އެރޭ ރާއްޖޭގެ ގަޑިން 11 ޖަހަން ގާތްވެފައިވަނިކޮށް މަސްޢޫދު އޭނަގެ ބައެއް އެކުވެރި ފަޅުވެރިންނާއެކީ މަހަށް ދިޔަ ދޯނި ފާލަމާއި ގާތްކުރަމުން ދިޔައެވެ. އެކަނި އުޅެން ފެށިފަހުން ކޮންމެ ދުވަހަކު އޮފީހުގެ ޑިއުޓީ ނިންމުމަށްފަހު އެ ވަގުތެއްގައި ދަތުރު ފަށާ މަސް ދޯންޏަކަށް އަރައި މަހަށް ދިޔުމަކީ އޭނަގެ އާދައެކެވެ. އެއީ އޭނަ އިތުރު ފައިސާ ހޯދުމަށްވުރެ ބޮޑަށް އެކަނިވެރިކަމުގެ އިޙްސާސުން ދުރުވުމަށް ކުރާ ކަމެކެވެ. މަލާކް ދޭތެރެދޭތެރެއިން އޭނައަށް ގުޅިއެއްކަމަކު އެހާ ގިނަ އަހަރުތަކެއް ވަންދެން އޭނަ ކައިރީގައި ހުރި ދަރިފުޅު އެހާ ދުރުގައި އުޅޭކަން އެނގުންވާ ކޮންމެ ފަހަރަކު އޭނަގެ ހިތަށް އުދަގޫވެއެވެ. މަހަށްދާ ދަތުރު ނިންމުމަށްފަހު ގެއަށް އަންނަ ވަގުތަކީ އޭނަ އެންމެ ހިތްދަތިވާ ވަގުތަށްވާ އެއްސަބަބަކީ ވެސް އެއީއެވެ. އޭނަގެ ދަރިފުޅުގެ އިތުރުން އޭނަގެ ލޯބިވާ އަނބިމީހާވެސް އޭނައާއި ވަކިވެފައިވުމުން އެ ގޭގެތެރެއިން ފޫނުބެއްދޭވަރުގެ ފަޅުކަމެއް އޭނައަށް އިޙްސާސް ކުރެވޭތީވެއެވެ.
އޭނަގެ އެކުވެރިންނާއެކީ ދޯނި އެއްގަމަށް ބީއްސަމުން ދިޔަ ވަގުތު މަސްޢޫދަށް ނޭނގުނު ކަމަކީ އެރޭ އޭނަގެ ގެ ކައިރިއަށް މެހުމާނެއް އައިސްފައިވިކަމެވެ. މަސްޢޫދު އެ ބުރަ މަސައްކަތުގައިވީ ހިނދު ނަންބަރު އައިނެއް އަޅައިގެން ގަމީހަކާއި ފަޓުލޫނެއްގައި ހުރި މެދު ޢުމުރުގެ ފިރިހެނަކު އޭނަގެ ގޭގެ ޖޯލިފަތީގައި އިށީނދެގެން އިނީ އޭނަގެ އިންތިޒާރުގައި ކަހަލަ ގޮތަކަށެވެ. އެ މީހާ އެހެން އިންދާ އޭނަގެ ފޯނު ރިންގުވިއެވެ. ފޯނުގެ ސްކްރީނަށް ބަލާފައި އެ ފިރިހެން މީހާ ފޯނު ނެގިއެވެ.
“މަލޫ ފެނިއްޖެތަ؟ ކޮންތާކު ހުރީ؟ ހެޔޮ ޙާލުގަތަ މަލޫ ހުރީ؟” އެ ފިރިހެން މީހާ އެ ސުވާލުތައް ދިވެހި ބަހުން އަވަސްއަވަހަށް ކޮށްލީ ކަންބޮޑުވުމަކާއި އެކީގައެވެ.
“އަހަރެން މިހިރީ ބޭބެ ބުނި ހޮޓެލްގެ ކައިރީގަ. ދެންމެ އެ އަންހެން ކުއްޖާ ހޮޓެލުން ނިކުތީ އޭނަގެ ފިރިމީހާއާއެކީހެން ހީވަނީ. ބަލާބެލުމަށް ވަރަށް އުފާވެރިކޮށް އެދެމީހުން އުޅެނީ. ފިރިހެން މީހާ އަންހެން ކުއްޖާގެ ގޮނޑި ދުއްވާފަ އައިސް އަންހެން ކުއްޖާ ކާރަށް ލައިދިނީވެސް. އެމީހުން ދަނީ މިތާ ކައިރި ހިސާބެއްގައި ހުރި ބްރިޖަކަށްހެން އަހަންނަށް ހީވަނީ ދެކެވުނު ވާހަކަތަކުން.” ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކި ގްރީން ގްރޭންޑް ހޮޓެލްގެ ކައިރީގައި މަޑުކޮށްގެން ހުރި ޒުވާނެކެވެ. އެ ޒުވާނާ ހުރީ ކަޅުކުލައިގެ ހުޑީއަކާއެކީ ހުރި ޖެކެޓަކާއި ފަޓުލޫނެއްގައި ހުރި ޒުވާނެކެވެ.
“އެމީހުންގެ ފަހަތުންދޭ….އެދެމީހުންގެ ދެމެދުގަ އޮތީ ރަނގަޅު ގުޅުމެއްތޯ ނުވަތަ ނޫންތޯ ބޭބެއަށް ޔަޤީންކޮށްދީ….އަދި…މަލޫގެ ފޮޓޯއެއްވެސް ބޭބެއަށް ފޮނުވަދެއްޗޭ.” ފިރިހެން މީހާ މާޔޫސީ ގޮތަކަށް އެދުނެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ޒުވާނާ އެންމެ ރަނގަޅޭ ބުނެލަމުން ފޯނު ކަނޑައި އޭނަގެ ޖީބަށް ފޯނުލިއެވެ. އެއަށްފަހު އެ މަގުން ދިޔަ ޓެކްސީއެއް މަޑުކުރުވުމަށްފަހު ޓެކްސީއަށް އަރައި އެތާ ކައިރި ހިސާބުގައި ހުރި ބްރިޖަށް ގެންގޮސްދިނުމަށް އެދުނެވެ.
މިނެޓްތަކެއްގެ ތެރޭގައި އެ ޒުވާނާ އިން ކާރު އެއްކަލަ ބްރިޖާއި ހަމަވިއެވެ. އަޔާޒް ދުއްވާފައި ދިޔަ ކާރު އެތާ ކައިރީގައި ޕާކްކުރެވިފައިވި ތަން ފެނިފައި އެ ޒުވާނާ ބްރިޖް މައްޗަށް އެރީ އެމީހުން ފެނޭތޯ އެކި ދިމަދިމާލަށް ނަޒަރު ހިންގަމުންނެވެ. އެންމެ ފަހުން ބްރިޖްގެ މެދާއި ހިސާބުން އޭނައަށް މަލާކާއި އަޔާޒް ފެނުނެވެ. އަޔާޒް ފޯނެއް އައިސްގެން އިރުކޮޅަކުން އަންނާނެ ކަމަށް ބުނެލުމަށްފަހު މަލާކަށް ފަސްދީފައިދާން ފެށި މަންޒަރު އެ ޒުވާނާ ބަލަހައްޓައިގެން ހުއްޓެވެ. އަޔާޒް ދިޔުމުން މަލާކްގެ މޫނުމައްޗަށް ވެރިވި މާޔޫސްކަން އެ ޒުވާނާއަށް ފެނުނެވެ. މަލާކް އެ މާޔޫސްކަމާއެކީ އިސްޖަހާލި ވަގުތު އޭނަ ފުރުޞަތުގެ ބޭނުން ހިފައި އަތުގައި އޮތް ކެމެރާ ހިއްލާލަމުން އޭނަގާތު އެދެވުނު ގޮތަށް ކަންތައް ކުރިއެވެ.
**
ވަރުބަލިވެފައި ހުރި މަސްޢޫދު ގެއާއި ދިމާލަށް ހިނގާފައި އައީ އޭނަ މަހަށް ގެންދިޔަ ކުޑަ ދެޔޮގަނޑު އެއްކޮނޑު މައްޗަށް ލައިގެންނެވެ. އެވަގުތު އޭނައަށް ވިސްނެމުން ދިޔަހާވެސް ކަމަކީ ގެއަށް ގޮސް ހިމޭންކަމާއެކީ އަރާމުކޮށްލުމާއި މެދުގައެވެ. އެހެނަސް ގެއާއި ގާތްވަމުން ދިޔަދިޔަހެން ކުރިމައްޗަށް ނަޒަރު ހުއްޓާލި ވަގުތު ޖޯލިފަތިން މީހަކު ފެނިފައި އޭނަ ހުއްޓުން އެރިއެވެ. އެމީހަކު އިސްއުފުލައި ބަލާލި ހިނދު މަސްޢޫދުގެ ދެލޯ ބޮޑުވީ ބިރެއް ފެނިގެން އުޅޭ ފަދައަކުންނެވެ. އެހެނަސް މާ ގިނައިރެއް ނުވެ އެ ވަށްމޫނާއި، ބިޔަ ހަށިގަނޑާއި، ކުރުކޮށް އޮތް ފަންއިސްތަށިގަނޑުގެ އިތުރުން ތުނިކޮށް ހުރި ތުނބުޅި ފެނިފައި އެއީ ކާކުކަން ނަގައިގަނެވުމުން މަސްޢޫދުގެ މޭތެރޭގައި ރުޅިވެރިކަމުގެ އަލިފާނެއް ރޯވިއެވެ.
