އަޔާޒް އެއާރޕޯޓަށް ދިޔުމަށްޓަކައި އެދުވަހު ކާރަށް އެރީ ހަވީރު 4:15 ހިކަށްހާއިރެވެ. އޭނައަށް ގެއިން އެ ނިކުމެވުނީ ދޮންބެއާއި ބޮޑުމަންމަ އޭނައަށް ގޮވާތާ ދިހަވަރަކަށް މިނެޓް ފަހުންނެވެ. ނަތީޖާއެއްގެ ގޮތުން އޭނަ ގަރާޖަށް ދިޔައިރު ދޮންބެގެ ކާރު ފެންނާކަށް ނެތެވެ. އަޔާޒް އޭނަގެ ކާރު ސްޓާޓްކޮށް ގަރާޖުން ނެރެން ފެށީ އެކަމާމެދު ހިސާބަކަށް އުފާވެފައި ހުރެއެވެ. އޭނައަށް ރަނގަޅީ ދޮންބެއާއި ބޮޑުމަންމަ ހަދަހަދައިގެން ކިޔައިދޭ އޭނަގެ ‘ލޯބީގެ ފަސާނާ’ އާއި ކުޑަ ވަގުތުކޮޅަކަށް ވެސް ދުރުވެވުނިއްޔާއެވެ. ހަމަ މިއާއެކު އޭނައަށް އެއާރޕޯޓަށް ދެވޭއިރު ދޮންބެމެން ލަސްވެގެން އެމީހުން ބަލައިދިޔަ މެހުމާނުން ގޮވައިގެން ހިނގައިދާނެ ގޮތެއް ވުމަށްވެސް އޭނައަށް އުއްމީދުކުރެވުނެވެ. އެ ހިނދު ވީހާވެސް ދަށް ސްޕީޑެއްގައި އޭނަ މިޞްރާބުޖެހި މަންޒިލަށް ދާން އަޔާޒް ނިންމިއެވެ. އެހެނަސް އެއީ އޭނަ އެހާ ގަޔާވާ ކަހަލަ ކަމަކަށް ނުވުމުން ރެސްޓޯރެންޓަކަށް ވަދެލަން ވެސް ހިތަށްއެރިއެވެ. ނަމަވެސް ނޭނގޭ ސަބަބަކާހުރެ އޭނަ އެ ކުއްޖާއާއި ދިމާކޮށްލަން ބޭނުންވެގެން ހުރި މިންވަރު ވެސް ބޮޑުވިއެވެ. އޭނައަކީ ކާކުކަން އެއާރޕޯޓް ތެރެއިން ވެސް އެ ކުއްޖާއަށް ދައްކާލަން އޭނައަށް އެދެވުނުވަރުން ކަންނޭނގެއެވެ. އަޔާޒް އޭނަ ޢާއްމުކޮށް ދުއްވާ ސްޕީޑަށްވުރެ މަތީ ސްޕީޑެއްގައި ކާރު ދުއްވާފައި ދިޔައީ އޭނަ އެތަނަށް ދާން ކެތްމަދުވާ ސަބަބަކީ އެއީ ކަމަށް އަމިއްލަ ނަފްސުގާތު ބުނެލަމުންނެވެ.
އޭނަ ފަސް އަޅާލި ޙަޤީޤަތަކީ އޭނަގެ ހިތުގެ ކަނެއްގައި މަލާކާއިމެދު އޮތް ޝައުޤުވެރިކަމެވެ. މަލާކް އެ ބައްޔާއިއެކީ އުޅެމުންދާ ގޮތާއި މެދުގައެވެ. ނުހިނގޭ ޙާލުގައި ވެސް މަލާކް އެ ގެންގުޅޭ ހިތްވަރެވެ. އަދި އަމުދުން ދޮންބެއާއި އަނުމްގެ ފަރާތުން މަލާކާއިމެދު އިވުނު ވާހަކަތަކަކީ ޙަޤީޤަތެއްތޯ ބަލަން އޭނަވަނީ ކެތްމަދުވެފައެވެ. މަލާކަކީ އެ ބަލި ޙާލުގައި ވެސް އެފަދަ ޝަޚްޞިއްޔަތެއްގެ ވެރިއަކަށް ވެއްޖެނަމަ އޭނަ ހަމަ ޔަޤީނުންވެސް ވާނީ އަޔާޒް ޤަދަރު ކުރާނެ ކުއްޖަކަށެވެ.
