Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 7

Shiu 💞🌸 Level 110 Stories
May 21, 2020 4 Mins Read
1 Comment

މައިނަސް ވަން ޑިގްރީގައި ފިނިކަން ހުރިއިރު ވެސް އެކުދިންނަށް އެކަން އިހްސާސް ނުވާ ކަހަލައެވެ.
ވަދެގެން ވަކި ހިސާބަކަށް ދެވުނުތަނާ ސްނޯބޯލްއަކުން ލޫތު ގައިޖެހުނެވެ.

“ޔޭ… އިޓްސް ލޫ… “ ސްނޯބޯލް އައި ދިމާލަށް އަމްރު ދުއްވައިގަތް އިރު އަމްރު އާއި އެއް އުމުރެއްގެ ފިރިހެން ކުއްޖެއް ހެވިފައި ބަލަން ހުއްޓެވެ. ކުޑައިރުވެސް ފިރިހެންވަންތަކަމެއް ލިބިފައިވާ ރީތި ފިރިހެން ކުއްޖެކެވެ. މުށިކުލައިގެ ބޮޑު ދެލޮލުން ބަލާލީ މައުސޫމްކޮށެވެ. ކައިރީގައި ޒުވާން ފިރިހެނެއް ފިރިހެންކުއްޖާގެ އަތުގައި ހިފާލައިގެން ހުރިއެވެ.
އިރުކޮޅަކުން އަމްރު އައިސް ބުނީ އެއީ އަމްރުގެ ކުލާސް ކުއްޖެއް ކަމަށްވާ ލުޢައްޔު ކަމަށާއި އެކުއްޖާ އެކުގައި ކުޅެލަން ދަނީ ކަމުގައެވެ. ދެކުދިން ކުޅެން ފެށުމާއެކު ފިރިހެންކުއްޖާގެ އަތުގައި ހިފައިގެން ހުރި ޒުވާނާވެސް ލޫތުމެން ކައިރިއަށް އައިސް ވާހަކަ ދައްކައި ރަހްމަތްތެރިވިއެވެ. އަމިއްލައަށް ތަޢާރަފްވެލައި ބުނެލީ އޭނާއަށް ކިޔަނީ އައްޔާޝް ކަމަށެވެ.

ދެކުދިން ކުޅޭތަން ބަލަން ދުރުގައި ތިން ޒުވާނުން ތިބީ ހިނިތުންވެލައިގެންނެވެ. އުފާވެރި މަންޒަރެއްކަމުން ލޫތުގެ ފޯނުގައި އެމަންޒަރު ރައްކާވެސްކުރިއެވެ.

އެދުވަސް ނިމިގެން ދިޔައީ އުފާވެރިކޮށެވެ. ދުބާއީގައި ލޫތުއަށް ހޭދަކުރެވުނު އެންމެ ހިތްހަމަ ޖެހޭ ދުވަހަށް އެދުވަސްވެގެން ދިޔައެވެ. ނަމަވެސް މަލާގެ ހަނދާންތަކުން ދޭތެރެއަކުން ހިތް ނުތަނަވަސްވެއެވެ. ހަނދާންވަނީއެވެ. އަދި ފެނިފައި ވާހަކަ ނުދެއްކުމުން ހިތަށް އުނދަގޫވަނީއެވެ. މަލާގެ ކިބައިން އޮޅުންފިލުވަން ބައިވަރު ކަންތައް އެބަހުއްޓެވެ.

އެޕާރޓްމެންޓަށް ވަދެވުމާއެކު ރޭގަނޑުގެ ކެއުމަށް އެއްޗެއް ތައްޔާރުކޮށްލުމަށް ލޫތު އުޅުނެވެ. މަލާގެ ގެއްލުމަށްފަހުގައިވެސް އެހެން މީހުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހި ލޫތުއަށް ކަމަކު ނުދެއެވެ. އެހެންކަމުން އަމިއްލައަށް ކައްކަން ދަސްކުރިއެވެ. މާ ބުރަ ދުވަހެއްވެއްޖެޔާ އެއްޗެއް އޯޑަރ ކޮށްލައިގެން ކަނީއެވެ.

