ރަހާނާ އެގޭގެ ދޮރުމައްޗައް އަރައިފައި ބެލް ޖަހާލިއެވެ. އިރުކޮޅަކުން ދޮރު ހުޅުވާލީ އަންހެނެކެވެ. ފެންނަން އިނީ ހަމައެކަނި ލޯކަމުން އެއީ ދީނަށް ލޯބިކުރާ މީހެއްކަން އިނގުނެވެ. “ރަހާނާ!” ކުރިމަީގައި ހުރި މީހެއް ފެނުމުން ދެނެގަންނާކަށް ނައިރާ އަކަށް އުނދަގުލެއް ނުވިއެވެ.
***
އެއީ އޭނާގެ މަރްހޫމް ފިރިމީހާގެ ކޮއްކޮ އެވެ. މޫނޫމަތިން ބަލާލިއަސް ވައްތަރުކަން އެނގެއެވެ. “ތީކާކު ތޯ؟ ކިހިނެތް ތޯ އަޅުގަނޑުގެ ނަން އިނގުނީ؟” ރަހާނާ ހައިރާން ކަންމަތީ އިނދެ އަހާލި އެވެ. އަނެއްކާ…… ހިތަށް އެރި އެއްޗަކުން ރަހާނާގެ ދެލޯ ދިޔައީ ކާއްޓެއްހާ ބޮޑުވެގެންނެވެ. “ތި.. ތީތަ އަހަރެންގެ.. ދޮންބެގެ އަންހެނުން؟؟؟” ރަހާނާ އަޅައިގަންނަ ގޮތަކަށް ބުނެލިއެވެ.
ނައިރާ މަޑުމަޑުން ބޯޖަހާލިއެެވެ. ރަހާނާ އުފަލުން ފޮޅުނެވެ. ދެވަރަ ހުރިނަމަ އުދުއްސައި ގަންނަހާ އުފާވިއެވެ. އޭނާގެ ދޮންބެގެ ޢާއިލާ މިރަށުން މިހާ އަވަހަށް ފެންނާނޭ ކަމެއް އަދި ނޭނގެއެވެ. އަހަރުތަކެއް ކުރިން އޭނާގެ ދޮންބެގެ މަރުގެ ޚަބަރު ލިބުމުން ދުނިޔެ ނުހުއްޓުނީ ކިރިޔާއެވެ. ނަމަވެސް ލޯބިވާ ފިރިމީހާގެ ހިތްވަރުން އެހިތާމައި އަރައި ގަނެވުނެވެ. އެދުވަހުގެ ފަހުން މިއަދާއި ހަމައަށް ކުރަމުން އައި ބުރަ މަސައްކަތަށް އެއްވެސް އަލިކަމެއް ފެނިފައި ނުވެއެވެ.
“ކޮބާ ނާރާ؟” މާޒީގެ ޚިޔާލުތަކުން ނިކުންނަމުން ރަހާނާ ނައިރާ އާއި ސުވާލު ކުރިމަތި ކުރެވިއެވެ. “ކިހިނެތް ނާރާ އިނގެނީ؟” ނައިރާ ހައިރާން ކަންމަތީ އިނދެ ސުވާލު ކުރިއެވެ. “އަހަރެންގެ ދެކުދިންނަކީ ނާރާ އާއި އެއްކުލާސް ދެކުދިންވީ މައި ކޮއްމެވެސް ކުއްޖަކު ބުންޏޭކިޔައިފައި ރައިހަން ބުނީ..” ފުޅާ ހިނިތުންވުމެއް ތުންފަތް މައްޗައް ވެރިކުރަމުން ކުރު ތަފްސީލަކާއި އެކު ރަހާނާ ޖަވާބު ދާރީ ވިއެވެ. “އެހެންތަ؟ ރަނގަޅު ގަޑިއަކަށޭ ތިއައީ.. އާދޭ ސައިބޯން.. އަހަރެންގެ ފިރިމީހާ އާއި ނާރާ ވެސް އެބައި ސައިބޯން.. ނަރާންވީ ސްކޫލުގައި..”
އުފާވެރި ރާގަކަށް ނައިރާ މިހެން ބުނެފައި އެއެންމެންނަށް ހަވީރުގެ ސަޔަށް ދަޢުވަތު ދިނެވެ. ރަހާނާ ހެޔޮހިޔުން އެދަޢިވަތު ޤަބޫލު ކުރިއެވެ. ނާރާ ދެކިލާހިތުން ރަހާނާ ނައިރާ އާއި އެއްވަރަށް ހިނގައިގަތެވެ. ފަހަތުން ރައިހާ އާއި ރައިހަން ގެ އިތުރުން ރުހާމް ވެސް ދިޔައެވެ. ރައިހާ ކާކޮޓަރިއަށް ވަދެ ނާރާ ކައިރީގައި އިން ހުސްގޮނޑީގައި އިށީންދެލިއެވެ.
