ޒީން
ޒީން ހަވަނަ ބައި
އާހިލް ރަނގަޅަށް ޒީން އަށް ބަލައިލިއެވެ. އެއްވެސް މޭކަޕަކާއި ނުލާވެސް ވަރަށް ރީތި މޫނެކެވެ. މުށި ކުލައިގެ ރީތި ދެ ލޮލެވެ. އެ ރީތި ފިޔާތޮށި ތުންފަތަށް އާހިލްއަށް ބަލައިލެެެެެވުނެވެ. އާހިލްއަށް ކުއްލިއަކަށް ފަހަތަށް ޖެހި ލެވުނެވެ.
އާހިލް އަށް އެއީ ދަންނަ ކުއްޖެއްހެން ހީވިއެވެ. އެ ލޯ، އެ ތުންފަތް ، އެ މޫނު، މީގެ ކުރިންވެސް އާހިލްއަށް ފެނިފައިވާކަހަލަ އިހްސާސްއެއް ކުރެވުނެވެ.
‘ނޫން މިއީ އެ އަންހެންކުއްޖާއެއް ނޫން.ބަލާބެލުމަށް ދެ މީހުންގެ މިޒާޖު ތަފާތު. ފެނާ އަލިފާންހާ ތަފާތު. ޒީން އަކީ މަޑުމައިތިރި ، ލަދުވެތި އަންހެންކުއްޖެއް. ކޮންމެ ފިރިހެނަކުވެސް ގެއަށް މައިން ބފައިން ކައިރިއަށް ގެންދަން ބޭނުންވާނެ ކަހަލަ.. އަނެއް އަންހެންކުއްޖާ….’ އާހިލްގެ ހިތަށް އެރިއެވެ.
‘ހުރިހާ ކަމެއް ރަނގަޅުތަ؟’ އާހިލްގެ ބައްޕަ ގެ އަޑު ، އާހިލް އެ ހިޔާލުތަކާއި ދުރުކޮށްލިއެވެ. ކުޑައިރު އާހިލްއާއި އާހިލްގެ އަންހެން ކޮއްކޮ އަހުލާ ތިރީގައި ކުޅެން ތިބޭއިރު ބަލާހެން ، އާހިލްގެ ބައްޕަ ހުރީ އެ ދެ މީހުންނާއި ދިމާއަށް ބަލާށެވެ.
އާހިލް ތެދުވިއެވެ.
‘މިއީ ޒީން.’ އާހިލް ވައްކަޅިން ޒީން ތެދުވެ ދަބަސް އަޅުވާތަން ބަލައިލިއެވެ.
‘އޭނައައީ އާހިލްއާ ބައްދަލުކުރަން. ދެން މި ފްލޯއަށް އައިސް އަހަރެންނާ ބައްދަލުކުރި ގޮތެއް ނޭނގެ.’
ޒީން އާހިލްއާއި ބައްދަލުކުރަން އަންނާނެކަން އާހިލްއަށް އިނގެއެވެ.
އާހިލްއަށް ކޮފީ ޝޮޕުން ފެނުނު ނޯޓިސްގައި ދެ ހަފްތާއަށް އެ ތަން ބަންދުކުރާވާހަކަ އޮތެވެ. އެތަން ހިންގި އަންހެން މީހާ އޯވަޑޯޒް ވެގެން ނިޔާވި ވާހަކަވެސް ސެކިޔުރިޓީ ގާރޑް ވަނީ އާހިލް ކައިރީގައި ބުނެފައެވެ.
ޒީން އޭނާގެ ވެރިޔާއާއި ދޭތެރޭ އެ ބެހެއްޓި ވަފާތެރިކަން ފެނި އާހިލް ހައިރާންވިއެވެ. މިޒަމާނުގައި އާހިލް ހުށައެޅި އެހާ ރަނގަޅު މުސާރައިގެ ވަޒީފާއަކަށް އެހެން އެކަކުވެސް އިންކާރުނުކުރާނެއެވެ. ކަންދިމާވެފައި އޮތް ގޮތުން މިހާރު ޒީންވެސް އެ ވަޒީފާ ގަބޫލުކުރާނެކަން އާހިލްއަށް އިނގެއެވެ.
މި ދެ ހަފްތާ އާހިލް އެ މީރު ކޮފީ މަތިން ވަރަށް ހަނދާންވިއެވެ. ކީއްވެގެން ކަމެއް އާހިލްއަކަށް ނޭނގެއެވެ. ނަމަވެސް ކޮންމެ ދުވަހެއްގެ މަސައްކަތް އާހިލް ބޭނުންވަނީ އެ ކޮފީ އަށް ފަހު ފައްޓާށެވެ.
