ވާށޭ މަށާ އެކީ-21
ކާރުބާރު ކުޑަވުމުން ރައިހާ ކައިލްގެ އަތުގައި ހިފާލީ މަގު ހުރަސްކުރުމުގެ ނިޔަތުގައެވެ. ނަމަވެސް ކައިލް އަތަކަށް ކިރިވެސް ނުލުމުން ރައިހާ އިސްއިފުލާލަމުން ކައިލްގެ މޫނަށް ބަލައިލިއެވެ.
ރައިހާ ހައިރާންވީ ކައިލްގެ ރުޅިވެރި ދެލޯ ފެނުމުންނެވެ. ހިފަހައްޓައިގެން ހުރި ކައިލްގެ އަތް ވާންވާހެން ހީވެގެން ބަލައިލިއިރު އެ އަތުގެ އިނގިލިތައްވަނީ މުށްކަވާލެވިފައެވެ. ރައިހާ ނަޒަރު ސީދާކޮށްލީ ކައިލް ބަލަން ހުރިދިމާއަށެވެ. މަގުގެ އަނެއް ފަރާތުގައި ހުރި ރެސްޓޯރެންޓްގެ ދޮރުމަތީގައި ހުއްޓިގެން ތިބި ދެމީހުން ރައިހާގެ ލޮލުގައި އަޅައިގަތީ ދެނެވެ. ނަމަވެސް އެމީހުންގެ މޫނު ރީއްޗަށް ފެނުމުގެ ކުރިން ރަތް ކުލައިގެ ޕްރައިވެޓް ކާރެއް އެމީހުންގެ ކުރިމައްޗަށް ވާނެހެން ހުއްޓާލިއެވެ. އެދެމީހުން ފަހަތު ސީޓަށް އެރުމާއެކީ ކާރު ދުއްވާލިތަން ފެނުނެވެ.
ރައިހާއަށް އެއްފަހަރު ކައިލްގެ މޫނަށް އަނެއްފަހަރު ކާރު ދިޔަ ދިމާއަށް ބަލައިލެވުނެވެ. އަނެއްކާ އެއީ ކައިލް އާ ގުޅުމެއް ހުންނަ ފަރާތަކީ ބާއޭ ރައިހާގެ ހިތަށް އެރިއެވެ.
“ކައިލް” ރައިހާ މަޑުމަޑުން ކައިލް އަށް ގޮވާލީ އަދިވެސް މަގުގެ އަނެއްފަރާތަށް ބަލަހައްޓައިގެން އެހުރި ގޮތަށް ކައިލް ހުންނަން ފެށުމުންނެވެ.
“ހިނގާ ގެޔަށް ދާން” ދެލޯ މަރާލަމުން ފުރަގަހަށް އެނބުރި ކައިލް ހިނގައިގަތެވެ. އޭނާގެ ހިތުގައި އުތުރި އަރަމުންދިޔަ އިޙްސާސް ތަކުގެ މައްޗަށްގަދަވެގަންނަން ކައިލް ބޭނުންވިއެވެ. ކުރިމަތިން ލޮލަށް ފެނުނު މަންޒަރުތައް ހިތުން ނެރެ އެއްލައިލަން ބޭނުންވިއެވެ.
އައި ކޮޅަށް ކައިލް ހިނގައިގަތުން ނުތަނަވަސްވެފައިވީ ހިތަކާ އެކު ކައިލްގެ ފަހަތުން ރައިހާ ވެސް ހިނގައިގަތެވެ.
*****
ގެއަށް ވަދެވުމާއެކީ ފާޚާނާ އަށް ދާން ވެއްޖެ ކަމަަށް ބުނެ ކައިލް އަވަސް އަވަހަަށް ކޮޓަރިއަށް ވަދެގެން ދިޔައެވެ. ފާހާނާ އަށް ވަދެވުމާއެކު މޫނު ދޮންނަ ތަށި ކައިރީ ކައިލް މަޑުޖެހިލިއެވެ.
ކުރިމަތީގައި ހުރި ލޯގަނޑުން ކައިލް އޭނާގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. ނަމަވެސް ލޯގަނޑުންވެސް އޭނާއަށް ސިފަވީ އެ އަންހެންމީހާއެވެ. އޭނާގެ މުޅި ދިރިއުޅުން އަނދަވަޅަކަށް ވައްޓާލި މީހާ ކުރިމަތިން ފެނުމުން އޭނާގެ ރުޅިގަނޑު ހުޅުފަޅައިގެން ދިޔައެވެ. ގޮށް މުށުން ފާރުގައި ޖަހާލެވުނީ ރުޅިގަނޑު ހިންދާލާނެ އިތުރުގޮތެއް ނުފެނުމުނެވެ. މޫނު ދޮންނަ ތަށީގެ ދެފަރާތުގައި ހިފަހައްޓާލައިގެން ގުދަށް އޮވެ ކައިލް ފުންނޭވާތަކެއް ލަމުންދިޔައެވެ.
