ނަމަވެސް އުއްމީދު ކުރި ގޮތާ ޚިލާފަށް ޝީރީންގެ ބައްޕައެއް ކައިވެންޏަކަށް އެއްބަހެއް ނުވިއެވެ. ޢުމުރު ހަގުވީމައޭ ކިޔާފައެވެ. އަހަރެން ވަރަށް ނުތަނަވަސް ވިއެވެ. ހުސް އަތާ އެނބުރި މާލެ ދާކަށް އެއްގޮތަކަށްވެސް އަހަރެންގެ ހިތެއް ނޭދެއެވެ. ޝީރީންވެސް ލޮލުން ކަރުނަ އޮހޮރޭ ޙާލު އޭނާ ބައްޕަ ގާތު އާދޭސް ކުރަން ފެށިއެވެ. އަހަރެންނަށް މި ހުރިހާ މަންޒަރެއް އެތަނުގައި ޖަހާފަ ހުރި ބުދެއްހެން ހުއްޓި ހުރެގެން ބަަލަން ހުރެވުނީއެވެ.
********************
އެޕިސޯޑް 6
“ބައްޕާ ޕްލީޒް.. ކައިވެނި ކޮށްގެން ދެމީހުން އެއްޤައުމަކަށޭ ކިޔަވަން ދާން އެއްބަސްވީ ވެސް.. 12 ވަރަކަށް އަހަރު ކިޔެވުމުގައި ހޭދަވޭ.. އެހާ ގިނަ ދުވަހު ކިހިނެއް ކައިވެނި ނުކޮށް އެކުގަ އުޅޭނީ؟ އެހެން ނޫނަސް ކިޔަވާ ނިންމައިގެން ކައިވެނި ކުރަން އުޅެފިއްޔާ މާ ލަސްވެފަ ހުންނާނީ.. 30 އަހަރުވެސް ވެފަ ހުންނާނީ” ކުރުނުކޮށް ޝީރީން ދިޔައީ އޭނަ ބައްޕަ ގާތު އާދޭސް ކުރަމުންނެވެ. “ރީން! ބައްޕަ ނުޤަބޫލިއްޔާ ދެން އަހަރެމެން އިހަށް ކައިވެނި ފަސްކޮށްލާނީ..” ދެރަވެފައި ހުރެ އަހަރެން ބުނީމެވެ.
“އުހުނ!.. ކައިވެނި ލަސްކުރަން ހަދާނެ ކަމެއް ނެތް.. ޝީރީން އެބުނީ ތެދެއް.. 30 އަހަރު ވާފަހުން ކާކުތަ ކައިވެނި ކުރާނީ؟ މީ އިންޑިއާ މީހުންނެއް ނޫން ވިއްޔަ.. ބައްޕަ ތި ކައިވެންޏަށް ރުހި ޤަބޫލް.. އެކަމަކު ބައްޕަ ބޭނުން މި ސޮރާ ވާހަކަ ދައްކާލަން..” އަހަންނާ ދިމާލަށް އިނގިލި ދިއްކޮށްލާފައި ޝީރީންގެ ބައްޕަ ބުންޏެވެ. “މައްސަަލަ އެއް ނެތް.. ތިދެބަފައިން ދޭ ވާހަކަ ދައްކާލަން.. އަހަރެން ސައި ހަދާލާފަ އެބަ ގޮވަން..” ޝީރީންގެ މަންމަ ބުންޏެވެ. އެކަމާ ދެކޮޅުނުވެ އަހަރެން ޝީރީންގެ ބައްޕަ ފަހަތުން ގޮސް ކޮޓަރިއަށް ވަނީމެވެ. އޭރު އަހަރެން ފާޑަކަށް އޮށްދާހިއްލަން ވެސް ފަށައިފިއެވެ. ބިރުންގޮސް ކަމަށްވެސް ވެދާނެއެވެ.
