Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ވަޢުދު (ސޯޅަވަަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
October 2, 2019 11 Mins Read
27 Comments

ހަމަ އެވަގުތު އޭނަގެ ދެފައިގައި ވެސް ރިހުމެއް އުފެދެން ފެށުމުން މަލާކަށް އޭނަގެ އެއްފަރާތަށް ނަޒަރު ހިންގާލެވުނެވެ. އޭނަގެ އިސްޓާކީން ބާއްވާފައި އޮންނަނީ އަބަދުވެސް އަރިމަތީ މޭޒުމަތީގައި ކަމަށްވާތީވެއެވެ. އެހެނަސް އޭނައަށް މި އޮވެވުނީ މުޅިން އާ ގެއެއްގައިކަން އެނގުންވުމުން މަލާކްގެ ހިތް ގެނބުނެވެ. އަދި އަމުދުން އިޙްސާސްކުރެވެމުން ދިޔަ ފިންޏަކުން އިސްޓާކީނަކުން ވެސް އޭނައަށް މާ ބޮޑު އެހީއެއް ނުލިބޭނެކަން ޔަޤީންވުމުން މަލާކަށް ސީދާވެލަމުން އެނދުގައި އިށީނދެވުނެވެ. ހަމަ އެވަގުތު އޭނައަށް ދެފައި ވެސް ލަންބާލެވުނު ހިނދު ފައިތިލައިން މުޅި ދެފަޔަށް ވެސް ފެތުރިގެން އައި ތަދާއެކީ މަލާކްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނައަށް މަޑުމަޑުން މަންމައޭ ކިޔައި ގޮވަމުން ކުކުރެން ފެށިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭނަގެ ފައިގެ އިނގިލިތަކަށް ވާންވާން ފެށިހެން ހީވުމުން ހިތް ބިރުވެރިކަމުން ވަށާލެވިގެން ދިޔަ ހިނދު އޭނައަށް ހަޅޭއްލެވުނެވެ.

 

“މަންމާ!” މަލާކްގެ ރޮވިފައި އަޑު ޖެހިގެން ހުރި ކޮޓަރީގައި ހުރި އަޔާޒަށް އިވުމާއެކު އޭނައަށް ކަންބޮޑުވުމަކާއެކީ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ. ދެވަނަ ފަހަރަށް ވެސް މަލާކް އިހުނަށްވުރެ ބޮޑަށް ރޮވިފައިވި އަޑަކުން މަންމާއޭ ކިޔައި ގޮވާލި އަޑަށް އަޔާޒަށް އެ ދޮރާއި ދިމާލަށް ދެވުނީ ދެވަނަ ވިސްނުމެއްވެސް ނެތިއެވެ. ކޮޓަރީގެ ދޮރު ހުޅުވި އަނެއް ކޮޓަރި ތެރޭގައި ފިޔަވަޅު އެޅުމާއެކު އޭނައަށް ފާރާއި ދިމާލަށް އަތް ދިއްކޮށްލަމުން ކޮޓަރީގެ އަލި ބޮކިތައް ދިއްލާލެވުނީ ވެގެން އުޅޭ ގޮތް ބަލަން ހިތް އަވަސްވެފައިވުމުންނެވެ. ކުއްލިއަކަށް ދިއްލިގެން ދިޔަ ބޮކިތަކާއިއެކީ ސްވިޗްތަކުގެ ކައިރިން އަޔާޒް ފެނިގެން ދިޔުމުން ސިއްސައިގެން ދިޔަ މަލާކް ގަތް ކުއްލި ބިރާއެކީ އޭނައަށް ހަޅޭއްވެސް ލެވުނެވެ. ހަމަ އެހިނދު އޭނައަށް ރަނގަޅަށް ރޮއިވެސް ގަނެވުނެވެ. އަޔާޒް އެކަމާމެދު ހުއްޓުން އެރި ވަގުތު މަލާކަށް އެހެންވެދާނެ ކަމާމެދު ވިސްނާނުލެވުނު ކަމަށްޓަކައި ހިސާބަކަށް އަމިއްލަ ނަފްސު ކުށްވެރި ވެސް ކުރެވުނެވެ. އެހެނަސް ވެގެން އުޅޭ ގޮތެއް ބަލަން އޭނަ އަވަސްވިއެވެ.

 

“ކިހިނެއްތަވީ؟” އަޔާޒް މަލާކާއި ދިމާލަށް ދިގު ފިޔަވަޅުތަކެއް އަޅަމުން އެ ސުވާލުކުރީ ވެސް ރަޖާގެ ދަށުން މަލާކް އޭނަގެ ފައިގައި ހިފަހައްޓައިގެން ހުރިކަން ފާހަގަކުރަމުންނެވެ.

 

“ފް…ފަޔަށް ތަދުވަނީ…އަހް!” މަލާކަށް އެހެން ބުނެލެވުނީ ރުއިމުގެ ތެރެއިންނެވެ. އޭނައަށް ރޮވުނީ ހަމައެކަނި ވަމުން ދިޔަ ތަދެއްގެ ސަބަބުންނެއްނޫނެވެ. އެހެނެއްކަމަކު އޭނައަށް މި ވަމުންދާ ގޮތުގެ އާޚިރު ނަތީޖާ ނިކުމެދާނެ ގޮތް ވެސް ތަކުރާރުކޮށް ސިފަކުރެވެމުން ދިޔަ ގޮތުންނެވެ. އޭނަ ވެގެން ދާނީ ބީރައްޓެހި ބައެއްގެ ތެރޭގައި ވާގި ދޫވެފައި އޮންނާނެ ޒުވާނަކަށްތޯ އެ ކުޑައިރުކޮޅުގެ ތެރޭގައި އެތައް ހާސް ފަހަރަކު އޭނަގެ ހިތަށްއެރިއެވެ. އޭނަ އަމިއްލަ ޚިޔާލުތަކުގައި ވަނިކޮށް އަޔާޒް ގޮސް ސުވާލެއްވެސް ކުރުމެއްނެތި އެނދުގެ ފައި ލާ ކޮޅާއި ދިމާލުން ރަޖާ ހިއްލައި މަލާކްގެ ފައި ފެންނާނެހެން އެ ބައި ދުރުކޮށްލިއެވެ. އެހިނދު މަލާކްގެ އިނގިލިތަކަށްވެފައި ހުރި ގޮތް ފެނިފައި ވީ ގޮތް ނަގައިގަނެވުނު ހިނދު އަޔާޒަށް ދެދަތްޕިލަ ޖައްސާލެވުނީ އަމިއްލަ ނަފްސަށް ވީ ނުރުހުމުގައެވެ. އޭނަ ވަގުތުން ކޮޓަރީގެ ކިޔަވާ މޭޒު ކައިރިއަށް ގޮސް އޭގެ މަތީގައި އޮތް އޭސީ ރިމޯޓް ނަގައި އޭސީ ނިވާލިއެވެ. އޭސީ ނިވިގެން ދިޔަ އަޑަށް މަލާކް ރުއިން މަޑު ކުރަމުން އެއްފަހަރު އޭސީއަށް އަނެއްފަހަރު އަޔާޒަށް ބަލާލިއެވެ. އެ ހިނދު އަޔާޒް އަނބުރާ އޭނަ ގާތަށް އަންނަން ފެށުމުން މަލާކަށް ރޯން ނޭނގިފައި އަޔާޒަށް ބަލަން އިނދެވުނެވެ. އޭނަ ބަލަބަލާ އިންދާ އަޔާޒް އައިސް އެނދުގެ ފައިލާ ކޮޅުގައި އިށީނދެ އޭނަ ކައިރި ކޮށްގެން އިން ދެ ފިޔަވަޅުގެ އިނގިލިތަކުގެ މަތީގައި އަޔާޒްގެ ބޮޑު އަތް އެޅިއެވެ. އެ އަތުގެ ހޫނުކަން އިޙްސާސް ކުރެވިގެން ދިޔައީ އޭނަގެ ފައިގެ އިނގިލިތަކަށް އެކަނި ކަމަށްވިޔަސް އެ ހޫނުކަމުގެ އަސަރު މަލާކް މުޅި ހަށިގަނޑަށް ފޯރިއެވެ. މުޅި މީހާ ގަނޑުވާން ކައިރިވެފައި ވަނިކޮށް ވިރިގެންދާން ފެށިހެން ހީވިއެވެ. ހިތުގެ ތެޅުން ވެސް އަވަސްވެ މޭތެރެއިން އެ ތެޅުމުގެ އިޙްސާސް ކުރެވެން ފެށި ގޮތުން ހިތަށްވެސް އާ ދިރުމެއް ލިބިގެން ދިޔަހެން އޭނައަށް ހީވިއެވެ. އެހިނދު އޭނަގެ ފައި މަތީގައި އެޅިފައިވި އަޔާޒްގެ އަތަށް ބަލަން އިނދެފައި މަލާކަށް އަޔާޒްގެ މޫނަށް ބަލާލެވުނެވެ. އޭނައަށް ފަސްދީގެން އިށީނދެ އިން އަޔާޒްގެ ނަޒަރު ހުއްޓިފައިވީ އޭނަގެ ފަޔަށް ކަމަށްވުމުން މަލާކަށް ފެންނަމުން ދިޔައީ އެ މޫނުގެ އެއްބައެވެ. އެ މޫނުމަތީގައިވި ކަންބޮޑުވުން މަލާކަށް ފެނުނު ވަގުތުވެގެން ދިޔައީ އޭނަގެ އިނގިލިތަކުގެ ވާންކަން ކެނޑެން ފެށިހެން ވެސް އޭނައަށް ހީވި ވަގުތެވެ. ހަމަ އެ ހިނދު އޭނަގެ ހަނދާނަށް އައީ އޭނަ ކުޑައިރު މިގޮތަށް ކަންތައް ދިމާވި ދުވަހެކެވެ. އެދުވަހު އޭނަގެ އިނގިލިތަކުގައި ހިފަހައްޓައި އޭނަ ރަނގަޅުކޮށްދިނީ އޭނަގެ މަންމައެވެ. މަންމަ ހަމައެކަނި އަތް އަޅައިގެން އޭނަ ރަނގަޅު ކޮށްދިން ގޮތުން ވީ ޙައިރާނުގައި މަލާކަށް އެދުވަހު ސުވާލެއް ކުރެވުނެވެ.