އެއަންހެން މީހާ އަކީ އޭނާގެ މުޅިދިރިއުޅުން އަނދަވަޅަކަށް ވައްޓާލި މީހާއެވެ. ދުނިޔޭގައިވާ ހުރިހާ އުފަލަކުން އޭނާ ވަނީ ކައިލް މަޙްރޫމް ކޮށްފައެވެ. ދުނިޔޭގެ ގާނޫނުގެ ކުރިމަތީގައި އެއީ އޭނާގެ ދޮންމަންމަ އެވެ. ނަމަވެސް ކައިލްގެ ލޮލުގެ ކުރިމަތީގައި އެއީ އޭނާގެ ދުޝްމަނެވެ. އެވަޤުތު ކައިލް ހަނދާން އާވެގެން ދިޔައީ ދޮން މަންމަ އޭނާ އާ މެދު ކަންތަށް ކުރި އިހާނެތި ގޮތްތަކެވެ.
” މިއަދަށް ފަހު މިއީ އިއްލުގެ މަންމަ.. މަންމަ ބުނާގޮތް ހަދާތި” ސިޓިންގް ރޫމްގައި އިން ކައިލް އަށް ފޮށިތަކެއް ހިފައިގެން އެތެރެއަށް ވަތް އޭނާގެ ބައްޕަ ބުނެލިއެވެ. ބޮޑަށް ވައްތަރީ ކޮށްލި އަމުރަކާއެވެ.
“ހަމްދާ ވަދޭ އެތެރެއަށް” ދޮރުން ބޭރަށް ބަލައިލަމުން ފަޔާޒް ގޮވާލިއެވެ.
ހައިރާންވެ ހުރެ ކައިލް އަށް ބަލައިލެވުނީ އޭނާގެ ބައްޕަ ގެ ފަހަތުން ވަތް އަންހެން މީހާއަށެވެ. ކޮށްފައިވާ ގަދަ މޭކަޕުން އުމުރަށް ވުރެ އެތައްގުނައެއް ހަގުކަމަށް ދައްކައެވެ. ބަލާލުމުންވެސް ވަރަށް ހަށިގަނޑަށް ބަލައިގެން އުޅޭ މީހެއްކަން ހާމަވެ އެވެ.
” މިއީތަ ކައިލް އަކީ.. ހާދަ ލޯބިއޭ..ކައިލް ބަސް އަހާނެއޭދޯ” ކައިލްގެ ކޮލުގައި ހިފާލަމުން އެ އަންހެންމީހާ ބުނެލި އިރު އެއަޑުގައިވަނީ ދެއްކުންތެރި ކަމެވެ. ކައިލްގެ ހިތަށް ލިބިގެން ދޔައީ އިތުރު ވޭނެކެވެ. އޭނާގެ މަންމަ ނިޔާވިތާ އެއްދުވަސް ވެސް ނުވަނީ ބައްޕަ އިތުރު މީހެތް އޭނާގެ މަންމަ އަށް ހެދީއެވެ.
“ކިހާ ދެރަވެއްޖެ ކަމެއް މިއީ.. މީނަ އަށް ކައްކާ ކާންދީފަ ނޭވާލާނެ އަވައްޖެއްވެސް އަހަންނަކަށް ނުވޭ..” ޖެހިގެން އައި ދުވަހު ރޮށި ފިހަން ހުރެގެން ކައިލް އާ ދިމާއަށް ހަމްދާ އެއްޗެތި ގޮވަމުން ދިޔައެވެ. އޭރު ފަޔާޒް ވީ އޭނާގެ މަސައްކަތައް ގޮހެވެ.
“އައްދިއްޔޯ” ރޮށި ބާއްވާފައި އޮތް ސަރަފޯހުގައި ހަމްދާގެ އިނގިލި ޖެހުމާއެކު ހީވީ މުޅިގެޔަށް ޒަލްޒަލާއެއް އައިހެންނެވެ. މޭޒު ދޮށުގައި އިސްޖަހާލައިގެން އިން ކައިލްވެސް ދިޔައީ ސިއްސައިގެނނެވެ
“މީ ކަލެއާ ހެދި ވާކަންތަކޭ.. ކާން ބޭނުމިއްޔާ އަމިއްލަ އަށް ރޮށި ފިހެގެން ކައި.. އަހަންނަކަށް ނުވާނެ” ކައިލް އާ ދިމާއަށް ނަފްރަތުން ފުރިގެންވީ ބެލުމަކުން ހަޅޭއްލަވައިގަތުމަށްފަހު ބަދިގެ އިން ނިކުމެގެން ދިޔައެވެ. އިރުކޮޅަކުން ކޮޓަރީގެ ދޮރު ބަން ލައިފާ ޖެހި އަޑު އިވިގެން ދިޔައެވެ.
ކައިލްގެ ހިތް ހީވީ ރޫޅިގެން ދިޔަހެންނެވެ. ބަޑި ފަޅައިގެން ގޮސް އެއޮށްހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތަށް އެ ކުޑަކުޑަ ކޯތާފަތް ތެންމަމުން ދިޔައެވެ.
