Skip to content
އެސްފިޔަ

އަނދިރިފަރާތް 38

އޭނާގެ ކުރިމަތީގައި އަހަރެންގެ ބަލިކަށިކަން އެހާ ފަސޭހައިން މި ހާމަވަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ އަކީ އަހަރެންގެ ކާކު ހެއްޔެވެ؟

“ޝުބާ…”

އަރޫން އަނެއްކާވެސް ވައި އަޑުން އަހަރެންގެ ނަން ކިޔާލައިފިއެވެ.

“ހުމްމް..”

އަހަންނަށް ބުނެވުނީ އެހެންނެވެ.

“އަހަރެން….”

ސީރިއަސް ރާގެއްގައި އޭނާ އެ ޖުމްލަ ފެށި ނަމަވެސް އެ އަޑު ކުއްލި ގޮތަކަށް ހުއްޓުން އަރައިފިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ އަހަރެންގެ ހަށިގަނޑުން ދޫކޮށްލައިފިއެވެ.

“ނެވާމައިންޑް… ސޮރީ…”

އަހަންނާ ދުރަށް ޖެހިލަމުން އޭނާ ދެން ބުނެލީ އެހެންނެވެ. އަހަރެން ފަހަތަށް އެނބުރި އަރޫންއާ ދިމާ ބަލާލީމެވެ. އިތުރު އެއްޗެއް ނުބުނެ އޭނާ ގޮސް ވަނީ ކޮޓަރިއަށެވެ. އެ މޫނުމައްޗަށް އެވަގުތު އަރައި ފައިބަމުން ދިޔަ ކުލަތައް ބަލަން ކިތަންމެ ބޭނުންވި ކަމުގައި ވިޔަސް އަހަންނަށް އެވަގުތު ފެނުނީ އޭނާގެ ފުރަގަހެވެ.

ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއިރު އަހަރެންގެ އަތްފައި އާދަޔާ ޚިލާފަށް ފިނިހެން ހީވެއެވެ. އަހަރެންގެ މޭގެ ތެޅުން އާދަޔާ ޚިލާފަށް ގަދަހެން ހީވެއެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ އޭނާގެ ސަބަބުން އަހަންނަށް މިހާވަރު މިވަނީ ކީއްވެ ހެއްޔެވެ؟ އެއީ އަރޫންއެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ.
އަހަރެން ލޯބިވާ މީހާ ވަނީ މީގެ ދެއަހަރުކުރިން މި ދުނިޔެ ދޫކޮށްފައެއް ނޫން ހެއްޔެވެ؟ ޝާކިން ނޫން މީހަކު ދެކެ އަހަންނެއް ލޯތްބެއް ނުވާނަމެވެ. ނުވެސް ވެވޭނެއެވެ. އަހަރެން މި މިޝަންގައި ބައިވެރިވީވެސް އެހެންވެއެއް ނޫން ހެއްޔެވެ؟ އިތުރު މީހަކު އަހަރެންގެ ހަޔާތަށް ގެންނަން ބޭނުން ނުވާތީއެވެ. މުޅި ދުނިޔެއަށް ފިލައިގެން އުޅެން ބޭނުންވާތީއެވެ.

** **

ހަތަރެސްފަރާތުގައި އެލުމިނިއަމް ޖަހާފައިވާ ގުދަންގަނޑެއް ކަހަލަ އެ ކޮޓަރީގައި އަހަރެން ހުއްޓިގެން ހުރީމެވެ. އަހަރެންގެ ކުރިމަތީގައިވާ ގޮނޑީގައި، ހަތަރެސްފައި ބަނދެފައި އިން ޒަފަރާ ދިމާއަށް ބަލަހައްޓައިގެން ހުރިއިރު އަހަރެންގެ ރުޅި ދިޔައީ ހިނދެއް ހިނދަކަށް ގަދަވަމުންނެވެ.

