Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެދިގެން ތި ލޯތްބަށް 5

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
September 25, 2019 10 Mins Read
7 Comments

“އަސްލުވެސްތަ؟ ތަންކޮޅެއް ކުރިން ޝާދު ތިހެން ބުނި ނަމަ ތުއްތުބޭ މެންނާ އެކީ ޑަބަލް ވެޑިންގއެއް ބޭއްވުނީހެއްނު؟” ނަޒްހާ އުފަލުން ބުންޏެވެ.

“ޑަބަލް ނޫނަކަސް ނަޒް ބޭނުން ވާ ކަހަލަ ވެޑިންގއެއް ބާއްވަން ވީ ހަމަ. އެކަމަކު އަވަހަށް” ޝާދު ބޭނުން ވީ ނަޒްހާ ބޭނުން ގޮތަކަށް ކަންތައް ކޮށްދޭށެވެ.

 

ޖެހިގެން އައި ދުވަހު ޝާދު އައިސް އާދިލްއާ ނަރީމާއާ ވާހަކަ ދެއްކިއެވެ. ގޭ އެހެން ކުދިންވެސް ވާހަކައިގައި ބައިވެރި ވިއެވެ. ނަޒްހާއާ ޝާދު ބޭނުން ވީ އެއް މަސް ފަހުން ކައިވެނި ކުރާށެވެ. އާދިލްއާ ނަރީމާ އެދުނީ ކުދިން ބޭނުން ގޮތަކަށް ކަންތައް ކުރިއަށް ގެންދިއުމަށެވެ.

އެ ހަފްތާގެ ހުކުރު ދުވަހު ހަވީރު ޔަޒާންއާ އެކީ ނައިހާ ގެޔަށް އައި އިރު ސިޓިންގރޫމްގައި ނާއިލްއާ ވާހަކަ ދައްކަން އިޝާމް އިނެވެ. އިޝާމް ފެނުމުން އިރުކޮޅަކަށް ފިޔަވަޅު ހުއްޓުނު ނަމަވެސް ނާއިލްއަށް ގޮވާލާފައި ނައިހާ ވަނީ ނަރީމާގެ ކޮޓަރިއަށެވެ. ޔަޒާން ގޮސް އިށީނީ ނާއިލް ކައިރީގައެވެ. ގިނަ އިރެއް ނުވެ ނައިހާއާ ނަރީމާ ކޮޓަރިން ނިކުތް އިރުވެސް އިޝާމް އިނެވެ.

އިޝާމްއާ ޔަޒާން އެކުގައި ތިބި ތަން ފެނުމުން ނަރީމާއަށް ނައިހާއާ ދިމާއަށް ބަލާލެވުނެވެ. ނައިހާ އެއްޗެއް ނުބުނެ ގޮސް ސިޑިން އަރަން ފެށިއެވެ.

“ޔަޒާން، ސައި ބޮއެގެން ދާން މަޑު ކުރައްޗޭ” ނަރީމާ ޔަޒާންއަށް ގޮވާލާފައި ބުންޏެވެ.

ޔަޒާން ބޯ ޖަހާލިއެވެ.

“އިޝާމްވެސް ސައި ބޮއެގެން ދާން ވާނީ އިނގޭ” ނަރީމާ އިޝާމްއަށްވެސް ދައުވަތު ދިނެވެ.

“ނޫން ނާ މަންމާ. ތަނަކަށް ގޮސްލަން އެބަ ޖެހޭ. އެހެން ދުވަހަކުން ސައި ބޯނީ” އިޝާމް ތެދުވިއެވެ.

ސައިބޯން ތިބެފައި ނަޒްހާގެ ކައިވެނީގެ ވާހަކަ ޔަޒާން ކައިރީ ބުނީ އާދިލްއެވެ.

“ޔަޒާން، ނަޒްހާވެސް އުޅެނީ ކައިވެނި ކުރަން ވެގެން. ހީވަނީ ދުވަސްކޮޅެއް ފަހުން ނޫރާވެސް ކައިވެނި ކުރާނެ ހެން، އޭރުން ދެން ހުންނާނީ ބައްޕަގެ ނާޔާ އެކަނި” އާދިލް ބުންޏެވެ.

“މަރުހަބާ ނަޒް. ކައިވެނީގެ ކުރިން ސައި ދޭން ވާނެ އިނގޭ” ޔަޒާން ނަޒްހާއަށް ބުންޏެވެ.

“ތީ އެއްވެސް ކަމެއް ނޫނެއްނު؟ ސައެއް ނޫން، ކެއުމެއް ދީފާނަން. ފެމިލީ އެންމެން ދާން ވާނެ. މަންމައާ ބައްޕަވެސް” ނަޒްހާ ބުންޏެވެ.

އެންމެނަށް ފަސޭހަ ދުވަހަކުން ކާން ދާން ނިންމާފައި ޔަޒާން ދިޔައީ ފަހުން ނައިހާ ބަލާ އަންނާނެ ކަމަށް ބުނެފައެވެ.

ސައި ބޮއެގެން ހަތަރު ކުދިން ކޮޓަރިއަށް ގޮސް އެކި ވާހަކަ ދައްކާ ސަކަރާތް ޖަހަން ފެށިއެވެ. އެހެން ތިބެފައި ނައިހާ ކުއްލިއަކަށް ޔަޒާންގެ ކޮއްކޮ ޔާނިއުގެ ވާހަކަ ފެށިއެވެ.

“ނަޒް، ކާން ދާ އިރު ވާނެ ދޯ ޔާނިއުވެސް ގެންދަން؟” ނައިހާ އެއްލޯ މަރާލަމުން ނަޒްހާއަށް ބުންޏެވެ.

“އާނ، ތީ ވަރަށް ރަނގަޅު ހިޔާލެއް. އޭރުން ޗާންސް ނުލިބިފަ ތިބޭ ބައެއް މީހުން ފަހަރެއްގަ ޗާންސްގެ ބޭނުން ކުރަން ފަށާފާނެ ކަންނޭނގެ ދޯ!” ނުހޭން މަސައްކަތް ކުރަމުން ނަޒްހާ ބުނެލިއެވެ.