“މަންމާ..” ގިސްލެވެމުން ދިޔަ ކައިލްގެ ދެތުންފަތް ފޫ އަޅުވާލާފައި ނިކުތީ ދުނިޔޭގައިވާ އެންމެ ރީތި ލަފްޒެވެ. އެހެނަސް އެ އުފާވެރި ލަފްޒު މިއަދު ކައިލް އަށް ވަނީ ވޭނަކަށް ވެފައެވެ. މަންމަގެ ހަނދާންތައް އޭނާގެ ބޮލުގައި ކޮށަމުން ދިޔައިރު އެހިތް ތޮރުފަމުން ދިޔައެވެ. ހީވަނީ ދެންމެ ދެންމެވެސް އެ މައިވަންތަ އަޑުން އޭނާއަށް ގޮވާލަފާނެ ހެންނެވެ. ނަމަވެސް އެއީ ކިހާ ބޮޑު ކުށްހީއެއްކަން ވިސްނޭ ކޮންމެ ފަހަރަކު އެ ހިތް ފަޅައިގެން ދާވަރު ވެއެވެ. އޭނާއަށް އަޅާލާނެ އެކަކުވެސް ނެތްކަން އިޙްސާސް ކުރެވުމުން އެކަނިވެރިކަމުން ހަފަރާތް ބައްދާލިއެވެ. ބިރުވެރިކަމުން އެހިތް ފުރެމުން ދިޔަ އިރު ދެފައި ކުރުކޮށްލަމުން ކަކުލުގައި ބޯ އަޅާލީ އެއީ މަންމަގެ އުނގު ކަމުގައި ހީކޮށްލަމުންނެވެ.
އެރޭ ފަޔާޒް ގެޔަށް އައީ ރޭގަނޑުވި ފަހުންނެވެ. ބަނޑުހައިވެގެން ހާންތިވެފައިވާ ކައިލް އަށް އޭނާގެ ބައްޕަ ފެނުމުން އަނެއްކާވެސް ރޮވެން ފެށުނެވެ. ކައިލް ރޯން ފެށުމުން ފަޔާޒް ގޮސް އޭނާގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. އެނދުގައި ދެފައި ދަމާލައިގެން ޓީވީ ހުޅުވައިގެން ހަމްދާ އޮތެވެ
“ހަމްދާ.. އިއްލު ރޮނީ ކީއްވެތަ؟” ޓީވީ އަށް ގެއްލިފައި އިން ހަމްދާ އަށް ހޭވެރިކަން ވީ ދެނެވެ. ކައިލްގެ ވާހަކަ އެހުމުން މޫނު މައްޗަށް ވެރިވީ ފޫހިކަމެވެ.
“ނޭނގެ މަށަކަށްވެސް. ކާން ހަދަން ދެންވެސް އޭނަ އަށް ހިމޭނުން ނުހުރެވުން. އެންމެފަހުން އަހަރެންގެ ގައިގަ ޖެހިގަތީމަ މަށަށް ހުރިހާ އަނިޔާއެއް..” ސަރަފޯހުގައި ޖެހުމުން އަތުގައި ކުޑަކޮށް ރަތްވެފައި އިންތަން ކޮޅެއް ދައްކާލަމުން ހަމްދާ ދޮގު ހެދިއެވެ.
ހަމްދާގެ ވާހަކަތަކުން ފަޔާޒް އަށްވެސް ގޯސްވީ ކައިލް އެވެ. ކައިލް އާ ދިމާއަށް ފަޔާޒް ވެސް އެތަކެއް އެއްޗިއްސެއް ކިޔެވެ. އެމަންޒަރު ބަލަން ހަމްދާ އިނީ ހީލަ ހީލައެވެ.
******
ކައިލް ސިއްސައިގެން ދިޔައީ ފާޚާނާގެ ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ.
“ކައިލް؟” ފާޚާނާގައި މާލަސް ވުމުން ރައިހާ ހާސްކަމާއެކު ގޮވާލިއެވެ.
ރަތްވަފައިވާ ދެލޮލުން އައިސްފައިވާ ކަރުނަތައް އަވަސް އަވަހަށް ކައިލް ފޮހެލިއެވެ. އަތްދޮންނަ އިސްކޫރުން މޫނަށް ފެން ޖަހާލަމުން ފާޚާނާއިން ނިކުތެވެ.
ފާހާނާއިން ނިކުން ކައިލް އަށް ރައިހާ ފުންކޮށް ބަލައިލިއެވެ. އެ ދެލޮލުގައި ވީ ރަތްކަން ރައިހާ އަކަށް ސިއްރެއް ނުވިއެވެ. މިއަދު ވީކަންތަކާ މެދު ވާހަކަ ދައްކަން ހިތަށް އަރާފައިވެސް ރައިހާ ފަސްޖެހުނީ ކައިލް އެކަމާ ގަޔާނުވެދާނެތީއެވެ.
ރައިހާ އިށީނީ ކައިލްގެ އެނދުގައެވެ. އަދި ގަތް ފޯނު ހުޅުވާލަމުން ކައިލް އަށް ދައްކާލިއެވެ.
” ކައިލްގެ އޯ ލެވެލް ރިޒަލްޓް މަރުކަޒުން މެއިލް ކޮށްދީފަ އޮތީ.. މާޝާﷲ. ވަރަށް ރަނގަޅު ރިޒަލްޓް” ރައިހާ ހީކުރި ވަރަށް ވުރެވެސް ކައިލްގެ ސާނަވީ އިމްތިހާނުގެ ނަތީޖާ ފުރިހަމަ އެވެ.