އެންމެފަހުން އޭނާއަށް ޖެހުނީ މިތަނަށް އަންނަންތާއެވެ. އަމިއްލަ ދަރި ސަލާމަތްކުރުމުގެ ބޭނުމުގައެވެ. މި އިންސާނިއްޔަތުކަމެއް ނެތް މީހާގެ ހިތުގައިވެސް އޭނާގެ ދަރިއަށްޓަކާ ކޮންމެވެސް ވަރެއްގެ ކުލުނެއް އެބަހުރިތާއެވެ.

“ކަލޭ ތި ބުނަނީ އުޒޭލް ދޫކޮށްލާނީ އަހަރެން އަމިއްލައަށް ކަލޭމެންނާ ހަވާލުވީޔާއޭތަ؟”

ޒަފަރު އޭނާގެ ބަރު އަޑުން ވާހަކަދެއްކިއެވެ.

“އަދި މިސްޓާރ ޒެޑްއާ ބެހޭ ހުރިހާ މައުލޫމާތެއް އަހަރެމެންނަށް ދިނިއްޔާ..”

ދެއަތް އުރާލަމުން އަހަރެން ވާހަކަދެއްކީމެވެ.

ފުންނޭވައެއް ދޫކޮށްލަމުން އޭނާ ތިރި ބަލާލިއެވެ. ހަދަންވީ ގޮތަކާމެދު ވިސްނަނީ ކަންނޭނގެއެވެ. އެ ހަރަކާތްތަކުން އޭނާ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައިވާ ކަން އަހަންނަށް އެނގުނެވެ.

އޭނާ ޖެހިލުން ނުވާންވީ އެއްވެސް ސަބަބެއް ވެސް ނެތްތާއެވެ. އޭނާ އަހަރެމެންނަށް އެއްވެސް މަޢުލޫމާތެއް ދިންކަން އެނގިއްޖެނަމަ މިސްޓަރ ޒެޑް އޭނާ ވެސް މަރާލާނެއެވެ. އެވަރު އޭނާ ދަންނާނެއެވެ.

“އެންމެ ރަނގަޅު.”

ދެލޯމަރައި ފިއްތާލަމުން ޒަފަރު ބުނެލިއެވެ. އޭނާ އެނިންމީކީ ފަސޭހަ ނިންމުނެއް ނޫންކަން އަހަންނަށްވެސް އެނގެއެވެ. އުޒޭލް ދެކެ އޭނާ ލޯބި ވާވަރު އަހަންނަށް ހާމަވެއްޖެއެވެ.

“އުޒޭލް ގެނަސްދީ. ކަލޭމެން އޭނާއަށް އެއްވެސް އަނިޔާއެއް ނުކުރާކަން ޔަގީންނުވާ ހިނދަކު އަހަރެން ކަލޭމެންނަށް އެއްވެސް މައުލޫމާތެއް ނުދޭނަން.”

ދެލޯ ހުޅުވައި އަހަރެންނާ ދިމާއަށް ބަލާލަމުން އޭނާ ބުނެލިއެވެ. އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ.

ކަންފަތުގައި އަޅުވާފައިވާ ހެޑުސެޓުގައި އަތްޖައްސާލުމަށްފަހު އަހަރެން ވާހަކަދައްކަން ފެށީމެވެ.

“ބްރިންގް ހިމް.”

އަހަރެން އެހެން ބުނެލިތާ މާ ގިނައިރުތަކެއްނުވެ އެތަނުގެ ދޮރު ކެހިގެން ހިނގައްޖެއެވެ. އެއާއެކު އުޒޭލް ގޮވައިގެން ތަނުގެ އެތެރެއަށް ވަދެގެން އައީ އަރޫންއެވެ.

އުޒޭލްގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ބިރުވެރިކަމެވެ. އޭނާއަށް މި ވާނުވާ އެއްވެސް ވަރަކަށް ނޭނގޭކަން އަހަންނަށް އެނގެއެވެ. ގޮނޑީގައި އައްސާފައި އިން ޒަފަރު ފެނުމުން އޭނާ އެ ދިމާއަށް ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ.

