“ނޫނޭ ބޮޑުމަންމާ….ބޮޑުމަންމަ ކައިރި އެއްޗެކޭ ބުނެލަން ބޭނުންވެގެން މި ގުޅާލީ….އަހަރެން ބޭނުން މަލާކްއާ އިންނަން…” ފޯނުގެ އެކޮޅުން އިވުނު ބަސްތަކުން ލިބުމާއެކީ ކޮޓަރީގެ ރީތިވާ މޭޒުކައިރި ހުއްޓިހުރި ވަސީމާއަށް ސިހުމެއް ލިބުނެވެ. އެ ބަސްތައް ޤަބޫލުކުރަން ނޭނގިފައި އޭނައަށް ސިކުންތުކޮޅަކަށް ހުރެވުނެވެ. މިއީ ހަމަ ޙަޤީޤަތެއްތޯ ހިތަށްއެރި ވަގުތު އޭނައަށް ވާހަކަ ދެކެވުނެވެ.
“އަޔާޒް ކީއްވެތަ ކުއްލިއަކަށް ތިހެން ތިބުނީ؟ މަލާކްއާ އިންނަން ބޭނުންނުވަންޏާ ނުއިންނައްޗޭ….އެއީ ރަނގަޅުކަމެއް ނޫން.” ވަސީމާއަށް އެހެން ބުނެލެވުނީ ހިސާބަކަށް އަމިއްލަ ނަފްސު ކުށްވެރިކުރަމުންނެވެ. އަޔާޒް މި ނިންމުން ނިންމީ އޭނައާއި ނިޝާން ކިޔާވަރުން ދަތިވެގެން ކަމަށް ހީކުރެވުނެވެ.
“މިއީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫނޭ ބޮޑުމަންމާ….އަހަރެން ހަމަ…ބޭނުންވަނީ…ވަކިން ޚާއްޞަކޮށް މިއަދު އެކުއްޖާގެ މަންމަ ދުނިޔެ ދޫކޮށް ދިޔައިމަ. އެ މަންމަ އަހަރެން ގާތު އެންމެ ފަހަކަށް ބުނެލި ބަސްތަކަކީ އެކުއްޖާ ބަލައިދޭށޯ. އެކަމަށް އަހަންނަށް އެއްބަސްވެސް ވެވުނު…އެހެންވީމަ ބޮޑަށް އިންނަން ބޭނުން މިވަނީ…” އަޔާޒް ބުންޏެވެ. އެ ހިނދު އޭނައަށް އެ ބުނެވުނީ މުޅިއަކުން ގޯސް ވާހަކައެއް ނޫންކަމަށް އޭނަގެ ހިތް ބުންޏެވެ. އޭނަގެ ރޭވުމުގެ މަތިން އޭނައަށް އެ ވަޢުދު ވެސް ފުއްދިދާނެކަމަށް ހިތާހިތުން ކިޔާލެވުނު ހިނދު އެ ރޭވުމަށްޓަކައި އޭނައަށް އަމިއްލަ ނަފްސަށް ތަޢުރީފު ކުރެވުނެވެ.
“ދެން މައުވާ؟ އޭނައާއި ވަކިވެއްޖައިންތަ މިހާރު؟” ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވަސީމާ ސުވާލުކުރިއެވެ. އެ ސުވާލާއެކީ އަޔާޒްގެ ތުންފަތުގައި ކުޅެލަކުޅެލާ ހުރި ހިނިތުންވުން ފިލައިދިޔައެވެ. ބޮޑުމަންމައަށް މި ހީވަނީ ހާދަ ބޮޑު ކުށްހީއެކޭ ހިތަށްއެރިއެވެ. އޭނަ ދުވަހެއްގެ ކޮޅުންވެސް މައުވާ ދޫނުކުރާނެކަމަށް ބުނެ ހިތް ހަޅޭއްލެވި ހިނދު އޭނަ ފޯނުގައި ހިފަހައްޓައިގެން ހުރި އަތަށްވެސް ބާރުކޮށްލެވުނެވެ.
“ވަރަށް އަވަހަށް ވަކިވާން މިއުޅެނީ ބޮޑުމަންމާ….އެކަމާ ކަންބޮޑުނުވުން އެދެން. ބޮޑުމަންމަ ކިޔައިދިން ވާހަކަތައް އަހަންނަށް މިހާރު ވިސްނޭ. އެހެންވީމަ ބޭނުމެއްނޫން މައުވާއާއެކީ އުޅޭކަށް.” އަޔާޒް ބުނެލިއެވެ. މިއީ ޙަޔާތުގައި ވެސް އޭނައަށް މިހާ ބޮޑު ދޮގެއް ހެދުނު ފުރަތަމަ ފަހަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަމަށްޓަކައި އޭނައަށް ދުވަހަކުވެސް މީހަކު ކުށްވެރި ނުކުރާވަރަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނަގެ ބައްޕައާއި ބައްޕަ ދުވަހަކުވެސް ދޮގު ނެހެދުމަށް ދިން ނަޞޭޙަތްތަކުގެ މަތިން ހަނދާންވެފައި ދެރަވެސްވިއެވެ. އެހެނަސް އަޔާޒް އަމިއްލަ ނަފްސު ދިފާޢުކުރީ މިއީ އޭނައަށް މަޖުބޫރު ޙާލަތެއްކަމަށް އަމިއްލަ ނަފްސުގާތު ބުނަމުންނެވެ.
“ހަމަ އަސްލުވެސްތަ އަޔާޒް؟! ޤަބޫލެއްވެސް ނުކުރެވޭ ބޮޑުމަންމައަށް! އަލްޙަމްދުލި ﷲ! ހަމަ ޔަޤީނުންވެސް ﷲ އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ހެޔޮ ގޮތް ދައްކާ….އުފާ ކުރޭ ދަރިފުޅު. އިން ޝާ ﷲ ކުރިއަށް އޮތް ތަނުގަ ދަރިފުޅަށް ލިބެން އުޅެނީ ވަރަށް ވެސް އުފާވެރި ދިރިއުޅުމެއް. މަލާކަށް ނުހިނގުނަސް ކިހާ ރީތި ޝަޚްޞިއްޔަތެއް ހުރި ކުއްޖެއް އެއީ؟ އަދި އަޔާޒް ތިއީ ޑޮކްޓަރަކަށްވީމަ މަލާކްގެ ފަޔަށް ފަރުވާވެސް ކޮށްދެވިދާނެއެއްނު؟ އެއީ ފަރުވާއެއް ނެތް ކަމެއްވިއްޔާ ބޭރު ޤައުމަކުން އެހީ ހޯދައިގެން ދިރާސާ ކޮށްގެން ވިޔަސް އަޔާޒަށް ފަރުވާ ހޯދައިދެވިދާނެއެއްނުދޯ؟” ވަސީމާ އުފާވެރި ހިނިތުންވުމަކީ އޭނަގެ ޚިޔާލުތައް ޙިއްސާ ކުރިއެވެ.
“އާނ ބޮޑުމަންމާ….އެއަށް ފަރުވާ ހޯދައިދިނުމަކީ މުޅިއަކުން ނުވާނެކަމެކޭ އަހަރެން ނުބުނާނަން…” އަޔާޒަށް އެހެން ބުނެލެވުނީ މަލާކްގެ ފަރުވާއަށްޓަކައި އޭނައަށް ކުރެވިދާނެ ކަންތަކާއިމެދު ވިސްނަމުންނެވެ. ހަމަ އެ ހިނދު ނޭނގޭ ސަބަބަކާހުރެ އޭނަ މަލާކާއި އިނދެގެން އުޅުމަށް އޭނަ ދެންމެ ނިންމި ވަގުތުކޮޅުގެ ތެރޭގައި މަލާކަށް ފަރުވާކޮށްދިނުމުގެ ޝައުޤުވެރިކަން ބޮޑުވިއެވެ. އެހެނަސް މައުވާ މަތިން ހަނދާންވުމުން އޭނަ ވަގުތުން ސިކުނޑިން އެ ޚިޔާލު ފޮޅުވާލިއެވެ.
“އިން ޝާ ﷲ މަލާކްވެސް އަދި ރަނގަޅުވާނެ. އަދި ﷲ ގެ ރަޙްމަތްފުޅުން ތި ދެކުދިންނަށް ލިބޭނީ ވަރަށް ބާއްޖަވެރި ޒަވާޖީ ޙަޔާތެއް.” ވަސީމާއަށް އެހެންވެސް ބުނެލެވުނީ ނުފިލާ ހިނިތުންވުމެއްގައި ހުރެއެވެ. އެހެނަސް އެ ބަސްތައް އަޑުއަހަން އިން އަޔާޒްގެ މޫނުމަތީގައިވީ ސީރިއަސްކަމެވެ. އޭނައަށް މައުވާ ނޫން މީހަކާއެކީ އުޅެގެން އުފަލެއް ލިބިދާނެކަމަށް ހީކުރަން ވެސް ބޭނުމެއްނުވިއެވެ. މިއީ ހައްތަހާވެސް މިވޭތުވެދިޔަ އަހަރު ތަކުގައި މައުވާ އޭނަގެ ސިކުނޑީގައި ބިންވަޅު ނަގައި ހަރުކޮށްފައިވި ޚިޔާލެއްކަން ދަނެގަންނަން އަޔާޒް ނުކުޅެދިފައިވިއެވެ. އެހެންކަމުން އެރޭ އެ ފޯނު ކަނޑާލި ވަގުތުވެސް އޭނަ ހުރީ އަދިވެސް މައުވާއާއި އޭނަގެ ގުޅުން ދެމެހެއްޓުމަށް އޭނަ ރޭވި ރޭވުން ކުރިއަށް ގެންދިޔުމުގެ ނިޔަތުގައެވެ.
