ޔަމާންގެ ސައިކަލު ފަހަތުގައި އިން ޔަނާލް އިނީ ކަންބޮޑުވެފައެވެ. ދޭތެރެއަކުން ފުންނޭވާއެއް ލަމުން އަވަސް ކުރާށޭ ބުނެލައެވެ. އެމީހުން އުޅޭ ގެއާއި ހަމަވުމުން ސައިކަލު ރަނގަޅަށް މަޑުވެސް ކޮށް ނުލަނީސް ޔަނާލް ފުންމާލިއެވެ. އަދި އެހާމެ އަވަހަށް ދުވެގޮސް ގޭތެރެއަށް ވަނެވެ. ޔަނާލް އޭނާއާއި ނިކްހާ އުޅޭ ކޮޓަރި އާއި ހަމައަށް ގޮސް މަޑުމަޑުން އެދޮރު ހުޅުވާލިއެވެ.
އެވަގުތު އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނީ އެނދުގައި އަރާމުކޮށް ނިދާލާފައި އޮތް ނިކްހާ ފެނިފައެވެ. “ނިކްހާ…” ޔަނާލްގެ އަޑު ނިކްހާގެ ކަންފަތުގައި ޖެހުމާއިއެކު ފުންމައިގެން ތެދުވެވުނެވެ. އޭނާއަށް ވީގޮތެއްނޭނގޭތީ ވަށައިގެން ބަލައިލެވުނެވެ. ބޮލަށް އަރައިގެން ދިޔަ ތަދުގެ ސަބަބުން މޫނުމައްޗަށް އަނދިރި ވިކަން އެނގުނެވެ. ނަމަވެސް ދެން ވީކިހިނެއް ކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ.
“ނިކްހާ….. ކިހައިވަރަކަށް ހޯދައިފިންތަ….” ނިކްހާ ޔަނާލްގެ މޫނަށް ބަލައިލަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ. އެހެނަސް އޭނާގެ ސިކުނޑީގައި އުފެދިފައިވާ ބޮޑު ހައިޖާނުގަނޑުގެ ސަބަބުން އެކަން ކާމިޔާބު ވާގޮތެއްނުވިއެވެ. ބޭރުފުށުން ހަމަޖެހޭގޮތް ދައްކައިގެން އުޅެވޭނީ ވެސް ވަކިވަރެއް ވަންދެންތާއެވެ.
“އަހަރެން ދަމުންވެސް ބުނީމެންނު ތަނަކަށް ނުދައްޗޭ… މެންދުރު ބަންގި ނުގޮވަނީސް ދިޔަމީހެއް މިހައިރު ތިޔޮށް އަސުރުވަނީ…” ޔަނާލްގެ ވާހަކައިން ނިކްހާއަށް ބަލައިލެވުނީ ފާރުގައި ހުރި ގަޑިއާދިމާއަށެވެ. ތެދެކެވެ. ގަޑިން ދެގަޑި ބައިވެ ތިނެއް ޖަހަނީއެވެ.
“ނޭނގޭތަ ތިހެން ހެދީމައި އަހަރެން ހާސްވާނެ ކަމެއް …” ދެންވެސް ވާހަކަ ދެއްކީ ޔަނާލްއެވެ. އޭނާގެ އަޑުންވެސް އޭނާ ކަންބޮޑުވެފައި ވީވަރު ހާމަވަމުން ދިޔައެވެ.
“އޯހް… ތި ހަމަޖެހިބަލަ.. އަހަރެން ނަމާދު ކުރަން އައިސް ޖައްސާލި ތަނުން ނިދުނީ އޭ… ދެން ނޭނގޭނެންނު ޔަނާ ތިހާ ހާސްވާނެ ކަމެއް..” އޭނާގެ ހިތުގައިވީ ބިރުވެރިކަން ސިއްރުކުރަމުން ނިކްހާ ބުނެލިއެވެ.