 

“ކީއްވެތަ މަންމަ އަތް އެޅީމަ ހެޔޮވާންވީ؟ މިއީ ކޮންމެވެސް ކަހަލަ މެޖިކެއްތަ؟” 7 އަހަރުގެ މަލާކް އެނދުމަތީގައި އިނދެ އެ ސުވާލު ކުރީ އުޖާލާވި ހިނިތުންވުމަކާއި އެކީގައެވެ.

 

“ހެހެ….މިއީ މެޖިކެއް ނޫނޭ ދަރިފުޅު…މަންމަ އަތް އެޅީމަ މަލާކް ރަނގަޅުވަނީ މި ދުނިޔެއިން މަލާކަށް އެންމެ ހެޔޮ އެދޭ އަދި މަލާކްދެކެ އެންމެ ލޯބިވާ މީހަކީ މަންމަ ކަމަށްވާތީ!” މަންމަ އެވަގުތުކޮޅުގެ އުފާވެރިކަން ދެގުނަ ކުރުމުގެ ގޮތުން ދިނީ އެ ޖަވާބެވެ. އެއީ ޙަޤީޤީ ސަބަބަށް ނުވާނެކަން މަލާކަށް އޭރުވެސް އެނގުނެއްކަމަކު ކުޑައިރު އިވުނު އެ ބަސްތައް މަލާކްގެ ހިތުގައި ބިންވަޅު ނެގިފައިވެއެވެ. އަދި މީހަކުދޭ ލޯތްބެއްގެ ސަބަބުން ވެސް ބައްޔެއް ރަނގަޅުވެދާނެ ކަމަށް އޭނައަށް ހިތުގެ އަޑިން ޤަބޫލުކުރެވެއެވެ.

 

އަޔާޒަށް ބަލަން އިނދެ އެ ޚިޔާލު ހިތަށް ވެރިވުމުން މަލާކްގެ މުޅި ގައިން ހީބިހި ނެގިއެވެ. އޭނަ އެއްކަލަ ޒާތަށް ތުރުތުރު އަޅަން އުޅުނުހެން ހީވުމުން ދެފަރާތުން އެނދުމަތީގައި ބޭއްވިފައި އޮތް ދެއަތުން ބެޑްޝީޓްގައި ހިފައި މުއްކަވާލެވުނީ ބޮޑު ލަދަކުން ސަލާމަތްވުމަށް ސިކުނޑި ބުނަމުން ދިޔަ މިންވަރުންނެވެ. މިއޮތްފަދަ ރެއެއްގައި އަޔާޒްގެ ކުރިމަތީގައި އޭނައަށް އެހެން ދިމާވެއްޖެނަމަ އަޔާޒް ހީކުރާނެ އެއްޗެއް އެނގެނީއެއްނޫން ވިއްޔާއެވެ. އޭނަގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ. އޭގެ މާ ގިނައިރެއްނުވެ އަޔާޒްގެ އަޑު އިވުނެވެ.

 

“ސޮރީ….” އަޔާޒް އިންގޮތަށް އިނދެ ބުނެލީ ހަމައެކަނި އެހާ ވަރަށެވެ. އެއާއެކު މަލާކްގެ ހިތަށް އަރާ ފައިބަމުން ދިޔަ ޖަޒުބާތުތަކައް ވެސް ގެއްލި ދިޔައީ ދާންވީ މިޞްރާބެއް ނޭނގުނު ފަދައަކުންނެވެ. މިވަގުތު އަޔާޒް އޭނައަށް މަޢާފަށް އެދެންވީ ސަބަބެއް މަލާކަށް ނުވިސްނުމުންނެވެ. އޭނަ އަޔާޒަށް ބަލަން އިންދާ އަޔާޒް ދެންވެސް އޭނަގެ އަތް އޮތް ގޮތަށް ބާއްވާފައި މަލާކަށް ބަލާލިއެވެ.

 

“ރަށުގަ އުޅޭއިރު މިހެން ނުވޭދޯ؟” އަޔާޒް އަހާލީ އެނގެން ބޭނުންވެގެންނެވެ. އެހިނދު ވެސް އެ މޫނުމަތިން ފެންނަމުން ދިޔަ ކަންބޮޑުވުމުން މަލާކަށް އިނދެވުނީ އިޙްސާސް ކުރަންވީ ގޮތެއް ނޭނގިފައެވެ.

 

“ން….ނޫނޭ. ކުރިން ވެސް މިހެންވޭ. ކުޑައިރު އަދި މާ ގިނައިން ވޭ. އެއީ މާ ބޮޑަށް ފިނިވީމަ ހަމަ ކޮންމެ މީހަކަށް ވެސް ވެދާނެ ގޮތެއްދޯ؟ މަލާކްގެ ފްރެންޑަކު މޫދަށް ގޮސް އުޅެނިކޮށް ވެސް ވީ ތަން ދުށިން. އެކަމަކު މަލާކަށް މިހެން ވަނީ މާ ގިނައިން. އެހެންވީމަ އަސްލު އިސްޓާކީނެއް ލައިގެން ނިދަނީވެސް. މާ އަވަހަށް ފަޔަށް ފިނިވާތީ.” މަލާކަށް ތަފްޞީލުކޮށް ކިޔައިދެވުނު ގޮތުން ޚުދު އޭނަ ވެސް ޙައިރާންވާ ގޮތްވިއެވެ. މި ބީރައްޓެހިޔާއަށް އޭނައަށް މި ހުރިހާ ވާހަކައެއް ކިޔައިދެވެނީ ކީއްވެތޯ ހިތަށްއެރިއެވެ. އެއީ އަޔާޒް މަޢާފަށް އެދުމުން އޭނައާއި ގާތްކަމެއް އިޙްސާސް ކުރެވުމުން ހެއްޔެވެ؟ އަޔާޒް ދެން ބުނެލި ބަހުން އެކަން އިތުރަށް އިޙްސާސް ކުރެވުނެވެ.

 

“އެނގޭ…” އަޔާޒް އަނެއްކާވެސް އޭނަގެ ފަޔަށް ނަޒަރު ހުއްޓާލަމުން ބުންޏެވެ. އެއާއެކު މަލާކް އަޖާއިބުވާހާވިއެވެ. މިއީ ޑޮކްޓަރަކަށްވުރެ ބޮޑަށް ކާހިނެއްތޯ ހިތަށްއެރިއެވެ. އެހެންޏާ އޭނަ ބުނުމެއްވެސް ނެތި އޭނަގެ ހުރިހާ ކަމެއް އެނގޭނީ އެހެންވީމަ ނޫންހެއްޔެވެ؟ މަލާކް ވިސްނުމެއްގައި އިންދާ އަޔާޒް ދެންވެސް ވާހަކަ ދެއްކިއެވެ.

 

“ފިޔަވަޅުގަ އެކަނިތަ ރިއްސަނީ؟ ފައިގަވެސް ރިއްސާދޯ؟” އަޔާޒް އަހާލިއެވެ. މަލާކަށް މިފަހަރު ޚިޔާލުކުރަންވީ އެއްޗެއްވެސް ނޭނގިފައި އިނދެ ހޫންލައްވާލެވުނެވެ.

 

“ފައި މޫވް ނުކޮށް ހުރި ގޮތަށް ބަހައްޓާ….އެބަ އަންނަން އިރުކޮޅަކުން.” އަޔާޒް އެހެން ބުނެ މަލާކްގެ ފައިގެ އިނގިލިތަކުގައި ހިފާލުމަށްފަހު ދޫކޮށްލިއެވެ. އެހިނދު އިނގިލިތަކުގެ ވާންކަން މުޅިން ކެނޑި އިނގިލިތައް ހުރީ ހުންނަންވާ ގޮތަށެވެ. އެހެނަސް އަޔާޒް ބުނިހެން ދެންވެސް މަލާކްގެ ފައިގެ ކަށިމަތިން ތޫނު ތަނެއް އިޙްސާސް ކުރެވެމުން ދިޔައެވެ. މަލާކް ބަލަބަލާ ހުއްޓާ އަޔާޒް އެނދުން ތެދުވެގެން ގޮސް އަނބުރާ އޭނަގެ ކޮޓަރިއަށްވަނެވެ.

