Skip to content
އެސްފިޔަ

ފޮނި ފާރޮށި 7

ނައިއަލްއަށް މަޖާވެފައި ހިނިގަނޑެއް ޖަހާލެވުނެވެ. އަދި ވަރަށް ފޯރީގައި އީމާގެ ލަވައިގައި ބައިވެރިވެލިއެވެ. ދެމީހުން އެއްކޮށް ކިޔާލި ބައިތު މިއުޒިކަކާއި ނުލާވެސް ފުރިހަމަވީ ހުނުމުގެ އަޑުންނެވެ. ކަޕްލް ޑާންސްއޭ ކިޔަސް ބޮޑަށް ވައްތަރީ ދެ ރާމާމަކުނުގެ ހަރަކާތްތަކަކާއެވެ. އެކީގައި ނަށަމުންދިޔަ އެ މަންޒަރަށް ވިލާތަކާއި ނޫ އުޑުވެސް ތަޢުރީފު ކުރާނެކަން ގައިމެވެ. އީމާގެ ކޮންމެ ހަރަކާތެއް ނައިއަލްއަށް ސްލޯ މޯޝަންއިން ފެންނަން ފެށި ހިސާބުން މީ ރަނގަޅު އަލާމާތެއް ނޫނޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އެ ވަގުތުކޮޅު އޭނާގެ ހިތުގައި އުމުރަށް ބިންވަޅުނަގައިލީ، ދެން އީމާ ފެންނާނެކަމުގެ މާ ބޮޑު އުންމީދެއް ނުގެންގުޅޭތީއެވެ.

**************************************

ގަރާޖުގައި އިން މުސްކުޅި ބޭބެ ކަރު އަނބުރައި ބަލައިލަން ޖެހުނީ އެއްވެސް މީހަކު ނެތް ދިމާލަކުން އަޑެއް އިވުމުންނެވެ. ފެނުނީ ވަޔާއި އީމާގެ ބައިސްކަލު މައްޗަށް ނައިއަލްގެ ބައިސްކަލު ވެއްޓިފައި އޮއްވައެވެ. ދެ ބައިސްކަލުގެ ލޯބީގެ ޑައިރީގައި ދެވަނަ ޗެޕްޓާރއެއް ލިޔެވެމުންދިޔަ އެ ވަގުތުކޮޅުގެ ފޮނިކަން ނަގައިނުލަން ނަޒަރު ދުރުކޮށްލެވުނު ބޭބެ ޕިސް ޕިސް ލައްވާލިއެވެ.

“ބަޝީރޫ، ކިތަށްފަހަރު ބުނާނީ ބަސްކަލުތަކުގެ ހަރުގަނޑު ރަނގަޅަށް ޖައްސާފަ ބަހައްޓާށޭ. މީ ހޮޓަލެއް ނޫނޭ، ގަރާޖެކޭ.” ދެފަޅިއަށް ބޯ ހަލުވަމުން އެތާ އުޅުން ބިދޭސީ މީހަކާއި ދިމާލަށް އެ ބޭބެ ގޮވައިލިއެވެ.

ގަރާޖާއި ހިސާބަށް އެނބުރި ދިޔަ ވަގުތު އީމާ ދިޔައީ ނައިއަލްގެ ނެށުމަށް ޖޯކު ޖަހަމުންނެވެ. ބައެއް ފަހަރު ޖެއްސުމަށް އީމާ ބުނާ އެއްޗެހީގެ ސަބަބުން، ރުޅިގަދަކަން އިސްކުރާ މިޒާޖަށް އީމާ އަލުން އެނބުރި ދާނެނަމައޭ ނައިއަލްގެ ހިތަށް އަރައެވެ. ނައިއަލް ތުން އަނބުރާލިއެވެ. އީމާއަށްވުރެ މޮޅަށް ނަށަން އިނގެއޭ ތަކުރާރުކުރަމުން ދިޔައީ ދަށްނުވާންވެގެނެވެ.

ގަރާޖު ތެރެއަށް އީމާއާއި ނައިއަލް ދިޔައީ ދެ މީހުން ދެ މިސްރާބަކަށެވެ. އީމާ ގޮސް އޭނާގެ ބައިސްކަލު ނަގައިގެން ނިކުމެ މަޑުކޮށްލެވުނީ ނައިއަލްއާއެކު ދާހިތްވެގެންކަމެއް އަމިއްލައަށްވެސް ޔަޤީނެއް ނުވިއެވެ. މާ ލަސްވާތީ އެތެރެއަށް ބޯ ދިއްކޮށްލިއިރު ނައިއަލް ހުރީ ގަރާޖުގެ މުއައްޒަފަކު ދިން ފޮތެއްގައި ނަންބަރު ލިޔަންށެވެ. އީމާއަށް ދެބުމަ ގާތްކޮށްލެވުނެވެ.

“ކަލޭ ކޮންއިރަކު ވާތުން ލިޔަން ދަސްކުރީ؟” ހުސްއަތާ ނުކުތް ނައިއަލް ފެނިފައި އީމާ ސުވާލުކޮށްލިއެވެ.

“މަ މީ ވާތްތެރިއެކޭ. ކަލޭ ދަންނަ ނައިއަލް ލިޔަނީ ކަނާތުން ދޯ ރަނގަޅަށްވިއްޔާ. މިހާރު ގަބޫލުކޮށްފިންތަ މީ އެހެން މީހެއްކަމަށް؟” އީމާ ޤަބޫލުކުރާނެ ކަމުގެ މާ ބޮޑު އުންމީދެއް ނެތި ނައިއަލް ބުންޏެވެ.

“ޕިސް، ޕިސް… ތި ވަރަށް ދޮގު ނެހެދިޔަސް ހެޔޮވާނެ. މަށަށްވެސް ލިޔެވެއޭ ވާތުން. އަނެއްކާ ކިޔަން އިނގޭނެތަ ލިޔުނު އެއްޗެއް؟” އީމާ ޗޮކެއްކަޑައިލިއެވެ. “ބައިސްކަލު ބަލައެއް ނޫންތަ ތިއައީ؟ ކޮބާ؟…”

“ބޮޑު ބަފަލޯއެއްގަ ޖެހިފަ ލިބޭ ގެއްލުންތައް މަރާމާތުކުރަން ގިނައިރު ވާނެއެންނު.” ނައިއަލް ދިމާކޮށްލިއެވެ.

“ކުރިމަތިން ދުއްވާ އެއްޗެއް އައިމަ ޖައްސަންވީ ކޮޅުވެސް ނޭނގޭ މީހުންނާހެދި ލިބޭ ގެއްލުމޭ ކިޔާބަލަ.” އީމާގެ ރައްދުން ނައިއަލްގެ އަނގަ ބަންދުކޮށްލިއެވެ.

“އެންމެ ފުރަތަމަ ހަވާލުވި ބޮންދު ބޭބެ ބުނީ ވިއްސަކަށް މިނެޓޯ. މިހާރު ދިވެހި ބޭބެ އެ ބުނީ ސައުއްވީސް ގަޑިއިރޯ. ކީކޭ ބުނާނީ އަޅެ.” މައުލޫޢު ބަދަލުކޮށްލާފައި ނައިއަލް ކުސްތަޅައިލިއެވެ. އެއާއިއެކު ކުއްލިއަކަށް އެއްޗެއް ހަނދާންވިހެން ދެލޯ ބޮޑުކޮށްލާފައި ޖީބުން ނެގީ ވޮލެޓެވެ.

“އަން.” ނައިއަލް ދިއްކޮށްލީ އޭނާގެ ހޮސްޕިޓަލް ބިލަށް އީމާ ދެއްކި އަދަދެވެ.

“އެއްބައޭ ބުނީ ގައިމު.” އީމާ ރުފިޔާގައި ހިފަމުން އަހައިލިއެވެ.

“މަށަކަށް ނޭންގެ ޑިވިޝަން ހަދާކަށް. ބިލްކޮޅުގަ އިން ވަރު ނަގަން އިނގުނީ.” ނައިއަލް ދޮގުހަދައިލުމުން އީމާ ފާޑަކަށް އަނގަ ޗޭކޮށްލިއެވެ. ދީލަތިކަން ފާޅުވާ ވަގުތުވެސް ހަދަންޖެހެނީ ދޮގެއްވިއްޔާއެވެ.

“އަރާ…” ބައިސްކަލަށް އަރާފައި ބޮލުން ފަހަތަށް އިށާރާތްކުރަމުން އީމާ ނުކެރިފައި އިނދެ އެއްސެވެ.

“ހާދަ ލޮއެއްބެކޭ ތި ވަނީ. ފުރިގެން ބަންޑުންވެދާނެ.” އަޑަށް ދަމާލަމުން ނައިއަލް އީމާގެ ފަހަތު ސީޓުގައި ޖައްސާލިއެވެ. އީމާ ނައިއަލްއަށް ދިނީ މަރުގެ އިންޒާރެއްގައި ދޭފަދަ ނަޒަރެކެވެ. ނަމަވެސް ނައިއަލް ހަދިޔާކޮށްލި ހިނިތުންވުމުން އޭނާގެ މޫނުން ހަމަޖެހުމުގެ ކުލަވަރު ފެންނަން ސިކުންތެއްވެސް ނުނެގިއެވެ. ކުރީ ފަހަރު ޔަގީނެއްނޫންހޭ ބުނެ ރައްދު ދިން ނަމަވެސް މި ފަހަރު ކަމުނުދިޔައީ ދޯއޭ ހިތަށްއެރުމުން، އީމާގެ މިޒާޖު ދެނެގަންނަން ނައިއަލްއަށް ވީ ހައްތަހާ އުނދަގުލެވެ.

ބައިސްކަލު ދުއްވުނު އެންމެ ބާރަކަށް އީމާ ދުއްވަމުން ގެންދިޔައިރު ކުއްލި ކުއްލިއަށް ޖައްސަންޖެހޭ ބުރަކިތަކާއެކު ނައިއަލްއަށް އީމާގެ ބުރަކަށީގައި ޖެހިގަނެވެއެވެ.

“ކުޑަކުއްޖެއްތަ ތީ؟ ތަންކޮޅެއް ފަހަތުގަ އިނދެބަލަ.” އީމާ ކުދިކިޔައިލިއެވެ.