“ރައިހާ އެންޑް ހާ ހޯލް ފެމެލީ؟؟؟ މިތާގަ ކީއްކުރަނީ؟؟” ރައިހާމެން މިވަގުތު އެގެއަށް އަންނާނެ ބޭނުމެއް ނޭނގުމުން ނާރާ ހިތާހިތާ ބުނެލިއެވެ. ނައިރާ ނިހާން އަށް އެއީ ކޮންބައެއްކަން ބުނެދިނެވެ. ނިހާން، ރުހާމް އާއި ސަލާމް ކޮށްލިއެވެ. ރައިހަން ވެސް ނިހާން އާއި ސަލާމް ކޮށްލާފައި އައިސް ރައިހާގާތު އިށީންދެލިއެވެ. ރަހާނާ އައިސް ނާރާގެ ގައިގައި ބައްދާލިއެވެ. މިއެންމެންގެ ޢަމަލުތައް ހުރިގޮތުން ނާރާ އިނީ ބޮލަށް ތަދުވެފައިއެވެ.
މިއެންމެން މިއަދަކު ކިހިނެތް ވެގެން އުޅޭ ދުވަހެއް ހެއްޔެވެ؟ ނުވެސް ދަންނަބަޔަކު އައިސް ގައިގައި ބައްދާ ކަންތައް މިކުރަނީ ކީއްވެގެން ހެއްޔެވެ؟ މަންމަ އާއި ރައިހާގެ މަންމަ މިހާ އެކުވެރިވީ ކޮންދުވަހަކު ހެއްޔެވެ؟ ގައިމު ރައިހާ މެންނަކީ އިހައްދުވަހު މިރަށަށް އައިބަޔެކެވެ. މަންމަ މިމީހުންގެ ވާހަކައެއް ދުވަހަކުވެސް ނުދައްކައެވެ. މިކަހަލަ ސުވާލުތަކެއްގައި ނާރާގެ ސިކުނޑި ދިޔައީ ބަނދެވެމުންނެވެ. “ރައި.. ވަޓްސް ދިސް؟” ރަހާނާ އެނބުރި އޮލަވާހަކައަކަށް ދިޔުމުން ނާރާ ރައިހާގެ ކަންފަތް ދޮށަށް ގުދުވެލާފައި ސުވާލު ކުރިއެވެ. “ސީރިއަސްލީ ނާރާ؟؟؟ އަދިވެސް ގެޓުނުވޭތަ؟؟؟” ރައިހާ ހައިރާންކަން މަތީ އިނދެ ވައިއަޑުން ބުނއލިއެވެ. ނަމަވެސް ރައިހަން އަށް މިއަޑު ރީތިކޮށް އިވުނެވެ.
“އާނއެކޭ ރައި.. ޕްލީސް ރައި ނުބުނަންޏާމުން އަހަރެން ރައި އާއި ރުޅި.. މަންމަ ކައިރީވެސް އަހާކަށް ނުކެރޭނެޔޭ..” ނާރާ ތުންގަނޑު އަނބުރާފައި ބުނެލުމުން ރައިހާ ގާތަށް ވަރަށް ހިނިއައެވެ. ނަމަވެސް އެކަން ބޭރަށް ނުދައްކާހުރީ ނާރާ އިތުރަށް ރުޅިއަރުވަން ބޭނުން ނުވުމުންނެވެ. “ޗިލް މައި ޑިއާ.. ނާރާ.. އަހަރެންގެ މަންމަ އާއި ނާރާގެ އަސްލު ޑޭޑް އަކީ އެއްބަނޑު އެއްބަފާ ދެބެން..” ރައިހާ ނިކަން ތަފްސީލުކޮށް ނާރާ އަށް ބުނެދިނެވެ. “އޭގެ މާނައަކީ…. އަހރެމެން ދެމީހުންނަކީ ކަޒިންސްއޭ؟؟؟؟؟” ނާރާ ފާޑަކަށް އަނގަ ހަދަމުން ބުނެލިއެވެ. “އެގްޒެކްޓްލީ!!” ނާރާ އަށް ވިސްނުމުން ރައިހާ ބުނެލިއެވެ.