 

ކޮޓަރިއަށް ވަދެގެން ގޮސް އަޔާޒް މަޑުކުރުމެއްނެތި ވަނީ ފާޚާނާއަށެވެ. އެއަށްފަހު ފާޚާނާގެ ކަނެއްގައި ބެހެއްޓިފައި ހުރި ބޮޑު ބާލިދީއެއް ނަގައިގެން އޭނަ ފެން އިސްކުރު ކައިރިއަށް ދިޔައެވެ. އިސްކުރު ދަށުގައި ބާލިދީ ބެހެއްޓުމަށްފަހު ހީޓަރުން ފެން ހޫނު ކޮށްލަމުން އޭނަ އިސްކުރު ދޫކޮށްލިއެވެ. ބާލިދީއަށް ތާފެނާ ފެން އެޅެން ފެށި މަންޒަރު އަޔާޒަށް ބަލަހައްޓައިގެން ހުރެވުނީ ވިސްނުމެއްގެ ތެރެއަށް ގެއްލެމުންނެވެ. އޭނައަށް ކަންތައް މި ކުރެވެނީ ކިހިނެއްތޯ ހާސްވަނަ ފަހަރަށް ހިތަށްއެރިއެވެ. އޭނައަށް މަލާކާއިމެދު މިހާ ބޮޑަށް އަޅާލެވެނީ ކީއްވެ ހެއްޔެވެ؟ އޭނަ އަޅާލާން ބޭނުމެއްވެސް ވަނީއެއް ނޫނެވެ. އަދި އަމުދުން އޭނަ މިގޮތަށް ކަންތައް ކޮށްދިނުމުން އޭނަ މަލާކާއި ވަކިވާންޖެހޭ ދުވަހު މަލާކް އިތުރަށް މައްސަލަ ޖެއްސުން ނޫންކަމެއް ވެސް ވާނީއެއްނޫނެވެ. ވީއިރު އޭނަ މިހެން ހަދަންވީ ކީއްވެ ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމުން އޭނަ އެވަގުތު ކޮށްދޭން އުޅުނު ކަން ވެސް މެދުކަނޑާލަން ހިތަށްއެރިއެވެ. އެހެނަސް އޭނަ އެކަމަށް ނުކުޅެދުނެވެ. އޭނައަށް އެނގުނުހާ ވެސް ކަމަކީ އޭނައަށް އެހީވެވެން އޮތް ބަލިމީހަކަށް އޭނަ އެހީވާން ބޭނުންވާ ކަމެވެ. އަޔާޒް ހިތްހަމަޖައްސާލީ އޭނައަށް މަލާކާއިމެދު މިގޮތަށް ކަންތައް ކުރެވެނީ މަލާކްގެ ބަލި އޭނައަށް އެނގޭތީވެ ކަމަށް އަމިއްލަ ނަފްސުގާތު ބުނަމުންނެވެ.

 

މިނެޓްތަކެއްފަހުން އަޔާޒް އަނެއްކާވެސް ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް މަލާކް ސިހިގެން ދިޔައެވެ. އެހެނަސް މިފަހަރު ބިރުގަތުމުގެ ބަދަލުގައި ޙައިރާންވެގެން ދިޔައީ އަޔާޒް ބޮޑު ބާލިދީއެއް ހިފައިގެން އަންނަ މަންޒަރު ފެނިފައެވެ. އޭނަ ބަލަން އިންދާ އަޔާޒް އައިސް އެނދުގެ ފައިލާ ކޮޅާއި ދިމާލުން ބިންމަތީގައި ބާލިދީ ބެހެއްޓިއެވެ.

 

“މީގަ ހުރީ ކުޑަކޮށް ހޫނުކުރެވިފައި ހުރި ފެން. އިރުކޮޅެއް ވަންދެން ފައި މީގެ ތެރެއަށް ލައިގެން ހުރީމަ ތަދު ފަސޭހަވެގެންދާނެ….މިކޮޅަށް ޖެހިދާނެތަ އަމިއްލައަށް؟” އަޔާޒް ކިޔައިދިނުމަށްފަހު ސުވާލުކުރިއެވެ. މަލާކް އޭނަގެ އާދައިގެ މަތިން ވެވިދާނެ ކަމާއިމެދު ޝައްކު އޮތެއްކަމަކު ނުވާނެއޭ ނުބުނުމުގެ ގޮތުން ވަގުތުން ބޯޖަހާލިއެވެ. އަދި ފަޔަށް ވަމުން ދިޔަ ތަދާއެކީ ވެސް ކުރިއަށް ޖެހެން ފެށިއެވެ. މަލާކް ކުރިއަށް ޖެހެމުން ދިޔަ ވަރަކަށް އެމޫނުމަތިން ފެނުނު ކުލަވަރުން އަޔާޒަށް ދެބުމަ ކައިރިކޮށްލެވުނެވެ. މިއީ ޙަޤީޤަތުގައި ވެސް އޭނަ ދުވަހަކުވެސް ދެކެފައި ނުވާ ޒާތެއްގެ ކުއްޖެއްތާއޭ ހިތަށްއެރިއެވެ. ކަމަކުން ވޭނެއް އަޅާއިރުވެސް އެކަމުން ރެކެން ބޭނުންނުވާ ޒާތެއްގެ ‘ބަލި’ ކުއްޖަކު އޭނައަށް ފެނުނީ އަދި ކިރިޔާއެވެ.

 

އަޔާޒް ހުރި ގޮތަށް ހުއްޓާ މަލާކް އެނދުގެ އެންމެ ކޮޅާއި ޖެހުނެވެ. މަލާކް އޭނަގެ އެއްފައި ބާލިދީގެ ތެރެއަށްލާން އުޅުނު ވަގުތު ހަރުވަޅި އޮޅާލަންވީނޫންތޯ ބުނަން އަޔާޒް އުޅުނެވެ. އެހެނަސް އޭގެ ކުރިން ކުއްލި ގޮތަކަށް މަލާކް އޭނަގެ ދެފައި ވެސް ބާލިދީއަށް ލީ ހިނދު ފެން ތިކިތައް ވެސް ބުރައިގެންއައެވެ. އެ ހިނދު މަލާކް ގޯހެއް ހެދުނު ފަދައަކުން އަޔާޒަށް ބަލާލަމުން ‘ސޮރީ’ އޭ ބުނެލިއެވެ. އެ ދެލޮލުން ފެނުނު ނުތަނަވަސްކަމާއެކީ އެމޫނުމަތިން ފެނުނު މައުސޫމްކަމުން އަޔާޒަށް ލުއި ހިނިތުންވުމަކާއެކީ ‘އިޓްސް އޯކޭ’ އޭ ބުނެލެވުނެވެ. މަލާކްގެ އިޚްތިޔާރުން ބޭރުގައި ވެސް އެފަދަ ބައެއް ކަންތައް ކުރެވޭނެކަން ދަންނަމުންނެވެ. އަޔާޒަށް ދެންވެސް ހަރުވަޅިއާއެކީ ފެނަށް ކޮއްޕާލެވިފައިވި މަލާކްގެ ދެ ފަޔަށް ބަލާލެވުނެވެ. އޭރުވެސް އެ ހަރުވާޅު ހިއްލާލަންވީ ނޫންތޯ ބުނަން ބޭނުންވިއެއްކަމަކު އަޔާޒް ނުބުންޏެވެ. މަލާކް ލައްވާ އޭނަ ޖެހިލުންވާނެ ފަދަ ކަމެއް ކުރުވުންވާނީ ވަކަރެއް ފެޅުން ފަދަ ކަމެއްކަން ދަނެގެންނެވެ. އަދި އަމުދުން އެފަދަ ކަމަކަށް އެދި މަލާކަށް ނުބައި ޚިޔާލެއް ދޭކަށް ވެސް އަޔާޒް ބޭނުމެއްނުވެއެވެ. ކޮންމެ ގޮތެއްވިޔަސް މަލާކްގެ ފައި އެ ބާލިދީއިން ނެގެންދެން މަލާކްގެ ކައިރީގައި ހުންނަންވާނެނޫންތޯ އަޔާޒްގެ ހިތް ބުންޏެވެ. ހަމަ އެއާއެކު މާ ބޮޑު ވިސްނުމެއްނެތި އޭނަ ފަހަތަށް ފިޔަވަޅެއް އަޅާލަމުން މަލާކްގެ ކުރިމައްޗަށް ވާގޮތަށް ބިންމަތީގައި ފާރަށް ލެނގިލައިގެން އިށީނެވެ. އެ ހިނދު އިސްޖެހިފައިހުރި މަލާކް އަޔާޒަށް ބަލާލިއެއްކަމަކު ދެމީހުން ހަތަރު ކަޅި ބަދަލުވުމާއެކު މަލާކް ދެންވެސް އިސްޖަހާލިއެވެ. މަލާކްގެ އެ ޙަރަކާތުން ވެސް އަޔާޒަށް ނޭނގި އޭނަގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލިއެވެ. އޭނަ ސިކުންތުކޮޅެއް ވަންދެން ހިމޭންކަމާއެކީ މަލާކަށް ބަލަން އިނެވެ. މަލާކްގެ ބައްޔާއިމެދު ވިސްނަމުން ދަނިކޮށް އެއްކަލަ އެމްއާރްއައި ރިޕޯޓު މަތިން ހަނދާންވެގެން ދިޔުމުން އަޔާޒަށް ވާހަކަ ދެކެވުނެވެ.

