ލޯބިވަން ޔާރާއޭ 09
” ޑެޑީ… ” އެތެރެއަށް ފިޔަވަޅެއް އަޅާލުމާއެކު ސިޓިންރޫމު ސޯފާގައި ކުޅޭ އެއްޗެހިތަކެއް ހިފައިގެން ކުޅެން އިން ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖާ އެޒުވާނާ ފެނިފާ ގޮވާލިއެވެ. އެއަޑަށް އިސްއުފުލާ ބަލައިލި ވިޝާލް ނުހަނު ބޮޑަށް ހިނިތުންވެލަމުން ތިރިވެލާ ދެއަތް ފުޅާކޮށްލިއެވެ. އެއާއެކު އެއަންހެން ކުއްޖާ ދުވެފައި ގޮސް ވިޝާލްގެ ކަރުގައި ދެއަތް ވަށާލިއެވެ. ނުހަނު ލޯތްބާއެކު ވިޝާލް އެއަންހެން ކުއްޖާގެ ކުޑަ ހަށިގަނޑުގައި ބައްދާލަމުން އިސްތަށިގަނޑުގައި ތުންފަތް ޖައްސާލިއެވެ. ”ޑެޑީގެ ޕްރިންސަސް… ޑެޑީ ވަރަށް މިސްވި ޕްރިންސަސް މަތިން… ” ރާޔާ ދުރުކޮށްލާ އެކުޑަ ނޭފަތުގައި މަޑުމަޑުން ހިފާލަމުން ވިޝާލް ސަމާސާކޮށްލިއެވެ. ”ކޮއްކިވެސް ޑެޑީ މަތިން ވަރަށް ބޮޑުކޮށް މިސްވި… ” ކުދިކުދި ދަތްތައް ފެންނަ ވަރަށް ހިނިތުންވެލަމުން ރާޔާވެސް ވިޝާލްގެ އަމަލު ތަކުރާރުކޮށްލިއެވެ. އެއާއެކު ސިޓިންރޫމުގައި އެދެމީހުންގެ ލުއި ހުނުމުގެ އަޑު ހިފާލިއެވެ.
” ޕްރިންސަސް މެންދުރު ކެއިންތަ… ” ރާޔާ އުރާލުމަށްފަހު ސިޑިން މައްޗަށް އަރަމުން ވިޝާލް ސުވާލުކޮށްލިއެވެ. ” ލައްބަ… އެކަމަކު މަންމަ ދިނީ ހަމަ ހެނދުނު ރިހައާ ބަތާ… ރާއްކޮއަށް މީރެއްނޫން ރިހައެއް… ކުޑަކުޑަކޮށް ކެވުނީ… ” އަތުގެ އިނގިލަތަކާ ކުޅެމުން ރާޔާ ޖަވާބުދިނެވެ. އެއާއެކު ވިޝާލް އޭނަގެ ހިނގުން ހުއްޓާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. ” ޕްރިންސަސް ދޭ ކުޅެން… ޑެޑީ އަންނާނަން ފްރެޝްވެލައިގެން އިނގޭ… އައިއްސަ ބްލޮކްސް ރާވާ ކުޅޭނީދޯ… ” ވިޝާލް ލުއި ހިނިތުންވުމެއް ރާޔާއަށް ހަދިޔާކޮށް ތިރީގައި ބަހައްޓަމުން އެހެން ބުނުމާއެކު ވިޝާލްގެ ބަހަށް ކިޔަމަންވުމުގެ ގޮތުން ހިނިތުންވެލަމުން ރާޔާ ބޯ ޖަހާލިއެވެ. އަދި މަޑުމަޑުން ސިޑިން ފައިބައިގެން ގޮސް ސޯފާގައި އިށީންދެ އޭނަގެ ކުޅޭ އެއްޗިހިތަކުން ކުޅުމުގައި މަސްއޫލުވިއެެވެ. އިރުކޮޅަކު ރާޔާގެ ހަރަކާތްތަކަށް ބަލަން ހުރުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ސިޑީގެ ހަރުފަތްތަކުން މައްޗަށް އަރާ އޭނަގެ ކޮޓަރީގެ ދޮރު ވިޝާލް ހުޅުވާލިއެވެ.
ޑްރެސިން ޓޭބަލްގެ ކުރިމަތީގައި އިސްތަށިގަނޑުގައި ފުނާއަޅަން އިން ރިއާޝާގެ ނަޒަރު ދޮރު ހުޅުވާލި ވިޝާލްއަށް ހުއްޓުނެވެ. ވިޝާލްއަށް އަވަސް ނަޒަރެއް ދިނުމަށްފަހު އަނެއްކާވެސް އޭނަ ކުރަމުންދިޔަ ކަމަށް ސަމާލުކަން ހުއްޓާލިއެވެ. ”ވަރަށް ބަނޑުހައިވެއްޖެ… ކޯންޗެއް ކާން ހުރީ…” ދޮރު ޖެހުމަށްފަހު ކަރުގައި އޮތް ޓައި ކަރުން ވަކިކޮށްލަމުން ވިޝާލް ބުނެލިއެވެ. ” ހުންނާނެ ހެނދުނު ރިހައާ ބަތާ… ތެލީގަ ހުންނާނީ… ވިޝާލް ތައްޓަށް އަޅާއިގެން ކާލާ އިނގޭ… ” ފުނާ ބޭއްވުމަށްފަހު ރަތް ކުލައިގެ ލިޕްސްޓިކުން ދެތުންފަތް ފަވާލަމުން ރިއާޝާ ބުނެލީ ފަރުވާކުޑަ ގޮތަކަށެވެ. ” ރިއާއަށް އިނގެއެއްނު ރާޔާއަށް ރިހަ ކަމުނުދާކަން… މެންދުރަށް އެހެން އެއްޗެއް ތައްޔާރުކޮށްލިނަމަ… ” ކޮޓަރީގެ އެއްފަރާތުގައި ހުރި ސޯފާގައި އިށީންދެ އިނދެ އިސްޓާކީނު ބާލަމުން ދިޔަ ވިޝާލްގެ ވާހަކަތަކުން ރިއާޝާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުމުގެ އަސަރުތައް ފާޅުވިއެވެ. ” ނުބަޔަކަސް އަހަރެންނަކަށް ތިވަރަކުން ނޫޅެވޭނެ… ހެނދުނަށް ވިޝާލްއަށް ރޮއްޓާއެކު މޮޑޭ އެއްޗެއް ނޫނީ ކަމަކުނުދޭ… ރާޔާއަށް ބޭނުންވަނީ ރޮއްޓާ ޖައްސައިގެން ކާއެއްޗެއް… ރިހައެއް މީރެއްނޫން… އެންމެނަށް ކަމުދާ އެއްޗެެއް އަހަރެން ކިހިނެއް ހަދާނީ… ވިޝާލްއަށް ރަނގަޅަށް އިނގޭނެ ކެއްކުމަކީ އަހަރެން ކިހާ ފޫހިވާކަމެއްކަން… ކައްކާ މީހަކު ހޯދާށޭ ބުނީމަވެސް ވިޝާލް ނޫޅުން އެކަމަކާ… ” އަތުގައި ރަން ކުލައިގެ ކެވެލިކޮޅު އަޅަން އިނދެ ހިތްހަމަނުޖެހިފާވި ރާގެއްގައި ރިއާޝާ ވާހަކަ ދައްކަމުން ދިޔައިރު މާޔޫސީ ނަޒަރަކުން އޭނައަށް ބަލަހައްޓައިގެން ވިޝާލް އިނެވެ. މުޅި ދުވަހު ބުރަކޮށް މަސައްކަތުގައި އުޅުމަށްފަހު ގެއަށް އައިސް ކޮންމެ ފިރިއަކުވެސް ކާލަން ބޭނުންވަނީ އަނބިމީހާގެ އަތުން ތައްޔާރުކުރާ ކެއުމެއް ނޫން ހެއްޔެވެ؟ އޭނާ ބޭނުންވާ ގޮތް ރިއާޝާއަށް ނުވިސްނޭތީ ވިޝާލްގެ ހިތް އެކަމާ ދެރަވިއެވެ. އެހެނަސް އެކަން އޭނާ ރިއާޝާއަށް ދައްކާކަށް ބޭނުމެއްނުވިއެވެ. ރިއާޝާ ވާހަކަ ދައްކަމުންދިޔަ ރާގުން އޭނަގެ ވާހަކަތަކާމެދު ހިތްހަމަނުޖެހުނުކަން ވިޝާލް ދެނެގަތެވެ. ގެއަށް އައިސް ލޯބިވާ އަންހެނުންނާ ދެބަސްވާން ނޭދޭތީ ވިޝާލް އިތުރަށް އެމައުޟޫއަށް ވާހަކަ ދައްކާކަށް ގަސްތެެއްނުކުރިއެވެ.
” ކޮންތާކަށް ދާން ތިރެޑީ ވަނީ… ” ރިއާޝާ ދޭނެ ޖަވާބު އިނގިހުރެވެސް ވިޝާލް ސުވާލުކުރިއެވެ. ” އަފާފްއާއެކު ބޭރަށް ގޮސްލަން… ” އިވިގެން ދިޔައީ އަބަދުވެސް ރިއާޝާގެ ފަރާތުން ލިބޭ ޖަވާބެވެ. ” ރާޔާ ގޮވައިގެން ދައްޗޭ ރިއާ… ފޫހިވާނެއެއްނު އަބަދު ގޭގަ އިންނަންވީމަ… ” ސޯފާއިން ތެދުވެ ގަމީހުގެ ގޮއްތަށް ނައްޓުވަމުން ވިޝާލް ބުނެލުމާއެކު ރިއާޝާ ހިތްހަމަނުޖެހުމުގެެ ނަޒަރަކުން އޭނައަށް ބަލައިލިއެވެ. ” ރާޔާ ބަހައްޓާބަލަ ވިޝާލް ކައިރި… މިއޮތް ހުރިހާއިރު އަހަރެން މިއުޅުނީ ގޭގަ ރާޔާ ގޮވައިގެން… ރާޔާ ގޮވައިގެން ގޮސްފިއްޔާ އަބަދު އޭނައާގެން އަހަރެން އުޅެންޖެހޭނީ… ވިޝާލްވެސް ހެޔޮވެދާނެއެެއްނު ރާޔާ ގޮވައިގެން ބޭރަށް ގޮސްލަން… ” ހިތްހަމަނުޖެހުމުގެ ރާގެއްގައި މިހެން ބުނެ ވިޝާލްއަށް އިތުރަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ގަޔަށް ސެންޓު ޖަހާލުމަށްފަހު ރިއާޝާ އަވަސް ފިޔަވަޅުތައްގައި އޭނަގެ ދަބަސް ހިފައިގެން ކޮޓަރިން ނުކުތެވެ. ރިއާޝާގެ ބަދަލުވެފައިވި އުޅުމާމެދު ކަންބޮޑުވެފައިވި ވިޝާލްއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއީ އޭނާ ލޯބިވެގެން ކައިވެނިކުރި ރިއާޝާއެއް ނޫނެވެ. މިހާރު އޭނައަށް ފެންނަނީ މުޅިން އައު ރިއާޝާއެކެވެ. ރިއާޝާގެ އުޅުމަށް ބަދަލު އައުމަށް މެދުވެރިވި ސަބަބު ހިތަށް އެރުމާއެކު ވިޝާލްގެ ހިތް އިތުރަށް މާޔޫސްކުރުވިއެވެ. އެސަބަބަކީ ވިޝާލްއަށް ކިތަންމެ އުފާވެރިކަން ގެނެސްދިން ސަބަބަކަށް ވިނަމަވެސް ރިއާޝާގެ ނަޒަރުގައި އެކަންވެގެން ދިޔައީ ބޮޑު އުނދަގުލަކަށެވެ. އަމިއްލަ މިނިވަންކަމަށް އެޅުނު ހުރަހެއްކަމަށް ދެކުނުއިރު ހަމަޖެހިލަައިގެން އުފަލުގައި ނޫޅެވޭނެކަމަށް ރިއާޝާ ނިންމިއެވެ. ރިއާޝާގެ އެވިސްނުން ބަދަލުކުރުމަށް ވިޝާލް އެތައް ފަހަރެއްގެ މަތިން ވިސްނައިދީފިއެވެ. އަދިވެސް އޭނަ އެދަނީ އެކަމަށް މަސައްކަތް ކުރަމުންނެެވެ. ކޮންމެ ގޮތަކުން ނަމަވެސް އޭނަގެ ކުރީގެ ރިއާޝާ ވިޝާލް އަނބުރާ ބޭނުމެވެ. ވިސްނުމުގެ ތެރެއަށް ގެއްލުނު ވިޝާލް ލައިގެން ހުރި ގަމީސް ބާލާ ދާވަށިގަނޑަށް ލުމަށްފަހު ފާޚާނާއަށް ފެންވަރާލުމަށް ވަނެވެ.
