ނާކާ (އެޕިސޯޑް 10)
އިތުރަށް ލެޕްޓޮޕް ދޮށުގައި އިށީންނާނެ މޫޑެއް ފަތީންގެ ނެތެވެ. ދެލޮލަށް ވަނީ ކޮންމެވެސް ވަރަކަށް ނިދި ސަވާރުވެފައެވެ. ބޭނުންވަނީ ހޫނު ކޮފީތައްޓެއް ބޮއިލާށެވެ.
ފަތީން ކޮޓަރީގެ ދޮރު ހުޅުވާލާފައި ނުކުތްއިރު ގޭތެރެއަކު އެއްވެސް މީހަކު ނެތެވެ. މަންމަގެ ކޮޓަރި ހުރީ ދިއްލާފައެވެ. ބައްޕަ ގެޔަށް އައިތޯ ޔަގީންކޮށްލުމަށް ފަތީން ގޮސް އެކޮޓަރީގެ ދޮރުގައި ހިފާލިއެވެ. ނަމަވެސް ދޮރު ހުޅުވާކަށް ފަތީން ބޭނުމެއް ނުވިއެވެ. މިރޭ ބައްޕަ އެ ހިންގި އަމަލު ފަތީންގެ ސިކުނޑިއަށް ވަންނަން ފަށައިފިއެވެ. ބައްޕައާއި މެދުގައި ހިތުގައި ނުރުހުމާއި ނަފުރަތު އުތުރިގަތެވެ. މި ނަފުރަތާއެކު އެމޫނު ދެކޭކަށްވެސް ފަތީން ބޭނުމެއް ނޫނެވެ.
މަންމަގެ ފިރިއެއްގެ ގޮތުގައި ހުރެ ބައްޕަ ތަކުރާރުކޮށް އެ ހިންގަމުންދާ އަމަލާއިދޭތެރޭ ފަތީން ވިސްނައެވެ. މީގެ ކުރިންވެސް އިބްރާހިމް ހިލޭ އަންހެނުންނާ ބައްދަލުކުރާ މަންޒަރު ފަތީންއަށް ވަނީ ފެނިފައެވެ. ނަމަވެސް ފާތުމާގެ ކުރިމަތީގައި ފަތީން އެވާހަކަތައް ކިޔައިދޭން އަނގަ ހުޅުވާ ނުލަނީ އިބްރާހިމްގެ އެ ނުބައި އަމަލަށް ހިތްވަރު ދިނުމުގެ ގޮތަކުން ނޫނެވެ. އެ ކުޑަ ސިކުނޑިއަށް އާއިލާއެއް ދެމެހެއްޓުމުގެ މުހިންމުކަން ވިސްނޭތީއެވެ. ފާތުމާއަށް ހިތާމަތަކެއް ކުރިމަތިވާތަން ދެކެން ބޭނުން ނުވާތީއެވެ.
ފަތީން ހިނގައިގަތީ ކާގެއާ ދިމާފަށެވެ. އެވަގުތު ގޭގެ މައިދޮރު ހުޅުވާލާފައި އިބްރާހިމް ގޭތެރެޔަށް ވަނެވެ. ފަތީން ހުއްޓިލީ އިބްރާހިމް ގެޔަށް ވަނީމައެވެ. ކާގޭގެ ދޮރުމަތީގައި އިސްދަށަށް ޖަހާލައިގެން ފަތީން ހުރީ އިބްރާހިމްއާ ދިމާލަށް ބަލަން ބޭނުން ނުވެފައެވެ. އަދި އޭނާ ގޮސް ކޮޓަރިއަށް ވަނީމާ ނޫނީ ކާގެއަށްވެސް ނުވަންނާށެވެ.
ގެއަށް ވަތް ވަގުތު އިބްރާހިމްއަށްވެސް ފަތީން ފެނުނެވެ. މޫނުމަތިން ފުސް ކުލަތަކެއް ދައްކާލަމުން ފަތީންއާ ދިމާލަށް އޭނާ ބަލާލީ ހަރުކަށި ނަޒަރަކުންނެވެ. ކޮޓަރިއާ ދިމާލަށް ދާން ހިނގައިގަނެފައިވެސް އޭނާ އެނބުރިލިއެވެ. ފަތީން އާ ދިމާލަށެވެ.
“ކަލޭ އެވާހަކަ އެއްވެސް މީހަކު ކައިރީ ބުނިންތަ؟” އިބްރާހިމް ގޮސް ފަތީންގެ ކައިރީގައި ހުއްޓިލާފައި ފަތީންއާއި ދިމާލަށް އޭނާގެ ކަނާއަތުގެ ޝަހާދަތް އިނގިލި ދިއްކޮށްލަމުން އަހާލިއެވެ. ފަތީން އިސްއުފުލާ އިބްރާހިމްއަށް ބަލާލިއެވެ. އޭނާއަށް ފެނުނީ އޭނާގެ ބައްޕަގެ ލޮލުން ހިތްހަމަ ނުޖެހުމާއި ރުޅިވެރިކަމެވެ. އިބްރާހިމްގެ ކުރިމަތީގައި އަނގަ ހުޅުވާލާނެ ހިތްވަރެއް ފަތީންގެ ގަޔަކު ނެތެވެ. އެއަށްވުރެން ބޮޑަށް ފަތީން ހުރީ އިބްރާހިމްގެ ހަރަކާތްތައް ހުރެދާނެ ގޮތަކާއިމެދު ބިރުގަނެފައެވެ. އަދި ރުޅިވެސް އައިސްފައެވެ. ފަތީން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. ހިތުގައިވާ ބިރު އިބްރާހިމްގެ ކުރިމަތީގައި ނުދެއްކުމަށް ދެބުމަ ގާތް ކޮށްލަމުންނެވެ. އަދި މޫނު ފުސްކޮށްލަމުންނެވެ.
