އިންތިޒާރު 6
“އިރުކޮޅެއްގެ ތެރޭ މިދަނީ” ފިހާރައިން ނުކުންނަން އުޅެނިކޮށް ލޫތުގެ ކަންފަތުގައި ޖެހުނީ ޖާދުވީ ރީތި އަޑެކެވެ. ފަށުވިކޮށް އިނގިރޭސި ބަހުން ވާހަކަ ދެއްކިޔަސް އެއަޑަކީ ލޫތުއަށް އޮޅޭނެ އަޑެއް ނޫނެވެ. ސިހިފައި ލޫތުއަށް އަޑު އައި ދިމާލަށް ބަލާލެވުނީ އެއީ ކާކުކަން ޔަޤީންވެގެންނެވެ. ކަޅުކުލައިގެ އަބާޔާއަކާއި ކްރީމް ކުލައިގެ ޝޯލްއެއްގައި އެހެރީ މަލާއެވެ. އެމޫނު ލޫތުއަކަށް ނޯޅޭނެއެެވެ. ކްރީމްކުލައިގެ ޝޯލްތެރެއިން މަލާގެ ކުޑަ ވަށް މޫނު ފެންނައިރު އާޝޯހު ވާހާ ރީއްޗެވެ. ބޮޑު ދެލޮލުގައި އައި ލައިނާ އަޅައިފައި މަޑު ލިޕް ގްލޮސްއެއް ޖައްސާފައި ހުރުމުން ވަރަށް ސާދާއެވެ. ރީތިކަމުގެ އިންތިހާއެވެ. ފޯނުން ވާހަކަަ ދައްކަމުން ދިޔައިރު މޫނުމަތީގައި ހިތްގައިމު ހިނިތުންވުމެއް ވިއެވެ. ލޫތުގެ އިންތިޒާރެއް ނިމުމެއް އައީހެއްޔެވެ؟ އާއެކެވެ. ލޯބިވާ މަލާ އެހެރީ ކުރިމަތީގައެވެ. އެއީ ލޫތުގެ ލޯތްބެވެ. 10 އަހަރު ދުވަހު އިންތިޒާރުކުރި ލޯބިވާ އަނބިމީހާއެވެ. ފިހާރައިގެ ދޮރުކައިރީގައި ހުރި ލޫތު ކަޅި ޖަހާނުލާ މަލާއަށް ބަލަން ފެށުމުން މަލާވެސް ލޫތުއަށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމުން ލޫތުގެ ހިތް އާދަޔާ ޚިލާފު ބާރަށް ތެޅެން ފެށިއެވެ.
މަލާގެ މޫނުމަތިން ފެނުނީ މުޅިން އެހެންކުލައެކެވެ.
ލޫތު ނަޒަރު ވަކިކޮށްނުލައި މަލާ ގާތަށް ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު އަވަސް ހިނގުމެއްގައި މަލާ ފިހާރައިން ނުކުމެގެން ދިޔައެވެ. ލޫތު ހުރީ ހައިރާންވެފައެވެ. މަލާ ދިޔައީ ކިއްވެހެއްޔެވެ؟ އެހާ ދުވަސްކޮށްފައި ބައްދަލުވުމުން މަލާ އުފަލެއްނުވި ހެއްޔެވެ؟ ގެއްލުނީ ކީއްވެކަން ބުނެދޭންވެސް ނޫޅެއެވެ. ލޫތު ރުޅިއައިސް ހުރެދާނެކަމަށް ދިޔައީ ހެއްޔެވެ؟ ވާހަކަ ދައްކަން ބޭނުންނުވީ ހެެއްޔެވެ؟
އަދިވެސް އެއީ ލޫތުގެ އަނބިމީހާ އެވެ. ފިރިމީހާއަށް ކިޔަމަންވާން ޖެހޭނެ ނޫން ހެއްޔެވެ؟ އަދިވެސް ލޫތުގެ ހިތުގައި ވަނީ މަލާގެ ލޯތްބެވެ. އެހެން އަންހެން ކުއްޖަކާއި ދިމާލަށް ބަލާލަންވެސް ބޭނުން ނުވެއެެވެ. ހިތުގައި ބިންވަޅު ނެގިފައި ވަނީ މަލާގެ ރީތި ހުސްކުރި ސިފަތަކެވެ.