” ދިމްނާއަށް މިހާރު ދުވާލު ހަތަރުދަމު އޮފީހުގަ އުޅެވުނީމަ ނިމުނީތަ… ހަވީރު ސައި ހަދާނެކަމެއް ނެތް… ދާވެފަ ހުރި އެއްޗެހި ދޮންނާނެ ކަމެއްނެތް… ” ގެއަށް ވަން ދިމްނާގެ ކަންފަތުގައި އެންމެ ފުރަތަމަވެސް ޖެހުނީ ނަފީސާގެ ނުރުހުމުގެ އަޑެވެ. އެބަސްތަކުން މިފަހަރުވެސް ހިތުގައި ޝަކުވާތައް އުފެދުނުއިރު ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. ކަރުނަތައް ޖަމާވެފައިވި ދެލޮލުން ނުރުހުމުގެ ނަޒަރަކުން އޭނައަށް ބަލަހައްޓާއިގެން ހުރި ނަފީސާ ދިމްނާއަށް ފެނުނީވެސް ފުސްކޮށެވެ. އެހެނަސް ހިންދިރުވާލަމުން ދިމްނާ ލޮލުގެ ތެރޭގައި ބޮނޑިވެފައިވި ކަރުނަތައް ހިންދާލަން މަސައްކަތްކުރިއެވެ. ” އާޝާގެ ހުރިހާ އަންނައުނުތައް ދޮވެފަ ނޫނީ ދިމްނާ ނިދައިގެން ނުވާނެ މިރޭ… ” މަންމައާ ދިމާލަށް އެއްޗެކޭ ބުނަން ބޭނުންނުވާތީ ފަސްއެނބުރި ކޮޓަރިއަށް ވަނުމަށް ތަޅުގައި ހިފާލުމާއެކު ނަފީސާ ހިތްހަމަނުޖެހިފައިހުރެ ދިމްނާއަށް އަމުރުކުރިއެވެ. އެވަގުތު ހިތްދަތިކަން އިތުރުވެގެން ދިޔައިރު ދިމްނާއަށް ތަޅުގައި ހިފާފައިވި އަތަށް ބާރުކޮށްލެވުނެވެ. ހިތްދަތިކަން އިހުސާސަކުރަމުންދިޔަ ދިމްނާގެ ދުލަކަށް އެއްވެސް އެއްޗެއް ނައެވެ. އެހުރި ގޮތަށްހުރެ މަޑުމަޑުން ބޯ ޖަހާލުމަށްފަހު ދިމްނާ ކޮޓަރިއަށްވަނެވެ. ދިމްނާގެ ހަރަކާތްތަކަށް ބަލަންހުރި ނަފީސާވެސް އިތުރަށް މަޑުނުކޮށް ގެއިން ބޭރަށްނުކުތެވެ.
ކިތަންމެ ވަރުބަލިވެފައި ހުރި ނަމަވެސް އަރާމުކޮށްލެވެން ނެތުމާއެކު ދިމްނާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. މާދަމާއަކީ ހުކުރު ދުވަހަށްވެފައި ގޭގެ މަސައްކަތްތަކުގައި އިތުރަށް ބުރަވާނެކަން އެނގި ވަރުބަލިވެފައިވި ނަމަވެސް ދިމްނާ ބޭނުންވީ މާދަމާއަށް ކުޑަކޮށް ލުއިކޮށްލުމަށެވެ. އިތުރަށް ވަގުތު ބޭކާރު ކުރުމެއްނެތި ގޮސް އަޞްރު ނަމާދުކޮށްލައިގެން އަވަހަށް އެއްޗެހި ދޮންނަން ފެށިއެވެ. އާޝާގެ ބައެއް އަންނައުނު މެޝިނަށް އެޅުމަށްފަހު ދިމްނާ ބަދިގެއަށް ވަނީ ހަވީރު ސަޔަށް ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލުމަށެވެ. ފަސޭހައިން އެއްޗެއް ތައްޔާރުކޮށްލަން ބޭނުންވުމުން ވަޅޯ މަހުގައި ނޫޑުލީސްކޮޅެއް ތައްޔާރުކުރިއެވެ. ތަށިތައް މޭޒު މައްޗަށް ލުމަށްފަހު ސަޔަށް ހުރިހާ ކަމެއް ތައްޔާރުވުމުން ދިމްނާ ދެން އުޅުނީ އަންނައުނުތައް ދޮވުމައިގެންނެވެ. މާދަމާއަށް ބައެއް ކަންކަން ނިންމާލެވުުމުން ފަސޭހަވާނީވެސް އޭނައަށް ނޫން ހެއްޔެވެ؟
ފެންވަރާލައިގެން ވިޝާލް ތިރިއަށް ފޭބިއިރުވެސް ރާޔާ ސޯފާގައި އިނެވެ. އެހެނަސް އޭރު އެމައުސޫމް މޫނުމަތީގައިވީ ހިތާމައިގެ އަސަރުތަކެވެ. މިކަން ފާހަގަކުރެވުނު ވިޝާލް ގޮސް ރާޔާގެ މޫނު ރީތިކޮށް ފެންނާނޭހެން ކުރިމަތީގައި މުށިތަކު މަތީ ކަކޫ ޖައްސައިގެން އިށީނެވެ. ” ޑެޑީގެ ޕްރިންސަސް އަޕްސެޓްވެފަތަ ތިއިނީ… ޑެޑީ ލަސްވީމަތަ ޕްރިންސަސް އަޕްސެޓްވީ… ” ރާޔާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ސަމާސާ ރާގަކަށް ވިޝާލް ބުނެލިއެވެ. ” މަންމި މިއަދުވެސް ދިޔައީ ބޭރަށް… އެއްދުވަހުވެސް ރާއްކޮ ނުގެންދަނީ ކީއްވެ… ރާއްކޮ ކްލާސް އެހެން ކުދިންވެސް މަންމިއާއެކު ހިނގާލަންދޭ… މަންމި ކީއްވެ ރާއްކޮ ނުގެންދަނީ…” މާޔޫސްކަމާއެކު ރާޔާގެ ފަރާތުން އިވުނު ވާހަކަތަކުން ވިޝާލްގެ ހިނިތުންވުން ފޭދިގެން ދިޔައިރު ރާޔާގެ މޫނުގައި ހިފަހައްޓާލެވިފައިވި ދެއަތްވެސް ލަސްލަހުން ދުރުކޮށްލެވުނެވެ. އޭނައަށް ބުނާނެ އެއްޗެއް ސިކުނޑިއަށް ނުވިސްނުމުން ރާޔާގެ ސުވާލަކަށް ޖަވާބެއްނުދެވުނެވެ. ” ޑެޑީ ބުނެބާ… މަންމި ކީއްވެތަ އެހެން ހަދަނީ… މަންމި ރާއްކޮއާއެކު ގޭގަ ނުވެސްކުޅޭ… އަބަދުވެސް ރާއްކޮ އެކަނި ޑޭޑީ ނޫޅޭއިރު ކުޅެނީ… ” ރާޔާގެ ވާހަކަތަކުން ވިޝާލްއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ”ޕްރިންސަސް… މަންމި ގިނަވަގުތު ރާއްކޮއާއެކު ގޭގައެއްނުދޯ އިންނަނީ… އެހެންވީމަ މަންމިވެސް ކުޑަކޮށް ބޯރްވާނެއެއްނު… ޑެޑީ އައިމަ މަންމި ބޭރަށް ދަނީ ޑެޑީއަށާ ރާއްކޮއަށް ޓައިމް ދޭންވެގެން… ޑެޑީއާއެކުވެސް ރާއްކޮ ޖެހޭނެއެއްނު ޓައިމް ސްޕެންޑްކުރަން… މާދަމާ ފްރައިޑޭއެއްނު… މާދަމާ ހަވީރުން އެންމެން އެއްކޮށް ބޭރަށް ގޮސްލާނީދޯ… މަންމިއާ ޑެޑީއާ ޕްރިންސަސްއާ… އޯކޭ… ” މޫނު މަތީގެ އުދާސްކަން ކަނޑުވާލާ އުފާވެރިކަމާއެކު ވިޝާލް އޭނަގެ ދަރިފުޅަށް ވިސްނައިދިނުމުގެ ގޮތުން ވާހަކަ ދެެއްކިއެވެ. ނަސީބުކަންދިމާކުރި ގޮތުން ރާޔާ ނުހަނު އަވަހަށް އޭނަގެ ވާހަކަތައް ގަބޫލުކުރިއެވެ. ” ޑެޑީ ވަރަށް ހަންގްރީ… ރާއްކޮ ނޫޑުލްސް ކާނަންތަ… ހިނގާ ޑެޑީއާ ދެކުދިން ނޫޑުލްސް ހަދަން… ” ވަރަށް ފޯރީފައި ވިޝާލް އެހެން ބުނުމާއެކު ރާޔާ ދާދި އަވަހަށް ބޯ ޖަހާލިއެވެ. ދާދި އިރުކޮޅެއްގެ ކުރިން ހިތާމައިގެ އަސަރު ފެންނަން ހުރި މޫނުމަތިން މިހާރު ފެންނަނީ އުފާވެރިކަމެވެ. ރާޔާގެ އުފާވެރިކަން ފެނި ހިތަށް ލިބުނު ފިނިކަމުގައި ވިޝާލްއަށް ހިނިތުންވެލެވުނެވެ. އުފާވެރިކަމާއެކު ދެމީހުން އެކުގައި ގޮސް ބަދިގެއަށް ވަނެވެ.
އޮފީހުން ގެއަށް އައިސް ވަން ޔަނާލްގެ މޫނުމަތީގައި ވަނީ ވަރުބަލިކަމެވެ. ގަޑިން ފަހެއް ޖެހުމަކާ ގާތްވެފައިވީއިރު މުޅި ދުވަސް ހޭދަވެގެން ދިޔައީ ނުހަނު ބުރަކޮށެވެ. ކަރުހިއްކައިގަނެފައިވުމާއެކު ކާކޮޓަރިއަށް މިސްރާބުޖެހި ޔަނާލްގެ ނޭފަތުގައި އޭނަގެ މަންމަ ތައްޔާރުކުރާ މީރު ހެދިކާގެ ވަސް ޖެހުނެވެ. ކާކޮޓަރީގެ މޭޒު މަތީގައި ސައި ތައްޔާރުކުރެވިފައި ހުރިއިރު މޭޒުގެ އެއްފަރާތުގައި އޯޑަރަށް ކޮތަޅުތަކަށް އަޅާފާ ހުއްޓެވެ. ފުރިޖުން ނެގި ފިނިފެން ފުޅިން ބިއްލޫރި ތައްޓަކަށް ފެން އެޅުމަށްފަހު ޔަނާލް މޭޒު ކައިރިން ގޮނޑިއެއް ދުރުކޮށްލާ އިށީނެވެ. ދެތިން ހެދިކާއާއެކު ފެން ތަށި ބޮއެ ހުސްކޮށްލުމަށްފަހު ތަށި ދޮވެފާ ޔަނާލް ކާކޮޓަރިން ނުކުތެވެ. ޔަލްވީގެ ކޮޓަރީގައި ލައިޓް ދިއްލާފައިހުރުމުން އޭނާ ކޮޓަރީގައި އުޅޭކަން ޔަނާލްއަށް އެނގުނެވެ. ގޭގައި މަންމަ ފެންނަން ނެތުމުން ސުވާލު އުފެދިފައި ހުރެ ޔަނާލް ގޮސް އޭނަގެ ކޮޓަރިއަށްވަނެވެ. ވެފައިހުރި ވަރުބަލިން އެވަގުތު ޔަލްވީގެ ކޮޓަރިއަށްވެސް ނުދިޔައީއެވެ.
ކޮޓަރިއަށް ވަން ޔަނާލްގެ ލޮލުގައި ސޯފާގެ މަތީގައި އޮތް ޓްރާންސްޕޭރެންޓް ފައިލް އަޅާއިގަތެވެ. އެއީ މުހިއްމު ލިޔެކިޔުންތަކެެއް އެކުލެވޭ ފައިލަކަށް ވުމުން ޔަނާލް އެފައިލު ނަގާ އަލަމާރިއަށް ލުމަށް އަވަސްވެގަތެވެ. މިއަދު ލަންޗް ބްރޭކަށް އައިސް އަވަސްކުރަން އުޅުނު ވަގުތު ފައިލުވެސް އޭނައަށް ސޯފާ މަތީގައި ބޭއްވުނީއެވެ. އަލަމާރީގެ ކުޑަ ވަތްގަނޑެއް ތަޅުދަނޑިއަކުން ހުޅުވާލާ ދަމާލިއެވެ. ތަރުތީބުކަމާއެކު ރީތިކޮށް އެފައިލު ބޭއްވުމަށް ވަތްގަނޑު ލައްޕަން އުޅުނު ވަގުތު އެތެރެއިން ފެނުނު އެއްޗެެއްގެ ސަބަބުން ޔަނާލްގެ ހަރަކާތްތަކަށް ހުއްޓުމެއްއައެވެ. ގަދަ ރަތްކުލައިގެ ހިތުގެ ބައްޓަމަށްވާ އަލިމަސްޖެހި ރިހި ކުލައިގެ އަނގޮއްޓި ފެނި ތުރުތުރު އަޅަމުންދިޔަ އަތުން ޔަނާލް އެއަނގޮއްޓި ނެގިއެވެ. އޭރު ލޮލުގެ ތެރޭގައި ވިދަމުންދިޔަ ކަރުނަކާއެކު ޔަނާލްއަށް އަނގޮއްޓި ފެންނަމުން ދިޔައީ ފުސްކޮށެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް ޔަނާލްއަށް ސޯފާގައި އިށީންދެވުނެވެ. ހިތާއި ސިކުނޑި ގައިދުކޮށްލި ޚިޔާލަކާއެކު ޔަނާލްއަށް ކަނާ އަތުން ސޯފާގައި ނުހަނު ބާރަށް ހިފަހައްޓާލެވުނެވެ. އޭރު ލޮލަށް ޖަމާވި ކަރުނަތައް އޭގެ މަޤާމު ދޫކޮށް ކޯތާފަތުގައި ބޮސްދީފައި ތިރިއަށް ފައިބަމުން ދިޔައެވެ.