“މިއަށްވުރެ ފަހަތަށް ޖެހެންޏާ ދެން ޖެހޭނީ މީގަ އެލިގެން އޮވެ ބިންމަތީ ދެމެން. ދުއްވަން ނޭނގެންޏާ ގެނެބަލަ މަށަށް.”

“އަޅެ މަށަށްވުރެ މޮޅަށް ދުއްވަބަލަ ނިކަން. މިފަހަރު ގޮސް ކާރެއްގެ މެދަކަށް ނޫން އަރާނީ.” ކަޅި އަނބުރައިލަމުން ނައިއަލްއަށް ދުއްވަން ފުރުސަތު ދިން އީމާ ވަށްބަހުން ޖަހައިލިއެވެ.

ދުއްވަން އިން ނައިއަލް ކުއްލިއަކަށް ބުރަކި ޖައްސާލި ވަގުތެކެވެ. އެހެން ޚިޔާލަކަށް ގެއްލިފައި އިން އީމާއަށް ނައިއަލްގެ އުނަގަނޑުގައި އެއް އަތުން ހިފަހައްޓައިލެވުނެވެ.

“ކޮބާ ހީވޭ ކަމެއްހެން. ފަހަތަށް ޖެހެންވީނު.” ފަހު ޖުމުލަ ކީއިރު އީމާއާއި ވައްތަރުކުރަން އަޑު ތޫލިކޮށްލި ނައިއަލް މަލާމަތްކޮށްލިއެވެ. އަވަހަށް ނައިއަލް ގައިން އަތް ދޫކޮށްފައި، ޖަހަން އުޅޭ ގޮތެއް ދައްކައިލަން އަތް މުއްކަވާފައި އީމާ އޭނާގެ އަތް ހިއްލާލިއެވެ.

“ހާދަ ބިރުވެރިއޭ.” ބިރުގަތްކަމުގެ ތަމްސީލަކަށް ދެލޯ ބޮޑުކޮށްލި ނައިއަލް ދެވަނަ ސިކުންތުގައި މަލާމާތުގެ ރާގަކަށް ހޭންފެށިއެވެ.

“ބޮަޑު އުނދަގުލެއްކަހަލަ ފިރިހެނެކޭ މީ. މީނަ ރާއްޖޭން ބޭރަށް ކިޔަވަން ގޮސް ދަސްކުރީ ޖެއްސުންކުރުން ވަން އޯ ވަން ކަންނެ.” އީމާ ހިތާހިތުން ބުނެލިއެވެ.

“ކޮން ގައުމަކަށްތަ ދިޔައީ؟” އީމާގެ ހިތުގައި އުފެދުނު ސުވާލު ކޮށްލިއެވެ. އެހާ ދުވަހު އޭނާއަށް ނުގުޅާ ނައިއަލް އުޅުނީ ކޮން ގައުމެއްގައިތޯ ބަލަން ހިތުގައި ޝައުގު އުފެދުނީއެވެ.

“އޯ… އޭނަގެ އެ ނައިއަލްއެއް ދިޔަ ތަނެއް ދޯ އެ އެހީ.” ނައިއަލްއަށް އީމާ ކުރި ސުވާލު ފަހުމުވާން އިރުކޮޅެއް ނެގިއެވެ. “އިނގެރޭސި ވިލާތަށް…” ކުރު ޖަވާބަކުން ނައިއަލް ފުއްދާލީ ތެދު ބުނެބުނެ ވަރުބަލިވުމުންނެވެ. އީމާ އިތުރު ސުވާލެއް ކުރަން ނެހެދީ އޭނާ ދަންނަ ނައިއަލްއަކީ އަމިއްލަ ނަފްސާއި ބެހޭގޮތުން ވާހަކަދައްކާ އުޅޭ މީހެއް ނޫންކަން އިނގޭތީއެވެ. އެ ދުވަހު އެހާ ކުއްލި ގޮތަކަށް ދިޔަ ސަބަބު، ނައިއަލް އިސްވެ އޭނާއަށް ކިޔައިދޭނެ ދުވަހެއް އަންނާނެކަމަށް އީމާއަށް ގަބޫލުކުރެވުނެވެ.

ނައިއަލްގެ ގޭ ދޮރުމައްޗަށް ބައިސްކަލު ހުއްޓާފައި، ދުއްވަން އިން ނައިއަލް ފައިބަންހެދުމުން އީމާއަށް ރޭކާލީ އޭނާއަށް މިއޮއްހާއިރު އިނދެވުނީ ނައިއަލްގެ އުނަގަނޑުގައި ހިފަހައްޓައިގެންކަމެވެ. ދެވަނަ ފަހަރަށް ހިފަހައްޓައިލެވުމުން ނައިއަލް އެއްޗެކޭ ނުބުނެ އިނީއެވެ.

“ދެން ތި ބައިސްކަލުގަ އޮޅުލައިގަނެގެން އިނދެ ދުއްވާ.” ނައިއަލް ސަމާސާކޮށްލާފައި އީމާއަށް ހަނާއަޅާލިއެވެ. އީމާ ދެލޯ އަޅައިލީއެވެ.

