Skip to content
އެސްފިޔަ

އަނދިރިފަރާތް 39

“އަހަރެމެން ރާއްޖެ ދާން ޖެހިއްޖެ. ވީހާވެސް އަވަހަކަށް. އާރިފް ސާރއަށް ގުޅާ. ހުރިހާ އެއްޗެއް ކިޔައިދީ.”

އަހަރެން އެހެން ބުނުމާއެކު އަރޫން ބޯޖަހާލުމަށްފަހު ދުވެފައި ގޮސް އެތަނުން ނިކުތެވެ. އެއާއެކު ޒަފަރު ބާރުބާރަށް ހޭން ފެށިއެވެ. އެ ބަރު ހުނުމުގެ އަޑު މުޅި އެތަނުގައި ގުގުމައިގެން ދިޔައެވެ.

**

އަރޫންގެ ނަޒަރުން:

މިކަމުގައި ހާދަ ބޮޑު ނުބައެއް އެބައުޅެއޭ އަހަރެންގެ ހިތް މި ބުނަނީ ކީއްވެގެން ހެއްޔެވެ؟ ބާރު ހިނގުމެއްގައި އެޖެންސީގެ ތެރެއަށް ވަދެގެން އައިއިރު އަހަރެންގެ ސިކުނޑި ވަނީ އެތައް ޚިޔާލުތަކަކުން ފުރިފައެވެ.

“ވެލްކަމް ބެކް!”

ޖޯޝީ އަޑަކުން އެހެން ބުނެ އަހަރެންގެ ކުރިމައްޗަށް އެރީ ރޫޝިންއެވެ. އެ މޫނުމަތީގައި ވަނީ ފުޅާ ހިނިތުންވުކެވެ. ނަމަވެސް އަހަންނަށް ހިނިތުންވާކަށް ވެސް ނޭނގުނެވެ. ފާޑަކަށް އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

“ކިހިނެއްވީ؟ އަހަރެންމީ އަރާކާ އެއްޗެއްތަ؟”

އަހަރެންގެ ދެލޯ ކުރިމަތީގައި އަތް ހޫރަމުން އޭނާ މަޖާވެފައި އަހާލިއެވެ. އެވަރުންވެސް އަހަރެންގެ އަނގައިން އެންމެ ބަހެއްވެސް ނުނިކުތެވެ.

އެރޭ އުޒޭލް ބުނި އެއްޗަކާމެދު ވިސްނެނީއެވެ. ރޫޝިންއާ އުޒޭލް ކުރިން އެކުގައި އުޅުނުނަމަ….
ތެދެކެވެ. އަހަރެންގެ ހިތްވަނީ ރޫޝިންއަށްޓަކާ ޝައްކުން ފުރިފައެވެ. އޭނާއަށް ފަސްދީފައި އަހަރެން ހަރު ހިނގުމެއްގައި މިސްރާބުޖެހީ އާރިފް ސާރގެ އޮފީހަށެވެ.

ޒަފަރުގެ ކިބައިން އެނގުނު އެއްޗެހީގެ ސަބަބުން އަހަންނާ ޝުބާ އޭނަ ގޮވައިގެން ރާއްޖެ އައީ މިޔަދު ހެނދުނެވެ. މިސްޓާރ ޒެޑް ގެ ޕްލޭން އަކީ އަހަރެމެންގެ އެޖެންސީ އޭނާގެ ބާރުގެ ދަށަށް ގެނައުންކަން އެނގުނީއްސުރެ އަހަރެމެން އެންމެން މިތިބީ ހުޝިޔާރުވާންޖެހޭ އެންމެ މަތީ ދަރަޖައަކަށް ހުޝިޔާރު ވެގެންނެވެ.

އާރިފްސާރ ގެ އޮފީހުގެ ދޮރު، މައްޗަށް ކެހިގެން ދިޔުމާއެކު އަހަންނަށް އެތަނުގެ އެތެރޭގައި އިން ޝުބާ ފެނުނެވެ. ދެއަތުން ބޮލުގައި އަތް އަޅުވާލައިގެން އިން އިރު އެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމުގެ އަސަރުތަކެވެ.