ޒުވާން އުމުރުގައި މިލިއަނަރަކަށް ވުމުންވެސް އެހެން މީހަކު ލައްވައި ލޫތުގެ ކަންތައް ކުރުވަން ލޫތު ހިތްހަމަ ނުޖެހެނީ މަލާގެ ހަނދާންތަކުގެ ސަބަބުންނެވެ. ލޫތުގެ ހުރިހާކަމެއް ލޯބިން މަލާ ކޮށްދެނީ އެއްވެސް ޝަކުވާއެއްނެތިއެވެ. ބަލިވިޔަސް ލޫތުގެ ކަންތައް ކުރަން ނޯކަރަކަށް ވެސް ހަވާލެއް ނުކުރެއެެވެ.
މަތިން ފައިސާ އޮހުނަސް ލޫތު ލޯބި ކުރަނީ އާދައިގެ ދިރިއުޅުމަށެވެ. ހިތުގައި ބޮޑާކަމުގެ އެއްވެސް އަސަރެއް އަށަގަނުވަން ބޭނުންނުވަނީއެވެ. ދުނިޔެއަށް ހެއްލުމުން ހާދަ ގެއްލުން ވާނެއެވެ. ފައިސާލިބެން ފެށުމުން ގިނަ މީހުން ރިޒުޤުދެއްވާ ފަރާތްމަތިންވެސް ހަނދާންނައްތާލައެވެ. ދުނިޔެއަކީ ވަގުތީ ތަނެކެވެ.  އަދި ދުނިޔެ ދޫކޮށްފައި ދާއިރު އެއްވެސް މުދަލެއް ނުގެންދެވޭނެއެވެ. ހަމަ އެކަނި ގެންދެވޭނެ އެއްޗަކީ ހެޔޮ އަމަލެވެ. އެހެންކަމުން މުދާ އެއްނުކޮށް ހެޔޮ އަމަލު ގިނަކުރަންވީ ނޫން ހެއްޔެވެ؟ ދުނިޔެދޫކޮށް ދާން ޖެހޭނީ ކޮންއިރަކު ކަމެއް ނޭނގެއެވެ.

ލޫތުގެ ފައިސާ ނިކަމެތިންނަށް ހޭދަކޮށްލަނީ ފެންފަދައިންނެވެ. ކިޔަވަން ބޭނުންވާ ކުދިންނަށްވެސް ޚަރަދު ކޮށްލައެވެ. ދީލަތި ހިތެއްގެ ވެރިއެކެވެ.
ލޫތުގެ މުއްސަދިކަމުގެ ސިއްރަކީ އެކުރާ ސަދަޤާތްކަމަށްވެސް ވެދާނެއެވެ.

ރޭގަނޑުގެ ކެއުމަށްފަހު ލޫތު ނިދަން އޮށޯތެވެ. ނިދަންއުޅެ އުޅެ ނުނިދުނީ މަލާގެ ހަނދާންތައް އުނދަގޫކުރަން ފެށުމުންނެވެ. އެކި ފަރާތްފަރާތަށް ފުރޮޅިފައި އެންމެފަހުން ފޯނާއި ކުޅެން ފެށިއެވެ. މަލާގެ ފޮޓޯތަކާއި ދެމީހުންގެ ސެލްފީތައް ބަލަން ފެށުމާއެކު ލޫތުގެ ލޯ ކަރުނުންފުރުނެވެ. ބޮޑު ފިރިހެނަކަސް ރޮވޭނެ ނޫން ހެއްޔެވެ؟ ގެއްލުނީ ލޯބިވާ އަނބިމީހާއެވެ. އުފާތަކެވެ. އިންތިޒާރުގެ ދުވަސްތައް ދިހަ އަހަރުދުވަހަށް ދެމިގެން ދިޔައިރު ލޫތު އެކަނި އޮވެ ކިތަންމެ ކަރުނައެއް އޮއްސިއެވެ. މީހަކާއި އެވާހަކަ ހިއްސާކޮށްލަންވެސް ފަސްޖެހެނީ ކަމުގެ ގޮތުންނެވެ. ދެރަވެ ޖަޒުބާތީވެވޭ ކަހަލަ ވާހަކަތަކެއް ވީމައެވެ. ލޫތުއަށް ވީ ވަރަކުން ހިތްވަރުކުރެއެވެ.