“މަޒީދު!” މަސްޢޫދަށް އެ ނަން ކިޔާލެވުނު ހިނދު އައިސްފައިވި ރުޅީގެ ސަބަބުން މުޅި މީހާ ރޫރޫއެޅިއެވެ. އެ ހިނދު މަޒީދުގެ ހުރިހާ ހަނދާނެއް އެއްފަހަރާ މަސްޢޫދުގެ ސިކުނޑިއަށް ވެރިވެގެން ދިޔައެވެ. ކުށެއްނެތް މައުސޫމް އަންހެނަކު މާބަނޑުއިރު އެއްވެސް ސަބަބަކާނުލާ ވަރިކޮށްލި ގޮތެވެ. ވަރިކުރުމަށްފަހު ވެސް އެ އަންހެން މީހާއަށް އެއްވެސް އެހީއެއްނުވީ ތާނގައި އެކިގޮތްގޮތަށް ދަތިކުރުވި ގޮތެވެ. އަދި އެވަރުން ނުވެގެން ޙަޤީޤަތް އެނގިހުރެވެސް އެ އަންހެން މީހާގެ ބޮލުގައި ދޮގު ތުޚުމަތުތައް އަޅުވައި އަންހެން މީހާގެ ޤަދަރު ނަގާލި ގޮތެވެ.
އެ ހުރިހާ ކަމެއް އެއްފަހަރާ މަސްޢޫދުގެ ޚިޔާލުތަކަށް ވެރިވި ވަގުތު މަޒީދު ޖޯލިފަތިން ތެދުވެލަމުން މަސްޢޫދުގެ ނަމުން އާދައިގެ އަޑަކުން ގޮވާލީއެވެ. އެހިނދު މަސްޢޫދުގެ ކެތްތެރިކަން ކޮޅުންލިއެވެ.
“ޚަބަރުދާރު! ޚަބަރުދާރު މަގޭ ގެއަށް އައިއްސަ ކަލޭ އެއްވެސް ވާހަކައެއް ދެއްކިއްޔާ! ސާރިޔާއަށް ކުރި ކަންތަކަށްފަހު ކަލެއަށް ކެރުނީވެސް ކިހިނެއް މިގޭގަ ފިޔަވަޅު އަޅަން؟ އެނ؟!” މަސްޢޫދު އޭނަގެ ކޮނޑުގައި އޮތް ދެޔޮގަނޑު ބިންމައްޗަށް ވައްޓާލަމުން ކުރިއަށް ދާންފެށި ގޮތުން އޭނަ ގޮސް މަޒީދުގެ ކަރުގައި ހިފާފާނެހެން ބަލާ މީހަކަށް ހީވެދާނެއެވެ. އެހެނަސް މަސްޢޫދު ވަކި ހިސާބަކަށް ގޮސް ފިޔަވަޅުތައް މަޑުޖައްސާލީ މަޒީދުގެ ޖަވާބެއް ބޭނުންވެގެން އުޅޭ ފަދައަކުންނެވެ. މަޒީދު މަސްޢޫދަށް ބަލަން ހުރެ ފުން ނޭވައެއް ދޫކޮށްލިއެވެ.
“މިގެއަށް އަންނަން ނިންމިއިރު ވެސް އެނގޭ އަހަރެން މަސްޢޫދާއި ކުރިމަތިލާން ޖެހޭނެކަން. މަސްޢޫދަށް މި ވާހަކަތައް ޤަބޫލުކުރަން ފަހަރެއްގަ ދަތިވެދާނެ. އެކަމަކު އަހަރެން މިކޮޅަށް އައީ މަސްޢޫދު ގާތު އެދުމެއް އެދެން. އަހަރެން ބޭނުންނަމަ އަހަރެން ކޮންމެ ޤައުމެއްގައި ހުރެވެސް މަސްޢޫދުގެ ނަންބަރު ހޯދައި މަސްޢޫދަށް ގުޅާލީސް. އެކަމަކު މިހާވަރުން މިކޮޅަށް މިއައީ ސާރިޔާއާއި މަލޫ ދެކިލަން ބޭނުންވެގެން. އެކަމަކު މިއަދު މިގެއިން އެއްވެސް މީހަކު ނުފެނިގެން މިގޭ ކައިރީގަ ހުރި ގެއެއްގެ މީހުން ކައިރިން އަހާލީމަ އެނގުނީ ސާރިޔާ…..” މަޒީދު ހިތާމަވެރިކަމާއެކީ ރޫރޫއަޅަމުން ދިޔަ އަޑަކުން ވާހަކަ ދައްކަމުން ގޮސް ސާރިޔާގެ ނަން ކިޔާލި ހިނދު އޭނަގެ އަޑު ވައި އަޑަކަށް ފޭދިގެން ދިޔައެވެ. ހަމަ އެވަގުތު ހިތާމަވެރިކަން ވެރިވެގެން ދިޔަ މޫނަކާއެކީ މަޒީދުގެ ލޮލުން ކަރުނައެއް ފައިބައިގެންއައެވެ. އެ މަންޒަރު ފެނިފައި ހިނދުކޮޅަކަށް ނަމަވެސް މަސްޢޫދުގެ ހިތަށް ޙައިރާންކަމެއް ވެރިވިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އަނެއްކާވެސް އެ ހިތް ރުޅިވެރިކަމުން ވަށާލެވިގެން ދިޔައެވެ.
“ދެން ތި ކަރުނަތައް އޮހޮރުމުގެ ބޭނުމަކީ ކޮބާ؟ ސާރިޔާ ކަލެއަށް އެންމެ ބޭނުންވި ދުވަހު ކަލޭ އޭނަ ދޫކޮށްލީ. ސާރިޔާ ބަލިވީ ދުވަހު….އަހަރެން އެތައް ވަރަކަށް މަސައްކަތް ކުރިން އޭނައަށް ފަރުވާ ހޯދައިދެވޭތޯ. އެކަމަކު އަހަންނަށްވީމަ ކަންނޭނގެ ސާރިޔާ އެ އެހީ ޤަބޫލުނުކުރީ. އެތައް ފަހަރެއްގެ މަތިން ހިތަށްއެރި ސާރިޔާ އެންމެ ފުރަތަމަ ލޯބިވީ ފިރިމީހާ އޭނަގާތު އެފަދަ އެދުމެއް އެދުނުނަމަ އެ އެހީ ޤަބޫލުކުރީހޭ. އެކަމަކު އޭގެއިން ކޮންމެ ފަހަރަކު އެ ލޯބިވެރިޔާ ނާންނާނެކަން އެނގުންވީމަ މަ ހިތްދަތިވީ ވަރު ކަލެއަށް އިޙްސާސެއްވެސް ނުކުރެވޭނެ. އެހެންވީމަ ތި ކަރުނަތައް ވަކި މަށަށް ދައްކާނެ ކަމެއްނެތް! އަޑުއިވިއްޖެ؟” މަސްޢޫދު ބުނެލިއެވެ. އެހެނަސް އެ ވާހަކަތައް އަޑުއަހަމުން ދިޔަ މަޒީދުގެ ލޮލުން ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. މަސްޢޫދު އޭނަގެ ހިތާމައާމެދު ޝައްކުކުރާކަން އެނގުންވީ ވަގުތު މަޒީދު އޭނަގެ ކަރުނަތަކުގެ ތެރެއިން ހީލީ އޭނަގެ އައިނު ނަގައި އެ ކަރުނަތައް ފޮހެމުންނެވެ. ހަމަ އެވަގުތު މަސްޢޫދާއި އެއްބަސްވުމުގެ ގޮތުން އޭނަ ބޯޖަހާލިއެވެ.
“ހަމަ ރަނގަޅަށް ތިބުނީ….ސާރިޔާއާއި މަލޫ އަހަންނާ ދުރުގަވީތީ ހިތާމަކުރުމުގެ ޙައްޤެއްވެސް އަހަންނަށް ނެތް. އެއީ ކަންނޭނގެ އަހަންނަށް އެންމެ އެކަށޭނެ އަދަބަކީ.” މަޒީދަށް އެހެންވެސް ބުނެލެވުނީ އޭނަގެ ދުޅަވެފައިވާ ދެލޮލާއި ހިތާމަވެރި މޫނާއި އެކީގައެވެ. އެ މޫނުމަތި ފެނިފައި މިފަހަރު މަސްޢޫދަށް ލިބުނު ޙައިރާންކަމުގައި އޭނައަށް އެއްޗެކޭ ބުނަންވެސް ނޭނގުނެވެ. އޭނަ އެއްޗެކޭ ނުބުނެ ހުއްޓާ ފަހުން ވެސް އޭނަގެ ލޮލަށް ޖަމާވި ކަރުނަތައް ފޮހެލުމަށްފަހު އައިނު ލޮލުގައި އަޅާލަމުން މަޒީދު ވާހަކަ ދެއްކިއެވެ.
