މަޢާފް (އެއްވަނަ ބައި)
މާލޭގެ ތަނަވަސް ބޮޑު ގެއެއްގެ ގޭޓު ކުރިމައްޗަށް ރަތްކުލައިގެ ފެރާރީ ކާރެއް މަޑުކޮށްލިއެވެ. ގޭޓު ބަލަހައްޓަން ތިބި ދެ ސެކިއުރިޓީން ގޭޓު ހުޅުވުމާއިއެކު ކާރު މަޑުމަޑުން ވޯކްވޭއިން ދުއްވާލައިފައި ގޮސް ގޭގެ ބޮޑު ގަރާޖުތެރެއަށް ވަނެވެ. ކާރު ޕާކްކޮށްފައި ޑްރައިވަރަކަށް އިން މީހާ ކާރުތެރެއިން ނުކުމެ ޕެސެންޖަރ ސީޓުގެ ދޮރުފަތް ހުޅުވައިލިއެވެ. އެއާއިއެކު ކާރުތެރެއިން ފޭބީ އެކާވީސް އަހަރުގެ ޒުވާނެކެވެ. ރީތިކަމުގެ ހުރިހާ ސިފައެއް މިލްކުކޮށްލައިގެން ހުރި ފުރިހަމަ ޒުވާނެކެވެ. ކަޅުކަންގަދަ ބުމައެއް ލިބިފައިވީއިރު އެންމެ އަޅައިގަންނަނީ އެ ގަދަ ބުމައިގެ ދަށުގައިވި ގަދަނޫކުލައިގެ ކަޅިއެއް ލިބިފައިވި ދެލޮލެވެ. ބައްޓަން ރީތި ނޭފަތަކާއި މަޑުފިޔާތޮށި ކުލައަކަށްދާ ތުނި ތުންފަތެއް އެ ޒުވާނާއަށް ލިބިފައިވެއެވެ. ކަނދުރާއާއި ހަމައަށް އަންނަ އިސްތަށިގަނޑެއް ލިބިފައިވީއިރު އިސްތަށިގަނޑުގެ އެކި ތަންތަންކޮޅު ވަނީ ހައިލައިޓްކޮށްފައެވެ. ތުނިކޮށް ފަޅައިފައި ހުރި ތުނބުޅިން ޒުވާނާގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ.
ނައިޒަކްގެ މުޅި ނަޒަރު ހުއްޓިފައިވީ އެގޭގެ ގޯތިތެރެއަށެވެ. ވޯކްވޭގެ ދެފަރާތުގައި ވަނީ އެއްކޮށް މާބަގީޗާ ހައްދައިފައެވެ. އެއްވަރަކަށް ވިނަގަނޑު ކޮށައިލެވިފައިވާއިރު އެކި ކުލަކުލައިގެ މާމެލާމެލިން މުޅި މާބަގީޗާ ވަނީ ޒީނަތްތެރިކޮށްފައެވެ. ކުދި ކުދި ޕޮޓްތަކުގައި ފިނިފެންމާ ގަސްތައް އިންދާފައި ހުރިއިރު ލައިލެކް މާތައްވެސް ވަކި މަދެއް ނޫނެވެ. ނައިޒަކްގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ހުރި ޕޮޓްތަކެއްގައި އިންދައިފައި ހުރި މަލިކުރުވާމާތަކެކެވެ. މަޑު ފިޔާތޮށި ކުލައާއި ހުދު ކުލައިގެ މަލިކުރުވާމާތަކުން ގިނަ ޕޮޓްތައް ހުރީ ފުރިފައެވެ. ބަގީޗާގެ ދެފަރާތުގައިވެސް ވަނީ ބެންޗުތައް ބަހައްޓައިފައެވެ. މާމެލާމެލިން ބަގީޗާގެ ފަޅުފިލުވައިލައިފައިވާއިރު މުޅި އެ ސަރަހައްދުންވެސް ދުވަނީ މާމެލާމެލީގެ މީރުވަހެވެ.
ގޭގެ ބޮޑުދޮރު ހުޅުވުނު އަޑަށް ނައިޒަކް ގެއާއި ދިމާލަށް ބަލައިލިއެވެ. ދެބުރިއަށް ނަގައިފައި ހުރި އެ ބޮޑު ގެ ގަނޑުވަރެކޭ އެއްފަދައެވެ. މަޑު ފެހި ކުލައަކުން ގޭގެ ހަތަރު ފާރު ފަވާލެވިފައިވާއިރު ހުދުކުލައިން ރީތި ޑިޒައިންތަކެއް ހުރީ ކުރަހައިފައެވެ. ވޯކްވޭއިން ހިނގައިލައިފައި ނައިޒަކް ގޭގެ ދޮރުމައްޗަށް ހުއްޓުނެވެ. ގޭގެ ދޮރު ހުޅުވިފައިހުރިއިރު ގޭތެރެއިން އެއްވެސް އަޑެއްބަޑެއް ނީވެއެވެ. ޑްރައިވަރު ނައިޒަކްގެ ފޮށި ދަމަމުން އައިސް ނައިޒަކް ގާތުގައި ހުއްޓުނެވެ. “ސަރ. އެތެރެއަށް ނުވަންނަނީތޯ؟” ޑްރައިވަރު އަދަބުވެރިކަމާއިއެކު ނައިޒަކް ގާތު އެހިއެވެ. “ކޮބާތަ މިގޭ އެންމެން؟” ޑްރައިވަރު ކުރި ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ނައިޒަކްވެސް ކޮށްލީ ސުވާލެކެވެ. “އެތެރެއަށް ވަނީމަނޫންތޯ އެންމެންވެސް ފެންނާނީ.” ޑްރައިވަރު ސަމާސާ ރާގެއްގައި ބުންޏެވެ. އެއާއިއެކު ނައިޒަކްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ޑްރައިވަރު ގޭތެރެއަށް އިޝާރާތް ކުރުމުން ނައިޒަކް ގޭތެރެއަށްވަނެވެ. ޑްރައިވަރުވެސް ނައިޒަކްގެ ފަހަތުން އެތެރެއަށްވަނެވެ.