“ބޭބެގެ ދަރިފުޅަކީ ތެލަސީމިޔާ ކުއްޖެއް.. އިނގޭތަ އެކަން؟” ޝީރީންގެ ބައްޕަ ފުރަތަމަ ވެސް ދިޔަ ގޮތަށް އަހަންނާ ކޮށްލީ ސުވާލެެކެވެ. “އާނ ބޭބޭ.. ޝީރީން އަޅުގަނޑު ކައިރި ބުނި ތިވާހަކަ.. ތިކަން ވަރަށް ރަނގަޅަށް އެނގި ހުރެ ކައިވެންޏަށް އެދިލައްވަން މިއައީވެސް..” އަހަރެންނަކީ އަބަދުވެސް ބޮޑެތި މީހުންނަށް އިޙްތިރާމްކުރަން ދަސްވެފައިވާ މީހެއްކަމުން ޝީރީންގެ ބައްޕައާ ވާހަކަ ދެއްކީވެސް މާތް ބަހުންނެވެ. “ބޭބެ ވަރަށް އަޑުއަހަން ޔަލް…މާޒް.. އާނ.. ޔަލްމާޒް ގެ ވާހަކަ.. މިބުނީ ޝީރީން ރަށަށް އައިސް ވަރަށް ޔަލްމާޒްގެ ވާހަކަ ދެއްކިއޭ.. ބުނި ޝީރީން ކިޔެވުމުގައި ވަރަށް ބޮޑަށް އެހީވެދިން ފްރެންޑެކޭވެސް.. ބޭބޭ ވަރަށް އުފާވޭ ޝީރީންއަށް ތިކޮށްދިން ހެޔޮކަމަށް.. ހިތުގެ ފުންމިނުން ޝުކުރުވެރިވަން.. އެކަމް ޔަލްމާޒް.. ބޭބެގެ ހުރި ހަމައެކަނި ދަރިއަކީ އެއީ.. ބޭބެގެ އެދަރިފުޅު ދެރަ ކޮށް ރޮއްވާ ނުހަދައްޗޭ.. ވަރަށް ލޯބިން ބޭބެމެން ބަލާ ބޮޑުކުރި ދަރިއެއް އެއީ.. މިއީ ބޭބެ ބުނަން އޮތް ވާހަކަ އަކީ..” ފާޑަކަށް މޮޅިވެރި ރާގެއްގައި ޝީރީންގެ ބައްޕަ ބުންޏެވެ. “ލައްބަ ބޭބޭ.. އަޅުގަނޑު ޝީރީންއަށް ދެރަ ގޮތެއް ނުހަދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ބޭބެއަށް ދެން.. ވަރަށް އުފާވެއްޖެ ކައިވެންޏަށް އެއްބަސްވެލެއްވީތީ..” ފުޅާ ހިނިތުންވުމަކާއެކު އަހަރެން ޝީރީން ބައްޕައާއި މުޚާތަބު ކުރީމެވެ. “އަދި އެބޮތް ބޭބެ އެދޭ އެއް ކަމެއް.. ކޮށްދޭނަންތަ؟” ދާންވެގެން އެބުރިލި ވަގުތު ޝީރީން ބައްޕަ ބުންޏެވެ. “ކޮންކަމެއްތޯ؟… އަޅުގަނޑު ބޭބެ އެދިލައްވާ ކޮންމެ ކަމަކަށް ދެކޮޅެއް ނުހައްދަވާނަން” ލުެި ހިނިތުންވެލުމެއް ރައްދުކުރަމުން އަހަރެން އެނބުރިފައި ބުނީމެވެ. “ބޭބެ ބޭނުން ކައިވެނީގެ ކުރިން ޔަލްމާޒްވެސް ތެލަސީމިޔާ ޓެސްޓް ކޮށްލަން.. ކައިިވެނި ކުރުމުގެ ކުރިން މިހާރު އެކަން ޓެސްޓް ކުރަން ވަރަށް ބާރު އަޅާފަ އޮތީމަ ބޭބެވެސް ބުނެލީ.. އެކަމަކު ޔަލްމާޒް ބޭނުމިއްޔާ އިނގޭ..” އަހަރެންގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ޝީރީންގެ ބައްޕަ ބުންޏެވެ. “މައްސަލައެއް ނެތް.. އަޅުގަނޑަށް ޔަޤީން އަޅުގަނޑު ނޯމަލް ކަން.. އެކަމަކުވެސް ބޭބެ ބުނީތީ އެކަން ކުރާނަން..” ޝީރީން ބައްޕަގެ މޫނަށް ބަލައިލަމުން އަހަރެން ބުނީމެވެ. ޝީރީންގެ ބައްޕަ އަހަންނަށް ހިނިތުންވެލިއެވެ. ދެމީހުން އެކުގައި ހިނގައިގަތީ ބޭރުން ސައިބޯން ގޮވުމުންނެވެ.
