ޒާހިދާއަށް ލިބިފައި ހުރި ސިހުން ފިލައިގެންނެއް ނުދެއެވެ. މީހާ ގަނބުވެފައި ހުރިއިރު އެސްފިޔަވެސް ޖަހާނުލައިއެވެ.
”މިވަނީ ކިހިނެއް ހެއްުޔެވެ؟ އަހަރެންގެ ލޯބިވާ ދޮން ބައްޕަ މަރައިލީ އަހަރެންގެ ބައްޕަ ހެއްޔެވެ؟ އަހަރެންގެ ހަގީގީ ބައްޕަ ހެއްޔެވެ؟ ކޮން ބޭނުމަކު ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟” ޔޫހާގެ އަސަރު ކުރުވާފައިވާ ހިތަށް އެތައް ސުވާލެއް ފުނި ޖެހެމުން ދިޔައެވެ. ކޮންމެ ކަރުނަ ތިއްކެއް އެދެލޮލުން ވެއްޓެނީ ހިތުގައި އުފެދިފައި ހުރި ސުވާލުތައް ދުލުން ބޭރުކުރާނެ ހިތްވަރެއް ނުލިބިއެވެ. ވާންވީ ވަނީ ކިހިނެއްކަން ވެސް ނޭނގިފައި ޔޫހާވެސް ޒާހިދާ ފަދައިން ގަނބުވެފައި ހުރި ފިޔަވަޅުމަތީގައި ހުރީއެވެ.
”މަންމާ. ދައްތާ. ކިހިނެއް ވަނީ ތަ؟ އަހަރެން ކައިރީ ވެސް ބުނެބަލަ.” މައުނާއަށް ވެގެން އުޅޭ ގޮތެއް އެއްވެސް ވަރަކަށް ރޭކައި ނުލައިއެވެ. ކުޑަމިނުން އާކިފްއަކީ ކާކުކަން ވެސް އޭނާއަށް ނޭނގެއެވެ.
”ދަރިފުޅާ. އެއްވެސް ކަމެއް ނުވެއޭ. ބައްޕަ އޭގަ އިނީމަ މަންމަވެސް ހައިރާން ވީ. ދޯ ޔޫހާ.” ޒާހިދާ ނިކަން ފަސޭހައިން ހަމައަކަށް އެޅިލާ މައުނާއަށް ޖަވާބެއް ދީފައި ކޮޓަރިއަށް ގޮސްވަނީއެވެ. ޔޫހާވެސް ބޯ ޖަހާލައިފައި ބެލްކަންޏަށް ނުކުމެލީ ސުވާލުތަކުން ފުރިބާރުވެފައިވާ ސިކުނޑިއަށް ހަމަޖެހުމެއް ލިބޭތޯއެވެ.
ޒާހިދާ ކޮޓަރިއަށް ވަނުމާއިއެކު ލެޕްޓޮޕް ނަގައި އުނގުގައި ބައިންދާލުމަށްފަހު ނޫސްތަކަށް ވަދެ ހަބަރު ދަބަރު ކިޔަން ފެށިއެވެ. އެކި އެއްޗެހީގައި އެކި މައުލޫމާތު ހުރި ނަމަވެސް ކޮންމެ އެއްޗެއްގައިވެސް ވަނީ އެއްބައެއްގެ ފޮޓޯއެވެ. މާޖިދުއާއި އިސްމާއިލް އަދި ހާމިދުގެ ފޮޓޯއެވެ. މާޖިދަށް އެމީހުންނަށް ނުގުޅިގެން އެއުޅެނީ އެހެންވެ ކަން އެނގުމާއިއެކު ޒާހިދާ މާޔޫސްވާ ގޮތްވިއެވެ. މާޖިދަށް ސިންގަޕޯރއަށް ނުދެވޭކަން އެނގުމާއިއެކު ޒާހިދާ ނުތަނަވަސްވެގެން ދިޔައެެވެ.