އާހިލްގެ ބައްޕަ އިށީންދުނެވެ. އަދި ވަތްގަނޑު ހުޅުވުމަށްފަހު ސިޓީ އުރަ ތަކެއް ނެގިއެވެ. އާހިލް، ޒީން އާއި ދިމާއަށް އެއް އަތް ނަގައި މަޑު ކޮށްލުމަށް އިޝާރަތް ކޮށްލިއެވެ. ޒީން އާއެކޭ ބުނުމުގެ ގޮތުން ބޯ ތަޅުވާލިއެވެ.
އާހިލް އޭނާގެ ބައްޕަ ކައިރިއަށް ދިޔައެވެ. ޖީބަށް އަތް ޖަހާލުމަށް ފަހު ބުނެލިއެވެ.
‘އެ މީހުން ވަޒީފައިން ވަކިކުރަން ޖެހިލުން ނުވައްޗެ.’
‘އެ މީހުންގެ ސަބަބުން ވި ކަމެއްހެން ހިޔެއްނުވޭ. ޒީންއަށް އޮޅިގެން ކަމަށް، ޒީންގެ ކުށެއް ކަމަށް ޒީން ބުނީ.’
އާހިލް ބޯ ތަޅުވާލިއެވެ. އަދި ޒީން އާއި ދިމަ ބަލާލިއެވެ.
އާހިލް ކަރުގައި ފިރުމައިލިއެވެ. ވަރުބަލިވެފައި ހުރިވަރންނެވެ. ނިދި މަދުވުމުގެ ސަބަބުން ލޯވެސް ހުރީ ރަތްވެފައެވެ. ވަރަށް ފަހަކުން ނިއުޒިލޭންޑްގައި އެ މީހުންގެ މަސައްކަތް ފެއްޓުމަށްޓކައި ކަންތައްތައް ރޭވުމުގައި އާހިލް އުޅުނީ އަވަދި ނެތިއެވެ. އޭގެ އިތުރުން ޖަޕާނުގައި ހުއްޓިފައި އޮތް އެ މީހުންގެ މަސައްކަތުގެ ކަންތައްވެސް ކުރިއަށް ގެންދާނެ ގޮތެއްވެސް އޭނާ ދިޔައީ ވިސްނަމުންނެވެ.
އެދުވަހު މެންދުރު އެކެއް ޖެހީއްސުރެ ބޯރޑް މެމްބަރުންނާއެކު ކޮންފަރެންސް ރޫމްގައި އާހިލް ގެންދިޔައީ އެކަމާއި މަޝްވަރާކުރަމުންނެވެ. އާހިލް ގެ ބައްޕަ އެ ބައްދަލުވުމުގައި އިނދެފަ ނުކުމެގެން އައީ އެވެ. ބައްދަލުވުން ނިމިގެން އާހިލް ކައިރީ އޭނާގެ ބައްޕަގެ އޮފީސް ބަޔަށް އައުމަށް އެދިފައެވެ.
‘މިއީ ޖަޕާނުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ އެންމެ ފަހުގެ ޕްލޭން.’ އާހިލްގެ ބައްޕަ ސިޓީ އުރައެއް ދިއްކޮށްލިއެވެ. ‘ބޯރޑް މެމްބަރުންނަށް ކިޔައިދީ. އެއަށްފަހު އެ މީހން އެއްބަސްވޭތޯ ބަލާ. ދެން އިތުރު ގޮތެއް ނެތް. މިހާރުވެސް މިކަން ކުރަން ވަގުތު ކުޑަ ތަންވެއްޖެ.. މިއީ އެންމެ ފަހު ރިސޯޓް. އަތުން ބީވެގެންދިޔަދީގެން ނުވާނެ. މިއީ ވަރަށް މުހިއްމު ޕްރޮޖެކްޓް އެއް. މިކަން ދަރިފުޅުގެ އަތް މައްޗަށް މި ދޫކޮށްލަނީ. ވީ އެންމެ އަވަހަކަށް ކޮންޓްރެކްޓްއެއް ހަދަންވާނެ.’
‘އެންމެ ރަނގަޅު. ބައްޕަ މާޔުސްވިޔަކަ ނުދޭނަން. އަހަރެން ވެސް ގޮތެއް ރާވައިފަވީ. މިއާ އެއާ ގުޅޭތޯވެސް ބަލާނަން.’ އާހިލް އެ ސިޓީއުރަ ބާރަށް ހިފަހައްޓާލިއެވެ.
