Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހުރީމެ އިންތިޒާރުގަ (15)

Nashyy Level 110 Stories100 Login
March 15, 2020 5 Mins Read
2 Comments

ޒައިރާ އަނެއްކާވެސް ފޯނު ނެގިއެވެ. ޔަޒަންގެ ފަރާތުން އޭނާ ބޭނުންވަނީ މާފް ލިބުމެވެ. އެކަމަކު ޔަޒަން އޭނާއަށް މާފް ކުރާނެބާއެވެ. އެތައް އިރަކު ވިސްނަން އިނުމަށްފަހު ޔަޒަންގެ ނަންބަރަށް ގުޅާލިއެވެ. މާ ގިނަ އިރުތަކެއް ނުވެ ފޯނު ނަގައިފިއެވެ.

” އަހަރެން މި އިންތިޒާރު ކުރަނީވެސް ތި ކޯލަށް” ޔަޒަންގެ އަޑު އިވުމުން ޒައިރާގެ އަށް ވީގޮތްވެސް ނޭގުނެވެ. މުޅި މީހާ ތުރުތުރުއަޅަންފަށައިފިއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލިނަމަވެސް އަޑު ވަނީ ބެދިފައެވެ.

” އެނގޭ ވާހަކަ ދައްކަން އުނދަގޫ ވާނެކަންވެސް.. އަހަރެންގެ އަސްލު އެގުމުން ޒައިރާ އަހަރެންނަށް ގުޅަން ބޭނުންވާނެކަން އެނގޭތީ ނަންބަރު ދިނީވެސް” ޔަޒަންގެ ވާހަކަ ދެއްކަމުން ދިޔައީ ވަރަށް ހަމަ ޖެހިގެން ހުރެއެވެ.

” އަ..އަހަރެންނަށް މާފް ކޮށްދީ..” ދައްކަން ބޭނުންވާ ކިތަންމެ ވާހާކައެއް ހުރި ނަމަވެސް ޒައިރާއަށް ބުނެވޭ ވަރުވީ މިހާވަރަށެވެ.

” އަހަރެންގެ ހިތް ޒައިރާއަށް ހަމަ ވަރަށް ސާފް.. އެންމެ ކުޑައިރުގެ އެކުވެރި ކަމަށްޓަކާވެސް އަހަރެން ޒައިރާއަށް މާފްކޮށްފިން” ކުޑައިރުގެ ހަދާންތައް އާކުރަމުން ޔަޒަން ބުނި މިބަސް ކޮޅުން ޒައިރާގެ ހިތް އުފަލުން ފުރުނެވެ.

” އުއްމީދަކީ ޒައިރާގެ ތި އުޅުން ބަދަލު ކުރުން.. ޒައިރާއެކޭ އެއްފަދައިން އެހެން އިންސާނުންގެވެސް އިހްސާސްތަކެއް ވާކަން ގަބޫލުކުރުން. މީހެއްގެ ހިތައް ދެވޭނެ އަނިޔާ އަކީ ދުވަހަކުވެސް ފިލާގެން ދާނެ އެއްޗެއް ނޫން. ދުނިޔޭގަ ހުރިއްޔާ ކޮންމެވެސް ދުވަހަކުން އަދި ބައްދަލުވާނެ. އެކަމަކު އަހަރެންނަށް އިންތިޒާރު ނުކުރާތި.. އެދެނީ އަބަދުވެސް ޒައިރާ އުފަލުގަ ލެހެއްޓެވުން. ރަގަޅު ދިރިއުޅުމެއް ފަށާ އުފަލުގައި ދިރިއުޅުން” ޔަޒަން ފޯނު ބޭއްވުމުންވެސް ޒައިރާއަށް ހުރެވުނީ ފޯނު ކަންފަތުގައި ޖައްސައިގެންނެެވެ. ކޯތާފަތުގައި ކަރުނައިގެ ކޯރެއް ހެދިއްޖެއެވެ. އޭނާއަށް އުޅެވުނު ގޮތާއި ދޭތެރޭ ވިސްނާލެވުނުމިއީ ފުރަތަމަ ފަހަރެވެ.

