Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 5

Shiu 💞🌸 Level 110 Stories
May 13, 2020 3 Mins Read
1 Comment

ކޮޓަރީގެ ދޮރުހުޅުވާލުމާއެކު ލޫތު ދިޔައީ ސިހިގެނެވެ. މުޅި ކޮޓަރިއަށް އޮތީ ތޫފާނެއް އައިސްފައެވެ. ސޯފާގެ ކުޝަންތައް ކާރޕެޓްމައްޗަށް އުކާލެވިފައިވިއިރު ހުދުކުލައިގެ ކާރޕެޓްގައި ކޮންމެވެސްވަރަކަށް ލޭ ހުރުމުން ލޫތުގެ ސިކުނޑިއަށް ނުރައްކާތެރިކަމުގެ އިންޒާރެއް ލިބުނެވެ. މުޅި ކޮޓަރީގައިވެސް މަލާގެ އުޅޭކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތެވެ. ފާޚާނާ އާއި ބެލްކަނި ބެލުމަށްފަހު މަލާއަށް ގޮވަމުން މުޅި ގޭތެރެ ހޯދަން ފެށިއިރު ލޫތު ހީވީ މޮޔައަކުހެނެވެ.

*****************

ދުބާއީގެ މަގުތަކުގައި މަޑުމަޑުން ހިނގާލާފައި ‘ދަ ޕާރމް’ ހޮޓެލަށް ވަތް ޒުވާނާގެ މޫނުމަތީގައި ވަނީ މާޔޫސްކަމެވެ. ރޫމަށް ވަދެވުމާއެކު ސޯފާއަށް ވެއްޓިގަތް އިރު ލޮލުން ފެން އަންނަން ފެށިއެވެ. ބޮލުގައި ދެއަތުން ހިފާލުމާއެކު ހަޅޭއްލަވައިގަތީ މާޔޫސީކަން ކޮންމެވެސް ގޮތަކަށް ބޭރުކުރުމަށްޓަކައި ކަމުގައި ވެދާނެއެވެ. އެހެން އޮވެއޮވެފައި ވުޟޫކޮށްލައިގެން ނަމާދުކުރަން ފެށިއެވެ. ނަމާދުކޮށް ނިމުނުތަނާހެން ޓެލެގްރާމްއިން ފޯނެއް އަންނަން ފެށުމުން މޫނުމަތި ކޮންމެވެސް ވަރަކަށް އުޖާލާވިއެވެ. އިސްލާމީ ރިވެތި އުސޫލުން އެކޮޅުން ސަލާމް ގޮވާލުމާއެކު ޒުވާނާ އެންމެ ފުރިހަމައަށް ސަލާމަށް ޖަވާބު ދިނެވެ.

“ލޫތު ބުނިގޮތަށް އަޅުގަނޑު މިކޮޅުގެ ހުރިހާ ރަށްތައް ބަލާލައިފިން އަނެއްކާވެސް… މިއަދު ޕޮލިސް ސްޓޭޝަން ދިޔައީމަ ބުނީ އެ ކޭސްއަށް މާގިނަ ދުވަސްވާތީ މަރުވީކަމަށް ބަލާފައި ކޭސް ކްލޯސް ކޮށްފީމޭ.. ދޭ ޓްރައިޑް ޓު ކޮންޓެކްޓް ޔޫ ސަރ..” ލޫތުގެ ދަށުން މަސައްކަތްކުރާ ޔައުޤޫބް ވާހަކަ ދެއްކިއެވެ.
“އޯލްރައިޓް.. ޖަޒާކައްލާޚް ޚައިރަން” ފޯނު ކަނޑާލުމަށްފަހު ލޫތު ކުޑަދޮރާއި ކައިރިވެލައި ބޭރަށް ނަޒަރު ހިންގާލިއެވެ. އުސް އިމާރާތްތަކާއި ހަލަބޮލި މަގުތަކުން ހިތުގައި ބިންވަޅުނެގިފައިވި ސޫރަ ފެންނާނެކަމަށެވެ.
“ އިޓްސް ބީން 10 ޔިއާރސް މަލް… ވެއާރ އާރ ޔޫ މައި ލަވް” ލޫތު އަމިއްލަ ނަފްސަށް އިވޭވަރަށް މަޑުމަޑުން ބުނެލިއެވެ.