“ތެންކްސް ފޯ ދަ ރައިޑް.” ނައިއަލް ބުންޏެވެ. “އޭ ނޫން، މަ ދޯ ދުއްވީ. ނޮޓް ސޯ ތޭންކްސް.” ދޫ ނެރެލާފައި ނައިއަލް ގޭތެރެއަށް ވަނެވެ. ކަޅި އަނބުރައިލާފައި ގެޔަށް ދާން މިސްރާބުޖެހި އީމާގެ ހިތުގައި އުފާވެރިކަމުގެ ރާޅުބާންޏެއް ދަތުރު ކުރަމުންދިޔައެވެ.

އޮފީހަށް ދާން ވާއިރަށް ތައްޔާރު ވާންޖެހޭތީ އީމާ ގެއަށް މިސްރާބުޖާހާފައި ހުރީ ހަލުވި ދުވެއްޔެއްގައެވެ. ކުރީ ދުވަހުވެސް ނުކުންނަންޖެހުނީ ރަނގަޅަށް ބޯ ނުހިއްކާވިއްޔާއެވެ. ދިޔަ މަގުމަތީ އިއްތިފާގުން އެޅުނީ އޭނާގެ އެންމެ ބޮޑު އެއް ދުޝްމަނުކަމަށްވާ ހަނީފްގެ އެލް.ވީ.އީ ކޮމްޕެނީ ހުންނަ މަގަށެވެ. ދޮރުމަތިން ހުރަސްކޮށްލި ވަގުތު އޭނާގެ އަނގަ ޗޭވިތަން ފެނި ދޮރުވާނަށް ދެލޯ ކުޑަކޮށް ބަލައިލެވުނީ އެއީ ހަމަ މަޝްހޫރު އީ.އެމް.އީގެ ވެރިޔާ، އީމާ ވަލީދުތޯ ޔަގީންކޮށްލުމަށެވެ. އެހާ ކާމިޔާބު ވިޔަފާރިވެރިއަކު ބައިސްކަލުގަނޑެއްގައި، އެހެން ކުންފުނިތަކުގެ ކުށެއް ނެތް ދޮރާއި ދިމާއަށް ވައްތަރު ޖައްސަމުން ދާތަން އެއީ މާ ގިނައެއްކޮށް ފެންނާނެ މަންޒަރެއް ނޫންވިއްޔާއެވެ.

“ހުއް… މިތަން އަދިވެސްް ބަނގުރޫޓުވާކަށް ނޫޅެއޭ.” ދޮރު ފަހަނަޅައި ދެވުމުން ފާރުބުޑަށް ކުޅެއް ޖަހާފައި ދިޔައީ، އެ ފާރަށް ބައްޔެއް ޖެހިގެން ބަލިވެ ވެއްޓޭނެކަމުގެ އުންމީދުގައި ކަމަށްވެދާނެއެވެ. މި ފަހަރު ފަކުރުން އަނގަ ޗޭވީ ކުޅިބަލަން އިން ދޮރުވާނުގެއެވެ. އެވަގުތު މަގުގެ އަނެއް ފަޅިންލާފައި އައި ޔޫސުފްއަށް އީމާއެއް ނުފެނެއެވެ. ނަމަވެސް ލޮލުގެ ކަނަކުން ޔޫސުފް ފެނި އީމާއަށް ދެބުމަ ގާތްކޮށްލެވުނެވެ.

“އެއީ…” ކުރީގެ ހަނދާނެއް އާވާހެން ހީވެގެން އީމާއަށް ބައިސްކަލުގެ ދުވެލި މަޑުކޮށްލެވުނު ނަމަވެސް ހުއްޓާކަށް ނަހަދައެވެ. އެ ފެނުނު މީހާއާއިބެހޭ ހަނދާނެއް ސިކުނޑީގެ އެންމެ އެތެރެއިން ހާވާ ބަލައިލުމުން، ހަނދާން ސާފުވާ ވަރުވީއިރު ޔޫސުފް ފަސްދީ ދެވިއްޖެއެވެ.

“ދެންމެ މިހެންލާފަ ދިޔަ އީމާ ވަލީދު.” އެތެރެއަށް ވަންނަން އައި ދޮރުވާނު ދިން ޚަބަރުން، ފޯނާއި ކުޅެން ހުރި ޔޫސުފްގެ ސަމާލުކަން ވަގުތުން އަތުލައިގަނެވުނެވެ. އަބަދުވެސް އޭނާއަށް ޚަބަރުދޭ އޭޖެންޓު، ދޮރުވާނާއި ދިމާއަށް ބަލައިލި ގޮތުން ހިތުގައި އޮތީ އިތުރަށް ތަފްސީލުކޮށްދޭށޭކަން ދޮރުވާނަށް ވަގުތުން އިނގިއްޖެއެވެ. “ބައިސްކަލެއްގަ ދިޔައީ. މި ދިމާއަށް ބަލާލީ ފާޑެއްގެ ވައްތަރެއް ޖައްސަމުން. އަދި އެކޮޅު ފާރުބުޑަށް ކުޅެއްވެސް ޖަހާފަ އެ ދިޔައީ.” ދޮރުވާނުގެ ރިޕޯޓު އިވިފައި ޔޫސުފް މަލާމާތުގެ ހުނުމެއް އިއްވައިލީ އީމާއަށް ނިސްބަތްކޮށެވެ.