“ރޫޝިން މިތަނަށް ގެނަސްދީ.”

އިރުކޮޅެއްނުވެ އަހަންނާ ދިމާއަށް ބަލާލަމުން އޭނާ ބުނެލިއެވެ. އަހަންނަށް އެވަގުތު ލިބިގެން ދިޔައީ ކުއްލި ހައިރާންކަމެކެވެ.

“އޭރުންނޯ؟ އޭރުން ޝިންއަށް ޝުބާގެ މޫނު ފެންނާނެ ދޯ!”

އަހަންނަށް އެވަގުތު ބުނެވުނީ އެހެންނެވެ. އެއާއެކު އޭނާ އަހަންނާ ދިމާއަށް ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ.

“އޯކޭ، މި ގެންނަނީ…”

އެހެންބުނެ އަހަރެން އެތަނުން ނިކުމެގެން ދިޔައީމެވެ. އިތުރު އެއްޗެއް ބުނާކަށް އަހަންނަކަށް ނުކެރުނެވެ.

**
ޝުބާގެ ނަޒަރުން:

އާރިފް ސާރ އެތެރެއަށް ވަދެގެން އައުމާއެކު އަހަރެން އިން ތަނުން ކޮޅަށް ތެދުވީމެވެ. އޭރު ސާރ ގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުމުގެ އަސަރުތަކެވެ. އަހަންނަށް އިހުސާސްވަމުން ދިޔައީ ނާކާމިޔާބީގެ ހިތި އިހުސާސެވެ. މިއޮއްހާ ދުވަހު އުޅެގެންވެސް އަހަންނަށް މިކަމެއް ނުވިތާއެވެ. މިއޮއްހާ ދުވަހު އުޅެގެންވެސް އަހަންނަށް އެބުނާ މިސްޓާރ ޒެޑެއް ނުހޯދުންތާއެވެ. އަހަރެންމީ ހަމަ ބޮޑު ނާކާމިޔާބުވެރިއެކެވެ.

“ކިހިނެއް ހަދަން މިހާރު ތިވިސްނަނީ؟”

ސާރ އަހަރެންނާ ސުވާލުކޮށްލީ މަޑުން ނަމަވެސް އެއަޑުގައިވާ ހަރުކަށިކަން އަހަންނަކަށް ނުއޮޅުނެވެ.

“ރޫޝިންއާ ސުވާލުކުރަން.”

އަހަރެން މަޑުމަޑުން ބުނެލީމެވެ.

އާރިފްސާރ ފުންނޭވާއެއް ދޫކޮށްލިއެވެ. އެތަނުގައި ހުރި ބޮޑު ވަށް މޭޒު ކައިރީގައި އިށީނުމަށްފަހު އޭނާ ހަމަޖެހެލިއެވެ. އަހަރެން ކައިރީގައި އިތުރު ވާހަކައެއް ދައްކަން ބޭނުންނުވީ ކަންނޭނގެއެވެ.

އެތަނުގެ ދޮރު ކެހިގެން ދިއުމާއެކު އަހަރެން އެދިމާއަށް ނަޒަރު ހިންގާލީމެވެ. ދޮރު ކުރިމަތީގައި ހުއްޓިގެން ހުރީ އަރޫން އާއި ރޫޝިންއެވެ.

ރޫޝިންގެ ކަޅި އެންމެ ފުރަތަމަވެސް ހުއްޓިގެން ދިޔައީ އަހަރެންގެ މޫނަށެވެ. މިހާރު އެ ސިކުނޑީގައި އެތައް ހާސް ސުވާލުތަކެއް ފުނިޖެހެމުން ދާނެކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެން އެންމެ ފުރަތަމަ ޖަވާބު ބޭނުމީ އޭނަގެ ފަރާތުންނެވެ.

