ރާސްތާ2 ފަންސަވީސްވަނަ ބައި
އިވާން ފެނޭތޯ އަހުސަމްއާއީ އާރާޝް މުޅި މާލޭގައި ދުއްވިއެވެ. ނަމަވެސް އިވާންގެ ހިލަން ވެސް ނުވިއެވެ. ދެމީހުންވެސް ދުއްވަ ދުއްވައިފައި ރޭގަނޑު އެގާރަ ޖެހުމުން ގެއަށް ދިޔައެވެ.
ދީނާ އައުމުން ނަވާރް ދީނާއަށް ހުރިހާ އެއްޗެެއް ކިޔައިދިނެވެ. ނަވާރްގެ ބައްޕަ ފެނުމުން އެކުވެރިޔާއަށް ޓަކައި ދީނާ އުފާވިއެވެ. ނަވާރް ރުއިމުން އެކުއްޖާ ހަމައަކަށް އެޅުވުނީ ދީނާއަށެވެ.
މާނީގެ ފަރާތުން ނަވާރްއަށް އަސްލު ވީ ކިހިނެއްކަން ޔޫސުފްއަށް އެނގުނެވެ. އޭނާ ބޭނުންވީ ވަގުތުން ވަގުތަށް އިވާން ހޯދާށެވެ. އިސްރާ އަތުގައި އޮތް އިވާންގެ ފޮޓޮއެެއް ފެނުމުން އެއީ ކުރީދުވަހު މިސްކިތުން ދިމާވީ ބޭބެކަން ޝައްކެއް ވަސްވާހެއް ނެތި ޔޫސުފްއަށް ޔަޤީން ވިއެވެ. އެ ބޭބެ އޭނާއާ މުޚާޠަބުވެސް ކުރީ ބައްޕަގެ ނަމުންނެވެ. އޭނާއާ އިވާން ދިމާވިކަން ޔޫސުފް އެންމެންނަށް ސިއްރު ކުރިއެވެ.
ޝާރިމްގެ އުނދަގޫ ނުޖެހޭތީވެ އައިރާ ހުންނަނީ ވަރަށް ހަމަޖެހިފައެވެ. ނަމަވެސް އަދި ޝާރިމްގެ ކިބައިން މުޅިން ސަލާމަތް ނުވެެވޭ ކަމަށް އައިރާގެ ހިތް ބުނަމުން ދިޔައެވެ. އެހެން ހިތަށް އަރާ ފަހަރު ފަހަރު އައިރާ ބިރުގަނެއެވެ. އެހެނަސް އަބަދެކޭވެސް އެއް ފަދައިން ޔާޒް ހުންނާނެކަން ހިތަށް އަރުވަމުން އައިރާ ހަމަޖެހެއެވެ.
އަލައިކާއާއި އަލްޔަސް ދެހިތުގެ ގޮވުމަށްވެސް އިޖާބަ ނުދީ އުޅެމުން ދިޔައެވެ. ދެމީހުންނަށްވެސް ދެމީހުން ލޯބިވާކަން އެނގިހުރެމެވެސް ‘އިގްނޯރ’ ކުރަމުން ދިޔައެވެ. ދެމީހުންވެސް ބަލަމުން ދިޔައީ ވީހައިވެސް ދުރުން އުޅެވޭތޯއެވެ. ޔޫސުފްއާއެކީ އެގެއަށް ދާދުވަސް ދުވަހުވެސް އަލްޔަސް ބަލަނީ އަލައިކާއަށް ނުފެނި އުޅެވޭތޯއެވެ. އެކަމާ ހެދި ޔޫަސުފްގެ ދިމާކުރުންތަކާވެސް އަލްޔަސްއާ ކުރިމަތިލާން ޖެހެއެވެ.