“ކީކޭ ތި ކިޔަނީ؟ ކާކު ޗާންސްގެ ބޭނުން ނުކޮށްގެން ތި އުޅެނީ؟” ނައިހާއާ ނަޒްހާ އެ ދައްކާ ވާހަކައެއް ނޫރާއަކަށް ނުވިސްނުނެވެ.

“މި ކިޔާ އެއްޗެއް ނޫރާއަކަށް ނޭނގޭތަ؟” ނައިހާ އަހާލިއެވެ.

“މީހަކަށް އެނގޭ ގޮތަކަށް ކީމަ ދޯ އެނގޭނީ” ނޫރާ ފަހަރު މީހެއްގެ މޫނަށް ބަލާލިއެވެ.

“ނާޔާ؟ ތިއްތަ ކައިރިއަކު ނުބުނަންތަ؟” ލިޔާ މޭޒު ކައިރީ އިން ނާޔާއާ ދިމާއަށް ނައިހާ އެނދުން ބާލީހެއް އެއްލިއެވެ.

“ކީކޭ ނުބުނެގެން ތި އުޅެނީ؟” ނާޔާ އެއްވެސް ކަމެއް އެނގޭ ކަމަކަށް ނުހެދިއެވެ.

“ދޮންތަމެން ގެޔަށް ދާ އިރު މި ނާޔާއާ ޔާނިއު ވަރަށް ސިއްރުން އެކަކު އަނެކަކަށް ބަލާނެ. ނާޔާ ލައިކް ވޭ ކަންނޭނގެ ޔާނިއުއާ. އަނެއްކާ އިހަށް ދުވަހަކު ޔާނިއު ހީވީ ނާޔާގެ ބަޔޯގްރަފީ ލިޔަން ވެގެން މައުލޫމާތު އެއް ކުރަން އުޅުނު ހެން ދޮންތައާ ސުވާލު ކުރާ ވަރުން. ދެ މީހުން ހިތުން އެހެން މީހަކަށް އެއްވެސް ކަމެއް ނާންގާ ވަރަށް ސިއްރުން މި އުޅެނީ” ނައިހާ ކިޔާދިނެވެ.

“އެހެންތަ؟ އެހެން ވިއްޔާ ބައްޕަގެ ބޭބީވެސް ބޮޑު ވީ ދޯ؟” ނޫރާ ގޮސް ނާޔާ ގައިގައި ބައްދައިގަތެވެ.

“ނާޔާވެސް ބޮޑު ވާނެއެއްނު ދޯ؟” ހިނި އައިސްފައި އިން ނަޒްހާ ބުންޏެވެ.

“ދެން އެއީ ތިހާ ވަރަށް ދިމާ ކުރާ ވަރުގެ ކަމެއްތަ؟” ނާޔާ ބުނެލިއެވެ.

“ދިމާ ކުރޭތަ އެބަ؟ މީ އަދި ދިމާ ކުރުމެއް ނުނޭ. ނާޔާވެސް ދޮންތަ ކައިރީ ރީތިކޮށް ބުނެލައިގެން އުޅުނު ނަމައެއްނު؟ ދޮންތަބޭއަށްވެސް ތި ދެ މީހުން އުޅޭ ގޮތް ފާހަގަ ކުރެވިގެން އެ ވާހަކަ ބުނެފި މިހާރު. ދޮންތަ ހުރީ ނާ އަމިއްލައަށް ބުނަން ދެން ނޭނގޭ ކަމަށް ހަދައިގެން ހުންނަން، އެކަމަކު މިހާ ދުވަސް ވީ އިރުވެސް ތި ދެ މީހުންނަށް ހީލުން ފިޔަވާ އިތުރު ކަމެއް ނުކުރެވުނީމަ ހިތަށް އެރީ ކޮންމެވެސް ގޮތެއް ހަދަން ވެއްޖޭ” ނައިހާ ބުންޏެވެ.

“އެހެން ވީމަ އަހަރުން ގެއިން ސީދާ ދޮންތަ މެން ގެޔަށް ދޯ ނާޔާ ދާނީ؟” ނޫރާ ބުނެލިއެވެ.

“އަހަރެން ނޫޅެން އެއްވެސް ތާކަށް ދާކަށް” ތުން ދަމާލަމުން ނޫރާއާ ދިމާއަށް ނާޔާ ލޯ އަޅާލިއެވެ.

“ދެން ނައި އަވަހަށް ފޭސްބުކް ސްޓޭޓަސް ބަދަލު ކޮށްލާ، ‘ސިންގަލް’ އިން ‘އިން އަ ރިލޭޝަންޝިޕް’އަށް” ނޫރާ ކޮއްކޮއާ ދިމާ ކޮށްލުމަށް ލިބުނު ފުރުސަތުގެ ބޭނުން ކުރިއެވެ.

“ސާބަސް! ދެން ދިމާ ނުކޮށްބަލަ” ރަކިވެފައި އިން ނާޔާ، ނޫރާ ގައިގައި ވިކާލިއެވެ.

ހެމުން ނޫރާ ނާޔާ ގައިގައި ބައްދާލިއެވެ.

“އެއީ ދިމާ ކުރަނީއެއް ނޫނޭ، އައި އެމް ސޯ ހެޕީ ފޮރ ޔޫ، ބޭބީ ސިސް!” ނާޔާ ގައިގައި ބައްދާލަމުން ނޫރާ ބުންޏެވެ.

“ނާޔާ ބޭނުމިއްޔާ ޔާނިއުއަށް ނާޔާއާ ވާހަކަ ދައްކާލެވިދާނެ. އެކަމަކު ނާޔާ އުޅެން ވާނީ ވަރަށް ވިސްނައިގެން. ކިޔަވާ ނުނިމެނީސް މީޓްކޮށް ހަދައިގެން ނުވާނެ. ދެން އެހާ ގިނަ ދުވަހެއްވެސް ނެތެއްނު؟ ޔާނިއުވެސް ނާޔާއާ މެދު ވިސްނަންޏާ ދެކޮޅެއް ނުހަދާނެ. ވާހަކަ ދައްކާލިޔަކަސް އެއީ މައްސަލައެއް ނޫން. ހިއެއް ނުވޭ މަންމަމެންވެސް ރުޅި އައިސްދާނެ ހެންނެއް” ނައިހާ ބުންޏެވެ.