*******

ފަތިހުގެ ހަމަހިމޭން ވަގުތެވެ. ރީހހާން ފަތިސް ނަމާދު ކޮށްގެން އައިސް ސޯފާގައި އޮށޯވެލީ ނިދުމުގެ ނިޔަތެއްގައެއް ނޫނެވެ. ފަތިސް ނަމާދަށް ފަހު ނިދުމަކީ އޭނާގެ އާދައެއްވެސް ނޫނެވެ. މަސައްކަތައް ފެށުމުގެ ކުރިން ކަސްރަތު ކޮށްލާ ރަގަޅު ހެދުނުގެ ނާސްތާއެއް ކުރުމަކީ އޭނާގެ ދުވަހުގެ ތާވަލުގައި ކޮންމެހެންވެސް ކުރަންޖެހޭކަންކަމެވެ. ހެދުނުގެ ވަގުތު ކަންނެތް ކަންމަތީ ހޭދަ ކޮށްލައިފިނަމަ މުޅި ދުވަސް ދާނީ ބޭކާރުވެގެންނެވެ. މަސައްކަތް ކުރުމަށް ހުންނަ ޝައުގުވެރިކަން ނެތިގެން ދެއެވެ.

ރީހާނަށް ހޭލެވުނީ ސިއްސައިގެން ގޮހެވެ. އެކަމަކު މިގަޑީގައި ގެޔަށް އަންނާނީވެސް ކާކު ހެއްޔެވެ. ރީހާން ދޮރުގައި ހަރު ކޮށްފަ އިން ކުޑަ ކުޑަ އިސްކުރީނުން ބޭރުގައި ހުރީ ކޮންބައެއްތޯ ބަލާލުމަށްފަހު އަވަސް އަވަހަށް ދޮރު ހުޅުވާލައިފިއެވެ.

ޔަޒަންގެ އެބުރި އައުމުން ލިބުނު ހައިރާން ކަމާއި އެއްވަރަށް އުފާވެސް ވެއްޖެއެވެ.

” މިއީ މަންމަ” ޔަޒަން މަންމަ ރީހާން އަށް ތައާރަފް ކޮށްދިނުމުން މަންމައާ ސަލާން ކޮށްލުމަށް ގޭތެރެއަށް ވަނުމަށް އެދުނެވެ.

***

ދުވަސްތައް ފާއިތު ވަމުން ދަނީ ހީވެސް ނުކުރާހާވެސް އަވަހަށެވެ. ޔަޒަން މާޒީވެ ދިޔަ ދުވަސްތައް މަތިން ހަނދާން ކުރުމުގައި ދުވަސްތައް ބޭކާރު ކޮށެއް ނުލައެވެ. ރީހާންގެ ވިޔަފާރީގައި އޭނާ އުޅެމުން ދިޔައީ އަވަދި ނެތިއެވެ. މަންމަގެ ލޯތްބާ އޯގާތެރިކަމާއި ހެޔޮ ދުޢާތަކާއި އެކުގައެވެ.

މިއީ ރީހާންގެ ހަޔާތަށްވެސް އައި އެންމެ އުފާވެރި ދުވަސް ތަކެވެ. ޔަޒަންގެ މަންމަ އޭނާދެކެވެސް ލޯބިވަނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. މިހާރު އޭނާއަކީ އާއިލާއެއް ނެތް އެކަނިވެރިއެއް ނޫންކަން އިހްސާސްކުރެވެއެވެ.