**
އޭގެ އަނެއްދުވަހުގެ ހެނދުނު އާދައިގެ މަތިން އަޔާޒަށް ހޭލެވުނީ ފަތިސް ނަމާދަށްޓަކައި އޭނަގެ ބޮޑުމަންމަ އޭނައަށް ގޮވުމުންނެވެ. އާދައިގެ މަތިން އޭނަ ދޮންބެއާއެކީ މިސްކިތަށް ގޮސް ނަމާދު ކޮށްގެން ގެއަށްއައެވެ. މިސްކިތަށް ދިޔަ މަގުމަތީގައި އޭނަ ކައިވެންޏަށް އެއްބަސްވީ ވާހަކަ ދޮންބެއަށް އިވިފައިވިކަން އަޔާޒަށް އެނގުންވިއެވެ. ދޮންބެވެސް ބޮޑުމަންމައާއި އެއްވަރަށް އެކަމާމެދު ހިތްހަމަޖެހިގެން ވާހަކަ ދެއްކުމުން އަޔާޒް ވަކި އިތުރު އެއްޗެކޭ ނުބުނެ ހިނިތުންވުންތައް ދައްކަމުން ދިޔައީއެވެ.
ހެނދުނު ގެއަށް ގޮސް އޭނަގެ ތަނަވަސް ކޮޓަރިއަށް ވަދެ ކޮންމެ ދުވަހެއްގެ އާދަތަކުގެ މަތިން އޭނަ ހެނދުނު ކުރާ ކަސްރަތުތައް ކުރަން ފެށިއެވެ. މާލެއަށް އަނބުރާ އައިފަހުން އަދި ޖިމަކަށް އެޕްލައި ކުރުމުގެ ފުރުޞަތެއް ނުލިބޭތީ އޭނަ ކަސްރަތުތައް ކޮށް އުޅެނީ އޭނަގެ ތަނަވަސް ކޮޓަރި ތެރޭގައެވެ. ކަސްރަތު ކުރަމުން ދިޔައިރު ވެސް ކީއްވެކަމެއް ނޭނގެއެވެ. ދޭތެރެ ދޭތެރެއިން އޭނައަށް ސިފަވަމުން ދިޔައީ މަލާކްގެ ސޫރައެވެ. މަލާކް އެއާރޕޯޓް ތެރެއިން ފެނުނު ދުވަހެވެ. އޭނަގެ އަތާއި ފަޔަށް ބާރު ކުރެވިފައިވި ގޮތެވެ. އޭނަ ފެނުމުން މަލާކް ސިއްސައިގެން ދިޔަ ގޮތެވެ. އަމިއްލައަށް ގޮނޑި ދުއްވާފައި ދާއިރު އެ ހުންނަ ހިތްވަރެވެ. އަދި އޭނަ މަލާކް ދަށްކޮށްލަން އުޅުމުން ވެސް މަލާކް އެ ދެއްކި ސާބިތުކަމެވެ. އެއަށްފަހު މަލާކްގެ މަންމަ ދުނިޔެއާއި ވަކިވީ ވާހަކަ އިވުމުން އެ މޫނުމަތިން ފެނުނު ހިތާމަވެރިކަން ހަނދާންވެފައި އަޔާޒްގެ ޙަރަކާތްތަކަށް ހުއްޓުމެއްއައެވެ. ގޮނޑިއެއްގައި އިނދެ އެއްއަތުން އުފުއްލަމުން ދިޔަ ބޭރި ލަސްލަހުން ތިރިކޮށް އޭނައަށް އޭތި ކައިރީގައި ހުރި ތިރި ކަބަޑު މަތީގައި ބާއްވާލެވުނެވެ. އޭނަ ވިސްނުމަކަށް ގެއްލިފައިވަނިކޮށް ބޭރު ކޮޓަރީގެ ތެރެއިން ބޮޑުމަންމަ އޭނައަށް ގޮވައި ސައިބޯން އައުމަށް ބުނެލި އަޑުއިވުނެވެ. އެއާއެކު އަޔާޒް މި އަންނަނީ ކަމަށް ބުނެ ފެންވަރަން ދިޔައެވެ.
ފެންވަރައި ތާޒާވެލައިގެން އަޔާޒް ކޮޓަރިން ނިކުތީ އޭނަ މާލޭގައި ވަޒީފާ އަދާކުރާނެ ހޮސްޕިޓަލަކާއި މެދު ޚިޔާލުކުރަމުންނެވެ. މި ހުރިހާ ދުވަހު އެކަމާ ނޫޅެ ހުރެވުނީ އޭނަ އަނެއްކާވެސް އަނބުރާ ރަޝިޔާއަށް ދާކަހަލަ ގޮތަކަށް ނިންމައިގެން ހުރީތީވެއެވެ. އެހެނަސް އޭނަ މިހާރު ރާވައިގެން އުޅޭ ރޭވުމަށްޓަކައި ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ދޮންބެމެން އުއްމީދު ކުރާ ގޮތަށް ހަދަން އެބަޖެހެއެވެ. ކާގެއަށް ދެވުނު ވަގުތު އޭނަ ހަމަ އެދުވަހުން އެދުވަހަށް ސިޓީ ލާނެ ހޮސްޕިޓަލް ނިންމާލެވުނީ އެހެންވެއެވެ. އެހެނަސް އޭނައަށް ސައިބޯން ނުއިށީނދެވެނީސް މޭޒުމަތި ތައްޔާރުކުރަމުން ދިޔަ ބޮޑުމަންމަ ވާހަކަ ދެއްކިއެވެ.
“އަޔާޒް ތިރިއަށް ގޮއްސަ މަލާކްއާ އޭނަގެ ބައްޕަ ގޮވައިގެން އަންނަންވީއެއްނު ސައިބޯން؟ އަހަރުމެން ނުބުނަންޏާ އެމީހުންނަށް ވެސް ނޭނގޭނެތާ! އަހަރުމެންގެ އެދުމަށް އެމީހުން މިކޮޅަށް އައީ….ހެޔޮ ނުވާނެ އެމީހުން އެހެން ދޫކޮށްލާކަށް. ގޮއްސަ ގޮވައިގެން އާދޭ އަޔާޒް!” ވަސީމާ ބުނެލިއެވެ. އަޔާޒް އެ ވާހަކަ އަޑުއަހަން ހުރެފައި ބޯޖަހާލަމުން ވަކި ދެކޮޅު ހެދުމެއްނެތި ދިޔައެވެ. ނިކަމެތި ޙާލެއްގައި ތިބި ބަޔަކަށް އެހީތެރިވާން އޭނަވެސް ބޭނުންވުމުންނެވެ. އަދި މި ޙާލަތުގައި އޭނަ މަލާކް ބަލާ ދިޔަޔަސް އެދެމީހުންގެ ގުޅުމަކަށް ވަކި ބަދަލެއް ނާންނާނެކަމަށް އަޔާޒަށް ނިންމުނެވެ. އަޔާޒް އެމީހުން އުޅޭ ފަންގިފިލާއިން ނިކުމެގެން ގޮސް ތިރިއަށް ދިޔުމަށްޓަކައި ލިފްޓަށް އެރީ އެއީ ކިހާ ބޮޑު ކުށްހީއެއްކަން ނޭނގިއެވެ.
ލިފްޓުން ގޮސް އަޔާޒް ފޭބީ ޢިމާރާތުގެ ފަސްވަނަ ފަންގިފިލާއަށެވެ. ލިފްޓުން ފޭބުމަށްފަހު އަޔާޒް އޭނައާއި ދިމާ ކުރިމަތިން ފެންނަން ހުރި ދޮރާއި ދިމާލަށް ދިޔައެވެ. އޭނަ އެ ދޮރުގެ ކައިރީގައި ހުރި ބެލްއަށް ފިތާލަން އުޅުނު ވަގުތު ދޮރު ހުޅުވިގެން ދިޔައެވެ. ދޮރުމަތިން އޭނައަށް ފެނިގެން ދިޔައީ މިލާފައިވި މޫނަކާއެކީ ހުރި މަސްޢޫދެވެ. މަސްޢޫދު ފެނުނު ފުރަތަމަ ސިކުންތުގައި އަޔާޒް އެއްޗެކޭ ބުނަން ޖެހިލުންވިއެވެ. އެހެނަސް އެއްޗެކޭ ނުބުމުން ޙާލަތް ގޯސްވުން ނޫންކަމެއް ނުވާނެކަން ދަނެގެން އޭނައަށް ވާހަކަ ދެކެވުނެވެ.
“ސަލާމް ބޭބޭ! ބޭބެއާއި މަލާކް ބަލާ އަހަރެން މިއައީ. ބޮޑުމަންމަ ބޭބެމެންނަށް ދަޢުވަތު އެބަދޭ ހެނދުނު ސައިބޯން….ބޭބެމެން އަންނަންވީއެއްނު އަހަންނާއެކީ؟” އަޔާޒް ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެހިނދު އޭނައަށް ބަލަންހުރި މަސްޢޫދުގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
“ޝުކުރިއްޔާ އަހަރުމެން ބަލާ އައި ކަމަށްޓަކައި….އަހަރުމެން ތި ދަޢުވަތު ޤަބޫލުކުރާނަން. ސައިބޯން ގޮއްސަ ބޭބެއަށް ބުނެވޭނެ ކަންނޭނގެ އަޔާޒްގެ ދޮންބެ ކައިރި ބުނަން ބޭނުންވެފަ ހުރި ވާހަކަ.” މަސްޢޫދު އެ ފަހު ބަސްތައް ބުނެލީ އިސްޖަހާލަމުންނެވެ.
“ކޮން ވާހަކައެއްތަ ބޭބޭ؟” އަޔާޒަށް ދެބުމަ ކައިރިކޮށްލަމުން އަހާލެވުނެވެ. އެއާއެކު މަސްޢޫދު އޭނަގެ އަތުގައި އޮތް އާދައިގެ ސިޓީ އުރައެއް ދައްކާލިއެވެ.