“ދޮންތަ ބޭނުމިއްޔާ އޯކޭ” ނާޔާ ރަކިވެފައި އިނދެ ބުންޏެވެ.

“ދޮންތަ ބޭނުމިއްޔާއޭ؟ ނާޔާ ބޭނުމެއް ނޫންތަ؟” ނަޒްހާ ހެމުން ނާޔާ އާ ދިމާ ކޮށްލިއެވެ.

“ދެން ތުއްތާ! ޕްލީޒް!” ނާޔާ މޫނުގައި އަތް އެޅިއެވެ.

“ނަޒް، ދިމާ ނުކޮށްބަލަ! ނޫރާވެސް ނުވާނެ ދިމާ ކޮށްގެނެއް” ހިނި އައިސްފައި އިން ނަމަވެސް ނަޒްހާއާ ނޫރާއަށް ނައިހާ ބުނެލިއެވެ.

އެރޭ ނައިހާ ގެޔަށް ދިޔައީ ދިހައެއް ޖެހި ފަހުންނެވެ.

“ޔަޒާން، މާދަން ޖެހޭ ޑޮކްޓަރަށް ދައްކަން ދާން، ޔަޒާންއަށް ދެވޭނެތަ؟” ނައިހާ އަހާލީ ނިދަން އޮށޯވެފައެވެ.

“ހަވީރު ވިއްޔާ ނުދެވޭނެ، މާދަން މޯރނިންގ ޑިޔުޓީ” ޔަޒާން ބުންޏެވެ.

“ޑިޔުޓީ ޗޭންޖެއް ނުކުރެވޭނެތަ؟” ނައިހާ އަހާލިއެވެ.

“ނައިހާ ޑޮކްޓަރަށް ދާ ކޮންމެ ދުވަހަކު ކިހިނެއްތަ ޑިޔުޓީ ޗޭންޖް ކުރާނީ؟ ނަޒްއަށް ގުޅާލާފަ އަހާލަބަލަ” ޔަޒާން ބުންޏެވެ.

ނައިހާ އިތުރު އެއްޗެއް ނުބުނެއެވެ.

އަނެއް ދުވަހު ހެނދުނު ހޭލި ގޮތަށް ނައިހާ ގުޅީ ނަޒްހާއަށެވެ.

“ނަޒް، މާދަން އަހަންނާ އެކީ ޑޮކްޓަރަށް ދައްކަން ދެވިދާނެތަ؟ ޔަޒާންއަށް ނުދެވިގެން” ނައިހާ އެހިއެވެ.

“ކިހާ އިރަކު؟” ނަޒްހާ އެހިއެވެ.

“ހަތަރެއް ޖަހާ އިރަށް” ނައިހާ ޖަވާބު ދިނެވެ.

“އަޅެ، ނައި ރޭގަ ގުޅި ނަމަވެސް އަހަރެންގެ ޑިޔުޓީ ބަދަލު ކޮށްލެވުނީސް، މިއަދު ހެނދުނު ޑިޔުޓީ އޮތީ، ނައިއަށްވެސް އެނގެއެއްނު ހަތަރެއް ޖަހާ އިރަށް ނިމެން އިނަސް ދެވޭނީ ފަހެއް ޖަހާ ފަހުން ކަން؟” ނަޒްހާ ބުންޏެވެ.

“އަޅެ… މަންމަ ކައިރީ ބުނަންވީ ކަންނޭނގެ” ނައިހާ އެ ދުވަހު ދާ ހިތްވެސް ކެނޑުނެވެ.

“މަންމައާ ބައްޕަ އުޅެނީ މިއަދު ހަވީރު ހުޅުމާލޭގަ އުޅޭ ރައްޓެއްސެއް ކައިރިއަށް ދާން ވެގެން، އެކަމު ނައި އަހާލަބަލަ މަންމަ ކައިރީ” ނަޒްހާ ބުންޏެވެ.

“އަހަރެން ބުނީ ޔަޒާން މަންމަގެ ވާހަކަ. އެކަމަކު ދެން މަންމަވެސް ބިޒީ ކަން އެނގުނީތާ. ދެން ވަރަށް ފޫހި، މިއަދު ދާ ހިތެއްވެސް ނުވޭ” ނައިހާ ބުނެލިއެވެ.

“ނޫރާ ކައރީ ބުނަންތަ؟ އޭނަ ފްރީ ވާނެއެއްނު؟” ނަޒްހާ ބުންޏެވެ.

“އާނ، އަހަރެން ގުޅާނަން، ހޭލާ އެބަ އުޅޭ ދޯ؟” ނައިހާ އެހިއެވެ.

ނޫރާއަށް ގުޅުމުން ނައިހާއާ އެކީ ދާ ހިތުން ވަގުތުން އެއްބަސް ވިއެވެ.

“ނޫ އާދޭ ދޮންތަމެން ގެޔަށް ޓެކްސީއެއްގަ. މި ގޭން ހިނގާލާފަ ދާނީ ދޯ؟” ނައިހާ ބުންޏެވެ.

“އަހަރެންތަ ދާންވީ؟ ދޮންތަ އަންނަންވީނު އަހަރެން ބަލާ. އޭރުން މިގޭން ދެވިދާނެއެއްނު؟” ނޫރާ ބުންޏެވެ.

“މިގޭ ކައިރީގަ ހުންނަ ކްލިނިކަކަށޭ ދަނީ. ދެން މި ގޭން ދާކައްނު ފަސޭހަ ވާނީ؟” ނައިހާ ބުނީ ހިސާބަކަށް ހައިރާން ވެފަހުރެއެވެ.

ނައިހާމެން ގެޔަށް ނޫރާ އަންނަން ބޭނުން ނުވާ ކަން ކުރިންވެސް ނައިހާއަށް ވަނީ ފާހަގަ ކުރެވިފައެވެ. ދެ ފަހަރަކު އަހާލުމުން އެއީ ނައިހާއަށް ހީވާ ގޮތް ކަމަށް ބުނެ ނޫރާ ވާހަކަ އޮޅުވާލީއެވެ. ނަމަވެސް އެ ގެޔަށް އަންނަން ނޫރާ ބޭނުން ނުވާނީ އެކަމުގައި ކޮންމެވެސް ސަބަބެއް އޮވެގެން ކަމުގައި ނައިހާގެ ހިތް ބުނެއެވެ.