“ޝުބީ؟”

އަހަންނާ ދިމާއަށް ހިނގައިގަތްހިނދު ރޫޝިންގެ އަނގައިން ނިކުމެގެން އައީ އަހަރެންގެ ނަމެވެ. އޭރު އޭނާ އަހަންނާ ދިމާއަށް ކިޔައި އުޅުނު ނަމެވެ. އަހަންނަށް ރޫޝިން ހަމަ ލޮލަށް ނުފެންނަތާ މިވެގެން ދިޔައީ ކިހާ ދުވަހެއް ހެއްޔެވެ؟ އެވަގުތު އަހަރެން ބޭނުންވީ ގޮސް އޭނާ ގައިގައި ބައްދާލާށެވެ. މަންމަމެންގެ ހާލަކީ ކޮބައިތޯ އަހާލާށެވެ. ނަމަވެސް އަމިއްލަ އިހުސާސްތައް މިވަގުތު އެއްފަރާތްކުރަން އެބަ ޖެހެއެވެ.

“އަހަންނަކީ ޑެލްޓާ.”

އަހަރެން ހަރުކަށި ރާގެއްގައި އޭނާއާ ވާހަކަދެއްކީމެވެ.

ރޫޝިން ހައިރާންވެފައި ބަލާލީ އަރޫންއާ ދިމާއަށެވެ.

“އަރޫން. މީ ޝުބީއެއް ނޫން؟”

އޭނާ އަރޫން އާ ސުވާލުކޮށްލިއެވެ. އަރޫން އެވަގުތު ދުރަށް ނަޒަރުހިންގާލިއެވެ. އޭނާއަށް އެ ސުވާލަށް ޖަވާބުދޭން އުނދަގޫވީކަންނޭނގެއެވެ.

“ސާރ؟”

ރޫޝިން ދެން ބަލާލީ އާރިފްސާރއާ ދިމާއަށެވެ.

“ޕްލީޒް. އިތުރު ވާހަކަ ނުދައްކަފާނަންތަ؟ އަހަރެން ރޫޝިން މިތަނަށް މިގެނައީ އަހަރެން ކުރާ ސުވާލުތަކުގެ ޖަވާބު ހޯދަން!”

އަހަރެންގެ ހަރުކަށި އަޑު އިވިފައި އޭނާ ދިޔައީ ފާޑަކަށް ސިހިގެންނެވެ. އިތުރު އެއްޗެއް ނުބުނެ އޭނާ ހިމޭންވިއެވެ.

“ސިޓް.”

އަހަރެންގެ ކުރިމައްޗަށް ވާގޮތަށް އިން ގޮނޑި ދައްކަމުން އޭނާއަށް އަމުރުކޮށްލީމެވެ. އެއާއެކު އޭނާ މަޑުމަޑުން އެގޮނޑީގައި އިށީނެވެ. އެއާ ތަންކޮޅެއް ދުރުގައި އަރޫން ކޮޅަށް ހުއްޓެވެ. އޭރު އެމޫނުމަތިން ފާޅުވަމުން ދިޔަ އަސަރުތައް ދެނެގަންނަށް އަހަންނަށް އުނދަގޫވިއެވެ. އާރިފް ސާރ ވެސް އަހަރެން ކަންތައް ކުރަމުންދާގޮތް އޮބްޒާވް ކުރަން އިނެވެ.

“އަހަރެން މިކުރާ ސުވާލުތަކަށް ރޫޝިން ތެދުތެދަށް ޖަވާބުދޭނެކަމަށް ހީކުރަން..”

މޭޒުމަތީގައި ދެއަތް ވިއްދާލަމުން އަހަރެން ބުނެލީމެވެ. އެއާއެކު ރޫޝިން ބޯޖަހާލިއެވެ.
އޭރުވެސް އަހަރެން ދިޔައީ ހިތާހިތުން ދުޢާކުރަމުންނެވެ. ރޫޝިން އަކީ މިސްޓާރ ޒެޑާއި ގުޅުންހުރި މީހަކަށް ވިޔަ ނުދިނުމަށް އެދިއެވެ.