ލޫތުގެ ހަނދާނަށް އަންނަން ފެށީ އެރެއެވެ. މީގެ ދިހަ އަހަރު ކުރީގެ ހިތްދަތި ހަނދާންތަކެވެ. ލޯބިވާ އަނބިމީހާ ގެއްލުނު ހިތާމަވެރި ރެއެވެ. އަމިއްލަ ނަފްސް ކުށްވެރިކުރެވުނީ އެރޭ މަލާ އެކަނި ކޮށްލާފައި ދެވުމުންނެވެ. އަހުސަމް އަކީ ގާތް ކުއްޖެއް ކަމުގައި ދެކުނު ކުއްޖެއް ނަމަވެސް އެރޭގެ ހާދިސާއަށްފަހު އަހުސަމްގެ އެއްވެސް ޚަބަރެއް ނުވުމުން ލޫތުގެ ހިތްވަނީ ކިލަނބުވެފައެވެ. ލޫތު ހޯދި ހޯދުމުން އެނގިގެން ދިޔައީ މަލާ ގެއްލުނު ރެއާއި ޖެހިގެން އައި ދުވަހު އަހުސަމް އުޅުނު އެޕާރޓްމެންޓް ހުސްކޮށް ފުރައިގެން ދިޔަކަމެވެ. ފުރައިގެން ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގުނެވެ. މަލާ ގެއްލުމުގައި އަހްސަމްގެ އަތެއް ވާކަމަށް ލޫތުއަށް ގަބޫލުކުރެވެނީ އެހެންވެއެވެ.

ލޫތުއަށް ނުވިސްނުނު ކަމަކީ ބަޔަކު މަލާ ކިޑްނެޕްކުރަންޖެހޭ ސަބަބެވެ.

ފުލުހުންގެ އެކި މަސައްކަތުންވެސް މަލާ ހުރި ތަނެއް އެނގޭ ގޮތެއް ނުވިއެވެ. އެކަމަށް ޝައްކުވެގެން އެތައް ބަޔަކު ހައްޔަރުކުރެވުނު ނަމަވެސް ކޮންމެ ފަހަރަކު ހެކި ނެތުމުން ދޫކޮށްލަނީއެވެ. ރާއްޖެއިން ބޭރަށް މަލާ ދިޔަ ތޯ ޔަޤީންކުރުމަށް ފުލުހުން ބެލިކަމަށް ބުނިނަމަވެސް ލޫތުއަށްވަނީ ފުލުހުންގެ ފަރުވާކުޑަކަން ފެނިފައިކަމުން ގަބޫލުކުރަން ބޭނުންނުވީއެވެ. ފުލުހުންގެ ފަރާތުން އެންމެ އެދެވޭ އެއްބާރުލުމެއް ނުލިބޭތީއެވެ. ލޫތުވަނީ އެންމެފަހުން ފުލުހުންގެ އެހީ ނުހޯދާން ނިންމާފައެވެ.

މަލާ ގެއްލުނުފަހުން 10 އަހަރުވެގެން ދިޔައިރު ފުރަތަމަ ފަސް އަހަރުގައި ލޫތު މުޅި ރާއްޖޭގައި އަތްފުނާ އެޅިއެވެ. ނަމަވެސް ކާމިޔާބުނުވުމުން ބޭރު ގައުމުތަކަށް ދަތުރު ފަށައި މިހާރުވަނީ އެތައް ގައުމަކަށް ދެވިފައެވެ. އެއްވެސް
ނަމަވެސް ލޫތު ހިތްވަރު އެލުވައެއްނުލައެވެ. މަލާ އަދިވެސް ދުނިޔޭގައި ހުރިކަމުގެ އިހްސާސް ވާތީއެވެ. ދުޢާއަކީ ލޫތުގެ ޚަތިޔާރެވެ. ކާމިޔާބުވާނެ ކަމުގެ އުއްމީދެވެ. ކޮންމެދުވަހަކުވެސް އަޅުކަމުގައި އަދި ދުޢާކުރުމުގައި ގިނަ ވަގުތު ހޭދަކޮށްލެވުމުން ލޫތުގެ ނަފްސަށް ހިތްހަމަޖެހުން ލިބެއެވެ. ހިތްވަރު އާލާވެގެން ދެއެވެ.