“އާނ، އޯކޭ، އަހަރެން ދާނަން ތިން ގަޑި ބައި ވާން ވާ އިރަށް” ނޫރާ ބުންޏެވެ.

ތިން ގަޑި ވިހި ވީ އިރު ނޫރާ ހުރީ ނައިހާ މެން ގޭގައެވެ. އޮފީހުން ތަންކޮޅެއް ލަހުން އާދެވުމުން ނައިހާއަށް ތައްޔާރު ވާން އުޅެވުނީވެސް ލަހުންނެވެ. ނޫރާ އައި އިރު ނައިހާ އުޅެނީ ފާހާނާގައެވެ. ނައިހާއަށް ގޮވާލާފައި ކޮޓަރީގައި ހުރި ކުޑަ ސޯފާގައި ނޫރާ އިށީނީ ނައިހާ ކިޔަން ގެންގުޅުނު ވާހަކަ ފޮތް ހިފައިގެންނެވެ. އެހެން އިނދެފައި ނޫރާ ސިހުނީ އެ ކޮތަރީގެ ދޮރު ހުޅުވާލި އަޑަށެވެ.

ކޮޓަރިއަށް ވަން ޔަޒާން ހުއްޓުނީ ނޫރާ ފެނިފައެވެ. އެއާއެކު ޔަޒާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

“ނޫރާތަ އައީ؟ އަހަރެން ހީ ކުރީ ނަޒްހާއާ އެކީ ކަމަށް ނައިހާ ދާން އުޅުނީ” އެތެރެއަށް ވަދެ ދޮރު ލައްޕާލާފައި ޔަޒާން ބުންޏެވެ.

ނޫރާ އެއްޗެއް ނުބުނެ ތެދުވީ ކޮޓަރިން ނިކުންނާށެވެ.

“ދަނީތަ؟” ނިކުންނަން ދިޔަ ނޫރާގެ އަތުގައި ހިފަހައްޓާފައި ޔަޒާން އެހިއެވެ.

“ދޫ ކުރޭ!” ނޫރާ ބުންޏެވެ.

“ކީއްވެތަ ނޫރާ އަހަރެން ދެކެ ތިހާ ރުޅި އަންނަނީ؟” ޔަޒާން އަހާލިއެވެ.

“އުޅޭ ގޮތުންނެއްނު؟” ނޫރާ ޖަވާބު ދިން އިރު އެ މޫނުމަތިން ޔަޒާން ދެކެ ފޫހި ވާ ވަރު ހާމަވާން ހުއްޓެވެ.

“އަހަރެން ކޮން ގޮތަކަށް އުޅުނީތަ؟” ޔަޒާން އަދިވެސް ނޫރާގެ އަތުން ދޫ ކުރާކަށް ނޫޅެއެވެ.

“މިހެން… ދޮންތަ ނިކުމެދާނެތީ ބިރެއްވެސް ނުގަނޭތަ؟” އަތް ދަމައިގަންނަން މަސައްކަތް ކުރަމުން ނޫރާ އެހިއެވެ.

“ނުގަނޭ ބިރެއް. ނައިއަށް ކީއް ކުރެވޭނީ؟” ހިނި އައިސްފައި ޔަޒާން ބުނެލިއެވެ.

“ދޫކުރާށޭ” ނޫރާ ވާހަކަ ދެއްކީ ފާހާނައިގެ ދޮރާ ދިމާއަށް ބަލަމުންނެވެ. ނައިހާ ނިކުމެދާނެތީ ބިރުން ހުރެއެވެ.

“ނުނިކުމެ މިތާ އިންނަންޏާ ދޫ ކޮށްލަފާނަން” ނޫރާގެ އަތުގައި ހިފާ ޔަޒާންއާ ދިމާއަށް ދަމާލަމުން ޔަޒާން ބުނެލިއެވެ.

“ކޮން ވައްތަރަކަށްތަ ތި އުޅެނީ؟ އަހަރެން މީ ޔަޒާންގެ އަންހެނުންގެ ކޮއްކޮއޭ” ނޫރާ ބުނެލިއެވެ.

“އެހެން ވިޔަސް އަހަންނަށް ނޫރާ ކަމުދާން ފެށީމަ އަހަރެންކެ ކުށެއް އޭގަ ކޮބާ؟ ތިހާ ރީތި އަންހެން ކުއްޖަކު ކަމުނުދާނީ ކާކަށް؟ ކިތައް ފަހަރު ނޫރާ ކައިރީ ބުނާނީ އަހަރެންނަށް ނޫރާ ކަމުދާ ވާހަކަ؟ ކިހިނެއް ބުނިއްޔާ ނޫރާ ގަބޫލު ކުރާނީ؟” ޔަޒާން ދެ އަތުން ނޫރާގެ ދެ އަތުގައި ހިފެހެއްޓިއެވެ.

“ކުށަކީ މީހެއްގެ ފިރިއަކަށް ވެ ހުރެ އެހެން އަންހެނެއްގެ ފަހަތުން ދުވުން. ދޮންތައަށް އެނގިއްޖެއްޔާ އޭނަ ކިހާ ދެރަ ވާނެ؟ އޭނަ އޭނީ މިހާރު ޔަޒާންގެ ދަރިއަކަށް ބަލިވެ. އޭނައާ މެދު ވިސްނާލަބަލަ” ނޫރާ ބުންޏެވެ.

“ނައިއަށް އެނގެޔޭ” ޔަޒާން އެހެން ބުނުމާ އެކީ ނޫރާއަށް ޔަޒާންގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ.

“ދޮންތައަށް އެނގެޔޭ؟” ގަބޫލު ނުކުރެވިގެން ނޫރާއަށް އަހާލެވުނެވެ.