****

ްއަތުގައި އޮންނަ ފޯނުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި މީހަކާވެސް ވާހަކަ ދެއްކޭ ޒަމާނެވެ. އެތައް ބަޔަކާ ގުޅުން ބަދަހިވެ ރަހހްމަތްތެރިންނަށް ވެއްޖެއެވެ. އެ ރަހްމަތްތެރިކަން ލޯބީގެ ގުޅުމަކަށް ބަދަލުވަނީވެސް މަދެއް ކޮށެއް ނޫނެވެ. ރީހާނަށްވެސް ވީ އެކަހަލަ ގޮތެކެވެ. އޮޅިގެން ކުރެވުނު ފޯނު ކޯލެކެވެ. އިވުނު އަޑަކަށް ހިތް ދޫވީއެވެ. އެ އަޑު އަހާލުމަށް ކޮންމެ ދުވަހަކުމެ ގުޅާލެވެއެވެ. ދުވަހަކަށް ވުރެން ދުވަހެއް ދެފަރާތުގެ ގުޅުން ބަދަހިވާންފެށިއެވެ. އެ އެފެދުނު ރަހުމަތްތެރިކަމުގައި ދެމީހުންގެ ފޮޓޯ ބަދަލުކުރެވެން ފެށުނެވެ. އަޑެކޭ އެއްވަރަށް އެ ސޫރައަށްވެސް ރީހާނުގެ ހިތް ދަމައި ގަނެފިއެވެ. އެންމެ ފަހުން ދެމީހުންގެ ގުޅުން އިޝްގީ ލޯތްބަށް ބަދަލުވެއްޖެއެވެ. ފޯނު މެދުވެރިކޮށް އެތަކެއް މަލެއް ފޮޅުވިއްޖެއެވެ. އެތަކެއް ވައުދުތަކެއް ވެވިއްޖެއެވެ. ނަމަވެސް އަދިވެސް ހަމަ ލޮލަކަށް ނުފެނެއެވެ. އެއީ މި ޝަހަރުގެ ކުއްޖެއްވެސް ނޫނެވެ. ބައްދަލު ކުރަން ކިތަންމެ ހިތް އެދުނަސް އެކަން ވާކަށްވެސް ނެތެވެ. މާ ބޮޑަށް ބޭރުތެރެއަށް ނުކުމެ އުޅެވޭ ކުއްހޖެއް ނޫނީވެސް ކަންނޭގެއެވެ. ނަމަވެސް ރީހާންގެ ޝަކުވާއެއްނެތެވެ. އޭނާބޭނުންވީ ކައިވެނީގެ ގުޅުމަކުން ގުޅޭށެވެ. އޭނާ ބޭނުންވަނީ ސީދާ އެގެޔަށް ދާށެވެ. އެކުއްޖާގެ މައިންބަފައިންގެ ގާތުން ކައިވެންޏަށް އެދޭށެވެ.

” މަށަށް ފެންނަނީ އެ އަންހެން ކުއްޖާގެ ގެއަށް ގުޅާ ދާނެ ވަގުތެއް ހަމަ ޖެއްސުން” ޔަޒަން ދިނީ މިވަގުތައް އޮތް އެންމެ ރަގަޅު ހިޔާލެވެ.

” މި އޮތީ ” ތާޖު ވިލާގެ” ނަންބަރު. ޔަޒަން ގުޅާލަދީބަލަ” ކިތަންމެ ކެރޭ މީހެއް ނަމަވެސް މިކަމުގައި ރީހާން ހުރީ އެއްފިޔަވަޅު ފަހަތުގައެވެ. މިކަހަލަ ކަމަކާ އޭނާ ކުރިމަތިލާވެސް މިއީ ފުރަތަމަ ފަހަރެވެ.

ގުޅަންވީ އެޑްރެސް އަޑު އިވުމުން ޔަޒަންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އެއީ އޭނާއަށް އާނަމެއް ނޫނެވެ.

” ކުރިން ދުވަހު ބުނި އެކުއްޖާގެ ނަން ހަދާން ނެތިއްޖެ.. ” ޔަޒަން ބޭނުންވީ އިތުރަށް އޮޅުން ފިލުވާށެވެ.