“މިއީ ތިކުދިންގެ ބައްޕަގެ ވަޞިއްޔަތް….އަޔާޒް މަލާކްއާ އިނަސް ނުއިނަސް ބޭބެ މިހިރީ މީތި ދީފަ ކޯޓުގަ ހެކިބަސް ދޭން ތައްޔާރަށް…ހިއެއްނުވޭ މި ޙާލަތުގަ މަލާކަށް އަޔާޒްއާ އިންނަން އެއްބަސްވެވޭނެހެން….މަލާކަކީ ހިތްދެރަ ކުއްޖެއްނޫން. މަލާކަށް ވެވޭނެ ނަމަ ބޭބެއަށްވުރެ ވެސް ކުރިން ރުއިން ހުއްޓައި ބޭބެއަށް ހިތްވަރުދޭ ކުއްޖަކަށް ވީސް. އެކަމަކު ކުޑައިރުއްސުރެވެސް ރޮވެން ފަށައިފިނަމަ ހުއްޓާލުމަކީ އޭނައަށް ވަރަށް އުދަގޫކަމެއް. ވަރަށް މަސައްކަތް އެބަކުރޭ އޭނަ މިވަގުތުވެސް އެކަމަކު…..” މަސްޢޫދުގެ ވާހަކަ އެހާ ހިސާބުން މެދުކެނޑުނީ މަލާކް ރޯ މަންޒަރު ސިފަވުމުން އޭނަގެ ހިތްވެސް ސާރިޔާގެ ހަނދާންތަކުން ފުރިގެން ދިޔުމުންނެވެ. މަސްޢޫދަށް ވީ ގޮތް ފެނިފައި އަޔާޒަށް ދެބުމަ ކައިރިކޮށްލަމުން ގޭގެ ތެރެއަށް ނަޒަރެއް ދެވުނީ ބޭއިޚްތިޔާރުގައެވެ. ދުރުދުރަށް ނަޒަރު ހިންގާލުމުން ވެސް މަލާކް ފެންނަން ނެތުމުން އަޔާޒަށް ވާހަކަ ދެކެވުނެވެ.
“ކޮބައިތަ މަލާކް؟” އޭނައަށް އަހާލެވުނެވެ.
“އެބަހުރި ކޮޓަރީގަ….ބޭބެ އެބަ އަންނަން ގޮވައިގެން.” މަސްޢޫދު އެހެން ބުނެ އެތެރެއަށް ދާން އުޅުނެވެ.
“އަހަރެން ދިޔަޔަސް އެންމެ ރަނގަޅުތަ؟” އަޔާޒަށް އަވަސްއަވަހަށް އަހާލެވުނެވެ. މަލާކަށް އޭނަގެ އިޙްސާސްތައް އަމިއްލަ ބާރުގެ ދަށަށް ނުގެނެވޭ ވާހަކަ ބުނުމުން އޭނަ އެކަން ދެކެން ބޭނުންވިއެވެ. އަދި އެކަން އޭނައަށް ޙައްލުކުރެވިދާނެތޯ ބަލަން ބޭނުންވިއެވެ. އެހެނަސް މަސްޢޫދުބެ ހުއްޓުން އަރާފައި އޭނައަށް ބަލާލި ނަޒަރުން އޭނަ ހިސާބަކަށް ޖެހިލުންވިއެވެ. ބުނި ބަސްތައް އަނބުރާ ގެންނަން ބޭނުންވިއެވެ. އޭނަ އެކަން ކުރަން އުޅެނިކޮށް މަސްޢޫދުބެ ބޯޖަހާލަމުން އެންމެ ރަނގަޅޭ ބުނެލިއެވެ. އެއާއެކު ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލަމުން އަޔާޒް އެގެއަށް ވަދެގެން ދިޔައެވެ. މަސްޢޫދުބެ އޭނަގެ ފަހަތުން އަންނަމުން މަލާކް ހުރީ ކަނާތް ފަރާތުން ތަންކޮޅެއް އެތެރޭގައި ހުރި ކޮޓަރީގައި ކަމަށް ބުންޏެވެ. ކޮޓަރިއާއި ހަމައަށް ދެވެންދެން ވެސް މަސްޢޫދު އަޔާޒްގެ ފަހަތުން ދިޔައެވެ. އެހެނަސް އެ ބޭބެ އޭނަގެ ފަހަތުން އަންނަމުން ދިޔަކަން ވެސް އަޔާޒްގެ ހަނދާނުން ފިލައިގެން ދިޔައި ހުޅުވިފައިވި ކޮޓަރިއެއްގެ ދޮރާއި ހަމަވުމުންނެވެ. އޭނަ އެ ދޮރުމައްޗަށް އެރުމުގެ ކުރިން ވެސް މަލާކްގެ ގިސްލުމުގެ އަޑު އިވިގެން ދިޔައެވެ. އޭނަ އެތަނަށް އައި ހަމައެކަނި ސަބަބަކީ އެކަން އޭނައަށް ޙައްލުކުރެވިދާނެތޯ ބެލުން ކަމަށްވިޔަސް އެ އަޑުން އޭނަގެ ހިތަށް އަސަރުކުރީ ކީއްވެކަމެއް އޭނައަށް ދޭހައެއް ނުކުރެވުނެވެ. ކޮންމެ ގޮތެއްވިޔަސް އަޔާޒް އެ ދޮރުމައްޗަށް އެރިއެވެ. އެ ހިނދު އެ ދޮރަށް ފަސްދީގެން ކަހަލަ ގޮތަކަށް ކޮޓަރީގެ މެދާއި ހަމައަށް ގެނެވިފައިވި ގޮނޑީގައި އިން މަލާކް އަޔާޒަށް ފެނުނެވެ. އޭނަގެ އެއްފަރާތުން މަސްޢޫދުބެ އަންނަން ފެށުމުން އަޔާޒަށް އެއްއަތް ދައްކައި މަޑުކޮށްލާށޭ ބުނެލެވުނީ ވެސް އެހެން ދިމާލަކަށް ނަޒަރު ހިންގުމެއްނެތިއެވެ. އެއަށްފަހު މަލާކަށް ބަލަން ހުރެ އެއްޗެކޭ ބުނަން އުޅެފައި ވެސް ނުބުނެވުނީ އޭނަ މިވަގުތު އެއްޗެކޭ ބުނެފިނަމަ މަލާކް ސިއްސައިގެންދާނެކަން ޔަޤީންވުމުންނެވެ. ހަމަ އެއާއެކު ޚިޔާލެއް ލިބިގެން އަޔާޒް ކޮޓަރީގެ ދޮރާއި ތަންކޮޅެއް ދުރު ހިސާބަކަށް ދިޔައެވެ. މަންޒަރު ބަލަން ހުރި މަސްޢޫދު ވާނުވާއެއް ނޭނގި ބަލަހައްޓައިގެން ހުއްޓެވެ. އަޔާޒް ގޮސް އެތާ ހުރި ސޯފާގައި ކައިރީގައި ހުއްޓިލަމުން އޭނަގެ ފޯނު ނެގިއެވެ. އަދި މަލާކަށް ބަލަން ހުރެ ލުއި އަޑެއް އިވިގެންދާނެ ފަދައަކުން އޭނަގެ ފޯނު ސޯފާގެ މައްޗަށް ދޫކޮށްލިއެވެ. ދުރުން އިވުނު ލުއި އަޑާއެކީ މީހަކު ހުރިކަން އެނގުންވުމުން މަލާކް އެދިމާލަށް ބަލާލީ ސިހުމެއް ނެތިއެވެ. އެ މަންޒަރު ފެނުމުން އަޔާޒްގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ ކާމިޔާބުގެ ހިނިތުންވުމެކެވެ. އޭނައަށް ވާހަކަ ދެކެވެން ފެށީ މަލާކް އުޅެނީ ހިތާމައެއްގައިކަން ވެސް ހަނދާން ނައްތާލަމުންނެވެ.
“ހާއި…..ބޮޑުމަންމަ ބުނީ ސައިބޯން އަންނާށޯ.” އަޔާޒް އެހެން ބުނެލީ ދެންވެސް ދެންމެ ކުރެވުނު ކަމާމެދު ހިސާބަކަށް ފަޚުރުވެރިވެފައި ހުރެއެވެ. އެހެނަސް މަލާކްގެ މޫނުމަތިން އުޖާލާކަމެއް ނުފެނުމުން އޭނަގެ ހިނިތުންވުން ފިލުވާލަން އަޔާޒަށް މަޖުބޫރުވިއެވެ. ހަމައެއާއެކު މަލާކް މިވަގުތު ވާނީ ކިހާ ބޮޑު ހިތާމައެއްގައިކަން ވެސް އެނގުންވީ އެވަގުތެވެ. މަންމަގެ މަރަކީ އޭނަ ވެސް މީގެ ދުވަސްކޮޅެއް ކުރިން ތަޙައްމަލުކޮށްފައިވި ހިތާމައެކެވެ. އޭނަގެ ޙަޔާތުގެ ބޮޑުބައި އޭނަ ހޭދަކޮށްފައިވީ މަންމައާއި ދުރުގައި ކަމަށްވިޔަސް އެ ޚަބަރުވެގެން ދިޔައީ އޭނަގެ މުޅި ދުވަސް ބަނަކޮށްލި ޚަބަރަކަށެވެ.