“އަހަންނާ ނޫރާގެ ކަންތަކެއް ނޫނޭ. ނައިއަށް އަހަރެން ފެނުނީ އެހެން ކުއްޖަކާ އެކީ. ނައި ވަރި ވާން އުޅެފަ ބަނޑު ބޮޑު ކަން އެނގުނީމަ މަޑު ކުރީ. އެކަމަކު އަހަރެން ބޭނުމެއް ނޫން މިހާރު ނައިއާ އެކީ އުޅޭކަށް. އޭނަ ބަނޑު ބޮޑު ނޫން ނަމަ އޭރު އަހަރެން އެނަ ވަރި ކުރީމުސް. އޭނަ ހީކުރަނީ އޭނަ ކަމަށް އަހަންނަށް ޗާންސެއް ދީގެން އެ ހުންނަނީ. އެކަމަކު އަސްލު އަހަރެން އޭނައަށް ޗާންސެއް ދީގެން މި ހުންނަނީ” ޔަޒާންގެ ވާހަކައިން ކުރެވުނު ކަންތަކާ މެދު ކުޑަކޮށްވެސް ދެރަނުވާ ކަން އެނގެއެވެ.

“ތީ ކޮން ކަހަލަ މީހެއްތަ؟” ނޫރާއަށް ގަބޫލު ކުރަން ދަތި ވިއެވެ. އެވަރުގެ ކަމެއް ވެގެން ދިޔަ އިރު ނައިހާ އެއްވެސް މީހެއް ކައިރީ އެ ވާހަކައެއް ނުބުނެއެވެ.

“ނައި ބަނޑު ބޮޑަސް ނޫރާ އަހަންނަށް ލިބެންޏާ ނައި ވަރި ކުރަން އަހަރެން ރެޑީ” ޔަޒާން ބުނެލިއެވެ.

އެއާއެކު ޔަޒާންގެ އަތުތެރޭން ދެ އަތް ދަމައިގަންނަމުން ނޫރާ ދުރަށް ޖެހުނެވެ.

“ދުވަހަކުވެސް އަހަރެން ނުދެކެން ތިހާ ގޮތް ކުޑަ މީހަކު. ލަދެއްވެސް ނުގަނޭތަ އަހަރެން ކައިރީ ތި ފާޑުގެ ވާހަކަ ދައްކާކަށް؟ އަޅެ ޔަޒާންގެ ދަރިއަކަށް ބަލިވެއޭ ދޮންތަ އޭނީ، އޭނައާ މެދުވެސް ވިސްނާ ނުލަންތަ؟” ނޫރާ ބުންޏެވެ.

“ނޫރާ…؟” ފާހާނާގައި ހުރެފައި ނައިހާ ގޮވާލި އަޑު އިވުނެވެ. ނޫރާއަށް ދެންމެ އެހެން ބުނެވުނީ ބާރަށް ކަން އިހުސާސް ވީ ނައިހާ ގޮވާލުމުންނެވެ.

“ދޮންތަ އަވަސް ކޮށްލައްޗޭ، އަހަރެން މީނީ ބޭރުގަ” ފާހާނާ ދޮރާ ކައިރި ވެލަމުން އެހެން ބުނެފައި ނޫރާ ކޮތަރިން ނިކުންނަން ދިޔައެވެ.

“އަސްލުވެސް، ނޫރާ އާނއެކޭ ބުނެފިއްޔާ އަހަރެން ނައިހާ ވަރި ކޮށްފާނަން” ނޫރާ ދޮރާ ހަމަވި ތަނާ ޔަޒާން އަނެއްކާވެސް ބުނެލިއެވެ.

ހިނި އައިސްފައި ނޫރާއާ ދިމާއަށް ބަލަން ހުރި ޔަޒާންއަށް ނޫރާ ބަލާލިއެވެ.

“ދޮންތަ އިނީ ބަލިވެ ނޫން ނަމަ މިހާރު ގޮސް ޔަޒާންގެ މަންމަމެން ކައިރީ ހުރިހާ އެއްޗެއް ބުނާނަން، އެކަމަކު ހަމަ އެކަނި ދޮންތައަށް ޓަކާ…” އެހެން ބުނެފައި ނޫރާ ކޮޓަރިން ނިކުތެވެ.

ނައިހާއާ ޔަޒާންގެ ކައިވެނި ކުރެވުނީއްސުރެވެސް ޔަޒާން ނޫރާ މެންނާ ސަމާސާ ކޮށް ހަދައެވެ. ފުރަތަމަ ފަހަރަށް ނޫރާ ގާތު އެ ފަދަ ވާހަކައެއް ޔަޒާން ބުނީ ނޫރާއާ ނަޒްހާއާ ނާޔާ ނައިހާ މެން ގެޔަށް ދިޔަ ދުވަހެއްގައެވެ. އެއީ ނައިހާ ބަލިވެ އިނުމުގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ. އެ ދުވަހުން ފެށިގެން ނޫރާ ޔަޒާންއާ ވާހަކައެއް ނުދައްކައެވެ. ނަމަވެސް އެ ފަދަ ފުރުސަތެއް ލިބޭ ކޮންމެ ފަހަރަކު ނޫރާއާ ދިމާއަށް އެ ކަހަލަ އެއްޗެއް ޔަޒާން ބުނެއެވެ. އެންމެ ފަހުން ނައިހާމެން ގެޔަށް ދާން ނޫރާ ފޫހި ވާން ފެށިއެވެ. ނޫރާ އެކަނި ދާން ޖެހިއްޖެ ނަމަ ނުދާން ކޮންމެވެސް ބަހަނާއެއް ދައްކައެވެ.

ނޫރާ އެ ވާހަކަ އެހެން މީހަކާ ހިއްސާ ކުރަން ބޭނުން ވި ނަމަވެސް އެއްވެސް މީހަކު ކައިރީ އެ ވާހަކަ ބުނަން ނުކެރުނީ އިތުރު މީހަކަށް އެ ކަން އެނގެން ނޫރާ ބޭނުން ނުވާތީއެވެ. އަދީމް ކައިރީ ބުނެފި ނަމަ ޔަޒާންއާ ދިމާއަށް އަދީމް ކޮންމެވެސް އެއްޗެއް ބުނާނެ ކަން ނޫރާއަށް ޔަގީނެވެ. އެއްވެސް މީހަކު ނޫރާއާ ދިމާއަށް އެ ފަދަ ނަޒަރަކުން ބަލާލުމަކީވެސް އަދީމްއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެން ވެއްޖެ ނަމަ ނައިހާއަށް އެ ކަން އެނގިދާނެއެވެ.