ގޭތެރެއަށް ވަދެވުމާއިއެކު ނައިޒަކްގެ މުޅި ނަޒަރު ގޭތެރެއަށް ހުއްޓުނެވެ. ސިޓިންގްރޫމްގެ ހަތަރު ފާރުންކުރެ ދެ ފާރުގައި ރަތްކުލަ ލައިފައިވާއިރު އަނެއް ދެފާރުގައި ވަނީ ހުދުކުލަ ލައިފައެވެ. މެދުގައި ބޮޑު ހަތަރު ސޯފާ ބެހެއްޓިފައިވީއިރު އެ ސޯފާތަކުގެ ކުރިމަތީގައި ކުޑ ބިއްލޫރި ވަށް މޭޒެއް ހުއްޓެވެ. ސިޓިންގްރޫމުގެ ދެފަރާތުގައި ބޮޑު ސިޑިބަރިއެއް ބަހައްޓައިފައި ހުއްޓެވެ. އެދެސިޑިން އަރައިގެން ދާއިރު މަތީބައިގައި ހުރީ ހުސް ކޮޓަރިތަކެވެ. ކޮންމެ ކޮޓަރިއެއްގެ ދެފަރާތުގައި ބޮޑު ޕޮޓެއް ބަހައްޓައިފައި ހުއްޓެވެ. އެ ޕޮޓްތަކުގައި ހުރީ ހުސް ޕްލާސްޓިކް ގަސްތަކެވެ. ކަނާތް ފަރާތުގައި އިން ސިޑިން ފައިބައިގެން ކުޑަތަންކޮޅަކަށް ހިނގައިލައިފައި ކަނާތްފަރާތުން ފެންނަ ބޮޑު ދޮރުން ވަންނައިރު އެ ވަދެވެނީ ކާކޮޓަރިއަށެވެ. ކާކޮޓަރިވެސް ހުރީ އެންމެ ޒަމާނީފެންވަރަށް ހަދައިފައެވެ. ކާކޮޓަރިއާއި ބަދިިގެ އެއްކޮށްލައިފައިވާއިރު އަދި މާ ފުރިހަމަކަމަށް ދައްކައެވެ. ކާކޮޓަރީގައި ބެހެއްޓިފައިހުރި ދިގު މޭޒުކައިރީގައި ފަނަރަ މީހުންނަށް އިށީންދެވޭގޮތަށް ގޮނޑި އަތުރާފައި ހުއްޓެވެ. ގޭތެރޭގެ ކޮންމެ ދިމާލަކަށް ބަލައިލިއަސް ފެނިގެން ދަނީ ތަރުތީބުކަމާއި ސާފުތާހިރުކަމެވެ.
“ދޮންބޭބޭ!” މަތީބައިގައި ހުރި ކޮޓަރިތކުން ދޭއް ނަމްބަރު ޖަހައިފައި އިން ކޮޓަރިން ނުކުތް ރިޝާނާއަށް ނައިޒަކް ފެނުމުން ލިބުނު އުފަލުން ހީވީ އެތަނުން ފުންމައިލަފާނެހެންނެވެ. ދުވެފައި ކަހަލަގޮތަކަށް ސިޑިން ފައިބައިގެ އައިސް ނައިޒަކް ގައިގައި ބައްދައިގަތެވެ. “ހައްހާ.. ދޮންބޭބެގެ ރިޝޫ.. ކިހިނެތްތަ؟” ރިޝާނާ ގަޔާއި ދުރުކޮށްލަމުން އޭނާގެ ދެފަރާތުން ދެކޮނޑުގައި ހިފަހައްޓައިގެން ހުރެ ނައިޒަކް އަހައިލިއެވެ. “ރިޝޫ އިރާދަކުރެއްވީތީ ވަރަށް ރަނގަޅު.. ދޮންބޭބެ ދިޔައީމަ ހާދަ މިސްވިޔޭ. ކޮންމެ ދުވަހަކު އިންނަން ދޮންބޭބެގެ ފޮޓޯ ހިފައިގެން. އަދި އިނގޭތަ..؟ މަންމައަށް ރިޝޫ ދޮންބޭބެގެ ފޮޓޯ ހިފައިގެން އިންނަތަން ފެނުނީމަ ބުނާނެ ކިތަންމެވަރަކަށް ބޮސްދިނަސް ތި ބޮސްދެވެނީ ތި ގަނޑަށޭ.. ދޮންބޭބެއަކަށް ނޫނޭ.. ހެހެހެ..” ނައިޒަކްގެ ދެއަތުގައި ހިފަހައްޓައިގެން ހުރެ ރިޝާނާ ބުންޏެވެ. “މި ރިޝޫ ވެސް ކުރާނީ އެކަހަލަ ލާނެތް ކަންތައް. ދެން ދޮންބޭބެ އައީމަ ކިސްއެއްވެސް ނުދޭނަންތަ؟” ނައިޒަކް ދެރަވާކަމަށް ހެދެމުން ސުވާލު ކުރިއެވެ. ރިޝާނާ ބަލާކަށްނުހުރެ ނައިޒަކްއާއި ގާތްވެ އޭނާގެ ކޮލުގައި ތުންފަތް ޖައްސައިލިއެވެ. އެއާއިއެކު ނައިޒަކްގެ ދެލޯ މަރައި ތަގުޅިކޮށްލިއެވެ. އެރުވެސް ނައިޒަކްގެ ތުންފަތުގައިވީ އެންމެ ފުރިހަމަ ހިނިތުންވުމެވެ. “އައްދޭ.. މުޅި ކޯ އެއްކޮށް ރަތްވެއްޖެ. ދަތް އެޅީއެއްނު ތި.” ކޮލުގައި ފިރުމައިލައިފައި ތަދުވާކަމަށް ހެދެމުން ނައިޒަކް ބުންޏެވެ. “ދެން ދޮންބޭބޭ!” އެންމެ ފަހު އަކުރަށް ދަމައިލަމުން ރިޝާނާ ބުންޏެވެ.