“މް….މް..މަންމަ ނިޔާވެއްޖެ….އަޔާޒް!” ދޮންބެގެ ރޮވިފައިވާ އަޑުން އޭނައަށް އެ ބަސްތައް އިވިގެން ދިޔައީ ފޯނުންނެވެ. ރަޝިޔާއަށް ހަވީރުގެ އެވަގުތު އޭނަ ހުރީ މުޅި ޔުނިވާރސިޓީއިން އެއްވަނަ ހޯދައިގެން ދަސްވެނިވުމަށްފަހު ގައުންއާއެކީ ޔުނިވާރސިޓީގެ ގޭޓު ކައިރީގައި ހުއްޓިލައިގެންނެވެ. އެ ޚަބަރު އިވުމުގެ ކުރިން އޭނަގެ މޫނުމައްޗަށް ވެރިވެފައިވީ މުޅި ޙަޔާތުގައިވެސް ވެރިވި އެންމެ އުފާވެރި ހިނިތުންވުމެވެ. އެހެނަސް އެ ޚަބަރު އިވުމަށްފަހު ސިކުންތުކޮޅެއްގެ ތެރޭގައި އެ ހިނިތުންވުން ފިލައި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނައަށް ގިސްލެވެން ފެށީ އޭނައަށް އެދުވަހު އެއްވެސް އުފަލެއް ލިބުނުކަން ވެސް ހަނދާން ނައްތާލަމުންނެވެ. އެދުވަހު އޭނަ އުޅުނު އެޕާޓްމެންޓަށް އަނބުރާ ގޮސްފައިވެސް އޭނައަށް ހުއްޓުމެއްނެތި ރޮވުނީ މަންމަ އޭނައާއެކީ ހުރި ދުވަސްކޮޅު ކޮށްދިންހާ ކަންތަކުގެ މަތިން ހަނދާންވުމުންނެވެ. އިތުރު ހިތްދަތިކަމެއް ލިބިގެންދިޔައީ ވިއްސާރަވުމުގެ ސަބަބުން ފަހު ފަހަރަށް މަންމަގެ މޫނުބަލަން ވެސް އޭނައަށް ފުރައިގެން ދެވޭ ގޮތްނުވުމުންނެވެ.
މަލާކަށް ބަލަން ހުރެފައި އެދުވަސްމަތިން ހަނދާންވުމުން މަލާކް ހިތްހަމަޖައްސައިދޭން ބުނާނެ ވަކި އެއްޗެއް އޭނައަށް ނުވިސްނުނެވެ. ކޮންމެ އެއްޗެކޭ ބުންޏަސް އެ ހިތާމައަކީ އެއްވެސް މީހަކަށް އެއިން އަރައިގަންނަން ފަސޭހަ ހިތާމައެއް ނޫންކަން އޭނައަށް އެނގުންވީތީވެއެވެ.
އަޔާޒް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ މަސްޢޫދު ގޮސް މަލާކް ގާތު ސައިބޯން އައުމަށް އެދުނެވެ. އެއާއެކު މަލާކް ބޯޖަހާލަމުން އޭނަގެ ކޯތާފަތް ދެއަތުން ފޮހެލިއެވެ.
މަލާކް ކިތަންމެ ހިތްވަރު ކުރިއެއްކަމަކު ތިރިއަށްދާން ލިފްޓަށް އެރި ހިނދު ވެސް އޭނަގެ ލޮލުން ކަރުނަތައް ފޭބިއެވެ. އޭގެއިން ކޮންމެ ފަހަރަކު އޭނަ ސާބިތުކަމާއެކީ އެ ކަރުނަތައް ފޮހެލިއެއްކަމަކު އެކަން ކޮންޓްރޯލެއްނެތި ތަކުރާރުވަމުން ދިޔައެވެ. ހެނދުނުގެ ސައިގެ ތެރެއިން ވެސް އެހެން މީހުންނަށް ފެންނަމުން ދިޔައީ ހަމައެކަނި މަލާކްގެ ހިތާމަވެރިކަން ކަމަށްވިޔަސް އޭނަގެ އިޙްސާސްތަކުގެ މައްޗަށް ބާރު ހިންގުމަށް ހަމައެކަނި ބަސްތަކަށްވުރެ އިތުރު އެހީއެއް ބޭނުންވާކަން އެނގުންވީ ހަމައެކަނި އަޔާޒަށެވެ. އެހެނަސް އޭނަ އެކަމާމެދު އެއްޗެކޭ ނުބުނީ އޭނަގެ ހިތުގައި މަލާކަށްޓަކައި އިޙްސާސްތަކެއް ވާކަން އެކަކަށް ވެސް އަންގަން ބޭނުމެއް ނުވުމުންނެވެ. އަދި އަމުދުން އޭނަގެ ހިތުގައި މަލާކަށްޓަކައި އަޅާލުމެއް ވެދާނެކަމަށް ޤަބޫލުކުރަން ބޭނުމެއް ނުވުމުން ވެސްމެއެވެ.
މަސްޢޫދު އޭނަ އެގެއަށް އައި ސަބަބު ކިޔައިދިނީ ހެނދުނުގެ ސަޔަށްފަހު އެންމެން އެކީގައި ގޮސް ސިޓިންގް ރޫމުގައި އިށީނުމުންނެވެ. މަސްޢޫދު އޭނަގެ އަތުގައި އޮތް ވަޞިއްޔަތް ނިޝާންގެ އަތަށް ލައިދިނީ އަމާންކަމާއި އެކީގައެވެ.
“މިއީ ތިކުދިންގެ ޙައްޤެއް. މީތި ހިފަހައްޓައިގެން ތިބުމުގެ ޙައްޤެއް އަހަރުމެންނަކަށް ލިބިގެނެއްނުވޭ…..ޙަޤީޤަތަށް ބުނާނަމަ އަހަރުމެން މިކޮޅަށް އައީ މީގެ އެހީގަ އަހަރުމެންގެ މަލާކަށް އެހީއެއް ލިބިދާނެކަމުގެ އުއްމީދުގަ. އެކަމަކު ގޮތެއް ނިންމަން އިއްޔެ ވެސް މަލާކް ކައިރިން ސުވާލު ކުރީމަ ދެކުދިން އިންނަން ބޭނުންނުވާނެހެން ހީވީ. އަޔާޒްއާ މަލާކްއާ ގުޅުމެއް ނެތިއްޔާ ވަކި ފައިސާގެ އެހީއަކަށް އެދޭކަށް އަހަރުމެން ނެތިން. އަހަރުމެން މިއަދު ވެސް ފުރަން ކަމަށް ނިންމައިގެން މިތިބީ….” މަސްޢޫދު ހިނިތުންވާން މަސައްކަތް ކުރަމުން ބުނެލިއެވެ. އޭނަ ޙަޤީޤަތުގައި ވެސް ވަނީ މިއަދު ފަތިހު މަލާކް ކައިރިން އަޔާޒާއި ބެހޭގޮތުން ސުވާލުކޮށްފައެވެ. އަޔާޒާއި މަލާކް ބައްދަލުވެ ވާހަކަ ދެއްކިތަން އޭނައަށް ފެނިފައި ނުވުމުން މަލާކް ދެކޭގޮތް ދެނެގަތުމަށެވެ. އޭނަ ހީކުރީ މަލާކަށް އަޔާޒް ކަމުދާނެކަމަށެވެ. އެހެނަސް….
“އަހަރެން ބޭނުމެއްނޫން މިދުވަސްކޮޅު އެއްވެސް ކައިވެންޏެއް ކުރަން ބައްޕާ. އަހަރެން ތައްޔާރެއްނޫން. މި ކައިވެންޏަކީ މަންމަގެ ކިތަންމެ ބޮޑު އެދުމަކަށް ވިޔަސް އޭނަވެސް އާނބަސް ދޭނެހެން ހިއެއްނުވޭ….ރަނގަޅުވާނީ ވީހާވެސް އަވަހަކަށް މިގެއިން ދިޔުން، ބައްޕާ.” މަލާކް އޭނަގާތު ބުނެފައިވެއެވެ.
އޭނަގެ ވާހަކައަށްފަހު މަލާކް ބުނެލި ބަސްތަކުގެ މަތިން ހަނދާންކޮށްލަމުން މަސްޢޫދަށް މަލާކާއި ދިމާލަށް ބަލާލެވުނެވެ. ކުރީ ދުވަހެކޭ އެއްގޮތަށް އޭނަ އަޔާޒްގެ ކުރިމައްޗަށްވާ ގޮތަށް އިންއިރު އޭނަ އެދުވަހު އިނީ އޭނަގެ ދުޅަވެފައިވާ ދެލޮލާއެކީ އިސްޖެހިފައެވެ. އޭރު އޭނަގެ ކުރިމަތީގައި ހުރި އަޔާޒަށް އިނދެވުނީ ދެބުމަ ކައިރިކޮށްގެނެވެ. އޭނަ ހީކުރީ މަލާކް އޭނައަށް ޖަދަލުކޮށްފައި ވިޔަސް ކޮންމެ އަންހެން ކުއްޖެކޭ އެއްފަދައިން މަލާކް އޭނައާއި އިންނަން ބޭނުންވާނެ ކަމަށެވެ. އޭނަގެ ބޭރުފުށުގެ ރީތިކަމަކީ އޭނަ އެއާއިމެދު އެއްޒަމާނެއްގައިވެސް ޝައްކުކުރި ކަމަކަށް ނުވާތީވެއެވެ. ފުރާވަރުއްސުރެ އަންހެން ކުދިން އޭނަގެ ސޫރައަށް ފިދާވަމުން ދާކަމީ އާކަމެއް ނޫނެވެ. އެހެނަސް ދެންމެ އެ އިވުނީ ކޮން ވާހަކައެއް ހެއްޔެވެ؟ މަލާކް ދެއްކި ވާހަކައަކުން ‘ދެކުދިން’ އިންނަން ބޭނުން ނުވާ ވާހަކަ އިވެންވީ ކީއްވެ ހެއްޔެވެ؟ އިވުނިއްޔާ ވެސް އިވެންވީ މަލާކް އިންނަން ބޭނުންވިޔަސް އޭނަ މަލާކާއި އިންނަން ބޭނުންނުވާހެން ހީވާ ހީވުމުގެ ވާހަކަ ނޫންހެއްޔެވެ؟ އަޔާޒަށް ޤަބޫލުވެސް ކުރަން ދަތިވެފައި މަލާކަށް ބަލަން އިނދެވުނެވެ.