“އަހަރެން ހިތުގެ ފުން މިނުން މަޢާފަށް އެދެން އަހަރެންގެ ސަބަބުން މަސްޢޫދާއި ސް..ސާރިޔާ އުފުލަން ޖެހުނު ހިތާމަތަކަށްޓަކައި. މަޢާފުކޮށްދޭނެކަމަށް އަހަރެން އުއްމީދެއް ނުކުރާނަން. މިހާ ދުވަސްވީއިރު އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސަށްވެސް މަޢާފު ނުކުރެވުނު ކަންތައް އެއީ. އެކަމަކު މިއަދު މަސްޢޫދުގެ ކައިރިއަށް މިއައީ މަލޫއަށްޓަކައި ކަމަކު އެދެންވެގެން…” މަޒީދު އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ ބުނެލިއެވެ.
“ކޮން ކަމެއް؟” ނިތަށް ރޫގިނަވެގެން ދިޔަ ހިނދު މަސްޢޫދަށް އަހާލެވުނެވެ.
**
އުޑުމަތީގައި އެކި ކުލަކުލައިގެ އެކި ބައްޓަމަށް ހުރި ހަވާތައް އެރުވެމުން ދިޔައިރު އަޔާޒާއި މަލާކް ތިބީ އެކަކު އަނެކެއްގެ ގައިގައި ބާރަށް ބައްދައިގެންނެވެ. މަންޒަރު ބަލަން ތިބި ބަޔަކަށް މިއީ ނުހަނު ލޯބިން ގުޅިގެން ދިޔަ ދެ ލޯބިވެރިންހެން ހީވެދާނެއެވެ. އެކަކު އަނެކަކާއި ވަކިވާން ބޭނުމެއްނުވާފަދަ ދެ ލޯބިވެރިންނެވެ. އެއީ މުޅިއަކުން ކުށްހީއަކަށް ވެސް ނުވެ ހިނގައިދާނެއެވެ. ހަވާ އަރުވަން ފެށިތާ މިނެޓްތަކެއް ހިނގިއިރުވެސް ދެމީހުން އެ ބައްދާލުން ނިމުމަކަށް ގެންނަން ޚިޔާލުވެސް ނުކުރޭވިއްޔާއެވެ.
އަޔާޒާއި މަލާކްގެ އެއްފަރާތުގައި ހުރި މީހާ އެމީހުން ފޮޓޯ ނަގައި ނިންމާލިއިރުވެސް އެމީހުން އެ ތިބި ގޮތަށް ތިއްބެވެ. އެމީހާ އެއްފަހަރު އެ ދެމީހުންނަށް އަނެއްފަހަރު އޭނަގެ ކެމެރާގެ ސްކްރީނަށް އަރާފައިވި ފޮޓޯތަކަށް ބަލަމުން ބޯޖަހާލީ އެމީހުންނާއިމެދު އޭނަގެ ވެސް ނިންމުން ނިންމަމުންނެވެ. އެއަށްފަހު އޭނަ އަޔާޒްމެންނަށް ފަސްދީފައި ދާން ހިނގައިގަތެވެ.
10 ވަރަކަށް މިނެޓްފަހުން އެ ހަވާއެރުވުންތަކަށް ނިމުމެއްއައެވެ. ލަސްލަހުން މަޑުވަމުން މަޑުވަމުން ގޮސް އުޑުމަތިން އެންމެ ފަހުގެ އަލިތައް ފޭދިގެން ގޮސް އެ އަޑުތައް ކެނޑިގެން ދިޔުމުން ދެލޯ މަރައިގެން ހުރި އަޔާޒް ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި ލަސްލަހުން މަލާކާއި ދުރުވެލަމުން މަލާކްގެ މޫނަށް ބަލައި އެމޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.
“މަލާކް އާރ ޔޫ އޯކޭ؟ މަލާކް!” މަލާކް ދެލޯ މެރިފައި އިންގޮތުން ކަންބޮޑުވުމަކާއެކީ ކުޑަކޮށް މަލާކް ތަޅުވާލަމުން އޭނައަށް ގޮވާލެވުނެވެ. ހަމަ އެ ހިނދު ލޯ ހުޅުވަން ބޭނުންނުވެފައިވި މަލާކް ލަސްލަހުން އޭނަގެ ލޯ ހުޅުވާލީއެވެ. އެ ހިނދު ވެސް އޭނައަށް އަޔާޒްގެ ގަމީހުގެ ފުރަގަހުން ބާރަށް ހިފަހައްޓާލެވިފައިވީ އަޔާޒާއި ދުރުވާން ބޭނުންނުވެގެން އުޅޭ ފަދައަކުންނެވެ. މަލާކް ލޯ ހުޅުވި މަންޒަރު ފެނިގެން ދިޔުމުން އަޔާޒަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.
“ތޭންކް ގޯޑް މަލާކް…..އައިމް ރިއަލީ ސޮރީ މަލާކް މިކަހަލަ ތަނަކަށް ގެނެވުނީތީ. އަހަންނަށް އަސްލު އެނގެންވާނެ މިހެންވެދާނެކަން….ހިނގާ އަވަހަށް ގެއަށް. އަނެއްކާވެސް ހަވާއެރުވުން ފެށޭނެހެން އަހަންނަށް ހީވަނީ. ލެޓްސް ގޯ! އަދި ގެއަށް ގޮއްސަ މަލާކް ރެސްޓްކޮށްލީމަ ބޮޑަށް ހަމައަކަށް އެޅޭނީ…” އަޔާޒް އެހެން ބުނެލަމުން ތެދުވެލަން އުޅުނެވެ. އެވަގުތުވެސް މަލާކް އޭނަގެ ގަމީހުގައި ހިފަހައްޓައިގެން ހުރި ގޮތުން މަލާކްގެ މޫނަށް އޭނައަށް ބަލާލެވުނެވެ. ހަނިގޮތަކަށް ލޯ ހުޅުވިފައިވި މަލާކް އޭރުވެސްވީ ޝޮކުގެ ސަބަބުން އޭނައަށް ވަނީ ޙަރަކާތެއް ގެންނަން ދަތިވެފައިކަން އަޔާޒަށް އެނގުންވިއެވެ. އެހެންކަމުން މަލާކްގެ އަތް އޭނަގެ ގަމީހާއި ވަކިކުރުވަން ޖެހުނީ އަޔާޒް އަމިއްލައަށެވެ. އެއަށްފަހު އަޔާޒް ތެދުވެލަމުން މިފަހަރު ވެސް ހޮޓެލްގެ މުވައްޒަފަށް ފުރުޞަތެއް ދިނުމެއްނެތި އަމިއްލައަށް މަލާކްގެ ގޮނޑި އަނބުރާލަމުން ދުއްވަން ފެށިއެވެ. އަދި ކާރާއި ހަމައަށް ގޮސް މަލާކް ކާރަށް ލީ ވެސް އަމިއްލަ އަތްދަނޑިމައްޗަށް އުފުލަމުންނެވެ.
ހޮޓެލަށް އަނބުރާ ދިޔަ މަގުމަތީގައި ވެސް މަލާކް ނެގިމަޑުވެފައި އިންގޮތުން އަޔާޒަށް އެ ވާގޮތް އެނގުނެއްކަމަކު އޭނައަށް ދޭތެރެދޭތެރެއިން މަލާކަށް ބެލެމުން ދިޔައެވެ. މިރޭ ރަނގަޅަށް ނިދާލުމުން މަލާކް ރަނގަޅުވާނެކަން އެނގުނެއްކަމަކު މަލާކް ރަނގަޅުތޯ އަހައި ދޭތެރެދޭތެރެއިން ސުވާލުކުރެވެމުން ދިޔައީ އިންތިހާއަށް ކަންބޮޑުވެފައިވި ހިތެއްގެ ސަބަބުންނެވެ. ނޭނގޭ ސަބަބަކާހުރެ މަލާކަށް ބަލާލެވޭ ކޮންމެ ފަހަރަކު މަލާކް އޭނަގެ އަތުތެރެއަށް ގެންނަ މަންޒަރު އަޔާޒަށް ސިފަކުރެވެމުން ދިޔައެވެ.
ޚުދު މަލާކްވެސްވީ އެފަދަ ޙާލެއްގައެވެ. ނޭނގޭ ސަބަބަކާހުރެ އޭނަގެ ހަށިގަނޑަށް ވެރިވެފައިވި ވަރުބަލިކަމެއްގެ ސަބަބުން އޭނައަށް ޙަރަކާތެއް ނުކުރެވި ބަހެއް ނުބުނެވި ހުއްޓެއްކަމަކު އޭނައަށް ހުއްޓުމެއްނެތި ޚިޔާލުކުރެވެމުން ދިޔައީ އޭނަ އަޔާޒްގެ އަތުތެރޭގައިވި ވަގުތުކޮޅެވެ. އެވަގުތު ވެސް އަޔާޒްގެ ސުވާލުތަކަށް ހަމައެކަނި ބޯޖަހަމުން ދިޔައިރު އަޔާޒް އަދި އެއްފަހަރު އޭނަ އެގޮތަށް އަތުތެރެއަށްލާނެ ނަމައޭ ބުނެ އޭނަގެ ހިތް ޝަކުވާ ކުރަމުން ދިޔައެވެ.