“ބައިސްކަލުގަ އުޅޭ ވާހަަކަ އަޑުއެހިން ކުރިންވެސް. ލިބޭހާ ފައިދާއިން ކާރެއްވެސް ނުގަނެ ފަގީރުންނަށް ޞަދަގާތްކުރަނީކަންނެ. ނޫނީ ހަމަ ވަޅަކަށް އަޅަނީބާ.” ޔޫސުފްގެ ޖޯކަށް ދޮރުވާނު އެއް މިޔަކަން ހިއްލައިލިއެވެ. ތި ގޮތުގަ މަށަށް ހޫނު ސައި ވަރައިދިނުމުގައި ދެމިހުންނާށޭ ބުނެލާ ކަހަލަ ގޮތަކަށް ދޮރުވާނުގެ ކޮނޑުގައި އަތްބާއްވައިލާފައި ޔޫސުފް ކުރިއަށް ހިނގައިގަތީ، ފަހުން ސީސީޓީވީއިން އީމާ ކުޅުޖަހާތަން ބަލައިލަން ސިކުނޑީގައި ނޯޓުކޮށްލަމުންނެވެ.

“އެ މީހާ!” އަޑުހަރުކޮށް ބުނެލަމުން އީމާއަށް ބައިސްކަލު ހުއްޓައިލާފައި ފަހަތަށް ބަލައިލެވުނީ، އެއީ ދިހަ އަހަރުކުރިން ނައިއަލްގެ ސިޓީ ގެނަސްދިން މީހާކަން ކަށަވަރުވެގެނެވެ. އެހެނަސް އޭރު ޔޫސުފް ފެންނާކަށް ނެތެވެ. ހިތްއަވަސްވެފައި އަލުން އަނބުރައި އެ ދިމާއަށް ގޮސް ޔޫސުފް ހިނގި ފަޅީގައި ހުރި ގޯޅިތެރެވެސް ބެލިއެވެ. އީމާއަށް ނޭންގުނު އެންމެ މުހިއްމު ކަމަކީ، މަގު ހުރަސްކޮށްފައި ޔޫސުފް އެލް.ވީ.އީ ބިލްޑިންގ ތެރެއަށް ވަތްކަމެވެ.

މާޔުސްވެފައި ގެއާއި ދިމާލަށް އަނބުރައިލި އީމާގެ ސިކުނޑި ދަތުރުކުރީ ދިހަ އަހަރު ކުރީގެ މާޒީއަށެވެ. ނައިއަލްގެ ސިޓީ ލިބުނު ރޭ ގެއަށްގޮސް އީމާއަށް ނުވެސް ނިދުނެވެ. އަތުގައި އޮތް ފޯނުގެ ސްކްރީނުން ފެންނަން އޮތް، ނައިއަލްގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް އީމާ ކުރިހާ މެސެޖުތަކަށް ބަލައިލާފައި، ނައިޓްސްޓޭންޑް މަތީ އޮތް ފަށަށް ބަލައިލިއެވެ. އެއީ ނައިއަލް ކުރާ ސަމާސާއެއް ކަަމަށް ހިތުގެ އެއް ފަޅި ގޮވަމުންދިޔަ ނަމަވެސް، މަންމައާއި ބައްޕަ ފަދައިން ނައިއަލްވެސް އޭނާ ދޫކޮށް ދިޔައީއޭ ހިތަށްއަރަން ފެށުމުން ހިތަށް ވެރިވީ ހުސްކަމެކެވެ. ދެރަވާކަމެއް ނުވަތަ ވާންވީކަމެއްވެސް ނުވިސްނި އޮތް ގޮތަށް އޮއްވާ އިރުއެރުމުން އީމާ ނުކުތީ ނައިއަލްގެ ގެއަށް ދާންށެވެ. މަންޒިލަށް ނުފޯރަނީސް ބައިސްކަލުގެ ޗޭނުގަނޑު ދޫވުމުން ބައިސްކަލު ބާއްވާފައި ދުވެފައި ދެވުނުއިރު، ބައިސްކަލު ވަގަށް ގެންގޮސްދާނެކަން ނުވިސްނުނީވެސް ހަމައަށް ސިކުނޑި މަސައްކަތްކުރުމަށް އެ ވަގުތު ކުޅަދާނަ ނުވީތީއެވެ.

ނައިއަލްގެ ގެއާއި ހަމައަށް އީމާއަށް ދެވުނު ވަގުތު އިއްތިފާގަކުން ދިމާވީ އެ ގެއިން ޔޫސުފް ނުކުތް ވަގުތާއެވެ. އީމާ ފެނުމާއެކު ޔޫސުފްގެ މޫނުމަތިން ހިނދުކޮޅަކަށް ފާޅުވި ހާސްކަން އީމާއަށް ފާހަގަ ނުވަނީސް ފޮރުވައިލީ ވަރަށް ކުޅަދާނަކަމާއެކުއެވެ. އެކަމުގައި ތަޖުރިބާކާރެއްވިއްޔާއެވެ.

“ކޮބާ ނައިއަލް؟” އީމާ އަހައިލިއެވެ.