“ޑޭޑް!”

އޭނާ ގޮސް ޒަފަރު ކައިރީ މަޑުކޮށްލަމުން ގޮވާލިއެވެ.

“އެއީ ކޮންބައެއް؟ އެމީހުން ކީއްވެ އަހަރެން ކޮޓަރިއަކަށް ލައި ބަންދުކޮށްފަ ބެހެއްޓީ؟ ކީއްވެ އެމީހުން ޑޭޑް ހައްޔަރުކުރީ؟”

އުޒޭލް އޭނާގެ ސުވާލުތައް އަމުނާލިއެވެ.

“އުޒޭލް.. އައި އޭމް ސޯ ސޮރީ..”

އިސްޖަހާލަމުން ޒަފަރު ބުނެލީ އެހެންނެވެ.

“ކޮންކަމަކަށް؟ ކިހިނެއްހޭ ވެގެން މިއުޅެނީ؟؟”

މިފަހަރު އުޒޭލްގެ އަޑު ކުރިއަށްވުރެ ބާރެވެ. އެއަޑުގައި އެކުލެވިގެންވަނީ ހަރުކަށިކަމެވެ.

“އައި ވިޝް އައި ކުޑް ޓެލް ޔޫ.. އެކަމަކު އަހަންނަށް މި ހުރިހާ އެއްޗެއް ކިޔާދެވޭކަށް ނެތް. ގެއަށްގޮސް މަންމަ ކައިރީ ބުނޭ ޑޭޑްއަށް ނާދެވޭނެ ވާހަކަ. އަދި ބުނޭ. ދަރިފުޅުމެން ގޮވައިގެން ވީހާވެސް ދުރަށް ދާށޭ. އޭރުން މަންމައަށް އެނގޭނެ ކަންތައް ކުރަންވީ ގޮތް..”

ޒަފަރު ފަރުވާތެރި ކަމާއެކު ކިޔައިދިނެވެ.

“ވައި؟ ވަޓްސް ހެޕަނިންގް؟ ވަޓްސް ރޯންގް؟”

ނުތަނަވަސްވެފައި ހުރެ އުޒޭލް އަނެއްކާވެސް އަހާލިއެވެ. އެ އަޑުގައި މިހާރު މަޑު ތުރުތުރެއް އުފެދިފައި ވިއެވެ.

“ބުނެބަލަ ޑޭޑް.. ޑޭޑްއަށް ދެން ނާދެވޭނެއޭ؟ ވަޓް ޑޫ ޔޫ މީން؟”

ޒަފަރު އަނގައިން ނުބުނުމުން އޭނާ އަނެއްކާވެސް ވާހަކަދައްކަން ފަށައިފިއެވެ. މިފަހަރު ޒަފަރުގެ ގައިގައި ހިފަހައިގަންނަމުންނެވެ.

“ޕްލީޒް. އިތުރު ސުވާލު ނުކުރޭ..”

އެހެން ބުނުމަށްފަހު ޒަފަރު ދެން ބަލާލީ އަހަންނާ ދިމާއަށެވެ.

“ޓޭކް ހިމް އަވޭ ޕްލީޒް..”

އުޒޭލް އެކުރާ ސުވާލުތަކުން އޭނާގެ ބޮލަށް އުނދަގޫވީ ކަންނޭނގެއެވެ. އަހަންނާ މުޚާތަބުކޮށް އޭނާ އެހެން ބުނުމާއެކު އަހަރެން އަރޫންއަށް އިޝާރާތް ކޮށްލީމެވެ. އެއާއެކު އަރޫން ގޮސް އުޒޭލްގެ ގައިގައި ހިފައި އެތަނުން ގެންދިއައީ އޭނާ ނުދާން ގަދަ ހަދަހަދާ ހުއްޓައެވެ.

“ސޯ..”

އުޒޭލް އެތަނުން ގެންދިއުމާއެކު އަހަރެން ޒަފަރު އިން ދިމާއަށް ދެތިން ފިޔަވަޅު އަޅަމުން ވާހަކަދެއްކީމެވެ.