“ކަލޭ ބޭނުންތަ އެވާހަކަ ކަލޭ މަންމައަށް އިވެން؟ ކަލޭ ބޭނުންތަ އެކަމުގެ ސަބަބުން ކަލޭ މަންމަ ހިތުގަ ޖެހިގެން ބަލިވާން؟” ފަތީންގެ ދެކޮނޑުހުޅުގައި ހިފާފައި އިބްރާހިމް، ފަތީންގެ ފުރަގަހުގައި ހުރި ބިތުގައި މަޑުމަޑުން ޖައްސާލިއެވެ. ފަތީންގެ މޭ ތެޅެން ފެށިއެވެ. ދެފައި ތުރުތުރު އަޅަން ފެށިއެވެ. މިފަހަރުވެސް ފަތީން ޖަވާބު ދިނީ ބޮލުންނެވެ. “އެހެންވިއްޔާ ކަލޭ މިވާހަކަ އެއްވެސް މީހަކު ކައިރީގައި ނުބުނާތި. ބުނެފިއްޔާ ކަލެއާ ކަލޭގެ ކޮއްކޮވެސް މިގެއިން ނެރެ އެއްލާލާނަން.. ހަނދާންކުރާތި…” އިބްރާހިމް މިހެން ބުނި ވަގުތު ފާތުމާ ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުނެވެ. އިބްރާހިމް ވަގުތުން ފަތީންގެ ގައިން ދޫކޮށްލިއެވެ. އަދި ފަތީންއާ ކުޑަކޮށް ދުރަށް ޖެހިލިއެވެ.
ފާތުމާ ކޮޓަރިން ނުކުތީ ފެންފުޅިއެއް ހިފައިގެންނެވެ. “ދަރިފުޅު އަދިވެސް ނުނިދަންތަ؟ ކީއްކުރަން ތިއުޅެނީ ހޭލާ؟” ފާތުމާ އައީ ކާގެއާ ދިމާލަށެވެ. “މިއުޅެނީ ފިލާވަޅު ދަސްކުރަން ވެގެން.” ފަތީން ވަނީ ފާތުމާގެ ފަހަތުން ބަދިގެއަށެވެ. އެދެމީހުންގެ ފަހަތުން އިބްރާހިމްވެސް ވަނެވެ.
ކޮފީ ބޯން އުޅެފައި ފަތީން ކޮޓަރިއަށް ވަނީ ފާތުމާއާއި އިބްރާހިމް ކޮޓަރިއަށް ވަތްފަހުންނެވެ. އެއިރު ފޯނަށް ޝައިހާގެ ދެމެސެޖު އައިސްފައި އިނެވެ. ފަތީން އަވަސް ކޮށްފައި އެއްޗެހި ބަދަލު ކޮށްލިއެވެ. އަދި ފިހާރައިގެ ތަޅުދަނޑިއާ ތިޖޫރީގެ ތަޅުދަނޑިވެސް ނަގާ ޖީބަށް ލައިގެން ކުޑަދޮރުން ބޭރަށް ފުންމާލިއެވެ. އެންމެ ފުރަތަމަވެސް ފަތީން ބަލާލީ މަގުގެ ދެފަރާތަށެވެ. މީހަކު ފެންނަން ހުރިތޯއެވެ. އެއަށްފަހު ކުޑަދޮރު ރަނގަޅަށް ލައްޕާލާފައި ފަތީން ހިނގައިގަތެވެ.
ދޮރުގައި ޓަކި ޖަހާލުމާއެކު ޝައިހާ ދޮރު ހުޅުވާލިއެވެ. “ކަމޯން އިން ބޭބީ..” ޝައިހާ އެއްއަތުން ދޮރުގައި ފިރުމާލަމުން ވާހަކަ ދެއްކީ ދެލޯ ކުޑަ ކޮށްލާފައެވެ. އޭނާގެ މޭވެސް ވަނީ ދޮރުގައި ޖެހިފައެވެ. ހީވަނީ ހިންދީ ފިލްމެއްގެ ލޯބިގެ މަންޒަރެއް ހެންނެވެ. “ހެހެ” ފަތީން ގާތަށް ހިނިއައީ އެހެންވެގެންނެވެ. ފަތީން ވަގުތުން ގޭތެރެޔަށް ދެމިގަތުނެވެ.
ފަތީންގެ އަތުގައި ހިފައިގެން ޝައިހާ ގޮސް ވަނީ ކޮޓަރިއަށެވެ. ފަތީން ހުރީ އެއްޗެކޭ ބުނަންވެސް ނޭނގިފައެވެ. ޝައިހާގެ ފިލްމީ ކަމުންނެވެ. ހިނިތުން ވެލާގެން ޝައިހާގެ ހަރަކާތްތަކަށް ބަލަން ފަތީން ހުއްޓެވެ. ޝައިހާ ފަތީން ލައިގެންހުރި ގަމީހުގެ ގޮށްތައް ނައްޓުވަން ފެށުމުންވެސް ފަތީންއަށް ހުރެވުނީ ބަލާށެވެ. ފަތީންގެ މޭތެރޭގައި މުޅިންއާ އިހުސާސެއްގެ ވިންދު ޖަހަން ފެށި ކަހަލައެވެ. ދަންވަރުގެ މި ހަމަހިމޭން ވަގުތު ފަތީންގެ ހިއްސުތައް ހޭލަން ފެށީ ޝައިހާގެ އެ އޮމާން ޖިސްމުގެ ވަސް ފޯރަން ފެށުމުންނެވެ. ފަތީންގެ ގަމީސް ޝައިހާގެ އަތުން ބޭލި ވަގުތު ޝައިހާގެ ގައިގައި ބައްދާލާގެން ފަތީން އެނދުމައްޗަށް ވެއްޓިގަތެވެ.
**********************
ގަޑިން ދޭއް ޖަހަނީއެވެ. އަދިވެސް ފަތީންއާއި ޝައިހާ ތިބީ އެނދުމަތީގައެވެ. ފަތީންގެ މޭމަތީގައި ޝައިހާ ބޯއަޅާލައިގެން އޮތް އިރު އެއީ އޭނާގެ ދަރިވަރެއްކަންވެސް ޝައިހާއަށް އިހުސާސް ނުކުރެވޭ ކަހަލައެވެ.
ފަތީން: “ޝައިހާ މީގެ ކުރިން ކިތައް ކުދިންނާ ރައްޓެހިވިން؟”
ޝައިހާ: “އެކެއް.”
