4 ވަނަބައި
ދެމީހުނަށް އެއްފަހަރާ ހަޅޭއްލަވައިގަނެވުނެވެ.
ފަތިހުގެ ހަމަހިމޭނަކަމުގެ ސަބަބުން އެއަޑު ރޭޝަމްއާއި ރާޝިފްގެ އިތުރުން ރަމީޒުވެސް އައީ ދުވެފައެވެ. އެމީހުނަށްވުރެ ކުރިން ނާއިލް ހުރީ އެތަނަށް އައިސްއެވެ. އޭނާ ހުރީ ހުއްޓުން އަރާފައެވެ ހުވަފެނެއްގައި ހުރި ފަދައެވެ. ނިޒާރުގެ ބޮލުން އައިސްފައިހުރި ލެއިން މުޅި ބަދިގެ ތެރޭގައިވަނީ ލޭގެ ކޯރެއް ހެދިފައެވެ. ރަމީޒަށްވެސް އެންބިއުލާންސްއަށް ގުޅަން ހޭވެރިކަމެއްވީ އިރުގަނޑެއް ފަހުންނެވެ.
އެންބިއުލާންސް އަށްލައިގެން ނިޒާރު އައިޖީއެމްއެޗް ހޮސްޕިޓަލްގެ އެމެޖެންސީ ބަޔަށް ވެއްދިއެވެ. އެއިރުވެސް ނިޒާރުގެ ގައިގައި އެއްވެސް ހަރަކާތެއް ނެތެވެ. ފަރީޝާއާއި ނާއިލްގެ ރުއިމަކަށް ބަދަލެއްނާދެއެވެ. ވާނީވެސް އެހެންތާއެވެ. ތިމާގެ ބައްޕަ އެފަދަ ހާލެއްގައި ވަނިކޮށް ކެއްކުރެވޭނީ ކިހިނަކުން ހެއްޔެވެ. ތިމާގެ ފިރިމީހާ އެފަދަ ހާލަތެއްގައި އޮއްވައި އަނބިމީހާއަށް ކެއްކުރެވޭނީ ކިހިނަކުން ހެއްޔެވެ. ރޭޝަމްއާއި ރާޝިފާ ފަރީޝާއަށް ހިތްވަރު ދެމުން ދެއެވެ. ރަމީޒުއާއި ރާޝިފްވެސް ނާއިލްއަށް ހިތްވަރުދީ ކެތްތެރިވުމަށާއި މަންމަ ފަރީޝާއަށް ވެސް ހިތްވަރުދޭން ހުރީ ނާއިލް ކަމަށާއި ނާއިލް ރޯތަން ފެނުމުން މަންމައަށްވެސް ކިހާ އަސަރެއް ކުރާނެތޯ ރަމީޒު އެއްސެވެ. އަދި އިރާދަކުރެއްވިއްޔާ ނިޒާރުއަށް އެއްވެސް ދެރަގޮތެއް ނުވާނެކަމަށް ރަމީޒު ބުންޏެވެ. ކިތަންމެ ހިތްވަރު ކުރަން އުޅުނަސް ރަމީޒަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. އެންމެ ގާތް އެކުވެރިޔާ ލެއިން ތަތްތެޅުފައިވާ މަންޒަރު އަދިވެސް ފެންނަ ފަދައެވެ.
“ފަރީޝާ ހިތްވަރުކުރޭ އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ. އަހަންނަށް ހީވަނީ ނިޒާރު ފެންބޯން ވެގެން ބޭރަށް ނިކުތީހެން. ކާމޭޒުކައިރީގައި ހުއްޓެއްނު ފެންފުޅިއެއްވެސް. ވެދާނެ ފެންބޯން އުޅެނިކޮށް ވެއްޓުނީކަމަށް. ފަރީޝާ ބުނީމެއްނު ތަންކޮޅެއް ކުރިން ދުވަހަކުވެސް ނިޒާރު އަތުން ފެންތައްޓެއް ވެއްޓުނެވެ. ނިޒާރު ކުރިއްސުރެވެސް އަތްތުރުތުރު ލާވާހަކަ ބުނީމެއްނު.. އަވަހަށް ހުއްޓާލާ..” ރާޝިފާ ދައްކަމުން ދިޔަ ވާހަކަތަކަށްވުރެން ބޮޑަށް ފަރީޝާ ހަނދާންވާން ފެށީ ނިޒާރުއާއި އެކުގައި ހޭދަކުރި ދުވަސްތައް ލޯ މަތިން ސިފަވާން ފެށިއެވެ. އެންމެ ފުރަތަމަ ދިމާވިގޮތެވެ. ފަރީޝާއަކީ ލާމު އަތޮޅު އިސްދޫ މީހެކެވެ. ފަރީޝާގެ އާއިލާއަކީ މާފޯރާއާއިލާއަކަށްނުވުމުގެ ސަބަބުން ފަރީޝާ ކިޔެވީ ގުރޭޑް ހަތަކާއި ހަމައަށެވެ. ކިޔެވުން އެހިސާބުން ނިންމާލުމަށްފަހު ފަރީޝާ ފެށީ އަމިއްލަ މަސައްކަތެވެ. އިލޮށި މެށުމެވެ. ރޯނު ވެށުމެވެ. އަދި ފަރީޝާގެ މަންމައާއިއެކު މަސްކައްކާ ހިއްކުމެވެ. ނިޒާރަކީ ލާމު އަތޮޅުގެ ވެރިކަންކުރާ ރަށް ފޮނަދޫ މީހެކެވެ. މަންމައާއި ބައްޕަ މަރުވެފައިވާ ޔަތީމު ކުއްޖެކެވެ. ބޮޑުބޭބެއެއްގެ ހިޔާވަހީގައި އުޅެމުންދާ މީހެކެވެ.ނަމަވެސް ރީތި ހުސްކޮށްގެން ހުރި މީހެކެވެ. އެހެންކަމުން އަންހެން ކުދިންގެ ހުށައެޅުންތައް ލިބެމުންދެއެވެ.ނިޒާރުގެ ބޮޑުބެގެ އަންހެނުންގެ ތިމާގެ މީހެއްކަމަށްވާ ޒާހިރާ ވެސް ހުންނަނީ ނިޒާރާއި ހެދި މޮޔަވެފައެވެ. ނަމަވެސް ނިޒާރު ބުނަމުންދަނީ އޭނަ ބޭނުންވާކަހަލަ ކުއްޖެއް ނުފެންނަ ކަމަށެވެ. ކަންމިހެން ހުރުމާއިއެކުވެސް ނިޒާރުގެ ބޮޑުބެގެ އަންހެނުން ނިޒާރު ކައިވެނި ކުރުމަށް ބާރުއަޅާވަރުން ބޯހަމަޖައްސާލުމަށްޓަކައި އެކި ރައްރަށަށް ރައްޓެހިންނާއިއެކު ގޮސް އުޅެއެވެ. އޭނާ އަކީ މަސްވެރިއެއް ނަމަވެސް މިދުވަސްކޮޅު ދޯނީގެ މަރާމަތެއް ކުރާތީވެ ދޯނޮ އޮތީ ފަޅުގައެވެ. ނިޒާރުގެ އެކުވެރިންދާން ނިންމީ އިސްދުއަށެވެ. މަޝްހޫރު އިސްދޫހައްތެލި ބަލާލުމުގެ ބޭނުމުގައާއި އެކުގައެވެ. އެރަށަށް ގޮސް އުޅުމުގެ ތެރޭގައި ފަރީޝާ އާއި ދިމާވެ ދެމީހުނަށްވެސް ދެމީހުން ކަމުދިޔައީއެވެ. ފަރީޝާގެ މައިންބަފައިން އެދެމީހުންގެ ގުޅުމަށް ރުހުމުން ނިޒާރު ބޭނުންވީ ކައިވެނި ކުރާށެވެ. ކައިވެނިކޮށްގެން ދުވަސްތައް އުފަވެރިކަމާއިއެކު ވޭތުވެދަނިކޮށް ސުނާމީ ކާރިސާއާއި ދިމާވެ ފަރީޝާގެ މައިންބަފައިންގެ އިތުރުން ހުރިހަމައެކަނި ކޮއްކޮވެސް ނިޔާވީއެވެ. ފަރީޝާގެ ލޮލުން ހުއްޓުމެއްނެތި ކަރުނައައެވެ. މާޒީގެ ހިޔާލުތަކުގެ ތެރެއިން ފަރީޝާއަށް ނިކުމެވުނީ ޑޮކްޓަރު ނިކުމެ ނިޒާރުގެ އެހީތެރިޔަކީ ކޮބައިތޯ އެހުމުން ރާޝިފާ ފަރީޝާގެ އަތުގައި ހައެއްކަފަހަރު ކޮއްޓާލުމުންނެވެ.
“ޑޮކްޓަރ ޑޮކްޓަރ މަގޭ ނިޒާރު ކޮބާ…؟” ހުއްޓުން އަރަމުން ކަހަލަ ގޮތަކަށް ފަރީޝާ ސުވާލުކުރިއެވެ.
“ޑޮކްޓަރ އަޅުގަނޑުގެ ބައްޕަ.. ބައްޕަ އަށް ކިހިނެއްތޯވީ؟” މަޑުމޮޅި ރާގެއްގައި ނާއިލް ސުވާލުކުރިއެވެ. ޑޮކްޓަރުގެ މޫނުން ފެނުނީ ހިތާމައެވެ. ޑޮކްޓަރ ދެއްވި ހަބަރަކުން ފަރީޝާއާއި ނާއިލްގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ.