“ދޮންބެ ވެސް ހުރީ ވަރަށް ބިރުން… ހެހެހެ.. އެހެންނު ވާނީ މިހިރަ ޔަނާއެއް އުޅުނު ގޮތުން އެންމެންވެސް ތިބީ ބިރުން ފިތްކަނޑައިގެން ދާވަރުވެފަ… ދެން ދެކުދިންވެސް ނަމާދު ކޮއްލައިގެން އަވަހަށް އާދޭ އިނގޭ”… ޔަމާން ހުރިކަން ނިކްހާއަށް އެނގުނީވެސް ޔަމާން ވާހަކަ ދެއްކުމުންނެވެ.
އިސާހިތަކު ޕާޓީގެ ކަންތައްތައް ނިމި ނިކްހާމެން ފުރަންވެސް ތައްޔާރު ވެއްޖެއެވެ. ނިކްހާމެންގެ ކޮލެޖު ޓެސްޓުތައް ފެށޭތީ ޕާޓީ ނިންމާފައި ޖެހިގެން އަންނަ ދުވަހު ފުރާގޮތައް ހަމަޖެއްސީއެވެ.
ރަށަށް އައިފަހުން ދިމާވަމުން އައި ގޮތް ނޭނގޭ ބިރުވެރިކަމުން ސަލާމަތްވާނެ ގޮތެއް ނިކްހާއަކަށް ނުވިސްނެއެވެ. އެންމެ ފުރަތަމަ ހުވަފެންތަކެއްގެ ސަބަބުން އޭނާގެ ސިކުނޑި ހަލަބޮލި ކޮއްލިއެވެ. ނަމަވެސް މިހައިރު ބިރުވެރިކަމުން ފުރިގެންވީ މަންޒަރުތައް ހަމަލޮލަށް ފެންނަމުން ދިޔައިރު ނިކްހާ ހަދާނެ ގޮތް ހުސްވިއެވެ. މިކަން އިތުރު މީހަކާއި ހިއްސާ ކުރާނެހާ ހިތްވަރުވެސް މިއަދު އޭނާގެ ގައަކު ނެތެވެ.
*** ** ***
“ހަލޯ… މަ ފުރަމޭ މިއަދު ހަވީރު… ތިކޮޅުން ހުރިހާ ކަމެއް އޯކޭތަ…” ސިޑިން އަރަމުން ދިޔަ ޝާޔާއަށް ޒާހިރާ ދައްކަމުން ދިޔަ ވާހަކަތައް އަޑުއިވި އައި ކޮޅަށް ދުއްވައިގަތީ ދަތްޕިލަ އަތްމަށްޗަށް ލައިގެން ހުރެއެވެ.
“ނަޔާ…. ރައީ….” ނަޔާނީއަށާއި ރައިޝާއަށް ގޮވަމުން އައިސް ދޮރު ހުޅުވާލި ޝާޔާ ދިޔައީ ސިއްސައިގެންނެވެ. ރައިޝާ ދޮރުކައިރީ ހުރެ އޭނާ ސިއްސުވާލީއެވެ.
“ޕިސް ޕިސް…. ސާބަސް އިނގޭ… ބިރުން ކިރިޔައޭ ހަލައިކު ނުވީ…” ކޮޓަރި ތެރެއަށް ވަންނަމުން ޝާޔާ ބުނެލީ ދެއުކުޅުގައި އަތްވިދެލަމުންނެވެ.
“އާނ އެހެންނު ވާނީ… މާދުރުން އިވިއްޖެ ވިއްޔަ އަހަރެމެންނަށް ގޮވާއަޑު… އަހަރެމެން ހީކުރީ ތަނެއްގަ ރޯވީކަމަށް ދޯ ރައީ…” މަޖާ ވެލާފައި ނަޔާނީ ބުނެލިއިރު މީގެ ދުވަސް ކޮޅެއް ކުރިން ހިތާމަ ކޮށްކޮށްފައި އުޅުނުހެންވެސް ހީނުވެއެވެ. މިލާފައި ހުރި މޫނުމަތީ ލުއި ހިނިތުންވުމެއްވިއެވެ. އެ ހިނިތުންވުން ފެނި ޝާޔާގެ އުންމީދު އާވިއެވެ. އެކަނިވެރިކަމާއި އަނިޔާވެރިކަމުގެ ދަށުވެފައިތިބި ނިކަމެތި އަންހެން ކުދިންތަކަކަށް އެހީވެވޭ ކަމުގެ ހިތްހަމަ ޖެހުމުން އެހިތް ފުރުނެވެ.