ފަތީން: “ނުވާނެ. ގަބޫލެއް ނުކުރާނަން. ތިހާ ރީތި ކުއްޖަކު އެންމެ ކުއްޖަކާ ރައްޓެހިވެގެން ކެތް ކުރާނީ ކިހިނެއް؟”
ޝައިހާ: “އަޅެ ހަމަ ސީރިއަސް ކޮށްނޭ..”
ފަތީން: “ދެން ކޮބާ އެހެންވެއްޖެއްޔާ މިހާރު އޭނަ؟”
ފަތީން ކޮށްލި ސުވާލާއެކު ޝައިހާ އޮތްތަނުން ތެދުވިއެވެ. ފަތީންއަށް ކޮއްލެވުނީ ކިހާވަރެއްގެ ސުވާލެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އެހެންނަމަވެސް އެ ސުވާލުގެ ސަބަބުން ޝައިހާގެ މޫޑު އެއްކޮށް ބަދަލުވިއެވެ. މޫނުމަތީގައި ހުރި ހިނިތުންވުން ފިލައިގެން ދިޔައެވެ. މާޒީގެ ހިތި އެތައް ހަނދާންތަކެއް ހިތުތެރޭ އުތުރެން ފެށިއެވެ.
ފަތީން: “ކިހިނެއްވީ؟ އޭނަވީ ކޮންތާކު؟ އޭނަ ޝައީ ދޫކޮށްލީތަ؟” ފަތީންވެސް ތެދުވިއެވެ.
ޝައިހާ: “ނޫން އޭނަ އަހަރެންނަކަށް ބޭވަފާތެރިއެއް ނުވާނެ. ދުވަހަކުވެސް ނުވާނެ.”
ފަތީން: “ދެން ކޮބާ މިހާރު އޭނަ؟ ކޮންތާކު ވީ؟”
ޝައިހާ: “އޭނަ މިހާރު މިދުނިޔެއަކު ނެތް. ވަރަށް ރަހުމުކުޑަ އަތަކުން އޭނަ މަރާލީ..”
ޝައިހާގެ ދެލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. އިހުތިޔާރަކާ ނުލައެވެ. އެރީތި ދެލޮލުން ކަރުނަ ފެނުމުން ފަތީންގެ ހިތަށް ވަރަށް އުނދަގޫވިއެވެ. ފަތީން، ޝައިހާގެ ކޮނޑުގައި އަތްއަޅާ ގަޔާއި ގާތް ކޮށްލިއެވެ.
ފަތީން: “ކީއްވެ ތިބުނާ މީހަކު އޭނަ މަރާލީ؟”
ޝައިހާ: “އެއީ އޭނަގެ ނުލަފާ ކަމުން. އަސަދަކީ އަހަރެންގެ ދިރިއުޅުން. އެނުލަފާ މީހާ ޖަހައިގަތީ އަހަރެންގެ ދިރިއުޅުން. އަހަރެން އަދި އޭނަ ހޯދާނަން. ބަދަލުވެސް ހިފާނަން.”
ފަތީންގެ ކަންފަތަށް އަޑުއަހަން އުނދަގޫވީ ޝައިހާގެ ދުލުން އޭނަގެ ހިތުގައި އެހެން މީހަކަށް މާހާއްސަ މަގާގެއް ދީފައިވާކަން އެނގުމުންނެވެ. ހިތުގައި އުފެދުނު ޝަކުވާގެ ކެކުޅުންތައް ފަތީން ހިންދާލިއެވެ. ޝައިހާގެ ކުރިމަތީގައި އެ އިހުސާސްތައް ބޭރުކުރަން ބޭނުން ނުވީމައެވެ.
ފަތީން: “ކިހިނެއްވީ؟”
ޝައިހާ: “އެއީ މިދިޔަ އަހަރުގެ މޭމަހު. އެއިރު އަހަރެންނާ އަސަދު ރައްޓެހިވެގެން އުޅޭތާ ހަތް އަހަރު ވެއްޖެ. އެހާތަނަށްވެސް އެންމެ ފަހަރަކުވެސް އަސަދު އެހެން އަންހެން ކުއްޖަކާއެކީ ގުޅުމެއް ހިންގައިގެން އަހަރެންނަށް އަޑެއް ނީވެ. އެހާވެސް އަސަދު ރަނގަޅު. އެކަމަކު ކުދި ކުދި މައްސަލަ ނުޖެހެއެކޭ ނޫން. ބައެއް ފަހަރު މައްސަލަ ޖެހިގެން މަހެއްހާ ދުވަހު ވާހަކަ ނުދައްކާވެސް ތިބެން. އެހެން އުޅުމުގެ ތެރޭގަ އަހަރެންނާ ދިމާވަނީ އެ ފިރިހެނާޔާ. އެއީ ވަރަށް ލަހުން އަހަރެން ސުކޫލުގަ އިނދެފަ ގެޔަށް ދާން ނުކުތް ރެއެއް. އަހަރެން އަސަދުއާ ގުޅަގުޅަ އަސަދުއާ ގުޅޭގޮތެއް ނުވި. އަހަރެން މަގުމަތީގައި ކާރެއް ލިބޭތޯ އަތް ހޫރަން ހުއްޓަ އެ ފިރިހެން މީހާ އަންނަނީ. ޑްރޮޕެއް ދޭން އޮފާ ކުރީމަ އަހަރެން އެއަށް އެރީ އަވަހަށް ގެޔަށް ދާން. އެކަމަކު އޭނަ ގެޔަށް ދިއުމުގެ ބަދަލުގަ އަހަރެން ގެންދިޔައީ ރެސްޓޯރެންޓަކަށް. އޭގެ ފަހުން ދެހަފްތާއެއްހާދުވަހު ކޮންމެ ދުވަހަކުވެސް ކޮންމެސް ތާކުން އޭނަ އަހަރެންނާ ދިމާކުރޭ. އެއިރު އޭނައަށް އިނގޭނެ އަހަރެން އަސަދުއާ ރައްތެހިވެގެން އުޅޭކަންވެސް. އަސަދުއާ އެކީ ފެންނަންވެސް ފެންނާނެ. އެކަން އެނގިހުރެވެސް އޭނަ އަހަރެންނަށް ލޯބި ހުށައެޅީ. ބުނީ ހުޅުމާލޭގަ ގެޔެއްވެސް އަޅާދޭނަމޯ. އެކަމަކުވެސް އަހަރެން ބޭނުމެއް ނުވި. ދެން އެއްދުވަހު އޭނަ އިންޒާރުދިން އަސަދުގެ ފުރާނަހޭ ދޫކޮށްލަން ބޭނުންވަނީ ނޫނީ ގެއެއްހޭ ދޫކޮށްލަން ބޭނުމީ ކިޔާފަ. އަހަރެން ނުހަދަން އެއީ މާބޮޑު ކަމެއް ކަމަކަށް އެއިރު. އެހެން ހުއްޓަ އޭނަ ޕާޓޭ ބަޔަކަށް ފައިސާދީގެން އަސަދު މަރާލީ. އޭނަ ބުނީ އޭނައަށް އަހަރެން ނުލިބެންޔާ އެއްވެސް މީހަކަށް އޭނަ ނުލިބޭނެޔޭ..” ޝައިހާގެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.