” ސާބަހޭ.. މިހާރު މަ ބުނާ އެއްޗެހިވެސް ހަނދާން ނެތެން ފެށީތަ.. އެއީ އާޔަތު.. ބަލާބަލަ މީނީނުން ފޮޓޯވެސް” ރީހާން ފޯނުން ފޮޓޯ ދައްކާލިއެވެ. އެއީ ފަރުޒާނާގެ ދޮށީ އަންހެން ދަރިފުޅެވެ. ނަމަވެސް އެއީ ދަންނަ ބަޔެއް ކަމެއް ރީހާން އަކަށް ނާންގައެވެ. އެއީ ކިހާވަރެއްގެ ބަޔެއްކަން އެގޭތީއެވެ. ޔަޒަން އަކީ ކާކުކަން އެގިއްޖެ ނަމަ ރީހާންގެ ގުޅުމަށްވެސް ހުރަހަކަަށް ވެދާނެތީއެވެ.

ޔަޒަން ބޭނުންވީ ރީހާން ލައްވާ ގުޅުވާށެވެ. ޔަޒަންގެ ހިތްވަރާއި އެކު
އެގެއަށް ގުޅާލިއެވެ. ގުޅުނީ ވެސް ކަމާލުވެސް ގޭގައި އުޅޭ ވަގުތެއްގައެވެ. ކަމާލް އެދުނީ އެގެޔަށް ދިޔުމަށެވެ.

****

” މަށަށް އޭރުވެސް އެނގޭ ފޯނެއް އަތަށް ދިނީމަ އެހެން ވާނެކަން” ފަރުޒާނާއަށް މިހަބަރު ލިބުނީއްސުރެން އަބަދުމެ އިންނަނީ އެއްޗެހި ކިޔާލަ ކިޔާލައެވެ.

” ފޯނުން ދިމާވާ މީހަކާ ހިތާވެގެން ރަގަޅު ދިރިއުޅުމެއް ލިބޭތަ.. ނޭނގެ އަދި އެއީ ކޮން ފެންވަރެއް ހުރި މީހެއް ކަމެއްވެސް” އާޔަތު ހުރީ މަންމަ ކިޔާ އެއްޗެއްސަށް ދޭނެ ޖަވާބުތައް ހުރި ނަމަވެސް އިސްޖަހާ ލައިގެންނެވެ.

” ހަމަޖެހޭ.. އޭނަޔާ ވާހަކަ ދައްކާލީމަ އެނގޭނެ ކާކުކަން. އެހެން ނޫނަސް ދަރިންނަށްވެސް އިތުބާރު ކުރަންވާނެ.” ކަމާލްގެ އަންހެން ދަރިފުޅަށް ދިމާވިގޮތަށް ކަންތައްތައް ވާކަށް އޭނާ ބޭނުމެއްވެސް ނޫނެވެ. ކުދިންގެ ނުރުހުމުގައި ކައިވެނި އިއުލާން ކުރުމަކީ މިހާރު އޭނާ ކުރަން ބޭނުން ކަމެއްވެސް ނޫނެވެ. ކަޝަފްއާއި ސަމީރުގެ ކައިވެނި އޭނާ ކުރުވަން އުޅުނީ އެއްވެސް ވަރަކަށް އެކުދީންގެ ބަހެއް ނުހޯދައެވެ. ސަމީރު އެންމެ ފަހުން ކައިވެންޏަށް އިންކާރުކޮށް ފުރައިގެން ދިޔައީއެވެ. އެއާއިލާ މީހުންގެ ކުރިމަތީގައި އިސްޖަހާލަން ޖެހުނުނަމަވެސް އެއީ ކަޝަފްވެސް ބޭނުންވިގޮތް ކަން އެގުނެވެ. ސަމީރު ކައިވެނިކުރަން ބޭނުން ނުވާކަން އެގުނު ހިސާބުން ސަމީރު އަށް ކައިވެންޏަށް އިންކާރުކުރުމަށް ހިތްވަރު ދެމުންދިޔައީ ކަޝަފްއެވެ. ސަމީރުގެ ލޯބިވެރިޔާއާއި ކައިވެނި ކޮށް އެތައް ދުވަހެއް ވީއިރުވެސް ކަޝަފް ހުރީއެވެ. ކައިވެންޏަށް އެދި އެތައް ބަޔަކު އަތުވެއްޖެއެވެ. މުއްސަނދި މީހުންގެ ދަރިންނެވެ. ރީތި ކަމުންވެސް ހިތް ލެބޭހާ ރީތި ޒުވާނުންނެވެ. ނަމަވެސް ކަޝަފްގެ އާބަހެއް ނުލިބުމުން ކޮންމެ މީހަކުވެސް ދަނީއެވެ. ކަޝަފްގެ ހިތާއި ގުޅިފައިވަނީ ހަމަ އެންމެ މީހެކެވެ. ސާހިލް ނޫން ދެވަނަ މީހެއް ނޫނެވެ. އޭނާ އަދިވެސް އުއްމީދު ކަނޑައެއް ނުލައެވެ. އަދިވެސް އިންތިޒާރު ކުރެވެނީ ސާހިލް އާއި ދިމާވާނެ ދުވަހަކަށެވެ. ކަޝަފް ގަބޫލް ކުރާ ގޮތުގައި ދިގު އިންތިޒާރެއްގެ ނިމުމަކީ ފޮނިއެއްޗެކެވެ. އިންތީޒާރުގައި ހޭދަވާ އެންމެ ދުވަހަކީވެސް ބޭކަރު ދުވަހެއް ކަމުގައެއް އޭނާ ނުދެކެއެވެ.