ކަންތައްތައް ބަދަލުވެގެން ދާގޮތް ނިކަން ދެކިބަލާށެވެ. ކުރީގައި އޭނާއަކީ އަހަރެންގެ އެހާ ގާތް ރައްޓެއްސެކެވެ. މިޔަދު އަހަރެން އޭނާގެ ކުރިމަތީގައި އޭނާއާ ސުވާލުކުރަން މިއިނީ އޭނާއަކީ ޓެރޮރިސްޓެއް ކަމަށް ޝައްކުކުރެވޭތީއެވެ.

“އުޒޭލް އަކީ ކާކު؟”

އަހަރެން އެހެން އަހާލުމާއެކީ ރޫޝިންގެ މޫނުމައްޗަށް އަރާފައިބަމުން ދިޔަ ކުލަވަރު ބަދަލުވިއެވެ. އިސް އުފުލައި އޭނާ އަހަންނާ ދިމާއަށް ބަލާލިއެވެ.

އަހަރެން އުޒޭލްގެ ކުޑަ ފޮޓޮއެއް ނަގައި އޭނާގެ ކުރިމަތީގައި ބާއްވާލީމެވެ.

“އުޒޭލް..”

ރޫޝިންގެ އަނގައިން އުޒޭލްގެ ނަން ބޭރުވީ ވައި އަޑެއްގެ ސިފައިގައެވެ.

“ކާކު އެއީ؟”

އަނެއްކާވެސް އަހަރެން އަހާލީމެވެ.

“ބައްޕަގެ ރައްޓެއްސެއްގެ ދަރި.. ކުރީގައި އަހަރެމެން ވަރަށް ގާތް ވާނެ..”

އަދިވެސް ހަމަ އެ ފޮޓޯއަށް ނަޒަރު ހިންގަން އިނދެ އޭނާ ބުނެލިއެވެ.

“އޭނަގެ ބައްޕައަކީ ކާކުކަން އެނގޭތަ؟”

އަހަރެން ސުވާލުކޮށްލީމެވެ.

“ނަމަކީ ޒަފަރު.”

އަހަންނާ ދިމާއަށް ބަލާލަމުން އޭނާ ބުނެލިއެވެ.

“އެއީ ކީއްކުރާ، ކާކުކަން އެނގޭތަ؟”

އަހަރެން އަހާލީމެވެ.

“ސްކޫލެއްގެ ޕްރިންސިޕަލްއަކަށް އޭރު އޭނަ އުޅުނީ. ވިޔަފާރިއެއް ވެސް ހިންގި ކުރިން.”

ރޫޝިން ބުނެލިއެވެ.

“އެނޫން އިތުރު އެއްޗެއް ނޭނގޭ؟”

އަހަރެން ސުވާލުކޮށްލީމެވެ.

“ނޭނގެ.”

ރޫޝިން ބުނެލިއެވެ.

“އެންމެ ރަނގަޅު. ރޫޝިންގެ ބައްޕަ އަކީ ކާކުކަން ބުނެދީފާނަންތަ؟”

އަހަރެން ދެން ކޮށްލި ސުވާލާއެކު ރޫޝިން ސިހިފައި ކަހަލަ ގޮތަކަށް އަހަރެންގެ މޫނަށް ބަލާލިއެވެ. ބަސްބުނާހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ނިއްކުރިމަތިން ދާތިކިތައް ފާޅުވެގެން ދިޔައެވެ.

އަހަރެންގެ ސިކުނޑިއަށް އެވަގުތު އައީ މީގެ ދެ އަހަރުކުރީގެ ހަނދާނެވެ. އެއްދުވަހު އަހަންނާ ރޫޝިން އަތިރިމަތިން މަސްބާނައިގެން އައި ދުވަހަކު އަހަރެން އޭނާ ގާތު އޭނާގެ ބައްޕައާ ބެހޭގޮތުން ސުވާލު ކުރި ހަނދާނެވެ. އެދުވަހުވެސް އެ މޫނުމަތިން ފެނިގެން ދިޔައީ މިކަހަލަ ކުލަތަކެކެވެ. އެދުވަހު އޭނާ އެވާހަކަ ދައްކަން ބޭނުންނުވި ނަމަވެސް މިޔަދު އޭނާއަށް ޖެހޭނީ ހުރިހާ އެއްޗެއް ކިޔައިދޭށެވެ.