އައްޔާޝް އާއި އެކުވެރިވެވުނު ފަހުން ލޫތު ކޮންމެވެސް ވަރަކަށް އައްޔާޝް އާއިއެކު ކޮފީތަކަށް ދާން ފެށުމުން އެނގުނީ އައްޔާޝްއަކީ ދުބާއީގެ މުއްސަނދި އާއިލާއެއްގެ ޒުވާނެއްކަމެވެ. އުމުރުން 26 އަހަރު ވީއިރު ވަޒީފާއެއް ނެތި ދިރިއުޅެނީ ކޮންމެވެސް ދުވަހަކުން ބައްޕަގެ ވިޔަފާރިއަށް އެހީތެރިވުމަށްކަމަށް ބުންޏެވެ. އެންމެ ހަގު ދަރިއަށްވެފައި ތިން ބޭބެ ހުރެއެވެ. ހުރިހާ ބޭބެއިން ވިޔަފާރީގައި އުޅޭތީ މަސައްކަތެއް ކުރަން ނުވެސް ޖެހޭކަމަށް އައްޔާޝް ބުނެލިއިރު ޅަ ކުއްޖެއް ފަދައެވެ. އެންމެ ކުޑަ ކުއްޖާއަށްވުމުން ގޭ އެންމެން ޅަ ކޮށްގެން ގެންގުޅެނީކަމަށް ވެދާނެއެވެ.
ލޫތު ކޮންމެވެސް ވަރަކަށް ހައިރާންވެ އުފާވެސް ވިއެވެ. ދުބާއީގެ ޒުވާނަކާއި ދިމާވީމައެވެ. ރާއްޖެ ފަދައިން ދުބާއީގައި ގިނައިން ދިރިއުޅެނީ ހިޖުރަކޮށްގެން އުޅޭ އެހެން ގައުމުތަކުގެ މީހުންނެވެ. ގިނައީ އިންޑިއާ މީހުންނެވެ. އެހެންކަމުން ދުބާއީގެ ރައްޔިތަކާއި ދިމާވުމަކީ ނާދިރުކަމެކެވެ. އަނަސްއަކީވެސް ކުޑައިރު އާއިލާ އާއި އެއްކޮށް ދުބާއީއަށް ހިޖުރަކޮށްގެން އުޅޭ ޒުވާނެކެވެ.

ޢައްޔާޝް ވީ ލޫތު އާއި ވަރަށް ގުޅޭ މިޒާޖެއްގެ ޒުވާނަކަށެވެ. އެހެންކަމުން ދެމީހުން ހަޔާތުގެ އެކި ވާހަކަތައް ހިއްސާ ކުރެވޭހާ ގާތްވިއެވެ. އައްޔާޝްއަށް ލޫތު ވަރަށް ޚާއްސަވިއެވެ. ލޫތުއަށް އިތުބާރުވެސް ކުރެވުނެވެ. އޭނާގެ މިޒާޖާއި ގުޅޭ ޒުވާނަކާއި ދިމާވަނީ ވަރަށް މަދުންކަމަށްވެފައި އެހާ ގާތް އެކުވެރިއެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބުމުންނެވެ.

ލޫތު ދިރިއުޅޭ އެޕާރޓްމެންޓަށް ވަދެވުނު ދުވަހަކު އައްޔާޝް އެދުނީ އޭނާގެ ގެއަށް ބަދަލުވުމަށެވެ. އެކަނި އެޕާރޓްމެންޓެއްގައި ދިރިއުޅެން އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭކަމަށް ބުނެލުމުން ލޫތު ހީލުމަކުން ފުއްދާލީއެވެ. އޭގެ ފަހުން ދިމާވާ ކޮންމެ ފަހަރަކު އައްޔާޝްގެ ގެއަށް ބަދަލުވުމަށް އެދެއެވެ.

ލޫތު އޮފީހުގައި ބުރަކޮށް އުޅެލުމަށްފަހު ގެއަށްދާން ނުކުތެވެ. ކާރުގެ މައްސަލައެއް ޖެހިގެން ގަރާޖަކަށް ލާފައި ޓެކްސީއެއް ނަގަން އުޅުނުއިރު ތަނެއްގެ ވެރިއެއްހެން ހީވެސްނުވެއެވެ. ލާފައި ހުރި ކަޅުކުލައިގެ ކުރުތާ ގަޔަށް ކުޑަކޮށް ދޫނަމަވެސް ބައިމަތި ފުޅާ ހަށިގަނޑު ފޮރުވައެއްނުލެވެއެވެ.