ނަޒްހާ ކައިރީ ބުނަން އުޅެފައިވެސް އެ ޚިޔާލު ނޫރާ ދޫކޮށްލީ ބުނަން ނުކެރިގެންނެވެ. އެންމެ ފަހުން ނޫރާ އެ ވާހަކަ ހިއްސާ ކުރީ ނާޔާއާއެވެ. ދެ ކުދިން ނިންމީ އަދި އެއްވެސް ވާހަކައެއް އެކަކު ކައިރީވެސް ނުބުނާށެވެ. އޭގެ ފަހުން ނާޔާވެސް ޔަޒާންއާ މެދު ދެކެމުން އައި ގޮތް ބަދަލު ވިއެވެ.

ނައިހާ ތައްޔާރު ވެގެން ނިކުތް އިރު ނޫރާ އިނީ ޔަޒާންގެ މަންމައާ ވާހަކަ ދައްކާށެވެ.

“ހިނގާ” ނައިހާ ފެނުމުން ނޫރާ ތެދުވިއެވެ.

“ދޮންތާ، އެއްޗެއް އަހާލަންތަ؟” ހިނގާފައި ދަމުން ނޫރާ އަހާލީ ޖެހިލުން ވެފައި ހުރެއެވެ.

“އަހާބަލަ” ނައިހާ ބުންޏެވެ.

“ދޮންތަ ކީއްވެ އެހާ އަވަހަށް އެހެން މީހަކާ މެރީ ކުރީ؟” ނޫރާ އެހިއެވެ.

ނައިހާ އެއްޗެއް ނުބުނެ ވިސްނާލިއެވެ.

“ދޮންތާ… އެ ވާހަކަ ދައްކަން ބޭނުން ނޫނިއްޔާ ޖަވާބު ދޭނެ ކަމެއް ނެތް، ސޮރީ އިނގޭ” ނައިހާގެ އަތުގައި ހިފާލަމުން ނޫރާ ބުނީ އެ ހަނދާން ވުމުން ނައިހާ ދެރަ ވާނެ ކަން އެނގޭތީއެވެ.

“އޭރު އައިސްފަ ހުރި ރުޅީގަ… އަހަރެން ދެރަވި ވަރަށް އިޝާމްވެސް ދެރަ ކޮށްލަން ވެގެން” ނޫރާ ކުރި ސުވާލުގެ ޖަވާބު ނައިހާ ދިނެވެ.

“ދޮންތަ އަސްލު… ދޮންތަބޭ ދެކެ ލޯތްބެއް ނުވޭ ދޯ؟ އަދިވެސް ދޮންތަ ލޯބި ވަނީ އިޝާމް ދެކެ ދޯ؟” ނޫރާ އެހިއެވެ.

“ބައެއް ފަހަރު އަހަރުމެންނަށް ވަރަށް މޮޔަ ކަންތައް ކުރެވޭނެ… ވިސްނާ ނުލާ ކަންތައް ކުރެވޭ ފަހުން ހިތަށް އަރާނެ އެހެން ނުހެދުނު ނަމައޭ… އެކަމަކު އޭރު އޮންނާނީ ވަގުތު ފާއިތު ވެފަ… ނޫރާއަށް އެނގޭތަ؟ އޭރު ދޮންތަ އައިސްފަ ހުރި ރުޅިގަނޑު ފިލީ ޔަޒާންއާ މެރީކޮށްގެން ދުވަސްތަކެއް ދިޔަ ފަހުން. އެ ރުޅިގަނޑު ފިލި އިރަށް އެތައް ކަމެއް ވިސްނުނު… އެކަމަކު އޭރު އޮތީ ވަގުތު ފާއިތު ވެފަ.

ފަހުން ދޮންތަ ހިތަށް އެރި އިޝާމް ގަސްތުގަ އެކަހަލަ ކަމެއް ނުކުރާނެޔޭ… އަދި މެރީ ކުރަން އެހާ ކައިރި ވެފަ އޮއްވާ އަމްދުން ނުކުރާނެ… ހިތަށް އެރި އޭރު އިޝާމް ދެއްކި ވާހަކަ އަޑު އެހުނު ނަމައޭ… އެހެން ނަމަ ކަންތައް ވިހީ މުޅިން އެހެން ގޮތަކަށް ކަންނޭނގެ. އަނެއްކާ ދޮންތައާ ހެދި ތުއްތުބޭއާ އިޝާމްވެސް ދުރު ވީ… މިއަދު އަސްލު ވަރަށް އުފާ ވޭ ތުއްތުބޭއަށް ތުއްތުބޭގެ ބެސްޓް ފްރެންޑް އަލުން ލިބުނީމަ…

އެއްވެސް މީހެއް ކައިރީ އަދި މިހެންނެއް ނުބުނަން ދޮންތައެއް… ނޫރާ ނުބުނައްޗޭ ދޮންތަ މިހެން ބުނި ބާހަކަ ތުއްތަ ކައިރީވެސް އިނގޭ” ނައިހާ އެދުނެވެ.

“ނުބުނާނަން. ދޮންތަ ބުނެބަލަ، އަސްލު ދޮންތަބޭ ރަނގަޅުތަ ދޮންތައަށް؟” ނޫރާ އަނެއްކާވެސް އެހެން ސުވާލެއް ކުރިއެވެ.

