މާޒް އެތަނުން ދާން ހިނގައިގަތުމުން “މާޒް” މަލަކް މާޒާއި އެއްވަރުކުރަމުން ގޮވާލިއެވެ. އަދި މާޒަށް ގަނޑުކޮޅެއް ދިނުމަށްފަހު ހީލަމުން އެތަނުން ދިޔައެވެ. އޭގައި ވަނީ މަލަކްގެ ފޯނު ނަންބަރެވެ. މާޒް ފަސްއެނބުރި އަޔާނަށާއި މަލަކްއަށް ބަލާލުމަށްފަހު އެތަނުން ދިޔައެވެ.
އަޔާނާއި މަލަކްގެ ބައްޕަ މިދުނިޔާއި ޢަލްވަދާއު ކިޔުމަށްފަހު މަލަކްގެ ކަންތައްތައް ބައްޕައެއް ފަދައިން ބަލަނީ އަޔާނެވެ. އަޔާންގެ އުމުރުން މިހާރު 32 އަހަރުވީއެވެ. ވޭތުވެދިޔަ އަހަރުތަކުގައި 21 އަހަރުގެ މަލަކްގެ ހުރިހާ ކަމެއް ބަލާ އަދި ގޯސްކޮށް އުޅޭނަމަ ނަސޭހަތްލާދީ ހަދާނީވެސް ހަމަ އަޔާނެވެ. އެމީހުންގެ މަންމައަކީ އެކުދިންނަށް ސަމާލުކަމެއްދީ، އަޅާލާ މީހެއް ނޫނެވެ. ދެން ހުންނާނީ އަޔާނަށްވުރެ ދެއަހަރުން ދޮށީ އޭނާގެ ދޮންތަ ނޫރާއެވެ. އަޔާނެކޭ އެއްފަދައިން ނޫރާވެސް ކޮމްޕްނީގައި އަޔާންއާއި އެކު ބުރަކޮށް މަސައްކަތް ކުރަމުން ދެއެވެ.
*****
މާޒަށް ގެޔަށް ދެވުން އިރު ހުރީ އިރުއޮއްސިފައެވެ. މާޒްމެންގެ ގެއަކީ ކުޑަކުޑަ ގެއެކެވެ. ދެކޮޓަރިއާއި ސިޓިންރޫމަކާއި ކާގެއެއް ހިމެނެއެވެ. ބަދިގެއާއި ކާތަނަކީ އެއްތަނެކެވެ. “ދަރިފުޅާ ކޮބާ ތިއައީތަ؟” މާޒްގެއަށް ވަނުމުން މާޒްގެ މަންމަ ސާދިޔާ ބުންޏެވެ. “މަންމަ އެއްޗެއް ކައިފިންތަ؟” މާޒް މަންމައާއި ސުވާލުކޮށްލިއެވެ. “މަންމަ ކައިފިން. ތިތިބި ދެބެން އެތިބެނީ ޓީވީއަށް ގެއްލިހުސްވެފަ.” ޓީވީ ބަލަން އިން އަންހެން ކުއްޖަކަށާއި ފިރިހެން ކުއްޖަކަށް އިޝާރާތްކޮށް ސާދިޔާ ބުނެލިއެވެ. “ނިޔާޒު! ޔޫނާ! ޓީވީ ނިއްވާލާފާ އަވަހަށް ކޮންމެވެސް އެއްޗެއް ކާންދޭ” މާޒް ދެކޮއްކޮގެ ގައިގައި ލޯބިން ފިރުމާލަމުން ބުނެލިއެވެ. “ދޮންބެ މިއަދު ހާދަ ލަސްވީ ކީއްވެ؟” މާޒަށް ވުރެ 5 އަހަރުން ހަޤު ޔޫނާ ބުނެލިއެވެ. “އެއީ ކުޑަ ކަމެއްދިމާވީ” މާޒް ޖަވާބުދިނެވެ.