“އަސްލު ކީއްވެތަ މާބާރަކަށް ގޮވީ… ޒާހިރާއަށް ޝާޔާ މިގެއިން ފެނިއްޖެޔާ ކަންތައް މާކަ ރަނގަޅެއް ނުވާނެންނު..” ރައިޝާ އޭނާގެ ކަންބޮޑުވުން ފާޅު ކުރިއެވެ.
“އައްތެ ތިކަމާ ހާސްނުވޭ… އެހެންނޫނަސް މިއަދު އޭނާ ފުރަނީއޭ…” ދެކުދިންގެ މޫނަށް ވަކިވަކިން ބަލައިލަމުން ބުނެލި އިރު އޭނާގެ މޫނުމަތީވީ ހިނިތުންވުން އިތުރަށް ފުންވެފައި ވިއެވެ. ޒާހިރާ މެލޭޝިޔާއަށް ދާންއުޅޭ ހަބަރު އެކުދީންނަށް ލިބުނީއްސުރެ އިންތިޒާރު ކުރެވެމުން ދިޔައީ ޒާހިރާ ފުރާނެ ދުވަހަކަށެވެ.
“ކޮބާ އަހަރެން ބުނީމެންނު މާތްﷲ އަހަރެމެން މި އަނިޔާވެރިކަމުން ސަލާމަތް ކުރައްވާނޭ… އިރާދު ކުރެއްވިއްޔާ އަހަރެމެން މިތަނުން ސަލާމަތްވުން އެއީ ވަރަށް ގާތުގައި އޮތް ކަމެއް…” ރައިޝާ އުންމީދުން ފުރިގެންވީ ގޮތަކަށް ވާހަކަ ދައްކަމުން ދިޔައިރު ނަޔާނީގެ މޫނުމަތީ ވީ ހިނިތުންވުން ވަނީ ފޭދިފައެވެ. އެމޫނުގައި ވަނީ މާޔޫސީ ކަމެވެ.
“މިތަނުން ސަލާމަތް ވިޔަސް އަހަރެން ދާނީ ވަކި ކޮންތާކަށް… މިތަނުން ނުކުމެގެން މަންމަ ގާތަށް ދިޔުމަށްވުރެ ޒާހިރާ ފައިދަށުވެ އޮތުންވެސް މާ ހިތައް ފަސޭހަ…. އެވަރުގެ އަނިޔާވެރި މަޔަކު ނޭނގެ މި ދުނިއޭގަ ވެސް އުޅޭނެ ކަމެއް… އެއީ ނުބައި ނުލަފާ މީހެއް.. އެއީ އަހަރެންގެ މައިމީހާއަށް ވިޔަސް އަހަރެން އެމީހާއަށް ނަފުރަތު ކުރަން…. އަހަރެންނަށް މިހާލު ޖެއްސި އެނުބައި މީހާއަށް ދުވަހަކު މިހިތް ހެވެއްނުވާނެ… އަހަރެންގެ އުމުރުން އެންމެ ހަ އަހަރުން ފެށިގެން މިތާ.. މިއަނިޔާވެރި ކަމާ މިވޭނުގަ މިކެތް ކުރީ… އަހަރެން ލޯބިވާ އެންމެންނާއި ދުރުކޮށް އަހަރެންނަށް މިހާލު ޖައްސަން އަހަރެންގެ ކުށަކީ ކޮބާ؟؟؟ ތޭރަ އަހަރު… ތޭރަ އަހަރު މި އަނިޔާވެރިކަމުގައި މިކެތްކުރީ ޝަކުވާއަކާއި ނުލާ… ޒާހިރާ ޖެއްސިހާ ކަމެއްކޮއްގެން ދިންހާ އަނިޔާއެއް ލިބިގަނެގެން މިއުޅުނީ މަންމަ އަހަރެންނަށް ހަދަންބޭނުންވި ގޮތްވީމަ… އެމަންމަ އަހަރެންދެކެ ލޯބިވޭތޯ… ލޯބިން ދަރިފުޅާއޭ ކިޔާގޮވާލައިތޯ… އެކަމަކު.. އެކަމަކު އެއީ އަހަރެންގެ ހަޔާތަށް ނާންނާނެ ދުވަހެއް… އެ ލިބުމެއް ނެތް ލޮއެއްބަށް އަހަރެންނަށް އިންތިޒާރު ކުރެވުނީ އަހަރެންގެ މޮޔަކަމުން… އެ މަންމަގެ ހިތެއް ދުވަހަކު މަޑެއްނުވާނެ… އެހިތަކަށް ދުވަހަކު ރަހުމެއް ނުވަންނާނެ.. މިއަނިޔާވެރިކަމުގައި އުޅެން އަހަރެން ދުނިޔައަށް ނުފޮނުއްވިނަމަ…” ނާޔާނީއަށް ހިތުގައި ހުރި ޝަކުވާތައް ބޭރުކޮށްލެވުނީ އޭނާގެ އިހްތިޔާރުން ބޭރުގައެވެ. ވޭނުން ފުރިގެންވީ ނަޔާނީގެ އަޑުން އެހިތުގެ ޝަކުވާތައް އަޑުއަހާކަށް ޝާޔާއަކަށް ފަސޭހައެއްނޫނެވެ . އޭނާގެ ލޮލުން ފޭބި ކަރުނަ ތިކި ނަޔާނީއާއި ސިއްރުން ފުހެލިއެވެ. ޝާޔާ ނަޔާނީގެ އަތުގައި ހިފާލަމުން ކެތްކުރާށޭ ބުނުމުން ނަޔާނީއަށް ރޮއެގަނެވުނެވެ. އޭނާގެ ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތްކުރަން ދަތިވިއެވެ. މަންމަގެ އެ ވިހަގަދަ ބަސްތައް ހަނދާންވެ އެހިތުން ލޭކަރުނަ ފާއްދާލިއެވެ. ބަނޑުއަޅާ ވިހޭ މައިމީހާގެ ދުލުން ބަދުބަސްތަށް ރައްދުވާން އެއްވެސް ދަރިއަކު އެދޭނެ ހެއްޔެވެ؟؟؟؟
“ނަޔާ ޕްލީޒް ދެން ހުއްޓާލާ… އިރާދަ ކުރެއްވިއްޔާ ނަޔާގެ މަންމައަށް ވެސް އަދި ވިސްނޭނެ…” އެކުވެރިޔާއާއި މެދު ހިތާމަ ކުރާހާލު ޝާޔާއަށް ބުނެލެވުނެވެ.
“އަހަރެންގެ މަންމައަށް ވިސްނޭނެނަމަ ވިސްނޭހާ ދުވަސް ވެއްޖެންނު… އެހިތުގައި ކުޑަނަމަވެސް ރަހުމެއް އޮތްނަމަ އަހަރެން މިހާލުގަ އުޅެން ޖެހުނީސްތަ؟؟؟ މަންމަ އަހަރެން ބަލަން ބޭނުން ނުވާނަމަ މަރާލާފަ އެއްލައިލި ނަމަ…. އެއިރުން ދުވަހަކުވެސް އެމަންމައަށް އުނދަގޫކުރާކަށް އަހަރެންނުދާނެ…. ހިތަށްއަރާ އަމިއްލެއަށް މަރުވެދާނަމޭވެސް…” ނަޔާނީގެ ހިތާމަތަކަށް ކެތްކުރަން މިއަދު އޭނާއަށް އެވަނީ ދަތިވެފައެވެ. އޭނާގެ ހިތަށް ކޮށްފައިވާ އަސަރު އެއަށްވުރެވެސް ބޮޑީއެވެ.