“ދެން މިހާރު ކޮބާ އެ އަނިޔާވެރިޔާ؟” ފަތީން ސުވާލު ކޮށްލިއެވެ. “ނޭނގެ. އެކަމު އަދި އަހަރެން އޭނަ ހޯދާނަން. ބަދަލުވެސް ހިފާނަން.” ޝައިހާގެ އަޑުގައި ހުރީ ނަފުރަތުގެ އަސަރުތަކެވެ.
އެއީ ޝައިހާގެ ދިރިއުޅުމުގެ އެންމެ އަނދިރި ސަފްހާއެވެ. ޝައިހާގެ އެނދުމަތީ އިނދެ ރޮމުން ގެންދިޔައިރު ފަތީން އިނީ ހަދާނެގޮތް ހުސްވެފައެވެ. އިތުރަށް އެއްވެސް ސުވާލެއް ކުރަންވެސް ނުކެރިފައެވެ.
ޝައިހާގެ އެ ހިތި ކަރުނަތައް ފަތީންއަށް ބުނެދެނީ އެހެން ވާހަކައެކެވެ. ފަތީންގެ އަތުތެރޭ އިނދެ ކުރީގެ ލޯބިވެރިޔާގެ ހަނދާނުގައި ޝައިރާ ކަރުނަ އެޅުމުން އެ ލޯބީގެ އަސަރުތައް އަދިވެސް ޝައިހާގެ ހިތުން ފިލައިގެން ނުދާކަން ފަތީންއަށް ކަށަވަރު ވިއެވެ. ކަން މިހެން ހުރިއިރު ޝައިހާއަށް ފަތީން ދެކެ ލޯބި ވެވިދާނެބާއެވެ؟ ފަތީންއަށް އެހިތުން ހާއްސަ މަގާމެއް ދެވިދާނެ ބާއެވެ؟ ނޫނީ ޝައިހާ، ފާތީންއާ އެފަދަ ގުޅުމެއް އެބާއްވަނީ އެހަނދާންތަކާ ދުރަށްދާންބާއެވެ؟ މިއީ ފަތީންގެ ހިތުގައި އުފެދި ދުލަށް ގެންނާނެ ހިތްވަރު ނުލިބުނު ސުވާލު ތަކެކެވެ.
********************
ފަތިސް ނަމާދަށް ބަންގި ގޮވީ ފައިސާއުރަ ޖީބަށް ލައިގެން ފަތީން ފިހާރައިން ނުކުތް ވަގުތެވެ. މީހަކު ފެނޭތޯ ފަތީން ދެފަރާތަށް ނަޒަރު ހިންގާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ފާތީން ވަގުތުން ހިނގައިގަތެވެ. ގެޔާދިމާލަށެވެ.
ގޭގެ ކުޑަދޮރާ ހަމަވި ވަގުތު ފަތީން ސިހުނެވެ. ފަތީން ނުކުމެގެންދިޔަ ކުޑަދޮރަށް މިހާރު އެހެރީ މޮހޮރުޖަހާ ނުހުޅުވޭގޮތް ހަދާފައެވެ. އެތަން ފެނުމާއެކު ފަތީންގެ ނިއްކުރީގައި އުފެދުނީ ސުވާލުމާކެވެ. މިއީ ކާކުގެ ކަމެއްބާއެވެ؟ ދަންވަރު ގަޑީގައި މިފަދަ ކަމެއް ކުރާނީ ކާކުބާއެވެ؟
ފަތީން މަގުގެ ދެފަރާތަށް ބޯހޫރާލިއެވެ. މީހަކު އަންނަތަން ފެނޭތޯއެވެ. އަތުގައި ބޮޑު ސިޓީއުރައެއް ފުރާ ފައިސާ އޮތެވެ. އޭނާގެ ހިތް އަވަސްއަވަހަށް ތެޅެމުން ދިޔައެވެ. މީހަކަށް ފެނިއްޖެނަމަ ވާނެ ގޮތަކާއިމެދު ވިސްނިފައެވެ.
ކުއްލިއަކަށް ފަތީންއަށް އަތް ޖައްސާލެވުނީ ފަތީންގެ ޖީބުގައެވެ. ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވެލީމައެވެ. ފޯނު ނަގާ ބަލާލިއިރު އެއީ އެ ގޮތްނޭގޭ މީހާގެ މެސެޖެކެވެ. “ހޭވިން ފަން؟” އިނގިރޭސިން ލިޔެވިފައިވާ ދެ ޖުމްލައާއިއެކު ފަހަތުގައި އިނީ ސުވާލުމާކެކެވެ. ފަތީންއަށް ޔަގީންވިއެވެ. އެއީ ހަމަ އެނުލަފާ މީހާގެ ކަމެކެވެ. ފަތީން ބޭރަށް ދިޔަކަން އެނގިގެން ފަތީންއަށް ގޯނާ ކޮއްލީއެވެ. ފަތީންގެ ގާތަށް އައީ އިންތިހާއަށް ރުޅިއެވެ.