މާޒްގެ ހުރިހާވެސް އެއްޗަކީ އޭނާގެ އާއިލާއެވެ. މާޒްގެ އުފަން ރަށުން ފިލައިގެން އައިސް މާލެ ބަދަލުވާން ޖެހުނީވެސް އޭނާގެ ބައްޕަގެ ސަބަބުންނެވެ. އޭނާގެ ބައްޕައެކޭ ޖަނަވާރެކޭ ތަފާތެއް ނެތެވެ. އެންމެ ކުޑައިރުއްސުރެވެސް އޭނާއަށް ފެންނަމުން ދިޔައީ އަބަދު ބައްޕަ، މަންމައަށް އަނިޔާ ކުރާ މަންޒަރެވެ. އެފަކީރު ނުނިދާ އުޅުނީ ކިތައް ރޭ ކިތައް ދުވަހުކަމެއް ނޭނގެއެވެ. މާޒަކީ އޭރު ކުޑަކުއްޖެއްކަމުން މާޒަށް އެކަން ހުއްޓުވުމުގެ އެއްވެސް ބާރެއްލިބިފައެއް ނުވެއެވެ. މާޒްގެ އުމުރުން އެންމެ 19 އަހަރުގައި އޭނާ މާލެއަށް ބަދަލުވާން ނިންމީ އެއާއިލާގެ ރައްކާތެރިކަމަށްޓަކައެވެ. ނިޔާޒާއި ޔޫނާއަކީ މާޒަށްވުރެ ކުޑަދެ ކުދިންކަމުން އެދެބެންގެ ޒިންމާވެސް 23 އަހަރުގެ މާޒްދިޔައީ ނަގަމުންނެވެ. މިގޮތުގައި 4 އަހަރު ވޭތުވީއިރުވެސް އެކުދިންގެ ބައްޕަގެ އެއްވެސް ޚަބަރެއް ނުވެއެވެ. ބައްޕައާއި ނުލާއުޅެން ޖެހުނުނަމަވެސް، މާޒަށް ހިތްހަމަޖެހުމެއް ގެނެސްދެނީ ދަރިންނަށްޓަކައި ޤުރުބާންވަމުންދާ އޭނާގެ މަންމައާއިމެދު ވިސްނާލުމުންނެވެ.
*****
“ކީއްވެ ނުނިދާ ތިއުޅެނީ؟ ކޯއްޗެއްތީ؟” ކަތުރުން ކޮޓަރީގައި އެއްޗެއް ކަފަން އިން އީޝަލް ފެނިފާ އީޝަލްގެ މަންމަ އެހިއެވެ. “ބައްޕަގެ ކޯޓެއް. އަލަމާރިން ފެނުނީ.” އީޝަލް ކުޑަކޮށް ހިނިތުންވެލާފައި ޖަވާބުދިނެވެ. “ތިއޮތީ ހަލާކުވެފައެއްނު.” މަންމަ ބުންޏެވެ. “ލައްބަ އެހެންވެ އެތަންމިހަދަނީ.” މާދަން ބައްޕައަށް ދޭންވެގެން.” އީޝަލް ތިނޯހަށް ބަރަނިފަށް ލައްވަމުން މަންމައަށް ޖަވާބުދިނެވެ. “ދެން ދޭ އަވަހަށް ނިދަން. ލައިޓް ދިއްލާފަހުރީމަ އާލިޔާއަށް ނިދަން އުދަގޫވާނެ.” މިހެން ކިޔާ ކޮޓަރީގެ ލައިޓް ނިއްވާލުމަށްފަހު މަންމަ އެކޮޓަރިން ނިކުމުގެން ދިޔައެވެ. މަންމަ ދިޔުމުން ފޯނުގެ ފެލެޝް އިން އަލި އަޅުވައިގެން އެ ކޯޓު ހަދަން ފެށިއެވެ.
ފަތިހުގެތެތް ފިނިކަން ކެނޑި އިރުގެ ހޫނުކަން ދުނިޔެމައްޗަށް ވެރިވެއްޖެއެވެ. ހުމޭރާ ގޭތެރެސާފުކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދިޔައެވެ. “މަންމާ ރޭގަ ބައްޕަގެ ކޯޓު ހެދީމެއްނު. އެކޯޓު ދެކުނިންތަ؟” އީޝަލް އެކޯޓު ވީތަނެއް ނޭނގުމުން މަންމަ ގާތު އެހިއެވެ. އެވަގުތު ކަޅުކުލައިގެ ކޯޓެއްލައިގެން ކޮޓަރިން ނިކުމެގެން އައި އީޝަލްގެ ދޮންބެ ރިދްވާން އަންނަތަން ފެނުނެވެ. އެކޯޓަކީ އީޝަލްގެ ލޯބިވާ ބައްޕަގެ ކޯޓެވެ. ރޭގަނޑުގެ ނިދިން މަޙްރޫމްވެގެން އިނދެ ކުރި ބުރަމަސައްކަތެވެ. ” އަހަރެންގެ ދަރިފުޅު މިއަދު ހާދަރީއްޗޭ ” ކޮޓަރިން ނިކުމެގެން އައި ރިދްވާން އެކޯޓު ލައިގެން ހުރުމުން ހުމޭރާ ބުންޏެވެ. “މަންމާ އަހަރެން މިދަނީ ބޭރަށް. މަންމަ އެއްޗެއް ބޭނުންތަ؟” ރިދްވާން އެހިއެވެ. “ނޫން، ދަރިފުޅު ތިކުރާކަމެއްކުރަން އަވަހަށްދޭ! ” މިހެން ބުނުމުން ރިދްވާން ގެއިން ބޭރަށް ދިއައެވެ.