މަޑުމަޑުން ކަމާލު އަށްވެސް ދަރިފުޅުގެ ހިތުގައިވަނީ ކޯއްޗެއްކަން އެނގެން ފަށައިފިއެވެ. ޑްރައިވަރު އޭނާއާއި ހިއްސާކުރި ވާހަކަތަކުންނެވެ. ކަމާލް ކިތަންމެ ފަހަރަކު އެތައް ގޮތަކަށް ކަޝަފްއަށް ނަސޭހަތްް ދެވިއްޖެެއެވެ. އެކަމުގައި ވަރުބަލިވީ ކަމާލުއެވެ. ދަރިފުޅުގެ އިންތިޒާރަށް ނިމުމެއް އާދޭތޯ ދުއާކުރުން ނޫން ގޮތެއް ނެތެވެ.

****

ރީޙާން އާއި ޔަޒަން ތާޖުވިލާއަށް ދިޔުމުގެ ދަތުރު ފަށައިފިއެވެ. ދަތުރަށް ފެށީން ސުރެން ރީހާން ހުރީ އަތްފައި ފިނިވެ ތުރުތުރު އަޅައެވެ.

އެތައް ގަޑި އިރަކަށް ފަހު މަންޒިލާއި ހަމައަށް އާދެވިއްޖެއެވެ. ރީހާންއަށް ބަޔާން ކުރަން ދަތި ތަފާތު އިހްސާސް ތަކެއް ކުރެވެންފެށިއެވެ. އާޔަތުއާއި ދިމާވާތީ ވާގޮތެއް ނޫނެވެ. އާޔަތުގެ އާއިލާއިން ބުނާނެ އެއްޗަކާއި ދޭތެރޭ ވިސްނާލީމަ ވާގޮތެއް ވެސް ނުމެ ނޫންމެއެވެ. އެއީ އެއަށްވުރެން ތަފާތު ފުން އިހްސާސެކެވެ.

‘ ތިޔަހާ ބިރުން ހުރެގެން ކަންކަމެއް ނުވާނެ” ރީހާންގެ ތުރުތުރުއަޅާ އަތް ފެނިފައި ޔަޒަން ހިތްވަރުދޭންފެށިއެވެ. ނަމަވެސް ބޭރުފުށުން ކަމެއް ނުފެނުނަސް ޔަޒަންގެ ހާލަތުވެސް ހަމަ އެހާވަރެވެ. ހިތް ބާރަށް ތެޅެންފެށިއެވެ. އެ ގޭ މީހުންނަށް، ހާއްސަކޮށް ކަމާލުއަށް އޭނާ އަކީ ކާކުން ނޭގޭތޯ އޭނާ އިނީ ދުއާކޮށްލަ ކޮށްލައެވެ.