“ދެބެން ކޮން ސަކަރާތެއް ތި ޖަހަނީ؟” ރިޝާނާ އާއި ނައިޒަކް މަތި ބަލައިލީ އެ ދެބެންގެ މަންމަ އަސްމާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ އަސްމާ ސިޑިން ފައިބައި ދެބެންގެ ގާތަށް އައެވެ. “ނައިޒަކް.. ދަރިފުޅޫ.” ނައިޒަކް ފެނުމުން އަސްމާ އަށް ނައިޒަކް އަށް ގޮވައިލެވުނެވެ. ކުރިއަށްވުރެވެސް ނައިޒަކް ރީތިވެފައި ފުރިހަމަކަމުން އަސްމާ ހުރީ ހައިރާންވެފައެވެ. “ލައްބަ މަންމާ.. މަންމަ ކިހިނެތްތަ؟” އަސްމާ ނައިޒަކްގެ ގަޔާއި ގާތަށް ގެންނަމުން ނައިޒަކް އެހިއެވެ. “މަންމަ ހަމަ ބަރާބަރު. ދަރިފުޅު ކިހިނެތްތަ؟” ނައިޒަކްގެ މޭމަތީގައި އަތްބާއްވައިލަމުން އަސްމާ އެހިއެވެ. “އަޅުގަނޑުވެސް ހަމަ ވަރަށް ރަނގަޅު. މަންމާ ބުނެބަލަ. ރިޝޫ އެ ބުނީ ތެދެއްތަ؟ ބުނީ ކޮންމެ ދުވަހަކު އިންނަމޯ އަޅުގަނޑުގެ ފޮޓޯ ހިފައިގެން.” ރިޝާނާ އަށް ބަލައި އެއްލޯ މަރައިލަމުން ނައިޒަކް ބުންްޏެވެ. ރިޝާނާ ވަގުތުން ނައިޒަކް އާއި ދިމާލަށް ދެލޯއެޅިއެވެ. “އާނ.. ކޮންމެ ދުވަހަކު އިންނާނެ. ހުސްވަގުތެއް ވެއްޖެއްޔާ އެ ނޫންކަމެއް ނޯންނާނެ. އެހުރީ ރިޝޫ ރިޝޫގެ ދޮންބޭބެ ދެކެ ވާ ލޯބި. ނުފެނޭތަ؟” އަސްމާ ރިޝާނާގެ ކޮލުގައި ހިފައި ފިތައިލަމުން ބުންޏެވެ. ނައިޒަކްގެ ދެލޯ އެ ވަގުތުކޮޅު ފެންކަޅިވެގެން ދިޔައެވެ. މިހާ ލޯބި އާއިލާއެއް ލިބުމުން އުފާނުވާނީ ކާކުހެއްޔެވެ؟ “ރިޝޫ އެކަނި ދޯ މިއައީ. ކޮބާތަ ދެން ތިބި ތިން ގުރާ؟” ސަމާސާ ރާގެއްގައި ނައިޒަކް އެހިއެވެ. “އައްހަހަ.. ތިއްތިބެމެން އަދި ނުކުންނާނީ އިރުކޮޅަކުން. އެމީހުނަށް ދޮންބޭބެ ފެނިއްޖެއްޔާ މުޅި ގެ އެއްކޮށް ފުނޑާލާނެ ކަންނޭނގެ. ހެހެ.” ރިޝާނާ ބުންޏެވެ. “އުހުނ.. އެގޮތެއް ކަމަކު ނުދާނެ. އިރުއޮއްސެންދެން ނިދާކަށް ނޯވެވޭނެ އެމީހުނަކަށް. މަ މި ދަނީ އެ މީހުނަށް ގޮވަން.” ނައިޒަކް އެހެން ބުނެ ކަނާތް ފަރާތުގައި އިން ސިޑިން އަރައިގެން ފުރަތަމައަށް އިން ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ނައިޒަކް ހީކުރި ގޮތަށް އާރިޝް އޮތީ ގަދަ ނިދީގައެވެ. .މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއިރު ސާފުތާހިރުކަމާއި ތަރުތީބުކަން ފެންނަން ހުއްޓަސް އާރިޝް ނިދައިފައި އޮތް އެނދަށް ހީވަނީ ނަގޫރޯޅިއެއް އަރައިފައި އޮތް ހެންނެވެ.