“މިހާރު ދޮންތަ ހިތަށް އަރާ ޔަޒާންއާ އިނދެވުނީ މާ އަވަހަށޭ. އެއީ ކަންކަމާ ވަރަށް އަވަހަށް ރުޅި އަންނަ މީހެއް. ގިނަ ފަހަރަށް އެ އަންނަ ރުޅި ވަރަށް އަވަހަށް ފިލާ. އެކަމަކު ރުޅި އައިސްފިއްޔާ ބުނެފާނެ ކޮންމެ އެއްޗެކޭވެސް، ޔަޒާން އެއްޗެއް ބުނާ އިރު ކުޑަކޮށްވެސް އަނެއް މީހާއާ މެދު ވިސްނައެއް ނުލާނެ. ބައެއް ފަހަރު ހިތަށް އަރާ… މިހެން ބުނާކަށްވެސް ނުވާނެ ކަންނޭނގެ، އެކަމަކުވެސް… ބައެއް ފަހަރު ހިތަށް އަރާ ޔަޒާން ކައިރިން ވަރި ވާންވެސް… އެކަމަކުވެސް ހިތަށް އަރަނީ އޭރުން ވަކި ރަނގަޅު ވާނެ ބާއޭ. މިހެން އުޅެން ލިބޭ ވަރަށް ބޮޑު ހިތްވަރެއް ޔަޒާންގެ ފެމިލީ އަކީ.

އެ މީހުން ޔަޒާންއާ ވަރަށް ތަފާތު. ޔަޒާންގެ މަންމަމެން ވަރަށް ރަނގަޅު، ޔުސްރާއެކޭ ދޮންތައެކޭ އެއްވެސް ތަފާތެއް ނުކުރޭ. އެހެންވެ އަސްލު މި އުޅެވެނީ…” ނައިހާ ދުވަހަކުވެސް އެހެން މީހަކަށް ކިޔާ ނުދޭ އެތައް ވާހަކައެއް އެ ދުވަހު ނޫރާއަށް ކިޔާދިނެވެ.

“ދޮންތަބޭ ކައިރިން ދޮންތަ ވަރި ވެދާނަންތަ ދުވަހަކުވެސް؟” ނޫރާ އަނެއްކާވެސް އެ ފަދަ އެހެން ސުވާލެއް ކޮށްލިއެވެ.

“ކީއްވެ ނޫރާ މިއަދު ތި ކަހަލަ ސުވާލުތަކެއް ތި ކުރަނީ؟ ކަމެއް ވީތަ؟” ނޫރާގެ މޫނަށް ބަލާލާފައި ނައިހާ އަހާލިއެވެ.

“ނޫން، ދެން ހަމަ އަހާލީ. ވަރަށް ގިނަ ފަހަރު ހިތަށް އަރާ އަހާލަން، އެކަމަކު ނުކެރެނީ” ނޫރާ ޖަވާބު ދިނެވެ.

“އެއްވެސް މީހެއް ކައިރީ ދޮންތަ ނުބުނާ އެހެން ވާހަކައެއް ބުނަންތަ؟” ނައިހާ އަހާލިއެވެ.

ނޫރާ ބޯ ޖަހާލިއެވެ.

“ތަންކޮޅެއް ކުރިން ދޮންތައަށް ޝައްކު ވީ ޔަޒާންއާ އެހެން އަންހެން ކުއްޖަކާ ގުޅުމެއް އޮންނަ ކަމަށް. ދެ ތިން ފަހަރަށް އެހީމަވެސް ޔަޒާން އެއްބަހެއް ނުވި، ދޮގު ހަދަނީ. ދެން ދޮންތައާ ޔުސްރާއާ ނަވީންއާ ތިން މީހުން ވެގެން އެއްރޭ ޔަޒާންގެ ފަހަތުން ދިޔައީ، އެރޭ ފެނުނީ އެ ދެމީހުން އެކީގަ ތިއްބާ.

އެ ގޮތަށް އެ ދެމީހުން ތިއްބާ ފެނުނީމަވެސް ދޮންތަ ނާދޭ ރުޅިއެއް، ދެރަ ވީ. އެއްވެސް އެއްޗެއް ނުބުނަން، ޔުސްރާއާ ދެ މީހުން ގެޔަށް އައީ ޔަޒާންއަށް އަހަރުމެން ފެނުނީމަ. ޔަޒާން ގެޔަށް އައި އިރު މަންމަމެން އެންމެން ތިބި، އެ މީހުންނަށް ކިޔާދިނީވެސް ސުވާލު ކުރަން ފެށީމަ. ޔަޒާން އައި އިރަށް ބުނިން ވަރި ކުރާށޭ، އެހެން ބުނެފަ އެރޭ ދިޔައީ ގެޔަށް. އެއް ފަހަރު ގޮސް ހުރީމެއްނު ތިން ދުވަސް ވަންދެން؟

ބަނޑު ބޮޑު ކަން އެނގުނީ ގޭގަ ހުއްޓާ، އެހެންވެ ހިތަށް އެރީ ޔަޒާންއަށް އަދި އެއް ޗާންސް ދޭން. އެކަމަކު ޔަޒާންގެ އުޅުން އެންމެ ތަންކޮޅެއްވެސް ބަދަލު ވި ހެނެއް ހިއެއް ނުވޭ…” ނައިހާ ހުރިހާ ވާހަކައެއް ނޫރާއަށް ކިޔާދިނެވެ.

“ދެން ދޮންތަ ކިހިނެއް ހަދާނީ؟” ނޫރާ އެހިއެވެ.

“ހަދާނެ އެހެން ގޮތެއް ނެތެއްނު؟ ދަރިއަކު ލިބުނީމަ ރަނގަޅު ވާނެ ކަމަށް އުންމީދު ކުރަނީ” ނައިހާ ބުންޏެވެ.

ނޫރާ އާ މެދު ޔަޒާން ދެކޭ ގޮތުގެ ވާހަކަ ބުނަން އެ ވަގުތު ނޫރާ ހިތަށް އެރިއެވެ. އެހެން ނަމަވެސް ބުނާކަށް ނުކެރުނެވެ. ނައިހާ އެ ބުނާ ހެން އެ ދެމީހުންގެ ދަރިފުޅު އުފަން ވުމުން ޔަޒާން ބަދަލު ވެދާނެއެވެ.

 

ފަހެއް ޖެހި ތަނާ ޝާދު ނަޒްހާގެ ފޯނަށް މެސެޖް ކުރިއެވެ. ހަމަ އެކަނި ‘ރެޑީ؟’ އެހެން ޖަހާފައި އިން މެސެޖް ކިޔާލާފައި ނަޒްހާ ތިރިއަށް ފޭބިއެވެ.