ކައިލް ގުރައިދޫއަށް ގެނެވުނީ އޭނާ ދިހައެއްގައި ތަޢުލީމު ހާސިލު ކުރި އަހަރެވެ. މަރުކަޒުގެ ފަރާތުން ޓެސްޓު ހެދުމުގެ ފުރުސަތު ލިބޭނެ ކަން އިނގުމުން ކައިލް ގަދަ އަޅާ މަސައްކަތް ކުރީ ރަނގަޅު ނަތީޖާއެއް ލިބިއްޖެނަމަ އެ ހަރުގެއިން ނިކުމެ ވޭނެކަމަށް ހިތައެވެ. ނަމަވެސް ކަންތައްވީ މުޅިން އިދިކޮޅަށެވެ. ނަފްސާނީ މައްސަލަ ތަކުގެ ޝިކާރައަކަށް ވެފައި ކަމަށް ބުނެ އޭނާގެ ދޮން މަންމަ އޭނާ ގުރައިދޫއަށް ފޮނުވާލި އިރު އޭގެ ފަހުން އެންމެ ކުޑަމިނުން ކައިލްގެ ބައްޕަގެ ޚަބަރެއްވެސް ނުވިއެވެ. ދިރިއުޅުން މަތިން ފޫހިވެ އުންމީދުގެ ހުޅުކޮޅު ނިވުނީ އެހާ ހިސާބުންނެވެ. ރައިހާ އާ ބައްދަލުވުމާ ހަމައަށެވެ.
“ފޯނު ކަމުދޭތަ؟” ރައިހާގެ ސުވާލާ އެކު ކައިލް އެ ފޯނަށް ބަލައިލަމުން ބޯ ޖަހާލިއެވެ. ރައިހާ ފޯނު ބޭނުންކުރާނެ ގޮތްތައް ކައިލް އަށް ކިޔައިދެން ފެށިއެވެ. ނަމަވެސް ކައިލްގެ ލޮލަށް އިރު ކޮޅަކާ ސިފަވަނީ އޭނާގެ ދޮންމަންމަ އާއި އެފިރިހެން މީހާއެވެ. ކައިލްގެ ބައްޕަ ނޫން ފިރިހެނަކާއެކު ކީއްކުރަނީ ބާއޭ އޭނާގެ ހިތަށް އެރިއެވެ. ފެންނަ ފެނުމަށް އެފިރިހެން މީހާ އާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެކެވެ. މުޅި ދުވަސް ކައިލް އަށް ހޭދަ ކުރެވުނީ އެފަދަ ޚިޔާލު ތަކެއްގައެވެ.
*******
ހަފްތާއެއް ތެރޭގައި ކައިލް އަށް ކޮލެޖުން ޖާގަ ހަމަޖެހިގެން ދިޔައެވެ. ކައިލް ކުރަހަން ޝަޢުޤު ވެރިކަން ހުރުމާއެކު ކުރިއަށް ދާން ގަސްތު ކުރީ އާކިޓެކްޗަރގެ ރޮނގުންނެވެ. އެންމެ ފުރަތަމަ ދުވަހު ކޮލެޖަށް ދާން ކައިލް ނުހަނު ޖެހިލުން ވިއެވެ. ނަމަވެސް ރައިހާގެ އެހީ އާއެކު ހިތްވަރާއެކު އެކަމާ ކުރިމަތިލިއެވެ. ރައިހާވެސް ވަޒީފާއަށް ދާން ފެށިނަމަަވެސް ކޮންމެ ދުވަހަކުހެން ކައިލް ކޮލެޖަށް ލާށާ ބަލާ އާދެ އެވެ. އޭނާ އަށް ބައްޕަ ހަދިޔާ ކުރި ކާރުގެ ލައިސަންސް ނެގުމަށްފަހު ބޭނުން ކުރެވެން ފެށުމުން އެކަމަށް ފަސޭހަވެގެން ދިޔައެވެ.
******
ކޮލެޖުން ގެއަށް ވަދެވުމާއެކު ކައިލް ސޯފާ ގައި އިށީނދެލީ ވަރުބަލި ވެފައި ހުރިލެއް ބޮޑުކަމުންނެވެ. ރައިހާ އަށް ބަލާ ނާދެވޭނެ ކަމަށް ބުނުމުން އޭނާ އައީވެސް ހިނގާފައެވެ. އެވަގުތު ރައިހާގެ ކޮޓަރިން އަޑުފައްގަނޑެއް އިވިގެން ދިޔައެވެ. ފޫކޮޅަށް ކަށްޓެއް ހެރުނުހެން ވަގުތުން ކައިލް އަށް ސޯފާއިން ފުންމާފައި ތެދުވެވުނެވެ. ރައިހާ އަށް ކަމެއްވީކަމަށް ހިތާ އަވަސް ފިޔަވަޅުތަކެއްގައި އެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ.
އަވަސް ހަރަކާތަކާއެކު ތަޅުގައި ހިފަމުން ކޮޓަރި ތެރެއަށް ބޯދިއްކޮށްލި ކައިލް ހައިރާންވެގެން ދިޔައެވެ. ކޮޓަރީގެ ހުރިހާ ފަރުނީޗަރެއް ހުދުފޮތިން ނިވާކުރެވިފައި ވާއިރު ފާރުގެ އެއްބައިގާ ވަނީ ހުދު ކުލަ ލެވިފައެވެ. ރައިހާ ހުރީ ކުލަ ލާން ފިހިގަނޑު އަތަށް ހެޔޮ ވަރު ކޮށްލައިގެންނެވެ. ބޯ މެދަށް ހުޅިއެއް ޖަހާފައި ވާއިރު ކުރު އިސްތަށިތައް ނިތްކުރި މައްޗަށް ވެރިފައި ވެއެވެ. ރައިހާގެ ކޯތާ ފަތުގައިވެސް ކުލަ ކޮޅެއް އުނގުޅިފައި ހުއްޓެވެ. ކައިލް ފެނުމުން ރައިހާ ފުޅާ ހިނިތުން ވުމެއް ރައްދަކުރިއެވެ.
“ކީއްވެ ކުލަ ލަނީ؟” ކައިލް އަށް ނުވިސްނުނީ ރައިހާ އަށް އެންމެ ކަމުދާ ކުލަ ބަދަލުކުރަން ޖެހުނު ސަަބަބެކެވެ.
” ކައިލް އަށް ކަމުނުދާތީ..” ކުޑަ ކުއްޖެއްހެން މައުސޫމް ކަމާއެކީ ރައިހާ ޖަވާބު ދިނެވެ.
“އެކަމަކު މީ ރައި ގެ ކޮޓަރިއެންނު” ކޮޓަރި ތެރެއަށް ބޮޑަށް ވަދެލަމުން ކައިލް ބުންޏެވެ.
“މީ ދެމީހުންގެ ކޮޓަރިއޭ.. ކައިލްގެ ކޮޓަރި އަށް ވުރެ މިކޮޓަރި ބޮޑުވެސް މެއެންނު. ދެމީހުން އެކީ އުޅެން އެންމެ ކަމުދާނީ މިކޮޓަރި” ފޯރި އާއި އެކީ ރައިހާ އެހެން ބުނެލުމުން ކައިލް ކޮށި އަރާ ގޮތްވިއެވެ. ދެމީހުން އެއްކޮޓަރިއެއްގައި އުޅޭނެ ގޮތް ބޭއިޚްތިޔާރުގައި ސިފަކޮށްލެވުނެވެ.
އިރު ކޮޅަކު އެހުރި ގޮތަށް ހުރުމަށްފަހު ކައިލް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ދެން ފެނުނީ އެއްޗިހި ބަދަލު ކޮށްލައިގެން ރައިހާގެ ކޮޓަރިއަށް ވަތް ތަނެވެ. އަދި ކުލަ ލުމުގައި ރައިހާ އާއި ބައިވެރި ވާން ފެށިއެވެ.
“ރައި އެކަނިތަ މުޅި މިތާ ލައިފަ މިހިރީ” ކުލަ ލައި ނިމިފައިވާ ދިމާއަށް އިޝާރާތް ކޮށްލަމުން ކައިލް އެއްސެވެ.
“ނޫން.. ދޮންބެ ވަރަށް ބޮޑުބައި ނިންމާފަ ޑިޔުޓީ އަށް ދާން ޖެހިގެން ދިޔައީ.” ފަރުވާތެރި ކަމާއެކު ކުލަ ލަމުން ރައިހާ ޖަވާބު ދިނެވެ.
ދެމީހުންވެސް ކުލަ ލުމުގައި ޝާމިލުވެ ތިބި އިރު ކޮޓަރިއަށް ވެރި ވެފައިވާ ހަމަހިމޭންކަން މުގުރާލީ ރައިހާއެވެ.
“ކައިލް އަށް ކުރު ކޮށް ކިޔަންވީ ކީކޭ؟” ވިސްނަން ހުންނަ މީހެއް ފަދައިން ކަނާއަތް ދަތް ދޮޅީގައި ޖައްސާލަމުން އެހެން ބުނެލި އިރު ބޮޑަށް ވައްތަރުވީ އަމިއްލަ ނަފްސާ ކޮށްލި ސުވާލަކާއެވެ.
ކުލަ ލުން ހުއްޓާލުމަށްފަހު ކައިލް ވެސް ހުރީ ރައިހާ އޭނާ އަށް އަނެއްކާ ހަދާނީ ކޮންކަހަލަ ނަމެއްބާއޭ ހިތަށް އަރާފައެވެ. ވިސްނަން ހުރެގެން މަޑު ފިޔަވަޅުތަކެއްގައި ރައިހާ ހުއްޓެލީ ކައިލް އާ ނުހަނު ގާތުގައެވެ.
“ކައި ކިހިނެތްވަނީ..؟” ކޮންމެ އަކުރެއް ލަސްލަހުން ކައިލްގެ ކަންފަތާ ދިމާއަށް ގުދުވެލަމުން ބުނެލި އިރު އަތުގަ އޮތް ކުލަ ލާފިހިން ކައިލްގެ ނޭފަތުގައި ހާކާލިއެވެ.