ހޮޓެލްގައި އެމީހުން އުޅޭ ސޫޓަށް ވަދެވުމާއެކު އަޔާޒް އެމީހުންގެ ކޮޓަރިއަށް މަލާކް ގެންދިޔައެވެ. ގޮނޑި އެނދު ކައިރިއަށް ގެނެސް ހުއްޓުވުމަށްފަހު އަޔާޒް އަނެއްކާވެސް މަލާކް އޭނަގެ އަތްމައްޗަށް އުފުލާލަމުން އެނދުމަތީގައި ބޭއްވިއެވެ. ހަވާ އެރުވި ވަގުތުކޮޅަށްފަހު އާދައިގެ މަތިން މަލާކް އަޔާޒްގެ އަތުން ދޫކޮށްލީ ލަސްލަހުންނެވެ. އެއީ މަލާކްގެ ގައިގައި މިވަގުތު ވަރެއްނެތީތީވެކަމަށް އަޔާޒް ކިތަންމެ ޤަބޫލުކުރަން ބޭނުންވިޔަސް މަލާކްގެ މޫނުމަތީގައިވި އަސަރު އޭނަގާތު ނުދިޔުމަށް އެދެމުން ދިޔަހެން އަޔާޒަށް ހީވަމުން ދިޔައެވެ. އެ ހީވި ހީވުމާއެކު އަޔާޒަށް ވެސް މަލާކްގެ އަތްތިލައިން ދޫކުރުމުގެ ކުރިން އެއަތްތިލައަށް މަޑުމަޑުން ފިތާލެވުނެވެ. އޭނަ ދޫކޮށްލުމާއެކު އެއަތުގައި ވަރެއްނެތް ފަދައަކުން ވެއްޓިގެން ގޮސް އެނދުގައި ޖެހުނު ގޮތުން އަޔާޒް ދެރަވެސްވިއެވެ. ހިނދުކޮޅަކަށް ނަމަވެސް މަލާކްގެ ކައިރީގައި އިށީންނަން ހިތަށްއެރިއެއްކަމަކު އޭނައާއި މަލާކާއި ދެމެދު އޮތް ގުޅުމުގެ ދުރުކަން ހަނދާންވުމުން އަޔާޒަށް ވާހަކަ ދެކެވުނެވެ.
“އަވަހަށް ނިދާލާ އިނގޭ މަލާކް. ވީހާވެސް ފުންކޮށް ނޭވާލައްޗޭ. ނޭވާ ކުރުވާހެން ހީވަންޏާ އަހަންނަށް ގޮވާލާތި. މިހިރީ ހަމަ މިތާ ބޭރުގަ….ރަނގަޅުވާނެ މާދަމާ ތެދުވާއިރު އިނގޭ؟ ޑޯންޓް ވޮރީ!” އަޔާޒް ދެންވެސް މަލާކްގެ ހިތްހަމަޖެހޭފަދަ ވާހަކައެއް ބުނެލިއެވެ. އެ ވާހަކައަށްފަހު މަލާކް ދެބުމަ ކައިރިކޮށްލަމުން ލޯ މަރާލި ތަން ފެނިފައި އަޔާޒް އޭނައަށް ފަސްދީފައި ދާން އުޅުނެވެ. އެހެނަސް ހަމަ އެވަގުތު މަލާކް ވަރުބަލިވެފައިވި އަޑަކުން އޭނަގެ ނަމުން ގޮވާލި އަޑަށް އަޔާޒްގެ ފިޔަވަޅުގައި ތަޅުއެޅުވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އަނެއްކާވެސް މުޅިން މަލާކާއި ދިމާލަށް އެނބުރިލިއެވެ.
“ކިހިނެއްވީ މަލާކް؟ އުދަގުލެއްވަނީތަ؟” އަޔާޒަށް މަލާކާއި ދިމާލަށް ފިޔަވަޅެއް އަޅާލަމުން އަވަސްއަވަހަށް އަހާލެވުނެވެ.
“މައުވާ ބުނީ ކީކޭ؟” މަލާކް އިތުރު އެއްޗެކޭ ނުބުނެ ކޮށްލި ސުވާލުން އަޔާޒް ހުއްޓުންއެރިއެވެ. މައުވާއާއި އޭނައާއި ދެމެދު މިރޭ ދެކެވުނު ވާހަކަތަކުގެ ތެރެއިން އޭނަ މައުވާއާއި ވަކިވުމަށް ބުނެލި ބަސްތައް އޭނަގެ ސިކުނޑީގައި ގުގުމާލިއެވެ. އެ ވާހަކަ މަލާކްގާތު ބުނަންވުމުން އޭނައަށް އުދަގޫވިއެވެ. މަލާކް ކަހަލަ ކުއްޖަކަށް ވެސް ލޯބިވެރިޔެއްފަދަ މީހަކު ލިބިފައި ވަނިކޮށް އޭނަ މިއަދު އެކަނިވެރިވެފައިވިކަން މަލާކަށް އަންގަން އޭނަގެ ފަޚުރުވެރިކަން އޭނައާއި ދެކޮޅު ހެދިއެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނަގެ ހިތް ދެރަކުރަމުން ދިޔަ ޚިޔާލެއް މަލާކަށް ފޮރުވަން ވެސް ބޭނުމެއްނުވިއެވެ. މި ދުވަސްކޮޅު އޭނައާއި ދިމާވާ ކޮންމެ ހިތްހަމަނުޖެހޭ ކަމަކަށް އެންމެ ފުރިހަމަ ޙައްލުތައް ގެނެސްދެމުން ދަނީ މަލާކް ކަމަށްވާތީވެއެވެ.
“ވީ ބްރޯކް އަޕް…” އަޔާޒް މަޑުމައިތިރި އަޑަކުން ބުނެލިއެވެ. އެ ވާހަކަ އިވިގެން ދިޔަ މަލާކްގެ ދެލޯ ކުޑަކޮށް ބޮޑުވެގެން ދިޔައެވެ. އެކަން އަޔާޒަށް ފާހަގަވީތަނާހެން އޭނަ އެތަނުން ނިކުންނަން ހިނގައިގަތެވެ. އޭނަ އެއްގޮތަކަށް ވެސް މިޙާލަތުގައި އެއްވެސް މީހެއްގެ ޙަމްދަރުދީ ބޭނުމެއްނުވުމުންނެވެ. މަލާކްގެ ޙަމްދަރުދީ އަމުދުންނެއްނޫނެވެ. އޭނަ މައުވާއާއި ވަކިވުމުން އޭނަ މަލާކްއާއެކީ ދިރިއުޅުމެއް ފަށަން ބޭނުންވެދާނެ ކަމުގެ ހީއެއްވެސް މަލާކް ލައްވާ ކުރުވަން އޭނަ ބޭނުމެއްނުވިއެވެ. އޭނަ އެހެން ނޫނަސް އެފަދަ ގުޅުމެއް މަލާކާއެކީ ބާއްވަން ބޭނުންނުވާނެ ކަމަށް ބުނެ އޭނަ އަމިއްލަ ނަފްސާއި ދިމާލަށް އެއްޗެހި ގޮވިއެވެ. އެހެނަސް އެއީ މުޅިއަކުން ތެދެއް ނޫންކަމަށް އޭނަގެ ހިތުގެ ކަނަކުން ގޮވަމުން ދިޔަ ގޮތުން އަޔާޒަށް އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ.
**
އޭގެ އަނެއްދުވަހުގެ ހެނދުނު އެއްކަލަ ކުޑަ އެއާރޕޯޓުން ފުރަން ތައްޔާރުވެފައި އޮތް ފްލައިޓަށްއެރި ފަސިންޖަރުންނާއެކީ މަޒީދުވެސް އެރިއެވެ. ފްލައިޓަށް އަރައި އޭނަގެ ސީޓުގައި ހަމަޖެހިލުމަށްފަހު އާދައިގެ މަތިން ފޯނު ނިވާލަން އޭނަ އަވަސްވިއެވެ. އެހެނަސް މި ފަހަރު ކަމެއް ހަނދާންވުމުން އޭނަ ފޯނު ނިވާލުމުގެ ބަދަލުގައި ފޯނު އެއާރޕްލޭން މޯޑަށްލިއެވެ. އެއަށްފަހު ގެލަރީ ހުޅުވާލަމުން ވައިބާރ އިމޭޖެސްއަށް ދިޔައެވެ. އެ ފޯލްޑާރ ހުޅުވާލަމުން އޭނަ ހުޅުވާލި ފޮޓޯގައިވީ މަލާކް ނޫން ދެވަނަ މީހެއްގެ ފޮޓޯއެއް ނޫނެވެ. އެންމެ ފުރަތަމަ މަލާކް އެކަނިވެރިވެފައި އިން ފޮޓޯއަށް ބަލައިގެން މަޒީދަށް އިރުގަނޑެއް ވަންދެން އިނދެވުނީ ޚިޔާލުތަކެއްގެ ފުންކަނޑެއްގެ ތެރޭގައި ގެނބުމުންނެވެ. އެ ޚިޔާލުތަކުގެ އަސަރުތަކާއެކީ އޭނައަށް މަލާކްގެ އެ ފޮޓޯގައި މަޑުމަޑުން އިނގިލި ޖައްސާލެވުނީ ކަރުނަތަކުން ފުސްވާން ފެށި ދެލޮލާއި އެކީގައެވެ. އެހިނދު މަޒީދަށް ނޭނގި އޭނައަށް އެ ފޮޓޯ އެއްފަރާތަކަށް ޖައްސާލެވުނެވެ. އެއާއެކު އެ ފޮޓޯއާއި ޖެހިގެން ހުރި ފޮޓޯ ފެނިގެން ދިޔުމުން މަޒީދު އޭނަގެ ލޯ މަތިން އެއްއަތް ހިންގާލީ އެ ފޮޓޯއަށް ރަނގަޅަށް ބަލާލުމަށެވެ. މަލާކްގެ ގައިގައި ޒުވާނަކު ބައްދައިގެން ހުރި އެ ފޮޓޯ އޭނައަށް ރޭވެސް ފެނިފައިވިއެއްކަމަކު އެ ވަގުތު ވެސް އެ ފޮޓޯއިން މަޒީދުގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ ހިތަށް ފިނިކަމެއް ލިބިގެން އުޅޭ ފަދައަކުންނެވެ. އެ ފޮޓޯވެސް ކަހާލުމުން ދެން ފެނިގެން ދިޔައީ އެ ޒުވާނާ މަލާކްގެ ގޮނޑި ދުއްވަމުން ދިޔަ މަންޒަރެވެ. އެ ފޮޓޯ ކަހާލުމުން އެންމެ ފަހު ފޮޓޯއަކަށް ފެނިގެން ދިޔައީ މަލާކް ކާރަށް އެރުވުމަށްޓަކައި އެ ޒުވާނާ މަލާކް އަތްމައްޗަށް ނަގައިގެން ހުރި މަންޒަރެވެ.