މިނެޓްތަކެއްގެ ދަތުރަކަށްފަހު އަޔާޒްގެ ކާރު ގޮސް އެއާރޕޯޓުގެ ކައިރީގައި މަޑުކޮށްލީ 4:24 ވީ ވަގުތެވެ. އޭނަ އެއާރޕޯޓުގެ ތެރެއަށް ވަދެގެން ދިޔައީ ދޮންބެމެން ފެނޭތޯ ވަށައި ހޯދަމުންނެވެ. އެންމެ ފަހުން ޓާރމިނަލް ޞަރަޙައްދަށް ދެވުނު ވަގުތު ވެސް އެމީހުން ފެންނަ ގޮތެއް ނުވުމުން އަޔާޒް ދޮންބެއަށް ގުޅާލިއެވެ.
“ހެލޯ ދޮންބޭ….ކޮން ދިމާލަކުތަ ތިތިބީ؟ އަހަރެން މިހިރީ ޓާރމިނަލްގަ.” އަޔާޒް ދެންވެސް ހޯދަމުން ފޯނުން ވާހަކަ ދެއްކިއެވެ.
“އައްދެ! ވާންއުޅޭ އަންހެނުން ދެކެން ކެތްމަދުވެގެން އަހަރުމެންނަށްވުރެ ކުރިން ގޮސްގެންދޯ ތިއުޅެނީ؟ ހެހެ…..އަހަރުމެން މިތިބީ ހަވީރު ސައިބޯން މިތާހުރި ރެސްޓޯރެންޓަކަށް އައިއްސަ. އަދި ކިރިޔާ އެ ފްލައިޓް ޖައްސަން އުޅޭނީ. ދެން ތިތާ މަޑުކޮށްލާ! އަހަރުމެން ވެސް މި އަންނަނީ ކުޑައިރުކޮޅަކުން.” ދޮންބެ އެކޮޅުން ވާހަކަ ދެއްކި އަޑު އަހަމުން ގޮސް އަޔާޒް ޓާރމިނަލް ތެރޭގައި ހުރެ ފަސިންޖަރުން އަންނަންވާ ދިމާލަށް ބަލާލީ އެތަން އިހުނަށްވުރެ އަޑުހަރުވެގެން ދިޔުމުންނެވެ. އޭނައަށް ހުރެވުނީ ފަސިންޖަރުން ޓާރމިނަލަށް ވަންނަ ދޮރާއި ފުދޭވަރަކަށް ކައިރީގައި ކަމަށްވުމުން އެރައިވަލްގެ ތެރެއަށް ވަދެގެން އައި އާ މޫނުތަކެއް އޭނައަށް ވެސް ފެނިގެން ދިޔައެވެ. އޭނަ ބަލަން ހުރެފައި ދުރު ބަލާލަން އުޅުނު ވަގުތު ހުއްޓުން އެރީ ދަންނަ މޫނުތަކެއް ފެނިގެން ދިޔުމުންނެވެ. އެންމެ ފުރަތަމަ އޭނައަށް ފެނިގެން ދިޔައީ އެކަކު އަނެކަކާ ވާހަކަ ދައްކަމުން އެތަނަށް ވަން މަލާކްގެ މަންމައާއި ބައްޕައެވެ. އެމީހުން ވަދެގެން އައިތާ މާ ގިނައިރެއްނުވެ އެއްކަލަ ފުރޮޅުލީ ގޮނޑި ދުއްވަމުން އައި ކުއްޖާ އޭނައަށް ފެނުނެވެ. އެ ހިނދު ދޮންބެ ފޯނުން ކޮންމެވެސް އެއްޗެކޭ ކިޔަކިޔާ ހުއްޓެއްކަމަކު އޭނައަށް ސަމާލުކަމެއް ނުދެވުނެވެ. ދޮންބެ ތަކުރާރުކޮށް ހެލޯއޭ ކިޔަން ފެށުމުން އަޔާޒަށް ވާހަކަ ދެކެވުނެވެ.