“ބުނޭ.. މިސްޓާރ ޒެޑް އަކީ ކާކު؟”

ހަރުކަށި ގޮތަކަށް އަހަރެން އޭނާއާ ސުވާލުކޮށްލީމެވެ. އެއާއެކު ޒަފަރު މަޑުމަޑުން ހީލިއެވެ. އަހަންނާ ދިމާއަށް މަލާމާތްކުރާ ފަދައަކުންނެވެ.

“މާ ވައްތަރު ނުޖައްސަ އަހަރެން ކައިރީ ބުނަންވީ އިނގޭ. އެހެންނޫނީ ނިކުންނަ ނަތީޖާ މާކަ ރަނގަޅެއް ނުވާނެކަން ކަލެއަށް އެނގެއެއްނު؟”

އަހަރެން ދެފަރާތް ދެފަރާތަށް ހިނގަމުން ވާހަކަދެއްކީމެވެ.

“ހީ އިސް އަ ޑޭންޖަރަސް މޭން. އޭނާގެ ނުފޫޒު އެތަށް ގައުމެއްގައި ހިނގާކަން ކަލޭމެންނަށް އެނގޭ ދޯ؟”

ސީދާ އަހަރެންގެ ދެލޮލަށް ބަލާލަމުން އޭނާ ވާހަކަދެއްކިއެވެ.

“އެނގޭތީ ދޯ އަހަރެމެން އޭނަ އަތުލައިގަންނަން މި މަސައްކަތް ކުރަނީ.”

އަހަރެން ބުނެލީމެވެ.

“ނޯ ނޯ ނޯ.. ކަލޭމެން ހީކުރާ ވަރަށްވުރެ އޭނަގެ ނުރައްކާ މާ ބޮޑު..”

އެއްމިޔަކުން ހިނިތުންވެ އިނދެ ޒަފަރު ބުނެލިއެވެ.

“ކުރާ ސުވާލަށް ޖަވާބުދީ!”

އަހަރެން ހަޅޭއްލަވައިގަތީމެވެ. އޭނާ އެ އިތުރު ވާހަކަ ދައްކަނީ އަހަރެން ބިރުގަންނާނެ ކަމަށް ހެއްޔެވެ؟

“ވަރަށް ރީތިކޮށް މި އަހަނީ..”

ހިނގަމުން ގޮސް އޭނާގެ ކުރިމަތީގައިވާ މޭޒުގައި އަތް ވިއްދާލަމުން އަހަރެން ވާހަކަދެއްކީމެވެ.

“މިސްޓާރ ޒެޑް އަކީ ކާކު؟”

އަހަރެން މި ފަހަރު ސުވާލުކޮށްލީ ވަރަށް މަޑުމަޑުންނެވެ. ޖަވާބު ނުދޭން އުޅޭ ފަދައަކަށް ވާހަކަ ދެއްކިޔަސް އޭނާ އަހަރެމެންނަށް ހުރިހާ ވާހަކައެއް ކިޔައިދޭނެކަން އަހަންނަށް އެނގެއެވެ. އުޒޭލް އެހުރީ އަދިވެސް އަހަރެމެންގެ އަތްދަށުގައެވެ. އޭނާ އެ ހުރިހާ އެއްޗެއް ނުކިޔައިދެނީސް އަހަރެމެން އުޒޭލް ދޫނުކޮށްލާނެކަން އޭނާއަށް ރަނގަޅަށް އެނގޭނެއެވެ.

“އޭ ޑީ ޓީ ޕީ ސެވަން..”

ޒަފަރު އެހެން ބުނުމާއެކު އަހަންނަށް ނިތަށް ދެތިން ރޫ އަރުވާލެވުނެވެ. އެވަގުތަކީ އުޒޭލް އެހެން ތަނަކަށް ލާފައި އަރޫން ވެސް އެނބުރި އައި ވަގުތެވެ. އޭނާއަށް ވެސް ޒަފަރު އެބުނި އެތި އަޑު އިވޭނެއެވެ.