ސާފު ބިއްލޫރިކޮޅެއްފަދަ އުޑުގައި ޖަވާހިރުތަކެއް ފަދައިން ވިދާ ބަބުޅަމުންދިޔަ ތަރިތައްް ފޫހިކަމެެއްނެތި ވިދަވިދާ ތިއްބެވެ. ސާދަ ވިލޭރޭގެ ބުރުހަމަ ހަނދުވެސް އިއްޒަތާއެކު އޭގެ މަޤާމުގަައި އިނދެ ރިހި އަލިން ދުނިޔެއަށް އަލިކުރަމުން ދިޔައެވެ. މޫދުގެ ސާފު ލޮނުގަނޑު ހަނދުގެ ރިހި އަލިން ދިއްލާލާފައިވާއިރު ރާޅުތައް އައިސް މަޑުމަޑުން ހިމުން ދޮންވެލިގަނޑުގައި ބޮސްދީފައިދާ އަޑު ލުއި މިއުޒިކެެއް ފަދައިން ފަޒާގައި ހަރުލާފައިވެއެވެ. ހިތްފަސޭހަ ވަރަކަށް ޖެހެމުންދިޔަ ފިނިފިނި ލުއި ވައިރޯޅިތަކުން އެމާހައުލު އިތުރަށް ފުރިހަމަކުރުވިއެވެ. ގެސްޓް ހައުސްއާ ދިމާލުގެ ބޯކިރުކޮޅެއްފަދަ ހުދު ދޮންވެލިގަނޑުގައި ލިވާންއާއެކު ޔަނާލް އިނީ ފެންނަމުންދާ ގުދުރަތީ ރީތި މަންޒަރަށް ބަލަހައްޓާއިގެންނެވެ. އެމަންޒަރަށް އޭނަގެ ނަޒަރު ހުއްޓިފައިވީ ނަމަވެސް ލޮލުގެ ހިމަކޮޅުން ލިވާންގެ ތޫނު ބެލުން އޭނައަށް ހުއްޓިފައިވިތަން ޔަނާލްއަށް ފެނެއެވެ. އެހެނަސް އޭނާ ނުފެންނަކަމަށް ހަދައިގެން އިނީ ލިވާންގެ އެތޫނު ދެލޮލާ އޭނަގެ ނަޒަރު ބައްދަލުވެއްޖެނަމަ ވާނެގޮތް އިނގޭތީއެވެ. އޭނަގެ ހިތުގެ ހާލަތު ލިވާންގެ ކުރިމަތީގައި ހާމަވެގެން ހިނގައިދާނެތީއެވެ. ލިވާންގެ ދެލޮލާ ނަޒަރު ބައްދަލުވާ ކޮންމެ ފަހަރަކު އޭނަގެ ބާރު ދޫވެގެންދެއެވެ. އެދެލޮލުގެ ތެރެއަށް ގެއްލި ހިތަށް ކުރެވެމުންދާ އިހުސާސް ބުނެދެން ނޭނގޭހާ ދަތިވެއެވެ. ހިތުގެ ހިނގުން އަވަސްވެ ހަށިގަނޑުގެ ލޭދައުރުވުން އިތުރުވެގެންދެއެވެ. އެތޫނު ދެލޮލުން އޭނައަށް ޖައްސަނީ ކޮން ޖާދޫއެއްކަމެއް ޔަނާލްގެ ސިކުނޑިއަކަށް ނުވިސްނުނެވެ.
ޖެހެމުންދިޔަ ލުއި ވައިރޯޅިތަކުގެ އެހީގައި މިނިވަންކަމާއެކު ދޫކޮށްލެވިފައިވި ޔަނާލްގެ އިސްތަށިގަނޑު ހީސަމާސާ ކުރަމުން ދިޔައެވެ. ބައެއް ފަހަރު ކުރުކޮށް ކޮށާލެވިފައިވި އިސްތަށިކޮޅުތައް ޔަނާލްގެ މޫނު މައްޗަށް ނިވާ އަޅައެވެ. އެއިން ކޮންމެ ވަގުތަކު ޔަނާލް އޭނަގެ ހިމަދިގު އިނގިލިތަކުން އިސްތަށިތައް އެއްފަރާތްކޮށްލަނީ ނުހަނު ފަރިތަކަމާއެކުގައެވެ. އެމަންޒަރު ބަލަން އާޝޯޚްވެފައި އިން ލިވާންއަށް މިފަހަރަކު މަޑަކުން ނީންދެވުނެވެ. މޫނުމައްޗަށް ނިވާއެޅި އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަން އުޅުނު ޔަނާލްއަށް ސިހިފައި ލިވާންއަށް ބަލައިލެވުނީ ލިވާންގެ އަތުގެ ބީހުމުގެ އިހުސާސް ކުރެވުމުންނެވެ. ލިވާންގެ ތޫނު ދެލޯ ޔަނާލްގެ ބޮޑު ދެލޮލާ ސީދާކޮށްލުމާއެކު މިފަހަރުވެސް ޔަނާލްގެ ހިތަށް އެނގުންވެލައިގެން ދިޔައެވެ. ވަގުުތުން އަތްފައި ފިނިވެގެން ދިޔައިރު ނޭވާވެސް ހީވީ އަރުތެރޭގައި ތާށިވީހެންނެވެ. ޔަނާލްގެ އިސްތަށިކޮޅު އެއްފަރާތްކޮށްލި ލިވާންއަށް މަޑުމަޑުން ޔަނާލްއާ ގާތަށް ޖެހިލެވުނެވެ. ހިނދެއް ހިނދަކަށް ލިވާންގެ މޫނު ޔަނާލްގެ މޫނާއި ގާތްވަމުން ދިޔައިރު ޔަނާލްގެ ނޭވާތައް އަވަސްވަމުން ދިޔައެވެ. ލިވާންގެ މޫނު އޭނަގެ މޫނުގައި ބީހުން އިހުސާސްކުރެވުނު ޔަނާލްއަށް ވަގުތުން ދެލޯ މަރާލެވުނެވެ. ޔަނާލްގެ އެއަމަލު ވެގެންދިޔައީ ލިވާންއަށް ލިބުނު ދަޢުވަތަކަށެވެ. އިހުނަށްވުރެ ބޮޑަށް ޔަނާލްއާ ގާތްވެލާ އެއޮމާން މޫނުގެ ދެފަރާތުގައި ލިވާން އޭނަގެ އަތުން ހިފަހައްޓާލިއެވެ. އެހިނދު ހަމަވިސްނުން ލިބުނު މީހަކު ފަދައިން ކުއްލިއަކަށް ދެލޯ ހުޅުުވާލަމުން ލިވާންއާ ދުރުވެ ޔަނާލް ތެދުވިއެވެ. އޭރުވެސް އޭނަގެ ހިތް ނެނގިނެނގިފައި ޖެހެމުން ދިޔައެވެ.