 

“ކޮބައިތަ މަލާކްގެ އެމްއާރްއައި ރިޕޯޓް؟ އެދުވަހު މަލާކް ރަށުގަ ހުއްޓާ އަހަރެން މަލާކް ގޮވައިގެން ގެއަށް ދިޔަ ދުވަހު މަލާކްގެ މަންމަ އެ ރިޕޯޓް ވަރަށް ހޯދި. އެކަމަކު ނުފެނުނު. މަލާކަށް އެނގޭތަ އޭތި އޮތްތަނެއް؟” އަޔާޒް އެ ސުވާލުކުރީ މީގެ ދުވަސްކޮޅެއް ކުރިން މަލާކާއި އޭނަގެ މަންމައާއި ބައްޕަ ކާރުގެ ފަހަތުގައި ތިބެގެން ދެއްކި ވާހަކަ ވެސް ހަނދާންކުރަމުންނެވެ.

 

އަނެއްކާވެސް އޭނަގެ ޙަޔާތް ބަނަކޮށްލި އެމްއާރްއައި ރިޕޯޓްގެ ވާހަކަ އިވިގެން ދިޔުމުން މަލާކްގެ ހިތް ގެނބިގެންދާން އުޅުނު ކަހަލަ އިޙްސާސެއް އޭނައަށް ކުރެވުނެވެ. އަޔާޒަށް ބަލާލުމެއްވެސް ނެތި އެނދުގެ ކޮޅުގައި ބޭއްވިފައި އޮތް ދެއަތަށް ބާރުކޮށްލެވުނީ އެ ރިޕޯޓް އޭނަގެ ޙަޔާތަށް އައިފަހުން ދިމާވިހާ ކަންތަކުގެ މަތިން ހަނދާންވުމުންނެވެ. މުޅި ރަށުތެރޭގައި އޭނައަކީ މޮޔައެއް ކަމުގައި ސިފަވެގެން ދިޔުމުން ފެށިގެން އޭނަ ޢުމުރުން ދުވަސްވީ މުސްކުޅިއަކާއި އިންނަން ބޭނުންވާނެހާ އެކަނިވެރިވެ ނިކަމެތިވެފައިވިހެން ބަޔަކު މީހުންނަށް ހީވެދާ ހިސާބަށެވެ. އަނެއްކާވެސް އެރޭ ކަންތައްވީ ގޮތް ހަނދާނަށް އައުމުން މަލާކްގެ ހިތް ނުރުހުންތެރިކަމުން ފުރިގެންއައެވެ.

 

“ކީއްކުރާ އެމްއާރްއައި ރިޕޯޓެއް؟!” މަލާކް އިސްއުފުލާލަމުން އެ ސުވާލުކޮށްލީ ހިނދު އޭނަގެ އަޑުންނާއި އެމޫނުމަތިން އެ ނުރުހުންތެރިކަން ފާޅުވިއެވެ. އެ ހިނދު އަޔާޒަށް ލިބިގެން ދިޔައީ ޙައިރާންކަމެވެ.

 

“އެމްއާރްއައި ރިޕޯޓަކީ ވަރަށް ފުންކޮށް ފެންނަ ސްކޭންއަކަށް ބަލައިގެން ހަދާފަ އޮންނަ ރިޕޯޓެއް. ރިޕޯޓް ނެތަސް އެ ސްކޭން އޮތަސް އަހަރެން އޭތި ބަލާލަން ބޭނުން. ހީވާގޮތުގަ މަލާކްގެ ސިކުނޑީގެ ސްކޭންއެއް….” އަޔާޒްގެ ވާހަކަ މެދުކެނޑުނެވެ.

 

“މަލާކްގެ ސިކުނޑީގަ އެއްވެސް މައްސަލައެއް ނުހުރޭ! ދެން ކީއްކުރާ ސްކޭންއެއް ރިޕޯޓެއް؟ އެކަހަލަ ސްކޭންއެއް ހަދަންޖެހޭނީ މަލާކަކީ ބަލިމީހަކަށްވި ނަމައެއްނު؟ މަލާކްގެ ނަޒަރުގަ މަލާކް މިއީ ބަލިމީހެއްނޫން އެއްގޮތަކަށްވެސް!” މަލާކަށް އެ ވާހަކަވެސް ބުނެލެވުނީ ބޭއިޚްތިޔާރުގައި އިތުރުވަމުން ދިޔަ ނުރުހުންތެރިކަމާއި އެކީގައެވެ.

 

“އެއްވެސް މީހަކު ބޭނުމެއްނުވާނެއޭ ބަލި މީހަކަށް ވާކަށް މަލާކް. އެކަމަކު މައްސަލައެއް ހުރިއްޔާ އެ މައްސަލަ ބެލުމަކީ ވެސް ނެތްކަމެއް ނޫންދޯ؟ މައްސަލައެއް ހުރިއްޔާ ފަރުވާއެއް ހޯދައިގެން މަލާކަށް ހިނގުމަކީ ވެސް އެކަށީ….” އަޔާޒްގެ ވާހަކަ އަނެއްކާވެސް މެދުކެނޑުނެވެ.

 

“މަލާކް ބޭނުމެއްނޫނޭ ހިނގާކަށް! ކީއްވެގެންތަ އެންމެންނަށް ހީވަނީ މަލާކް ބޭނުންވާހާ ވެސް ކަމަކީ މި ދެފައި މައްޗަށް ކޮޅަށް ތެދުވުމޭ؟! އެއީ މުޅިން ކުށްހީއެއް! މަންމަ ނަޞޭޙަތް ދިން ގޮތަށް މަލާކަށް ލިބިފަ ހުރި ނިޢުމަތްތަކަށް މަލާކް ހިތުން ރުހުމުން ޝުކުރުވެރިވަން. ލިބިފަ ނެތް ކަންކަމާމެދު ޝަކުވާ ކުރެވޭ ވަރަށްވުރެ ބޮޑަށް މަލާކް އަބަދުވެސް ޝުކުރުވެރިވަން. އެހެންވީމަ ކަންނޭނގެ މަލާކަށް ނުހިނގުމަކީ މައްސަލައެއް ނޫންކަމަށް މި ދެކެވެނީ ވެސް. މަލާކް ބޭނުމެއްނޫން ފަރުވާއެއް. ދެން ބޭނުމެއްނޫން މަލާކަކީ ބަލިމީހެއްގެ ގޮތުގަ އެކަކުވެސް ދެކޭކަށް…އެހެންވީމަ ޑޮކްޓަރ އަޔާޒް…..މަލާކާއި އެކީ ޑޮކްޓާރ އުޅުއްވިޔަސް މަލާކާއިމެދު ބަލިމީހެއްގެ ގޮތުގައި ނުދެކުން އެދެން!” މަލާކްގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވާން ފެށިއެއްކަމަކު އޭނަ ވާހަކަ ނިންމާލީ ވެސް ސާބިތު އަޑަކާއި އެކީގައެވެ. މަލާކްގެ އެ ބަސްތައް އިވިގެން ދިޔަ އަޔާޒަށް ހީވީ އޭނަގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލާލެވުނީހެންނެވެ. މި ހުރިހާއިރު އޭނަ މަލާކަށް ހެޔޮކޮށް ކަންތައް ކޮށްދިނީ މަލާކަކީ އޭނަ ބަލަހައްޓާ ބަލިމީހެއްގެ ގޮތުގައި ދެކިގެންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މަލާކަށް ކަންތައްކޮށްދިނުމުގެ ރޫޙު އޭނަގެ ހިތުގައި އާލާކުރީ އެ ބަހަނާގައެވެ. އެހެނަސް މަލާކް އެގޮތް ބޭނުންނުވާކަން އެނގުމުން އަޔާޒްގެ ހިތް މާޔޫސްވީ އޭނަ މަލާކާއި އަޅާލުމުން ދުރުވެދާނެހެން ހީވުމުންނެވެ. އެކަމާމެދު ވެސް އަޔާޒްގެ ސިކުނޑިއަށް ވެރިވީ އިންތިހާ ދަރަޖައިގެ ޙައިރާންކަމެކެވެ. އޭނަގެ އިޙްސާސްތަކާއިމެދު ވިސްނައިގަންނަން ވެސް ނޭނގިފައި އަޔާޒަށް އިނދެވުނެވެ.

 

އަޔާޒް އިންގޮތަށް އިންދާ މަލާކް ކުއްލި ގޮތަކަށް އޭނަގެ އެއްފައި ބާލިދީގެ ތެރެއިން ނެގިއެވެ. އެ ޙަރަކާތުން ގަތް ވޭނުން ލުއި އާހެއްގެ އަޑު އޭނަގެ އަނގައިން ނިކުތެއްކަމަކު މާ ގިނައިރެއްނުވެ އޭނަ އަނެއް ފައި ވެސް ބާލިދީގެ ތެރެއިން ނަގާލިއެވެ. އެ ހިނދު އޭނަގެ ފައިންނާއި ހަރުވާޅުން އޮހެން ފެށި ފެންތިކިތަކުން ޓައިލްސް މަތީގައި ފެންގަނޑެއް ހެދެން ފެށިއެވެ.