“އެއީ ކޯއްޗެއް؟ އޭޑީޓީޕީ ސެވަން އަކީ ކޯއްޗެއް؟”

އަރޫން އައިސް އަހަރެން ހުރި ހިސާބުގައި ހުއްޓެމުން ސުވާލުކޮށްލިއެވެ. އޭރު އަހަރެންވެސް ހުރީ އެއީ ކޮން އެއްޗެއްތޯ އޮޅުން ފިލުވާހިތުން ކެތްމަދުވެފައެވެ.

އަހަންނަށް އޭޑީޓީޕީގެ ލޯގޯ އެންމެ ފުރަތަމަ ފެނުނީ ރޫޝިންގެ ގިޓައިންނެވެ. އެއަށްފަހު ޒަފަރު އަހަރެމެން ހައްޔަރުކޮށްގެން ގެންދިޔަ ތަނުންނެވެ. އޭނާ އެތަނުގައި އަހަރެމެންނަށް ހާދަ އަނިޔާއެއް ކުރިއެވެ. އެ އަނިޔާތަކުގެ ސަބަބުން އަރޫން މިޔަދު ދުނިޔޭގައި އެހުރީ ހަމަ ކިރިޔާއެވެ. އެ ދުވަހުގެ މަތިން ހަނދާންވުމާއެކު އަހަންނަށް ދަތްކުނޑި ވިކާލެވުނެވެ. ދެއަތް މުއްކަވާލެވުނެވެ. ޖީބުގައިވާ ފިސްތޯލަ ނަގައި ސީދާ އޭނާގެ ބޮލަށް ޖެހަންވީއޭ ވެސް ހިތަށްއެރިއެވެ. ނަމަވެސް އައިސްފައިވާ ރުޅި ހިންދަން އަހަރެން މަސައްކަތްކުރީމެވެ. މިސްޓާރ ޒެޑްއާ ބެހޭ މަޢުލޫމާތު އަހަރެމެންނަށް ދެވޭނެ ހަމައެކަނި މީހަކީ އެއެވެ.

“އޭޑީ.. އެއީ މިސްޓާރ ޒެޑްގެ ނަން. އެޓްލީސްޓް ދެޓްސް ދަ ނޭމް އައި ނޯ..”

ޒަފަރު ބުނެލިއެވެ.

“ތިބުނަނީ ކަލެއަށްވެސް މިސްޓާރ ޒެޑްގެ އަސްލު ނަމެއް ނޭނގެއޭތަ؟؟”

އަހަންނަށް ތަންކޮޅެއް ބާރަށް އަހާލެވުނެވެ.

“އާނ.. އަހަންނަށް ކިހިނެއްތަ އެނގޭނީ.. އަހަރެންމީ އޭޑީ އާ އޭނާގެ ޕާޓްނާގެ ދަށުން ހުންނަ މީހާ ވިއްޔަ.”

ޒަފަރު ބުނެލިއެވެ.

“މިސްޓާރ ޒެޑް ގެ ޕާޓްނަރޭ؟ އެއީ ކާކު؟”

އެއްބުމަ އަރުވާލަމުން އަހަރެން އަހާލީމެވެ.

“ޓީޕީ..”

އޭނާ އެހެން ބުނުމާއެކު އަހަންނާ އަރޫންއަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ.

“އޭޑީޓީޕީ އަކީ އެ ދެމީހުންގެ ނަން އެއްކޮށްލައިގެން.. ސެވަން އަކީ 2007. އެމީހުން މި ކަންތައް ފެށި އަހަރު އެއީ.”

ޒަފަރު އަހަރެމެންނަށް ކިޔައިދިނެވެ.