ފަތީން ގޮސް ފައުޒާގެ ކޮޓަރީގެ ކުޑަދޮރުގައި ޓަކި ޖަހާލިއެވެ. ގޭތެރެޔަށް ވަދެވެން ދެން އޮތް ގޮތަކީ އެއީ ކަމަށް ވާތީއެވެ. ދެތިން ފަހަރަކަށް ފަތީން އެ ދޮރުގައި ޓަކި ޖަހަން ޖެހުނެވެ. ފައުޒާ އައިސް ދެލޯ ފޮހެމުން ކުޑަދޮރު ހުޅުވާލިއެވެ. ފަތީން ވަގުތުން އެތެރެއަށް ވަނެވެ. “ކީއް ކޮށްފަތަ ތިއައީ؟” ފައުޒާ ހުރީ ދެބަނިދީގައެވެ. “ކޮށްކޮ ނިދާބަލަ.” ފަތީން ކުރުގޮތަކަށް ނިންމާލާފައި ފައުޒާގެ ސުވާލަށް ޖަވާބު ނުދީ ގޮސް އެކޮޓަރިން ނުކުތެވެ.
***************
ޝިމާ އޮތީ ހެނދުނު ހޭލައިގެން ތެދުވާނެ މޫޑެއް ނެތިފައެވެ. ފޯނުން އޭތިމީތި ހާވަން އޮތީ ހަށިގަނޑުގެ ލޮޑުކަން ފިލައިގެން ދަންދެނެވެ. ކުއްލިއަކަށް ޝިމާގެ ފޯނަށް މެސެޖެއް އައެވެ. ނުދަންނަ ނަންބަރަކުންނެވެ. “ކޭން ވީ މީޓް؟” ރިޕްލައިދޭން ޝިމާ ވަރަށް ބޭނުންވިއެވެ. ނަމަވެސް ކާކުކަން ނޭނގޭތީ ޝިމާ އަޅާ ނުލީއެވެ. އޭނާގެ އެހެން އިޝާރާތެއް ވޭތޯއެވެ.
އެނދުމަތިން ތެދުވެ މޯޅިއަކަށް ދެމިލާފައި ފާހާނާއަށް ވަނީ މޫނުދޮވެލާ ހަދާށެވެ. ފާހަނާއިން ނުކުތްއިރު ކޮއްކޮ ސަހާ އޮތީ ހޭލައެވެ. “ދައްތާ.. ހިނގާބަ މިރޭ އަހަރެން ގޮވައިގެން މީޓަށް ދާން. ޖިޔާ ވަރަށް ކިޔާއެބަ..” ޝިމާ ފެނުމާއެކު ސަހާ ބުނެލިއެވެ. “ޖިޔާތަ އެ މެސެޖް ކުރީ ދައްތަ ފޯނަށް؟ ދެންމެ އައިއްސި މެސެޖެއް..” ލޯގަނޑު ކުރިމަތީގައި ހުއްޓިލަމުން ޝިމާ ބުނެލިއެވެ. “ނޫން.. ހިޔެއް ނުވޭ.. ކީއްވެ ދައްތަ ފޯނަށް ޖިޔާ މެސެޖު ކުރަންވީ؟” ސަހާ ސުވާލު ކޮށްލިއެވެ.
އެވަގުތު އަނެއްކާވެސް ޝިމާގެ ފޯނަށް މެސެޖެއް އައެވެ. ޝިމާއަށް ފޯނާ ހަމަޔަށް ނުދެވި އުޅެނިކޮށް ސަހާ ފޯނު ނަގާފައި ބަލާލިއެވެ. “ލޯބިވެރިޔާ މަރާލާފަ ހީރޮއިން ހެދިގެން ފިލާ އަބަދަކު ނޯވެވޭނެ.” ސަހާގެ ދެލޯ ބޮޑުވިއެވެ. ބަލާލެވުނީ ޝިމާއާއި ދިމާލަށެވެ. “ކާކު؟” ޝިމާ އައިސް އެދުމަތީގައި އިށީނެވެ. ސަހާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
ފޯނަށް އައީ ދެންމެ ބައްދަލު ކޮށްލަން ބުނި މީހާގެ މެސެޖެކެވެ. މެސެޖު ކިޔާފައި ޝިމާ ބަލާލީ ސަހާ އަށެވެ. “އެބުނީ ކީކޭ؟؟” ސަހާ އިނީ އެމެސެޖުގައި ލިޔެފައިވާ އެއްޗެއް ގަބޫލުކުރަން ނޭނގިފައެވެ. “ނޭނގެ..” ޝިމާގެ ދެލޮލުން ކަރުނަ ހިލުނެވެ. މޫނު މަތި ރަތްވިއެވެ. “ދެން ކީއްވެ ދައްތަ ހާސްވެފަ ތީނީ؟” ސަހާ އަނެއްކާވެސް ސުވާލު ކުރިއެވެ. ނަމަވެސް މިފަހަރު ޝިމާ ޖަވާބެއް ނުދިނެވެ. ޝިމާ އިންތަނުން ތެދުވިއެވެ. “ދައްތާ އަހަންނަށް މިހާރު ވާނުވާ އޮޅިއްޖެ. އެރޭ އަހަރެން ޖިޔާއާ މީޓް ކުރަން ދިޔަތަނާ ދައްތަ ދިޔައީ ކޮންތާކަށް؟” ސަހާ ސުވާލު ކުރަމުން ގެންދިޔައެވެ. ޝިމާ ހުރީ އަނގައިން ބަސްހުއްޓިފައެވެ.
ޝިމާގެ ޖަވާބެއް ނުލިބުމުން ސަހާ އިންތަނުން ތެދުވެގެން އައިސް ޝިމާގެ ކުރިމަތީގައި ހުއްޓުނެވެ. “ދައްތާ؟ ބުނެބަލަ. އެރޭ އަހަރެން އައިއިރު ދައްތަ އެ ގަސް ކައިރީގަ ނެތީ ކިއްވެ؟ ދައްތަ ދިޔައީ ފަޒީން ކައިރިއަށްތަ؟” ސަހާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޝިމާ ހިނގައިގަތެވެ. ފާހާނާ ދޮރުކައިރީގައި ހުރި ހަރުގަނޑުގައި އޭނާގެ އަތުގައި އޮތް ތުވާލި އަޅާފައި ގޮސް ކޮޓަރިން ނުކުތެވެ. ސަހާ ބަލަން ހުއްޓައެވެ.