އީޝަލް އެމަންޒަރު ބަލަންހުރީ، އަނގައިންވެސް ނުބުނެއެވެ. މަންމައަށް އޭނާހުއްޓަސް ނުފެންނަ ކަހަލައެވެ. ކުޑައިރުކޮޅަކު މަންމައާއި ދިމާއަށް ބަލަންހުރުމަށްފަހު ކޮލެޖަށް ދިޔުމަށްޓަކައި ނިކުތެވެ.
ފޯނުގައި ހުރި މާޒްގެ ނަޒަރު އަޅައިގަތީ ދުރުގައި ބެންޗެއްގައި ފޮތެއް ކިޔަން އިން އީޝަލްއަށެވެ. އީޝަލްއަށްވެސް އެއްލިކަޅިއަކުން ފެނުނީ މާޒެވެ. ބައިވަރު ކުދިންތަކެއްގެ ތެރޭގައި މާޒް ހުރުމުން އިރުކޮޅެއް ނުވެ މާޒް ގެއްލިއްޖެވެ. އީޝަލް އެއިންތާ ފޮތް ބޭއްވުމަށްފަހު މާޒް ފެނޭތޯ ކުޑަކޮށް ހޯދާލިއެވެ. މާޒް ނުފެނުމުން އަނެއްކާވެސް އެނބުރި ބެންޗަށް ދިޔައިރު ބެންޗުގައި ޕްލާސްޓިކް ތައްޓެއް ހުއްޓެވެ. އެތަށިގައި ވަނީ ހޫނު ކޮފީއެވެ. އަދި ތަށީގައި ” އީޝަލްއަށް އުފާވެރި ދުވަހަކަށް އެދެން، މާޒް” މިހެން ލިޔެފައި ވެއެވެ.
އީޝަލް އެވަގުތު ވަށައިގެން ނަޒަރު ހިންގާލިއެވެ. ކޮފީތަށި އެތާބެހެއްޓީ ކާކުކަމެއް ނޭނގޭތީއެވެ. އީޝަލްގެ މޫނުމަތިން އެވަގުތު ފެންނަމުން ދިޔައީ ހައިރާންކަމެކެވެ. އެއްލިކަޅިއަކުން ތަންކޮޅެއް ދުރުގައި ހުރި މާޒް އޭނާއަށް އަޅައިގަތެވެ. މާޒްގެ ނަޒަރުވެސް އެވަގުތު ހުއްޓިފައިވަނީ އީޝަލްއަށެވެ. އާއެކެވެ. އެއީ އެޒުވާނާއެވެ. “މާޒް” އީޝަލްއަށް ހިތާހިތާ ކިޔާލެވުނެވެ. އީޝަލްއަށް އެވަގުތު އެއީ މާޒް ދިން އެއްޗެއްކަން އެނގިގެން ދިޔައެވެ. އީޝަލް މާޒްއާއި ދިމާއަށް ހީލުމަށްފަހު، ޝުކުރިއްޔާ ބުނާފަދަ ގޮތަކަށް ކުޑަކޮށް ތަށި މާޒްއަށް ދައްކާލިއެވެ. އެއަށްފަހު ފަރި ހިނިތުންވުމަކާއެކު އެއިން ކޯވަރެއް ބޯލިއެވެ.
މާޒް އިރުކޮޅަކު އީޝަލްއަށް ބަލަން ހުރެފައި ކޮލެޖުން ނިކުންނަން ހިގައިގަތެވެ. މާޒްއަށް އަޅައިގަތީ ކޮލެޖު ބޭރުގައި ކާރު ކައިރި މަޑުކޮށްލައިގެން ހުރި ކަޅުކުލައިގެ ހެދުމަކާއި އަވި އައިނެއް އަޅައިގެން ހުރި މަލަކްއެވެ. މަލަކްގެ ފަން ދިގު އިސްތަށިގަނޑު ވަޔާއި ވިހުރިލަ ވިހުރިލަ ހުރުމުން މަލަކް އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ.