“ތިއެންމެން ވާނެ އަހަރެމެންގެ ގެއަށް އަންނަންވެސް.. އެހެންވީމައި މިރޭ އިޝާ ނަމާދު ކޮށްލައިގެން އަހަރެމެން ގެއަށް ކެއުން.. އެއްމެ ރަނގަޅެއްނު؟” ރުހާމް އެމިހުންނަށްވެސް ދަޢުވަތެއް އެރުވިއެވެ. ޤަބޫލުކުރުމާ ނުކުރުން އޮތީ ނިހާންގެ ދެމަފިރިންގެ އަތްމަތީގައެވެ. “އެއްމެ ރަނގަޅު..” ނިހާން އުފަލާއެކު ޤަބޫލު ކުރިއެވެ. “ރަހާނާ ތިގެ ހުންނަނީ ކޮންތާކު؟؟” ނައިރާ އެމީހުން އުޅޭ ތަނެއް އޮޅުން ފިލުވިއެވެ. “ބޮޑުމިސްކިތް ކުރިމައްޗައް އާދެ.. އަހަރެމެން ތިބޭނަން އެތާގައި..” ރުހާމް އަންނަންވީ ތަން ބުނެލިއެވެ. “އޯކޭ” ނިހާން ބޯޖަހާލަމުން ބުނެލިއެވެ. އެކުޑަ ވަގުތު ކޮޅުގައިވެސް ނިހާން އާއި ރުހާމް ގާތް ދެއެކުވެރިންނަށް ވިއެވެ. މިކަމުން އެއްމެ ބޮޑު އުފަލެއް ލިބުނީ ނައިރާ އަށެވެ. ނިހާން އެމީހުން ފެނުނީމައި ޢަމލުތައް ބަހައްޓާނެ ގޮތެއް ނޭނގުމުން ނައިރާ ހުރީ ވަރަށް ކަންބޮޑުވެފައިއެވެ. އެހެނީ ނިހާން، ނައިރާދެކެ ވަނީ އާދައިގެ ލޯތްބެއް ބޫނެވެ.
ސާދަވިލޭރޭގެ ބުރުހަމަ ހަނދު މެދުއުޑުގައި ރަނިކަން ކުރަމުން ދިޔައީ އޭގެ އެއްމެ ފުރިހަމަ އަށެވެ. އިސްތިޤުބާލުގައި ވިދާ ތަރިތައް އެއްވެސް ތަރުތީބެއްނެތި އެތުރިގެން ތިއްބެވެ. ރޭގަނޑު އަށެއް ޖެހިއިރު ނިހާންގެ ދެމަފިރިންނާއި ނާރާ އަދި ނަރާން ތިބީ މިސްކިތް ދޮށު އެވެ. މާގިނަ އިރަކު އިނތިޒާރު ކުރާކަށް ނުޖެހުނެވެ. ކުރިމަތީ އޮތް ގޯޅިގަނޑަކު އިން ކުއްޔައްދޭ ގެއަކުން ނިކުމެގެން އެހެރަނ އަންނަނީ ރުހާމްގެ ޢާޢިލާ މެންބަރުންނެވެ. “އެއީތަ އުޅޭ ގެއަކީ؟ އެކަކު ނިކުތަސް ވާނޭ!!” ނައިރާ އެމީހުން އެއްކޮށް ނިކުތުމުން ޝަކުވާގެ ރާގަކަށް ބުނެލިއެވެ.
“އެހާ ވަގުތު ކުޑަތަންވީމައި މީރު ކާއެއްޗެއްވެސް ތައްޔާރެއް ނުކުރެވޭނެ އެއްނު؟؟ އެހެންވީމައި އަހަރެމެން ނިންމީ ޑޮމެސިސް ރެސްޓޯރެންޓައް ދާން..” ރަހާނާ އެންމެން ނިކުތް ސަބަބު އޮޅުން ފިލުވައިލިއެވެ. ރެސްޓޯރެންޓޭ ބުނުމުން ކުދިވެރިންނަށް ހީވީ ޢީދެއް ލައިގަތް ހެންނެވެ. އެހެނީ އެއީ އެކަހަލަ ތަންތަނަކީ ވަރަށް މަދުން ނޫނީ ނުދާ ތަނަކަށް ވުމުންނެވެ. އެވެރިންގޮސް ކުރާނެ ކަންތައްތައް ރާވައިލިއެވެ. އެކުޑަވަގުތު ކޮޅުގެ ތެރޭގައި ނަރާން އާއި ރައިހަންވެސް ގާތް ދެއެކުވެރިންނަށް ވިއެވެ.
ޑޮމެސިސް ރެސްޓޯރެންޓަށް ވަތްއިރު ބޭރުގައި ގިނައިން ތިބީ ކޮފީ ތަކަށް އައިސް ތިބި ފިރިހެނުންނެވެ. ވީ.އައި.ޕީ ބަޔަށް ވަތް އިރު އެތާގައި ބޮޑު އާއިލާ އެއް މެދުގައި އޮތް ބޮޑު ދިގު މޭޒުގައި ތިއްބެވެ. ދޮތުން ވަދެގެން ވާތް ފަރާތައް ހުރި މޭޒުތައް ފަރުމާ ކޮށްފައި ހުރީ ކަޕްލްސް އަށް ތިބެވޭގޮތަށް ދެގޮނޑި ދެފަރާތުގައި ބަހައްޓާފައި އެވެ. ކަނާތް ފަރާތުގައި ހުރި މޭޒުތަކުގައި ތިބެވެނީ ހަމީހުންނަށެވެ. އެހެންކަމުން ވާތް ފަރާތުގައި އިން މޭޒެއް ގެނެސް އެއްމެ ކަނުގައި އިން މޭޒެއްް ކައިރީ ބެހެއްޓިއެވެ. މިތާގައި އިށީނީ ރައިހަން އާއި ނަރާން އެވެ.