އެ ފޮޓޯތައް ބަލައި ނިމުނުއިރު މަޒީދުގެ ލޯމަތިން ހިތާމަވެރިކަމެއް ފާޅުވޭވޭ ހުއްޓެއްކަމަކު އޭނަގެ ތުންފަތްމަތީގައިވީ އުފާވެރި ހިނިތުންވުމެކެވެ.
“ބައްޕަގެ ނިންމުން ކަމުދިޔަކަމަށް އުއްމީދުކުރަން، ދަރިފުޅު. ބާއްޖަވެރި ޒަވާޖީ ޙަޔާތަކަށް އެދެން.” މަޒީދު ހިތާހިތުން ކިޔާލީ އެ ބަސްތަކެވެ.
**
އެދުވަހު ރަޝިޔާއަށް މެންދުރުގެ ވަގުތެއްގައި މައުވާ ހުރީ މޮސްކޯ އިންޓަނޭޝަނަލް އެއާރޕޯޓުގެ ޓާމިނަލުގައެވެ. ޓާމިނަލުގައި އިށީނުމެއްވެސް ނެތި އޭނަ ކޮޅަށްހުރެ ލޯ ހިންގަމުން ދިޔައީ އޭނަ ހޯދަން އައިސްފައި ހުރި މީހަކު ދެކެން ކެތްމަދުވެގެން އުޅޭ ފަދައަކުންނެވެ. މައުވާ ބަލަބަލާ ހުއްޓާ ފަސިންޖަރުންގެ ތެރެއިން ހިނގާފައި އައި އަންހެނަކު މައުވާ ފެނިފައި ހިނިތުންވެލިއެވެ. އެހެނަސް އެވަގުތު މައުވާ އެހެން ދިމާލަކަށް ބަލަހައްޓައިގެން ހުރީތީ މައުވާއަށް އެ ހިނިތުންވުމެއް ނުފެނުނެވެ. މައުވާ އެދިމާލަށް ބަލާއިރަށް އެ އަންހެން މީހާ އޭނަގެ ކޮނޑާއި ހަމައަށް ނުފޯރާ އިސްތަށިގަނޑުގެ ބައެއް ކަންފަތުގައި ލައްވަމުން އެއްފަރާތަކަށް ޖެހިލިއެވެ. ގަދަ ފިޔާތޮށި ކުލައިގެ އަތްދިގު ކަކުލުން މައްޗަށް އޮތް ހެދުމަކާއި ހުދުކުލައިގެ ޖިންސަކާއެކީ ކަޅުކުލައިގެ ކަށި ފައިވާނެއްގައި ހުރިގޮތުން އެއީ ޒުވާން އަންހެން ކުއްޖެއްހެން މީހަކަށް ހީވެދާނެއެވެ. ގަދަ މުށިކުލައެއް ޖެއްސި ފަންކުރެވިފައިވި އިސްތަށިގަނޑުން ނުރަތައް ފޮރުވިފައިވިޔަސް، ހަށިގަނޑުގެ ޒާތުންނާއި ހިނިތުންވެލީއިރު ލޮލުގެ ކައިރިން ފެނިގެން ދިޔަ ރޫތަކުން އޭނަގެ ޢުމުރުން ދުވަސްވެފައިވިކަން ފާހަގަވާނެއެވެ.
މައުވާ ބަލަބަލާ ހުއްޓާ އެ އަންހެން މީހާ ފަސިންޖަރުންގެ ފަހަތުގައި ނިވާވަމުން ޓާރމިނަލުން ނިކުތެވެ. އެއަށްފަހު އަނެއްކާވެސް ފަސްއެނބުރި މައުވާއަށް ބަލާލަމުން މައުވާގެ ކައިރިއަށް ދިޔައީ ހިނިތުންވުމަކާއި އެކީގައެވެ. ފައިވާނުން ޓަކުންޓިކުންގެ އަޑު ލައްވަމުން ގޮސް މައުވާގެ ކައިރީގައި ހުއްޓި އެ އަންހެން މީހާ އޭނަގެ ކުޑަކޮށް ރޫނަގަން ފަށާފައިވި އަތް މައުވާގެ ކޮނޑުމަތީގައި އަޅާލިއެވެ. އެއާއެކު ހުއްޓުން އެރި މައުވާ ފަސްއެނބުރި ބަލާލުމާއެކު އެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.
“މަންމާ!” މައުވާ އުޖާލާވެގެން ދިޔަ ހިނިތުންވުމަކާއެކީ އޭނަގެ މަންމަގެ ގައިގައި ބައްދާލިއެވެ. ބަދަލުގައި އެ މަންމަވެސް ނުހަނު ލޯތްބާއެކީ މައުވާގެ ގައިގައި ބައްދާލީ ހިނިތުންވުމަކާއި އެކީގައެވެ.
“ކިހިނެއްތަ މަންމަގެ މައު؟” މަންމަ އަހާލިއެވެ. އެއާއެކު މައުވާ އޭނަގެ މަންމަގެ ގައިން ދުރުވެލީ ރުޅި މޫނު ހަދަމުންނެވެ.
“ޓު ބީ އޮނެސްޓް ވަރަށް ކަޓާފަ އަހަރެން ހުރީ މީގެ އިރުކޮޅެއް ކުރިން. މި އަޔާޒްއާ މަލާކްގެ ކަންތަކާހުރެ…އެކަމަކު މިއަދު ހުރިހާ ޗެނަލެއްގެ ނިއުސް ފެނިފަ އައި ވޯޒް ސޯ އެކްސައިޓެޑް! ހުރިހާ ދިވެހި ޗެނަލަކުން ދައްކަނީ މަހީރާ އާދަމްގެ ޑޮކިއުމެންޓްރީގެ ވާހަކަ. ދަ އޮންލީ އޮޕެން މައިންޑެޑް ޕާރސަން އިން މޯލްޑިވްސް! ސޯ ޕްރައުޑް އޮފް ޔޫ މަންމާ!” މައުވާ މަހީރާއަށް ބަލަންހުރެ އެ ވާހަކަ ބުނެލީ ހަމަ ޙަޤީޤަތުގައި ވެސް އޭނަގެ މަންމަދެކެ ވަރަށް ފަޚުރުވެރިވެފައި ހުރެއެވެ. މައުވާގެ ވާހަކަ އިވިފައި މަހީރާ ހިނިތުންވެލީ ކިބުރުވެރި ގޮތަކަށެވެ. އޭނަ ހާ ވިސްނުންތޫނު އަދި ސިކުނޑި ހަމަޖެހޭ މީހެއް މުޅި ރާއްޖޭގައިވެސް ނުހުންނާނެ ކަމަށް އެވަގުތު އޭނައަށް ޤަބޫލުކުރެވުނެވެ.
“އަދި މިއީ ހަމައެކަނި ފެށުން، މައު. އަދި މައުގެ ޕްރޮޖެކްޓްގެ ކަންތައް ވެސް އޮތީ ކުރިއަށް. މަންމަގެ ޑޮކިއުމެންޓްރީ ތްރޫކޮށް މަންމައަށް ފުދޭވަރަކަށް ލިބޭނެ ފަންޑްސް. އެ ފަންޑްސް ބޭނުންކޮށްގެން މައު ތި ކުރިއަށް ގެންދާ ކަންތައް ވެސް ރާއްޖެއާ ހަމައަށް ގެންދަންވީ. އެކަމަކު އަހަރުމެން ސަމާލުވާންވީ އެއްކަމެއް އެބައޮތް…” މަހީރާ އުފަލާއެކީ ވާހަކަ ދައްކަމުން ގޮސް މައުވާގެ ކޮނޑުގައި ހިފައި އޭނައާއެކީ ހިނގައިގަންނަމުން ސީރިއަސްކަމާއެކީ ބުނެލިއެވެ.