އާރިޝްގެ ގައިމަތީގައި ބޮޑު ބާލީހެއް އޮތްއިރު އެނދުމަތިން ތިން ބާލީސް އޮތީ ވެއްޓިފައެވެ. އެނދުމަތީގައި އޮތް ބޮޑު ރަޖާގަނޑު އޮތީ ގުޅައަކަށް އާރިޝްގެ މޫނުމަތީގައި އެޅިފައެވެ. ދެއަތް އުރައިލައިގެން އޮތްއިރު ދެފައި އޮތީ ދެރާއްޖެއަށް ލެވިފައެވެ. “ޕިސް ޕިސް ޕިސް. ތިއްތިބެވެސް ދޯ.” ނައިޒަކް ދެފަރާތަށް ބޯހޫރުވަމުން ގޮސް އާރިޝް ނިދައިފައި އޮތް އެނދު ކައިރިއަށް ދިޔައެވެ. “ތިއްތިބޭ… ތިއްތިބޭ…. ތިއްތިބޭ.” އާރިޝްގެ ކޮނޑުގައި ކޮށްޓަމުން ކޮށްޓަމުން ނައިޒަކް އާރިޝް ހޭލެއްވޭތޯ ބެލިއެވެ. މޫނުމަތީގައި އޮތް ބޮޑު ރަޖާގަނޑު ނަގައި އެނދުގެ ފައިލާކޮޅުގައި ބާއްވައިފައި އައިސް އަނެއްކާވެސް ނައިޒަކް އާރިޝްއަށް ގޮވަން ފެށިއެވެ. ނަމަވެސް ވީކަމެއް ޙަރާމެވެ. ނައިޒަކް އެންމެ ފަހުން ތެދުވެ އުނަގަނޑުގައި އަތް ވިއްދާލަމުން ބުންޏެވެ. “ޕިސް ޕިސް.. ދެލޯ މަރައިގެން އޮތަސް ހޭލައޭ މި އޮންނަނީ. ސަހާދެއް މިބުނީ އަހަރުންނަށް ނަމޫނާއަކަށް ވާންޖެހޭ މީހާ މިއޮތީ. ފާހަނާ ތަށި ނަގައި ބޮލަަށް ޖަހައިލަނިކޮށް ރަނގަޅުވާނެ. އާނ އެހެންޏާ ފަހެ.. އޭތް… އޭތް.. ތިއްތިބޭ.. ތެދުވަންވެއްޖެއްނު.” ނައިޒަކް މިފަހަރު އާރިޝްގެ ބަނޑުގައި ކޮށްޓަން ފެށިއެވެ. “އާތް.” އަރުތެރެއިން އަޑެއް ލައްވައިލަމުން އާރިޝް ނައިޒަކްގެ އަތް ފޮޅުވައިލިއެވެ. “މިމީހުން ހޭލެއްވުމަކީ ދެން ބޮޑު ހަނގުރާމައެއް ކަހަލަ.” އާރިޝް ހޭލައްވަން އުޅުމަކީ ބޭކާރު ކަމެއްކަން ނައިޒަކްއަށް ވިސްނުމުން އޭނާ އެންމެ ފަހުން އެ ކޮޓަރިން ނުކުތެވެ. ދެން ނައިޒަކް ހިނގައިގަތީ މުނީޝާގެ ކޮޓަރިއާއި ދިމާލަށެވެ. ނަމަވެސް ނައިޒަކް ހީކުރި ގޮތާއި ޚިލާފަށް މުނީޝާ ހުރީ ކޮޓަރިތެރޭގައި އަންނައުނުތައް އިސްތިރިކުރާށެވެ.
“ތުއްތާ!” ނައިޒަކް ގޮސް ފަހަތުން މުނީޝާ ގައިގައި ބައްދައިލިއެވެ. އިސްތިރިކުރަން ހުރި މުނީޝާ ދިޔައީ ސިއްސައިގެންނެވެ. ނައިޒަކް މުނީޝާގެ ކޮނޑުގައި ދަތްދޮޅިޖައްސައިލައިގެން ހުރެ ދެލޯ މަރައިލިއެވެ. “ތުއްތަ މަތިން ވަރަށް މިސްވި.” ނައިޒަކްގެ އަޑު ކަންފަތުގައި ޖެހުމުން މުނީޝާގެ ހިތުގައި އުފެދިފައިވި ނުތަނަވަސްކަން އެކީ ފިލައިގެން ދިޔައެވެ. “ހެހެ.. ތުއްތަވެސް.” ނައިޒަކްގެ ކޮލުގައި ހިފަހައްޓައިލަމުން މުނީޝާ ބުންޏެވެ. ނައިޒަކް މުނީޝާގެ ގަޔާއި ދުރުވެލަމުން މުނީޝާގެ ދެއަތުގައި ހިފައިލިއެވެ. “ތޭންކްސް ތުއްތާ. ތުއްތަ ކޮށްދިން ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ތޭންކްސް. ދުވަހަކުވެސް ހަނދާނެއްނުނެތޭނެ.” މުނީޝާގެ އަތަށް ބާރުކޮށްލަމުން ނައިޒަކް ބުންޏެވެ. “ހެހެހެ… ތީ ތުއްތަގެ ޒެކް އެއްނު. ތުއްތަ ވަރަށް ލޯބިވޭ ޒެކް ދެކެ. އައި ލަވް ޔޫ މައި އިނޮސެންޓް ބްރަދަރ.” ނައިޒަކްގެ ގައިގައި ބައްދައިލަމުން މުނީޝާ ބުންޏެވެ. “ހެހެ. ދެން އަވަހަށް އިސްތިރިކުރޭ. ޝިއްބެ އަންނަންވާއިރަށް ޖެހޭނެއެއްނު ތި ގަމީސްތަކާ އެއްޗެހި ރެޑީކޮށްފަ ބަހައްޓަން.” ނައިޒަކް މުނީޝާގެ ކޮލަށް ފިތައިލުމަށްފަހު އެ ކޮޓަރިން ނުކުތެވެ. ނައިޒަކް ދިޔަ ދިމާލަށް ބަލަހައްޓައިގެން ފުރިހަމަ ހިނިތުންވުމެއްގައި މުނީޝާ ހުއްޓެވެ. ކުޑަ ވަގުތުކޮޅަކަށް އެހެން ހުރުމަށްފަހު މުނީޝާ އޭނާ ކުރަން ހުރި މަސައްކަތައިގެން މަޝްޣޫލުވިއެވެ.