އިރުކޮޅެއްނުވެ ދެފެންފުޅި އާއި އަށް ތަށި ހިފައިގެން ވެއިޓަރެއް އައިއްސިއެވެ. އެނބުރި ދިޔައީ އޯޑަރު ނަގާފައިއެވެ. ނަރާން އާއި ރައިހަން އަށް އެއް ޗިކެން ޕިއްޒާ ނެގިއިރު ނާރާ އާއި ރައިހާ ނެގީ ޗިކެން ސަބްމެރިން އެކެވެ. ނައިރާ، ނިހާން، ރުހާމް އަދި ރަހާނާ ނެގީ ވަޅޯމަސް ކޮށްތު ރޮށްޓެކެވެ. ހުރިހާ އެންމެންނަށް ވެސް ބޯން ފްރެޝް އޮރެންޖް ޖޫސް ނެގިއެވެ. ސާޅީސް ފަސް މިނިޓުތެރޭ ކާތަކެތި ހަމަވުމުން ނާޜާ އާއި ރައިހާ ބެލީ އަވަހަށް އޭތި އިންސްޓަގްރާމް ކުރެވޭތޯއެވެ. ފޮޓޯޕޯސްޓް ކޮށްލާއިރަށް ލައިކްސް ފަންސާހުން އައެވެ. އެހިތްހަމަ ޖެހުމުގައި ކައި ނިންމާލިއިރު، ދިހައެއްޖަހަން ވަނީ ކައިރި ވެފައެވެ. އެއްވެސް މީހަކީ ދުފާހުނިލާ ހަދާ މީހުން ނޫންވީމައި އޭތި ގެނައުމުންވެސް ބޭނުންނޫން ކަމަށް ބުނެ ފޮނުވާލީ އެވެ. ބިލް އައުން ލަސް ވާތީ ޓިށޫ ފޮށިމަތީ ގައި އިން ކުޑަ ވަށްކޮށް އިން އެއްޗެއްގައި އިން ‘ކޯލް’ ބަޓަން އަށް ފިތާލުމުން ވެއިޓަރެއް ބިލް ހިފައިގެން އައެވެ.
އެންމެން ކައި ނިމިގެން ގެއަށް ދިޔައިރު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. ވެފައި ހުރި ވަރު ބައްޔާ އެކު އެންމެން ވެސް ބެލީ އަވަހަށް ނިދޭތޯއެވެ.
ރުހާމް ފާޚާނައިން ނިކުމެ އެނދުމަތީ އޮށޯނަން ބަލާލިއިރު ރަހާނާ އޮތްގޮތް ފެނުމުން މޫނުމައްޗައް ހިނިތުން ވުމެއް ވެރިވިއެވެ. ވަރަށް ދުވަސް ފަހުން ރަހާނާގެ މޫނު މައްޗައް ޙަޤީޤީ ހިނިތުންވުމެއް ފެނިލިއެވެ. ރަހާނާ އޮތީ ފުން ވިސްނުމެއްގައި އެވެ. “ރަހާ؟؟ ކިހިނެތް ވީތަ؟؟” ރަހާނާ ވިސްނަނީ ކޮންކަމަކާއި މެދު އިގޭއިރުވެސް އެޚިޔާލް ހުރިގޮތް އެ ދުލުންް ބުނެލާ އަޑު އަހާލަން ބޭނުން ވީއެވެ. “ރުހާމް! ސާދަ އަހަރު… ސާދަ އަހަރު ވެއްޖޭ އަހަރެން ދޮންބެގެ ފެމެލީ ހޯދަން އުޅޭތާ.. އަހަންނަށްވެސް އިނގޭ ކޮއްމެވެސް ދުވަހަކުން ފެންނާނެކަން ދުނިޔޭގައި އުޅެންޏާ.. އެއުއްމީދުގައި، އެއަޒުމަށް ބަދަލެއް ނައިސް މިދަތުރުގެ ނައު ހުއްޓުނު މަންޒިލަކީ މިއަދު މިއީ.. މިދަތުރު މިނިންމާލީ ކާމިޔާބު ކަމާއެކީ.. އަލްޙަމްދު ﷲ.. ހުރިހާ ޝުކުރެއް ރަޙްމާން ވަންތަ ރަސްކަލާނގެ އަށް.. އެކަލާނގެ އެމީހުނާ ދިމާވުމަށް އަހަރެންގެ ތަޤުދީރުގައި ލިޔުއްވާފައި ވީތީ މި ދިމާވީ.. ދެން އަހަރެން ނުދާނަން.. އެއްތަނަކަށް ވެސް ނުދާނަން.. މެލޭ އަކަށް ވެސް ނުދާނަން. އަހަރެން އުޅޭނީ މިތާގައި… މިރަށުގައި..”