“ހެހެ….މަލާކަށް ކަމުނުދަނީތަ އަޔާޒް؟ އިއްޔެގަ ވާހަކަ ދެކެވުނު ގޮތުން ކަންނޭނގެ ދޯ އެއީ؟ އެކަމަކު އަޔާޒަކީ ވަރަށް ރަނގަޅު ކުއްޖެކޭ އަސްލު މަލާކް. އަދި ރަނގަޅަށް ދަނެގަންނަން މަސައްކަތް ކުރީމަ އެނގޭނެހެން ދައްތައަށް ހީވަނީ….” ވަސީމާ ލުއި ހީލުމަކާއެކީ ޙާލަތް ބަދަލުކުރެވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އޭގެ ބަދަލުގައި މަސްޢޫދު އެއްޗެކޭ ބުނަން އުޅެފައި ވެސް މަލާކަށް ބަލާލިއިރު މަލާކް އިންގޮތަށް އިނީއެވެ. އަޔާޒް ފަރުވާތެރިކަމާއެކީ މަލާކަށް ބަލަން އިނދެފައި ވާހަކަ ދެއްކީ، މަލާކަށް އޭނައަށް ނޫނެކޭ ނުބުނެވޭނެފަދަ ގޮތަކާއިމެދު ވިސްނަމުންނެވެ. އޭނަގެ ރޭވުން ކުރިއަށް ދިޔުމަށްޓަކައި އޭނަ ކޮންމެހެން ވެސް މަލާކާއި އިންނަން ޖެހޭތީވެއެވެ.
“އެނގޭ ވަރަށް ދަތި ދުވަސްކޮޅެއްކަން މިއީ މަލާކްއަށް….އެކަމަކު އަހަރެން އަސްލު ވަރަށް ބޭނުން މަލާކްއާ އިންނަން….އަހަންނަށް އިއްޔެ ވާހަކަ ދެކެވުނު ގޮތުން މަލާކް ދެރަވިނަމަ އަހަރެން މަޢާފަށް އެދެން…އެކަމަކު މަލާކްގެ މަންމަ އަހަންނާ ޙަވާލުކޮށްފަ ދިޔަ ޒިންމާ އަހަރެން އެންމެ ފުރިހަމަ ގޮތުގަ އަދާކުރަން ބޭނުން. މަލާކްގެ މަންމަގެ އެދުމަކަށް ވެފައިވީ މަލާކް އަހަންނާ އިނުން ކަންނޭނގެ. އެވަގުތުން ފަށައިގެން އަހަރެން ބޭނުންވީ މަލާކްއާ އިންނަން. އަހަރެން މިއީ ކޮންމެ ކަހަލަ މީހަކަށް ވިޔަސް އަހަރެން މިއީ އަބަދުވެސް ވަޢުދު ފުއްދާ މީހެއް…” އަޔާޒް ބުނެލިއެވެ. ނޭނގޭ ސަބަބަކާހުރެ އޭނައަށް އެ ބުނެވުނު ބަސްތަކާމެދު އޭނަ ހީކުރި ވަރަށްވުރެ ބޮޑަށް އޭނަ ހިތްހަމަޖެހުނެވެ. އޭނަ އެ ބަސްތައް ބުނެލީ ހަމަ ޙަޤީޤަތުގައި ވެސް އެ ވަޢުދު ފުއްދުމަށްޓަކައި ކަމަށް ހިތުގެ ކަނަކުން އެންގުމުންނެވެ. އޭނަ ހުރިހާ ގޮތަކުން ވެސް މުޅި ޢުމުރަށް މަލާކް ބަލަހައްޓައި ރައްކާތެރި ކުރާ މަންޒަރު ވެސް ހިނދުކޮޅެއްގެ ތެރޭގައި ސިފަވެގެން ދިޔުމުން އޭނައަށް އުދަގޫވެސްވިއެވެ. އޭނައަށް ޖެހިގެން މިއުޅެނީ ކޮން ސިހުރެއްތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ.
އަޔާޒް ދެއްކި ވާހަކައަށްފަހު މުޅި ތަނަށް ހިމޭންކަމެއް ވެރިވިއެވެ. އެންމެން އިންތިޒާރު ކުރަމުން ދިޔައީ އެ ވާހަކަ އިވުމަށްފަހު އިސްއުފުލައި އަޔާޒަށް ބަލާލި މަލާކްގެ ޖަވާބަށެވެ. އެ ހިނދު މަލާކްގެ ސިކުނޑީގައިވި އެއްވެސް އެއްޗެއް ދެނެގަތުމުގައި އެތާތިބި އެއްވެސް ބަޔަކު ކާމިޔާބެއް ނުވެއެވެ. އެކަކަށްވެސް ނޭނގުނު ކަމަކީ މަލާކަށް އެވަގުތު އިޙްސާސް ކުރެވެމުން ދިޔައީ އަޔާޒްގެ ޙަމްދަރުދީއެއް ކަމެވެ. އަދި އެ ޙަމްދަރުދީގެ ސަބަބުން އޭނަ ހަނދާންވަމުން ދިޔައީ މިހާތަނަށް އޭނަގެ މަންމަ އޭނަގާތު ބުނެފައިވިހާ ހިތްވަރުގެ ބަސްތަކެއްކަމެވެ. ވީވަރަކުން އެއްވެސް މީހަކަށް ބަރޯސާނުވެ އުޅުމަށް މަންމަ ދިން ނަޞޭޙަތެވެ. ކިތަންމެ ގާތް ބަޔަކަށް ވެސް މާ ބޮޑަށް އިތުބާރު ނުކުރުމަށް ބުނެފައިވި ބުނުމެވެ. އެއްވެސް މީހަކަށް އެއްވެސް ފަދައަކުން އޭނަގެ ކިބައިން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ނުދިނުމަށް ބުނެލި ބުނުމެވެ.
މަލާކް އަޔާޒަށް ބަލަން އިންއިރު މަންމަގެ އެ ބަސްތައް އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ކޮންމެ މީހަކާއިމެދު ވެސް އޭނަގެ ނަޒަރިއްޔާތު ހުންނަ ގޮތުން އަޔާޒަށް ވެސް އިތުބާރުކުރުންވެގެން ދިޔައީ މަލާކަށް ދަތި ކަމަކަށެވެ. މަންމަ އަޔާޒަށް އިތުބާރު ކުރިޔަސް މުއްސަނދިކަން ލިބިފައިވި މި ޒުވާނާ އެހެން އެދުމެއް ނެތި އޭނަ ކަހަލަ ކުއްޖަކާއި އިންނަން އެއްބަސްވެދާނެ ކަމަށް ޤަބޫލުކުރަން މަލާކް ބޭނުމެއްނުވިއެވެ. އެހެނަސް އޭނަ މަންމައާއި ބައްޕަ ދެކުނު ހުވަފެންތައް ފުރިހަމަ ކުރަންޖެހޭ ކަން ހަނދާން ކުރަމުން ވާހަކަ ދެއްކިއެވެ.
“އެންމެ ރަނގަޅު….ތިކޮޅުން އެއްބަސްވަންޏާ މަލާކްވެސް ބޭނުން ކައިވެނި ކުރަން. އެއީ މިއަދު މަންމަ ހުރިނަމަ މަންމަ އުފާކޮށްދިނުމަށްޓަކައި މަލާކް ހެދީހީ އެހެންކަމަށްވާތީ. ތިކޮޅުން ބޭނުން ދުވަހަކުން ހަމަ އިންނަންވީ….” މަލާކް އެހާރުއްސުރެ ބަހުން ވެސް އަޔާޒް ދުރުކޮށްލަމުން ވާހަކަ ދެއްކީ އެދެމެދުގައި އޭނަ ބާއްވަން ބޭނުންވާ ޒާތުގެ ގުޅުން އެހެން މީހަކަށް ނޭންގިޔަސް އަޔާޒަށް އެންގުމަށެވެ. އޭނަ އެގޮތަށް ވާހަކަ ދެއްކުމުން ވާ ފޫއްސެއްގައި އަޔާޒް އޭނަގެ ޚިޔާލު ބަދަލުކޮށްލާނެ ކަމަށްވެސް މަލާކަށް ހީކުރެވުނެވެ. އެހެނަސް އޭނަ އެހެން ބުނުމާއެކު އަޔާޒް ތުންފިއްތައި ބޯޖަހާލަމުން ތިން ދުވަސް ފަހުންނޭ ބުނެލިއެވެ. އޭނަގެ އެ ކުއްލި ޖަވާބުން މަލާކްގެ ޝައްކުތައް އިތުރުވުން ނޫންކަމެއް ނުވިއެވެ. އެހެނަސް އޭނަވެސް ލަސްނުކޮށް އެއްބަސްވެލީ މަންމަގެ އެދުން ފުއްދުމަށްޓަކައި އޭނަގެ ހިތުގެ ވަށައިގެން ވަރުގަދަ ފާރެއްލަމުންނެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ޖަޒުބާތުގައި ޖެހިގެން އެއްވެސް ކަމެއް ނުކުރުމަށް ނިންމަމުންނެވެ. މި ގުޅުން ނިމުމަކަށް އަޔަސް އޭނަގެ ދިރިއުޅުން ހުއްޓުމަކަށް ނާންނާނެ ފަދައަކުންނެވެ.