“ނައިއަލްއާ ނައިއަލްގެ މަންމަ އިއްޔެ ފުރައިފި ރާއްޖޭން ބޭރަށް. އެއްކޮށް އެކޮޅަށް ދިރިއުޅުން ބަދަލުކުރީ އެ، ނައިއަލް ކިޔަވަންވެގެން… ނައިއަލްއާ ނައިއަލް މަންމަގެ އެދުމަކީ މިކޮޅުން ނައިއަލްގެ އެއްވެސް އެކުވެރިއެއް ނައިއަލް ހޯދަން މަސައްކަތް ނުކުރުން.” ކުރީ ބައިގައި ފަރިތަކޮށްފައިވާ އިބާރާތެއްހެން ޔޫސުފް ކިޔައިލިއެވެ.

“ކީއްވެ އެކުވެރިން ހޯދަން ބޭނުންނުވަނީ؟ އީމާ ހިސާބަކަށް ރުޅި އައިސްފައި އެއްސެވެ. އޭނާ ޤަބޫލުކުރަން ބޭނުންވީ ނައިއަލް އެފަދައިން ނޭދޭކަމަށެވެ. ނަމަވެސް އެއީ ނައިއަލްފަދަ ގޮތްނޭންގޭ މިޒާޖެއްގެ ކުއްޖަކު ބުނެފާނެ އެއްޗެއްކަންވެސް ޤަބޫލުކުރެވުނީތީ ހައްތަހާ ހިތް ނުތަނަވަސްވިއެވެ.

“އެއީ ނައިއަލްގެ ކިޔެވުމަށް ބުރޫއަރާތީ. ނައިއަލްއަކީ ތިކަހަލަ ދަށް ފެންވަރުގެ މީހުންނާ އެކީ އުޅެން ވާވަރުގެ ކުއްޖެއްނޫން.” އީމާއަކީ މައެއްބަފައެއް ނެތް، ފަގީރު އާއިލާއެއްގެ ބެލުމުގެ ދަށުގައި ބޮޑުވަމުންދާ ކުއްޖެއްކަން އެނގިހުރެ ޔޫސުފް އެހެން ބުނީ އީމާ ވީހާވެސް މާޔޫސްކޮށްލުމުގެ މަޤުސަދުގައެވެ. އެކަން ވަރަށް ފަސޭހައިން ކާމިޔާބުވިއެވެ. އީމާކަހަލަ ނިކަމެއްޗަކަށް ހަނީފްގެ ދަރިއަކާއި އެކީ ވުމުގެ ޙައްޤެއް ނޯންނާނެކަމަށް ޔޫސުފް ހަގީގަތުގައިވެސް ދެކުނީ އޭނާގެ ހިތުގައި ހަނީފަށްޓަކައި އޮންނަ ގަދަރު އެކަށީގެންވާ ވަރަށްވުރެ ބޮޑުވުމުންނެވެ.

“ނައިއަލްތަ ބުނީ ތިހެން؟” އެތައް އަހަރެއް ވަންދެން އެކުގައި އުޅުނު އެކުވެރިޔާއަށް އޮތް އީމާގެ އިތުބާރު ގުޑައިގެންދިޔައެވެ.

“އާނ…” ޔޫސުފްގެ ކުރު ޖަވާބުން އީމާގެ ހިތް ކުދިކުދިވިކަހަލައެވެ. އެހެނަސް އަނެއްކާވެސް އޭނާއަކަށް ދެރަވާކަށް ނޭންގުނެވެ. ފާޑަކަށް ގަބުއަރާފައި ހުރެ އަނބުރާ އައިކޮޅަށް ދެވުނުއިރު އެ ހިތުގައި އެޅިފައިވީ ލޯވަޅު، ދިހަ އަހަރު ވިޔަސް ފޫނުބެދޭހާ ފުންވެފައިވިއެވެ.

ގެއަށް ދިޔަ މަގުމަތީ ފެނުނު އޭނާގެ ބައިސްކަލު ނަގައިގެން ދަމަމުން ގެންގޮސް ގޭ ދޮރުމައްޗަށް އަރާފައި އިސްއުފުލައި ބަލައިލިއެވެ. ކުލަކޮޅު ވެއްޓި ރެނދުލާފައިވާ ފާރެކެވެ. ތިމާގެ ނިކަމެތިކަން އިތުރަށް ފާޅުކޮށް ޒަހަމަށް ލޮނުއަޅަން ބިނާވެފައި ހުރި ގެއެއްގެ ސިފައިގައި ސިފަވެ އީމާ ގާތަށް އައީ އާދަޔާޚިލާފަށް ގަދަ ރުޅިއެކެވެ. މޭތެރެއިން ނެރެންފެށި މަޑު ހަޅޭކުގެ އަޑު ބާރުވަމުން ގޮސް ކުޑަދޮރުތަކުން މީހުން ބޯދިއްކުރަން ފެށިއިރު އީމާ ދިޔައީ ރަހުމެއްނެތި އޭނާގެ ބައިސްކަލު ނަގައި ބިމަށް ޖަހަޖަހައި ފުނޑަމުންނެވެ. އެއްބަޔަކު ބިރުން ދަރިންގެ ކަންފަތްތަކުގައި އަތް އެޅިއެވެ. އަނެއްބަޔަކު ނުނިދިގެން އައި ރުޅިން އެއްޗެހި ގޮވަމުންދިޔައެވެ. އީމާއަށް އޭގެން އެއްވެސް އަޑެއް ނީވޭކަހަލައެވެ. ތިމާއާއި ތިމާގެ ރުޅިގަނޑު ފިޔަވައި އިތުރު އެއްޗެއް އޭނާ ވަށައިގެން ނުވާކަހަލައެވެ. މަތަކުރަން ނުކުތް އޭނާގެ ބޮޑުބޭބެއާއި ބޮޑުބޭބެގެ އަންހެނުންނަށް އީމާ ގޭތެރެއަށް ވައްދައި ކަންތައްގަނޑު ހަމައަކަށް އެޅުވުނީ ވަރަށް ހާލުންނެވެ. ކޮޓަރިއަށް ވަތްގޮތަށް ރޮވެންފެށި އީމާއަށް ނިދުންއިރު ކޮތާފަތުން ކަރުނަ ނުހިކެއެވެ.