“ނަޔާނީ… ތިކަހަލަ ވާހަކަ ނުދައްކައްޗޭ… އަމިއްލައަށް މަރުވުމަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫނެންނު… ﷲ އިރާދު ކުރެއްވި އަޅަކަށް އެކަލާނގެ ދެރަގޮތެއް މިންވަރު ނުކުރައްވާނެ…. އަދި އެއްވެސް އިންސާނަކަށް ނުއުފުއްލެވޭ ވަރުގެ ތަކުލީފެއްވެސް ނުޖައްސަވާނެ…” ޝާޔާ ނަޔާނީގެ ކަރުނަތައް ފުހެދޭން ފެށީ ނަޔާނީ އަށް ހިތްވަރު ލައިދެމުންނެވެ.
*** ** ***
ފިލާވަޅު ހަދަން އިނދެފަ ފެންފުޅިއެއް ބަލައި ނިކުތް ނިކްހާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ފަރީޝާމެން ދައްކަމުން އައި ވާހަކައަކުންނެވެ.
“އާނ… މަ މިހުންނަނީ ކަންތައް ބޮޑުވެފަ… އެސޮރަށް ވަނީ ކިހިނެތް ކަމެއް ނޭނގެ… ހަމަ ހުރެފަ ހޭނެތިދާނެ… ޑަކުޓަރަށް ދެއްކިއަކަސް ވާކަމެއްނެތް… މި ހިތަށް އަރަނީ ރަށަށް ގޮސް ރުޤްޔާ ކޮށްލާ ހަދާލަން… ޖިންނިންގެ އުނދަގުލަކަށްވެސް ވެދާނެތާ…” ފަރީޝާ ގާތު ސޯފައިގައި އިން މެދު އުމުރުގެ އެއަންހެންމީހާގެ ވާހަކަތަކަށް އޭނާގެ ސަމާލުކަން ދެވުނެވެ. އެމީހާގެ ވާހަކަތަކުން އޭނާގެ އުންމީދު އާވެ މިކަމުން ސަލާމަތް ވެދާނެކަމުގެ އުންމީދު ކުރެވުނެވެ. އޭނާއާށް މިދިމާވަނީ ހަމަޔަޤީނުން ވެސް ޖިންނިންގެ އުނދަގުލެއްކަން އެނގޭއިރު އެކަމަށް ހައްލެއް ގެންނަން މަސައްކަތް ނުކޮށް މި ހުރެވެނީ ކީތްވެގެންތޯ އަމިއްލަ ނަފުސާއި ސުވާލު ކުރި ހިނދު އޭގެ ޖަވާބު ވެސް ލިބުނެވެ. އޭނާގެ ފިނޑިކަމާއި މެދު އަމިއްލަ ނަފުސުވެސް މަލާމާތް ކުރާ ކަހަލައެވެ. މިރޭ ކޮންމެ ގޮތެއް ވިޔަސް އެވާހަކަ ފަރީޝާ ނޫނީ ޔަނާލް ގާތު ދައްކަން އޭނާ ނިންމިއެވެ.
އެވަގުތު ޖެހިލި ހޫނު ވައިރޯޅިން އޭނާއަށް އިންޒާރެއް ދިންފަދައެވެ. އެއިރު އެލޮލުގައި ވިދަމުން ދިޔަކަރުނަތަކުން އޭނާ ބިރުގަނެފައި ވީވަރު ހާމަވަމުން ދިޔައެވެ. ނިކްހާއަށް ދެލޯ ބޮޑުކޮށްލަމުން ވަށައިގެން ބަލާލެވުނީ އޭނާ އަށް އުނދަގޫކުރާ އެމަޚްލޫގު އޭނާއާއި ކައިރީގައި އުޅޭ ކަމުގެ އިހްސާސް ކުރެވުމުންނެވެ. ދުއްވައިގަންނަން ބޭނުންވި ނަމަވެސް އެކަމަށްވެސް އޭނާ ނުކުޅެދިފައި ވާފަދައެވެ. އޭނާ ހުރި ފިޔަވަޅު މަތީ ހުރި އިރު ކޮޅަކަށް ފަހު ހުރި ސީދަލަށް ހިނގައިގަތީ އެ މަޚްލޫގުގެ ބާރުގައޭ ހީވާފަދައެވެ.