ތިންވަނަ ފަހަރަށް އެ ނަންބަރުން މެސެޖެއް އައީ ޝިމާ ބަދިގޭގައި އުޅެނިކޮންނެވެ. ‘ލޯބިވާ ބޭބެ ސަލާމަތް ކުރަން ބޭނުމިއްޔާ މާދަމާރޭ 11 ޖަހާއިރު އެކަނި އުތުރު ފަރާތު ބްރިޖް ކައިރިން ބައްދަލު ކުރޭ.. ވައިބާ ބަލައިލާތި!’ ކުރު ގޮތަކަށް ލިޔެފައިވާ އެ މެސެޖުގެ މާނަ ވަރަށް ރަނގަޅަށް ޝިމާއަށް އެނގެއެވެ. އެއީ ކޮންމެ މީހެއް ކަމުގައިވިއަސް އެމީހާ އެދައްކަނީ ހަމަ ތެދު ވާހަކަތަކެވެ. އުފެދޭ ސުވާލަކީ އެމީހާއަށް އެކަންތައް އެނގުނީ ކިހިނަކުން ބާއެވެ؟ އެހާދިސާ ހިނގި ވަގުތު އެތަނުގައި އެއްވެސް މީހަކު ފެންނަން ނެތް އިރު އެމީހަކު އެކަންތަށް ދެނެގަތީ ކިހިނަކުން ބާއެވެ؟
ޝިމާ ފޯނުގެ ވައިފައި އޮން ކޮށްލިއެވެ. ވައިބާގައި ހަމަ އެނަންބަރުން ފޮޓޯއެއް ފޮނުވާފައި އެބައިނެވެ. ޝިމާ އެ މެސެޖު ބެލުމުގެ ކުރިން އެންމެ ފުރަތަމަވެސް ބަލާލީ އެނަންބަރުގެ ތަފުސީލަށެވެ. ފޮޓޯއެއް ލާފައިނެތް އެ ނަންބަރުގެ ނަމަކަށް ލިޔެފައި އިނީ ‘އޭ-ޑީ” އެވެ. އިނގިރޭސި ބަހުގެ ދެއަކުރެކެވެ.
އެ މެސެޖު ބަލާލުމާއެކު ޝިމާގެ ދެލޯބޮޑުވިއެވެ. ހިތް ހާސްވިއެވެ. ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. އެ ފޮޓޯގައިވަނީ ސުފިޔާން، ފަޒީންގެ މޭމަތީގައި އަތްއަޅައި ކޮށްޕާލާ މަންޒަރެވެ. އެ ފޮޓޯ ޝިމާއަށް ހުރިހާ ކަމެއް ޔަގީން ކޮށްދިނެވެ. އެމީހަކު އެވަނީ އެރޭ ބްރިޖް މަތީގައި ހިނގާދިޔަ ހަމަނުޖެހުން ދެލޮލުން ދެކިފައެވެ.
ދެން ހެދޭނެ އެއްވެސް ގޮތެއް ނެތެވެ. ސުފިޔާން އަކީ ޝިމާގެ ދެބެއިންގެ ދެދަރި ބޭބެއެކެވެ. މި މައްސަލައިގައި ސުފިޔާން ހައްޔަރުވާކަށް ޝިމާ ބޭނުމެއް ނޫނެވެ. ސުފިޔާން ހައްޔަރުވާނަމަ ޝިމާވެސް ހައްޔަރުވާނެއެވެ. ކޮންމެ ގޮތަކަށް ކަންތަށް ވިއަސް ފަޒީންގެ މަރުގެ މައްސަލަ ފުލުހުން ބަލާ ނިންމާއިރު ސުފިޔާންގެ ނަން އެކަމުގެ ތެރެޔަށް އަންނާކަށް ޝިމާ ބޭނުމެއް ނޫނެވެ. އެމީހާ ބޭނުން ގޮތަކީ މާދަމާރޭ ޝިމާ އެތަނަށް ދިޔުން ކަމުގައި ވާނަމަ ޝިމާހުރީ އެތަނަށް ދާށެވެ. އެއީ އެއްވެސް މީހަކު ނުލާ އެކަނި ކަމުގައިވިއަސް ޝިމާގެ އެއްވެސް ފަރުވާލެއް ނެތެވެ.
ގަޑިން މެންދުރުފަހު ބާރަ ޖަހަނީއެވެ. ފަތީންއަށް ހޭލެވުނީ އޭނާ ބޯލައިގެން އޮތް ބާލީހުގެ ކަނާތްފަޅީގައި އޮތް އޭނާގެ ފޯނު ރިންގްވަމުންދާ އަޑަށެވެ. ގުޅަމުންދަނީ ޖިޔާދުއެވެ. “ހަލޯ..” ދެލޯ ފުހެލާފައި ފަތީން ފޯނަށް ޖަވާބު ދިނެވެ. “ކޮބާ؟؟ ކިހިނެއް ވީ؟ ފައިސާ ކޮޅު ލިބުނުތަ؟” ޖިޔާދު ސުވާލު ކޮށްލިއެވެ. “އާނނ.. މަ ފަތިހު އެކަންތައް ނިންމާލާފިން..” ފަތީން އޮތީ ދެބަނިދީގައި ކަހަލަ ގޮތަކަށެވެ. ދެލޯ ހުޅުވަންވެސް އުނދަގޫވެފައެވެ. “ދެން ފިހާރައިގެ ރަޖިސްޓްރީ ލިބުނުތަ؟” ޖިޔާދު އަނެއްކާވެސް ސުވާލު ކޮށްލިއެވެ. “އެއެއް ނުދޭނަން. އަހަންނަކަށް އެކަމެއް ނުވާނެ. އިތުރަށް ފައިސާ ދޭން ޖެހުނަސް އަހަރެން ހޯދާނަން. އެކަމަކު ރަޖިސްޓްރީއެއް ނުދޭނަން..” ފަތީންގެ ލޮލުން ނިދި ފިލަން ފެށިއެވެ. “ހިނގާބެ ކޮފީއަކަށް އަރަން.. ތިވާހަކަ ދައްކަން..” ޖިޔާދު ބުނެލިއެވެ. “ފެންވަރާގެން އެބަ ގުޅަން..” ފަތީން ފޯނު ކަނޑާލިއެވެ.