**
ތާޖުވިލާގެ ގޭޓު ކައިރިޔަށް އައުމާއެކު މީހަކު ގޭޓު ދޮރު ހުޅުވާ އެތެރެޔަށް ވަންނާށޭ ބުނެފިއެވެ. ރީހހާން ގޯތި ތެރެއަށް ވަށައިހގެން ބަލާލިއެވެ. ގޯތި ތެރޭގައިވާ ގަސްތައްވެސް އޭނާއަށް މަރުހަބާ ކިޔަމުންދާކަހަލައެވެ.

ރީހާންގެ އިންތިޒާރުގައި އެގޭ އެންމެން ތިބީ ސިޓިންގ ރޫމްގައެވެ. މާގިނަ އިރުތަކެއް ނުވެ ރީހާންމެނަށް ގެއާ ހިސާބަށް އާދެވިއްޖެއެވެ.

ރީހހާން ފެނުމާއެކު މާމައަށް ތެދުވެވިއްޖެވެ. ކަމާލުގެ އަންހެނުންނަންވެސްވީ އެހެންނެވެ. ކަމާލުވެސް އައިނު ނަގާ ދެފަހަރަކު ފޮހެލައިފިވެސް މެއެވެ. އެއެންމެންގެ ނަޒަރު ހުރީ ރީހާނަށް ހުއްޓިފައެވެ. ރީހހާންއަށް އިށީނުމަށް ބުނަންވެސް އެމީހުންތިބީ ނޭގިފައެވެ. އެމީހުންނަށް ލިބުނު ހައިރާންކަން އެހާބޮޑެވެ.

އެންމެންގެ ނަޒަރު ރީހހާނަށް ހުއްޓިފައި ހުރި އިރު ކަޝަފްގެ ނަޒަރު ގުޅިފައި ހުރީ ޔަޒަންއާއެވެ. އޭނާގެ ހިތް ކޮންމެވެސް އެއްޗެއް ބުނެދޭން މަސައްކަތް ކުރާހހެންވެސް ހީވާން ފަށައިފިއެވެ.

” އަޅުގަނޑަކީ ރީހހާން” އަނެއްކާވެސް ލިބުނީ ހައިރާން ކަމެވެ. މިއީ އިއްތިފާގެއް ހެއްޔެވެ؟ ހަމަ އެނަމެވެ.

” ދެން މިއީ ޔަޒަން.. އަޅުގަނޑުގެ އެއްބަޑު އެއްބަފާ ކޮއްކޮއެއް ފަދަ މީހެއް” މިއީ ކަޝަފްގެ ހިތް ކެތްތެރިކަމެއް ނެތި އުޅުނު ވަގުތުކޮޅެވެ. އެ ނަން އަޑުއިވުމުން ތެޅެމުން ދިޔަ މަޑުވެއްޖެއެވެ. ނަމަވެސް އެއީ ހިނދުކޮޅަކަށެވެ. އެ ހިތައް އަނެއްކާ ޔަޒަން ކަމު ދިޔައީ ބާއެވެ.

އާޔަތު ހުރީ ލަދުން އިސް އުފުލާލަންވެސް ނުކެރިފައެވެ. ރީހާން އަސްލަށް ފެންނައިރު އަދި މާ ފުރިހަމައެވެ. ރީހާންވެސް އައުމުގެ ކުރިން ކިތަންމެ ފޮނި ވާހަކަތަކެއް ދެއްކި ނަމަވެސް ހުރީ އެ އެމެންގެ ކުރިމަތީގައި އާޔަތުއާއި ދިމާއަށް ބަލާލަންވެސް ނުކެރިފައެވެ.

ޔަޒަން ހުރީ އެތަނުން އެކަކަށްވެސް އޭނާއަށް އެއްވެސް ސުވާލެއް ކުރިމަތި ނުކުރީތީ ވަރަށް ހަމަޖެހިފައެވެ. އެތަނުން އެކަކަށް ވެސް އޭނާއަކީ ކާކުން ނޭގުނީތާއެވެ.