” ޔަނާ… ” ކުރިއަށް ނެގި ފުރަތަމަ ފިޔަވަޅާއެކު ޔަނާލް ގަނޑުވިފަދައެވެ. ލިވާން އޭނަގެ އަތްތިލައިގައި ހިފެހެއްޓުމާއެކު ޔަނާލްގެ ހިތުގެ ވިންދުވެސް ހުއްޓުނުހެން ހީވިއެވެ. ” އައި ލަވް ޔޫ ޔަނާ.. ” ޔަނާލް އޭނަގެ އަތް ފޮޅުވާލުމަށްފަހު ކުރިއަށް ހިނގައިގަންނަން އުޅުނު ވަގުތު ޔަނާލްގެ އަތަށް ބާރުކޮށްލަމުން ދެވަނަ ފަހަރަށް ލިވާންގެ ދުލުން ބޭރުކޮށްލި ބަސްތަކާއެކު ސިހިފައި ދެލޯ ބޮޑުކޮށްލަމުން ޔަނާލްއަށް ފަސްއެނބުރި ލިވާންގެ މޫނަށް ބަލައިލެވުނެވެ. އޭނާ ހުރީ ކަންފަތަށް އިވުނު އަޑު ޤަބޫލުނުކުރެވިފައެވެ. ” ޔެސް ޔަނާ… އައި ރިއަލީ ޑޫ… އައި ރިއަލީ ލަވް ޔޫ… އެންމެ ފުރަތަމަ ފެނިލުމުންވެސް އަހަންނަށް ޔަނާ ވަރަށް ކަމުދިޔަ… ތިސޫރަ އަހަރެންގެ ހިތުގެ އެންމެ ފުންމިނާ ހަމައަށް ވާސިލްވި… ” ލިވާންގެ ދުލުން ބޭރުވަމުންދިޔަ ބަސްތަކުން ޔަނާލްގެ ހިތަށް ނޭނގޭ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އޭނަގެ ހިތް އުފާވެރިކަމުން ވަށާލިފަދަ އިހުސާސެއްކުރެވިގެން ދިޔައެވެ. އެވަގުުތު ލިވާން އޭނަގެ އަތްތިލައިން ދޫކޮށްލާ އެއްފައި މައްޗަށް ތިރިވަމުން ރަތް ކުލައިގެ އަލިމަސްޖެހި ރިހި އަނގޮއްޓިއެއް ޔަނާލްއަށް ދިއްކޮށްލިއެވެ. ” ޔަނާ… އަހަރެންގެ ހައްގަކަށް ޔަނާ ވާނަންތަ… އަހަރެންގެ މިލޯބި ޔަނާ ގަބޫލުކުރާނަންތަ… ވިލް ޔޫ ބީ މައިން… ” ލިވާންގެ ދުލުން ބުނެލި ބަސްތަކާއެކު ޔަނާލްގެ ދެލޯ އުފާވެރިކަމުގެ ކަރުނައިން ފުރުނެވެ. އޭނާ ހީވެސްނުކޮށް ހުއްޓާ އެހިތުގެ ފުރަތަމަ ލޯބި ކާމިޔާބުވީ ހެއްޔެވެ؟ ލިބުނު އުފަލެއްގެ ބޮޑުކަމުން ޔަނާލްއަކަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. އުފާވެރުކަމުގެ ކަރުނަ ލޮލުން ފައިބަމުންދިޔަ ހާލުން ޔަނާލްއަށް ކުރެވުނުހާވެސް ކަމަކީ މަޑުމަޑުން ބޯ ޖަހާލުމެވެ.
ޔަނާލްގެ އެހަރަކާތުން ޖަވާބު ލިބުނު ލިވާން ޔަނާލްގެ ވައަތުގެ ކަށި އިނގިލީގައި އަނގޮއްޓި އަޅުވާލަދިނެވެ. އަދި އެއަތުގައި ނުހަނު ލޯތްބާއެކު ބޮސްދިނެވެ. ލިވާންގެ އެއަމަލުން ޔަނާލްގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައިރު އަބަދުވެސް ލިވާންއާއެކު ވުމަށް އޭނަގެ ހިތާހިތުން އެދެވުނެވެ. އެރޭ ވެގެން ދިޔައީ ރަހުމަތްތެރިކަމުގެ ގުޅުން އައު ހަރުފަތަކަށް ގެންދެވުނު ރެއަކަށެވެ. އެކަކު އަނެކަކަށްޓަކައި ދެހިތުގައިވީ ލޯބި ދުލުން ބަޔާންކޮށްދެވުމުން ދެހިތަށްވެސް ބަޔާންކުރަން ދަތި ހަމަޖެހުމެެއް ލިބިގެން ދިޔައެވެ. ކޮންމެ ހާލަތެއްގައިވެސް އެކަކު އަނެކަކާ އެކީ ވާނެކަމަށް ވަޢުދުވެ އެތައް އަހުދާ ހުވައެއް ކުރިއެވެ. ދެމީހުން އެކުގައި އަތުގައި ހިފަައިގެން ކޮންމެ ކަމަކާވެސް ކުރިމަތިލާނެކަމަށް ދެމީހުންމެ އިގުރާރުވިއެވެ.
މުށުގެ ތެރޭގައި އޮތް އަނގޮއްޓިއަށް ބާރުކޮށްލި ޔަނާލްގެ ދެލޯ މިފަހަރުވެސް ތާޒާ ހޫނު ކަރުނައިން ފުރިގެންއައެވެ. މެޔާއި ދިމާލުން ރިހުމެއް އިހުސާސްކުރެވުނު ޔަނާލްއަށް މޭގައި އަތް ޖައްސާލަމުން ދެލޯ މަރާ ބާރުކޮށްލެވުނެވެ. މާޒީވެ ގޮސްފައި އެއުފާވެރި ރޭގެ ހަނދާނާއެކު އެހިތުގައިވި ޒަޚަމްތައް އިތުރުކުރުވައިފިއެވެ. އެވޭންތަކަށް ދުވަހަކުވެސް ނިމުމެއްނުވާ ފަދައެވެ. ލިވާން އޭނަގެ ހަޔާތުން އެދިޔައީ ދުވަހަކު ހިތުން ނުފިލާނެފަދަ ފާރުގަނޑެއް އެހިތުގައި އުފައްދާފައެވެ. ލިވާންގެ ލޯތްބާއި އެހީތެރިކަމަށް އޭނަ ބޭނުންވި ހިނދު ލިވާންވީ އޭނައާ މާދުރުގައެވެ. ކިތަންމެ ބޭނުންވިޔަސް އަނބުރާ ލިވާން އޭނަގެ ހަޔާތަކަށް ނުގެނެވުނެވެ. އޭނަގެ މުޅި ހަޔާތްތަށް އަނދިރިކަމާއި ފަޅުކަންވެރިވެގަތީއެވެ.