“ދޮންބެއަށް ފަހުން އެބަ ގުޅަން.” އަޔާޒަށް އެހެން ބުނެ ފޯނު ކަނޑާލަމުން ޖިންސްގެ ޖީބަށް ލެވުނީ މަލާކްގެ މޫނުން ނަޒަރު ވަކިކުރުމެއްނެތިއެވެ.
މަލާކް ފެނިފައި މިފަހަރު ވެސް އަޔާޒްގެ ހިތަށްވެރިވީ އަޖާއިބު ކުރުވަނިވި ޙައިރާންކަމެކެވެ. އޭނަ އުއްމީދު ކޮށްގެން ހުރީ މަލާކްގެ މަންމަ ނޫނީ ބައްޕަ އެ ގޮނޑި ކޮއްޕަމުން އެތަނަށް ވަދެގެން އަންނާށެވެ. އެހެނަސް އެހެން ނުވިތާއެވެ. މަލާކްގެ މަންމައާއި ބައްޕަ އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅަށްޓަކައި އެކަން ކޮށްދޭން އިންކާރު ކުރާނެހެން ހިއެއްނުވެއެވެ. މީހުންގެ ޙަމްދަރުދީ ހޯދަން އެ ކުއްޖާ ހަމަ ބޭނުމެއްނުވަނީތާއެވެ. މަލާކްގެ އެ ސިފަވެސްވެގެން ދިޔައީ އަޔާޒްގެ ހިތާއި ކުޅެލި ސިފައަކަށެވެ.
މަލާކް ލަސްލަހުން ގޮނޑި ދުއްވަމުން މުޅި އެތާ ވަށައި ހޯދަމުން ދިޔަ ގޮތުން ވެސް އަޔާޒަށް ނޭނގި އޭނައަށް އެސްފިޔަ ޖަހާލުމެއްނެތި ބަލަހައްޓައިގެން ހުރެވުނެވެ. އެ ލޮލުގައިވީ މުޅި އެތަންވެސް ވަގުތުން ދެނެގަންނަން އުޅޭ ފަދަ އަސަރެކެވެ. ފޮޓޯއެއް ނެގުމެއްނެތި އޭނަގެ ލޮލުން އެތަނުގެ ހުރިހާ މަންޒަރެއް ރައްކާކުރަން އުޅޭ ފަދައަކުންނެވެ. އެ ހިނދު އަޔާޒްގެ ހަނދާނަށް އައީ މަލާކާއި ބެހޭގޮތުން އަނުމް ބުނެލި ވާހަކައެކެވެ. މަލާކް އަބަދުވެސް ކަންކަމާމެދު ދެނެގަންނަން އުޅޭ ވާހަކައެވެ. އެއީ ތެދަކަށް ވެދާނެތޯ ހިތާހިތުން ކިޔަމުން އަޔާޒް ލަސްލަހުން ގޮސް ޓާރމިނަލްގެ އެއްފަރާތަށް ޖެހި ދެއަތް އުރާލަމުން ފާރަށް ލެނގިލިއެވެ. އެ ހިނދު މަލާކްގެ ނަޒަރު ކޮންމެވެސް ދެ ކުޑަކުއްޖަކަށް އަމާޒުވެފައިވި މަންޒަރު އޭނައަށް ފެނުނެވެ. އަޔާޒް އެއްފަހަރު އެކުދިންނަށް އަނެއްފަހަރު މަލާކަށް ބަލާލިއެވެ. މަލާކް ހަމަ ކުޑަކުދިންނަށް ޝައުޤުވެރިވަނީތާއޭ ހިތަށްއެރި