ކަޅުކުލަ އަކީ ލޫތުއަށް އެންމެ ރީތި ކުލައެވެ. އެކުލަ ލޫތުއާއި އެހާމެ ގުޅޭވެސްމެއެވެ.

ޓެކްސީއެއް ނުލިބިގެން އުޅެނިކޮށް އައްޔާޝް ގުޅާލާފައި އާއްމުކޮށް ކޮފީ ބޯ ތަނަށް އައުމަށް އެދުނެވެ.
ޓެކްސީއެއް ނުލިބި ގިނައިރުވާން ފެށުމުން ލޫތު އައްޔާޝްއަށް ގުޅާފައި ވެގެން އުޅޭގޮތް ކިޔައިދިނުމާއެކު ވަގުތުން ބަލާއައެވެ. ލޫތުއަށް އޮޅުވާލާފައި އައްޔާޝް ލޫތު ގެންދިޔައީ އޭނާގެ ގެއަށެވެ. ލޫތު ދެކޮޅުހެދުމެއްނެތި އެގެއަށް ވަނުމަށް އެއްބަސްވީ އެކުވެރިޔާ އެކަމަށް އާދޭސްކުރާވަރުންނެވެ.
ޢައްޔާޝްގެ ހަވޭލީއެއް ފަދަ ބޮޑު ގެއަށް ވަދެވުމުން ލޫތުއަށް އައްޔާޝްގެ އާއިލާގެ ފެންވަރު އެނގުނެވެ. ބަލާލި ކޮންމެ ދިމާލަކުން ފެނުނީ ޝާހީ ގޮތްގަޑެވެ. ލޫތު ގޮވައިގެން އެންމެ ފުރަތަމަވެސް އައްޔާޝް އެރީ ލިފްޓަކަށެވެ. އެއަށްފަހު ވަދެވުނީ އެގޭގެ ޓެރެސްއަށެވެ. ކައިވެނި ޕާރޓީއެއް ބާއްވާލެވޭނެވަރުގެ ބޮޑު ޓެރެސްއެކެވެ. ވަކިން ހިޔާކޮށްލާފައި ހުރި ތަންކޮޅެއްގައި ދިހަ ވަރަކަށް މީހުނަށް އިށީންދެވޭނެ ހުދު ކުލައިގެ ޝާޙީ ޑިޒައިނެއްގެ ސޯފާއެއް ހުއްޓެވެ. ހިޔާނުކޮށް ހުރި ބައިގާ ރީތި ގޮތަކަށް ޑިޒައިން ކޮށްފައިހުރި އަރާމު ބެންޗްތަކެއް ހުރެފައި ހުސް ޖާގަ އޮތެވެ. ބެންޗްތައްވެސް ހުރީ ހުދުކުލައިންނެވެ. ކޮންމެ އެއްޗެއްސާފުކަމުން އޮފް އަރައެވެ. އައްޔާޝް އޭނާގެ މަންމަ ދުޖާނާއަށް ދައުވަތު އަރުވާފައި ބުނީ އޭނާގެ ރައްޓެހިންދެކެ މަންމަ ވަރަށް ލޯބިވާނެކަމަށެވެ. ލޫތުގެ ވާހަކަ ހިއްސާކުރުމުން ލޫތު އާއި ބައްދަލު ކޮށްލާ ހިތުން ހުރިކަމަށް ބުނެލިއެވެ. އިރުކޮޅެއްނުވެ ލިފްޓުން އަންހެނެއް ނުކުތެވެ. ކަޅު އަބާޔާއަކާއި މަންޒަރު ފޮތީގެ ސްކާރފްއެއް އަޅާލައިގެން ހުރިއިރު ސާދާވެފައި މާތްގޮތެއް ހުއްޓެވެ. ޝާހީ ފާޑުވެސްޖަހައެވެ. ނަމަވެސް ބޮޑާކަމުގެ އަސަރެއްނެތެވެ. މޫނުމަތީގައި ހިތްހެޔޮ ހިނިތުންވުމެކެވެ.