ނައިޒަކް ‘ހަތަރެއް’ ނަމްބަރު ޖަހައިފައި އިން ކޮޓަރިއާއި ދިމާލަށް ދާން ހިނގައިގަތްތަނުން އެ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އެ ކޮޓަރިން ނުކުތީ ރިޝާނާ އަށް ވުރެ ދެ އަހަރު ދޮށީ އުޝާއެވެ. ނަމަވެސް އުޝާ ދެން ތިބި ތިން ބެއިންނަށް ވުރެ ހަގު ވާނެއެވެ. އުޝާ ސިޑިއާއި ދިމާލަށް ދާން ހިނގައިގަތުމުން ނައިޒަކްވެސް އުޝާގެ ފަސްފަހަތުން ހިނގައިގަތެވެ. އުޝާއަށް ކިރިޔާވެސް ހިލަމެއް ނުވާނެހެން ނައިޒަކް އުޝާގެ ފަސްފަހަތުން ސިޑިން ފޭބިއެވެ. ސިޑިން ފައިބައި ތިންފިޔަވަޅު އަޅައިލެވުނު ތަނުން އުޝާގެ ލޮލުމަތީ ނައިޒަކް އަތްއެޅިއެވެ. އެއާއިއެކު މުނީޝާއެކޭ އެއްފަދައިން އުޝާވެސް ދިޔައީ ސިއްސައިގެންނެވެ. “ކާކު؟” އުޝާގެ ލޮލުމަތީ އެޅިފައިވި ދެއަތްމަތީގައި އަތް އަޅަމުން އުޝާ އެހިއެވެ. އެ އަޑުގައި ކޮންމެވެސްވަރަކަށް ބިރުވެރިކަން އެކުލެވިފައިވިއެވެ. ނައިޒަކް މަޑުމަޑުން އޭނާގެ ދެއަތްތިލަ އުޝާގެ ލޮލުމަތިން ނެގިއެވެ. އެއާއިއެކު އުޝާ އަވަސްއަވަހަށް ފަހަތް ބަލައިލިއެވެ. “ސަރޕްރައިޒް.” ކޮނޑާއި ހަމައަށް ދެއަތް ނަގަމުން ނައިޒަކް ބުންޏެވެ. “ދޮންބޭބޭ! އަޅެ ހީވެސްނުކުރަން.” އުޝާ ވަގުތުން ނައިޒަކްގެ ގައިގައި ބައްދައިގަތެވެ. “ހެހެ.. ދޮންބޭބެގެ އުޝްކޮވެސް ހަމަ ރިޝޫއެކޭ އެއްގޮތޭ ދޯ.” އުޝާގެ ބޮލު އިސްތަށިގަނޑުގައި ފިރުމައިލަމުން ނައިޒަކް ބުންޏެވެ.
“ދޮންތާ.” ކާކޮޓަރިން ނުކުތް ރިޝާނާ އައިސް ފަހަތުން އުޝާގެ ގައިގައި ބައްދައިލިއެވެ. އުޝާގެ ތުންފަތަށް ވެރިވީ ފުން ހިނިތުންވުމެކެވެ. “ކޮބާ ކައްކަނީތަ މިގަޑީގަ؟” ރިޝާނާއާއި ވީ ފަޅިއަށް އެނބުރެމުން އުޝާ އެހިއެވެ. “އާނ.. ހިނގަ ދާން. ފްރައިޑް ނޫޑްލްސް ހަދަނީ މި.” އުޝާގެ އަތުގައި ހިފައި އުޝާ ގޮވައިގެން ކާކޮޓަރިއާއި ދިމާލަށް ދާން ރިޝާނާ ހިނގައިގަތެެވެ. “ގަރލްސް. އެހާ ކުޅިކޮށް ނަހަދައްޗޭ.. އެހެންނޫނީ ދޮންބޭބެއަކަށް ނުކެވޭނެއެއްނު.” ރިޝާނާމެންނަށް ކާކޮޓަރިއަށް ނުވަދެވެނީސް ނައިޒަކް ބުންޏެވެ. “އާނ… ހަމަ އެއްޗަކަށް ވާވަރަށް ގިތެޔޮމިރުސް އަޅައިގެން ހަދާނީ. ހެެހެހެ.” އުޝާ އެހެން ބުނެ ރިޝާނާއާއިއެއްކޮށް ކާކޮޓަރިއަށްވަނެވެ. “ވަރުގަދަ ކުދިންތަކެކޭ.” ދެފަރާތަށް ބޯ ހޫރުވަމުން ނައިޒަކް ސިޓިންގްރޫމުގައި ހުރި ސޯފާތަކުން ކުރެ ސޯފާއެއްގައި އިށީނެވެ. އަދި ޖިންސުގެ ޖީބުގައި އޮތް ނައިޒަކްގެ ސޭމްސަންގް ޖޭ ސިކްސް ޕްލަސް ފޯނު ނަގައި ވައިފައި އޮންކޮށްލިއެވެ. އަދި އިންސްޓާގްރާމަށްވަދެ އެއަށް އެކި މީސްމީހުން ޝެއަރ ކޮށްފައި ހުރި ފޮޓޯތަކާއި ކޮމެންޓްތައް ކިޔަން ފެށިއެވެ. ނައިޒަކްގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ‘ބްލެކީ’ ކިޔާ އައިޑީއަކުން ޝެއަރ ކޮށްފައި އިން ފޮޓޮއެކެވެ. ‘ބްލެކީ’ ޝެއަރ ކޮށްފައި އިނީ އެމެރިކާއަށް ނިސްބަތްވާ އަންހެން ކުއްޖެއްގެ ފޮޓޮއެކެވެ. އެ ފޮޓޯގައި ބޮޑަށް ފޯކަސް ކޮށްފައި އިނީ އެކުއްޖާގެ ދެލޮލަށެވެ. އެއް ލޮލުގައި ފެހި ކަޅިއެއް އިންއިރު އަނެއް ލޮލުގައި އިނީ ނޫކަޅިއެކެވެ. އެ ފޮޓޮއަށް ބައިވަރު ލައިކްސް އާއި ކޮމެންޓް ލިބިފައި ހުއްޓެވެ.