ދެން އީމާއަށް ހޭލެވުނުއިރު އިރުއޮއްސި އެތަށް އިރެއްވެއްޖެއެވެ. ކޮޓަރިން ނުކުމެވޭ ގޮތަށް ހުރި ބެލްކަނީގައި ބަންޑުން އޮވެވުމުން އޭނާ ދިޔައި ސިއްސައިގެނެވެ. އެނދުމަތީ އޮވެ ނިދުނު މީހާއަށް އެތަނަށް ނުކުމެވުނީ ކިހިނެތް ކަމެއް ނޭންގުނެވެ. މިފަދަ ކަމެއް ކުރިންވެސް ދެތިން ފަހަރަކު ހިނގައިފައިވީ ހަނދާނެއް ވިއެވެ.

ކުއްލިއަކަށް ޔޫސުފްއާއި ދޭތެރޭ ދެކެވުނު ވާހަކަތައް ހަނދާނަށް އައުމުން އެ އިހުސާސްތައް ހިތުގައި އިތުރު ކޫރުންތަކެއް އަޅަން ފެށިއެވެ. ތެދުވެގެން ގޮސް އެނދުގައި އިށީން އީމާ ނަފްސު ހަމައަކަށް އަޅުވައިލުމުގައި ކާމިޔާބުވިކަން ނަޞީބެކެވެ. އެެހެން ނޫންނަމަ އިތުރު މުދަލެއް ހަލާކުވުން ނޫން ކަމެއް ނުވީހެވެ.

“ނައިއަލްއެއް ނުބުނާނެ އެހެނެއް…” އީމާ ބުނެލިއެވެ. ހަމަޖެހިގެން އިނދެ ވިސްނި ވިސްނުމުން ނައިއަލްއަށްޓަކައި އޮތް އިތުބާރު އަނބުރާ ލިބުނެވެ. އޭނާގެ ހިތް ހަދިޔާކުރެވިފައި ވާ ފަރާތަށްވުރެ ބޮޑަށް ނުވެސް ދަންނަ ޔޫސުފްއަށް އެ ގަޑީގައި އިތުބާރު ކުރެވުނީތީ އަމިއްލަ ނަފްސަށް މަލާމަތްކުރެވޭ ހާލުގައެވެ. ފޯނު ހުޅުވާފައި އަނެއްކާވެސް ބަލައިލީ ނައިއަލްގެ ކޯލެއް ނުވަތަ މެސެޖެއް އިންތޯއެވެ. މިފަހަރު ފެނުނީ ނައިއަލްގެ ހުރިހާ އެކައުންޓްތަކެއް ޑިލީޓްކޮށްފައި ހުރިތަނެވެ. އޭނާގެ ނަންބަރަށް ގުޅައިލިއިރު ނަންބަރުވެސް ޚިދުމަތް ކަނޑައިލާފައެވެ. ނައިއަލްގެ ޚަބަރެއް ވާނެ ހުރިހާ މަގެއް ބަންދުވީއެވެ. ދެން ހަދަންވީ ގޮތެއް ނޭންގިފައި އަނެއްކާވެސް ގަބުއަރާފައި އިން އީމާއަށް ކުއްލިއަކަށް ހެވުނުތަން ފެންނަ މީހަކަށް ހީވާނީ އޭނާ މުޅިން މޮޔަވީ ކަމަށެވެ.

“ހަހަހަ…ހަހަހަހަ… އޯކޭ… އޯކޭ ދެން… ކޮންމެސް ދުވަހަކުން އަންނާނެއެއްނު. މަންމަޔާ ބައްޕާޔާހެން ދޫކޮށްފަދިޔައީއޭ ކިޔާ ޑްރާމާ ވާކަށް ނުޖެހެއެންނު، އޭނަ މަރުވީކީ ނޫންވިއްޔަ. މަށެއް ނޫޅެން ޑެސްޕްރެޓް ވެގެނެއް. އަލުން އައިމަ ދިމާވާނެއެންނު.” އަތުގައި އޮތް ފޯނު އެނދުމައްޗަށް ހޫރާލާފައި، އީމާ އެދުމައްޗަށް އުއްޑުން ޖެހިގަތެވެ. ކުއްލިއަކަށް ހުރިހާ ކަމެއް ހަވަޔަށް އަަރުވައިލީ އެ ވަގުތަށެވެ.