މިހާރު ކުޑަކޮށް ހަރު ވައްތަރު ޖެހިޔަސް ކުރީގެ މަލާއެކޭ މާ ބޮޑު ތަފާތެއް ނެތެވެ. އެ މައުސޫމުކަމާއި ރީތިކަމަށް ފަނޑުކަމެއް ނާނދެއެވެ. އިތުރަށް ދޮންވެފައި ހަންގަނޑު އޮމާންވުމުން އިތުރަށް ރީތިކަމަށް ދައްކައެވެ.
ލޫތު ވިސްނަން ހުރެފައި ސިހިފައި ބަލާލެވުނީ މަލާ ނުކުމެގެން ދިޔަ ދިމާލަށެވެ. އަނެއްކާވެސް މަލާ ގެއްލެން ދޫކޮށްލަންވީ ހެއްޔެވެ؟
ދިގު ފިޔަވަޅުތަކެއް އަޅަމުން ނުކުތް އިރު މޯލްގައި ތިބި ގިނަ ބަޔަކުގެ ލޯތައް ލޫތުގެ ރީތިކަމަށް ހުއްޓިފައިވިނަމަވެސް ލޫތުއަށް ރޭކާވެސް ނުލައެވެ. މަލާ ނުކުމެގެން ދިޔަ ދިމާލަށް ކުޑަކޮށް ދުވެލާފައި ދިޔައިރު މަލާ ކާރަކަށް އަރަނީއެވެ. އެންމެފަހަރަކު ފަހަތަށް ބަލަައިވެސްނުލިއެވެ. ލޫތުމަތިން ހަނދާން ނައްތާލީ ހެއްޔެވެ؟ މިތަނުގައި އާ ދިރިއުޅުމެއް ފެށީހެއްޔެވެ؟ ރާއްޖެ އަނބުރައި ދާން ބޭނުން ނުވަނީ ހެެއްޔެވެ؟ ލޫތުގެ ހިތް ޝަކުވާއިން ފުރިއްޖެއެވެ. ކުރެވުނު އިންތިޒާރަކީ ބޭކާރު އިންތިޒާރަކަށް ވީ ހެއްޔެވެ؟ މީހުން ބުނެ އުޅެއެވެ. ދިގު އިންތިޒާރުގެ ނިމުން ފޮނިވާނެއެވެ. ލޫތުގެ އިންތިޒާރުގެ ނިމުން މިވީ ހިތި ހެެއްޔެވެ؟
ބަލަބަލާ ހުއްޓާ މަލާ އެރި ކާރު ނައްޓާލުމުން ލޫތުގެ ހިތް މާޔޫސްވިއެވެ. އެ ކާރުގެ ފަހަތުން ލޫތުއަށް ދެވޭކަށް ނެތެވެ. ލޫތުގެ ކާރު އޮތީ އެޕާރޓްމެންޓް ހުރި އިމާރާތުގައި ޕާރކް ކޮށްފައެވެ. އެއީ ދިހަ ވަރަކަށް މިނެޓް މޯލް އާއި ދުރެވެ.
އަނެއްކާވެސް މަލާ ގެއްލުނީ ހެއްޔެވެ؟ ދެން ނުފެންނާނީ ހެއްޔެވެ. ދިހަ އަހަރުވަންދެން ކުރި އިންތިޒާރަށް ނިމުމެއް އައިހެން ހިނދުކޮޅަކަށް ހީވެފައި އަނެއްކާވެސް ކުރެވުނު އުއްމީދުތައް ވިއްސިވިހާލި ވެއްޖެއެވެ.