“މާޒް” މާޒް ނިކުންނަތަން ފެނުމުން މަލަކް މާޒް ގާތަށް ގޮސް ގޮވާލިއެވެ. “މަލަކް؟” މާޒް ކުޑަކޮށް ހައިރާންވެފައި ހުރި ގޮތަކަށް ބުނެލިއެވެ. “މާޒް ކިހިނެއް؟” މަލަކް އެހިއެވެ. “ރަނގަޅު. މަލަކް ކިހިނެއް؟” މާޒްވެސް މަލަކްގެ ހާލު އަހާލިއެވެ. “ރަނގަޅު. މާޒް ކީއްވެ އަހަންނަށް ނުގުޅީ؟” ލޮލުގައިވާ އަވި އައިނު ނަގަމުން މަލަކް އެހިއެވެ. ” ވަގުތު ބޭކާރުކުރަންވީ ކީއްކުރަން” މާޒް މަލަކާ ދިމާއަށް ހީލަމުން ބުންޏެވެ. “އަހަރެން ބޭނުންވީ މާޒަށް ޝުކުރުއަދާކުރަން.”
“މިހާރު ޝުކުރުއަދާކޮށްފީމެއްނު. އެހެންވީމަ އިތުރަށް ނުކުރިޔަސް އޯކޭވާނެ” މާޒް ބުނެލިއެވެ. “ކޮފީއެއްބޯން ދާންވީނު؟” މަލަކް މާޒްގެ މޫނަށް ބަލަމުން އެހިއެވެ. “މިގަޑީގަ އަހަރެން ތާކަށް ދާންވެއްޖެ. މިހާރުވެސް އެބަ ލަސްވޭ. އެހެން ފަހަރަކުން.” މިހެންކިޔާ މާޒް އެތަނުން ދާން ހިނގައިގަތެވެ. “އޯކޭ ބާއި” މާޒަށް ބަލަން ހުރި މަލަކް މާޒަށް އިވޭވަރަށް ބުނެލިއެވެ.
*******
އީޝަލް ކޮލެޖު ނިންމާފައި ގެއަށްގޮސް މާޒް ދިން ޕްލާސްޓިކް ތަށި ރަނގަޅަށް ދޮވެލާ ކޮޓަރީގައި ހުރި ފަންސޫރުތައް އެއަށް އެޅިއެވެ. އަދި އެތަށްޓަށް ބަލަހައްޓައިގެން ފުން ޚިޔާލެއް ގައި އިނެވެ. އީޝަލްއަކީ ދުވަހަކުވެސް ލޯބީގެ ގޮތުން މީހަކާއި ގުޅުން ކުއްޖެއް ނޫނެވެ. ފިރިހެނަކު ފެނިފާ ކުރިން ދުވަހަކުވެސް އީޝަލް ދީވާނާއެއް ނުވެއެވެ. ނަމަވެސް މާޒްގެ އެބަލާލުމާއި ހީލުން މަތިން އީޝަލް ހަނދާންވާ ކޮންމެ ފަހަރަކު އީޝަލްގެ މޫނަށް އުފާވެރިކަން ވެރިވެއެވެ.
“މިސް އަޅުގަނޑު މަޢާފުކުރައްވާ! އަޅުގަނޑު ކުލާހަށް ވަންނަންތަ؟” ޖެހިގެންއައި ދުވަހު އީޝަލްއަށް ކުލާހަށް އާދެވުނީ ކުޑަކޮށް ލަހުންނެވެ. އޭރު އެންމެން ތިބީ ކުލާހުގައެވެ. “ނޫން ގަޑި ޖެހިގެން ތިއައީ. އެހެންވީމަ ކުލާހުން ނިކުމޭ.” ކުލާހުގައި ހުރި ޓީޗަރު ހިތްހަމަނުޖެހޭ ފަދަ ގޮތަކަށް ބުންޏެވެ. “އެންމެ 5 މިނެޓެއްނު އަޅުގަނޑު ލަސްވީ” އީޝަލް އަނެއްކާވެސް ބުނެލިއެވެ. “5 މިނެޓް ލަސްވިޔަސް ލަހުން ތިއައީ.” ޓީޗަރު އަތުގެ އިޝާރާތުން ނިކުތުމަށް ބުންޏެވެ.