އޭގެ ދެ ހަފްތާ ފަހުން އަހަރެންނާއި އަހަރެންގެ މަންމަގެ އިތުރުން ޝީރީން މާލެ ފުރީކައިވެންޏަށް ވާންޖެހޭ ކުދި ކުދި ތައްޔާރީތައް ވެލުމަށެވެ. މިފަހަރު ޝީރީން ހުރީވެސް އަހަރެމެން ގޭގައެވެ. އަހަރެންނަށް އުފަލުގެ ކޮޅެއް ނެތެވެ.
އާދައިގެ ދުވަސްތަކުން ދުވަހެކެވެ. އަހަރެންނާއި ޝިރީން ދިިޔައީ ހިނގާލާށެވެ. ހަވީރުގެ މަރިޔާދުގެ ވަގުތުގެ ފޮނި މީރުކަން އިޙްސާސް ކޮށްލުމަށެވެ. އެހެން ދަމުން ތެލަސީމިޔާ ސެންޓަރަށްވެސް ވަދެލީމެވެ. ކަންދިމާކުރި ގޮތުން ވަރަށް ފަސޭހައިން ޓެސްޓު ކުރެވޭ ގޮތް ވިއެވެ. ނަމަވެސް ހިތާމައަކީ ޓެސްޓުގެ ނަތީޖާ ލިބެން އަންނަނީ ތިންދުވަސް ފަހުން ވީމައެވެ. އެތަނުގެ ނެޓްވޯކް ކޮންމެވެސް މައްސަލައެއް އުޅެނިއްޔޯލައެވެ. އެތަނުން ނުކުމެގެން ެމީހުންވެސް ގެއާ ދިމާލަށް މިސްރާބު ޖެހީ އިރުއޮއްސެން ކައިރިވެފައި ވުމުންނެވެ.
އޭގެ އަނެއް ދުވަހު ޝީރީންއަށް ފުރަން ޖެހިއްޖެއެވެ. ޝީރީންގެ މަންމަ ކުޑަކޮށް ބަލިވެ އުޅޭތީ ޝިރީން ދާން ބޭނުންވުމުން އަހަރެން ހިތާ ދެކޮޅަށް ނަމަވެސަް އެއްބަސްވީއެވެ. “މާޒް.. ހިތްހެޔޮކުރާތި.. ވަރަށް މިސްވާނެ އިނގޭ..ލަވް ޔޫ..” ފުރަން ލޯންޗަށް އެރުމުގެ ކުރިން އަތަށް ބޮހެއް ދީފައި ފަނޑު ހިނިތުންވުމެއް އަހަންނަށް ރައްދުކޮށްފައި ޝީރީން ބުންޏެވެ. “ވިލް މިސް ޔޫ ޓޫ.. ތެލަސީމިޔާ ޓެސްޓް ނަތީޖާ ލިބުނީމަ ވެޑިން ކާޑްތަށް ހިފައިގެން ދާނަން އިނގޭ ތިކޮޅަށް..” އަހަރެންވެސް ވެފައި ހުރި ދެރަ އެއްފަރާތް ކޮށްލުމަށްފަހު ޝީރީންއާ ވަދާޢީ ސަލާމް ކޮށްލަމުން ބުނެލީމެވެ. ލޯންޗު މާލޭ ފަޅުން ބޭރުކުރުމުން އަހަރެން ގެއާ ދިމާލަށް މިޞްރާބު ޖެހީމެވެ. އެއްވެސް ފިކުރެއް ޚިޔާލެއްނެތިއެވެ.
އޭގެ ތިން ދުވަސް ފަހެވެ. އަހަރެން އިނީ ތެލަސީމިޔާ ސެންޓަރުގައި ނަތީޖާ ބަލައި އައިހެވެ. އެހެން އިންދާ ވަރަށް އޯގާތެރި ކަމާއެކު ނަރުހެއް އައިސް ސިޓީ އުރައެއް ދިއްކޮށްލިއެވެ. ތެޅި ތެޅި އޮތް ހިތަކާއެކު އަވަސް އަވަހަށް އެސިޓީ އުރައިގައި ހިފީމެވެ. ހިތްހެޔޮ ކަމާއެކު ހިނިތުންވުމެއް ރައްދު ކޮށްލާފައި އެނަރުސް ކުއްޖާ އެތަނުން ދިޔައެވެ. އަހަރެން މަޑު މަޑުން ސިޓީ އުރަ ހުޅުވާ އޭގައި އޮތް ކާޑު އަތަށް ނެގީމެވެ. ހިތްވަރު ކޮށްލާފައި އޭގައި އޮތް ފިޔާތޮށި ކުލައަކަށް ދާ ކާޑަށް ބަލައިލީމވެ.
