“އަހަރެންވެސް. މިއަދު ހަވީރު ސުކޫލުގަ އޮންނަ ޕާޓީއަށް ދާނަންތަ؟” މާޒް އީޝަލްއާއި ސުވާލުކޮށްލިއެވެ. “އާ ދާނަން” މާޒާއި ދިމާއަށް ކުޑަކޮށް ހީލަމުން ބުންޏެވެ. މިހެން ބުނުމަށްފަހު އީޝަލް ފިހާރައަށްވަނެވެ.
ތިންގަޑި ބައި ހާއިރު ފިހާރައިން ނިމިގެން ގެއަށް ދިޔަމަގުތީގައި އޭނާ އަށް އަޅައިގަތީ ދެއަތުން ބޮޑު ދެކޮތަޅު ހިފައިގެންދާ އޭނާގެ މަންމައެވެ. ” މަންމާ! މަންމާ!” މަންމައާއި އެއްވަރަކުރަން ވެގެން އީޝަލް ކުޑަކޮށް ދުވަމުން ގޮވިއެވެ. “މިއެއްޗެހިތައް ހިފާބަލަ. މަންމަ ބަލިވެއްޖެ” ހުމޭރާ ގާތަށް ހުއްޓުން އީޝަލް އަތަށް އެދެކޮތަޅު ދެމުން ބުންޏެވެ. “މަންމާ ހަވީރުން ސުކޫލުގަ ޕާޓީއެއް އޮވޭ. އަހަރެންވެސް ދާން ބޭނުންވޭ.” އީޝަލް ކުޑަކޮށް ހީލަމުން ބުނެލިއެވެ.
” އާނ ބޭނުމިއްޔާ ދޭ . އަހަރެން ހުރިހާ ހެދުންތަކެއް ދޮވެފަ އިސްތިރިކުރާނަން. އިސްތިރިކޮށްފަ އަލަމާރީގަވެސް އަހަރެން އަޅުވާނަން. އެހެން ގޭގައަށްގޮސް ސާފުކުރަމުން މިހުރިހާކަމެއް އަހަރެން ކުރާނަން. އަހަރެން ނުކުރަންޏާ ކާކުދެން ކުރާނީ މިކަންތައްތައް؟” ހުމޭރާ ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނާ ލަމުން ބުނެލިއެވެ. މިހެންބުނުމުން އީޝަލްގެ މޫނުގައިވާ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. “އަހަރެން އެކަންތައްތައް ކުރާނަން މަންމާ” މަންމައާއި އެއްވަރަށް ހިނގަމުން އީޝަލް ބުނެލިއެވެ. “ރަނގަޅޭ އީޝަލްއޭ މިކަންތައްތައް ކުރާނީ. ހަވީރުން އެއްތާކަށްވެސް ދާނެ ކަމެއް ނެތް.” ހުމޭރާ އީޝަލައަށް ބަލާލަމުން ހިތްހަމަނުޖެހޭފަދަ ގޮތަކަށް ބުނެލިއެވެ.
ހެދުންތައް އިސްތިރިކުރަން ހުރި އީޝަލްއަށް ހަދާންވީ މާޒް ގާތު ނުދެވޭނެ ވާހަކަ ނުބުނެވޭކަމެވެ. އެހެންވެ އަވަހަށް މާޒްއަށް މެސެޖްކޮށް ނުދެވޭނެ ވާހަކަ ބުންޏެވެ. އީޝަލް އެގޮތަށް މެސެޖް ކުރުމުން މާޒްވެސް އީޝަލް ނުދަންޏާ ނުދާނެ ވާހަކަ މެސެޖްކޮށްފައި ބުންޏެވެ.