މެންދުރުގެ ހޫނު ގަދަ ވަގުތެވެ. މެންދުރު ނަމާދުން ފައިބައިގެން ޔޫސުފް މިސްކިތު ބޭރުގައި މަޑުކޮށްގެން ހުރީ އިވާން ފެނޭތޯއެވެ. ރަތްކުލައިގެ ހުޑީއެއް ލައިގެން ހުރުމުން އާންމުންނަށް އޭނާ ފާހަގަ ކުރުން ވީ ދަތިކަމަކަށެވެ. މިސްކިތުން ނުކުންނަ ކޮންމެ މީހަކަށް ޔޫސުފް ފަރުވާތެރިކަމާއެކު ބަލަމުން ދިޔައެވެ.
މެންދުރު ނަމާދުކޮށްގެން ކިޔަވައިލަން އިނދެފައި އިވާން މިސްކިތުން ފޭބީ އެކެއް ޖަހަނިކޮށެވެ. ހޫނު ގަދަ ދުވަހަކަށް ވުމުން މަގު މައްޗަށް ނުކުންނައިރަށް ހަށިގަނޑަށް ހޫނުކަން އިހްސާސްވަމުން ދިޔައެވެ. ނިއްކުރި މަތިން ފޭބި ދާކޮޅު ފުހެލަމުން އިވާން ހިނގައިގަތެވެ.
ފާރުގައި ލެގިލައިގެން ހުރި ޔޫސުފްއަށް އިވާން ފެނުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އިވާންގެ ނަމުން ގޮވާލިއެވެ.
އޭނާގެ ނަމުން މީހަކު ގޮވުމާއެކު އިވާންއަށް ފަހަތަށް އެނބުރެވުނެވެ. ރަތްކުލައިގެން ހުޑީއަކުން މޫނު ފޮރުވައިގެން ހުރި ޒުވާނާ ފެނުމުން އިވާން ބިރުގަންނަ ގޮތްވިއެވެ. އެ ޒުވާނާ އެ އުޅެނީ އޭނާއަށް ގެއްލުމެއް ދޭންހެން ހީވިއެވެ. އިވާން ނޭންގޭ ކަމަށް ހެދެމެން އަވަހަށް އެތަން ދޫކޮށްފައި ދާން އުޅުނެވެ.
އިވާންގެ މޫނު މަތިން ފެނުނު ޖެހިލުންވުމާއި ބިރުން ޔޫސުފް ގާތަށް ހިނިއަންނަ ގޮތްވިއެވެ. އިވާން އެތަނުން ދާން އުޅޭހެން ހީވުމުން ހުޑް ތިރިކޮށްލައިފައި ބޭބެއޭޭ ކިޔައި ގޮވާލިއެވެ.
ޔޫސުފްގެ މޫނު ފެނުމުން އެއީ އާރާޝްގެ ދަރިފުޅުކަން އިވާންއަށް އެނގުނެވެ. ކުރީދުވަހުވެސް ޔޫސުފް ފެނިފައި ހުރުމުންނެވެ. އިވާން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްފައި ޔޫސުފްއަށް ހިނިތުންވެލިއެވެ. “ޔޫސުފް ދޯ؟ އާރާޝްގެ ދަރިފުޅު. ކިހިނެއް އެނގުނީ ބޭބެއަށް ކިޔާ ނަން؟” ޔޫސުފްއާއި ސަލާން ކޮށްލަމުން ހިނިތުންވެފައި އިވާން އެހިއެވެ. ޔޫސުފް އެއަށް ޖަވާބެއް ނުދީ ބޯކަހާލިއެވެ. އޭނާ އެދުނީ އޭނާއާއެކު އެގެއަށް ގޮސްދިނުމަށެވެ. އިވާންއާއި އާރާޝްއަކީ ދެ އެކުވެރިން ނޫންހޭ ޔޫސުފް ބުންޏެވެ. “ހެހެ. އާނދެން އެކުވެރިންނޭވެސް ބުނެވިދާނެ!” އެތައް އަހަރެއް ކުރީގެ ހަނދާންތައް އާކުރަމުން ހީލައިފައި އިވާން ބުންޏެވެ. އެހެނަސް އެގެއަށް ދާން އޭނާ ދެކޮޅު ހެދިއެވެ. ނަމަވެސް ޔޫސުފް ހުރީ ދޫ ދޭގޮތަކަށް ނޫނެވެ. އިވާން ގާތު އާދޭސްކުރަން ފެށިއެވެ. ޔޫސުފް ކުރުނުކޮށް ކިޔަން ފެށުމުން ގޮތް ދޫކޮށްފައި ޔޫސުފްއާއި އެއްކޮށް އެގެއަށް ދާން އިވާން އެއްބަސް ވިއެވެ.