“ޝުބާއަށް އަހަރެންގެ ބައްޕަ އެނގޭނެ.”

އިރުކޮޅެއްފަހުން އޭނާ ބުނެލީ އެހެންނެވެ. އަހަންނަށް ދެލޯ ހަނިކޮށްލެވުނެވެ. އަހަންނަށް އޭނާގެ ބައްޕައަކީ ކާކުކަން އެގެންވީ ކިހިނަކުން ހެއްޔެވެ؟

“އެއީ ޝުބާގެ ބައްޕަގެ ރައްޓެއްސެއްނު؟ އަހަރެންގެ ބައްޕައަކީ ޝުބާގެ ބައްޕަގެ ބިޒްނަސް ޕާޓްނާރެއް ނޫންތަ؟”

ރޫޝިން ބުނެލިއެވެ. އެއާއެކު އޭނާ ޖީބުން ފޯނު ނަގައި ކުޑަކޮށް ސްކްރޯލް ކޮށްލިއެވެ. އެއަށްފަހު އޭނާ އަހަންނަށް ދައްކާލީ ފޮޓޯއެކެވެ.

“ރިމެމްބާރ ދިސް؟”

އެ ފޮޓޯގައި އެހުރި ކުޑަ އަންހެންކުއްޖާ އަކީ އަހަންނެވެ. ނަމަވެސް އެއާ ޖެހިގެން ހުރި، އަހަންނާ ދާދި އެއް ޢުމުރެއްގެ ފިރިހެން ކުއްޖާ އަކީ ކާކު ހެއްޔެވެ؟

“މީ އަހަންނާ ޝުބާއާ..”

އަހަރެންނަށް ދެބުމަ ކައިރިކޮށްލެވުނެވެ. އަހަންނާ ރޫޝިން ވަނީ އޭގެ ކުރިންވެސް ދިމާވެފައި ހެއްޔެވެ؟ ދެން ރޫޝިން އަހަރެން ގާތު މިވާހަކަ ނުބުނީ ކީއްވެގެން ހެއްޔެވެ؟

“ހަނދާނެއް ނުވޭ ދޯ؟”

އަހަރެން އެއްޗެކޭ ނުބުނުމުން އޭނާ ވާހަކަދެއްކިއެވެ.

“ހަނދާން ނުވިއްޔާ ރަނގަޅީވެސް.”

ފޯނު އަނބުރާ ޖީބަށް ލަމުން އޭނާ ބުނެލިއެވެ. އެއަށްފަހު އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ކުރިން ޝުބާގެ ފެމެލީއާ އަހަރެންގެ ފެމެލީއާ އުޅުނީ އެކީގައި، އިންޑިޔާގައި.. އެއީ އަހަރެންގެ ބައްޕައާ ޝުބާގެ ބައްޕަގެ ބިޒްނަސް ފެށްޓި ދުވަސްކޮޅު. އަހަރެމެން އުޅުނީ އެއް ގެޔެއްގައި. އެކަމަކު ޝުބާމެން ފަހުން ރާއްޖެ ބަދަލުވީ. ޝުބާގެ ފެމެލީއަށް އުނދަގޫވީ އަހަރެންގެ ފެމެލީއާ އެކީ އުޅެން.. ކީއްވެގެންކަން އެނގޭތަ؟”

ރޫޝިން ވާހަކަދެއްކިއެވެ. އަހަރެން މަޑުމަޑުން ދެއަތަށް ބޯ ހޫރާލީމެވެ.

“އަހަރެންގެ ބައްޕަ އަހަރެންގެ މަންމައަށް އަނިޔާކުރާތީ. ކާކު ދޯ ބޭނުންވާނީ އެމަންޒަރުތަކާ އަޑުތައް އަހަން؟”

ރޫޝިން އެހެން ބުނިއިރު އެއަޑުގައި މަޑު ތުރުތުރެއް އުފެދިފައި ވިއެވެ.