ފަތީން އޮތްތަނުން ތެދުވިއެވެ. އެނދުމަތީގައި އިށީނދެ އިނދެ ވިސްނާލިއެވެ. ބައްޕަގެ ފިހާރައިގެ ރަޖިސްޓްރީ ގޮތްނޭނގޭ މީހަކަށް ދީގެން ފިހާރަ ބަނގުރޫޓު ކޮށްލާތަން ބަލާކަށް ފަތީން އަކަށް ނުހުރެވޭނެއެވެ. އެއީކީ އެއްވެސް ދަރިއަކަށް ކުޅަދާނަ ކަމަކަށް ނުވާނެކަން ޔަގީނެވެ. އެހެންކަމުން މިރޭ އެމީހާއާއި ވާހަކަ ދައްކައިގެން އެނޫން ގޮތެއް ހޯދޭތޯ ބަލަން ފަތީން ބޭނުންވިއެވެ.
******************
ގަޑިން އެގާރަ ޖަހަނީއެވެ. ފަރާތްފަރާތަށް ކަޅި އެއްލަމުން ފަތީން ހަލުވި ހިނގުމެއްގައި ހިނގާފައި ދިޔައީ ބްރިޖާ ދިމާލަށެވެ. ފަތީންގެ ޖީބުގައި ފައިސާތައް އަޅާފައި އޮތް ސިޓީއުރަ އޮތެވެ.
ފަތީންއަށް އެހާހިސާބަށް ދެވުނުއިރު އެމީހާ ބްރިޖް މަތީގައި ހުއްޓެވެ. ފަތީން ގޮސް އެމީހާގެ ކުރިމަތީގައި ހުއްޓިލިއެވެ. މިރޭވެސް އޭނާ ހުރީ ކަޅުކުލައިގެ ކޯޓެއް ލައިގެން މޫނުމަތީގައި ފޮތިގަނޑެއްވެސް އަޅައިގެންނެވެ.
ފަތީން ކުޑަ އިރުކޮޅަކު އެމީހާގެ ކުރިމަތީގައި އެއްވެސް ހަރަކާތެއްނެތި ހުއްޓެވެ. އަނގައިން އެއްވެސް ބަހެއް ނުބުނެއެވެ. އެމީހާވެސް ހުރީ އެއްވެސް އެއްޗެއް ނުބުނެއެވެ. “މަށަށް ވަރަށް ލަސްވޭ އެބަ؟” ފަތީން ހުރެހުރެފައި ބުނެލިއެވެ. އެވަގުތު އެމީހާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ފަތީންގެ މޭގަނޑު ތެޅިގަތެވެ. ފަހަތަށް އެއްފިޔަވަޅު އަޅާލެވުނެވެ. ނަމަވެސް އެމީހާގެ ހަރަކާތްތަށް މާ އަވަސްވެފަ ހުށިޔާރެވެ. އެމީހާ ފަތީންގެ އަތުގައި ހިފައި ދަމައިގަތުނެވެ. އަދި ފަތީންގެ ފުރަގަހަށް ވާގޮތަށް އެމީހާގެ އަތުތެރޭގައި ފަތީން ހައްޔަރު ކޮށްލިއެވެ. “އޭއި.. ދޫކުރޭ..” ފަތީން ބިރުންހުރެ ތެޅެން ފެށިއެވެ. އެވަގުތު އޭނާގެ އަތުގައިއޮތް ވަޅި އޭނާ ފަތީންގެ ކަރުގައި ޖެއްސިއެވެ.
ފަތީން ހަމަހިމޭންވެލީ އެވަގުތެވެ. ބިރުންގޮސް ފަތީންގެ ދެފައި ތުރުތުރު އަޅަން ފެށިއެވެ. ކުރިމަތިން ފެންނަން އޮތް ގަސްތަކުގެ ދެފަރާތަށް ލޯހޫރާ ބަލަން ފެށުނެވެ. މީހެއްގެ ހިލަމެއް ފެންނަން ހުރިތޯއެވެ. ސަލާމަތަކަށް އެދި ގޮވާލާނެ އާރެއްގެ ނިޝާނެއްވެސް އެސަރަހައްދުގައެއް ނެތެވެ.
“އަހަރެން ކަލޭ ކައިރީގައި ބުނީ ކީކޭ؟؟” ފަތީންގެ ކަރުގައި ވަޅި ޖައްސައިގެންހުރެ އެމީހާ ވައިއަޑުން ވާހަކަ ދެއްކިއެވެ. ފަތީންއަކަށް އޭނާ ކުރި ސުވާލުގެ ޖަވާބެއް ނޭނގުނެވެ. އޭނާ އެދައްކަނީ ކޮންވާހައެއްގެ ވާހަކަ ކަމެއް ފަތީންގެ ސިކުނޑިއަކަށް ނައެވެ. އެހެން ކަމަކާ ވިސްނޭވަރަށްވުރެ ބޮޑަށް ފަތީން ހުރީ ބިރުގެންފައެވެ. “އޭ މިހިރަ ބީރާ.. މަމި އަހަނީ އެރޭ ކަލޭ ފޮނުވާލަމުން މަ ކަލޭ ކައިރީ ބުނިވާކަތައް ހަނދާން އެބަހުރިހޭ؟؟” އޭނާ ވަޅި ފަތީންގެ ކަންފަތުގެ ތެރެޔާ ވާގޮތަށް ދިމާކޮށްލިއެވެ. “އާނނ.. އާނނ…” ފަތީން ވާހަކަ ދެއްކިއިރު އަޑުވެސް ތުރުތުރު އަޅަމުން ދިޔައެވެ.