“މީނދީނު އެއްކަލަ އިންސްޓާ ބޯއި.” ފަހަތުން އާރާޝްގެ އަޑު އިވުމުން ކޮމެންޓް ލިޔަން އިން ނައިޒަކް އަވަހަށް ފޯނު ލޮކްކޮށްލިއެވެ. “އަދި ކިރިޔާ ދޯ ތިއްތިބެއަށް ތި ހެލެވުނީ. އުހުނ.. މި ބުނެވުނީ އަދި ނުބައިކޮށް. ތި ތެދުވެވުނީ އަދި ކިރިޔާ ދޯ!” އާރިޝްއާއި ދިމާލަށް ލޯ އަޅައިގެން އިނދެ ނައިޒަކް ބުންޏެވެ. “ހޫނ.. ރޭގަ ނިދުނީ މާ ލަހުންނޭ. އެހެންވެ.” އާފުރެމުން ފުރެމުން އާރިޝް ބުންޏެވެ. “ލަހުންނެއްނު ނިދޭނީ. ތި ޓިކްޓޮކެއް ބަލަން ފަށައިފިއްޔާ ނޭނގެ ވިއްޔަ ތިއްތިބެއަށް ހުރެވޭ ދުނިޔެއެއްވެސް. ދެން ތަންކޮޅެއް ރީތިވެލައިގެން އާދެބަލަ.” އާރިޝް އާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ނައިޒަކް ބުންޏެވެ. ނައިޒަކް އެބުނީ މުޅިއަކުން ދޮގު ވާހަކަތަކެއްވެސް ނޫނެވެ. ގިނަ ރޭރޭ އާރިޝްއަށް ނިދޭނީވެސް ޓިކްޓޮކް ބަލަން އޮވެއެވެ. ކޮންމެ ޓިކްޓޮކް ލަވައަކަށް ލައިކް ދިނުމާއި ކޮމެންޓްކުރުމަކީ އާރިޝްގެ އާދައެކެވެ. ދުވަހުގެ ބޮޑުބައި އާރިޝް ހޭދަކުރަނީ ޓިކްޓޮކް ބެލުމުގައެވެ. “ޓިކް ޓޮކް ބޯއި.” އަނގަޔަށް ވައްތަރެއް ޖައްސަމުން ނައިޒަކް އޭނާގެ ފޯނު ހުޅުވައި އޭނާ ލިޔެފައި އިން ކޮމެންޓް ސެންޑް އައިކޮން އަށް ފިތައި އެކޮޅަށް ކޮމެންޓް ފޮނުވައިލިއެވެ.
އާރިޝް ނައިޒަކް ބުނި ވާހަކައަކަށް ފަރުވާލެއްެތި ނައިޒަކް ގާތުގައި ސޯފާގައި އިށީނދެ ފަހަތުން ނައިޒަކްގެ ކޮނޑުގައި އަތްއެޅިއެވެ. “ކޮބާ ޖަޕާން ދަތުރު ކިހިނެތްވަނީ؟ ކޮންކަހަލަ ތަޖުރިބާއެއް ކުރެވުނީ؟ ތަފާތު ވައްތަރުގެ މީސްމީހުނާއި ދިމާވި ދޯ؟” އާރިޝް އެއްފަހަރާ އެތައް ސުވާލުތަކެއް ކުރަން ފެށިއެވެ. އާރިޝް ސުވާލުތައް ކުރަމުން ދިޔަލެއް އަވަސްކަމުން ހަމިންގްބާޑަކަށްވުރެވެސް އަވަސްހެން ހީވެއެވެ. ހަމިންގްބާޑެއް އެއް ސިކުންތުތެރޭ ފަންސާސްފަހަރު ފިޔަޖަހައިލާއިރު އާރިޝް އެއް ސިކުންތުތެރޭ އެތައް ސުވާލެއް ކުރިއެވެ. ނަމަވެސް އާރިޝް ކީ އެއްޗެއް ނައިޒަކް އަށް ރަނގަޅަކަށް ސާފެއް ނުވިއެވެ. ކިރިޔާވެސް ސާފުވީ އާރިޝް އެންމެ ފުރަތަމަ ކުރި ތިން ސުވާލެވެ. “ހްމްމް ހްމްމް.. ދެން އޯކޭއޭ. އެކަމް ހަމައެކަނި ތިއްތިބެއަކަށް ނުކިޔާދެވޭނެއެއްނު. އެހެން އިރަކުން ކިޔާދޭނަން. އޯކޭއެއްނު؟” ނައިޒަކް އެހެން ބުނެ އޭނާގެ ފޯނަށް އަނެއްކާވެސް ހުރިހާ ސަމާލުކަމެއް ދިނެވެ. “އޭތް އޭތް މަޑުކޮށްބަލަ މަޑުކޮށްބަލަ.. ތަންކޮޅެއް މައްޗަށް ސްކްރޯލް ކޮށްލަބަލަ.” އާރިޝް ކުޑަކޮށް ނައިޒަކް އާއި ގާތަށް ޖެހިލަމުން ނައިޒަކްގެ ފޯނަށް ބަލައިލިއެވެ. “ކިހިނެތްވީތަ؟” ނައިޒަކް ސުވާލުކުރި އިރުވެސް އާރިޝް އިނީ ފޯނަށް ބަލަހައްޓައިގެނެވެ. “ކުޑަ ތަންކޮޅެއް މައްޗަށް ސްކްރޯލް ކޮށްލަބަ. ވަރަށް ސަޅި މީހަކު ފެނިގެނޭ މިއުޅެނީ.” އާރިޝް ހުއްޓައިނުލައި ކިޔަން ފެށުމުން ނައިޒަކް ފޯނުން އެބުނާ ކުޑަތަންކޮޅުން މައްޗަށް ސްކްރޯލް ކޮށްލިއެވެ. “މީނީ އެއްކަލަ… ޔޫ ނޯ ރިޔާޒް. އޭނާގެ ފޮޓޮއެއް މީނީ. މީނަގެ ތިބޭނެ ވަރަށް ގިނަ ފޮލޯވަރސް. ވަރަށް ޓެލެންޓެޑް ގާއިއެއް އެއީ.” އާރިޝް އެ ފޮޓޮއަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ. ނައިޒަކް އައި ރުޅިން ފޯނު ލޮކްކޮށްލިއެވެ. “ތިއްތިބެއަށް ތި ޓިކްޓޮކް ސްޓާރުން އިނގުނަކަސް އަހަންނަކަށް ނޭނގޭނެ ދޯ ކިތަންމެ ވަރަކަށް ކިޔާދިނަކަސް ވެސް. ދެން ދާންވީ މަންމަމެން ކާން ހަދަންވާއިރަށް ރީތިވާން.” އަނެއްކާވެސް އާރިޝްއާއި ދިމާލަށް ދެލޯއަޅަމުން ނައިޒަކް ބުންޏެވެ. އާރިޝް ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވަމުން ސޯފާއިން ތެދުވެގެން ސިޑިބަރި ކައިރިއަށް ދިޔައެވެ.