މަލާގެ ގެއްލުމަށްފަހު ލޫތު އާއި ކައިވެނި ކުރުމަށް އެތައް ޕްރޮޕޯސަލްއެއް ލިބުނެވެ. ރީތި ޒުވާން އަންހެންކުދިންވެސް އޭގެ ތެރޭގައި ހިމެނުނު ނަމަވެސް ލޫތުގެ ހިތުގައި އިތުރު މީހަކަށް ދޭނެ ޖާގައެއް ނެތެވެ. މަލާ ނެތަސް އެހިތްވަނީ މަލާގެ އަތުގައެވެ. މަލާ ދެކެ ވާ ލޯތްބަށް އެެއްވެސް ފަނޑުކަމެއް ނާނދެއެވެ. ދެމީހުންގެ މުސްތަޤްބަލަށް ހާދަ އުއްމީދެއްކުރެވުނެވެ. އެކަކު އަނެކަކު ދޫކޮށްނުލާނެކަމަށް ހާދަ ވަޢުދެއް ވެވުނެވެ.
ނަމަވެސް ކަންތައް ދިމާވި ގޮތާއިމެދު ލޫތުގެ ހިތުގައި ޝަކުވާއެއްނެތެވެ. މިކަމުގައި ކޮންމެވެސް ހިކުމަތެއްވާނެ ނޫން ހެެއްޔެވެ؟ ތަޤްދީރަށް ފާނޑުކިޔުމަކީ ލޫތުދެކޭ ގޮތުގައި އީމާންތެރިކަން ބަލިކަށި މީހުން ކުރާ ކަމެކެވެ. ތަޤްދީރުވަނީ ލިޔެވި ނިމިފައެވެ. ނިކަމެތި އިންސާނެއް އެކަމަށް ފާނޑު ކިޔައިފިނަމަ ފާނޑު އެކިޔެނީ ތިމާއަށްވުރެ ބާރުވެރި ފަރާތެއްގެ ނިންމުމަށެވެ. އެއީ ކޮށްގެން ވާނޭކަމެއް ނޫނެވެ. ހުރިހާކަމެއްވެސް ހިނގަމުން މިދަނީ އެ އިލާހުގެ ޕްލޭނާއި އެއްގޮތަށެވެ. އިންސާނުންނަށް އޮތް ގޮތްތަކީ ދުޢާކުރުމާއި ކުރިމަތިވާ އިމްތިޙާންތަކަށް ކެތްކުރުމެވެ.

ދުބާއީގައި ދެހަފްތާ ހޭދަކޮށްލުމަށްފަހު ލޫތު ނިންމީ ވިޔަފާރީގެ ބްރާންޗެއް ދުބާއީގައި ވުމާއެކު ދުބާއީ އިން އެޕާރޓްމެންޓެއް ނެގުމަށްފަހު ދުވަސްކޮޅަކަށް މަޑުކޮށްލުމަށެވެ. އެބުރި ރާއްޖެއަށް ދާ ހިތްނުވާތީއެވެ. ރާއްޖެދެވުމުން މަލާމަތިން މާބޮޑަށް ހަނދާންވަނީއެވެ. ‘ކޮޓޭޖް’ ވަނީ މުޅިންހެން ފަޅުވެފައެވެ. ‘ކޮޓޭޖް’ގެ ދިރުމަކީ މަލާއެވެ. ކޮންމެ ދިމާލަކަށް ބެލިޔަސް މަލާ ހަރަކާތްތެރިވާ މަންޒަރު ލޮލަށް ފެންނަ ފަދައެވެ. މަލާގެ ލޯބި ހުނުމުގެ އަޑު މުޅި ގޭތެރޭއިން އިވޭހެން ލޫތުއަށް ހީވެއެވެ. ދެމީހުން އެކުގައި ހޭދަކުރި ލޯބި ވަގުތުތައް ހަނދާނަށް އައިސް ލޫތުގެ ހިތް މާޔޫސްވެގެން ވެގެންދެއެވެ. އެކަނި ގޭގައި ހުންނަން އުނދަގޫވަނީ އެހެންވެއެވެ.