“ކޮން ކަމެއް؟” ނިތަށް ރޫގިނަވެގެން ދިޔަ މައުވާއަށް އޭނަގެ މަންމައަށް ބަލާލަމުން އަހާލެވުނެވެ.
“މައުގެ ބައްޕަ ވަރަށް ފަހަކަށް ރާއްޖެ ދިޔަ ވާހަކަ އަޑުއެހިން. ވެދާނެ އެއީ ވިޔަފާރީގެ ކަމަކު ދިޔައީ ކަމަށް. އެކަމަކު މަންމަގެ ގަޓް ފީލިންގް އެބަ ބުނޭ ކޮންމެވެސް ކަމެއް ގޯސްކޮށޭ އެ ދަނީ….ޔޫ ނޯ ހައު އިޓް އިޒް ދޯ؟ ބައްޕައާއި މަންމަ ޑިވޯސްވިފަހުން؟” މަހީރާ މައުވާއަށް ވިސްނައިދޭން އުޅޭ ފަދައަކުން ބުނެލިއެވެ.
“އާނ…..އައި ހޭޓް ހިމް އެންޑް ހިޒް ޑޯޓާރ. ނޭނގެ އޭނައަށް އެ ވީ ގޮތެއް. ހީ ޔޫޒްޑް ޓު ބީ ސޯ ކޫލް. އެކަމަކު ވަކި ހިސާބަކުން މައު ކައިރިވެސް ކިޔަން ފެށީ މައުގެ ކޮއްކޮއެއް ހުރެއޭ. މަލޫއޭ ކިޔަނީ އެ ކޮއްކޮއަށް. އެދުވަހުއްސުރެ އެ މީހާގަނޑު ދެކެ ވަރަށް ރުޅިއާދޭ……މަންމަގެ ފަރާތުން ނުލިބުނު ކޮއްކޮއެއް މައުގެއެއް ނުހުންނާނެ! އެ މީހާގަނޑާހެދި މިއަދު އަހަރުމެންނަށް ލިބެންޖެހޭ އެތި ވެސް ނުލިބިދާނެކަމުގެ ބިރުވެތިކަމުގަ އަހަރުމެން އުޅެން މި ޖެހެނީ!” މައުވާ ރުޅިން ތުރުތުރު އަޅާ ޙާލުގައި ބުނެލިއެވެ.
“ކާމް ޑައުން މައު….ތިކަންކަމާ ރުޅި އިސްކުރުމުގެ އިތުރު ބޭނުމެއްނެތް. ވީ ޑޯންޓް ނީޑް ހިމް އެނީމޯ. އެހެންވީމަ އެ ވާހަކަ ދެއްކުމުގެ ވެސް ބޭނުމެއްނެތް. އަހަރުމެންނަށް މައްސަލައެއް ދިމާވިއްޔާ އަހަރުމެން އަމިއްލައަށް އެ މައްސަލަ ޙައްލުކުރުމުގެ ޤާބިލިއްޔަތުކަން ލިބިގެންވޭ. އޭނަ ކިތަންމެ ދަތިކުރަން އުޅުނަސް. އެހެންނޫންތަ؟” މަހީރާ މައުވާގެ ހިތްހަމަޖައްސައިދޭން އުޅޭ ފަދައަކުން ބުނެލިއެވެ. އެއާއެކު މައުވާވެސް ފުން ނޭވާތަކެއް ލަމުން މަންމައާއި އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
“ދެން އަހަރުމެން ވިސްނަންވީ ވީހާވެސް އަވަހަކަށް މައުގެ ޕްރޮޖެކްޓް ރާއްޖެއަށް ފަތުރާލެވޭނެ ގޮތަކާމެދު. މިހާރު ވެސް ވަރަށް ގިނަ ބައެއްގެ ސަޕޯޓް މަންމަގެ ޑޮކިއުމެންޓްރީއަށް އެބަ ލިބޭ. މި އަޑުތައް ނުކެނޑެނީސް މައު ތި ބިލީވް ކުރާ ކަންތަކުގެ އަޑުވެސް ވީހާވެސް ގިނަ ބަޔަކަށް އިއްވަންވީ. ބޮޑަށް ރަނގަޅުވާނީ ފުރާވަރުގެ ކުދިބަޔަކު އަތު ޖައްސާލިއްޔާ. މިކަހަލަ ކަންތަކުގަ އެމީހުންގެ ޚިޔާލު ބަދަލުކޮށްލެވޭނެ ވަރަށް އަވަހަށް. މައުގެ ފްރެންޑަކަށް ވިޔަސް އެނގޭނެ ޓީނޭޖް ކުއްޖެއް ނުހުންނާނެތަ؟ ހައި ސްކޫލް ލެވެލްގެ އަންހެން ކުއްޖެއްވިޔަސް ފިރިހެން ކުއްޖެއްވިޔަސް؟” މަހީރާ ސުވާލުކުރިއެވެ. އެއާއެކު ވަގުތުން ނޫނެކޭ ބުނަން އުޅުނު މައުވާ ކުއްލިއަކަށް ކަމެއް ހަނދާންވެފައި ފިޔަވަޅުތައް މަޑުޖައްސާލިއެވެ. އެއާއެކު މަހީރާއަށް ވެސް މަޑުކޮށްލެވުނީ ކިހިނެއްވީތޯ އަހަމުންނެވެ.
“އަހަންނަށް ހީވަނީ އަޔާޒްއަށް ބަދަލު ހިފުމުގެ ގޮތުން އަހަރެން ތިކަމަށް ސެލެކްޓްކޮށްލާނެ ޕާރފެކްޓް ކުއްޖާ އަހަންނަށް އެނގޭހެން…” މައުވާ އެއްދިމާލަކަށް ބަލަންހުރެ އެހެން ބުނެލީ އެއްމިޔަކަނުގެ ހިނިތުންވުމަކާއި އެކީގައެވެ.
“ކާކު؟” މަހީރާއަށް އަހާލެވުނެވެ. އެއާއެކު މައުވާ އޭނަގެ އެއްއަތުގައި އެޅުވިފައިވި އަތްދަބަސް ތެރެއިން އޭނަގެ ފޯނު ނެގިއެވެ. އެއަށްފަހު ވައިބާރ ހުޅުވައި ކުޑަކޮށް ސްކްރޯލް ކޮށްލަމުން އަޔާޒްގެ ޗެޓް ބޮކްސް ހުޅުވާލިއެވެ. ޗެޓް ބޮކްސްގެ ތެރެއިން ކުޑަކޮށް ސްކްރޯލް ކޮށްލުމަށްފަހު މައުވާ ފޮޓޯއެއް ހުޅުވާލިއެވެ. އެއީ ކަޅުކުލައިގެ ސްކާޓަކާއެކީ ހުރި ޔުނިފޯމެއް ލައިގެން ހިނިތުންވުމަކާއެކީ ހުރި އަނުމް އަޔާޒްގެ ކައިރީގައި ހުއްޓިލައިގެން ނަގާފައި ހުރި ފޮޓޯއެކެވެ.
“އަޔާޒް އަހަންނާ ބްރޭކް އަޕްކޮށްފަ ހުއްޓާ އޭނަގެ ލޯބިވާ ކޮއްކޮ އަހަރެންގެ ބެސްޓް ފްރެންޑަށްވިއްޔާ ކިހިނެއްބާ ވާނީ؟ ހަމަ ޔަޤީނުންވެސް އަޔާޒްއާ މަލާކްގެ ސްޓޯރީއަށް ކުޑަ ޓްވިސްޓެއް އަންނާނެދޯ؟” މައުވާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އެއަށްފަހު މައުވާ އޭނަގެ މަންމައަށް ބަލާލުމުން ދެމީހުން އެކުއެކީގައި ނުލަފާ ހީލުމެއް ހީލިއެވެ.
**
މައުވާއާއި އަޔާޒް ވަކިވެދިޔަތާ އެއްދުވަސް ވޭތުވީއިރު އަޔާޒާއި މަލާކްގެ ގުޅުމަށް ވަކި މާ ބޮޑު ބަދަލެއް ނާދެއެވެ. އަޔާޒް ދައްކަންވީ ވާހަކަތައް މަދުވުމުން އެދެމެދުގައި ވާހަކަތައް މަދުވެފައިވާކަން އެކަންޏެވެ. އަޔާޒް މައުވާއާއިމެދު އިތުރަށް ވާހަކައެއް ދައްކަން ނުއުޅުމުން މަލާކަށް ވެސް އިނދެވުނީ އެ މަޢުޟޫއަށް އެއްވެސް ވާހަކައެއް ދައްކަން ނުކެރިފައެވެ. ކޮންމެ ގޮތެއްވިޔަސް އަޔާޒް ކިތަންމެ އާދައިގެ ގޮތަކަށް އުޅުނަސް އަޔާޒް އަދިވެސް މައުވާ މަތިން ހަނދާންވޭތޯ މަލާކްގެ ހިތް ސުވާލުކުރަމުން ދިޔައެވެ. މައުވާއާއި ވަކިވުމުން އަޔާޒްގެ ހިތް ދެރަވެފައިވެދާނެތީ އޭނަ އަޔާޒާއިމެދު ކަންބޮޑުވަމުން ދިޔައެވެ.