“ކޮންތާކުންތަ ތިއައީ… އެއްކަލަ ގަނޑު މިހޯދަނީ… ހެޑިންތައް ލިއެފަ ހުއްޓެންނު ގަނޑެއް.. ކޮބައިތަ އޭތި…” ކޮޓަރިއަށް ވަތް ނިކްހާފެނި ޔަނާލް ވާހަކަ ދެއްކީ އަތުގައި އޮތް ގަނޑުތަކުން ނަޒަރު ވަކިކުރުމެއް ނެތިއެވެ. ގަނޑުގައި ހުރި މުހިންމު ބައިތައް ހައިލައިޓް ކުރަމުން ޔަނާލް ފަހަތަށް އެނބުރުނީ ނިކްހާގެ ފުށުން ޖަވާބެއް ނައުމުންނެވެ. އެނދުގައި ސީދަލަށް އޮތް ނިކްހާފެނި ޔަނާލް އެދިމާއަށް ހިނގައިގަތީ ސިކުނޑީގައި ސުވާލު މާކު ތަކެއް ޖަހައިގެން ހުރެއެވެ.
“ނިކްހާ… ކިހިނެތްވީ… ބަލީތަ..” ނިކްހާގެ އަތުގައި ހިފާލަމުން ޔަނާލް ބުނެލީ ހިސާބެއްގެ ކަންބޮޑުވުމަކާއި އެކުއެވެ. ނިކްހާގެ އަތްތިލަ އާދަޔާ ހިލާފަށް ފިނިހެން ހީވުވާއެކު އޭނާގެ ހިތުގައި ބިރުވެރި ކަމެއް އުފެދުނެވެ. ނިކްހާގެ ނިތްކުރީގައި ޔަނާލްގެ އަތް އަތްޖައްސާލެވު ހެނެއް ހީނުވެ އަތް ދަމައިގަތެވެ. ނިކްހާ އޮތީ ހުމާ ފިހިފިހި އެވެ. ޔަނާލް ދެތިން ފަހަރަކު ގޮވާލުމުންވެސް ނިކްހާގެ ފަރައިތުން އެއްވެސް އިޝާރާތެއް ނުލިބުނެވެ. އޭނާގެ ހޭވެރި ކަންވެސް ނެތީ ކަންނޭނގެއެވެ. ޔަނާލް ތެދުވެ ދުއްވައިގަތީ ފަރީޝާއަށް ގޮވަމުންނެވެ.
ހަމަ އެހިނދު ކޮޓަރި ތެރޭގައިވީ ގަދަ އަލިކަން ނެތި ކަނު އަނދިރިކަން ވެރިވެގަތެވެ. ނިކްހާ ދެލޯ ތަންމިނަށް ހުޅުވާލީވެސް އެވަގުތުއެވެ. އޭނާގެ ލޮލުގެ ކަޅި ފެންނަން ނެތް އިރު ލޯ ވަށައިގެން ގަދަ ރަތް ކުލައިގެ ބައެއް ވިއެވެ. އަތުގެ ނިޔަފަތިތައް ދިގުވެ ބުޅިވަމުން އައެވެ. އޭނާގެ ހަށިގަނޑަށް ހަރަކައިތެއް ނުގެނެއެއް ކަމަކު އޭނާގެ ސިފަ ބަދަލުވެ ހުތުރު ވަމުން އައީ އެތާ އިންސާނަކު ހުރި ނަމަ ހެއަށް ގޮތްވާ ވަރަށެވެ.
**ނުނިމޭ**
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




V reethi
thankxx Ram
Is she the ghost??
And story v nice
thankxx shal
vvv reethi…next part ah inthixaaru kuraneemi…avahah up kohdhehchey dear
thank U taetae.. yuh try kuraanan..
Vr interesting ingey mi part vs.. waiting for next part..
thankxx @b@n…