” މިސް 10 މިނެޓް ފަހުން ލަސްވަންޏާއެއްނު ނުވަދެވޭނީ. އެއީ އެއްނު ޤަވައިދަކީ.” ކުލާހަކުގައި އިން މާޒް އީޝަލް ދިފާއުކުރުމުގެ ގޮތުން ބުނެލިއެވެ. “އެއް ފަހަރެއް ކަމަށް މި ދޫކޮށްލީ! ދޭ އަވަހަށް އިށީންނަން.!” ޓީޗަރު ގޮޑިތަކާއި ދިމާއަށް އިޝާރަތްކުރަމުން ބުންޏެވެ. އީޝަލް މާޒްގެ ކުރީގައި އިން ގޮޑީގައި ގޮސް އިށީނެވެ. އަދި ދަބަސް ހަވާންފެށިއެވެ. އެއީ ގަލަމެއް ނުފެނި ގެންނެވެ. ފަހަތުގައި އިން މާޒް އީޝަލް ހޯދަނީ ގަލަމެއްކަން އެނގުމުން އީޝަލްއަށް ގަލަމެއް ދިއްކޮށްލިއެވެ. “ޝުކުރިއްޔާ” އީޝަލް މާޒާއި ދިމާއަށް ހިނިތުންވެލަމުން ބުނެލިއެވެ. އީޝަލް އިރުކޮޅުކޮޅުން މާޒާއި ދިމާ ސިއްރު ސިއްރުން ބަލާލައެވެ. މާޒްގެ ނަޒަރު މުޅިގަޑި އެކުހެންވެސްވަނީ އީޝަލްއަށް ހުއްޓިފައެވެ. ގަޑި ޖެހުމުން ޓީޗަރުގެ ހުއްދައާއިއެކު އީޝަލް ކުލާހުން ނިކުމެގެން ދިޔައެވެ. މާޒަށް އީޝަލް ނިކުންނަތަން ފެނުމުން އަވަހަށް ޓީޗަރަށް މަސައްކަތް ހަވާލުކުރުމަށްފަހު ނިކުތެވެ. މާޒް ނިކުތް އިރު އީޝަލް ފެންނާކަށް ނެތެވެ. ” މާޒް މިއަދު ކޮށްދިން ކަންތައްތަކަށް ޝުކުރިއްޔާ!” މިހެން ބުނާއަޑު އިވުމާއި އެކު މާޒް ފަހަތް ބަލާލިއިރު އީޝަލް ހުރީ މާޒަށް ޗޮކްލެޓެއް ދިއްކޮށްގެންނެވެ. މާޒް އީޝަލް ދިން ޗޮކްލެޓްގައި ހިފުމުން އީޝަލް މާޒަށް ވާހަކަދައްކަން ފުރުސަތެއްވެސް ނުދީ އެތަނުން ދާން ހިނގައިގަތެވެ. މާޒަށް އެވަގުތު ހުރެވުނީ ކަޅިޖަހާނުލާ އީޝަލްއަށް ބަލާށެވެ.
އީޝަލް ގެއަށްގޮސް މާޒް ދިން ނޫކުލައިގެ ގަލަން އޭނާ ގެންގުޅޭ ކުޑަކުޑަ ރީނދޫކުލައިގެ ފޮއްޓަކަށްލިއެވެ. އީޝަލް އެފޮށްޓަށް ލަނީ އޭނާއަށް ޚާއްސަ އަދި މުހިންމު އެއްޗެއްސެވެ. އެޔަށް ގަލަން ލުމަށްފަހު ފޮށި ބަންދުކުރުމަށްފަހު މާޒް މަތިން ހިތަށްއަރުވާލައިފާ ހީލިއެވެ. އީޝަލްގެ ހިތް ތެޅެން ފެށީ އަޖައިބެއްފަދަ ގޮތަކަށެވެ. އޭނާ މާޒް ދެކިލާ ހިތުން ކެތްމަދުވީ ކީއްވެ ކަމެއް ނޭނގުނެވެ.