އަމިއްލަ ރޭވުންތައް ރާވަމުން ދިޔަ ދެ ހިތް ގުޅިގެންދާނެ އެއްވެސް އަލިމަގެއް ނެތްފަދައެވެ. ދެ ހިތްވެސް ބޭނުންވަމުން ދިޔައީ އަމިއްލަ ގޮތުގައި ހިފަހައްޓައި އެއްވެސް ބަދަލެއް ނެތި ތިބުމަށެވެ. އެހެނަސް ދެ ހިތަށް ވެސް ނޭނގުނު ކަމަކީ، ހިތްތަކަކީ އޭގެ ޒާތުގައި ވެސް އެއްގޮތެއްގައި ތިބޭ އެއްޗެއްނޫންކަމެވެ. ހީވެސް ނުކުރާ ފަދައަކުން ނޭނގިވެސް ހިތަކަށް އެ ހިތުގެ ވެރިޔާ އުއްމީދުވެސް ނުކުރާފަދަ މިޞްރާބަކަށް ދެވިދާނެކަމެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް މަލާކާއި އަޔާޒްގެ ކައިވެނި ކުރެވޭ ދުވަސް ޖެހުނެވެ. ކައިވެނި ކުރެވެން ނިންމިފައި އޮތީ އެރޭގެ 8:30 ހިކަށްހާއިރު ކަމަށްވީއިރު ޕާޓީ ބާއްވަން ހަމަޖެހިފައިވީ އަޔާޒްމެންގެ މިލްކުގައިވި ޢިމާރާތްތަކުގެ ތެރެއިން މަތީ ދެ ފަންގިފިލާގައި ހޮޓަލެއް ހުންނަ ޢިމާރާތެއްގައެވެ. އަނބި ޤަބޫލުކުރުމުގެ ކުރިން އިވިގެން ދިޔަ ކައިވެނީގެ ޚުތުބާއިން ދެމީހުންގެ ހިތަށް ވެސް އަސަރުކުރިއެވެ. ދެމީހުންނަށް އެކަކު އަނެކަކާ ދޭތެރޭ އެގޮތަށް ކަންތައް ކުރެވިދާނެތޯ ދެމީހުންގެ ހިތަށްވެސް އެރިއެވެ. އެހެނަސް ދެމީހުން ވެސް އެ ޖަޒުބާތުތަކުގެ މަތިން ހަނދާން ނައްތާލީ އެކުއެކީހެންނެވެ.
ޕާޓީގެ ހުރިހާ ކަމެއްގައި ބަސް ކިޔުނު މީހަކަށްވީ ހަމައެކަނި ވަސީމާ ކަމަށްވުމުން ކައިވެނި ޕާޓީ ބޭއްވިގެން ދިޔައީ އަންހެނުންނާއި ފިރިހެނުން ވަކިންނެވެ. ވަސީމާ އުޅެއުޅެ ކައިވެންޏާއި ގުޅޭ ގޮތުން އަޔާޒާއި މަލާކްގެ ފަރާތުން ވެސް އެއްވެސް ޚިޔާލެއް ލިބޭގޮތެއް ނުވެއެވެ. އޭނަ އެޅިހާ ބަތަކަށް އެދެމީހުންވެސް ރިހަ ކިޔަމުން ދިޔަ ގޮތުން ވަސީމާ ކަންބޮޑުވެސްވަމުން ދިޔައެވެ. އަދި އަމުދުން ޕާޓީގެ ތެރެއިން ވެސް ދެމީހުން ރޫޙު މަރުވެފައި ތިބިގޮތުން އޭނައަށް މި ހެދުނީ ވަރަށް ބޮޑު ގޯހެއްތޯ ވެސް ހިތާހިތުން ސުވާލުކުރެވެމުން ދިޔައެވެ.
ވަސީމާއަށް ނޭނގުނު ޙަޤީޤަތްތަކަކީ އަޔާޒް އެރޭ އިންތިޒާރު ކުރަމުން ދިޔައީ މައުވާގެ މެސެޖަކަށް ކަމެވެ. އޭނަގެ ކައިވެނީގެ ވާހަކަ އިވިފައި މައުވާ އޭނައަށް ގުޅާނެ ކަމަށް އަޔާޒް އުއްމީދު ކުރަމުން ދިޔައިރު މަލާކް އިނީ އޭނަގެ ކައިވެނީގެ ފުރަތަމަ ރެއާއިމެދު އިޙްސާސް ކުރަންވީ ގޮތެއް ނޭނގިފައެވެ. ކައިވެންޏާއި މެދު އަޔާޒްގެ ކިބައިން ފެންނަމުން ދިޔަ ފަރުވާކުޑަ މިޒާޖުގެ ސަބަބުން މިރޭ ކަންތައް ވެދާނެ ގޮތުގެ އެންމެ ގޯސް ޚިޔާލުތައް މަލާކްގެ ހިތަށް ވެރިވަމުން ދިޔައެވެ. ފުރަތަމަ ރޭވެސް އަޔާޒް އޭނައާއި ދިމާލަށް އެއްޗެހި ގޮވައި ދުރުގައި އުޅުމަށް ބުނާނީތޯ އެއްފަހަރު ހިތް ބުނާއިރު އަޔާޒް އޭނައަށް އަނިޔާ ކޮށްފާނެކަމަށް ވެސް ހިތް ބުނަމުން ދިޔައެވެ. އަޔާޒް އޭނައަށް ހެޔޮ ވެދާނެ ކަމަށް ހިތުގެ ކަނަކުން ގޮވަމުން ދިޔައެއްކަމަކު އޭނަ އޭނަގެ ހިތުގައި އެ ޚިޔާލު ޒީނަތްތެރިވިޔައެއް ނުދިނެވެ. މީހެއްގެ ފަރާތުން އުއްމީދު ކޮށްގެން އޭނައަށް ހިތްދަތިކަމެއް ނޫނީ ނުލިބޭނެކަމަށް ބުނެ މަންމަ ބުނެލި ބަސްތައް ހަނދާންކުރަމުންނެވެ.
އެހެނަސް މިފަހަރު ކަންތައްވެގެން ދިޔައީ މުޅިއަކުން މަލާކް ހީކުރި ގޮތަކަށް ނޫނެވެ. ޕާޓީއަށްފަހު މަލާކް ގެއަށް އަންނަން އެންމެން އުއްމީދުކޮށްގެން ތިބީ އަޔާޒްގެ ކާރުގައި ކަމަށްވުމުން، ފުރަތަމަ ފަހަރަށް އޭނަ ހަމަހޭގައި ހުއްޓާ އަޔާޒްގެ އަތުގެ ބާރުގަދަކަން އިޙްސާސްކުރުމުގެ ފުރުޞަތު އޭނައަށް ލިބުނެވެ. އަޔާޒް އޭނަ އަތްދަނޑިމައްޗަށް އުފުލާލި ވަގުތު މަލާކަށް ހާސްވެފައި އަޔާޒްގެ ގަމީހުގައި ބާރަށް ހިފަހައްޓާލެވުނީ އޭނަ ވެއްޓިދާނެކަމަށް ސިކުނޑި ތަކުރާރުކޮށް ބުނަމުން ދިޔައީތީވެއެވެ. އެހެނަސް އަޔާޒް އެއްފަހަރު އޭނަގެ އެ އަތަށް އަނެއްފަހަރު އޭނަގެ މޫނަށް ސީރިއަސް ނަޒަރަކުން ބަލާލުމުން މަލާކް އޭނަގެ އެ އަތަށް ދުލެއްދިނީ އަޔާޒް އޭނަ ވެއްޓުނަ ނުދޭނެކަން ޔަޤީންކުރަމުންނެވެ.
ކާރުގައި ގެއަށް ދިޔަ މަގުމަތީގައި ވެސް އެދެމެދަށް ވެރިވެފައިވީ ހިމޭންކަމެވެ. އެ ހިމޭންކަމުގެ ތެރެއިން އަޔާޒް ދޭތެރެދޭތެރެއިން އޭނަގެ ފޯނަށް ބަލަމުން ދިޔަކަން މަލާކަށް ފާހަގަވިއެވެ. އެހެނަސް އޭނަ އެކަމާމެދު ވެސް ވަކި އެއްޗެކޭ ނުބުނެ އިނުން ނޫންކަމެއް ނުކުރިއެވެ.
މަލާކާއި އަޔާޒަށް ގެއަށް ދެވުނުއިރު ނިޝާންގެ ކާރު އެމީހުންގެ ކާރަށްވުރެ ކުރިން ގޭގެ ގަރާޖުގައި ޕާކްކުރެވިފައިވިއެވެ. ކާރުން ފޭބުމަށްފަހު މަލާކް ގޮނޑީގައި ބަހައްޓާލަ ދިނުމާއެކު އޭނަ އަމިއްލައަށް ގޮނޑި ދުއްވަން ފެށުމުން އަޔާޒް އޭނަ އެގޮތަށް ދޫކޮށްލިއެވެ. އަޔާޒް ހުރީ މަލާކާއި މެދު ވިސްނާވަރަށް ވުރެ ބޮޑަށް މައުވާއަށް އޭނަގެ ކައިވެނީގެ ވާހަކަ އިވުމުން ވެދާނެ ގޮތް ދެނެގަންނަން ބޭނުންވެފައެވެ. އޭނަ ރާވައިގެން ހުރީ އޭނައަށް ވެސް މައުވާއާއި ދުރުވެވިދާނެކަން މައުވާއަށް ދައްކާށެވެ. އަދި އޭގެ ސަބަބުން މައުވާ އޭނަ ކައިރިއަށް އާދޭސްކުރަމުން އަންނާނެކަމަށް އޭނައަށް އުއްމީދު ކުރެވުނެވެ. އޭނަވަނީ އޭނަގެ އެކުވެރިއެއް ކައިރި މައުވާގާތު އޭނަގެ ކައިވެނީގެ ވާހަކަ ބުނަން ވެސް އަންގާފައެވެ. އެހެނަސް އެހާތަނަށް އައިއިރު ވެސް މައުވާގެ ޚަބަރެއް ނުވުމުން އަޔާޒަށް ހުރެވުނީ ބޯ ބޮޑުވެފައެވެ. އެންމެ ފަހުން އެކަމަށް ކެތްނުވުމުން އަޔާޒް އޭނަގެ ފޯނަށް ވެސް އައި ރުޅިގައި ގެއަށް ވަންނަން ދިޔައީ އޭނަގެ ކާރުގެ ސީޓު މައްޗަށް ފޯނު ދޫކޮށް ދޮރު ލައްޕާލަމުންނެވެ.