“އެހެންވިއްޔާ މިސްޓާރ ޒެޑްގެ ޕާޓްނާރ – ޓީޕީ.. އޭނައާ ބެހޭގޮތުން އެނގެނީ ކޮން އެއްޗެއް؟”

އަހަރެން އަހާލީމެވެ. އެއާއެކު ޒަފަރު ފުން ނޭވައެއް ދޫކޮށްލިއެވެ.

“އަހަންނަށް އެނގޭހާވެސް އެއްޗަކީ އޭޑީ އާ ޓީޕީ އަކީ ވަރަށް ގާތް ދެމީހުންކަން. ދޭ އާ ބެސްޓްފްރެންޑްސް. އެންމެ ކުރީއްސުރެ.”

އޭނާ ކިޔައިދިނެވެ.

“އެމީހުން މިހާރު ތިބީ ކޮންތާކުކަން ކަލެއައަށް އެނގޭތަ؟”

އަހަރެން އަހާލީމެވެ.

“ސީދާ ވީތަނެއް ބުނާކަށް ނޭނގެ. ބޮޑަށް ލަފާކުރެވެނީ ދިވެހިރާއްޖޭގަހެން..”

ކުޑަކޮށް ވިސްނާލާފައި އޭނާ ވާހަކަދެއްކިއެވެ.

“ކީއްވެ؟ ކީއްވެ ދިވެހިރާއްޖޭގަހެން ހީވަނީ؟؟”

އަހަންނަށް އަހާލެވުނެވެ.

“ދޭ ކިޑްނެޕްޑް ސަމްވަން.. ރާއްޖެއިން…”

އެއް މިޔަކުން ހިނިތުންވެލަމުން ޒަފަރު ބުނެލިއެވެ. އެވަގުތު އަހަރެންގެ ސިކުނޑިއަށް އައީ މާޒްގެ ދަރިފުޅު، ރައިނާއެވެ. ދެލޯ ހަނިކޮށްލަމުން އަހަރެން އޭނާއާ ދިމާއަށް ބަލާލީމެވެ.

“ކިހިނެއް އެނގެނީ އެކުއްޖާ ގޮވައިގެން އެމީހުން އެހެން ގައުމަކަށް ނުދާނެކަމެއް؟”

މިފަހަރު ސުވާލުކުރީ އަރޫންއެވެ. އެއަޑުގައިވާ ހަރުކަށިކަމާއި ރުޅިވެރިކަން އަހަންނަކަށް ސިއްރެއްނުވިއެވެ. އަހަރެން އޭނާއާ ދިމާއަށް ބަލާލީމެވެ. ދެއަތް މުއްކަވައިގެން ހުރިއިރު އެ ކަޅުކަންގަދަ ބުމަ ވަނީ ގޮށްޖެހިފައެވެ. ރައިނާއަށްޓަކާ އޭނާގެ ހިތުގައި އުފެދިފައިވާ ކުލުނުގެ ވަރުގަދަކަން އަހަންނަށް އެނގެއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނާ އެ މައުސޫމް ކުއްޖާ ސަލާމަތްކުރަން ބޭނުންވާކަން އަހަންނަށް އެނގެއެވެ.

“އައި ނޯ ދެޓް. ބިކޯޒް. އެމީހުން އެތަނަކަށް ދިޔައީ ވަކި މަޤުސަދަކު. އެނގޭދޯ އެއީ ކަލޭމެންގެ އެޖެންޓެއްގެ ދަރިއެއްކަން؟ ދެން ވިސްނާލާ. އެމީހުން އެތަނަށް ގޮސް އެތިބީ ކޮން މަޤުސަދަކުކަން..”

ހިނިގަނޑެއް ޖަހާލަމުން ޒަފަރު އެބުނި އެއްޗެއްގެ ސަބަބުން އަހަރެންގެ ބޮލަށް އުނދަގޫވެގެން ދިޔައެވެ. އިރުކޮޅެއްވަންދެން ފާޑަކަށް ގަބުވެފައި އަހަންނަށް ހުރެވުނީ ސިކުނޑިއަށް ވެރިވަމުން ދިޔަ ޚިޔާލުތަކުގެ ސަބަބުންނެވެ.