މިއަދުވެސް ކުރީ ދުވަހެކޭ އެއްފަދައިން ކުލާހުގައި އިން މާޒްގެ ނަޒަރު ވަނީ އީޝަލްއަށް ހުއްޓިފައެވެ. އީޝަލްވެސް ފަސްއެނބުރި އިރުއިރުކޮޅުން މާޒަށް ބަލާލައެވެ. ” އާރޓް ކުލަބާއި ގުޅިގެން އިމާރަތުގެ އެކި އެކި ބައިބައިގައި ކުލަލާން ދޭނަން..ދެކުދިން ދެކުދިންނަށް ދޭނީ. 6 ވަނަ ބުރި ބޭނުންވާ ކުދިން އައްމައްޗަށް ނަގާ.” ޓީޗަރު ބުނެލިއެވެ. މިހެންބުނުމާއިއެކު އީޝަލް އަތް ނެގިއެވެ. އަދި މާޒްވެސް އަތް ނަގާށޭ ބުނާފަދަ ގޮތަކަށް މާޒްއާއި ދިމާ ބަލާލިއެވެ.
ނަމަވެސް މާޒް އަތްނަގަން ޖެހިލުންވެފައި އިނެވެ. މާޒް އެހެން އިންދާ އެހެންކުއްޖެއް އަތް ނަގާފިއެވެ. މިގޮތަށް ހުރިހާ ބުރިއެއް ބަހާ ނިންމުމަށްފަހު ގަޑި ނިންމާލިއެވެ. ކުލާހުން ނިކުމެންދާ އީޝަލްއަށް ގޮވަމުން މާޒް އީޝަލްއާއި އެއްވަރުކުރިއެވެ. “ކީއްވެ އަތްމައްޗަށް ނުނެގީ؟” އީޝަލް މާޒް ގާތު އެހިއެވެ. “އަހަރެން އުސްތަންތަނަށް އަރަން ބިރުގަނޭ” މާޒް ބުނެލިއެވެ. “އޯކޭ” މިހެން ބުނުމަށްފަހު އީޝަލް ދާން ހިނގާ ގަތެވެ.
“މިގަޑީގަ ފުރީތަ އީޝަލް؟” މާޒްއަނެއްކާވެސް އީޝަލްއާއި އެއްވަރުކޮށްލަމުން ބުންޏެވެ. “30 މިނެޓްވަރަކަށް ތެރޭގަ ފިހާރައަށް ދާން ޖެހޭނެ ޕާޓް ޓައިމް ޖޮބަށް” އީޝަލް ބުންޏެވެ.”އޯކޭ އަހަރެންވެސް އީޝަލްއާއިއެކު ހިނގާފަދާނަން.” މާޒް އީޝަލްއަށް ބަލާލުމަށްފަހު ބުނެލިއެވެ. ހިނގާފައިދިޔައިރު ދެމީހުންގެ މެދުގައި ވަރަށް ގިނަ ވާހަކަ ދެކެވުނެވެ. “މަޑުކޮށްލައްޗޭ” މިހެންކިޔާ މާޒް އެތާހުރި ފިހާރައަކަށްވަނެވެ. ފިހާރައިން ނިކުތީ ދެ އައިސް ކޯނު ހިފައިގެންނެވެ. އީޝަލް އަށް އެކަތި ދިނުމަށްފަހު މާޒް އަނެކަތި ބޯންފެށިއެވެ.
“މިއާދެވުނީ” އީޝަލް ޕާޓް ޓައިމް ޖޮބްއަދާކުރާ ފިހާރަ ދައްކާލަމުން ބުނެލިއެވެ. “ހިތްހަމަޖައްސާލުމަށް މިފަދަ ކަމެއް މިކޮށްލެވުނީވެސް ވަރަށް ގިނަދުވަސްކޮށްލާފަ” އީޝަލް މާޒްއާއި ދިމާއަށް ހިނިތުންވެލަމުން ބުނެލިއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.



Varah furihama vaahaka
Thankyou?
Hadhi
Varah interesting
Thanks
Very beautiful ?
Thankyou?
V reethi mi part ves. Curiously waiting for the next part…..
Hadhi oola….. hadi eh nuun. Hidi vihyaa furathama part kiyaafa dhen nukiyaaniy?. Reethi veema ehnun 3rd part ves kiyaafa comment kuraaniy. Reader’s keekey bunaniy and writer ge baheh beynun
U are right Mishelin. Hadee akaa 3rd part eh nukiyaane dhw. Btw story is amazing masha Allah. Hama habeys . When is the next dear❤❤❤
Thankyou❤️Inshallah soon there will be next part.
Varah reethi vaahk eh.. hurihaaa bayehvs ehaa reethi.. ??