އެފަދަ ކަމަކަށް ނުވިސްނާ ހުރި ކައިލް ކުއްލި އަކަށް ދުރުވެލިއެވެ. އޭރު ކައިލް މޫނު ހުރިގޮތަށް ބަލަމުން ޕަކަ ޕަކަ ލާފައި ރައިހާ ހެނީއެވެ. އެވަޤުތު ކައިލްވެސް ބޭނުންވީ ރައިހާ އަށް ލަނޑެއް ދޭށެވެ. ރައިހާގެ މޫނުގައި ކުލަ އުނގުޅުމަށް އުޅުން ވަގުތު ރައިހާ އަށް އެތަން ފެނި ދުއްވައިގަތެވެ. ކައިލްވެސް ރައިހާގެ ފަހަތުން ދުއްވައިގަތް އިރު ދޫދޭކަށް ބޭނުމެއް ނުވިއެވެ. ރައިހާ ދުވަމުން ގޮސް ފަހަތް ބަލައިލީ ކައިލް ހުރި ހިސާބު ޔަޤީން ކޮށްލުމަށެވެ. އެވަގުތު ރައިހާގެ ކުރިމައްޗަށް ހުރި ހަރުގަނޑުގައި ބާރަކަށް ޖެހުނެވެ. އަތް ނުފޯރާ ހިސާބު ތަކުގައި ކުލަ ލާން ގެނެސްފައި ހުރި ހަރުގަނޑުގެ މަތީގައި އެގަޑީގައި ހުރީ ކުލަ ފާޓާއެއް ބެހެއްޓިފައެވެ. ހަރުގަނޑުގައި ރައިހާ ޖެހުމާއެކު ކުލަ ފާޓާ ވެއްޓުނީ ސީދާ ރައިހާގެ ބޮލަށެވެ. ފާޓާގައި ހުރި ކުލަތައް ރައިހާގެ ބޮލުން ފަށައިގެން މުޅި ގަޔަށް ވެރެމުން ދިޔައެވެ. ކައިލް އަށް މިތަން ފެނުމުން އަވަސް އަވަހަށް އައިސް ރައިހާގެ މޫނުގައި އެޅިފައި އޮތް ކުލަ ފާޓާ ނަގައިދިނެވެ. އަތަކަށް ގުޑިވެސް ނުލާހުރި ރައިހާ ހީވަނީ ކުލައިން ފެން ވަރާފައި ހުރި މީހެއްހެންނެވެ.
ރައިހާ ހުރިގޮތް ފެނުމުން ކައިލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ރައިހާގެ ލޮލެއް އަނގައެއް ވަކި ނުވާއިރު ހީވަނީ ހުދު މާއްޔެއް ހެންނެވެ. ކައިލްގެ ހުނުން ރައިހާގެ ކަންފަތުގައި ޖެހުމުން ހީވީ މުޅި ދުނިޔެވެސް ހުއްޓުން ހެންނެވެ. ދެލޮލުގައި ހޭކިފައިވާ ކުލަތައް ފޮހެލަމުން ކައިލް އަށް ބަލައިލީ އެފަދަ ގޮތަކަށް ދުވަހަކުވެސް ކައިލްގެ ހުނުމުގެ އަޑު އިވިފައި ނުވާތީއެވެ. ރައިހާގެ ކަންތަފަށް މިޔުޒިކެއްހެން ވިރުވާ އަޅަމުން ދިޔަ ކައިލްގެ ފިރިހެންވަންތަ ހުނުމުގެ އަޑު މުޅި ކޮޓަރީގައި ހަރުލާފައި ވާއިރު އާޝޯހު ވެފައި ރައިހާ އަށް ބަލަހަައްޓައިގެން ހުރެވުނެވެ.
******
ކުލަ ލައި ނިމުން އިރު ހުރީ ރޭގަނޑު ވެފައެވެ ސައިބޯނި ފުޅިއަކާ ޝޭމްޕޫ ދެތިން ފުޅި ހުސްކޮށްލައިގެން ކުލަތައް ފިލުވާ ފެންވަރާލައިގެން ނިކުން އިރު ރައިހާ ހުރީ ނުހަނު ބަނޑުހައި ވެފައެވެ. ނަމަވެސް އެހާ ގިނަ އިރު ކުލަ ލާން އުޅުމުން އެއްޗެއް ކައްކާ ވަރަށް ވުރެ އޭނާ ހުރީ ވަރުބަލި ވެފައެވެ. ކުއްލި އަކަށް އައި މޮޅު ޚިޔާލާ އެކީ ރައިހާ ދުއްވައިގަތީ ކައިލް ހޯދާށެވެ.
ފެންވަރައިގެން ފާޚާނާ އިން ނިކުން ކައިލް ހުރީ ހަަމައެކަނި އުނަގަނޑުގައި ތުވާއްޔެއް އަނދެލައިގެންނެވެ. ކުޑަ ތުވާއްޔަކުން ބޯހިއްކަމުން ރީތިވާ މޭޒު ދޮށަށް މިސްރާބު ޖެހި ކައިލް ސިއްސައިގެން ދިޔައީ ކުއްލި އަކަށް ބާރު މިނުގަައި ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔުމުންނެވެ.
” ކައިިީ…..” ފަހުއަކުރަށް ދަމާލަމުން ތޫލި އަޑަކުން ރައިހާ ގޮވައިގަތީ ދޮރު ތަންމިނަށް ހުޅުވާލަމުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މުޅި މީހާ ހުތްވެގެން ދިޔައީ ކައިލް ހުރިގޮތް ފެނުމުންނެވެ.
ދެލޯބޮޑު ކޮށްލައިގެން ހުރި ރައިހާ ފެނުމުން ކައިލް އަށް ބޮލުގައި އޮތް ތުވާލި ނަގަމުން އަވަސް އަަވަހަށް މޭމަތީ ޖައްސާލެވުނެވެ. ރައިހާވެސް ވާނުވާ ރެޔަކާ ލުމުން ގައި ހުރި ބާރެއް ލާފައި ދޮރު ލައްޕާލެވުނެވެ.