ޒާހިދާ މައުނާއަށް ހަގީގަތް ކިޔައިދީފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ މައުނާގެ އަމަލުތައް ހުންނާނީ ކިހިނެއް ހެއްޔެވެ؟ ޒާހިދާއަށް އޭނާގެ ހިތް ހެޔޮ ވާނެ ހެއްޔެވެ؟ މާޖިދަށް ބައްޕާއޭ ކިޔައި ގޮވައިލާނެ ހެއްޔެވެ؟ ޒާހިދާއަށް މަންމާއޭ ކިޔައި ގޮވާލާނެ ހެއްޔެވެ؟ ޔޫހާއަށް ދައްތާ އޭ ކިޔައި ގޮވާލާނެ ހެއްޔެވެ؟ މިގޭގައި އެދެމީހުން ބެހެއްޓިޔަ ދޭނެ ހެއްޔެވެ؟ ރީތި ކޮށް ހިތްހެޔޮ ކަމާއިއެކު ވާހަކަ ދައްކާނެ ހެއްޔެވެ؟
ޒާހިދާގެ ސިކުނޑި ސުމަކަށް ދާ ވަރުވިއެވެ. ސުވާލުތަކުން ފުނި ޖެހެން ފެށިއެވެ. ނުތަނަވަސްކަމުން މުޅި ހަށިގަނޑު ރޫރޫ އަޅަން ފެށިއެވެ. ހިތް ހީވަނީ ހަށިގަނޑުން ބޭރުވެދާނެ ހެންނެވެ. ހިތުގެ ވިންދު ވަނީ އަވަސްވެފައިއެވެ. ސިކުނޑިން އެއްޗެއް ވިސްނޭ ވަރެއް ނުވިއެވެ. ބޯ ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. ޒާހިދާއަށް އެނދު މައްޗަށް ޖެހިގަނެވުނީ ދެން ހަދާނެ ގޮތެއް އެއްވެސް ވަރަކަށް ނުވިސްނުމުންނެވެ. އޭނާގެ ސިކުނޑި މޮޔަވެފައިވާ ފަދައެވެ. ކުޑަމިނުން މާޖިދު ރުފިޔާ ދިން ވަކީލުވެސް ނޭނގޭތީ އޭނާ އިތުރަށް ހާސްވަމުން ދިޔައެވެ. އޭނާއާ ބައްދަލުވާނެ ގޮތެއް އެއްވެސް ވަރަކަށް ނޭނގޭތީ ޒާހިދާއަށް އޭނާގެ ދެލޯ މަރައި ބާރު ކޮށްލެވުނެވެ. އަދި އެނދުމަތީގައި ކުރުގެޅިލައިގެން އޮވެވުނީ އޭނާގެ ދެލޮލަށް ފުސްވަމުން ދިޔުމުންނެވެ.
***
ސޯފާގައި އިށީންދެލައިގެން ފޯނަށް ބަލަހައްޓައިގެން އިން ޔުނާންގެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. އެއް އިނގިލިން ފޯނުގައި ފިރުމަމުން ދިޔައިރު ދެލޯ ވަނީ ހިނިތުންވެފައި އިނުމުގެ ސަބަބުން ހަނިވެފައިއެވެ. ”އަހަރެންނަށް މިވަނީ ކިހިނެއް ހެއްޔެވެ؟ އަރީން ދެކިލާ ހިތުން ހިތް ކެތްމަދު މިވަނީ ކީއްވެ ހެއްޔެވެ؟ އަރީންގެ އަޑު އަހައިލާ ހިތުން މިހާ މި ބޭނުންވަނީ ކީއްވެ ހެއްޔެވެ؟ އަރީން ފެންނަ އިރަށް އަހަރެންގެ ހިތަށް މިވަނީ ކިހިނެއް ހެެއްޔެވެ؟ ހިތުގެ ވިންދު އަވަސް ވަނީ ކީއްވެ ހެއްޔެވެ؟ އަތްފައި ފިނިވެ ތުރުތުރުލަނީ ކީއްވެ ހެއްޔެވެ؟”
ޔުނާންގެ ހިތުގައި ސުވާލުތައް އުތުރި އަރަނީ ޖަވާބެއް ނުލިބޭ ހާލުގައިއެވެ. އަރީން ދެކިލުމަށް ކެތްމަދުވެފައި އިން ޔުނާންއަށް އެހެން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެއެވެ. އަރީންގެ ހިޔާލުތަކުން އޭނާގެ މުޅި ސިކުނޑި ފުރާލެވިފައިވީއިރު ދެލޯ ކެތްމަދުވެފައިވީ އަރީން ދެކިލުމަށެވެ. ކަންފަތް ކެތްމަދުވެފައިވީ އަރީންގެ އަޑު އަހައިލުމަށެވެ. ނަމަވެސް ޔުނާންއަށް އިސްނަގައިގެން އެންމެ ފަހަރަކުވެސް އަރީންއަށް ގުޅާލާކަށް ނުކެރެއެވެ. މެސެޖެއް ކޮށްލާކަށް ނުކެރެއެވެ. އަންހެނަކަށް ވުރެ އޭނާ ވަނީ ފިޑިވެފައިއެވެ.