ކަމާލް އެތައް ސުވާލުތަކެއް ކޮށްފިއެވެ. އާއިލާއާއި ބެހޭ ގޮތުންނެވެ. ކުރާ މަސައްކަތާއި ގުޅޭގޮތުންނެވެ. ރީހާން ވަރަށް ވިސްނުންތެރިކަމާއެކު އެހުރިހާ ސުވާލަކަށް ޖަވާބު ދެމުންދިޔައެވެ. އެއްވެސް އޮޅުވާލުމެއް ނެތިއެވެ.
ފަރުޒާނާގެ ހިތުގައިވާ ނުރުހުން މޫނުމަތީން ފާޅުވޭވޭ ހުއްޓެވެ. އާއިލާއެއް ނެތް މީހަކާ އޭނާގެ ދަރިފުޅު ކައިވެނި ކުރުވާކަށް ބޭނުމެއްނޫނެވެ. ނަމަވެސް ކަމާލަށް އޭނާ ވަރަށް ކަމު ހިނގައްޖެއެވެ. މާމަވެސް އެކަމަށް ރުހި ގަބޫލުވެއްޖެއެވެ. ކައިވެނި ކުރާނެ ތާރީހެއް ފަހުން ކަނޑައެޅުމަށް ނިންމައި އެދުވަހުގެ ބައްދަލުވުން ނިންމާލިއެވެ.

ރީހާން ގޭން ނުކުން އިރުވެސް އެމީހުންނަށް އިދެވުނީ ބަލާށެވެ. ވަނީ ކީއްކަން ނޭގި ތިބީ އެމީހުންގެ ދަރީންނެވެ. އެންމެންގެވެސް ހިޔާލުތައް ގެންގޮސް ވައްޓާލީ މީގެ އެތަކެއް އަހަރު ކުރިޔަށެވެ. ހާއްސަކޮށް މާމަގެ ލޮލަށް ފެންނަމުން ދިޔަގޮތެވެ. ހީވަނީ ކަމާލުގެ ޅަދުވަސް ހެންނެވެ. އެއްވެސް ތަފާތެއް ނެތެވެ. އެކަމަކު އެހހެން ވާނީވެސް ކިހިނެތް ހެއްޔެވެ؟

ރޭ ދެބައިވެއްޖެއެވެ. ނަމަވެސް ތާޖުވިލާގެ ބޮޑެތި މީހުންގެ ލޮލަށް ނިދި އަންނަ ގޮތެއް ނުވިއެވެ. ކަމާލުމެންގެ ދެމަފިރިންނާއި މާމަގެ ސިކުނޑި ފުރިބާރުވަމުން ދަނީއެވެ. އެކަމަކު އެއީ އެމީހުން އަލުން ނުހުޅުވަން ނިންމާފައިވާ ސޮފްހާއެކެވެ. އެހަނދާން ތައް އެމީހުންގެ ހިތުގައި ފޮރުވީއެވެ. ތާޖުވިލާއަށް އޭގެ ފަހުން އުފަންވި އެއްވެސް ކުއްޖަކަށް އެވާހަކަތަކެއް ނޭގޭނެއެވެ.

އެއީ މީގެ 24 އަހަރު ކުރިއެވެ……………..

(ނުނިމޭ)

Share Article

Follow Me Written By

Nashyy

Level 110 Stories100 Login

Other Articles

Previous

އަހަރެންގެ ވާހަކަ 1 (އެއްވަނަބައި)

Next

މަޖުބޫރު ލޯބި

Next
March 15, 2020

މަޖުބޫރު ލޯބި

Previews
March 14, 2020

އަހަރެންގެ ވާހަކަ 1 (އެއްވަނަބައި)

2 Comments!

  1. najla says:
    March 15, 2020 at 11:28 am

    hi jungkook are you bts jungook plees tel me i am yours big fenes

  2. L says:
    April 13, 2020 at 9:33 pm

    Kobaatha anebai

Comments are closed.



All Right Reserved!