ދޮރުގައި ލެނގިލައިގެން ހުރި ރައިހާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ދެކޯތާފަތް ލޭ ކޮޅެއްހާ ރަތްވެގެން ދިޔައެވެ. ތިރީ ތުންފަތުގައި ދަތް އަޅާލަމުން ރަކި ގޮތަކަށް ރައިހާ އަށް ހީލެވުނީ ކައިލް އަށް ވީގޮތް ސިފަ ކޮށްލެވުމުންނެވެ. ކައިވެނި ކޮށްގެން އުޅޭ ދެމީހުންނަމަވެސް އެފަދަ ގުޅުމެއް ދެމީހުންގެ ދޭތެރޭ އަދި އުފެދިފައި ނުވުމުން އެ ގޮތަށް ކައިލް ފެނުމުން ރައިހާ ލަދުގަތެވެ.
ކައިލް ރީތިވެގެން ކޮޓަރިން ނިކުންނަން ދެން ސޯފަގައި ރައިހާ އިށީނދެލަމުން ޓީވީ ހުޅުވާލިއެވެ. ބައި ގަޑި އިރު ފަހުން ކައިލްގެ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔަ އަޑު ރައިހާގެ ކަންފަތުގައި ޖެހުނެވެ. ސޯފާގެ ފުރަގަށް މޫނު އަނބުރާލަމުން ރައިހާ ބަލައިލި އިރު ކައިލް ހުރީ އިސްޖަހައިގެންނެވެ. ދާދި ދެންމެ އަކު ވީކަންތަކާ އެހުރީ ލަދުގަނެފައި ކަން ރައިހާ އަށް ވިސްނުނެވެ. ނަމަވެސް ކަމެއް ވީކަމަށް ނުހަދާ ރައިހާ ކައިލް ކައިރިއަށް ދުވެލާފައި އައެވެ.
“ހިނގާ ބޭރަށް ކާން ދާން..” ރައިހާގެ ބޮލަށް ސަވާރުވީ މޮޅު ޚިޔާލު އޭނާ ފާޅު ކޮށްލިއެވެ. ނަސީބަކުން ކައިލްވެސް އެއްވެސް ވަރަކަށް ދެކޮޅު ހަދާކަށް ގަސްތެއްނުކުރިއެވެ. ކޮލެޖުން އައި ގޮތަށް އެއްޗެއް ނުކައި ހުރުމުން އޭނާވެސް ހުރީ ވަރަށް ބަނޑުހައި ވެފައެވެ.
*******
ކާރު ދުއްވަމުން އައިސް ރައިހާ މަޑު ކޮށްލީ ރަސްފަންނު ކައިރީއެވެ. ކާރުން ފައިބަމުން ކައިލްގެ އަތުގައި ހިފާލަމުން އޭނާ މިސްރާބު ޖެހީ އެތާ ކައިރީ ހުރި ރެސްޓޯރެންޓް އަކަށެވެ. ރެސްޓޯރެންޓްގެ ދެވަނަ ފަންގިފިލާ އަށް އެރި އިރު އެތާނގައި ވަރަށް މީހުން މަދެވެ. އެކަމާ ހިތްހަމަޖެހި ތިބެ ދެމީހުންވެސް އިށީނީ ކަނުގައި ހުރި މޭޒެއްގެ ދޮށުގައެވެ. އެ މޭޒު ދޮށުގައި އިށީނދެ ތިބި އިރު މޫދު ފެންނަމުން ދިޔައީ ނުހަނު ހިތްގައިމު ކޮށެވެ. ދެމީހުންވެސް ބަނޑުހައި ވެފައި ތިބުމުން ފުރަތަމައިނުންވެސް ކާނެ އެއްޗަކަށް އޯޑަރ ކުރިއެވެ.
އޯޑަރު ގެނެވެންދެން ދެމީހުންގެ މެދުގައި މާބޮޑު ވާހަކައެއް ނުދެކެވެއެވެ. މޫދަށް ނަޒަރު ހުއްޓާލައިގެން ދެމީހުން ތިބި އިރު ޖެހެމުން ދިޔަ ފިނި ފިނި ވައިރޯޅި ތަކުން ހިތަށް ފިނިކަން ގެނެސް ދެމުން ދިޔައެވެ.
ނަސީބަކުން މާލަހެއް ނުވެ އޯޑަރު ކުރެވުނު ކާއެއްޗެހި ގެނެވުނެވެ. ރައިހާގެ އަނގަ ހެލެން ފެށީ އެހާ ހިސާބުންނެވެ. ކާއެއްޗެހީގެ ހަކަތައިން އަސަރު ކުރީ ހަމައެކަނި އޭނާގެ އަނގަޔަށް ކަންނޭނގެ އެވެ. ކައިލް އާ އެކި ވާހަކަ ދައްކަމުން ކަމުން ދިޔަ އިރު އަނގަ ވަރުނުކުރެ އެވެ. ދެތިން ފަހަރަކު ވާހަކަ ނުދައްކާ ލަސް ލަހުން ހަފައިގެން ކެއުމަށް ރައިހާ ކައިރީ ކައިލް އަށް ބުނަން ވެސް ޖެހުނެވެ.
ކެއުން ނިމުމުން ރައިހާ ބޭނުންވީ އައިސް ކްރީމް ބޯށެވެ. ދެތަށި އައިސް ކްރީމް ގެނެވުމުން ރައިހާ ސަމްސާ ނެގި ވަގުތު ގަޔަށް އެތިކޮޅެއް ވެރުނެވެ. ވަރަށް އަވަހަށް އެބަ އަންނަން ކަމަށް ބުނެ ރައިހާ ހިނގައިގަތީ ފާޚާނާ އަށް ވަދެ ހެދުން ސާފު ކޮށްލާށެވެ.