*****
ޖެހިގެންއައި ދުވަހުގެ މެންދުރުގެ ހޫނުގަދަ ވަގުތެވެ. ވަށައިގެން ފެންނަމުންދަނީ ހަލަބޮލިކަމެވެ. މަލަކް ދެ ރައްޓެހިންނާއެކު ލެމަން ލީފް ރެސްޓޯރެންޓްގައި ހަވީރުގެ ސަޔާއެކު، އެކުދިންގެ މަޖާ ވާހަކަތައް ދައްކަމުން ދިޔައެވެ. “ހިނގާ ދާން” މަލަކް ސައިބޮއި ނިމުމުން އޭނާގެ ގާތު ތިބި ދެރައްޓެހިންނަށް މުޚާތަބުކޮށް ބުންޏެވެ. ގޮޑިން ތެދުވި މަލަކަށް އަޅައިގަތީ އެކަނިމާއެކަނި މޭޒެއް ކައިރި އިން މާޒެވެ. “އަހަރެން އެބަ އަންނަން” މަލަކްގެ ރައްޓެހިން ގާތު މިހެން ބުނުމަށްފަހު މާޒްއިން ދިމާއަށް ދިޔައެވެ. “މާޒް ކިހިނެއް؟” މާޒް އިން މޭޒުގާތަށްގޮސް މަލަކް ބުނެލިއެވެ. “ރަނގަޅު. މަލަކް ކިހިނެއް؟” މާޒްއިން ގޮޑިން ތެދުވަމުން މާޒް ބުންޏެވެ. “ކިހާއިރެއްވެއްޖެ ތިތާ އިންނަތާ؟” މާޒްގެ ސުވާލަށް ޖަވާބު ނުދީ މަލަކް މާޒަށް ސުވާލުކޮށްލިއެވެ. “45 މިނެޓްވަރު ވެދާނެ” ފަނޑުގޮތަކަށް ހީލުމަށްފަހު މާޒް ޖަވާބު ދިނެވެ. “ދެން ކީއްވެ އަހަރެން ގާތަށް ނައީ؟” މަލަކް ހީލަމުން މާޒް ގާތު އެހިއެވެ. “ނުފެނުން މަލަކްއެއް” ރެސްޓޯރެންޓަށް ކުޑަކޮށް ނަޒަރު ހިންގާލަމުން މާޒް ބުންޏެވެ.
“މަލަކް! ހިނގާ ދާން.” ތަންކޮޅެއް ދުރުގައި ހުރި އޭނާގެ ރައްޓެހި ކުއްޖާ ބުނެލިއެވެ. “އެހެންވީމަ އެހެންފަހަރަކުން ވާނެ ދެމީހުން އެކީ އެއްޗެއް ބޯލަން ދާން. ބާއި. ” މާޒްއާއި ފަރިގޮތަކަށް ހީލުމަށްފަހު މަލަކް ބުނެލިއެވެ. “އެއްކަލަ މީހާތަ އެއީ؟ މަލަކް ރައްޓެހިކުއްޖާ އަހާލިއެވެ. ” އާނ.. އޭނަ އެއީ. 45 މިނެޓް ވެއްޖެ އެތާ އިންނަތާ.” މަލަކް ތަންކޮޅެއް ދުރުގައި ގޮޑީގައި އިން މާޒަށް ބަލަމުން ބުންޏެވެ. ” ޔަޤީނުންވެއްޖެއްޔާ މަލަކަށް ބަލަން އެއިނީ .” މަލަކް ރައްޓެހިކުދިންތަކު ތެރެއިން އެކަކު ބުނެލިއެވެ.
” އިންޓަވިއުއަށް އައިސްތަ ދޯ ތީނީ! އިރުކޮޅަކުން ޝެފް އެބަ އާދޭ. ކުޑައިރުކޮޅަކު އަދި މަޑުކޮށްލާ!” އެތަނުގެ ވެއިޓަރެއް އައިސް މާޒް ގާތު ބުނެލިއެވެ. ” އޯކޭ. މަޑުކޮށްލާނަން ” މާޒް ވެއިޓަރާ ދިމާއަށް ބުނެލިއެވެ.
“އިހަށް ތިމީހުންދޭ އަހަރެން ފަހުން ދާނަން” މިހެން ކިޔާ އަނެއްކާވެސް މަލަކް މާޒް ގާތަށް ދިޔައެވެ. އަދި މާޒްގެ ކުރިމައްޗަށް އިން ގޮޑީގައި އިށީނދެލިއެވެ. ” ދެމީހުން ބަލާނީ ދުރުގައިތިބެގެން ސިއްރު ސިއްރުންތަ! ނޫނީ ގާތުގާ މިހެންތިބެގެންތަ؟” ދަތްދޮޅީގައި އައްވީދާލައިގެން އިނދެ މާޒަށް ބަލަން އިން މަލަކް ބުނެލިއެވެ. ” ތިބުނިއެއްޗެއް ނޭނގުނު.” ވެގެން އުޅޭގޮތް ނޭގުމުން މާޒް ބުންޏެވެ. ” ތިހެން ލަދު ގަތީމަ މާޒް އަދި މާ ލޯބި.” މަލަކް ދަތްތައްފެންނަވަރަށް ހީލަމުން، މާޒަށް ބަލަން އިނދެ ބުނެލިއެވެ.