މީގެއިން އެއްވެސް ކަމެއް ރޭކާނުލައިހުރި ވަސީމާ އަޔާޒާއި މަލާކް އެމީހުން އުޅޭ ފަންގިފިލާއަށް އައުމާއެކު މަރުޙަބާ ކިޔުނީ އުޖާލާވި ހިނިތުންވުމަކާއި އެކީގައެވެ. އަޔާޒް އޭނަގެ ކޮޓަރިއާއި ދިމާލަށް މިޞްރާބުޖެހުމުން މަލާކްވެސް އޭނަ ފަހަތުން އަންނަމުން ދިޔަ މަންޒަރު ފެނިފައި ކޮޓަރި ހުންނާނީ އެރެއަށް ތައްޔާރު ކުރެވިފައި ކަމަށް ބުނެލި ބުނެލުމުން ދެމީހުން ވެސް ހުއްޓުން އަރާ ގޮތްވިއެވެ.
“މަލާކް ދަރިފުޅަށް ހެދުން ބަދަލުކުރެވޭނެތަ އަމިއްލައަށް؟ މަލާކްގެ ބައްޕަ ބުނި އާއްމުގޮތެއްގަ މާ ދަންވުމުން މަލާކް ހުންނަނީ މާ ބޮޑަށް ވަރުބަލިވެފައޭ. ވަރުބަލިވީމަ މަންމައޭ ހެދުން ބަދަލުކޮށްދީ ހަދަނީ. ދެން ކިހިނެއް ހަދާނީ؟” ވަސީމާ ހިނިތުންވުމަކާއެކީ އެ ސުވާލުކޮށްލީ މަލާކް ހިލޭ ފިރިހެނެއްގެ ކުރިމަތީގައި ބުރުގާ ނަގަންވެސް ލަދުގަންނާނެ ވާހަކަ ފޮރުވަމުންނެވެ. އޭނަގެ އެދުމަކަށްވެފައިވީ އަޔާޒް ކުރިއަށް ޖެހިލަމުން އޭނައަށް އެހީވެވިދާނެ ކަމަށް ބުނާނެ ގޮތެއްވުމަށެވެ. އެހެނަސް އޭނަ އެހެން ބުނުމުން ދެމީހުންވެސް ދުރު ބަލަން ފެށުމުން ވަސީމާ ހީލިއެވެ.
“މާ ބޮޑަށް ލަދުއެބަގަނޭ ދޯ މަލާކް؟ ބަލާބަ މި އަޔާޒް ވެސް ހުންނަ ގޮތް ރަކިވެފަ! ހެހެ….ދެން އެންމެ ރަނގަޅު. މިރޭ ބޮޑުމަންމަ މަލާކްގެ ހެދުން ބަދަލުކޮށްދޭނަން.” ވަސީމާ ހިނިތުންވުމަކާއެކީ ބުނެލިއެވެ. މަލާކް އެއަށްވެސް ނޫނެކޭ ބުނެ ހަޅޭއްލަވަން ބޭނުންވިއެވެ. އޭނަ ހުރީ ކިތަންމެ ވަރުބައްޔެއްވިޔަސް މަންމަ ނެތް މި ބީރައްޓެހި ދުނިޔޭގައި ދުވަހަކުވެސް ހިތްވަރު ނުކުރާވަރަށް ހިތްވަރު ކުރާށެވެ. އެހެނަސް އޭނައަށް އެހީތެރިކަމެއް ދިއްކޮށްލި އެ ދައްތަގެ މޫނުމަތިން ފެނުނު ހިތްހެޔޮ ކަމުން އޭނައަށް އިންކާރު ކުރާކަށް ނުކެރުނެވެ.
މަލާކްގެ ހެދުން ބަދަލުކޮށް ނިމެންދެން އަޔާޒް ކޮޓަރިން ބޭރުގައި ހުންނަން ޚިޔާރުކުރިއެވެ. މަލާކްގެ މިޒާޖާއިމެދު ވިސްނާނެ ފުރުޞަތެއް އޭނައަށް ލިބުނީ އެ ހިނދެވެ. މަލާކްގެ އަމިއްލަ ކައިވެނީގެ ތެރެއިން ވެސް އޭނަގެ ކިބައިން ފެންނަމުން މިދަނީ އަޔާޒް ހީނުކުރާ ޒާތެއްގެ ސީރިއަސްކަމެކެވެ. އެއީ މަލާކްގެ މަންމަގެ މަރުގެ ސަބަބުން އައި ބަދަލެއް ކަމަށް ޤަބޫލުކުރަން އަޔާޒް ނުކުޅެދުނީ މަލާކް ހިނިތުންވުންތަކާއެކީ އަނުމްމެންނާއި ވާހަކަ ދައްކާ މަންޒަރު ފެނިފައިވީތީވެއެވެ. އެހެނަސް އޭނައާއި މަލާކްގެ ހަތަރުކަޅި ބައްދަލުވާ ހިނދު އެމޫނުމަތިން ފެނިގެން ދަނީ އެއްވެސް މީހަކަށް ހެއްލިގެން ނުދާނެ ފަދަ އަސަރެކެވެ. އޭނަގެ ރޭވުން ފަޅާއަރާފައިވި ކަމަށް އެދެލޮލުން މަލާކް އަންގަން އުޅޭހެން ހީވާ ކޮންމެ ފަހަރަކު އަޔާޒަށް ޖެހިލުންވެސް ވަމުން ދިޔައެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ ހުރީ މިރޭ ނޫނަސް ކޮންމެވެސް އެއްދުވަހަކު މަލާކަށް ޙަޤީޤަތް ކިޔައިދޭން ނިންމައިގެންނެވެ. އޭނަ ރޭވީ ގޯސް ރޭވުމެއް ކަމަށްވިޔަސް އޭނަ މަލާކް އަނދިރީގައި ބަހައްޓާކަށް ބޭނުމެއް ނުވެއެވެ. ކޯޓުގައި އެމީހުންގެ ގެދޮރުގެ ވަޞިއްޔަތުގެ މައްސަލަ ނިންމެންދެން މަލާކްގެ ފިރިއެއްގެ ގޮތުގައި އުޅެން އޭނަ ނިންމައިގެން ހުރި ވާހަކަ އޭނަ މަލާކްގާތު ބުނާނެއެވެ. އަދި މީގެ އެއްބޭނުމަކީ އޭނަގެ ލޯބިވެރިޔާއާއި އޭނަ އަނބުރާ ގުޅިގެން ދިޔުން ކަމަށް ވެސް އޭނަ ބުނާނެއެވެ. އެހެނަސް މަލާކްގެ ހުރިހާ އެދުމެއް ފުރިހަމަކޮށްދޭން ވެސް އޭނަ ހުރީ ނިންމައިގެންނެވެ. މި ހުރިހާ ވާހަކައެއް އޭނަ މަލާކަށް ސާފުކޮށް ކިޔައިދޭނެއެވެ. އެކަންތަކަށް މަލާކް އެއްބަސްވާނެ ކަމަށް ވެސް އަޔާޒަށް ޔަޤީނާއި ގާތްކުރެވުނީ ކީއްވެކަމެއް އޭނައަކަށް ނުވިސްނުނެވެ.
ބޮޑުމަންމަ ކޮޓަރީގެ ދޮރު ހުޅުވާލަމުން އަޔާޒްގާތު ނިމިއްޖެއޭ ބުނެލުމުން އަޔާޒް ކޮޓަރިއަށް ވަންނަން ދިޔައީ ވެސް މާ ބޮޑު ވިސްނުމެއްނެތިއެވެ. އެހެނަސް ދޮރުމައްޗަށް އެރުމާއެކު ބުރުގާއަކާނުލާ އާދައިގެ ތުނި ކުރުތާއަކާއި ހަރުވާޅެއްގައި އޭނަގެ ގޮނޑީގައި އިން މަލާކް ފެނިފައި މަލާކާއި އެއްވަރަށް އަޔާޒްވެސް ހުއްޓުންއެރިއެވެ. މަލާކްގެ ކޮނޑާއި ހަމައަށް އޮތް ފަން އިސްތަށިގަނޑު ދެފަރާތުން ކޮނޑުން މަތިން ކުރިމައްޗަށް ވެއްޓިފައިވި ގޮތުން އޭނައަށް ވަކިން ރީތިވުމުން އަޔާޒް އަމިއްލަ ނަފްސަށް ނުރުހުންވާ ގޮތްވެސްވިއެވެ. ބޮޑުމަންމަ ދެމީހުންނަށް ބަލަން ހުރެފައި ކޮޓަރީގެ ދޮރު ލައްޕާލުމުން އޭނައަށް މަލާކްގެ މޫނުން ނަޒަރު ވަކިކޮށްލެވުނު ހިނދު ގައިން ހީބިހި ނަގަމުން ދިޔަ މަލާކް ވެސް ދުރު ބަލަން ފެށިއެވެ. އަޔާޒް ކުރިއަށް ދެތިން ފިޔަވަޅު އަޅާލަމުން ދާން އުޅެފައިވެސް ފިޔަވަޅުތައް މަޑުޖައްސާލީ މަލާކް ގާތު މިރޭ ކޮންމެހެން ވެސް ބުނަން ޖެހޭ ވާހަކައެއް އޮތްކަން ހަނދާންވުމުންނެވެ.