ކުއްލިއަކަށް ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ލޫތު އަނބުރައި ދިޔައީ އަބާޔާ ވިއްކާ ފިހާރައަށެވެެ. އެތަނުގެ ޔުނިފޯރމްގައި ހުރި އަންހެން ކުއްޖަކާއި މަލާ އާއި ބެހޭގޮތުން ސުވާލުކުރިއެވެ. މަލާގެ ނަން ބުނުމުން ނޭނގުމުން މިތަނުން ނުކުމެގެން ދިޔަ އަންހެންކުއްޖާ އޭ ބުނެ ސިފަ ކޮށްދޭން ފަށައި ގާތްގަނޑަކަށް ވާނީ 30 އަހަރޭ ބުނެލިއިރު ލޫތު އަށް އެއީ މަލާގެ އުމުރުކަން ޔަގީނެވެ. މަލާގެ ރީތި ސިފަތައް ކިޔައިދޭން ފެށުމާއެކު އަންހެންކުއްޖާ ހީލާފައި ބުނީ އެއީ އޭނާގެ މެޑަމް ކަމަށެވެ.
ލޫތު ހޯދި ހޯދުމުން މަލާއަކީ އެ ފިހާރައިގެ މެނޭޖަރުކަން އެނގުނެވެ. އިތުރު އެއްވެސް މައުލޫމާތެއް އެނގޭ ގޮތެއް ނުވި ނަމަވެސް މަލާ އާއި ބައްދަލު ވާނޭކަމުގެ އުއްމީދު އާވިއެވެ. އެތަކެއްފަހަރު ހަމްދު ކުރިއެވެ.
އެޕާރޓްމެންޓަށް ވަދެވުމާއެކު ލޫތު ޔައުޤޫބަށް ގުޅައި މަލާ ހޯދުމުގެ މަސައްކަތް ހުއްޓާލުމަށް ބުނެލިއެވެ. އެއަށްފަހު އުފާވެރިކަމާއެކު ބޮޑު އެޕާރޓްމެންޓް ތެރޭގައި އެނބުރިލިއެވެ. އެރޭ ލޫތުއަށް އަރާމުކޮށް ނިދާލެވުނެވެ. މި ދިހަ އަހަރުގައިވެސް ނުނިދޭހާ އަރާމުކޮށެވެ.
އަނެއް ދުވަހު އިރުއެރުމާއެކުުުުުުުުުު ދުބާއީގެ މަގުތަކުގައި ލޫތު ދުއްވަންފެށިއެވެ. ކޮންމެވެސް ހިސާބަކުން މަލާ ފެނިދާނެކަމުގެ އުއްމީދުގައެވެ. އެއް މަގެއްގައި ދިހަ ފަހަރުމަތިންވެސް ދުއްވިއެވެ. އެންމެފަހުން މެންދުރު ވަގުތުވުމުން ނަމާދުކޮށްލައިގެން ހަވީރު ވަންދެންވެސް ދުއްވިއެވެ. ނަމަވެސް މަލާ ނުފެނުމުން މޯލްއިން މަލާ އާއި ބައްދަލު ވި ގަޑީގައި މޯލްއަށްވެސް ދިޔައެވެ. އެތަނުގައި ދެތިން ގަޑިއިރެއް ހޭދަކުރިއެވެ. ފިހާރައިގެ މެނޭޖަރަށްވުމާއެކު އައިސް ދާނެ ކަމުގެ އުއްމީދުގައެވެ.
މިގޮތަށް ދުވަސްތައް ފާއިތުވަމުން ގޮސް ހަފްތާއެއް ވިއިރުވެސް މަލާއެއް ނުފެނުނެވެ. ނަމަވެސް ލޫތު ހިތްވަރު އެލުވާނުލިއިރު އެކަމާ މާޔޫސްއެއްވެސް ނުވެއެވެ. 10 އަހަރުކޮށްފައި މަލާ ފެނުމުން ލޫތުގެ ހިތާމަވެރިކަން ދުރުވެލައިފިއެވެ. ހިނިތުންވުމެއް ދޭތެރެއަކުން ފެނިލައެވެ. މަލާ ފެނުމަކީވެސް ބޮޑުވަރެވެ. މަލާ އެހެރީ ހެޔޮ ހާލުގައެވެ. މޫނު މަތިން އުފާވެރިކަން ފެނެއެވެ. އެކަމުންވެސް ލޫތު ހިތްހަމަޖެހެއެވެ. އަދިވެސް ދިމާވާނެ ކަމުގެ އުއްމީދަކީ އެއްފަސްގަނޑެއްގައި އުޅެވޭކަން އެނގޭތީއެވެ.