” އަހަރެން މަލަކް ދެކެ ގަޔާވެޔޭ ހީކުރުން އެއީ ކުށްހީއެއް. ވެދާނެ އަހަރެންގެ ސަބަބުން މަލަކް އެހެން ހީކުރީކަމަށްވެސް. ” މާޒް މަލަކްއަށް ބަލާލަމުން ބުންޏެވެ. “މާޒް އަހަރެންގެ ލައިފް ސޭވް ކޮށްދިނީމެއްނު!” މަލަކް ހީލަމުން ބުނެލިއެވެ. ” މަލަކް ނޫން ކޮންމެ މީހެއްވިޔަސް އެދުވަހު އަހަރެން އެމީހެއް ސަލާމަތްކޮށްދިނީމުސް.” މާޒް ކުޑަކޮށް ހައިރާންވެފައި ބުނެލިއެވެ. “މިތަނުންވެސް މާޒާއި މިދިމާވީ މާޒް އަހަރެން ދާ ތަންތަން ސިއްރުން ބަލާތީއެއްނު!” މަލަކްގެ މޫނަށް ވެއްޓިފައިއިން އިސްތަށިކޮޅު ރީތަކޮށްލަމުން ބުނެލިއެވެ. “އިއްތިފާޤެއް އެއީ.” މާޒް އިން ގޮޑީގައި ލެގިލަމުން މަލަކްއަށް ޖަވާބުދިނެވެ. “އެކަމު ހިއެއްނުވެ އިއްތިފާޤެއްހެއްނެއް!” މަލަކް މޫނުމަތީގައިވާ ހިނިތުންވުން އެވަގުތު ފަނޑުވެގެން ދިޔައެވެ.
” އަހަރެން ބޭނުމެއް ނޫން މަލަކް ދެރަކުރާކަށް. މަލަކް ތީ ވަރަށް ރީތި ކުއްޖެއް. އެކަމަކު އަހަރެން އެހެން ކުއްޖެއް ދެކެ ލޯބިވޭ. އެހެންވީމަ އެނޫން މީހަކަށް އަހަރެންގެ ހިތުން ޖާގައެއް ނެތް” މާޒް ކުޑަކޮށް އިސްދަށަށް ޖަހާލައިގެން އިނދެ ބުނެލިއެވެ. “ތިހެންވީރު އަހަރެން އުއްމީދު ކުރަން އެ އަންހެންކުއްޖާވެސް މާޒްދެކެ ލޯބިވާނެ ކަމަށް. އެހެނޫނީ ވަރަށް ހިތަށް ތަދުވާނެ.” ލޮލުން ފެންކަޅިވެފައި އިން މަލަކްގެ ގަޔަށް ހީވީ އެވަގުތު ތޫނު ހަންޖަރެއް ހަރާލިހެންނެވެ.
އާއެކެވެ. މަލަކަށް މާޒް ދެކެ ޔަޤީނުންވެސް ލޯބިވެވިއްޖެއެވެ. މާޒްގެ އެފިރިހެންވަންތަ ސޫރަ ފެނިފައި މޮޔަނުވާނީ ފަހެ ކާކުހެއްޔެވެ.؟ މަލަކްގެ ހަޔާތުގައި ފިރިހެނަކު ދުވަހަކުވެސް އޭނާއަށް އިންކާރުކޮށްފައެއް ނުވެއެވެ. މާޒްގެ ހިތުގައި މަލަކްއަށް ޖާގައެއް ނޯންނަންވީ ކީއްވެގެން ކަމެއް މަލަކްއަކަށް ނުވިސްނުނެވެ. މިހާރުވެސް މަލަކްގެ އިންތިޒާރުގައި އެރީތި ކުއްޖާގެ ބޭނުމުގައި އެތައް ފިރިހެނުންނެއް އެބަ ތިއްބެވެ. ނަމަވެސް މަލަކްގެ ފުރާނަ ސަލާމަތްކޮށްދިން ދުވަހުން ފެށިގެން މަލަކް ބޭނުންވަނީ ހަމައެކަނި މާޒެވެ. ފެންކަޅިވެފައި މަލަކް ގަދަކަމުން ހީލަމުން އެތަނުން ދާން ހިނގައިގަތެވެ. މާޒް ހައިރާން ކަމާއެކު މަލަކްއަށް ދާންތަން ބަލަން އިނެވެ.