ރަހާނާ އޮތް ގޮތަށް އޮވެ ވާހަކަ ނިންމާލައިފައި ރުހާމަ އަށް ބަލާލިއެވެ. “އަހަންނަށް އޯކޭ.. އެކަމަކު ހިނގާބަލަ ނާރާ ގޮވައިގެން މެލޭ އަށް ދާން.. ރަހާގެ މައިންބަފައިން ތިބެނީ ވަރަށް ގިލްޓީ ފީލް ވެފައެއްނު އޭރު ކުރެވުނު ކަންތަކުން.. އެމީހުންގެ އެއްމެ ދޮށީ ކާފަ ދަރިފުޅު ފެނުނީމައި ކިހާ އުފާވާނެ..” ރުހާމް ރަހާނާގެ މޫނަށް ބަލަން އޮވެ ބުނެލިއެވެ. “އާން ތިއީ ރަނގަޅު ޚިޔާލެއް.. މާދަން ބަންދެއް ކައިރިވީމައި ބުނާނަން ނައި ދައްތަ ކައިރީ ގައިވެސް..” ރަހާނާ މިހެން ކިޔާވައި ކުއިލްޓު ތެރޭގައި ބޮނޑި ވެލާފައި ނިދީގެ ޢާލަމަށް ދަތުރު ފެއްޓި އެވެ. ރުހާވެސް ކައިރީގައި އިން ލައިޓް ނިއްވާލައިފައި ދެލޯ މަރައިލިއެވެ. ވެފައި ހުރި ވަރުބައްޔާ އެކު ނިދީގެ ފުންކަނދަށް ގެނބޭކަށް މާކަ ގިނައިރެއް ނުނެގިއެވެ.
***
އިރު ފެނުން ތޮޅިލިއިރު އަންހެންވެރިން މަގުތައް މައްޗައް ކުނިކަހަން ނިކުތެވެ. ވާރޭ ނުވެހޭތާ ގިނަދުވަސް ވުމުންވެސް، މިރަސަކު މިހާރު ހިރަފުސް ބުރުވަމުން ކުނިކަހާކަށް ނުޖެހެއެވެ. މަށަން ދައްޗެއް ހިފައިގެން އައިސް ފަތްކޮޅު ހޮވާލީމާ ނިމުނީއެވެ. މަސައްކަތު ތަކާއި ވަޒީފާ ތަކަށް ދާމީހުން އަވަސް އަވަސް އަރުވައިލައިގެން އުޅެނީ މަންޒިލަށް ގަަޑި ނުޖެހި ދެވޭތޯ ބަލާށެވެ. ޕޭމަންޓު ތައްމަތިން މަޑު ނޫކުލަ އާއި ކަނޑު ނޫކުލައިގެ ޔުނީފޯމް ގައި އެހެރަދަނީ ސްކޫލަށް ކިޔަވަންދާ ކުދިންނެވެ. އިސާހިތަކު ސްކޫލު ކުރިމަތީ މަގު ފުރާލީ ސްކޫލު ދަރިވަރުންނެވެ. މަގުތައްމަތީގައި ޓްރެފިކް މޮނީޓަރުން ދިޔައީ ހަރަކާތްތެރި ވަމުންނެވެ. އާދައިގެ މަތިން މިއަދުވެސް ނާރާ ސްކޫލަށް ދިޔައީ ނަޝާ އާއި އެއްކޮށެވެ. ހުރިހާކުދިން ހަމަވެ އެސެމްބްލީ ނިމުމުން ‘ބުކްވާމްޕީރިއަޑް’ ގައި ސްޓެމް ކުލަބުގެ އިންޗާޖާއި ޗެއާޕާސަން ދުރުވިއެވެ.
