައި ޝަވާއާއި ތުއްތުބެދައްތަގެ ގާތަށްދާން މާލެ ފުރިދުވަހު ކައިންއަށް ބޮޑު މެޓާދަޅެއް ދިނެއްނު..؟ އެއީ މަގޭ ތުއްތަބެއަކީ…” ރައިނާ ކިޔައިދިނެވެ. “އޯވް.. އެއްކަލަ ރަތްތުނބުޅި ލާފައި ހުންނަ ބޭބެދޯ..؟” ކައިންއަށް އެހެން ބުނެލެވުނީ ސަފީރު ހުންނަނީ ތުނބުޅީގައި ހީނާ އަޅާފައި ކަމުންނެވެ. ”ހޫމް.. އެބޭބެ.. ދެން އެމީހުން މާލެ ދާނެހެންނެއް ހިޔެއްނުވޭ.. ތުއްތުބެއާއި ތުއްތުބެދައްތަ އާއި ޝަރޫންބެއާއި ޝަވާއާއިއެކީ މިކޮޅަށް އެބަދަލުވީ… ޝަރޫންބެ ދާނެ މިކޮޅަށް ވަޒީފާއަށް..” ރައިނާ ކިޔައިދިނެވެ.
ކާގެއަށް ވަތްއިރު އެހެން ދުވަސް ދުވަހާއި ޚިލާފަށް ގިނަ ކާތަކެތި މޭޒުމަތިން ފެނެއެވެ. މޭޒުދޮށުގައި ސަފީރުއާއި ސުޒާނާ އިށީނދެގެން ހުއްޓެވެ. ރައިނާގެ ބައްޕަ ސައީދުވެސް ހުއްޓެވެ. “އަނހަ.. މިއީ އެދުވަހު ބަނދަރުދޮށުން މަށާއި ސަލާންކުރި ކުޑަ ކުޑަ ކައިންތަ..؟ ހާދަ ބޮޑުވެއްޖެޔޭދޯ މިހާރު..؟” ކައިންއަށް ބަލާލަމުން ސަފީރު ބުނެލިއެވެ. “ހޫމް ތުއްތަބޭ މިއީ ކައިން..” ރައިނާ ބުނެލިއެވެ. “ހޭ ކައިން ޑޫޑް..” މޭޒުދޮށުގައި ހުރި ޝަރޫން ކައިންއަށް އަތް ހޫރުވާލިއެވެ. ޝަރޫންގެ ލޮލުގައި ކައިރާ އަޅައިގަތީ އަދި މާފަހުންނެވެ. ވަގުތުން ޝަރޫންއަށް ވީގޮތްވެސް ނޭނގުނު ފަދައެވެ. ކައިރާ އެފެނުނީ ހާދަ ދުވަހެއް ކޮއްލާފައެވެ. ދެމީހުން އޮލަ ވާހަކަ ފެއްޓިގޮތަށް ނިންމަން އެނގުނުނަމަ ކަލާނގެ ކުޅަދުންވަންތަކަމެވެ. ކައިން މަޑުމަޑުން ރައިނާއާއެކީގައި ކާން އިށީނެވެ.
ތައްޓަށް ބިރިޔާނިކޮޅެއް އަޅާފައިފުރަތަމަ ބަތްސުވާ އަނގަޔަށް ލީގޮތަށް ކައިންއަށް މޭޒުގެ ކަނާތަށް ބަލާލެވުނެވެ. ތަފާތު އިހުސާސެއް ކުރެވިގެންނެވެ.
.. ނުނިމޭ ..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.

Nice maasha Allah ?
mi part vrh reethi❤❤next part nereyne irakh inthizaaru kurn…
Me first that? Mi part vrh vrh vrh vrh reethi ♥️♥️♥️♥️. Masha Allah ???. Next part Kon irakun Neesh?
Awwww ??? Thank you so so so much ?? Nxt part Neesh submit kollanan today ?? Dhen Admin approval libunyma it will be up soon ?? Hope ur waiting Zeny.. love you and stay safe ???
Aley haadha reechey mi part ves . Masha Allah. Dhen oi baa konirakun tha genesdheny.
Umeedu kuran konme dhuvahaku 1 part upload kohdheyne kamah❤❤❤??
Varah reethi ❣️?✨?✨ maa sha Allah
Curiously waiting for the next part ?✨?
Awww ??? Thank you very very very much dear ???? hope u read the next part 2 ?
Vvv reethi ingey first part vx….. Maasha allah….. Btw Waiting fr nxt part…..be Safe dear….
Alhey than you Kylie ???? You be safe too Kylie ??? Love you very much ????
Nice ingey Hama just amazing dear
Keep it up
When next
Varah avahah next up kolla dheynan., probably tmrw inge dear ?? Wait kollathi ?? Stay safe and lov you Ril Dear ?? Thank u very much ingey ??????????????
Love u too neesh dear
Varah wait kurevey eba