*****
“މިފަހަރުގެ އިންކަމް މިބަލަނީ 30 ޕަސެންޓް މައްޗަށް ދާނެ ކަމަށް.” އަޔާން ބުނެލިއެވެ. ” މަލަކް ޕްލީސް ވަރަށް މުހިންމު މީޓިންއެއް އެއީ.” މަލަކް އަޔާންއިން މީޓިންއަށް ވަންނަން އުޅޭތީ ހުއްޓުވުމުގެ ގޮތުން އެތާ ކައުންޓަރުގައި ހުރި ކުއްޖާ ބުންޏެވެ. ނަމަވެސް މަލަކް ގޮސް މީޓިން ރޫމަށް ވަނެވެ. “މަލަކް؟” މީޓިންގައި އިން އަޔާން ގޮޑިން ތެދުވަމުން ބުނެލިއެވެ. “ދޮންބޭ ވަރަށް މުހިއްމު ވާހަކައެއް އެބައޮތް މިވަތު ދައްކަން ޖެހޭ!” މަލަކް އަޔާނަށް ބަލާލަމުން ބުނެލިއެވެ. ” މިހިސާބުން މިމީޓިން ނިމުނީ.” އަޔާން މީޓިންގައި ތިބި އެންމެންނަށް ނަޒަރު ހިންގާލަމުން ބުންޏެވެ. އަޔާން އެހެން ބުނުމުން މީޓިންގައި ތިބި އެންމެން އެތަނުން ނިކުމެގެން ދިޔައެވެ.
“ކިހިނެއްވީ؟” އެންމެން ނިކުތުމުން އަޔާން މަލަކްއާއި ސުވާލުކޮށްލިއެވެ. ” އޭނަ އަހަރެންގެ ހިތަކީ ކުޅޭ ކުޅޭ އެއްޗަކަށް ހަދާލާފި!” ބޮލުގައި އެއް އަތުން އަތްއަޅައިގެން ހުރި މަލަކް ބުންޏެވެ. “ކާކު؟” އަޔާނަށް ވެގެން އުޅޭގޮތް އޮޅުން ނުފިލުމުން މަލަކާއި ސުވާލުކޮށްލިއެވެ. “މާޒް! އަހަރެންގެ ފުރާނަ އެއްކަލަ ދުވަހު ސަލާމަތްކޮށްދިން މީހާ.” މަލަކް ކުރިޔަށްވުރެ އަޑު ބާރުކޮށްލަމުން ބުންޏެވެ. ” އާނ އެނގިއްޖެ. ދޮންބެއަށް ވީގޮތް ރަނގަޅަށް ކިޔާދީބަލަ! ” އަޔާން މަލަކްގެ ދެކޮޑުގައި އަތް އަޅުވާލަމުން ބުނެލިއެވެ.
“މިދިޔަ މަހު މިކޮމްޕެނީގައި މާޒް ޓްރެއިން ކުރި. ޔަޤީން ޕްލޭންކޮށްގެންކަން. ދެން އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިނީ. ދެން އަހަރެން މިއަދު ދިޔަ ރެސްޓޯރެންޓުންވެސް ދިމާވި. އަދި ބުނި އަހަރެން ރީތި ވާހަކަވެސް. ޔަޤީން އަހަރެން ދާ ތަންތަން ބަލާފަ އަހަރެން ދާތަންތަނަށް މާޒްވެސް ދަނީކަން. އެހެންވެ އަހަރެން ހީކުރީ މާޒް އަހަންނާ ގަޔާވަނީ ކަމަށް. އެހެންވެ އަހަރެން މާޒްއާ ގަޔާވާ ވާހަކަ އޭނާ ގާތު ބުނީވެސް. އެކަމަކު އޭނަ ބުނީ އަހަރެން ދެކެ ގަޔާ ނުވާ ވާހަކަ” ދެކޮޅަށް ހިނގަމުން ހިނގަމުން މަލަކް ހުރިހާ ވާހަކައެއް ފައްޗަކަށް ދޮންބެއަށް ކިޔާދިނެވެ. “މަލަކް! މަލަކް! އާދެބަލަ މިކޮޅަށް. ދޮންބެ ކީއް ކޮށްދެންވީ؟” މަލަކް އަތުގައި ހިފައިގެން ހުރެ އަޔާން ސުވާލުކުރިއެވެ.