 

“ނިކަން އަވަހަށް ތުވާއްޔެއް ގެނެސްދިނުން އެދެން. އަދި މަލާކްގެ ގޮނޑި އަބަދުވެސް މަލާކްގެ އެނދުގެ ކައިރީގައި ބެހެއްޓުން އެދެން. މަލާކްގެ ކަންތައް މަލާކަށް ވީ ވަރަކުން މަލާކް ކުރާނީ އަމިއްލައަށް. ދެންމެ މި އެދުނު ދެ ކަންތައް ވެސް އަމިއްލައަށް ކުރެވޭނެނަމަ ކުރީމުސް…” މަލާކް އެއްދިމާލަށް ބަލަން އިނދެ އެހެން ބުނެލީ ސާބިތު ހިތަކާއި އެކީގައެވެ. ދެންމެ އަޔާޒްގެ ފަރާތުން އިޙްސާސް ކުރެވިގެން ދިޔަ އޯގާތެރިކަމުން އޭނަ ހިނދުކޮޅަކަށް ނަމަވެސް ޖަޒުބާތުގައި ޖެހިގެންދާން އުޅުނެވެ. އެހެނަސް ދެންމެ ދެކެވިގެން ދިޔަ ވާހަކައިން މި ދުނިޔޭގެ ހިތްހަރުކަން ހަނދާންވެގެން ދިޔުމުން މަލާކްވެސް ހަރުވެލަން ބޭނުންވީއެވެ.

 

އަޔާޒަށް އިރުކޮޅެއް ވަންދެން މަލާކަށް ބަލަން އިނދެވުނެވެ. މަލާކަށް އައި ކުއްލި ބަދަލާއިމެދު ވިސްނުނެވެ. މަލާކަށް އެ ބަދަލެއް އައީ އެމްއާރްއައި ރިޕޯޓުގެ ވާހަކައިންކަން އަޔާޒަށް ފާހަގަކުރެވުނެވެ. އެއީ ކީއްވެތޯ ހިތް ސުވާލުކުރުމުން މަލާކަށް ފެނިގެން ދިޔައީ އަސްލުނޫން ރިޕޯޓެއްތޯ ވެސް ހިތަށްއެރިއެވެ. އެވަގުތު އެސުވާލުކުރަން އަޔާޒް ބޭނުންވިއެއްކަމަކު މަލާކްގެ މޫނުމަތިން ފެނުނު ނުރުހުންތެރިކަމުން އެއީ އެ ވާހަކައަށް ރަނގަޅު ވަގުތަކަށް ނުވާނެކަމަށް އަޔާޒް ނިންމިއެވެ. އެއަށްފަހު ބިންމަތިން ތެދުވެލަމުން މަލާކް އެދުނު ގޮތަށް ކަންތައް ކޮށްދޭން ފެށިއެވެ. އަޔާޒް އުޅުނީ ތުވާލި ގެންގޮސް މަލާކްގެ ފައިން ފެން ފޮހެދޭށެވެ. މަލާކް އެވަގުތު ގުދުވުމުންވެސް އިތުރު ތަދެއްވުން ނޫންކަމެއް ނުވާނެކަން ދަނެގެންނެވެ. އެހެނަސް އޭނައަށް ތުވާއްޔާއެކީ އެހާ ހިސާބަށް ދެވުމާއެކު މަލާކް އޭތި ޖަހައިގަންނަމުން އަޅަމުން ދިޔަ ވޭނާއި އެކީވެސް އަމިއްލައަށް ފައި ފޮހެން ފެށިއެވެ. އަދި އަޔާޒް ގޮނޑި ގެނެސްދިނުމުން ގޮނޑިއަށް އަރައިގެން ގޮސް ހެދުން ފޮށިން ހަރުވަޅިއެއް ނަގައިގެން ހަރުވަޅި ބަދަލުކުރަން ދިޔައީ ވެސް އަމިއްލައަށެވެ. އަޔާޒަށް އެ ހުރިހާ މަންޒަރެއް ބަލަން ހުރެވުނީ ބުމަގޮށްޖަހައިގެންނެވެ. އެހެނަސް އެ ޙާލަތު ބަދަލުކުރެވޭނެ ވަރަށްވުރެ ބޮޑަށް މަލާކްގެ ބޯހަރުކަން ދަނެގެން އޭނަ އަމިއްލަ ކޮޓަރިއަށް ގޮސްވަނެވެ.

 

އޭގެ އަނެއްދުވަހު ހެނދުނުވެސް އަޔާޒަށް މަލާކްގެ ފަރާތުން ފެންނަމުން ދިޔައީ އެ ހަރުކަމެވެ. އޭނަ ގޭގައި ފަތިސް ނަމާދު ކުރުމަށްފަހު ކަސްރަތު ކޮށްލައިގެން ނިކުތްއިރު ވެސް މަލާކް ހުރީ މޫނު ދޮވެ ތާޒާވެލައިގެން ހެދުން ބަދަލުކޮށް ބުރުގާވެސް އަޅައިގެންނެވެ. އަޔާޒް ސައިބޯންވީދޯއޭ ބުނެލުމުން މަލާކް ކޮޓަރިން ބޭރަށް ދިޔުމަށް ގޮނޑި ދުއްވާލީ އިތުރު އެއްޗެކޭ ބުނުމެއްވެސް ނެތިއެވެ.

 

ގޭގެ އެހެން މީހަކު ތެދުވުމުގެ ކުރިން ދެމީހުން އެކީގައި ހޭދަކުރި ސައި ގަޑީގައި ވެސް މަލާކްގެ ފަރާތުން ފެންނަމުން ދިޔަ އޭނައާއި ދުރުވާ ޒާތުގެ ޙަރަކާތްތަކުން އަޔާޒް ހިތްހަމަޖެހެންވީއެއްކަމެއް ނޫނީ ދެރަވާންވީ ކަމެއް އޭނައަށް ޔަޤީނެއް ނުކުރެވުނެވެ. ކޮންމެ ގޮތެއްވިޔަސް މަލާކްގެ އެ ޙަރަކާތްތަކުން އޭނަ މި ކައިވެނި ކުރި މަޤްޞަދުގެ މަތިން އޭނަ ހަނދާން އާވިއެވެ. އެއާއެކު މަލާކާއި އޭނައާއި ދެމެދު ދުރުކަމެއް އޮތުމުން ރަނގަޅީނޫންތޯ ހިތާހިތުން ކިޔަމުން އޭނަ ސައިބޮމުން ދިޔައީ މައުވާ މަތިން ވެސް ހަނދާންކުރަމުންނެވެ. ހަމަ އެއާއެކު އޭނައަށް އާދެވުނީ ފޯނު ކާރުގައި ބާއްވާފައިކަން އެނގުންވުމުން އަޔާޒް ހިނދުކޮޅަކަށް ހުއްޓުން ވެސް އަރާގޮތްވިއެވެ. އޭނަ ސައިބޮއި ނިމުމުގެ ކުރިން ވެސް ޢިމާރާތުގެ ތިރިއަށް ގޮސް ގަރާޖަށް ވަދެ ކާރުގެ ތެރޭގައި އޮތް ފޯނު ބެލީ މައުވާގެ މެސެޖެއް ލިބިފައިވިތޯ ބެލުމަށެވެ. އެހެނަސް އެހާއިރު ވީއިރުވެސް މައުވާގެ މެސެޖެއް އެއްވެސް ތަނަކުން އައިސްފައި ނެތުމުން އޭނަ މައުވާއަށް ގުޅާލަން ވެސް އުޅުނެވެ. އެހެނަސް އޭރުން އޭނަ މި އެޅި ފިޔަވަޅުގެ މަޤްޞަދު ގެއްލިދާނެކަން ދަނެގެން އަޔާޒް ދެންވެސް އިންތިޒާރުކުރަން ނިންމިއެވެ.

 

މިގޮތުގައި މަލާކާއި އަޔާޒްގެ ކައިވެނިން ދެދުވަހެއްހާ މިންވަރު ފާއިތުވެގެން ދިޔައެވެ. މަލާކް އަމިއްލަ އަމިއްލައަށް ކަންތައް ކުރުމުގައި މަޝްޣޫލުވެފައިވީއިރު އަޔާޒް މައުވާގެ މެސެޖަކަށް އިންތިޒާރު ކުރަމުން ދިޔައެވެ. މަލާކް އަމިއްލައަށް ކަންތައް ކުރާ މަންޒަރު ފެނިފައި އަޔާޒްގެ ހިތަށް އުދަގޫވިއެއްކަމަކު އެރޭގެ ފަހުން މަލާކްގެ ފަޔަށް ވަކި މާ ބޮޑު ތަދެއް ނުވާނެކަން އެނގޭތީ އޭނަ އަޅާލުމެއްނެތި ހުރީއެވެ. އެދެމީހުންގެ ދެމެދުގައިވި ދުރުކަން ފިލުވަން ވަސީމާ ކިތަންމެ ސަމާސާއެއްކޮށް ބޭރަށް ދިޔުމަށް ނަޞޭޙަތެއް ދިނެއްކަމަކު ދެމީހުންވެސް އެއަކަށް ވަކި ފަރުވާލެއް ނުދިނެވެ.