ލޫތު އާއި ވާހަކަ ދެއްކީވެސް އެހާ ހިތްހެޔޮކޮށެވެ. އެޕާރޓްމެންޓުން އެގެއަށް ބަދަލުވުމަށް އެދުނެވެ. ބޮލުގައި ފިރުމާލާފައި ކަންތައް ކޮށްދިންގޮތުން ލޫތުގެ ހަނދާނަށް އައީ މަލްހާއެވެ. އެކްސިޑެންޓެއްގައި ދުނިޔެދޫކޮށް ދިޔަ މާލިކާއި މަލްހާ މަތިން ލޫތު ވަރަށް ހަނދާންވެއެވެ. ލޫތަކީ އެޑޮޕްޓް ކޮށްފައި ހުރި ކުއްޖެއްކަން އެނގުނުފަހުންވެސް އެއީ އޭނާގެ މައިންބަފައިން ކަމުގައި ދެކެއެވެ.
ދުޖާނާ ނޯކަރަކަށް ގޮވާލާފައި ޓެރެސްއަށް ސައި ތައްޔާރުކުރުމަށް އެންގުމުން މާގިނަ އިރެއްނުވެ ދެތިން ނޯކަރެއް ސައި ތައްޔާރުކޮށްލިއެވެ.

އެދުވަހު އަނެއްކާވެސް ލުޢައްޔު އާއި ދިމާވިއެވެ. މަޑުމަޑުން ހުންނަ ލޯބި ކުއްޖެކެވެ.
ލޫތު އާއި އެކުވެރިވެ ވާހަކަ ދައްކަން ފެށުމުން އައްޔާޝް ހައިރާންވެލާފައި ބުނެލީ އޭނަގެ ކޮއްކޮ ލުޢައްޔުއަކީ އަލަށް ދިމާވާ މީހުނާއި އެހާ އަވަހަށް ރަހްމަތްތެރިވާ ކުއްޖެއް ނޫން ކަމަށެވެ.
ލުޢައްޔު އާއި އެކު ހޭދަކުރެވުނު ވަގުތުގައި ލޫތުގެ ހިތަށް ބުނެދޭން ނޭނގޭ އަސަރުތަކެއް ކުރުވިއެވެ. އެގެއިން ދާންއުޅުމުން ލުޢައްޔު ކުޑަކޮށް ބައްދާލާފައި އަދިވެސް އެގެއަށް އައިސް ދިނުމަށް އެދުމުން ލޫތު ކުޑަކޮށް ޖަޒުބާތީވެ ފެންކަޅި ވާގޮތްވެފައިވެސް އެކަން ފޮރުވިއެވެ. ލޫތުގެ އުމުރުގެ އެހެން ޒުވާނުންހެން ކައިވެންޏެއްކޮށް ދަރިއަކު ހޯދައި އުފަލުގައި އުޅުމަކީ އޭނާވެސް ދެކޭ ހުވަފެނެކެވެ. ނަމަވެސް އޭނަގެ ހަޔާތް ވޭތުކުރަން ބޭނުންވަނީ މަަލާ އާއި އެކުއެވެ.
މަލާ ހޯދުމަށްޓަކައި އަޒުމް ވަރުގަދަވެ އިތުރަށް މަސައްކަތްކުރަން ލޫތު އަޒުމް ކަނޑައެޅިއެވެ.

އޭގެ އަނެއް ދުވަހު އިރު އެރުމާއެކު ލޫތު ރެޑީ ވެލައިގެން މަލާ ފެނުނު މޯލްއަށް ދިޔައެވެ. ނަމާދުކޮށްލަން ފިޔަވައި އެތަނުން ދުރުނުވާށެވެ. ކޮންމެވެސް ގަޑިއަކު މަލާ އަންނާނެ ނޫން ހެއްޔެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shiu 💞🌸

Level 110 Stories

Other Articles

Previous

އެހެނަސް…(23)

Next

ސިއްރެއް 20

Next
May 21, 2020

ސިއްރެއް 20

Previews
May 21, 2020

އެހެނަސް…(23)

One Comment

  1. ?Aashko?? says:
    May 23, 2020 at 1:45 pm

    V reethi mi part ves when is next part.
    Love this story ❤❤
    Waiting for the next part

Comments are closed.

Next Episodeއިންތިޒާރު 8←


All Right Reserved!