ޔުނާންގެ ކުދިކުދިވެފައިވާ ހިތް އަލުން ގުޅުވެމުންދާ ފަދައެވެ. ހިތަށް ލިބިފައި ހުރި ޒަހަމްތައް މަޑުމަޑުން ރަނގަޅުވަމުން ދާ ކަހަލައެވެ. ހިތުގައި ބުރިބުރިވެފައިވާ ނާރުތައް އަލުން ގުޅުވޭ ފަދައެވެ. ހިތުގައި ފާރުވެފައިވާ ތަންތަން ފަސޭހަވާ ފަދައެވެ. އެ ހިތަށް ފިނިކަމެއް ލިބިފައިވާ ކަހަލައެވެ. ހިތްހަމަޖެހުމެއް ލިބިފައިވާ ފަދައެވެ. މީގެ ދިހަ އަހަރު ކުރިން އެހިތުގައި އަނދަމުން ދިޔަ ރުޅިވެރިކަމާއި ނަފްރަތު ފިލައި ދިޔަ ކަހަލައެވެ. ބޮޑާވެރިކަން ހިތުން ފިލައިގެން ދިޔަ ފަދައެވެ.
އަރީންއާ މެދު ވިސްނަން އިން ޔުނާންގެ ހިތަށް ސިހުމެއް ލިބިގެން ދިޔައީ ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ. ގުޅަމުން ދިޔައީ އަރީންކަން އެނގުމުން ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. އަތްފާ ފިނިވާން ފެށިއެވެ. ހަމައަކަށް އެޅެން މަސައްކަތް ކުރަމުން ޔުނާން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. އަދި ވާހަކަ ދައްކަމުން ގޮސް ބެލްކަންޏަށް ނުކުމެލިއެވެ. އެއްއަތުން ފޯނުގައި ހިފަހައްޓައިގެން އެނެއް އަތް ޖިންސް ސޯޓުގެ ޖީބަށް ޖަހައިލައިގެން އިސްޖަހައިލައިގެން ދިޔައިރު ޔުނާންގެ މޫނުމަތީގައި ވަނީ ހިތްހަމަޖެހުމެވެ. މާޔޫސްވެފައިވާ މޫނު ވަނީ އުޖާލާވެފައިއެވެ. އަސަރެއް ނެތް ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ.
ރެއިލިންގ ކައިރީ ހުއްޓިލައި ޔުނާން އިސްއުފުލާ ބަލައިލީ ރެއިލިންގގައި އަތް އަޅުވާލަމުންނެވެ. އިސްއުފުލައިލި ޔުނާންގެ ކަޅި ހަމަވެގެން ދިޔައީ ކުރިމަތީގައި ހުރި އިމާރާތުގެ ބެލްކަނީގައި ފޯނު ކަންފަތުގައި ޖައްސައިލައިގެން ހުރި އޭނާގެ ހިތަށް ޝިފާއެއް ލިއްބައިދިން އަރީންގެ ކަޅުކަންގަަދަ ފުން ދެލޮލާއެވެ. ދުރުން ފެނުނު ނަމަވެސް އަރީންގެ ތުންފަތުގައިވި ހިނިތުންވުން ޔުނާންއަށް ފާހަގަވިއެވެ. އެދެލޮލުގައިވި އުޖާލާކަން ފާހަގަވިއެވެ. ދެމީހުން ދެމީހުންނަށް ބަލަމުން ދިޔައިރު ދެމީހުންގެ ވަށައިގެންވި ކަންތައް ހުއްޓިފައިވާ ފަދައެވެ. ދެމީހުންނަށް ޓަކައި ދުނިޔެވެސް ހުއްޓިފައިވާ ފަދައެވެ. ދެމީހުން އުޑުގައި ވަރަ ޖަހައިގެން އުދުހެމުން ދިޔައީ އަމިއްލަ ދުނިޔޭގައިއެވެ. ޔުނާންއަށާއި ދެމީހުންނަށް ވެސް ހަމަބިމަށް އާދެވުނީ ދެ އިމާރާތުގެ ދެމެދުގައި އިން މަގުގައި ނުހަނު ބާރަށް ސައިކަލެއް ދުއްވާލާފައި ދިޔުމުންނެވެ.