އިޙުތިރާމް އަދާކުރުމުގެ ގޮތުން ހުރިހާކުދިން ކޮޅަށް ތެދުވިއެވެ. އިނޗާޖް މިސް ހަރަކާތުން އިށީންނާށޭ ބުނެފައި ބުނަން އައި ވާހަކަ އާއިގެން ކުރިއަށް ދިޔައެވެ. “ކުދިން.. ވަރަށް އަވަހަށް އޮންނާނެ ކުއިޒް މުބާރާތެއް.. މިމުބާރާތް އޮންނާނީ ގުރޫޕު ވައިސް ކޮށް.. މިއީބަޔޮލޮޖީ ބައިން އަންނަ ކުއިޒް މުބާރާތެއް. ކުދިން ދަސްކުރަންވާނެ ކީސްޓޭޖް 2 އަދި ތިނެއްގެ ފޮތް.. އެހާ އުނދަގުލެއް ނުވާނެ.. ކޮއްމެ ފޮތަކުވެސް އިންނާނީ ދެތިން ޔުނިޓް ވަރު.. އެއީ ޓެން ޓޮޕިކްސް.. ތިކުދިންނަށް.. އެއިޓް ގެ ފޮތް ލައިގެން އިނގޭ.. ބައިވެރިވާ ފޯމް މިއަދު ގަޑިނިމިގެން އޮފީހަށް ދުރުވީމައި ލިބޭނެ.. ބައިވެރި ވެވޭނީ މަދުވެގެން ތިން ކުދިންގެ ޓީމަކާއި ގިނަވެގެން ހަކުދިންގެ ޓީމަކަށް.. އާދިއަތް ދުވަހު ކުއިޒްގެ ޤަވާޢިދާއި އޮންނަ ތާރީޚެއް އިޢުލާން ކުރެވޭނެ.. އެއްވެސް ސުވާލެއް؟؟” މިސް މިހެން ބުނެފައި މުޅިކުލާހަށް ނަޒަރު ހިންގާލިއެވެ.
ރީނާ އަތް މައްޗައް ނަގައިފައި ހުއްދައަކަށް އެދުނެެވެ. “މިސް ގުރޫޕުގައި ފިރިހެންކުދިން ބައިވެރި ކުރެވިދާނެތަ؟އަދި ކުލާހަކުން ކިތައް ގުރޫޕު؟؟” ރީނާ ޖެހިލުމެއްނެތި ކުރިސުވާލުން އެހެން ކުދިންވެސް ލަދު ގަންނުވައިލައިފިއެވެ. “ލައްބަ.. ބައިވެރި ކުރެވިދާނެ.. އެއޯކޭ ކުލާހަކުން ދިހަ ގުރޫޕަކަސް..” މިހެން ކިޔައިފައި އެމީހުން ނިކުމެގެން ގޮސް ޖެހިގެން ހުރި ކުލާހަށް ވަދުނެވެ. ޓީޗަރު ހަމަނިކުންނައިރަށް ރީނާ ދެދުވެއްޖެ އެވެ. އޭނާ ހިނގައިގަތް އިރު މިސްރާބު ހުރީ ރައިހަން މެން ތިބި ގޮނޑި ބަރި އާއި ދިމާއަށެވެ.
“ރައި!! ސޭ ނޯ!!” ރައިހަން ގާތު ހުއްޓުނު ރީނާ އެއްޗެކޭ ބުނުމުގެ ކުރިން އަންޝް ގުދުވެލާފައި ކަންފަތް ދޮށުގައި ބުނެލިއެވެ. “ރައިހަން!.. އަހަރެމެންގެ ޓީމަށް ޖޮއިން ކޮށްދޭން ވީނު.. ރިހާ ހޭންޑްސަމް ރީތި ކުދިން ޖޮއިން ކުރަންވާނީ އަހަރެމެން ކަހަލަ ކުދިންނަކާއެއްނު…” ރީނާ ނާރާމެން ތިބި މޭޒަށް ކަޅި އުކަމުން ބުނެލިއެވެ. މިކަމުން އެއްމެ ރުޅި އައީ ރައިހަން ގާތަށެވެ. ނަމަވެސް އެ ރުޅި ކޮންޓްރޯލް ކުރަމުން އޭނާގެ ވާހަކަ ކުރިއަށް ދިޔައެވެ. “އައްޗި.. މައެބައުޅެންތަ ރީނާމެންގެ ގުރޫޕަށް ޖޮއިން ކުރާހިތުން.. ތި ގުރޫޕަށް ވުރެ މާކަމުދޭ ރައިމެންގެ ގުރޫޕާ އެއްކޮށްވެސް.. އެހެންނޫނަސް ރީނާމެންގެ ފިރިހެން ކުދިން ގުރޫޕު އުޅޭ ގޮތަކަށް ނޫނޭ އަހަރެމެން އުޅެނީކީ..” މިވީ ދުވަސްކޮޅެތެރޭ އެމީހުންނަށް ކުލާސް ކުދިން ނިކަން ރަނގަޅަށް އިނގެއެވެ. ރައިހަންގެ ވާހަަކަ ކުރިއަށް ގެންދިޔައެވެ.