އަހަރެންގެ ދެލޯ ދިޔައީ ތަންމިނަށް ހުޅުވިގެންނެވެ. އެއަށް ބަލަން ހުރެވުނީ ޤަބޫލް ނުކުރެވިގެންނެވެ. އާނއެކެވެ. އަހަރެންވެސް މިވީ މައިނަރ ތެލަސީމިޔާ މީހަކަށެވެ. ބޮލަށް އެކި ކަހަލަ ފިކުރުތަކާއި ސުވާލުތަށް ވެރިވެގަތެވެ. ކީއްވެހެއްޔެވެ؟ އަހަރެންގެ މަންމަ ހަމަ ގައިމުވެސް ނޯމަލްއެވެ. ބައްޕަގެ ތެލަސީމިޔާ ކާޑުވެސް މަންމަގެ އަލަމާރިން ފެނުނު އިރު ނޯމަލްއެވެ. ދެން ކީއްވެހެއްޔެވެ؟
މިފަދަ ހުރިހާ ފިކުރެއް އަހަރެންގެ ސިކުނޑީގައި ރަސްކަން ކުރަމުން އެބަ ދެއެވެ. ހަރު ފިޔަވަޅު ތަކެއްގައި ގޮސް އެތަމުގެ ރިސެޕްޝަންގައި އިން މީހާއަށް ކާޑު ދައްކާލަމުން އަހަރެން ސުވާލު ކުރީމެވެ. “މީ އަނެއްކާ އޮޅުމެއްތަ؟ ކިހިނެއް އަހަރެން؟ މަންމަ ވެސް ބައްޕަވެސް ނޯމަލް.. ދެން ކީއްވެ؟ އަހަންނަށް ޔަޤީން މީ އޮޅުމެއްކަން..” ހިތުގައި ހުރި ސުވާލުތަކުން ބައެއް އެމީހާ ކުރިމަތީ ފަތިފައްޗަކަށް އަމުނާލީމެވެ. “ޕޭޝަންޓްގެ ނަން ވިދާޅުވެދެއްވަފާނަންތޯ؟” އަހަރެން ކުރި ޝަކުވާގެ ބަދަލުގައި އެމީހާ އިސް ކުރީ ހިތްތިރި ކަމާއި މަޑުމައިތިރި ކަމެވެ. “ޔަލްމާޒް.. މުޙައްމަދު ޔަލްމާޒް..” އަޑަށް ބާރުލާފައި އެހެނަސް މަޑުން އަހަރެން ބުނީމެވެ. “މުޙައްމަދު ޔަލްމާޒް.. ސަން އޮފް ފާތިމަތު ޒަމްހާ އެންޑް ހުސައިން ޝާއިރު.. އަ މައިނަރ ތެލަސީމިޔާ ޕޭޝަންޓް.. މައިންބަފައިންގެ ނަމާއި އެއްކޮށް އެމީހާ އަހަރެންގެ ނަތީޖާވެސް އެއްކޮށް ކިޔާލިއެވެ. އެމީހާއަށް ޝުކުރު އަދާ ކުރުމަށްފަހު އެތަނުން ސަލާމަތް ވެވުނުއިރު ބޮލުގައި ރިއްސައެވެ. ގެއާ ދިމާލަށް ދިޔުމުގެ ބަދަލުގައި އަހަރެން ޚިޔާރު ކުރީ އާޓިފިޝަލް ބީޗެވެ. އެތަނުގައި އިނދެގެން އަހަރެންނަށް ހަމަ ވިސްނެނީއެވެ. އެކި ކަންކަމާއެވެ.
އަހަރެން ޝީރީން ބައްޕަ މެންނަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ޝީރީންއަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އަހަރެންގެ މި ގުޅުމަށް ވާނީ ކިހިނެއް ހެއްޔެވެ؟ މި ހުރިހާ ސުވާލެއް ހިތުގައި ފުނި ޖަހައިގެން އަހަރެން އިންތަނުން ތެދުވެގެން ގެއާ ދިމާލަށް މިސްރާބު ޖެހީ މިސުވާލުތަކުގެ ޖަވާބު ހޯދުމުގެ ނިޔަތަކު ނޫނެވެ. އެހެނަސް އެހެން ކަމަކުއެވެ.
…. ނުނިމޭ ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