“ދުރުދުރުން ވާހަކަ ނުގެންގޮސް ރީތިކޮށް ބުނޭ! އެމީހުން ރާއްޖެ ގޮސް އުޅޭ މަޤުސަދު ކަލެއަށް ރަނގަޅަށް އެނގެއެއްނު؟ ބުނޭ!!”

މޭޒުމަތީގައި ނިކަން ބާރަށް ޖަހެމަށްފަހު އަހަރެން ހަޅޭއްލަވައިގަތީމެވެ. އޭރުވެސް ޒަފަރުގެ މޫނުމައްޗަށް ވެރިވެފައި ވަނީ ނުލަފާ ހިނިތުންވުމެކެވެ. އޭގެ ސަބަބުން އަހަރެންގެ ރުޅިގަނޑު ދިޔައީ ހައްތަހާ މައްޗަށެވެ.

“ކަލޭމެންގެ އެޖެންސީ އެމީހުންގެ އަތްދަށަށް ގެނައުން.. އެއީ އެމީހުންގެ އަސްލު މަގުސަދު..”

ޒަފަރު ނުލަފާ ގޮތަކަށް ބުނެލިއެވެ. އެއާއެކު އަހަންނަށް ބަލާލެވުނީ އަރޫންއާ ދިމާއަށެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަހަރެންގެ ހިތް ބިރުވެރިކަމާ ނުތަވަސްކަމުން ފުރިގެން އައެވެ.

“އަހަރެމެން ރާއްޖެ ދާން ޖެހިއްޖެ. ވީހާވެސް އަވަހަކަށް. އާރިފް ސާރއަށް ގުޅާ. ހުރިހާ އެއްޗެއް ކިޔައިދީ.”

އަހަރެން އެހެން ބުނުމާއެކު އަރޫން ބޯޖަހާލުމަށްފަހު ދުވެފައި ގޮސް އެތަނުން ނިކުތެވެ. އެއާއެކު ޒަފަރު ބާރުބާރަށް ހޭން ފެށިއެވެ. އެ ބަރު ހުނުމުގެ އަޑު މުޅި އެތަނުގައި ގުގުމައިގެން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. imkko

    maasha allah … hama wow …. mi story up kureytho v inthizaaru kihfim … finally … thanx fir uploading … plz mi vaahaka ninmachey dear .. … love this story soooooo much ….. curiously waiting for the next part ❤❤❤❤❤❤

  2. Annu

    Uhhhh I thought mi stry dhn up nuvaane kmh bt alhamdhulillah it is here noww thank u so much n plxx mi stry nimmalahcheyy I can’t wait anymore ?❤️

  3. Liyaa

    Varae dhuvas kohlaafa vaahaka up kohfiyo thanku liaa vaahaka nimanden genas dacheyy love ?

  4. magnumm

    Case thah thahqeeq kuraa strysss varah kiyaa hiyyvey??mi part vx hama varah furihama <3 whn next liaaaaa …M waiting ngeyyyyyyyy…much lavss dhoonigandaa??

  5. kohki

    finally lia is back haadha inthizaareh kurevuney ethah dhuvah ethah reyeh faaithuvegen dhiyairuves lia ge habareh nuvi.unmeedhu kadaalifahun thi vaahaka up kuryves.varah ufaa vehjje vaahaka up kuryma.dhenmedhunukadaa vaahaka genesdheynekamah unmeedhukuran.

  6. kujjaa

    1 aharaa 9 mas fahun vaahaka mi up vee
    mi part kiyaalan beynunveema jehunee mi season ehkoh fashaan
    Dhen anekkaa neynge up vaaneireh
    mee kurin readers emmen loabivaa eh writer but mihaaru mmi kan mi vaagothahun neynge vaanegothehves

  7. Hoodie

    Finally… after 2 years.

  8. Anonymous

    OMGG YAYYYY I thought u were never gonna upload again

Comments are closed.