ހަވީރުގެ ވަގުތެވެ. އެޕާރޓްމެންޓްގައި އޮވުމަށްފަހު ފޫހިވެ މަލާގެ ހަނދާންތައް އުނދަގޫކުރަން ފެށުމުން ކައިރީގައި ހުރި މޯލްއަކަށް ލޫތު ވަދެލިއެވެ. މޯލްގެ އެކި ފިހާރަތައް ބަލަމުން ގޮސް އަބާޔާ ވިއްކާ ފިހާރައެއް ފެނުމުން މަލާމަތިން ހަނދާންވެ އެތަނަށް ވަދެލިއެވެ. އެތަނުގައި ހުރީ މުޅިންވެސް އަބާޔާ އާއި ނިޤާބް ފަދަ އަންނައުނެވެ. ކުޑަކޮށް ބަލާލަން ފެށުމާއެކު މަލާގެ ހަނދާން އާވެ އެތަނުން ނުކުތުމަށް ލޫތު މިސްރާބް ޖެހިއެވެ.

“އިރުކޮޅެއްގެ ތެރޭ މިދަނީ” ފިހާރައިން ނުކުންނަން އުޅެނިކޮށް ލޫތުގެ ކަންފަތުގައި ޖެހުނީ ޖާދުވީ ރީތި އަޑެކެވެ. ފަށުވިކޮށް އިނގިރޭސި ބަހުން ވާހަކަ ދެއްކިޔަސް އެއަޑަކީ ލޫތުއަށް އޮޅޭނެ އަޑެއް ނޫނެވެ. ސިހިފައި ލޫތުއަށް އަޑު އައި ދިމާލަށް ބަލާލެވުނީ އެއީ ކާކުކަން ޔަޤީންވެގެންނެވެ. ކަޅުކުލައިގެ އަބާޔާއަކާއި ކްރީމް ކުލައިގެ ޝޯލްއެއްގައި އެހެރީ މަލާއެވެ. އެމޫނު ލޫތުއަކަށް ނޯޅޭނެއެެވެ. ކްރީމްކުލައިގެ ޝޯލްތެރެއިން މަލާގެ ކުޑަ ވަށް މޫނު ފެންނައިރު އާޝޯހު ވާހާ ރީއްޗެވެ. ބޮޑު ދެލޮލުގައި އައި ލައިނާ އަޅައިފައި މަޑު ލިޕް ގްލޮސްއެއް ޖައްސާފައި ހުރުމުން ވަރަށް ސާދާއެވެ. ރީތިކަމުގެ އިންތިހާއެވެ. ފޯނުން ވާހަކަަ ދައްކަމުން ދިޔައިރު މޫނުމަތީގައި ހިތްގައިމު ހިނިތުންވުމެއް ވިއެވެ. ލޫތުގެ އިންތިޒާރެއް ނިމުމެއް އައީހެއްޔެވެ؟ އާއެކެވެ. ލޯބިވާ މަލާ އެހެރީ ކުރިމަތީގައެވެ. އެއީ ލޫތުގެ ލޯތްބެވެ. 10 އަހަރު ދުވަހު އިންތިޒާރުކުރި ލޯބިވާ އަނބިމީހާއެވެ. ފިހާރައިގެ ދޮރުކައިރީގައި ހުރި ލޫތު ކަޅި ޖަހާނުލާ މަލާއަށް ބަލަން ފެށުމުން މަލާވެސް ލޫތުއަށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމުން ލޫތުގެ ހިތް އާދަޔާ ޚިލާފު ބާރަށް ތެޅެން ފެށިއެވެ.
މަލާގެ މޫނުމަތިން ފެނުނީ މުޅިން އެހެންކުލައެކެވެ.

Share Article

Follow Me Written By

Shiu 💞🌸

Level 110 Stories

Other Articles

Previous

ހިތްވެސް ދިނީމޭ 6

Next

ވާށޭ މަށާ އެކީ-21

Next
May 13, 2020

ވާށޭ މަށާ އެކީ-21

Previews
May 13, 2020

ހިތްވެސް ދިނީމޭ 6

One Comment

  1. Shiu says:
    May 14, 2020 at 12:16 am

    Assalām alaikum ?
    Leave a comment if you like this part
    Will update the next part after the last ten days of Ramadān إن شاء الله
    ?

Comments are closed.


All Right Reserved!