މަލާކަށް ހީވެފައިވީ ރަނގަޅަށެވެ. އަޔާޒް މައުވާއާއި ވަކިވީ އޭނަ ކިތަންމެ ވަރަކަށް މައުވާދެކެ ފޫހިވެ ރުޅި އައިސްފައިވި ވަގުތެއްގައި ކަމަށްވިޔަސް އޭނަގެ ދުވަސްވީ ލޯބިވެރިޔާއާއި ވަކިވެފައިވުމުން އޭނަގެ ހިތް ދެރަވެފައިވިއެވެ. ރޭގަނޑު ވަގުތު ޖަވާބެއް ލިބޭނެ ކަމުގެ އުއްމީދުގައި ވެސް މެސެޖެއް ފޮނުވާނެ މީހަކު ނެތުމުންނާއި، ފޭސްބުކްއިން ލޯބީގެ މަޖާ ޕޯސްޓެއް ފެނުމުން ޙިއްސާ ކުރާނެ މީހެއް ނެތުމުންނާއި އޭނައާއި އެކީ ދިގު ހިނގާލުމަކަށްދާނެ މީހަކު ނެތުމުން އަޔާޒަށް އަމިއްލަ އަމިއްލައަށް އެކަނިވެރިކަމެއް އިޙްސާސް ކުރެވެމުން ދިޔައެވެ. އޭނައަށް އެ އެކަނިވެރިކަން އިޙްސާސް ކުރެވެނީ އެތައް ދުވަހެއް ފަހުން ކަމަށްވުމުން އޭނަ އެ އިޙްސާސަށް ބިރުވެސް ގަންނަމުން ދިޔައެވެ. އޭނަގެ މުޅި ޢުމުރު އެ އެކަނިވެރިކަމުގައި ހޭދަކުރަން ޖެހިދާނެކަމުގެ ބިރެވެ. އަދި އަމުދުން އޭނައާއި މައުވާގެ ގުޅުމާމެދު ވިސްނެމުން ދިޔަދިޔަހެން މައުވާ އޭނަ ބަހައްޓާފައި އެހެން ފިރިހެނުންނާއެކީ ރޭތައް ހޭދަކުރި ހަނދާންތައް އާވުމުން ވެސް އޭނަގެ ހިތްދަތިވަމުން ދިޔައެވެ. މައުވާ އެހެން ހަދާފައިވާނީ އޭނަ މައުވާއާއި އެފަދަ ގޮތަކަށް ކައިރިވާން އިންކާރުކުރުމުގެ ‘ގޯސް’ އޭނައަށް ހެދިފައިވާތީތޯ ހިތަށްއަރަމުން ދިޔައެވެ. އެހެންނޫނީ އޭނަގެ ކިބައިގައި އުނިކަމެއްވުމުންތޯ ހިތަށްއަރަމުން ދިޔައެވެ.
މި ހުރިހާ ފިކުރުތަކެއްގެ ސަބަބުން އަޔާޒް އެކަނިމާއެކަނި ހޭދަކުރާ ވަގުތުތައް ގިނަވެގެން ދިޔައެވެ. އޭނަ ފަހަކަށް އައިސް މަލާކް ފެންނަ ހިސާބަށް ދަނީވެސް ކާ ގަޑިތަކުގައެވެ. އެ ނޫން ގަޑިތަކުގައި އޭނަ ގިނަފަހަރު އިންނަނީ ކޮޓަރި ތެރޭގައި އަމިއްލަ ޚިޔާލުތަކަށް ގެއްލިފައެވެ. އޭނަ ދެރަވާ ކޮންމެ ދުވަސްވަރެއްގެ އާދައިގެ މަތިން ރޭގަނޑު ދަންވަރު ހޭލައިގެން ގޮސް ފޮނި އެއްޗެހި ކެވޭ ގޮތްވެސް ގިނަވާން ފެށިއެވެ.
އަޔާޒްގެ އުޅުމަށް އެ އަންނަމުން ދިޔަ ބަދަލުތައް މަލާކަށް ފާހަގަވަމުން ދިޔަހެން މަލާކްގެ ކަންބޮޑުވުން ވެސް އިތުރުވިއެވެ. ދަންވަރު ވަގުތު އަޔާޒް ކޮޓަރިން ނިކުމެގެން ދިޔަ މަންޒަރު ފެނުނު ތިންވަނަ ރޭ މަލާކަށް ހަމަ އެ ވަގުތު ބޮޑުމަންމައަށް ގުޅާލެވުނީ ހަމަ ނުހުރެވިގެންނެވެ.
“ސަލާމް ބޮޑުމަންމާ…ވަރަށް ބޮޑަށް މަޢާފަށް އެދެން މި ގަޑީގަ މަލާކަށް ގުޅާލެވުނީތީ…އަޔާޒަށްވެގެން މިއުޅޭ ގޮތެއް ހަމަ ނޭނގިގެން މި ގުޅާލީ.” މަލާކް އެނދުގައި އިނދެ އޭނަގެ ކަންބޮޑުވުން ފާޅުކުރިއެވެ.
“ކިހިނެއްތަވީ؟” ބޮޑުމަންމަ އަހާލި އަޑު އިވުނެވެ.
“އަޔާޒް އުޅެނީ މައު….އަ…އަޔާޒް ފަހަކަށް އައިސް ކޮންމެ ރެއަކު ތެދުވެގެން ގޮސް ވަރަށް ގިނައިން ފޮނި އެއްޗެހި އެބަ ކައި އުޅޭ. އެއީ އޭނަ ޢާއްމުގޮތެއްގަ ކުރާކަމެއް ވެސް ނޫން. ހުންނަލެއް ސީރިއަސްކަމުން އަހަންނަށް އެއްޗެކޭ ބުނެލަން ވެސް ނުކެރޭ. ކިހިނެއް ހަދަންވީ ބޮޑުމަންމާ؟!” މަލާކް ޙަޤީޤަތް ކިޔައިދޭން އުޅެފައިވެސް އޭނަގެ ކަންބޮޑުވުމުގެ އެއްބައި ކިޔައިދިނީ އެންމެ ކަމަކަށް ވެސް ޙައްލެއް ހޯދޭތޯއެވެ.
“ދަންވަރު؟ ފޮނި އެއްޗެހި؟ ތިހެންވެއްޖެއްޔާ ހަމަ ޔަޤީން ކޮންމެވެސް ކަމަކާ ދެރަވެގެން އޭނަ އެ އުޅެނީ….މަލާކަށް އޭނަ ދެރަވާ ކަހަލަ ކަމެއް ކުރެވުނީތަ؟” އެކޮޅުން ބޮޑުމަންމަ ކުރި ސުވާލުން މަލާކް ހުއްޓުން އެރިއެވެ. އިސާހިތަކު މިވީ 3 ދުވަހުގެ ތެރޭގައި އަޔާޒްގެ ފަރާތުން ފެނުނު މަޑުމޮޅިކަން އޭނައަށް ސިފަވެގެން ދިޔައެވެ. އެ ހިނިތުންވުމެއް ނެތް މޫނު ސިފަވިއެވެ. އެންމެ ފަހުން އަޔާޒް ދަންވަރު ތެދުވެގެން އެ ދާ ގޮތް ސިފަވެގެން ދިޔުމުން މަލާކްގެ މޭގައި ރިހުމެއް ހިނގާލިއެވެ. އެއާއެކު މަލާކް ވަގުތުން ފޯނު ވެސް ކަނޑާލުމެއްނެތި އެނދުން ފައިބަން އަވަސްވިއެވެ. އޭނަ އެނދުން ފައި ބޭލުމަށްފަހު އުދަގުލާއެކީ ތެދުވެ ގޮނޑި މައްޗަށް ވެއްޓިގަތް އިރު އޭނަ އަތުން ހިފައިގެން ހުރި ފޯނުން ބޮޑުމަންމަ ހެލޯއޭ ކިޔާ އަޑު އިވުނެވެ. މަލާކް ކޮޓަރިން ބޭރަށްދާން މިޞްރާބު ޖަހަމުން ފޯނު ކަންފަތުގައި ޖައްސާލަމުން ހެލޯއޭ ކިޔާލިއެވެ.