ލޫތު ތައްޔާރުވަމުން ދިޔައީ ދުބާއީ ބްރާންޗްގައި ލޫތުގެ ދަށުން މަސައްކަތް ކުރާ އަނަސް އާއި އެކު ބޭރަށް ދާށެވެ. އަނަސްއަކީ ދުބާއީ ބްރާންޗްގެ ކަންތަކާއި ހަވާލުވެ ހުންނަ ވެރިޔާއެވެ. ލޫތުއަކީ ހިތްހެޔޮ އެކުވެރި މިޒާޖެއްގެ ވެރިއެކެވެ. ދުބާއީގައި ހުންނަ އޮފީހަށް ވަދެވޭވަރު މަދުވިކަމުގައިވި ނަމަވެސް އެއްމަސް ދުވަސްތެރޭގައި އަނަސް އާއި ގާތް ގުޅުމެއް އުފެދުނެވެ. ދޭތެރެއަކުން ކޮފީއެއް ބޯލަން އަނަސް އާއި އެކު ދިޔުން އާންމުވިއެވެ.
ލޫތު ތައްޔާރުވެ ނިމުނުތަނާހެން އަނަސް ގުޅާފައި ބުނީ ‘މޯލް އޮފް ދި އެމިރެޓްސް’ އަށް އައުމަށެވެ. އެއީ ދުބާއީގެ އެންމެ ބޮޑު މޯލްއެވެ.
މޯލްއަށް ދިޔައިރު އަނަސް އާއި އެކު ކުޑަ ފިރިހެން ކުއްޖެއް ހުއްޓެވެ.
މުށިކުލައިގެ ކުރުތާއެއްގައި އަނަސް ހުރިއިރު ހޫނު މޫސުމުގައި ދުބާއީގެ މީހުން އަޅާ ކަހަލަ ފޮތިކޮޅެއް ބޮލުގައި އައްސާލެވިފައި ވެއެވެ. މޫނު އަލިވެފައި ފިރިހެންވަންތައެވެ. އަނަސް ކައިރީގައި ހުރި ފިރިހެން ކުއްޖާވެސް ހުރީ އެކަހަލަ ހެދުމެއްގައެވެ.
ލޫތު ހުރީ ނޭވީ ބްލޫ ކުލައިގެ ކުރުތާއަކާއެކު އައިސް ބްލޫ ޖިންސެއްގައެވެ. ހެދުން އެޅުމުގެ ސްޓައިލްއިން ލޫތު އަކީ ރާއްޖޭގައި އުޅެ ބޮޑުވި ޒުވާނަކަށްވުރެ އަރަބި ހިސާބު މީހަކާއި ވައްތަރެވެ. ހަށިގަނޑު ވަަރުގަދަވެފައި ފުރިހަމަ ތުބުޅިއެކެވެ. ދީނީ ކުލަތަކާއެކުގައިވެސް ފިރިހެންވަންތަކަމުން 34 އަހަރުގައިވެސް އަންހެނުންގެ ހިތްތައް ފިދާވާ ކަހަލަ ސިފަތަކެކެވެ.
“ކޮފީ އަކަށޭ ބުނީމަވެސް ކޮއްކޮ ފަހަތުގައި އަޅުވާލީއޭ… ދެން މާ ފޫހިވެގެން އުޅޭތީ މިތަނަށް މިއައީ…” އަނަސް ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. ކޮއްކޮ އަމްރު އެތަނުގައި ހުރީ ކީއްވެކަން އޮޅުން ފިލުވައި ދިނުމަށްފަހު ތިން މީހުން މޯލްތެރެއަށް ހިނގައިގަތެވެ.