“އެހެންނޫނަސް ތިގުރޫޕު ފިރިހެން ކުދިން އުޅޭ ގޮތަކަށް ނޫނޭ އަހަރެމެން ެުޅެނީކީ އެއް.. އިނގޭތަ؟ ތިގޮތަށް ފެންނަހާ ކުދިންނާއި ރައްތެހިވުމަކީ ރީތި އަދި ރަނގަޅު ކަމެއް ނޫނޭ.. މައިންބަފައިން ވާ ޤުރުބާނީގެ އަގު ވަޒަން ކުރަން އިނގެނީ ތިގޮތަށްތަ؟ ރީނާ.. ތިހެން އުޅޭ ކަށް ރީނާގެ މައިން ބަފައިންނަށް އިނގުނީމައި ކިހާ ދެރަވާނެ.. ސްކޫލަށް ކިޔަވައިދެން ފޮނުވަނީ ހާދަ އުންމިދެއްގައޭ.. ދަރިންނަށް ކިޔަވައިދެން އެމީހުންގެ ގައިން އެއޮހޮރުވަނީ ހާދަ ދަލެކޭ.. ރީމާ އަށް ނުވިސްނިދާނެ.. އެކަމަކު.. އެއްމެ ކުޑަމިނުން މާތް ﷲ އަށް ބިރުވެތި ވެބަލަ.. އެކަލާނގެ ދެއްވައިފާނެ ކޯފާ އަކަށް ބިރުވެތި ވެބަލަ.. އެއްމެ ލޯބި ވާންވީ އެކަލާނގެއާއި އެކަލާނގެ ރަސޫލާދެކެ… އެއަށްފަހު މައިން ބަފައިންވެސް އަންނަނީ.. ރީނާ އަށް އަދިވެސް ވަގުތު އެބައޮތް.. ދުނިޔެއަކީ ހިތަކަށް ލިބިފައި އޮތް އެއްޗެއް.. އޭގެ ބޭނުން ހުފަން ޖެހޭނީ ހެޔޮގޮތުގައި.. ރަނގަޅު ގޮތުގައި.. އޭރުން ދެދުނިޔޭގެ ފަލާޙާ ކާމިޔާބު ލިބޭނެ.. އިންޝާ ﷲ” ރައިހަން އަށް މިބަސްތަށް ދުލަށް އައި ގޮތެއްވެސް ނޭނގުނެވެ. ޚުދު އޭނާވެސް ހުރީ ހައިރާން ވެފައިއެވެ.
ރައިހާ ހިތައް އަރަމުން ދިޔައެވެ. އޭނާގެ ކޮއްކޮ މިއީކީ ދުވަހަކު މީހަކާއި ދިމާލަށް އެއްޗެކޭ ބުނި ކުއްޖެއް ނޫނެވެ. ނަމަވެސް އެއީ ކޮންތާކުން ނެރުނު ހިތްވަރެއް ހެއްޔެވެ. މިއަދު އެކޮއްކޮ އޭނާގެ މައިންބަފައިންދެކެ ވާލޯތްބާއި އެމީހުންނަށް ކުރާ ޤަދަރާއި އަދި އެމީހުންގެ ތަރުބިއްޔަތުގެ ބޭނުން ހިފައިފިއެވެ. “އައި އެމް ޕްރައުޑް އޮފް ޔޫ” އިޚްތިޔާރުން ބޭރުގައި ނަމަވެސް ރައިހާ އަށް ވައިއަޑުން ބުނެވުނީ އޭނާގެ ހިތު ތެރޭގައި އޮތް ފަސް ލަފުޒެވެ. މިއަޑު ނާރާ އަށް ވެސް އިވުނެވެ. “ހައް.. ހާދަ ކަޓު މީހެކޭ.. މިވަރުގެ މީހެއްކަން އިނގުނު ނަމަކަ ނުވެސް އައިމުސް.. ހުއް.. ވަރަށް ފޫހިވޭ..” ރީނާ މިހެން ކިޔައިފައި ގޮސް ގޮނޑީގައި އިށީންދެލިއެވެ.