ރައިހާ ނިކުންނަންދެން މަޑު ކޮށްލައިގެން އިން ކައިލް ދެފަރާތަށް ނަޒަރު ހިންގާލީ ކުރިއަށްވުރެ ތަނުގައ އަޑު ގަދަވެފައިވާކަމަށް އިޙްސާސް ކުރެވިގެންނެވެ. ކުރިއަށް ވުރެ ތަނުގައި ތިބި މީހުން ގިނަ ކަން ފާހަގަ ވީދެނެވެ. ދޮރުން އެތެރެއަށް ބައިބަޔަށް މީހުންތައް ދިޔައީ ވަންނަމުންނެވެ.
ކުއްލިއަކަށް ކައިލްއަށް ހީވީ އޭނާގެ ނޭވާ ކަރުގައި ތާށިވިހެންނެވެ. މަޑު ތުރު ތުރުލުމެއް ހަށިގަނޑުގައި އުފެދެމުން ދިޔަ އިރު ދެލޯ ބޮޑުވެއްޖެ އެވެ. މީހާ ހަމަޔަކަށް އެޅުމަށް ކުރަމުން ދިޔަ މަސައްކަތް ބޭކާރުވެއްޖެ އެވެ. ކޮންމެވެސް ކަމެއް ގޯސްކޮށް ވާން އުޅޭކަމުގެ ފެހި ސިގްނަލް ސިކުނޑިން ދޭންފެށިއެވެ. ވާން މިއުޅޭގޮތް ރެއަކާ ލުމާއެކު ކައިލް އަށް ތެޅި ފޮޅިގަނެވުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.







Ye me first.. Vvvvvaraha Reeth Masha Allah….
Yes u r first Rai. So happy that u liked this part.. thanks for the comment. Stay safe dear??
مشاء الله???????????????????????? Mi bai varah varah varah varah varah salhi?♥️❤️?♥️❤️?♥️❤️??????????????? Adhi majaa veema vakin reethi♥️?♥️?♥️?
Stay safe ❤️??wonder??❤️
So happy u liked this part too Sher. Always happy to read ur comments. N yes i tried to make this part a bit funnyy.. glad i achieved it.. thank u for the comment.. stay safe dear?❤
Maasha Allah… Vvvvvvvvvvvvv reethi ❤️
Hellow dear readers. Here is the 21st part of vaashey mashaa eky. Hope u all will like this part.. Enjoy reading and let me knw what u guys think. I always appreciate u all support for this story.. thank u all.. stay dafe n ly all!❤❤❤
Thank u soo much Lam’aa. Mi part ves kamudhiyaeema hama v ufaavejje. Thanks for the comment.. stay safe dear?❤
Varah salhi Mi Part ves??kon irakun nxt part
Thank u so much Lovely girl. Mi part kamudhiyaeema v ufaavejje. Next part In sha Allah tomorrow night ga submit kohla dheynan..stay safe dear?❤
Masha Allah… varah varah reethi mi part vx❤️?… majaa bai huryma adhi enme salhyy… anekka kail ge stepmom aeii tha e thanah??
?❤️?
Wonder haadha molheyy alhe, soooooooo talented, Ma Sha Allah.❤?????❤????? Mi part vx varah varah varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤plus varah interesting ????? nd Kail nd Raiha ulheylei cute kamun varah lwbi ????? curiously waiting for next part. ???? Avahah up kollahche. Ly
Alhey thank u soo much Izabell. Dear ge comment kiyaalaafa v ufaavejje. Ur lovely words means a lot to me. Mi part ehaa kamudhiyaeema wonder ge job enme furihama ah adhaa kurevihje kamah mi balany.. next part avahah up kohladheveythoa balaanan.. stay safe and lym?❤❤
Vvvv reethi mi part vx… Whn is next part… Curiously waiting for next part…. N wonder you are so talented…. Maashaallah… Lysm ?????
Thank u so much LAZY_QUEENY. Mi part ves ehaa kamudhiyaeema v ufaavejje. Next part In sha Allah tomorrow night ga submit kohlaanan.. thank u for ur lovely words. Stay safe and lym?❤
Thank u for the comment Aish.. mi part kamudhiyaeema v ufaavejje.❤❤.stay safe?
Thank u so much love_reading.. v ufaavejje mi bai kamudhiyaeema.. glad u liked the funny parts too.. let’s see dhw kail ah kihineh kan evyy..u will find out in next part..stay safe dear ?❤
Kbaa next part
Rai im really sorry..i was thirty minutes late when i submit the part last night.. by then admin has already uploaded the stories. But im hoping that next part will b uploaded sometime today.. sorry for the inconvenience?
Next part up nukurantha adhi???
Btw kon irakun upkuranee next avasss kollabaaa stay safe dear ❤️
Mi part ves varah varah reethi majaa parts than ves majaa curiously waiting to know what is happening to kail.
I have submitted the part last night Larkuu. But i was a little bit late. Sorry for the inconvenience. But hopefully today it will b uploaded after admin check it. Glad u liked this part.. N in next part u will find out what happened to kail.. hope u will wait?❤
It’s OK… Ehen vx vaane baeh faharu…. ?