ރުއިމުގައި އެތައް ވަގުތެއް ހޭދަވެގެންދިޔަކަން ޔަނާލްއަށް ރޭކާލީ މަޢްރިބް ނަމާދުގެ ބަންގީގެ އަޑުންނެވެ. ހަމަހޭވެރިކަން ލިބުނު މީހެެއް ފަދައިން ދެލޯ ފޮހެލުމަށްފަހު ސޯފާއިން ތެދުވިއެވެ. އަލަމާރީގެ އޭނަ ހުޅުވި ވަތްގަނޑުގެ ތެރެއިން ނެގި ރަތް ކުލައިގެ ފޮއްޓެެއްގެ ތެރެއަށް އެއަނގިއްޓި ލުމަށްފަހު ޔަނާލް އެފޮށި ވަތްގަނޑުގެ އެންމެ އެތެރޭގައި ބެހެއްޓިއެވެ. އެއަށްފަހު ވަތްގަނޑު އެތެރެއަށް ކޮށްޕާލުމަށްފަހު ތަޅުދަނޑިން ތަޅުލިއެވެ. އެތައް ވަގުތެއް ބޭކާރު ކުރެވިއްޖެކަން ވިސްނުނު ޔަނާލް ފާޚާނާއަށް ވަނީ އަވަހަށް ތާޒާވެލުމަށެވެ.
ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމުގައި އިކާންގެ އާއިލާ ކާކޮޓަރީގައި ކެއުން ކުރިއަށް ގެންދަމުން ދިޔައެވެ. ކެއުމުގެ ތެރެއިން ކުދިކުދި ސަމާސާތައް ކުރެވެމުން ދިޔައިރު އާއިލާގެ ތެރޭގައިވި ލޯތްބާއި ހަމަޖެހުން ފެންނަ މީހަކަށްވެސް ނަގައިގަނެވޭނެއެވެ. ” އިކާން… ދަރިފުޅާ މަލްހާ ރާއްޖެ އަންނާކަށް ނޫޅޭތަ… މަންމަ ކުރިން ދުވަހަކުވެސް ގުޅާލިން… އެކަމަކު ފޯނެއް ނުނެގި… މީގެ ކުރިން މަލްހާ އިސްވެވެސް މަންމައަށް ދޭތެރެ ދޭތެރެއިން ގުޅާލާނެ… ދުވަސްތަކެެއްވެއްޖެ އެއްވެސް ވަރަކަށް ޚަބަރެެއްނުވަތާ… ރަނގަޅުތަ ހުރިހާ ކަމެއްވެސް…” ކިއާރާއާ ކޮންމެވެސް ސަމާސާއެއް ކުރަމުންދިޔަ އިކާންގެ ހަރަކާތްތައް ދެކެވެން ފެށި ވާހަކައަކުން މަޑުޖެހުނެވެ. އެމޫނުމަތީގެ ކުލަވަރު އޮއްސި ހިނިތުންވުން ފޭދިގެން ދިޔައެވެ. ދޭނެ ޖަވާބެއް ނޭނގިފައި އިކާންއަށް ކާތަށި ހާވަލަހާވަލަ ކުޑައިރުކޮޅަކު އިނދެވުނެވެ. ” އަދި އަންނަ ކަހަލަ ގޮތަކަށް ނޫން ހުރީ… އަދި ދުވަސްކޮޅަކު އެކޮޅުގަ އުޅެން ބޭނުންވާ ވާހަކަ ބުނި… ބިޒީ ގަޑިއަކަށް ވީމަ އެފޯނު ނުނެގުނީ… ” އޭނައާ މަލްހާގެ ގުޅުމުގެ ހަޤީޤަތް ހާމަކުރާނެހާ ހިތްވަރެއް އިކާންއަކަށް ނުލިބުނެވެ. ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން އިކާން ހަފްޒާއަށް ބަލައިލިއެވެ. އެދެމީހުންގެ ގުޅުމަށް އޭނަގެ މައިންބަފައިން އެދިއެދި ހުންނަ ވަރު އޭނައަށް އެނގެއެވެ. އެހެނަސް އަނދިރީގެ ތެރޭގައި އެމީހުން ބައިތިއްބާކަށްވެސް އިކާންގެ ހިތެއް ނޭދެއެވެ. އެކަމަކު ހަޤީޤަތް ހާމަކުރުމަކަށް އެންމެ ބަހެއްވެސް އޭނަގެ ދުލުގެ ކުރިއަކަށް ނުގެނެވުނެވެ. ސިކުނޑީގައި ފުނިޖެހިފައިވި ޚިޔާލުތަކެއްގެ ސަބަބުން އިކާން ކާހިތްވެސް ކެނޑުނެވެ. އެހެނަސް މަންމަމެނަށް ޝައްކެއްވާން ނޭދޭތީ ގަދަކަމުން ނަމަވެސް ކާއެއްޗިހި ހުސްކުރިއެވެ. އިތުރަށް މަޑުކުރަން ބޭނުން ނުވުމުން އިކާން އަރާމުކޮށްލަން ދަނީކަމަށް ބުނެ ކާކޮޓަރިން ނުކުތެވެ.