“އަހަރެން އޮންނާނަން އެތެރޭގެ ކޮޓަރީގަ. މިތާނގަ މަލާކް އޮންނާނީ.” އަޔާޒް އެހެން ބުނެލީ އެވަގުތު އިތުރަށް ކިޔައިދިނުމުގެ ޝައުޤަކާއި ވަރެއްވެސް ނެތުމުންނެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް މަލާކް އެއްފަހަރު އޭނަ ޢިޝާރާތްކުރި އެނދަށް އަނެއްފަހަރު އޭނައަށް ބަލާލަމުން ވަކި ޝަކުވާއެއް ނެތި ބޯޖަހާލިއެވެ. އެކަމާމެދު ހިސާބަކަށް ޙައިރާންވިއެއްކަމަކު އަޔާޒް އެކަން މޫނުމަތިން ނުދައްކައި ވެވޭތޯ ބެލިއެވެ. އެހެނަސް މަލާކް އެހާ ފަސޭހައިން އޭނަގެ އެދުމަށް އެއްބަސްވުމުން މަލާކަށް އެހީވުމަށް ވެސް އޭނަގެ ހިތް އެދުނެވެ. އެހެންކަމުން އެނދަށް އަރަން އެހީވަންތޯ އޭނައަށް އަހާލެވުނީ އިޚްތިޔާރުން ބޭރުގައެވެ. މަލާކް އެއަށް ވެސް ވަކި އަސަރެއްނެތި ބޯޖަހާލުމުން އަނެއްކާވެސް އަޔާޒް އޭނަގެ އަތްމައްޗަށް މަލާކް ނެގިއެވެ. އެހިނދު ދެމީހުންގެ ލޯ ބައްދަލުވެގެން ދިޔައީ އިހުނަށްވުރެ ދިގު ވަގުތުކޮޅަކަށް ކަމަށް ވިޔަސް އަޔާޒް ގޮސް މަލާކް އެނދުމަތީގައި ބޭއްވުމާއެކު ދެމީހުން ދުރުވިއެވެ. އަޔާޒް އެ އެނދާއި ދުރުވެލީ މަލާކްގެ ގައިމަތީގައި ރަޖާވެސް އަޅާދީފައެވެ. މަލާކް ވަރުބަލިވުމުން އެއްވެސް ޙަރަކާތެއް ގެންނަން އޭނައަށް ކިހާ އުދަގޫވާނެކަން އަޔާޒަށް ވެސް ތަޞައްވުރު ކުރެވޭތީވެއެވެ. ރަޖާ އެޅިގެން ދިޔުމާއެކު މަލާކް ލޯ މަރާލީ މުޅި މި ޙަޤީޤަތަށް ފަސްދޭން އުޅުނު ފަދައަކުންނެވެ. އެހިނދު އަޔާޒް އޭނައަށް ބަލަމުން ބަލަމުން ގޮސް އެކޮޓަރީގައި ބެހެއްޓިފައިވި ކިޔަވާ މޭޒުމަތީގައި އޮތް އޭސީ ރިމޯޓް ނަގައި އޭސީ ޖައްސާލީ އެ ކޮޓަރިތެރެ އޭނައަށް ފުދޭވަރަކަށް ހޫނުވުމުންނެވެ. އޭނައަށް ކަމުދަނީ އޭސީ އެންމެ ފިނިކޮށްގެން ކަމަށްވުމުން އޭނަ އެކޮޓަރީގެ އޭސީވެސް 16 އަށްލީ ވަކި މައްސަލައެއް ނުޖެހޭނެކަމަށް ނިންމަމުންނެވެ. އެއަށްފަހު އޭނަ ރިމޯޓް ބާއްވަމުން އޭނަގެ ކޮޓަރިއަށް ގޮސް ވަނީ ދެލޯ މަރައިގެން އޮތް މަލާކާއި ބަލަމުން އެ ކޮޓަރީގެ އަލި ބޮކި ފަނޑު ބޮތްކަކަށް ބަދަލުކޮށްލަމުންނެވެ.
ދެލޯ މެރިފައި އޮތް މަލާކް މިނެޓްތަކެއްގެ ތެރޭގައި ފުން ނިންޖެއްގެ ތެރެއަށް ގެނބެން ކައިރިވިއެވެ. އެހެނަސް އޭނަ މުޅިންހެން ނިދެން އުޅެނިކޮށް ފަޔަށް މާ ބޮޑަށް ފިނިވާން ފެށިހެން ހީވި ހިނދު ނުތަނަވަސްކަމެއް އޭނަގެ ހިތް ވަށާލިއެވެ. ފުރަތަމަ ސިކުންތުގައި އޭނަ އެ އިޙްސާސްގެ މަތިން ހަނދާން ނައްތާލެވޭތޯ ބެލިއެވެ. އެހެނަސް މާ ގިނައިރެއްނުވެ އޭނައަށް އޮވެވުނީ އިސްޓާކީނަކާއި ވެސް ނުލާ ކަން އެނގުންވުމުން މަލާކަށް ލޯ ހުޅުވާލެވުނީ ކުއްލިއަކަށެވެ. ހަމަ އެވަގުތު އޭނަގެ ދެފައިގައި ވެސް ރިހުމެއް އުފެދެން ފެށުމުން މަލާކަށް އޭނަގެ އެއްފަރާތަށް ނަޒަރު ހިންގާލެވުނެވެ. އޭނަގެ އިސްޓާކީން ބާއްވާފައި އޮންނަނީ އަބަދުވެސް އަރިމަތީ މޭޒުމަތީގައި ކަމަށްވާތީވެއެވެ. އެހެނަސް އޭނައަށް މި އޮވެވުނީ މުޅިން އާ ގެއެއްގައިކަން އެނގުންވުމުން މަލާކްގެ ހިތް ގެނބުނެވެ. އަދި އަމުދުން އިޙްސާސްކުރެވެމުން ދިޔަ ފިންޏަކުން އިސްޓާކީނަކުން ވެސް އޭނައަށް މާ ބޮޑު އެހީއެއް ނުލިބޭނެކަން ޔަޤީންވުމުން މަލާކަށް ސީދާވެލަމުން އެނދުގައި އިށީނދެވުނެވެ. ހަމަ އެވަގުތު އޭނައަށް ދެފައި ވެސް ލަންބާލެވުނު ހިނދު ފައިތިލައިން މުޅި ދެފަޔަށް ވެސް ފެތުރިގެން އައި ތަދާއެކީ މަލާކްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނައަށް މަޑުމަޑުން މަންމައޭ ކިޔައި ގޮވަމުން ކުކުރެން ފެށިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭނަގެ ފައިގެ އިނގިލިތަކަށް ވާންވާން ފެށިހެން ހީވުމުން ހިތް ބިރުވެރިކަމުން ވަށާލެވިގެން ދިޔަ ހިނދު އޭނައަށް ހަޅޭއްލެވުނެވެ.
“މަންމާ!” މަލާކްގެ ރޮވިފައި އަޑު ޖެހިގެން ހުރި ކޮޓަރީގައި ހުރި އަޔާޒަށް އިވުމާއެކު އޭނައަށް ކަންބޮޑުވުމަކާއެކީ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.







Alheyyy.. enme kiyaa hiy vee hisaabun e nimuny ? vaahaka varah reethi ingey janaa sis..??? keep going thigothuga. May Allah bless you with ur work and talent.. Waiting for the next part???
kiyaa hiyvee hisaabun nimmeema ehnu Canem anbura anehbai kiyan annaany dho? 😀 hehe….Alhamdhulillah! (All praise and thanks belong to Allah). Next part wednesday ga In Sha Allah. May Allah bless you more. Ameen! <3 🙂
Woah..so curious dhen…kihineh baa dhw vaany??????…waiting
dhen vaane ehcheh liyaa hithun janaves mihiry. Next part wednesday ga In Sha Allah 😀
vvv salhi.. masha allah
Alhamdhulillah! ^_^
Malaak ah dhera gothei nahadhahcheyyy… V rythi mi baives.. When next part.
Meehaku Malaak ah dheragotheh viyadheynehen Shiv ah heeveytha? *curious* hehe…next part wednesday ga In Sha Allah. Alhamdhulillah! 🙂
Masha Allah mi partves vvvvv reethi waitin next part
Alhamdhulillah! 🙂 next part wednesday ga In Sha Allah 😀
Malaak ah dhera gothei nahadhaathi ingey…Mi part varah reethi..maa sha Allah..when is next part¿¿¿¿waiting for the next part…
Jana ah heevany Lullu happy vaa kahala gothakah hen vaany 😀 balamaa dho? In Sha Allah next part wednesday ga. Alhamdhulillah! 🙂
Maasha allah
Sissy malaak aa ayaaz aa dhemeehun dhn marry kuryma dhuru nukurahchey
And malaak ah dhera nukurahchey
In sha allah ayaaz ah adhi visneyne
Ayaz kairi thi vaahaka bunanvy dho Unique? jana contact kureveytho balaanan ingey. mihaaru Ayaz ge phone othy kaaruga veema nuves nagaanethaa dho? 😀 hehe…balamaa Ayaz vaagotheh dho In Sha Allah 🙂
Jana vv reethi ingey malaak ah dher gotheh nuhdhaathi
hinga balamaa dho Malaak ah vaagotheh In Sha Allah 😀 Alhamdhulillah! 🙂
Alheyyyy. V v v vv reethi masha Allah. Varah majaa. Vaahaka kiyaairu heevany maalak aai ayaaz aa dhemyhungea hithaa hashigandaky mulhin ehen shakhsehhen.?? hihbunany vakiehcheh ekamaku emeehun ulheny vakigothakah. Love it❤
Eenash sis adhi majaa baithah kuriah huriyyey! 😀 jana ves mi hunnany e baithah liyaahithun. hehe….edhemeehunnah evany bodumamma kaivenyaa beheygothun buneli vaahaka aa eggothah kanneynge dho sis? 😀 Alhamdhulillah! 🙂
Raajjeyga migothah anhen firihen vakin kaiveni party thah beyvun aammu kamakah vaane dhuvahakah haadha inthizaaru kureveyey. Mihaaru varah madhun noony nufenna manzareh.
Aan dho Alanaasi? Hulhanguge meehunge gotheh nuveema aharumennah heevefa onnany ey naathahuzeebu gotheh hen. hurihaa ves kamaky aharumenge visnun. Adhi gina meehunnah aslu nuves engeny eykan ekan onnan vaagoiy. In Sha Allah adhi rangalhuvegen dhaane faseyhain ilmu ungenevey mi zamaanuga 🙂
Insha Allah
V v v reethi mi prt.. Malak ah dhera gotheh nuhadhachey.. When is next prt.. Alhe avahah neredhehchey????
Next part wednesday ga In Sha Allah. edhuvahu Malaak ah vaagotheh balamaa dho Suney? 😀 Alhamdhulillah! ^_^
Masha allah.mi part ves hama amazing
Hama varah reethi. Waiting for next part. And love you sis you are amazing.
when is the next part ? Cant wait 🙁
love this story
Kon iraku up vaany