“މަންމާ، ދަނީ” ސިޓިންގރޫމްގައި އިން ނަރީމާއަށް އެހެން ބުނެފައި ނަޒްހާ ބޭރަށް ނިކުތް އިރު ދޮރުމަތީ ސައިކަލުގައި ޝާދު އިނެވެ.

“ހިނގާ” ސައިކަލަށް އަރާފައި ޝާދުގެ އުނަގަނޑުގެ ދެ ފަރާތުން ހިފާލާފައި ހަމަ ޖެހިލަމުން ނަޒްހާ ބުންޏެވެ.

ޝާދުއާ އެކީ ނަޒްހާ ވަން އިރު ޒަރާނާ ސައި ހަދަނީއެވެ.

“ގަޑިއަށް ދޯ ސައި މި ހެދުނީ؟” ޝާދުއާ ނަޒްހާ ފެނުމުން ޒަރާނާ އަހާލިއެވެ.

“އަހަރެން އަންނަ ކަން އެނގިގެންތަ މަންމަ ސައި ހެދީ؟” ނަޒްހާ ހެވިފައި ހުރެ އެހިއެވެ.

“ޝާދު ނުބުނޭ މިއަދު ނަޒްހާ ގެންނަ ވާހަކައެއް. ބުނި ނަމަ މިއަށް ވުރެ ރަނގަޅަށް ސައި ހަދާނެއެއްނު؟” ނަޒްހާގެ އަތުގައި ހިފައިގެން އައިސް އިށީންނަމުން ޒަރާނާ ބުންޏެވެ.

“މަންމަ ކިހިނެއްތަ؟ ބަލިގަނޑު އެއްކޮށް ރަނގަޅު ވީތަ؟” ނަޒްހާ އެހިއެވެ.

“މަންމަ ރަނގަޅު ވިތާ ކޮން ދުވަހެއް؟ މި މީހުންނޭ މާ ކަންތައް ބޮޑު ކޮށްގެން އުޅެނީ” ޒަރާނާ ބުންޏެވެ.

“ވަރަށް ސޮރީ އިނގޭ ގޮވާލަންވެސް ނާދެވުނީމަ. ތަންކޮޅެއް ބިޒީވީ އެ ދުވަސްކޮޅު ތުއްތުބޭގެ ވެޑިންގ އޮތީމަ” ޒަރާނާ ބަލިވެ އުޅުނު ދުވަސްކޮޅު ނާދެވުނީތީ ނަޒްހާ މާފަށް އެދުނެވެ.

“އެއީ ކަމެއް ނޫން، ހިނގާ ސައި ބޯން. ޝާދު ކީއްވެތަ ދުރުގަ ތި ހުރީ؟ އިށީނދޭ، މަންމަ މި އަންނަނީ ޝިއުނާމެން ކޮބާތޯ ބަލާލާފަ” ޒަރާނާ ބުންޏެވެ.

“އަހަރެން މި އަންނަނީ ފެން ވަރައިގެން” ޝާދު އެހެން ބުނެފައި ކޮޓަރިއަށް ދިޔައީ ނަޒްހާއަށް ޝާދުއާ އެކު އައުމަށް އިޝާރާތް ކޮށްލާފައެވެ.

ޒަރާނާ ގޮސް ޝިއުނާގެ ކޮޓަރިއަށް ވަނުމުން ނަޒްހާ ޝާދު ފަހަތުން ދިޔައެވެ.

ޝާދު ފެން ވަރައިގެން ނިކުތް އިރު ނަޒްހާ އެނދުގައި އިނެވެ. ޝާދު އައިސް ނަޒްހާ ކައިރީ އިށީނދެ އިސްތަށިގަނޑުން ފެންތައް ފޮޅާލިއެވެ.

“ދެން ޝާދު…” މޫނު ފޮހެލަމުން ނަޒްހާ ޝާދުގެ މޭގައި އަތް އަޅާ ދުރަށް ޖައްސާލަން އުޅުނެވެ.

އެއާއެކު ޝާދު ނަޒްހާގެ ދެ ކޮނޑުގައި ހިފާ ފަހަތަށް ކޮއްޕާލަމުން ނުތެދުވެވޭނެހެން ނަޒްހާގެ ދެ ފަރާތުން އަތް ވިއްދާލިއެވެ.

“ދެން ކޮންތާކަށް ދާނީ؟” ހިނި އައިސްފައި ޝާދު އަހާލިއެވެ.

“ކާކުތަ އުޅުނީ ތަނަކަށް ދާން؟” ޝާދުގެ މޫނުގައި އަތް ޖައްސާލަމުން ނަޒްހާ އެހިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ކަފުން ވެވިފާ…08

Next

ވާނަން އުމުރަށް – 29 –

Next
September 25, 2019

ވާނަން އުމުރަށް – 29 –

Previews
September 25, 2019

ކަފުން ވެވިފާ…08

7 Comments!

  1. Mar Sha Marsha says:
    September 25, 2019 at 7:20 pm

    Hi all, miothy part 5, mi bai las vee Marsha balive ulhunyma. Hykuran mibaives kamudhaane kamah, kiyaalaafa comment kollahchey. Part 6 Sunday ga genesdheynan, ??

  2. Mannu❤️ says:
    September 25, 2019 at 7:21 pm

    1 min should Las v

  3. Eekko 11 says:
    September 25, 2019 at 7:33 pm

    Varah varah varah reethi….and me first dho varah ufaavehje…….??keep up the good work dear….ly??
    Mi part fudhey varakah dhiguhen heevey Hama Obi ingey ???

  4. nisha says:
    September 25, 2019 at 11:59 pm

    ishaan men guhuvaala dheebala haadha haaleh gaey emeehun eulheny

  5. Meekkomee says:
    September 26, 2019 at 11:57 am

    Woww ?????? varah reethi ?????? ?? luv it ????? waiting for Sunday ??? LYSM ❤️❤️❤️❤️❤️❤️???????

  6. Anonymous says:
    September 30, 2019 at 3:27 pm

    Kobaatha

  7. Shaaha?? says:
    October 2, 2019 at 10:05 am

    I love this story

Comments are closed.

Next Episodeއެދިގެން ތި ލޯތްބަށް 6←


All Right Reserved!