 

މިހުރިހާ ކަމެއްގެ ތެރެއިން ނިޝާން އެމީހުންގެ ގޭގެ މައްސަލަ އަޔާޒްމެން ކައިވެނި ކުރިތާ ދެވަނައަށްވީ ދުވަހު ކޯޓަށް ހުށަހެޅިއެވެ. ނިޝާން އުޅުނީ އެދުވަހުން އެދުވަހަށް ވެސް މައްސަލަ ނިންމާލެވޭތޯއެވެ. މަސްޢޫދު ވެސް އެދުވަހު ހަވީރު ރަށަށްދާން ނިންމައިގެން ހުރުމާއި އެކީގައެވެ. އެހެނަސް ކޯޓުގައި ހުރި ގާޒީ އެއްގޮތަކަށް ވެސް އޭނަގެ ‘ކޮޅު’ މޮޅުވުމަށް އެއްބާރުލުން ނުދިނުމުން އެ މައްސަލަ ތިން ހަފްތާ ފަހުން ބަލަން ތާވަލު ކުރެވިގެން ދިޔައެވެ. ނިޝާން އެކަމާމެދު ކިތަންމެ ހޫނުވިއެއްކަމަކު އޭނަ ހިމޭންކަން ޚިޔާރުކުރީ ކޮންމެވެސް ދުވަހަކުން އިންސާފު ލިބޭނެކަމަށް ހިތާހިތުން ކިޔަމުންނެވެ.

 

މަސްޢޫދު ފުރައިގެން ދިޔަ ވަގުތު މަލާކަށް އަލްވަދާޢު ކިޔުނީ ކަރުނުން ފުރިގެންދިޔަ ދެލޮލާއި އެކީގައެވެ. މަސްޢޫދު ކިޔުނުވަރުން ނޫންނަމަ މަލާކް އޭނަގެ އެ ބައްޕަ ފުރުވަން އެއާރޕޯޓަށް ވެސް ދިޔައީހެވެ. މަލާކްގެ ފަރާތުން އިޙްސާސް ކުރެވުނު އެ ކުލުނުގެ ސަބަބުން ފަހު ވަގުތު މަސްޢޫދުގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އަދި މަލާކާއި ވަކިވެގެން ދިޔައީ ބައްޕައަށް ގުޅާށޭ ބުނަމުންނެވެ.

 

އޭގެ އަނެއްދުވަހު ހަވީރު ވަސީމާ ދޫނުކުރުމުން އެންމެފަހުން މަލާކާއި އަޔާޒް ގެއިން ބޭރަށް ދިޔުމަށް އެއްބަސްވިއެވެ. އެމީހުން ޙަޤީޤަތުގައި ދާން އެއްބަސްވީ ބާޒާރު ކުރުމުގައި ބޮޑުމަންމައަށް އެހީވުމުގެ ނިޔަތުގައެވެ. އެއްގޮތަކަށް ވެސް އެކަކު އަނެކަކާއެކީ ވަގުތު ހޭދަކުރުމުގެ ނިޔަތުގައެއްނޫނެވެ. ކޮންމެ ގޮތެއްވިޔަސް އުޖާލާވި ހިނިތުންވުމެއްގައި ހުރި ވަސީމާ ރުޅި މޫނު ހަދައިގެން ތިބި އެ ދެމީހުން ގޮވައިގެން ގެއިން ނިކުންނަން ނިންމީ ފައިމަގުގައެވެ. އެމީހުން ކިރިޔާ އެއްބަސްވީ ވެސް ދާނީ ކައިރި ފިހާރައަކަށްކަމަށް ބުނުމުން ކަމަށްވާތީވެއެވެ.

 

ފައިމަގުގައި ފިހާރައަށް ދިޔުމަށް ޢިމާރާތުން ނިކުތް ވަގުތު ގޮނޑި އަމިއްލައަށް ދުއްވަމުން ދިޔަ މަލާކަށް އަޔާޒަށް ބަލާލެވުނެވެ. ހަމައެއާއެކު ބާޒާރުކުރަން ދާނަމަ ފުދޭވަރަކަށް ގިނައިރު ވަންދެން މަލާކް ގޮނޑި ދުއްވަން ޖެހޭނެކަން އެނގުންވުމުން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ބާޒާރުކޮށް ނިމެންދެން ގޮނޑި ދުއްވައިދެންތަ؟ އަތުގަ ރިއްސާނެ އެހާ ގިނައިރުވަންދެން އަމިއްލައަށް ދުއްވީމަ…” އަޔާޒް އެހެން ބުނެލީ މަލާކަށް އެހީވާން އޭނަގެ ހިތް އެދުނު ވަރުންނެވެ. އަޔާޒް އެހެން ބުނުމުން ވަސީމާގެ މޫނުމަތިވެސް އުޖާލާވެގެން ދިޔައެވެ. އެހެނަސް އޭނަގެ އެ ވާހަކައިން މަލާކް އޭނައަށް ބަލާލީ ދެލޯ ހަނިކޮށްލަމުންނެވެ.

 

“ނޯ ތޭންކްސް!” މަލާކް އެހެން ބުނެލަމުން ގޮނޑި ކުރިއަށް ދުއްވާލިއެވެ. އަޔާޒް އެ މަންޒަރު ބަލަން ހުރެފައި ދެބުމަ އަރުވާލަމުން އަނގައަށް ގޮތެއް ހަދައި ‘ގުޑް ފޯ މީ’ އޭ ބުނެލިއެވެ. އެއަށްފަހު އޭނަ މަލާކްގެ ފަހަތުން ދާން ފެށުމުން ދެމީހުންނަށް ވަކިވަކިން ބަލަން ހުރި ވަސީމާ ދަމަހައްޓަން އުޅުނު ހިނިތުންވުން ވެސް ފޭދިގެން ދިޔައެވެ. އޭނަ ވަރުބަލިވެފައި ކަހަލަ ގޮތަކަށް އެދެމީހުންނަށް ބަލަން ހުރެހުރެފައި ހިނގައިގަތެވެ.

 

އަޔާޒް ބުނިހެން މަލާކް މާލޭގެ މަގުމަތިން ދުއްވަން ފެށިތާ ދެ މިނެޓެއްހާ ވަރުވީއިރު ވެސް ވަރުބަލިވާން ފެށިއެވެ. އަދި ކޮނޑާއި ދިމާލުން ތަދެއް އަރަން އުޅުނުހެން ވެސް ހީވަމުން ދިޔައެވެ. އެހެނަސް މަލާކް އެއީ ނުވާކަމެއްކަމަށް ހަދަމުން ދުއްވަމުން ދިޔައީ ވަށައިގެން ފެންނަމުން ދިޔަ އާ މަންޒަރުތަކަށް ބަލަމުންނެވެ. ރަށުގައި ހުންނަ މަގުތަކާއި ޚިލާފަށް ގާ އެޅިފައި ހުރި މަގުތަކުން ދުއްވަމުން ދިޔައިރު އަރި އަޅަމުން ދިޔަ ގޮތުން ބުރަކަށީގެ ތިރިން ބަލިވަމުން ދިޔައެއްކަމަކު އޭނަ އެކަމާ އަޅާލުމެއްނެތި ވަސީމާ ކައިރިން ފެންނަމުން ދިޔަ ތަންތަނާއިމެދު ސުވާލުކުރަމުން ދިޔައެވެ. އެ ހުރިހާއިރުވެސް އަޔާޒް ހުރީ ދޭތެރެދޭތެރެއިން އޭނަގެ ފޯނަށް ބަލަބަލައެވެ.

 

އަޔާޒް ކިރިޔާވެސް އޭނަގެ ފޯނުން ނަޒަރު ވަކިކޮށްލީ ވަސީމާ އެ ދެމީހުން ގޮވައިގެން ގޮސް މާލޭގެ ބޮޑު ފިހާރައަކަށް ވަނުމަށްފަހުގައެވެ. ގަންނަންވީ އެއްޗެއްސާއިމެދު ބޮޑުމަންމަ ސުވާލުކުރަން ފެށުމުން ފޯނު ޖީބަށް އަޅާލަން އަޔާޒަށް މަޖުބޫރުވިއެވެ. މަލާކް ވެސް ވަކި އެމީހުންނަކަށް ބެލުމެއްނެތި އަމިއްލައަށް ދުއްވަމުން އެމީހުންނާއި ކައިރި ހިސާބެއްގައި ހުރި ހަރުތައް ބަލަމުން ދިޔައެވެ. އެހެނަސް މާ ގިނައިރެއް ނުވެ އޭނަ ފުރޮޅި އަނބުރާލި ވަގުތު އޭނަގެ އަތަށްއެރި ތަދާއެކީ އޭނަގެ އަތް ތުރުތުރު އަޅަން ފެށިއެވެ. ހިތުގައި އުފެދުނު ބިރުވެރިކަމާއެކީ އޭނައަށް އެދެއަތަށް ވަކިން ބަލާލެވުނެވެ. އޭނަގެ ފަހަތުގައި ވަސީމާ ކައިރި ހުއްޓި ހުރި އަޔާޒް އޭނައަށް ބަލާލީ ވެސް އެވަގުތެވެ. މަލާކްގެ އަތް ތުރުތުރު އަޅާކަން ފާހަގަވުމާއެކު އަޔާޒްގެ ހުރިހާ ސަމާލުކަމެއް އެދިމާލަށް ދަތުރުކުރިއެވެ. އަޔާޒް ހީކުރީ މަލާކް ވަގުތުން އެހީއަށް އެދި ގޮވާނެކަމަށެވެ. އެހެނަސް މަލާކް އޭނަ އަމިއްލަ ނަފްސަށްވީ ވަޢުދުގެ މަތިން ހަނދާންކޮށް އެހީއަކަށް ނުގޮވައި އަމިއްލަ ނަފްސު އަމިއްލައަށް ބަލަހައްޓަން ނިންމިއެވެ. މަލާކް އަމިއްލައަށް ތުރުތުރު އަޅަމުން ދިޔަ އަތާއެކީ ފުރޮޅު އަނބުރާލި ވަގުތު އޭނަގެ އަނގައިން އާހެއްގެ އަޑު ނިކުތީ ކަނދުރާއިން ފެށިގެން ބުރަކަށީގައި މެދުގައި ހިފާލި ތަދެއްގެ ސަބަބުންނެވެ. މަލާކްގެ އިސް އޮބިގެން ދިޔަ މަންޒަރު ފެނިފައި އަޔާޒަށް އެދިމާލަށް ފިޔަވަޅުތަކެއް އެޅެން ފެށީ ނުހުރެވިގެންނެވެ. އޭނަ ވަގުތުން މަލާކްގެ ކައިރިއަށް ގޮސް އިތުރު އެއްޗެކޭ ބުނުމެއް ނެތި މަލާކްގެ ކޮނޑު މަތިންނާއި ފައިގެ ދަށުން އަތް ގެންގޮސް މަލާކް އަތްދަނޑިމައްޗަށް އުފުލާލިއެވެ. ހިތަށް ސިހުމެއް ލިބިގެން ދިޔަ މަލާކަށް އާދައިގެ މަތިން ބޭއިޚްތިޔާރުގައި އޮވެވުނީ އަޔާޒްގެ ގަމީހުންގެ އެއްއަތުން ހިފަހައްޓައި ދެލޯ ބޮޑުކޮށްގެން އަޔާޒަށް ބަލަހައްޓައިގެންނެވެ. އެ ހިނދު އެދިމާލަށް ނަޒަރު ހުއްޓާލި ވަސީމާގެ އިތުރުން ފިހާރައަށް ގޮސް ތިބި ބައެއް މީހުންގެ ނަޒަރުތައް ވެސް އެދެމީހުންނަށް އަމާޒުވިއެވެ. އެހެނަސް އެދެމީހުންގެ ނަޒަރު ހުއްޓިފައިވީ އެކަކު އަނެކަކަށެވެ.