އަނަސް އާއި ލޫތު ކޮފީއެއް ބޯން ތިބިއިރު ދެކެވުނީ މުޅިންވެސް ވިޔަފާރި ވާހަކައެވެ. ދުބާއީގައި އާ ޕްރޮޖެކްޓެއްގެ މަސައްކަތް ފެށޭތީ އެކަމަށް އެކި ހިޔާލު އެކަކު އަނެކަކާއި ހިއްސާކުރިއެވެ.
އައިސްކްރީމް ތައްޓެއް ބޮއެ ނިންމާލައިގެން އިން ޢަމްރު އިނީ ފޫހިވެގެން ހަލާކުވެފައެވެ. “ލެޓްސް ގޯ ޓު ދި ސްކީ …” އިރުގަނޑެއް ވަންދެން ލޫތުމެން ވިޔަފާރީގެ ވާހަކަ ހުއްޓާލާތޯ ހުރުމަށްފަހު ޢަމްރު ބުނެލިއެވެ. ސްކީ ހުރީ އެތާ ކައިރީކަމުން ކުދިން އަންގި އާއި ބޫޓަށް އަރައިގެން އެތަނަށް ވަންނަތަން އަމްރުއަށް ފެނުނީއެވެ. 10 އަހަރުގެ އަމްރުއަށް އެތަނަށް ވަނުމުގެ ފުރުޞަތު އަދި ލިބިފައެއްނެތެވެ. މުޅި ދުނިޔޭގައި ހުރި އެންމެ ބޮޑު ސްކީ އަށްވެފައި އެހާ އަގުވެސް ބޮޑެވެ. އަމްރުއަށް ވަނީ އެތަނުގެ ރީތިކަން ފޮޓޯތަކުން ފެނިފައެވެ. އެކީގައި ކިޔަވާ ކުދިން އެތަނަށް ގޮސް ޕެންގުއިންގެ ފޮޓޯ ނަގައިގެން އައިސް ދައްކައެވެ.
އަމްރު ކުރުނުކޮށް ކިޔަން ފެށުމުން ލޫތުގެ ހަރަދުގައި އަމްރުއަށް އެތަނަށް ވަނުމުގެ ފުރުޞަތު ދޭން ނިންމިއެވެ. އަނަސްގެ އެ ފެންވަރު ނެތިގެނެއްނޫނެވެ. ލޫތުގެ ހިތުގައި ކުޑަކުދިންނަށް އުފެދިފައިވި ލޯތްބެއްގެ ބޮޑުކަމުންނާއި އަނަސްގެ ކޮއްކޮއަށް ވުމުން ހަދިޔާއެއްވެސް ދޭހިތްވުމުންނެވެ. ތިން މީހުނަށް ޓިކެޓް ނަގަައިގެން އެތަނަށް ވަތްއިރު އެކި އުމުރުގެ މީހުން އެތަނުގައި ހޭލަމޭލަވަމުންދިޔައެވެ. ގިނައީ ކުޑަކުދިންނެވެ. އުފާވެރިކަމާއެކު އެކި ކުޅިވަރުތަކުގައި ކުދިން ކުޅެމުން ދިޔައިރު ހިތްތަކަށް ހަމަޖެހުން ލިބޭފަދަ މަންޒަރެކެވެ. މައިނަސް ވަން ޑިގްރީގައި ފިނިކަން ހުރިއިރު ވެސް އެކުދިންނަށް އެކަން އިހްސާސް ނުވާ ކަހަލައެވެ.
ވަދެގެން ވަކި ހިސާބަކަށް ދެވުނުތަނާ ސްނޯބޯލްއަކުން ލޫތު ގައިޖެހުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Here’s part 6 الحمد لله
Reethi vaane kamah ummeedhu kuran