އޭގެ ފަހުން އެތަށް ގޮތަކުން އީމާއަށް އެ ހާދިސާ ގޯނާކުރިއެވެ. އެކުވެރިންނާ ދުރުވާންފެށީ އެ މީހުންވެސް އޭނާ ދޫކޮށްފައި ދާނެކަމުގެ ބިރަށެވެ. އަމިއްލަ ނަފްސަށް ވިސްނައިދިނީ އެކުވެރިއެއްގެ ބޭނުމެއް ނެތްކަމަށެވެ. ދިހަ އަހަރު ތެރޭގައި ނައިއަލްއާއި ދޭތެރޭވެސް އެތަށް އިހުސާސެއް ކުރެވުނެވެ. ބައެއްފަހަރު އޭނާދެކެ ރުޅި އާދެވެއެވެ. އަނެއްބައި ފަހަރު މޮޅަށް ކިޔަވައިގެން ބާއްޖަވެރި ދިރިއުޅުމެއް އުޅޭނެކަމުގެ އުންމީދުކުރެވެއެވެ. އަދި ބައެއްފަހަރު ނައިއަލް އެއީ އުޅުނު މީހެއްކަންވެސް ގަދަކަމުން ހަނދާން ނައްތައިލަން މަސައްކަތް ކުރެއެވެ. އީމާގެ އެންމެ ފަހުގެ ނިންމުމަކަށްވީ ނައިއަލްއާއި ދޭތެރޭގައި ވީ އެންމެހާ ނުރަނގަޅު ވިސްނުންތަކެއް މުޅިން ފޮހެލުމެވެ. މަންމަމެން މަރުވިއިރު ފެށުނު، ނިދީގައި ކަންކަންކުރެވުމުގެ އާދަ އަލުން ފެށުނުކަމާއި، ކުއްލި ކުއްލިއަށް އަންނަ ރުޅިގަނޑުވެސް އާދައިގެ މަތީ ކަމަކަށް ހަދައިލާފައި، ނައިއަލްއަކީ އޭނާ ލޯބިވީ ކުއްޖެއްކަމާއި، އަދި އެއްފަހަރު ނަމަވެސް ބައްދަލުވެ، ކުރީގައިހެން އެކުގައި އުޅުމަށް އެދޭ ފަރާތެއްކަން އެކަނި އޭނާގެ ހިތުގައި ފަވާލިއެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (19)

  1. ??

    Maashaa allah… reethi kamaaeve. ?? when next?????

  2. magnumm

    Oh godd. Hama Speechless❤❤stryy hama varah varah varah varah rythi ingeyyy??so curious to read the next episode. Lav u guyssssssssssssss. Take careee?also gudd nyttt?

  3. Shaakko

    Wowwww????♥️♥️♥️♥️
    مشاء الله????????

    1. afnaarj
      Shaakko

      Thanks in loads shaakko ?❤!

  4. Kairaa

    Wowwww…masha allah….varah varah varah reeethi….curiously waiting for the nxt part…..and whn nxt….waiting…lysm..

    1. afnaarj
      Kairaa

      Awwwn thankewww kairaa ❤u all make our day better ? next part very bery soon. Hopefully tmr ? L.Y.M

  5. Shy❤

    Varah reethi mi part ves? curiously waiting for next part.. well are u girls or boys?? LYSM❤?

    1. afnaarj
      Shy❤

      Thank youuuuu for ur sweet words ? next part will be submitted very soon. ❤ we r planning to leave the guessing to u all for now ? much love ??

  6. afnaarj

    In Reply to ??: thank you so much immensely and extremely for being such a sincere supporter. ❤?! Next part tmr insha allah ?

  7. afnaarj

    And for magnums comment ❤. We can never thank you enough for all ur kind supporting and motivating comments since the start ?? we r very lucky to have u ?! Take care much love

  8. m-z-o-n-a

    Omg !!! this story is superb.. !! luv this story and luv the jokes.. !!! its so funny i had to read this twice again.. hope u upload the next part soon.. keep up the good work writers.. hama varah varah varah varah best vaahaka eh mee.. luv you friend 🙂

    1. afnaarj
      m-z-o-n-a

      Awwwwn thank youuuuu real bigg m-z-o-n-a ❤ it feels nice to hear such motivational words. We will upload the 8th part very soon insha allah ??much love

  9. shaiiii

    woww mi prt vx hama PERFECT ingey….lysmm

    1. afnaarj
      shaiiii

      Thank you very much shaiiiii ❤it’s lovely to see ur comment again ??ly2

  10. Ihoo

    Masha allah mi part v obi ?? wen next part???

    1. afnaarj
      Ihoo

      thnx ihoo next part mihaaru up vejje

  11. Writer

    Wait how are you guys seeing the comments even though it is not published?????

    1. afnaarj
      Writer

      magey vaahakathah page ah gossa screen vertical kureema drafts aa published stries ge kanaaih falhi ah araane arrow eh kahala echeh. publish stries ge e arrow ah fitheema pending comments huriyyaa huri adhadhu araafa innaane. e ah fitheema fennaane. computers ga nufeney. mobiles/tablets/ipads ga fennanee. hope this helped ?

  12. Imkko

    Maasha allah … love this part two … i could imagine eema and naial singing and dancing … sifakurun v furihama … ♥️♥️

Comments are closed.