 

އެދެމީހުންނަށް ނޭނގުނުކަމަކީ އެދެމީހުން ދަންނަ މީހެއްގެ ނަޒަރު ވެސް ކައިރީގައި ހުރި ހަރެއްގެ ކައިރިން އެދެމީހުންނަށް އަމާޒުވެފައިވިކަމެވެ. އަތްކުރު ގަދަ ނޫކުލައިގެ ކަކުލާއި ހަމައަށް އޮތް ހެދުމުގައި ހުރި އެ ޒުވާން އަންހެން ކުއްޖާގެ ކުރު އަދި ފަން އިސްތަށިގަނޑުގައި ޖެއްސިފައިވީ މުށިކުލައިއެކެވެ. އެއްއަތުގައި އެޅުވިފައިވި އަތްދަބަހުގެ ތެރެއިން ފޯނެއް ރިންގުވާން ފެށުމުން އޭނަ އެ ފޯނު ނެގީވެސް އަޔާޒްމެނަށް ބަލަން ހުރެއެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސާލި ވަގުތު އެކި ކުލަކުލަ ޖެއްސިފައިވި އޭނަގެ ދިގު ނިޔަފަތްތައް ފެނިގެން ދިޔައެވެ.

 

“ހޫމް….އެބަފެނޭ އެދެމީހުން…ހީކުރި ކަހަލަ މަންޒަރެއްނޫން މިފެނުނީ. އެކަމަކު މި މަންޒަރު ވަރަށް އަވަހަށް ބަދަލުކުރެވިދާނެ….އަޔާޒްގެ މައުވާ މިހިރީ އައިސްފަ ވިއްޔާ.” މައުވާ އެހެން ބުނެލި ހިނދު އޭނަގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ނަމަވެސް…ތިޔަ ހަނދާނޭ ވަނީ – 2 –

Next

ވާނަން އުމުރަށް – 32 –

Next
October 2, 2019

ވާނަން އުމުރަށް – 32 –

Previews
October 2, 2019

ނަމަވެސް…ތިޔަ ހަނދާނޭ ވަނީ – 2 –

27 Comments!

  1. Jana says:
    October 2, 2019 at 6:01 pm

    Assalaam’alaikum. Lasvi kamattakai maafah edhen. thankolheh busy vegen dhiyaee hama 🙂 dhen varah avahah Ayaz aai Malaak Russia ah dhaane. dhen oiy bain kameh yageen koh bunaakah neyngey. hehe…In Sha Allah mi bayaa gulhey post mirey genesdheynan ^_^

    1. Nash says:
      October 2, 2019 at 7:58 pm

      Whn next

    2. Jana says:
      October 3, 2019 at 8:53 pm

      Sunday In Sha Allah ^_^

  2. Kairaa says:
    October 2, 2019 at 6:19 pm

    Wowwwwww…..mi part vx varah reethi…..❤️❤️❤️❤️❤️and this story is one of my favourite story……?????waiting for the nxt part….

    1. Jana says:
      October 3, 2019 at 8:54 pm

      Alhamdhulillah! (All praise and thanks belong to Allah) <3 <3 <3 Next part sunday ga In Sha Allah 😀

  3. Shiv says:
    October 2, 2019 at 6:28 pm

    Woooow v rythi mi bai vx.. ? waiting 4 next part..

    1. Jana says:
      October 3, 2019 at 8:54 pm

      Alhamdhulillah! Next part sunday ga In Sha Allah 😀

  4. Eekko 11 says:
    October 2, 2019 at 7:35 pm

    Woooooooooow…… I love it I just love it Jana…..?? This story is Hama awesome

    1. Jana says:
      October 3, 2019 at 8:55 pm

      Eekko haadha foariekey? 😀 hehe…Alhamdhulillah! ^_^

  5. Kiyaa says:
    October 2, 2019 at 9:11 pm

    Aley ehen nuhadha baaa ??? mauvaa nugennachey ayaaz and malaakge lifeah ???BTW story is superb ❤️❤️❤️❤️❤️Mashaa Allah ♥️♥️???when next part❓please please please avas kohlachey can’t wait much long for this wonderful story ??????

    1. Jana says:
      October 3, 2019 at 8:57 pm

      dhen jana ah kureveyne kameh neh dho kiyaa? Mauva ehery hama aissa dho? balamaa eyna hadhaa gotheh In Sha Allah. Next part sunday ga In Sha Allah 🙂

  6. Liyaa says:
    October 2, 2019 at 9:52 pm

    Mauvaa vaanee moya dhw fahun mikamaa visnaa visnaa ?

    1. Jana says:
      October 3, 2019 at 8:59 pm

      hehe…thihen vejjeyya Ayaz jeheyny dhen eyna ge sikundiah faruvaa kuran kanneynge dho? 😛 ekamaku moya viyya bodah beynunvaanyves psychiatrist eh dho? Psychiatrist eh kairiah Mauva fonuvaafa Ayaz aa Malaak veema ves happy ending dho? ehen vedhaane baa? *curious* 😀

  7. Jana says:
    October 2, 2019 at 10:06 pm

    Blog post:

    “If you were to count the blessings of Allah, you will not be able to enumerate them.” Surah Ibrahim, 34

    This ayah is usually translated as if you were to count the ‘blessings’ of Allah. But the word for blessing used in this ayah is ‘ni’mah’ which is the singular version of the word. So the ayah would literally translate as ‘if you were to count the BLESSING of Allah, you will not be able to enumerate them.’ But how does that make sense? How are we supposed to ‘count’ just one blessing?

    The thing is, that’s the nature of every single blessing that Allah has given us. Take the example of our eyes. Which we open every day and we are able to see the world around us as it is. With these eyes, we get to experience everything beautiful around us. We see the beautiful sceneries of nature, day in and day out. We see the smiles on the faces of our loved ones that bring joy to our hearts. We know where we are headed as we walk or run just because of these eyes. We are able to take part and/or enjoy sports with the use of these eyes. Moreover, we know how to save ourselves from tripping or any other dangers with the help of our eyes.

    The things that I have listed above, are they still EVERYTHING just the blessing of our eyes does for us? The obvious answer is no! And no matter how much we try, we would not be able to list every single way that just our eyes are helping us. Subhaanallah!

    So when Allah says, if you were to count the BLESSING of Allah, you would not be able to enumerate it, it’s the absolute truth. Because we can’t fully appreciate even one blessing.

    So the next time your heart complains, know that Allah’s blessings have ALWAYS gone above and beyond all your worries. Take just one blessing and think about it. And you will no longer find time to think about your worries In Sha Allah.

    May Allah make us of those who focus on our blessings rather than our worries. Ameen!

    #Selfreminder

  8. Jana says:
    October 2, 2019 at 10:15 pm

    Salaam. dhivehi post In Sha Allah jana maadhama genesdheefa comment thakah reply kohdheynan. busy dhuvahakah fahu varah balivefa mihiry. ehenveema maadhama In Sha Allah <3 🙂 Next part sunday ga In Sha Allah.

  9. Faathima says:
    October 2, 2019 at 10:43 pm

    Vaahaka v reethi..maasha Allah..Jana keehvetha faithila ah fiyavalhu liyefa ehury..n haruvaalhu ge badhaluga ves fenuny mulhin ves haruvalhi liyefa hurithan..ehenve kiyan thankolheh undhagoo gotheh hurey..