މެންދުރު ކާން ހަދައިގެން މާނީ އިންތިޒާރު ކުރަމުން ދިޔައީ ޔޫސުފްއާއި އާރާޝް އަންނާނެ އިރަކަށެވެ. ދެމީހުންވެސް ނަމާދަށް ދިޔަ ގޮތަށް އަދި ނާދެއެވެ. އެމީހުން ނައިސްގެން މިންހާއަށް ވެސް ހުރީ ކާން ނޭރިފައެވެ. މިންހާ ބަނޑުހައިވެގެން ކުސްތަޅަމުން ދިޔައެވެ.
ޔޫސުފް ގުޅައިފައި އޭނާއާއެކި އެކުވެރިޔަކުވެސް އެބަދާކަމަށް ބުނުމުން މާނީ އެެއް ތަށި އިތުރަށް މޭޒު މައްޗަށް ނެގިއެވެ. އަދި ޔޫސުފްއާއި އާރާޝް އައުމުގެ ކުރިން މިންހާއަށް ކާންދީފައި ނަވްޔާމެން ބަޔަށް ފޮނުވާލިއެވެ. ޔޫސުފްއަަށް ވުރެ ކުރިން އާރާޝް ގެއަށް އައެވެ. ޔޫސުފް އެކުވެރިއެެއް ގޮވައިގެން އެބައާދެއޭ މާނީ ބުނުމުން އާރާޝް ހީކުރީ އަލްޔަސް ކަމަށެވެ.
ޔޫސުފްއާއި އެކީ އެތެެރެއަށް ވަތް މީހާ ފެނި މާނީއަށް ކޮޅަށް ތެދުވެވުނެވެ. މާނީގެ ދެލޯ ބޮޑުވެ އަނގަވެސް ހުރީ ހުޅުވިފައެވެ. ދޮރާއި ދިމާއަށް އެނބުރުނު އާރާޝްއަށްވެސް ވީ ހަމަ އެވަރެވެ.
މާނީ އެއްޗެކޭ ބުނަން އުޅޭހެން ހީވުމާއެކު އިވާންއަށް ނޭންގޭނެހެން ޔޫސުފް ދެފަރާތަށް ބޯހޫރާލައިފައި ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލިއެވެ.
“އަނހާ އިވާން. އާދޭ އާދޭ ކަލޭނޭ ކޮންތާކު މިއަޮށްހާ ދުވަހު އުޅެފަ ތިޔައީ. އެއްކަލަ އިރުގެ ފަހުން ކަލޭގެ ޚަބަރެއް ދަބަރެއްވެސް ނުވޭ ވިއްޔާ!” މޫނު މަތިން އެއްވެސް އަސަރެެއް ނުދައްކާ އާދައިގެ ގޮތަކަށް އާރާޝް ވާހަކަ ދެއްކިއެވެ. އާރާޝް ގޮސް އިވާންއާއި ސަލާންކޮށްފައި އިވާން އެތެރެއަށް ވެއްދިއެވެ.
ނަވާރްގެ އެއްވެސް ވާހަކައެއް ދެއްކުމެއް ނެތި ކެއުން ނިންމާލިއެވެ. މާނީގެ ކެއްކުމަށް އިވާން ތައުރީފު ކުރިއެވެ. ކައި ނިމިގެން އިވާންއާއީ އާރާޝް ސޯފާގައި ޖައްސާލިއެވެ. ޔޫސުފް ދިޔައީ ނަވާރް ބަލައެވެ.