ސިޑިން އަރަން ފައި ހިއްލައިލި ވަގުތު ސިކުނޑިއަށް އައި ޚިޔާލަކުން އާރިޝްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެއަށްފަހު ސިޑިން ކުޑަތަންކޮޅަކަށް މައްޗަށް އަރައި ހުއްޓި ނައިޒަކް އާއި ދިމާލަށް ބަލައިލިއެވެ. ނައިޒަކް އިނީ އާރިޝް އަށް ފުރަގަސްދީގެން ކަމުން ނައިޒަކް އަށް އާރިޝް ކުރަން އުޅޭ ކަމެއްގެ ހިލަމެއްވެސް ނުވެއެވެ. “ތެރި ޕަޓްލި ކަމަރް ތެރި ތިރްޗި ނަޒަރް މުޖްކޯ ތު ބަނާލެ ރާނި އަޕްނަ ލަވަރް. މެރި ޕަޓްލި ކަމަރް މެރި ތިރްޗި ނަޒަރް މެރެ އާގޭ ޕީޗޭ ގުމެ ޖާނެ ކިތްނެ ލަވަރް ތެރެ.. ހާތް ނަ އާނީ. ޗަންމާ ޗަންމާ…” ނައިޒަކްއަށް ޖެއްސުމަށް އާރިޝް ޓިކްޓޮކް ލަވައިން ތަންކޮޅެއް ކިޔައިލިއެވެ. “ޕިސް ޕިސް ޕިސް.” ނައިޒަކް ދެފަރާތަށް ބޯހޫރުވައިލަމުން އޭނާގެ ފޯނަށް ސަމާލުކަން ދެވޭތޯ ބެލިއެވެ. ނަމަވެސް އާރިޝް އާއިހެދި އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. “ޕެހްލެ ތު ނީލި އަނކިޔާ ލަޑާއިގައި.. ރާތޯން ކި މޭރި ނީނދެ އުޑާއިގައި.. ނަޝެ މެ ތެރެ މުޖްކޮ ޑުބާއިގައި.. އޭސެ މުޖެ ގުރެ ތޫ ކައިކޯ ކައިކޯ… އޮ ސައްޔާ ސައްޔާ ވޭ.” ނައިޒަކް އަށް ކެތް ނުވެގެން އެންމެ ފަހުން ސޯފާއިން ތެދުވެ އާރިޝް އާއި ދިމާލަށް ދުއްވައިގަތެވެ. އާރިޝް ދުއްވައިގަތީވެސް ލަވައިގެ ދެން އޮތް ބައި ކިޔަމުންނެވެ. ނައިޒަކް އަށް އާރިޝް އަތުލެވުމުގެ ކުރިން އާރިޝް އަވަސްއަވަހަށް ކޮޓަރިއަށް ވަދެ ބަން ލައިފައި ދޮރު ލެއްޕިއެވެ. ދޮރު ލެއްޕިލެއް ބާރުކަމުން ދޮރު ކައިރީގައި ފޮޓޯފްރޭމެއް އިނދެއްޖެއްޔާ އެ ވެއްޓި ތަޅައިގެން ދާނެކަން ޔަގީނެވެ. “ހުވާ މިބުނީ އެ ޓިކްޓޮކެއް އަންއިންސްޓޯލް ކޮށްލާނަން. އާނ އެހެންޏާ ފަހެ!” މާނޭވާ ލަމުން ނައިޒަކް އޭނާގެ އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް ބުންޏެވެ.
އެދުވަހުގެ މެންދުރު ނަމާދަށްފަހު އެންމެންވެސް ކާކޮޓަރިއަށް ވަނެވެ. އުފާވެރި މާޙައުލެއްގައި އެންމެންވެސް މެންދުރުގެ ކެއުމަށް އިންސާފްކުރަމުން ދިޔައެވެ. ކާމޭޒުކައިރީ ފަސް ބެއިން އިށީންދެގެން ތިބީވެސް ވަކި ތަރުތީބަކަށެވެ. އެންމެ ދޮށީ މީހާއިން ފެށިގެން އެންމެ ހަގު މީހާއާއި ހަމައަށެވެ. އެންމެ ފުރަތަމަ އިނީ އާރިޝްއެވެ. އާރިޝްއާއި ޖެހިގެން އިން ގޮނޑީގައި އިނީ މުނީޝާއެވެ. މުނީޝާ ގާތުގައި ނައިޒަކް އިންއިރު އުޝާ އިނީ ނައިޒަކްއާއި ރިޝާނާ އާއި ދެމީހުންގެ މެދުގައެވެ. ފަސްބެއިންވެސް ކެއުން ނިންމައިލީ އެކި އެކި ސަމާސާކުރުމުގައި ތިބެއެވެ. ކޮންމެ މީހަކުވެސް ކައި ނިންމައިގެން އެމީހެއްގެ ކޮޓަރިއަށް ދިޔައެވެ. ނައިޒަކް އޭނާއަށް ޚާއްސަ ކުރެވިފައި އިން ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ ދޮރު ލައްޕައި ތަޅުލުމަށްފަހު ކޮޓަރީގެ ލައިޓްތައް ނައިޒަކް ދިއްލައިލިއެވެ. އެއާއިއެކު ހުދު އަލިން އެ ކޮޓަރިތެރެ އެއްކޮށް އަލިވެގެން ދިޔައެވެ. މުޅި އެކޮޓަރީގެ ހަތަރުފާރު ފަރުމާކުރެވިފައިވަނީ ވިލުނޫކުލައިންނެވެ. އެއްފަރާތުގައި ބޮޑު ކިންގް ސައިޒް އެނދެއް ބެހެއްޓިފައިވީއިރު އެނދު ވަނީ ވުލުނޫކުލައިގެ ބެޑްޝީޓަކުން ފޮރުވައިލެވިފައެވެ. އެނދުގައި ހުރި ބާލީސްތައްވެސް ހުރީ ވިލުނޫކުލައިގައެވެ. ސައިޑް ޓޭބަލް މަތީގައި ދޭލިޔާމަލުން ފަޅު ފިލުވައިލައިފައި އިން ކުޑަ ޓުކުރިއެއް އިނެވެ. އެއްފަރާތުގައި ބޮޑު ސޯފާއެއް ބެހެއްޓިފައިވީއިރު ބޮޑު އަލަމާރިއެއްވެސް ހުއްޓެވެ. ނައިޒަކް އޭނާ ލައިގެން ހުރި އޮރެންޖް ކުލައިގެ ގަމީސް ބޭލުމަށްފަހު އެނދުގައި އޮށޯވެލިއެވެ. ކަންނެތްކަމާއި ލޮޑުކަން އިޙްސާސްކުރެވުނު ހިނދު ނައިޒަކް ބޭނުންވީ ރަނގަޅަށް ނިދައިލާށެވެ. މިނެޓްތަކެއްފަހުން ނައިޒަކް ނިދީގެ ފުން ކަނޑަށް ޣަރަޤުވެގެންދިޔައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.