    1. Jana says:
      October 3, 2019 at 9:08 pm

      mi comment kiyaafa jana ah hevunu ingey Faathima. hehe…jana balivefa hure liyaairu hahthahaaves Addu bahun liyevifa e hunnany. mihaaru thi ‘haruvalheege’ massala hunnaany hallukoffa. ekamaku ‘fiyavalhu’ mi bas beynun kurevifaivany jana balaali iru hama rangalhah. faithila ah fiyavalhuves kiyey kamah vany. ^_^ Jazaakillah Khairan kuhthah faahaga kohdhin kamattakai Faathima. 🙂 Alhamdhulillah! <3

  10. Me says:
    October 3, 2019 at 12:35 am

    ހަރުވަޅި އެއްނޫން ” ހަރުވާޅު”. ލު

    1. Jana says:
      October 3, 2019 at 9:09 pm

      Ma Sha Allah. kuhthah faahaga kohdhinumuge rongun jana ah award eh dheveyne nama eythi dhaany ‘Me’ ah 😀 Jazaakallah Khairan <3 mihaaru e thankolhu hunnaany rangalhu kurevifa 🙂

  11. Xaaan says:
    October 3, 2019 at 9:16 am

    Masha Allah mi partve vvvv reethi jana plx malaak n ayaaz dhuru nukurahchey waiting next part…..

    1. Jana says:
      October 3, 2019 at 9:11 pm

      Malaak aa Ayaz dhurukuran dho Mauva aissa ehery. Mauva buneema Ayaz eyna kairiah nudhaanehen Xaaan ah heeveytha? *curious* balamaa dho vaagotheh 😀 In Sha Allah next part sunday ga ^_^

  12. Jasmine says:
    October 3, 2019 at 2:30 pm

    Mi part ves hama amazing. Waiting 4 next.

    1. Jana says:
      October 3, 2019 at 9:12 pm

      Alhamdhulillah! Next part sunday ga In Sha Allah 🙂

  13. Jana says:
    October 3, 2019 at 8:53 pm

    Blog post: (Dhivehi)

    “ތިޔަބައިމީހުން ﷲ ގެ ނިޢުމަތްތައް ގުނައި ޢަދަދު ކުރަން އުޅުނަސް އެ ނިޢުމަތްތައް ޢަދަދުނުކުރެވޭނެއެވެ.” ސޫރަތުއްނަޙްލު، 18

    މި އާޔަތް ޢާއްމުގޮތެއްގައި ތަރުޖަމާވެގެން އަންނަނީ ‘ނިޢުމަތްތައް’ މި ބަހާއި އެކީގައެވެ. އެހެނަސް ނިޢުމަތަށްޓަކައި ޢަރަބި ބަހުން އާޔަތުގައި ބޭނުންކުރެވިފައިވި ބަސްކަމަށްވާ نِعْمَة
    އަކީ އެ ބަހުގެ މުފްރަދު ގޮތެވެ. އެހެން ގޮތަކަށް ބުނާނަމަ އެ ބަސް މާނަ ކުރެވޭނީ އެންމެ ނިޢުމަތެއްގެ ގޮތުގައެވެ. އެހެންކަމުން އާޔަތުގެ ސީދާ ބަސްތަކަށް ބަލައި އާޔަތް މާނަ ކުރާނަމަ މާނަވެގެން ދާނީ މިހެންނެވެ. ތިޔަބައިމީހުން ﷲ ގެ ‘ނިޢުމަތް’ ގުނައި ޢަދަދު ކުރަން އުޅުނަސް އެ ‘ނިޢުމަތް’ ޢަދަދުނުކުރެވޭނެއެވެ. އެހެނަސް އެ މާނައިގައި އައިބު ގޮތެއް އެބަހުއްޓެވެ. އެންމެ ނިޢުމަތެއް ގުނައި ޢަދަދު ކުރަންވީ ކީއްވެ ހެއްޔެވެ؟

    ޙަޤީޤަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރުމެންނަށް ދެއްވި ކޮންމެ ނިޢުމަތެއްގެ ޒާތަކީ އެއީކަމެވެ. އަހަރުމެންނަށް ލިބިފައިވާ ލޮލުގެ މިސާލު ނަގަމާ ހިނގާށެވެ. ކޮންމެ ދުވަހަކު މި ލޯ ހުޅުވިގެން ދިޔުމާއެކު އަހަރުމެންނަށް އަހަރުމެންގެ ވަށައިގެންވި ދުނިޔެ ފެނިގެންދެއެވެ. ޤުދުރަތީ ރީތި މަންޒަރުތައް މުޅި ދުވާލާއި ރޭގަނޑު ފެންނަމުން ދަނީވެސް މި ލޮލުގެ އެހީގައެވެ. އަހަރުމެން ލޯބިވާ މީހުންގެ މޫނުތަކުން ހިނިތުންވުންތައް ފެނި ހިތަށް ފިނިކަން ލިބިގެން ދަނީ ވެސް މި ލޮލުގެ ސަބަބުންނެވެ. އަހަރުމެން ހިނގާފައާއި ދުވެފައި ދާއިރު ދެވޭ ނުދެވޭ ދިމާލެއް އެނގެނީ ވެސް ލޮލުގެ ސަބަބުންނެވެ. އަހަރުމެންނަށް ކުޅިވަރުތަކުގައި ބައިވެރިވެ ކުޅިވަރުތަކުގެ ފޯރި ނެގެނީ ވެސް ލޮލުގެ އެހީގައެވެ. މީގެ އިތުރުން ތަނެއްގައި އަޅައި އަރިއެޅުމުންނާއި އެހެނިހެން ނުރައްކާތަކުން ވެސް އަހަރުމެންނަށް ސަލާމަތް ވެވެނީ ލޮލުގެ ފެނުމުގެ ސަބަބުންނެވެ.

    ދެންމެ އަޅުގަނޑު މި ސިފަކުރި ހުރިހާ ކަންތައްތަކަށް ބެލިޔަސް، އަހަރުމެންގެ ލޯ އަހަރުމެންނަށް އެހީވެދޭ ހުރިހާ ގޮތްތަކަށް އަޅުގަނޑަށް އަލި އަޅުވާލެވިފައިވޭ ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް ނޫނެވެ. އަހަރުމެން ކިތަންމެ މަސައްކަތެއް ކުރިޔަސް އަހަރުމެންގެ ލޮލުން އަހަރުމެންނަށް ފައިދާ ކުރާ ގޮތްތައް އަހަރުމެންނަށް ޢަދަދު ނުކުރެވޭނެއެވެ. ސުބްޙާނަ ﷲ!

    އެހެންކަމުން އަހަރުމެންނަށް ދެވިފައިވި ‘ނިޢުމަތް’ އަހަރުމެންނަށް ގުނައި ޢަދަދު ނުކުރެވޭނެކަމަށް ބުނެވޭ ބަހަކީ ހަމަ ޙަޤީޤަތެކެވެ. އެހެނީ ﷲ ދެއްވި އެންމެ ނިޢުމަތަކުން ވެސް އަހަރުމެންނަށް އެހީ ލިބި ފައިދާ ކުރާ ގޮތްތައް އަހަރުމެންނަށް ޢަދަދު ނުކުރެވޭނެތީވެއެވެ.

    އެހެންކަމުން ތިބާގެ ހިތް ޝަކުވާ ކުރާ ހިނދު ހަނދުމަކުރާށެވެ. ތިބާ ހާސްވެ ނުތަނަވަސްވާ ހުރިހާ ކަންތަކަށްވުރެ ބޮޑަށް ﷲ ތިބާއަށް ދެއްވާފައިވި ނިޢުމަތްތައް އަބަދުވެސް ބޮޑުވެފައި ގިނަވެގެންވެއެވެ. ﷲ ދެއްވި އެންމެ ނިޢުމަތަކާއި މެދު ވިސްނައި ފިކުރުކުރާށެވެ. އޭރުން ތިބާ ދެރަވެ ހިތާމަކުރަންޖެހޭ ކަންތަކާމެދު ވިސްނާލާނެ ފުރުޞަތެއް ތިބާއަށް ނުލިބޭނެކަން ގައިމެވެ.

    މާތް ﷲ އަޅަމެންނަކީ އަޅަމެންގެ މައްސަލަތަކަށްވުރެ ބޮޑަށް އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ސަމާލުކަންދޭ ބަޔަކު ކަމުގައި ލައްވާށި! އާމީން!

  14. jiji says:
    October 3, 2019 at 11:14 pm

    Kiyaafa busy kamun thankolheh lahun mi comment kohlevuny…anyway mi bai vx v rythi…Jana alhey mauva dhen edhemeehun dheythere ah nuvahdhahchey…Alhey dhen kihineh baa vaany….So curious…lym jana?

  15. Snow says:
    October 3, 2019 at 11:18 pm

    Mi vaahaka v reethi. Hehe abadhu mihen buneveny reethi kamun ?

    Ayaz faadu faada goi dhoonukoh ulhunas hihevey dhw ?
    Malaak ves vaki ayaz ah dhuley nudheythi adhi vakin reethi hahahah

  16. Ibbe says:
    October 4, 2019 at 11:46 pm

    Janaa ge vaahaka tha varah reethi
    Comments nukuriyas Jana ge vaahaka tah kiyan
    V interesting keep going on
    Allah thibaa thi kuraa mashakthuga barakaaii lahvaashi

Comments are closed.

Next Episodeވަޢުދު (ސަތާރަވަނަ ބައި)←


All Right Reserved!