”ހެހެ. މިއަދު ވެސް ވާނެ ދޯ ބީޗަށް ދާން. ފޯ ގަ އަހަރެން ގެއިން ނުކުންނާނަން.” އަރީން ބުނެލި ޖުމުލައަށް ހޫމް އަޅުވައިލަމުން ޔުނާން އޭނާގެ ފޯނު ބައްވައިލީ ހަވީރު ވާން ކައިރިވެފައިވުމުން ފެންވަރައި ތާޒާވެލުމަށެވެ. އަރީންގެ އަޑު ޔުނާންގެ ކަންފަތުގައި ޖެހެމުން ކެތްމަދުވެފައިވާ ހިތަށް ތަސައްލީއެއް ލިބިގެން ދިޔައެވެ.
***
ފޯނާ ކުޅެން އެނދުމަތީގައި ދެފައި އަރުވާލައިގެން އިން ޒައިކްގެ މޫނުމައްޗަށް ވަނީ ރޫތަކެއް އަރާފައިއެވެ. ހީވާ ގޮތުން އޭނާ ދިޔައީ ވަރަށް މުހިންމު ވާހަކައެއް ދައްކަމުންނެވެ. ”ޔޫހާގެ ބައްޕަގެ ވާހަކަ އޭގައި ވާނި ކޮންމެސް ކަމެއް ވީ މައެއްނު. މަންމަ ކައިރީ އަހައިގެން އޮޅުން ފިލުވަ.” ޒައިކް ފޮނުވައިލި މެސެޖް ޔޫހާ ވަގުތުން ބަލައިލިއެވެ. ނަމަވެސް މެސެޖަކަށް ރައްދެއް ނުދިނެވެ. އެހެންކަމުން ޒައިކް ޔޫހާއަށް ގުޅައި ޔޫހާ ފޯނު ނަގައި ހަލޯ އޭ ބުނެލުމުން ޒައިކް އޭނާގެ ކަންފަތުގައި ފޯނު ޖައްސައިލިއެވެ.
”ތި މީހުންނަކީ އެންމެ ކުރިންވެސް ހައްޔަރު ކުރިން މީހުންދޯ. ހަމަ އެތިން މީހުން. އެމީހުންނަށް ޝައްކު ކުރެވެނީ އެއްނުހަމަ. އެއްބަސް ނުވިޔަސް.” ޒައިކް ފޯނު ކަންފަތުގައި ޖައްސައިގެން އިނެ ވާހަކަ ދައްކަމުން ދިޔައެވެ. ”ޔޫހާ ކީއްވެ އެއްޗެކޭ ނުބުނެ ތިހުރީ؟”
ޔޫހާގެ ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުނު ޒައިކްގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ޔޫހާ ރޮނީ ކީއްވެކަމެއް އެއްވެސް ވަރަކަށް ނުވިސްނިފައި އިން ޒައިކް އެ ސުވާލު ޔޫހާއާ ކޮށްލިއެވެ. ނަމަވެސް ޔޫހާގެ އަނގަވަނީ ބަންދު ކޮށްލާފައިއެވެ. ޒިބު އަޅުވާފައިވާ ފަދައެވެ.