ކޮޓަރިއަށް ވަތް އިކާން ދޮރު ލައްޕާލުމަށްފަހު ނުކުތީ ބެލްކަންޏަށެވެ. ސިކުނޑި ތެރޭގައި އެނބުރެމުންދިޔަ ޚިޔާލުތަކުގެ ސަބަބުން އޭނަގެ ނަފްސަށް ނުތަނަވަސްކަމެއް ވެރިވެފާވެއެވެ. ފަޒާގެ ތެރެއަށް ދޫކޮށްލި ފުން ނޭވާއާއެކު އިކާން ދެލޯ މަރާލިއެވެ. އެހިނދު އޭނަގެ ލޯ ކުރިމަތީ މަލްހާގެ ސޫރަ ކުރެހިގެން ދިޔައެވެ. އެރީތި ދެލޮޮލާ ތުންފަތުގައިވި ޖާދުވީ ހިނިތުންވުމުން އިކާންއަށްވެސް ހިނިތުންވެލެވުނެވެ. ދެލޯ މަރާލައިގެން ހުރި އިކާންއަށް މަލްހާގެ ބަދަލުގައި ޔަނާލްގެ ސޫރަ ސިފަވުމާއެކު ކުއްލިއަކަށް ސިހިފާ ދެލޯ ހުޅުވާލެވުނެވެ. ” ޔަނާލް… ” ގަބޫލުނުކުރެވިފައިހުރެ މަޑުމަޑުން އިކާންއަށް ޔަނާލްގެ ނަން ކިޔާލެވުނެވެ. އޭނައަށް ޔަނާލްގެ ސޫރަ ސިފަވާންވީ ކީއްވެ ހެއްޔެވެ؟ އޭނަގެ ހިތުގައި ވަނީ މަލްހާއެވެ. އޭނަ ލޯބިވަނީވެސް މަލްހާދެކެއެވެ. އެއީ ހީވިހީވުމެއްކަމަށް އެތައް ގޮތަކުން އިކާން އޭނަގެ އަމިއްލަ ހިތަށް ވިސްނައިދެމުން ކޮޓަރިއަށްވަނެވެ. ބޭކާރު ޚިޔާލުތަކުން ދުރުވާން ބޭނުންވެފައިިވި އިކާން މިކާލްގެ ނަންބަރަށް ގުޅަމުން ކޮޓަރިން ނިކުތީ ބޭރަށް ގޮސްލަން ބޭނުންވެފައިވުމުންނެވެ. ފޯނު ނެގުމާއެކު ކޮފީއަކުން ބައްދަލުކުރަން އެދި ރެސްޓޯރެންޓްގެ ނަން ބުނެ އިކާން ގެއިން ނުކުތެވެ.
ރޭގަނޑުގެ ކެއުމަށްފަހު ސިޓިންރޫމުގައި ޓީވީ ބަލަން އިން އާކިފް ގާތު ސޯފާގައި ހަފްޒާ އިށީނެވެ. ” އިކާންއަށް ބަދަލެެއް އައިސްފިހެނެއް ހިޔެއްނުވޭތަ އާކިފްއަކަށް… މަލްހާއާ ދެކުދިންގެ ގުޅުން ރަނގަޅު ހެނެއް ހިޔެެއްނުވޭ… މިފަހަރު އައިފަހުން އިސްވެ އަހަރެން ކައިރި މަލްހާގެ ވާހަކައެއް ދައްކާފައެއްވެސްނުވޭ… މިރޭވެސް މަލްހާގެ ވާހަކަ ދެކެވުނު ވަގުތު އިކާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިކަން ފާހަގަކުރެވުނު…” ހަފްޒާ އޭނަގެ ހިތުގައި އުފެދިފައިވި ކަންބޮޑުވުން އާކިފްއާ ހިއްސާކުރިއެވެ. ” ވެދާނެ އެކުދިންގެ ދެމެދު މައްސަލައެއް ޖެހުނީ ކަމަށްވެސް… މައްސަލައެއް ޖެހުނަސް ވާހަކަ ދައްކަައިގެން ހައްލުކުރަން އެކުދިންނަށް އެނގޭނެތާ… އެކަންކަމުގެ ތެރެއަށް އަހަރެމެން ނުވަނުން ރަނގަޅުވާނީ… ވިޔަފާރީގެ ކަންކަމުގަ އިކާން ހަމަޖެހިލީމަ ކައިވެނީގެ ވާހަކަ ދައްކަން އަހަރެން ގަސްތުކުރަނީ… އެގޮތް ކިހިނެއްވާނެ… ” ހަފްޒާ ކަންބޮޑުވެފައިވި ތަން ފެނި އާކިފް އޭނައަށް ވިސްނުނު ގޮތް ހާމަކުރިއެވެ. އާކިފްގެ ވާހަކަތަކުން ހަމަޖެހުމެއް ލިބުނު ހަފްޒާވެސް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. އިކާން އާއި މަލްހާގެ ގުޅުމުގެ ކަންކަން ނޭނގިތިބެ އެދެމީހުން ދަނީ އެދެކުދިންނަށްޓަކައި އެތައް ހުފަވެންތަކެއް ދެކެމުންނެވެ. އެތައް އުއްމީދުތަކެެެއް ކުރަމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.








He’llo readw???❤️❤️❤️… Here is the 9th part of Loabivan yaaraaey ❤️❤️❤️… Hope all will like this part too ???… Feel free to comment your views ???… Next part In Sha Allah on Friday… Love you all my readers ❤️❤️❤️??????…
Nice sis love you?????????????????????????????umma
Haif ❤️❤️❤️… Awwwwnn ❤️❤️❤️???… Thankyou soooooo much ❤️❤️❤️??????…
Varah Varah reethi…maa sha allah….????waiting for the next part
Hey thy Naal tha???? Thedhuveri loabi vaahakaige comment akun dhekunin..Naal thoa yageen kohly ingey…
Labba malaa sis me Malaa kiyaa gothuga naal…baeh kudhin yanaa vihyya kiyani..Ekam okay ingey naal kiyas…??
Mi vaahakaiga ulhey Yanaal tha???????? J vey tha You ge name inyma????????
Npxx..Vaahakai ga ulhey Yanaal eh noon kanneynge..????J eh nuvey.???
Yanaa ❤️❤️❤️… Thankyou soooooo much dear ❤️❤️❤️???… V v v ufaavehje ???…
??❤❤??????Varah furihama and varah reethi mi bai ves??????❤❤??waiting for next??❤❤??????
Mai ❤️❤️❤️… Thankyou soooooo much dear ❤️❤️❤️???… V v v ufaavehje ???…
Maasha Allah v reethi mi part vx??????…. Waiting fr nxt part..☺️☺️☺️.. LYSM ifoo sissy…. ???
Kylie ❤️❤️❤️… Thankyou soooooo much dear ❤️❤️❤️???… V v v ufaavehje ???… Much more loves from me dear ❤️❤️❤️???…
alheyyyy???..v v rythi ingey mi part vx???..N sorry that I had missed some parts dhw without commenting???…Exam othyma eyru nukiyun engey..hama ehme story eh kiyaalevey varu vany..dhen iyye aa miadhaa ulhegn mi nimmaaly nukiye huri baithah kiyaa???..So livaan aky yanaa ge first love???…So dhen dhaanish aky livaan ge best frnd kahneyge dhw…vrh curious ingey kohme akas???…umm waiting for the next…lysm ifoo???
Awwwwnn ❤️❤️❤️???… Thankyou soooooo much dear ❤️❤️❤️??????… I missed your comments dear ???… V v v ufaavehje comment kohleema ???… It means a lot for me ???… Much more loves from me dear ❤️❤️❤️??????…
Miyadhu Kon irakun next part up kohla deveyneee………..
So sorry dear… Was too bxy… Now up kohlaifinn ???…