“އެކަމަކު އަހަރެން… އަހަރެންގެ އުމުރުން އެންމެ ތިން އަހަރުގައި… އަހަންނަށް ގޭތެރެއިން އިވުނީ ހުސް އެއަޑު.. ޒުވާބުކުރާ އަޑާ.. މަންމަ ރޯ އަޑާ… އަނިޔާކުރާ އަޑު..”

“ދެން ބުނެބަލަ.. އަހަރެން މި ވާހަކަތައް ދައްކަން ބޭނުންވާނެތަ؟”

ތަންކޮޅެ ހަރުކަށިކޮށް އޭނާ ބުނެލިއެވެ. ހިތަށް އަރައި ފައިބަމުންދިޔަ އިހުސާސްތައް ކޮންޓްރޯލް ކުރަން އުޅޭ ފަދައަކުންނެވެ.

“އަހަންނަކަށް ނުވިސްނޭ ޝުބާ އަހަރެން ގާތު މި ވާހަކަތައް ތި އަހާ ސަބަބެއް.”

އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު އޭނާ ބުނެލިއެވެ.

އަހަރެން ދެރަވިއެވެ. މިކަހަލަ ގޮތަކަށް އޭނާ ލައްވާ މި ވާހަކަތައް ދައްކުވަން ޖެހުނީތީއެވެ. އެއީ އޭނާއަށްވެސް ދައްކަން އުނދަގޫ ވާހަކަތަކެއްކަން އަހަންނަށްވެސް އެނގެއެވެ. ނަމަވެސް އަހަރެން މިޔަދު މި ސުވާލުތައް ކުރަން އެބަ ޖެހެއެއް ނޫން ހެއްޔެވެ؟

“ޒަފަރަކީ މިސްޓާރ ޒެޑްގެ މީހެއް. އެހެންވެ އަހަރެން މި ސުވާލުތައް ކުރަން މި ޖެހުނީ.”

އަހަރެން އޭނާއަށް ކިޔާދިނީމެވެ.

އެވަގުތު އޭނާ އަހަރެންގެ މޫނަށް ފުންކޮށް ނަޒަރު ހިންގާލިއެވެ. އެއަށްފަހު އާރިފް ސާރ ގެ މޫނަށެވެ. އަދި އެންމެފަހުން އަރޫންގެ މޫނަށެވެ.

“އޯހް. އައި ގެޓް އިޓް ނައޮ.”

އެއްމިޔަކުން ހިނިތުންވަމުން އޭނާ ބުނެލިއެވެ. ނަމަވެސް އެއީ އުފާވެރިކަމުގެ ހިނިތުންވުމެއް ނޫނެވެ. އެ މޫނުމަތިން އަހަންނަށް އެވަގުތު ފެނުނީ ހިތްދަތިކަމެވެ.

“ކަލޭމެން ހީކުރީ އަހަންނަކީވެސް މިސްޓާރ ޒެޑްގެ މީހެއް ކަމަށް ދޯ؟”

އޭނާ އަހާލިއެވެ.

“އަހަރެމެންގެ ޕޮލައިސީއާ އެއްގޮތަކަށް އަހަރެން މި ކަންތައް ކުރަނީ.”

ދެރަވި ނަމަވެސް އަހަރެން ވާހަކަދެއްކީ ހަރުކަށި ރާގަކަށެވެ.

“ބަލަ އަހަރެންމީ އެ ނުލަފާ މިސްޓާރ ޒެޑްގެ މީހެއް ނޫނޭ! އަހަރެންގެ ބައްޕައާ ކޮންމެ މީހަކާ ގުޅުން ހުއްޓަސް، އޭގެ މާނައެއްނޫން ދޯ އަހަރެން މީ އޭގެ މީހެކޭ! އަހަރެން ބައްޕައަށް ނަފުރަތުކުރަން. އިންތިހާއަށް! އަހަރެން ނުދެކެން އެއީ އަހަރެންގެ ބައްޕަ ކަމުގައިވެސް..”

ރޫޝިން ނުރުހުންވެފައި އޭނާގެ ދިފާޢުގައި ވާހަކަދެއްކިއެވެ.