”ޔޫހާ. ކީއްވެ ރޮނީ ތި؟ ބުނެބަލަ. ޔޫހާ.” ޒައިކް ނުހަނު ބާރަށް ގޮވައިލުމާއިއެކު ޔޫހާގެ ގިސްލުމުގެ އަޑު ކެނޑިގެން ދިޔައެވެ. ނަމަވެސް އެއް މިނެޓް ހިނގިއިރުވެސް އަނގައިން ބުނާކަށް ނޫޅެއެވެ. ޒައިކް އަނެއްކާވެސް ޔޫޙާއަށް ގޮވަން ފެށުމުން ޔޫހާ ވާހަކަ ދައްކަން ފެށިއެވެ. ކުރެހިފައިވާ އަޑަކުންނެވެ.
”ބައްޕަމަތިން ހަނދާންވީ. މިއަދު އަދި ވަރަށް ހަނދާންވޭބަ. ނުވެސް ނިދޭ ބައްޕަގެ ސޫރަ ލޯ މަރައިލާއިރަށް ފެންނަނި. ލިބިފައި ހުރި ޒަހަމްތައް އަދި އިއްޔެ ވީ ކަމެއް ހެން ހަނދާނުގަ އެބަހުރި.”
ޔޫހާއަށް އެތައް ހިތްވަރެއްލައި ދިނުމަށް ފަހު ފޯނު ބާއްވައިލީ ޔޫހާއަށް ހޮސްޕިޓަލަށް ދާން ޖެހޭ ގަޑި ޖެހެން ކައިރިވީމައިއެވެ. ޒައިކްވެސް އެކަމަަށް ދެކޮޅު ނުހަދައި ޔޫހާ ހޮސްޕިޓަލަށް ލާން ދާނެ ކަމަށް ބުނެ އޭނާވެސް ތައްޔާރުވާން ފެށިއެވެ.
***
”އިސްމާއިލް ހަސަން. އަހަރެން ކުރާ ސުވާލުތަކަށް ތެދުވެރިކަމާއިއެކު ޖަވާބުދޭތި.” އައިލީޝް އަމުރުވެރިކަމާއިއެކު އަހައިލީ އޭނާގެ ކުރިމަތީގައި އިސްދަށަށް ޖަހައިލައިގެން އިން އިސްމާއިލް ހަސަނާއެވެ. ”އަހަރެމެން ބެލި ބެލުމުގައި އިސްމާއިލް ، އާކިފް މަރާލުމުގައި ބައިވެރިވެފައިވާކަން ފާހަގަ ކުރެވޭ. އަހަރެންގެ ސުވާލަކީ ކާކުހޭ އިސްމާއިލްއަށް ހުރިހާ އޯޑަރުތަކެއް ދިނީ؟ އާކިފް މަރާލުމަށް. ޕެރެޑައިސް ގެއިން ވައްކަން ކުރުމަށް.”
އިސްމާއިލް އިސްއުފުލައި ބަލައިވެސް ނުލައިއެވެ. ކުޑަމިނުން ވާހަކަ ދައްކަން އަނގަ ހުޅުވާވެސް ނުލައިއެވެ. ނަމަވެސް އައިލީޝް ހުރީ ދޫ ދޭކަށެއް ނޫނެވެ. ފައްޗަކަށް ސުވާލުތަށް އިސްމާއިލްއަށް ކުރިމަތި ކުރުވަމުން ދިޔައެވެ.
”ކާކުހޭ ހުރިހާ އޯޑަރެއް އިސްމާއިލަށް ދިނީ؟ ކާކު ބުނެގެން ހޭ އިސްމާއިލް ޕެރެޑައިސް ގެޔަށް ވަނެ އެގޭގެ ރެޖިސްޓްރީ އާ ތިޖޫރީގައިވާ ނަވާރަ މިލިއަން ރުފިޔާ ނެގީ؟” އައިލީޝްގެ އަޑު ބާރުވެގެން ދިޔައެވެ. ރުޅިވެސް ގަދަ ވާން ފެށިއެވެ. ނަމަވެސް އިސްމާއިލް އަނގަ ހުޅުވައި އެއްޗެކޭ ބުނަން ހިތަށް ވެސް ނާރުވައިއެވެ.