“މާޒް ބުނީ އޭނަ އެހެން ކުއްޖެއްދެކެ ލޯބިވާ ވާހަކަ އެކަމު އެއަންހެންކުއްޖާއާއި މާޒްއާ ދުރުވެއްޖެއްޔާ ފަހަރެއްގާ މާޒް އޭރުން އަހަރެންދެކެ ލޯބި ވެދާނެއެއްނު!” ފެންކަޅިވެފައި ހުރި މަލަކް ބުނެލިއެވެ. އާއެކޭ ބުނުމުގެ ގޮތުން އަޔާން ބޯ ހޫރާލިއެވެ.
******
ހަވީރުގެވަގުތަކީ އާޓިފިޝަލް ބީޗަށް ތަފާތު އުމުރުގެ މީހުންޒިޔާރަތްކުރާ ވަގުތެކެވެ. އެގޮތުން މާޒާއި އީޝަލް، އާޓިފިޝަލް ބީޗްގައި އެހެންމީހުންނާއި އެކަހެރި ހިސާބެއްގައި އިށީނދެލައިގެން ތިއްބެވެ. ދެކުދިންގެ ނަޒަރުވެސް އަމާޒުވެފައިވަނީ މޫދުގެ ލޮނުގަނޑަށެވެ. ދެކުދިންވެސް އަތުގައިވާ ގާކޮޅުތައް މޫދާދިމާއަށް އުކަމުންދިޔައެވެ. އެކަމަކީ އެއްވެސް އަމާޒެއްނެތިކުރަމުން ދިޔަކަމެއްކަހަލައެވެ. އަތުގައި އޮތް ގާކޮޅުތައް ހުސްވުމުން މާޒްގެ ނަޒަރު އީޝަލްއަށް ހުއްޓާލިއެވެ. އަދި އީޝަލްގެ ނިތްމައްޗަށް ވެއްޓިފައިވާ ފަންއިސްތަށިކޮޅު ކަންފަތްކައިރިއަށްލާ ރީތިކޮށްލާ ދިނެވެ. އެވަގުތު އީޝަލްގެ ނަޒަރުވެސް ވަނީ މާޒަށެވެ. މާޒް އީޝަލްގެ އަތުގައި ހިފިއެވެ. “އީޝަލް ބުނެފިއްޔާ ދުވަހަކުވެސް މިއަތުން ދޫކޮށެއް ނުލާނަން” މާޒް އީޝަލްގެ ދެލޮލަށް ބަލަމުން ބުންޏެވެ. “އެކަމު އަހަރެން ގެޔަށް ދާން ޖެހޭނެ އެއްނު” ކުޑަކޮށް ހީލަމުން އީޝަލް ބުނެލިއެވެ. “އެކަމު އަހަރެން މާޒް ތިބުނި އެތި ޤަބޫލުކުރަން. އަހަރެންވެސް މާޒް އަތުން ދުވަހުކުވެސް ދުލެއް ނުކުރާނަން” އީޝަލް މާޒަށް ބަލަން ހުރެ ބުނެލިއެވެ. ” އަހަރެންވެސް ޤަބޫލުކުރަން އީޝަލް އަހަރެން އަތުން ދޫނުކޮށްލާނެކަމަށް” މާޒް ހީލަމުން ބުންޏެވެ.
ދެމީހުން އެކުއެކީހެން ގުޅުވާފައި އޮތް ދެމީހުންގެ އަތް ބާރުކޮށްލަމުން އަތަށް ބަލާލިއެވެ. އަދި އަތާއަތްގުޅުވާލައިގެން ގޮސް އެތާ ހުރި ގަހެއްގައި ކައިރި މަޑުކޮށްލިއެވެ. މާޒް އެތާ ހުރި ސައިމާ ގަހެއް ފެނުމުން ދުވެފައި ގޮސް އެގަހުން ސައިމަލެއް ބިނދެލިއެވެ. އެއަށްފަހު އީޝަލްގެ ކަންފަތްކައިރި އެމާ ޖަހާލަދިނެވެ. ކަޅުކުލައިގެ ދޫހެދުމަކާއި ކަޅުކުލައިގެ ހަރުވާޅެއް ލައިގެން ހުރި އީޝަލްގެ ހިނުތުންވެފައިވާ މޫނު ހީވަނީ ސާދަފަނަރައިގެ ހަނދުހެންނެވެ. އާއެކެވެ. އީޝަލްގެ ރީތިކަން އެވަގުތު އިތުރުވެފައިވާކަހަލައެވެ. އެހާވެސް ފުރިހަމައެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.



V reethi mi part vx… Waiting fr nxt… Ly
Thankyou?
V reethi.
Keep it up
Thankyou?
Very nice.. keep it up.. waiting for the next part..