އެއާއެކު އަހަންނަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. ރޫޝިން އަކީ އެކަހަލަ މީހެއް ނޫންކަން ކުރިންވެސް އަހަންނަށް އެނގެއެވެ.

“އޭ.ޑީ.ޓީ.ޕީ.7 އަކީ ކޯއްޗެއް؟”

އަހަރެން އޭނާ ގާތު އަހާލީމެވެ. އޭނާގެ ގިޓާގައިވެސް އެނަން އިނެއް ނޫން ހެއްޔެވެ؟ އެހެންވީމާ އޭނާއަށް އޭގެ މާނަ އެނގެން ޖެހޭނެއެވެ.

“އެއީ އުޒޭލްގެ ބައްޕަގެ ކޮންޕެނީގެ ނަން ހެން އަހަންނަށް ހީވަނީ.”

ރޫޝިން ވިސްނާލުމަށްފަހު ބުނެލިއެވެ.

“ހީވަނީއޭ؟ އެއީ ރޫޝިންގެ ގިޓާގައި އިން ނަމޭ!”

މޭޒުގައި ޖަހާލަމުން އަހަރެން ތަންކޮޅެއް ބާރަށް ވާހަކަދެއްކީމެވެ.

“އެއީ އުޒޭލްގެ ބައްޕަ އަހަންނަށް ހަދިޔާއަކަށް ދިން ގިޓައެކޭ! އަހަންނަށް ކިހިނެއްތަ އެނގޭނީ!”

ރޫޝިންވެސް ވާހަކަދެއްކީ ބާރަށެވެ. އަހަރެން ކުރަމުން ގެންދިޔަ ސުވާލުތަކުގެ ސަބަބުން އޭނާ ނުރުހުންވީ ކަންނޭނގެއެވެ. އަދިވެސް އަހަރެން އޭނާއަށް ޝައްކުކުރާހެން ހީވާތީ ކަންނޭނގެއެވެ.

އަހަންނަށް ދެއަތުން މޫނުގައި ފިރުމާލެވުނެވެ. ރޫޝިންގެ ފަރާތުންވެސް މިސްޓާރ ޒެޑްއާ ގުޅުން ހުރި އިތުރު މަޢުލޫމާތެއް ލިބުނީކީ ނޫނިއްޔާއެވެ. މިހާރު އަހަންނަށް ރޫޝިންއާ މިސްޓާރ ޒެޑާ ދެމެދު އެއްވެސް ގުޅުމެއް ނުވާކަން ޔަޤީންވެއްޖެއެވެ. ނަމަވެސް ރޫޝިންގެ ބައްޕަ.. ރޫޝިންގެ ބައްޕައާ މިސްޓާރ ޒެޑާ ގުޅުމެއް އޮވިދާނެ ހެއްޔެވެ؟

“ރޫޝިންގެ ބައްޕައަށް ކިޔަނީ ކޮން ނަމެއް؟”

އަހަރެން ސުވާލުކޮށްލީމެވެ.

“ލާމިއު. އެނގޭއިރު ކީއްކުރަންތަ ތި އަހަނީ؟ އަހަންނަށް އެނގޭ ކަލޭމެން ހުންނާނީ އަހަރެންގެ ބެކްގްރައުންޑް ޗެކެއް ހަދާފައިކަން.”

އޭނާ ބުނެލިއެވެ.

އެބުނީ ތެދެކެވެ. އަހަރެމެން އޭނާއާ އޭނާގެ އާއިލާއާ ބެހޭގޮތުން އެނގެން ހުރި ހުރިހާ މަޢުލޫމާތެއް ހޯދައިފީމެވެ. އަހަރެން އަދިވެސް އެއްފަހަރު އޭނާ ގާތު މިއެހީ ޔަޤީންކޮށްލާށެވެ.

“ދެން އެންމެ ރަނގަޅު ދިޔަސް.”

އަހަރެން ބުނެލީމެވެ. އަހަރެން ބޭނުންވީ މިވަގުތު އޭނާ މިތަނުން ފޮނުވާލާށެވެ. އާރިފް ސާރ އާ ދެމީހުން ވެގެން މިކަންތަކާމެދު މަޝްވަރާކޮށްލާށެވެ.