ޚިޔާލުތަކުން ދުރުވުމަށް ނަވާރްއަށް އެންމެ ފަސޭހަވީ ކޭކު އަޅައިގެންނެވެ. ދީނާއާއީ ދެކުދިން ވެގެން ހަވީރަށް ކަޕްކޭކް އަޅައި އުޅުނެވެ. ޔޫޓިއުބިން ބަލައިގެން ނަވާރް ކޭކު މިކްސް ކުރިއެެވެ. ކޭކްމިކްސް ޓްރޭއަށް އަޅައިފައި އަވަންއަށް ލައިފައި ޖެއްސި ތަނުން ގޭގެ ބެލް ޖެހި އަޑުއިވުނެވެ. މޫނަށް ގޮތެްް ހަދައިފައި ނަވާރް ގޮސް ދޮރު ހުޅުވިއެވެ.
ދޮރު ކުރިމަތީ ހެވި ދިލިފައި ޔޫސުފް ހުއްޓެވެ. ކިހިނެއްވީތޯ ނަވާރް އެހުމުން ޔޫސުފް އެދުނީ އޭނައާއި އެކު މައްޗަށް ދިޔުމަށެވެ. ނަވާރްއަށް އަމިއްލަ ނަފްސަށް ބަލާލޭވުނީ އޭނާ ހަޑިކޮށް އިނުމުންނެވެ. “ސާބަސް. މަންޖެ ރީއްޗޭ. ތިހެން ހުއްޓަސް އޯކޭއޭ އަހަންނާއެކީ އާދެބަ!” ނަވާރްގެ އަތުގައި ހިފައި ޔޫސުފް ދަމައިގަތެވެ.
އިވާންއާއީ އާރާޝް އެކި ވާހަކަ ދެއްކިއެވެ. ދެމީހުންވެސް އޮލަ ވާހަކައިގައި ތިއްބާ ޔޫސުފް އައިސް ވަނެވެ.
ނަވާރް ތަކުރާރުކޮށް ވީ ކިހިނެއްތޯ ޔޫސުފް ގާތު އެހިއެވެ. ޖަވާބެއް ދިނުމެއް ނެތި ޔޫސުފް ނަވާރް ގޮވައިގެން ދިޔައެވެ. އެކަމާ ނަވާރް އިނީ ރުޅި ގަދަވެފައެވެ. ޔޫސުފް ގޮސް އެމިހުން އުޅޭ ބަޔަށް ވަދެފައި ނަވާރްއަށް އިވާން ދައްކާލިއެވެ. ނަވާރްއަށް ހުރި ފިޔަވަޅުމަތިން އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ. މެއަށް ފާޑެއްގެ ގޮތެއް ވާން ފެށިއެވެ. އިޚްތިޔާރަކާ ނުލައި އެ ރީތި ބޮޑު ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ.
މާނީ ލޮލުގެ އިޝާރާތުން އާރާޝްއަށް އިޝާރަތް ކުރުމުން އާރާޝް އިވާންއަށް ގޮވާލިއެވެ. “އިވާންގެ ދަރިފުޅު ކޮބާ؟”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Salam all. Enme furathama ves beynunvany vaahaka nugenesdhevi lasvikamahtakai hurihaa kiyuntheringr kibain maafaha edhen. Adhi ehaa gina dhuvaskohffa up kuri iruga ves mihaa kurukoh genes dhevunythyve maafaha edhen. Adhives alhugandu ehkkoh rangalhu nuvaathyve miulheny ehenve dhenves up kureveyny kon dhuvahegha kameh sydhaa bunaakah neyngey. Hurihaa kiyuntherinnah ves Understand vaane kamah ummedhu kuran.
Kiyara
issok kiyaa❤❤ v curious kohlaafa thi ninmaalee ? anyways v reethi vaahaka ?? thnk u for ur work…. i really appreciate it ?? understand vaa meehun understand vaane❤❤ anyways mi anna part mi week noony next week ga vx upkohdheveyne tha❤❤