އިސްމާއިލް އެއްޗެކޭ ނުބުނުމުން އައިލީޝް އޭނާއާ ސުވާލު ކުރުން ހުއްޓާލައި ތަނުގެ އެނެއް ފަރާތަށް ގޮސް ވަނީ ކަރު އެލުވައިލައިގެންނެވެ. އިސްމާއިލްގެ ފަރާތުން ކުރިއެރުމެއް ނުލިބުމުން އައިލީޝްގެ ހިތްވަރު އެލޭ ގޮތްވިއެވެ.
އިސްމާއިލް އެތަނުން ގެންދުމަށް ފަހު ދެން އެތަނަށް ގެނެވުނީ ހާމިދެވެ. އެތަނުން ގޮޑިއެއްގައި ހާމިދު ބައިންދާލުމަށްފަހު ހަލަފް އެތަނުން ނުކުމެގެން އައިސް އައިލީޝްމެން ތިބިތަނަށް ވަނީ މޫނަށް ރޫތަކެއް އަރުވައިގެން ހުރެއެވެ. ”އައިލީޝް. އަދި ފަސް މިނެޓް މަޑުކޮށްލަބަ ނުގޮސް.” ޗީފް އައިމިނަތު އަމުރުކުރުމާއިއެކު އައިލީޝްގެ ފައިގައި ތަޅު އެޅުވިގެން ދިޔައެވެ. ލޯގަނޑުން ފެންނަމުން ދިޔަ ހާމިދުގެ މޫނަށް އައިލީޝް ފުން ނަޒަރެއް ދީގެން ހުރީ އޭނާގެ އަތް މުއްކަވައިލައިގެން ހުރެއެވެ. ހާމިދުގެ މޫނުމަތިން ފެންނަމުން ދިޔަ މަކަރުވެރިކަމާއި ނުލަފާ ކަމުން އައިލީޝްއަށް ފަހަތަށް ޖެހިލެވުނެވެ. އޭނާގެ ނިތްމަތީގައި ވަޅިއަޅަފައި އިން ކަހަލަ ތަނެއް އިން އިރު އައިލީޝް ބިރުގަންނަ ގޮތްވިއެވެ. ދެލޯ ހަނިވެފައި ނުލަފާކަން ދެލޮލުންވެސް ފެންނަމުން ދިޔައެވެ. ފަސްޖެހެމުން ދިޔަ އައިލީޝް އިތުރަށް ސިއްސައިގެން ދިޔައީ ހާމިދު ހަޅޭލަވައި ގަތުމުންނެވެ.
”މަށަށް އިނގޭ ކަލޭމެން ތިތާ ތިބިކަން. މިހާރު ހުރިތަނަކުން ނުކުންނަން ވީ.” ހާމިދުގެ އަޑު ބަރުވެފައި ބާރެވެ. ތަނުގައި ތިބި އެންމެން އޭނާގެ އަޑަށް ސިއްސައިގެން ދިޔައެވެ.
”އައިލީޝް. ދެން ދޭ. އޭނާގެ އަނގަ ހުޅުވުނީއެ.” އައިމިނަތު އެހެން ބުނުމާއިއެކު އަތުގައި ހުރި ކަރުދާސް ބޮޑިތައް ހިފައިގެން އެތަނުން އައިލީޝް ނުކުމެ އެނެއް ދޮރުން ހާމިދު އިން ބަޔަށް ވަނެލިއެވެ. އައިލީޝް އެތަނަށް ވަނުމާއިއެކު ހާމިދު ބަލައިލި ގޮތުން އައިލީޝްގެ ހިތް ތެޅިލިއެވެ. ސިހުމެއް ލިބިގެން ދިޔައެވެ. މުޅި މީހާ އުދާސްވާން ފެށިއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.







Nice work
Masha allah
thanks aru. it means a lot
salaam readers. unmeedhu kuran mi bai vs kamudhaane kamah. ekam mi part kuru dhw. dhn oii bai nafu dhigu kohlaanan inge miyah vure.. dhn oii bai insha allah vr avahah genesdheynan.
ufaaveri dhuvahakah edhen. 🙂 🙂
Sisssooo….alhey v curious kohllaafa thi ninmaaly?…..varah varah reethi mi bai vx…..speechless…..curiously waiting for the nxt part…..lysm
thank u soo much kairaa. it means a lot dear.. keep waiting. stay safe. lym