އެވަގުތު އޭނާ ފަތީންގެ ޖީބަށް އަތް ކޮށްޕާލުމަށްފަހު ފަތީންގެ ޖީބުގައި އޮތް ސިޓީއުރަ ނެގުމަށްފަހު ފަތީންގެ ބުރަކަށީގައި އަތް އަޅުވާލައި ކޮށްޕާލިއެވެ. “މީގަ އޮންނާނެތަ ފިހާރައިގެ ރަޖިސްޓްރީ؟” ސިޓީއުރައަށް ބަލާލަމުން އެމީހާ އަހާލިއެވެ. “އެއެއް ނުލިބުނު. އަދި އިތުރަށް ފައިސާ ހޯދަފާނަން” ފަތީން ފުންނޭވާއެއް ލަމުން ބުނެލިއެވެ.
“ކީއްވެ ކަލެޔަށް މަބުނި ގޮތަށް ކަންތަށް ނުކުރެވުނީ؟ މަބުނިންދޯ އެވީޑިއޯއަށް ވާނެގޮތް ކަލޭ މަށަށް އޮޅުވާލާފިއްޔާ؟؟” އޭނާ ފަތީންއާއި ދިމާލަށް ވަޅި ދިއްކޮށްގެންހުރެ ވާހަކަ ދެއްކިއެވެ. “އަހަރެންނަކަށް އެ ރަޖިސްޓްރީއެއް ނުފެނުނު. އާދޭސްކޮށްފަ މިބުނީ. ތި ވީޑިއޯ ލީކް ނުކޮށްލާތި. ކަލޭ ބުނި ވަރަކަށް ފައިސާ ދީފާނަން..” ފަތީން އާދޭސް ކުރަމުން ދިޔައެވެ.
“ބޭކާރު ވާހަކަ ނުދައްކާ. ކީއްވެގެންހޭ ކަލޭ ޖިޔާދު ގެންދިޔައީ؟؟ އެއީ ކާކު މިދޭތެރެޔަށް ވައްދަން؟ ކަލޭ މިހާރު އޭނަ ކައިރީގަ މަގޭ ވާހަކަވެސް ބުނީ ދޯ؟” އޭނާ އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. “އަހަ… އަހަރެން…” ފަތީން ބިރުންހުރެ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. “އެހެންވީމަ ކަލޭ ސުކޫލުން ކެނޑެން ތައްޔާރުދޯ؟؟” އޭނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“ނޫން.. އަޅެ ހެޔޮނުވާނެ. ކަލޭ ބުނި ކޮންމެ ކަމެއް އަހަރެން ކޮށްފާނަން. ތި ވީޑިއޯ ލީކް ނުކޮށްލާތި. ހެޔޮނުވާނެ.” ފަތީންގެ ދެލޯ ފެންކަޅިވާން ފެށިއެވެ. “އަސްލުތަ؟ ކަލޭ ހަމަ މަބުނާ ކޮންމެ ކަމެއް ކުރަންވެސް ތައްޔާރުތަ؟” އެމީހާ ސުވާލު ކޮށްލިއެވެ. ފަތީން ދެލޯ މަރާލާފައި އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
“އެންމެ ރަނގަޅު. އަހަރެން ކަލޭއަށް އަދި އެއްފުރުސަތު ދީފާނަން. ކަލޭ މާބޮޑު ކަމެއް ކުރާކަށް ނުޖެހޭނެ. ކަލޭ ވާންވީ މަގޭ އެސިސްޓެންޓަކަށް. މަގޭ މިޝަންއެއްގަ ކަލޭ މަށަށް އެހީވާންވީ..” ފަތީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހިތުގައި ފުނިފުންޔަށް ސުވާލު އުފެދިގެން ދިޔައެވެ. އެއީ ކޮން ކަމެއްތޯ އަހަންވެސް ފަތީން ހުރީ ނުކުޅެދިފައެވެ. “ކަލޭއަށް ވާނެތަ؟” ފަތީންގެ ބަހެއް ނީވުމުން އޭނާ އަނެއްކާވެސް އަހާލިއެވެ. ފަތީން ހިންދިރުވާލިއެވެ. އަދި އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
އޭނާ ފަތީންއާ ކައިރިއަށް ޖެހިލިއެވެ. އަދި ފަތީންގެ ކަންފަތް ދޮށުގައި ސިއްރުން ފަތީން ކުރަން ޖެހޭނެ މަސައްކަތް ބުނެލިއެވެ. އެއަޑު އަހާފައި ފަތީންގެ ގައިން ވާގި ދޫވެގެން ދިޔައެވެ. މާޔޫސްކަން އައިސް ވަށާލިއެވެ. ހިތުގެ ވިންދު އެހިނދުކޮޅަށް ހުއްޓުނު ހެންވެސް ފަތީންއަށް ހީވިއެވެ. އޭނާ އެއެދެނީ ފަތީންގެ ފުރާނަ ފަދަ ބޮޑު އެއްޗަކަށެވެ. އެކަން ފަތީން ކުރާނީ ކިހިނަކުންހެއްޔެވެ؟ އެކަންކުރާނެ ހިތްވަރު ފަތީން ހޯދާނީ ކޮންތާކުން ހެއްޔެވެ؟ އެއްފަރާތުގައި ފަތީންގެ މުސްތަގުބަލެވެ. އަނެއް ފަރާތުގައި………..
ފަތީން ގޮތްހުސްވިއެވެ.
-ދިހަވަނަ އެޕިސޯޑް ނިމުނީ-
6 Comments!
Comments are closed.


Alhey dhen kihineh baa vaani??? Varah reethi mibai ves ماشاالله❤️
Alhe varah reethi hisaabehga ohva enimuny..11 vana part varah avas kohladhy bala…vaahaka varah reethi
V reethi mi part vx……… Curiously Waiting fr nxt part…..
Up kohba
11 vana part avatar upkhodeebala
Please
am waiting for part 11
Kobaa 11 vana part avahah neredhybala kiyaahithun maruvaairuves nunikumey?