އާހިލް އާއެކޭ ބުނެ އޮފީހުން ނިކުތުމަށް އެނބުރެލިއެވެ.
‘އެންމެ ރަނގަޅު. ދެން މިރޭ ބައްދަލުކުރާނީ.’
‘މަންމަ ބުނި އާހިލް މިހާރު ރައްޓެހިވެގެން އުޅޭ ކުއްޖާ ގެންނާނެޔޭ ބައްދަލުކުރަން.’ އާހިލްގެ ބައްޕަ ބުނި އަޑަށް އާހިލް އެނބުރެލިއެވެ.
‘މަންމަ ބޭނުންވީ އާޝާ އާ ބައްދަލުކުރަން.’
އާޝާ އަކީ އާހިލް ރައްޓެހިވެގެން އުޅޭ ކުއްޖެއް ނޫންކަން ބުނަން ބޭނުންވިއެވެ. އެއީ އެކަނިވެރިކަން ފިލުވަން އާހިލް ގެންގުޅޭ ކުއްޖެކެވެ. ނަމަވެސް އެހެން ބުނުމުން އާހިލްގެ ބައްޕަ ހިތްހަމަނުޖެހޭނެތީ އެ ވާހަކަ ނުބުނީއެވެ.
ބައްޕަގެ ސުވާލުތަކުން ދުރަށްދާން އާހިލް ބޭނުންވިއެވެ.
‘ދެން ދަނީ.’
އާހިލްގެ ބައްޕަވެސް އާޝާއާއި ދޭތެރޭ ހިތްހަމަ ނުޖެހޭކަން އާހިލްއަށް އިނގެއެވެ.
އާޝާ އަކީ މަޝްހޫރު މޮޑެލްއެކެވެ. ފަހަރަކު ފިރިހެނަކާއި ރައްޓެހިވާ ކުއްޖެކެވެ. އާދައިގެ ފިރިހެނުންނަކާއި ނޫނެވެ. މުއްސަނދި ފިރިހެނުންނާއެވެ.
އާޝާ އަކީ ގޮތުގައި ހުންނަ ކުއްޖެކެވެ. ކަމެއް ކުރަން ނިންމަފިނަމަ އެކަމެއް ނުކޮށް ނުހުއްޓާނެއެވެ. ކޮންމެ ގޮތަކުންވެސް އެކަމެއް ހާސިލް ކުރާނެއެވެ. މިހާރު އޭނާގެ އަޒުމަކީ އާހިލް ހާސިލްކުރުމެވެ. އެ ގޮތުން އާހިލްގެ އެޕާރޓްމެންޓުގައި އެ ހަފްތާ ދެ ތިން ރެއަކު ނިދަންވެސް ނިދައިފިއެވެ. އޭނާ އެ އެޕާރޓްމެންޓަށް އަަންނަނީ އާހިލް ކައިރީ ނުބުނެ ދަންވަރު ކުއްލިއަކަށެވެ. އެހެންކަމުން އާހިލްއަށްވެސް ޖެހެނީ އޭނާ އެ ތަނަށް ވަންނަން ހުއްދަ ދޭށެވެ.
‘އާދޭ އަހަރެންނާއެކު.’ ޒީންއަށް ބަލާވެސް ނުލާ ވެއްޓިފައި އޮތް އައިނު ނަގަމުން އާހިލް ބުންޏެވެ.
އާހިލް ދިޔައީ އޭނާގެ ސެކްރެޓަރީ ކައިރިއަށެވެ.
‘ފަރީ، ވީ އެންމެ އަވަހަކަށް މި އައިނު ހަދައިގެންއަހަރެންގެ އޮފީހަށް ގެނަސްދީ.’
‘ލައްބަ.’
އާހިލް ލިފްޓާއި ދިމާއަށް ދިޔައެވެ. ޒީންވެސް އާހިލްގެ ފަހަތުން އަންނަަކަން އާހިލް އަށް އިނގެއެވެ. އިހްސާސް ވެއެވެ. އާހިލް ވިސްނަމުން ގެންދިޔައީ އެ މީހުންގެ އެންމެ ފަހުގެ ޕްރޮޖެކެޓްއާއި މެދުއެވެ.
ލިފްޓުގެ ދޮރު ލައްޕާލަމުން އާހިލް ބަލައިލިއެވެ. ޒީން އެއް ނެތެވެ…
One Comment
Comments are closed.

Kobaa next part ?