“ހެލޯ މަލާކް….މާ ބޮޑަށް ކަންބޮޑުވާނެ ކަމެއްނެތް ދަރިފުޅު. ދަރިފުޅަށް ކުށެއް ކުރެވުނިއްޔާ މަޢާފަށް އެދިލާ. އަޔާޒް ޢާއްމުގޮތެއްގަ އޭނަ ލޯބިވާ މީހުންގެ މަޢާފު ޤަބޫލުކުރާނެ. އެކަމަކު އޭނައާއި ވާހަކަ ދައްކައިގެން އޭނަ ހިތްހަމަޖައްސާލަދިނުން ވަރަށް މުހިއްމު. މި ޙާލަތުގަ އަޔާޒް އެކަނި ކޮށްނުލައްޗޭ މަލާކް. އޭނަ ހިތްހަމަޖައްސައިދީ އޭނަދެކެ ލޯބިވާކަން ހާމަކޮށްދީ.” ބޮޑުމަންމަ ފޯނުން އެހެން ބުނެލި ވަގުތަކީ މަލާކް ކާގޭގެ ދޮރާއި ހަމަވީ ވަގުތެވެ. އެވަގުތު އަޔާޒް އައިސްއަލަމާރި ހުޅުވައިގެން އޭގެ ތެރެއަށް ބަލަހައްޓައިގެން ހުރީއެވެ. ބޮޑުމަންމަ އެންމެ ފަހަކަށް ބުނެލި ބަސްތަކުން މަލާކްގެ ހިތުގައި އާދަޔާ ޚިލާފު ޖަޒުބާތުތަކެއް ހިނގާލިއެވެ. ލޯބިވާކަން ހާމަކޮށްދޭށޭ ބުނުމުން އޭނަގެ ހިތް އެކަމަށް ކެތްމަދުވެގެން ދިޔަ ވަގުތު މަލާކަށް ކެތްމަދުވެގެން ދިޔަ ހިތަކާއެކީ އޭނަގެ ކަންފަތު ފޯނު ނަގާލެވުނެވެ.
“އަޔާޒް…” ހިތުގައި އުތުރިއަރައިގަތް ޖަޒުބާތުތަކާއެކީ މަލާކަށް ގޮވާލެވުމާއެކު ދުރުގައި ހުރި އަޔާޒް އޭނައަށް ބަލާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.







Masha allah.. Mi part ves vvvvvvv reeeeeethi.. I really love it.. Waiting for next part..???????
Alhamdhulillah! (All praise and thanks belong to Allah) <3 next part sunday ga In Sha Allah ^_^
OMG. Asuves tha. Mauva aee Malaak ge sis. Wow. What a twist. I Just lurvv this story.
Aan ekey oppa ey hama sisters! 😀 hehe…Alhamdhulillah! 🙂
Mipartga veegotheh hama egothakah vess neeygunu ??? mauvage kohkoah malak vaanvi keeve??? sister akah vedhaanu but baby sister impossible ???
I guess malaak ge mom aa marry kurumuge kurin mauvaa ge mom aa marry kohfa mauvaa libunee.. dhn eyge fahun malaak libunee malaak ge mom aa marry kohgen?
Kiyaa: Haadha varakah buma aruvaafa ey kiyaa thihiry. hehe…Mauva Malaak ahvure kuda vun kanneynge dho impossible ee? Malaak ah adhi emme 21 years. ekamaku Mauva vany meege 3 aharu kurin medical school ves attend koffa dho? 🙂 balamaa mi vaa gotheh.
Saaji: Saaji ge theory dho thy? 😀 hinga balamaa kuriah huri baithakun In Sha Allah 🙂
Vaahaka V reethi. Waiting for the next episode. ????
Alhamdhulillah! Next part sunday ga In Sha Allah 🙂
Varah????varah????reethi????maa sha Allah?Curiously????waiting???For???The????Next??part???Lysm sis❤❤❤❤
Alhamdhulillah! <3____<3 Love you too sis! Next part sunday ga In Sha Allah 😀 <3 <3 <3
maashaa allah varah reethi
Alhamdhulillah! 🙂
U r the best ❤ masha allah ?
Ayaaz…kaakuge vaahaka tha thi dhakkany mi comment in? Malaak vaahaka tha? Noony jana vaahaka tha? :O jana aa vaahaka dhekkiyya varah avahah appointment eh hadhaalan beynun ingey. Thihaa molhu doctor eh Russia ga hurefa Male’ ah anburaa ais hospital eh join kuran vaairah. Nan note kollahchey 😀
Whn next part … can’t wait
neyvaa hifahattaigentha Rau thihiry? hehe…next part sunday ga In Sha Allah <3
Wowoow?srsly?????malaak akyy mauvaa ge kokko??? impossible …btw vrh vrh rythi mi part vx curiously waiting for the next part!!sending lots of love keep it up Jana sis…8>
hehe….Keevve impossible ee Naafy? dhemeehun ehaa thafaathuveematha? 😀 mamma thafaathuveema dhemedhuga huri thafaathu dho ey? hehe….Alhamdhulillah! Next part sunday ga In Sha Allah. Love you too sis :* <3
Assalaamalaikum sis. Mi part vx vrh reethi. Salhi guess eh dhw. Hama malaakge bappa ey e ee dhw… And e mauva n malaak sisters tha?? I m suprised.. alhey dhn vaane gothei balan beynumee. When next?? Waiting ingey……………❤❤❤❤❤??
Wa’alaikumussalaam. Shifna sis ge guess thakaa eggothah dho mivy? Aan mauva and malaak ey sisters. hinga dho dhen vaagotheh balan. next part sunday ga In Sha Allah 😀
Masha allah mi part ves vvvvvvv reethi… when next?? You are the best jana siss ❤❤❤??
Alhamdhulillah! Next part sunday ga In Sha Allah <3
I also write story. Kurin esfiya ah leen story liyefa. But mihaaru bxy v ma nuliyeveny. I’m trying varah avahah insha allah post kuraanan saaji ge story ves. Plus I need your help jana siss ☺️. How can I contact you jana sis??
Jana dhahtha haadha molhey dhw???…Maasha Allah????….mi episode thi nimaalee hiy thalhuvaalafa???…..v reethi…..??????????
Malaak ge hiy thelhileema Hya ge hiy ves thelhily dho? jana ves varah kehmadhuvi hisaabakun huttaalaafa eothy. dhen huri baithah varah liyaahithun mihiry ves. hehe….Alhamdhulillah! <3 😀
Masha allah <3<3 Keep it up… Jana sis… I need your help with something… Can you give me your email? So that i can talk to you about it…
Salaam ihoo. Jana ge mail aky [email protected]. mail fonuveema jana number noony fb id fonuvaanan. eyrun faseyhavaane dho vaahaka dhakkaalan. jana ah msg eh kuran beynunvegen huri ehen ukhtheh huriyya ves msg eh kollun edhen. maadhama nubeli hingaidhaane. ey maadhamaa aky jana varah busy dhuvaheh veema. emme lasvegen friday ga beleytho balaanan In Sha Allah 🙂
I don’t use fb.. BTW i send a message from hangouts.. Did you get it?
Blog post:
The word for love that is normally used in Arabic is حُبّ. This word is used to describe the regular love that everyone talks about. And this kind of love is mostly about give and take. Like you do something for the other person expecting something in return or in hope that their company will stay with you.
But the word Allah used to describe the love He puts between spouses is مَوَدَّة , which comes from the word وُدّ. This gives the idea that its the kind of love where you want nothing but good for the other person. Whether you get something in return or not.
This is the kind of selfless love that isnt just seen in stories or movies for us as muslims. Rather its the kind of love Allah puts in a relationship that He swt is pleased with.
ރަބި ބަހުގައި ޢާއްމުގޮތެއްގައި ލޯތްބަށް ބޭނުންކުރެވޭ ބަހަކީ حُبّ އެވެ. މިއީ ޢާއްމުގޮތެއްގައި އެއާއިމެދު ވާހަކަ ދެކެވޭ ލޯތްބަށް ކިޔާ ނަމެވެ. އަދި މި ލޯތްބަކީ ގިނަފަހަރު ދެފަރާތުން ވެސް ކަންކަމަށް އުއްމީދުކޮށްގެން ކަންތައް ކޮށްދެވޭ ލޯތްބެެކެވެ. މިސާލަކަށް އަނެކާގެ ފަރާތުން ކަމަކަށް އެދިގެން އެހެންނޫނީ އެމީހަކު ކައިރީގައި ހުންނާނެކަމުގެ އުއްމީދުގައި ކަންތައް ކޮށްދިނުމެވެ.
އެހެނަސް ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ދެމަފިރިންގެ ދެމެދުގައި އެކަލާނގެ ލައްވާ ލޯތްބަށް ދެއްވި ނަމަކީ مَوَدَّة އެވެ. މި ބަސް އަންނަނީ وُدّ މި ބަހުންނެވެ. މީގެ މާނައަކީ މިއީ އަނެކާގެ ފަރާތުން އެއްވެސް ކަމެއް އުއްމީދެއްވެސް ކުރުމެއްނެތި އެމީހަކަށް ހުރިހާ ހެވެއް އެދުމެވެ. އޭގެ ސަބަބުން ތިބާއަށް އެއްވެސް އެއްޗެއް ލިބުނަސް އަދި ނުލިބުނަސްމެއެވެ.
މިފަދަ އަމިއްލަ އެދުން ކުޑަ ލޯތްބަކީ މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެންނަށް ހަމައެކަނި ވާހަކަތަކުން ނޫނީ ފިލްމުތަކުން ފެންނަ ފަދަ ލޯތްބެއް ނޫނެވެ. އެހެނެއްކަމަކު މިއީ ﷲ ރުހިވޮޑިގެންވާ ފަދަ ގުޅުމެއްގައި އެކަލާނގެ ލައްވާ ލޯތްބެކެވެ. 3>
Alhey maadhan nxt part up kohdheynv ehnnu.. curiously waiting