Vv reethi mathi mathin mi kiyaaly..dhonthi hama vvv molhu. In sha allah futurega thi iy molhu writer eh
Thank you Shaakko 🙂 🙂 Ithuru hiyvareiy libijje
Wowwwwwwwwwww dhonthy……vvv reethi mi bai vx….hama habeys ingey…
Thank you dear Kairaa. V ufaavejje. It means a lot
Vaahaka varah reethi. Waiting for the next episode. ???????.
Thank you so much dear Kuthoo. <3 🙂 And yes! Keep waiting dear. V avahah upload kolladheynan
Ifoo ge loabivan yaaraaey story ge description copy kohfa ebahuri v ginain. Why are you doing this?
Mee hama alhuganduge amilla vaahaka eiy. Evves varakah copy eh nukuran I promise. Hama sikundiau ai gothakau mihuree hurihaa echchevves describe koffa. Thank you for commenting
Assalaam alaikum dear readers! Here is my very first story Ma’aaf. Alhuganduge target akee readers beynunvaagothau konme episode eves dhigukoh genesdhinun, Dhivehi bahuge hamathau beynunkoggen liyun. Liyumuga hedhey kuhththau buneladhinumakee alhuganduge v bodu edhumeiy. unmeedhukuran gina kiyuntheringe support alhugandau libeyne kamau adhi hurihaa kiyuntherinnauves mi vaahaka kamudhaanekamau. Dhevana episode v avahah upload kolladheynan. Keep waiting. Love you all. 🙂
Wow dhonthy. .. ???varah reethi mi part….???? dhonthi authour akah v dhw …☺☺?? suprising for me….????mi part hen kuriyah huri part thah ves mihaa reethikoh genes dhehchey. ..????kon irakun up kohllany next part…??? waiting for it .. ?☺☺lysm❤❤❤???
Ehheheyyyy…. Ekkala aishoo dhw miulhenee. Yeah hurihaa part evves reethikoh genesdheveythoa masakkaiy kuraanan. Maa fahunney aslu mi comment fenunee. Anyways love you too Aishoo <3 <3 <3 <3
Aslu vrh shalhi vaane foto ga thibi meehun nanjahaaleema
Emeehakaa dhimaaluga emeehakunan
oh thank you so much.. cover photo au change eiy geneveythoa v masakkaiy kuraanan. But kiyaaladheynan eyga thibi meehun inge dear.
Emma Watson akee Ushaa
Jannath Zubair akee rishaanaa
Faisal Shaikh akee aarish
Hasnain khan akee naizak
Aarishfa khan akee muneeshaa. 🙂 🙂 🙂
Varah reethi feshumeh ❤️
Thank you so much zidhan
V reethi mi part vx…… Can’t wait fr nxt….. LYSM dhonthy…..
Awww Kylie <3 <3. Love you too dear. Dhen oiy episode v avahah upload kolladheynan. And thank you so much Kylie dear. 🙂
Wow???… Varah reethi furathama part vx❤❤❤… Alah liyaa story akaa balaafa varah varah furihama????❤❤????… I love this story????…. When next? Waiting for it???… Ly dhonthy❤❤❤
Hehe.. Thank you Maisha maii. maafahunney comment ves mi fenunee. Hehe. Love you too Maii <3 <3 <3 <3
Varah???varah???reethi…maa sha allah???Waiting for the next part???Lysm sis
Awwww <3 <3 <3 <3 Thank you so much dear. And yes! Keep waiting inge dear Yanaa. Love you too dear <3 <3 <3
Omg???ayeee..haadha molheyyy u….ma hama hairaan vahtharu???eyh msg kohlaanan habareh vefaaa ngeyy….v v interesting kohme akas mi storyy???sisthey no stopping ngeyy..vaahaka nimendhen genesdheythi sweetie???ngejje dhw mee kaaku kan nubunyas???lol hehe…ly mo???
Oopss…name is nubai kohlaafa dhw mi iny???hehe
Omg.. What a beautiful comment. Ithuru hiyvareiy libijje alhugandau. Thank you so much magnum. Yes dear Insha Allah vaahaka nimendhen genesdheynan. And yeah ingijje thee kaakukan nubungnas Hahhhaaa. :-* :-* Love you too dear <3 <3 <3
Varah shauguveri. Sifa kohdhinun habeys.. Hurun, inun othun beynun kurumugaa konmes varakah mistake huri.
Thank you Lasfa 🙂 aan alhugandauves ingey hurun inun othumuga konmeves varakah kuh jeheykan. Iraadhakurevviyyaa e mistakes rangalhukureveythoa balaanan.