ސްކޫލް ނިމުނުތާ އިރުކޮޅެއް ނުވެ މުޅި އޮފީސް ފުރައިލައިފައި އޮތީ ކީސްޓޭޖް ތިނެއްގެ ކުދިންނުންނެވެ. ވަރަށް އިރުން ދެފޯރމް ހިފައިގެން އައިސް ސްޓަޑީ ޕާރކްގެ ބެންޗެއްގައި އިށީންދެލިއެވެ. ހިނގާބަ ހަކުދިން އެއްގުރޫޕެއްގައި ބައިވެރި ވާން..” ނަޝާ ދިން މިޚިޔާލު ހުރިހާ ކުދިންނަށްވެސް ކަމު ދިޔައެވެ. “ހެހެ.. ރީނާ އަށް ނޭނގިވެސް އެކުރެވުނީ ވަރަށް ފައިދާ ހުރި ކަމެއް..” ނައީޝް އެންމެންނަށް ބަލާލައިފައި ކުޑަ ހުނުމަކާ އެކީ ބުނެލިއެވެ. ފޯމުގެ އެހެން ހުރިހާ ބައިތަކެއް ފުރާފައި ނަމަކާދޭތެރޭ ވިސްނަން ފެށިއެވެ. “ނާރާ!! ތީވަރަށް ފޮތް ކިޔާ ކުއްޖެއްނު؟ ބުނެބަލަ ރީތި ނަމެއް..” ނައީޝް ނާރާ އަށް ބަލާލަމުން ބުނެލިއެވެ. “ރޯސް” ނަޝާ ވަރަށް ވިސްނަން އިނދެފައި ކަހަލަ ގޮތަކަށް ބުނެލުމުން އެންމެންގެ ބަޑި ދިޔައީ ފަޅައިގެންނެެވެ. “ވަޓް!؟؟؟.. ކީއްވެ ތިހެނީ؟؟؟” ނަޝާ އެންމެންހޭ ސަބަބެއް ނޭންގުމުން އަހާލިއެވެ. “މައި ބޭބީ ސިސް.. މިތާ ތިބި އެންމެންނަށް އިނގެއޭ ނަޝާ ފިނިފެންމަލަށް ލޯބިކުރާކަން.. އެކަމަކު ފިރިހެން ކުދިން ތިބޭ ގުރޫޕެއްގައި ތިކަހަލަ އަންހެން ނަމެއް……. ނުއެއް ގުޅޭ ދޯ؟؟” ނައީޝް ނަޝާ އަށް ވިސްނޭނެ ފަދައިން މަޑު މައިތިރި ކަމާއެކު ބުނެލިއެވެ. އަނެއްކާވެސް އެންމެން ވިސްނަން ފެށިއެވެ.
“އެއިންސްޓްއިން!” ހަމަ ހުރެލާފައި ރައިހަން ބުނެލީ ވަރަށް މޮޅުމީހެއްގެ ނަމެކެވެ. “އޭން؟.. އެއީ ކޯޗެއް؟” ނާރާ ފިޔަވާ އަނެއް ހަތަރު ކުދިން އަނގަ ޗޭކޮށްފައި ބުނެލިއެވެ. “އޭއެއްޗެއް ނޫނޭ.. އެއީ ވަރަށް މޮޅު ސައިންސް ވެރިއެއް.. ތީ ވަރަށް ރީތި ނަމެއް.. ގުރޫޕެއްގެ ނަމަކަށް ހަމަ ޕާރފެކްޓް ވާނެ..” ނާރާ ތަފްސީލު ދިނެވެ. “އާން.. ރަނގަޅުވާނެ އަވަހަށް ލިޔެލަ..” ރައިހާ މިހެން ބުނުމުން ނަޝާ އަވަހަށް ފޯމުގައި ލިއެލިއެވެ.
***
“ދަރިފުޅާ! ހާދަ ލަސްވީ؟” ގޭތެރެއަށް ވަދެގެން އަންނަ ނާރާ ފެނުމުން ނައިރާ ސުވާލުކޮށްލީ އެއީ އެހެންޏާ އަންނަ ގަޑި އަށްވުރެ ތަންކޮޅެއް ލަހުން އާއިމައެވެ. “ލައްބަ މަންމާ.. ސްކޫލުގައި އޮތް އިތުރު ހަރަކާތެއްގައި ބައިވެރިވީ.. ގުރޫޕުކޮށް އޮންނަ ކުއިޒެއް. އަޅުގަނޑާއި، ނަޝާ އާއި ރައިހާގެ އިތުރުން ރައިހާ އާއި ނައީޝް އާއި އަންޝް. މަންމަ، ބައްޕަ ކައިރީ ބުނެލައްޗޭ!! އަދި ވަރަށް ބައިވަރު ފިލާވަޅު އެބަހުރި..” ނާރާ މިހެ ކިޔައިފައި ވަރުބަލިކަމާއެކީ އެތަނަވަސް ފުޅާ ސިޑިން އަރައިގެން ދިޔައެވެ.
އެދުވަހު ހުރިހާކުދިން އައީ ނާރާގެ ބައްޕަގެ ގެސްޓުހައުސް އަށް ފިލާވަޅު ދަސްކުރަން ނިންމައިގެންނެވެ. އެހެންކަމުން، ކާގަޑިއަށް ފިލާވަޅުތައް ނިންމާލައިފައި ނިކުތެވެ.
_ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.




Wow ??varah Reethi ingyy mi part ves???whn is next .. waiting for the next part ???ly
liyevunuhaa avahakah up kohdheynan insha allah
Wow
Thnx Daisy Quinn
New prt eh vaanee submit kurevifai…
_A aaR