ރޫޝިން ކޮޅަށް ތެދުވިއެވެ. ނަމަވެސް ހިނގައިގަތުމުގެ ކުރިން އޭނާ އަހަންނާ ދިމާއަށް ބަލާލިއެވެ.

“ހަމަ އަހަރެން ފޮނުވާލާނީތަ؟ ޝުބީ.. ޝުބީގެ ވާހަކައެއް އަހަންނަކަށް ނުކިޔައިދޭނަންތަ؟ މިއޮއް ހުރިހާ ދުވަހު ކޮންތާކުތަ އުޅުނީ؟ ޝުބީގެ މަންމަމެން ކިހާ ހިތާމަ…”

ރޫޝިން ވާހަކަދައްކަންފެށި ނަމަވެސް އާރިފްސާރ އަތުން ކޮށްލި ހަރަކާތާއެކު އޭނާގެ ވާހަކަ މެދުކެނޑިގެން ދިޔައެވެ.

“އަރޫން ކިޔައިދޭނެ.”

އާރިފްސާރ އެހެން ބުނެ އަރޫންއަށް އިޝާރާތްކޮށްލިއެވެ. އެއާއެކު އަރޫން އައިސް ރޫޝިން ގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް އެތަނުން ނިކުމެގެން ދިޔައެވެ.

ރޫޝިންއާ ވާހަކަދައްކަން އަހަރެން ކިތަންމެހާވެސް ބޭނުންވިއެވެ. ހުރިހާ ވާހަކައެއް ކިޔައިދެން އަހަރެން ކިތަންމެހާވެސް ބޭނުންވިއެވެ. ނަމަވެސް މިވަގުތަކީ އަހަރެންގެ ހިތުގައިވާ އިހުސާސްތައް ހިންދާލަން ޖެހިފައިވާ ވަގުތެކެވެ. އަހަންނަށް ހަމަޖެހިގެން ވާހަކަދެއްކޭނީ މިސްޓާރ ޒެޑް ހޯދައި، ހައްޔަރު ކުރެވުނު އިރަކުންނެވެ.

“ސާރ. ވީ ޝުޑް ކޯލް މައި ޑޭޑް.”

އަހަރެން އާރިފްސާރ އާ ދިމާއަށް އެނބުރެމުން ބުނެލީމެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. maai

    Alhey keeve tha eha gina dhuvas koffa mi vaahka thi uploafkury…mi vaahaka ah haadha inthixaareh kurymey…umeedhukuran medhu nukenddii genesdheyne kamah..any way i am speacess haadha reachey..i love it ?

  2. imkko

    Maasha allah … mi baives v reeeeethi …. curiously waiting for the next part ❤❤❤❤❤

  3. sama

    OMG vvvvvv reethi mi part ves
    heekuree kuree part ah fahu Dhen anekkaaves kiyaalaakah nulobeynekamah
    ekam ehenneh noonthaa dho mi vee kee
    thankyou so much liyaa
    Dhen in part ves Maadhama up kolladhechey
    and mi vaahaka nimmadheyne kamah ummeedh kuran

  4. No more 12

    Vvv reethi.. Heekuran mi vhk ninmaadheyne kmh… N whn is nxt part… Cant wait…

  5. ishuuu

    vvvv reethi mi part vs

  6. girl

    Kobaa
    anekkaa ves mi vaahaka kiyaan beynumiyaa 2 aharu madukurantha jeheynee
    meevarah dherakohvaa kameh ingey
    at least comment in namaves mivaagotheh bunedheyne namadho writer
    ehves comment akah javaabdheefaneii
    komme meeheh ge comment ah vakin ehchekey bunaashekey noon
    overall koh hama hurihaa commenter ah javaabdheefa Las vanee keehvekan buneliyyaa kanneynge rangalhuvaanee
    noonee vaahaka Dhen nuliyevenyaa nuliyeveyne vaahaka ves buneema dho migothah vaahaka dhakkan nujeheynee
    aharen ge edumakee
    hurihaa writers ves readers ge vaahaka ves aduehun

Comments are closed.