ވަގުތު އޭގެއިން އެއްކުއްޖަކު ބާރަށް ދުވެފައި ގޮސް މަލާކްގެ ގޮނޑީގެ ފަހަތުގައި މަޑުކޮށްލި މަންޒަރު ފެނުނެވެ. ސިކުންތުކޮޅެއް ފަހުން ދެން ހުރި ކުއްޖާ ހިނގަމުން ގޮސް ކުއްލިއަކަށް ގޮނޑީގެ ކައިރީގައި ހުރި ކުއްޖާ ފަހައި ދުއްވައިގަތުމުން އެކުއްޖާ ދުއްވައިގަތީ މަލާކްގެ ގޮނޑި ކޮއްޕާލަމުންނެވެ. އެ ހިނދު ގޮނޑި އެނބުރިފައިވީ ޓާރމިނަލާއި ދިމާލަށް ކަމަށްވުމުން މަލާކް ސީދާ އޭނަ ހުރި ދިމާލަށް އަންނަމުން ދިޔަ މަންޒަރު އަޔާޒަށް ފެނުނެވެ. އެއާއެކު އޭނައަށް ސީދާވެލެވުނެވެ. މަލާކް ކަންބޮޑުވެފައިވި މޫނަކާއެކީ އެއްފަހަރު ބިމަށް ބަލައި އަނެއްފަހަރު ގޮނޑީގެ ފުރޮޅަށް ބަލާލި މަންޒަރު އަޔާޒަށް ފެނުނެވެ. އޭގެ ދެވަނަ ސިކުންތުގައި ކުރިމައްޗަށް ބަލާލުމުން އަޔާޒް ހުރި ފަރާތް ނޫން އަނެއްފަރާތުގެ ޓާރމިނަލް ފާރު ފެނިފައި އޭނަ ދެލޯ މަރައި ތަގުޅިކުރިތަން ވެސް އަޔާޒަށް ފެނުނެވެ. އެހެނަސް އަޔާޒް އެ ގޮނޑި އަންނަމުން ދިޔަ ދިމާލަށް ޖެހިލީ ހާސްކަމެއްނެތިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އެ ގޮނޑީގެ އަތްގަނޑުގައި ދެއަތުން ހިފަހައްޓާލުމުން ގޮނޑި ހުއްޓުމަކަށްއައެވެ.
އަޔާޒް ޤަޞްދުކޮށްގެން ހުރީ ގޮނޑި ހުއްޓުމާއެކު އެ އަތްގަނޑުން ދޫކޮށްލާށެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނައަށް މަލާކްގެ މޫނަށް ބަލަހައްޓައިގެން އެ ހުރި ގޮތަށް ހުރެވުނެވެ. ގޮނޑި ހުއްޓުނުތާ ސިކުންތުކޮޅެއްވީއިރު ވެސް މަލާކް އޭނަގެ ދެލޯ ތަގުޅިކޮށްގެން ހުރި ގޮތުން އަޔާޒް މަލާކްގެ އަތަށް ބަލާލިއިރު އޭނަ ހީކުރި ފަދައިން އޭރުވެސް އެއަތަށް ބާރުކުރެވިފައިވިއެވެ. އޭނަ ތިރި ބަލާލިއިރު އިސްޓާކީންގެ ތެރެއިން ފައިގެ އިނގިލިތަކަށް ބާރުކުރެވިފައިވިކަން ވެސް އޭނައަށް ފާހަގަވިއެވެ. އެ މަންޒަރު ބަލަން ހުރެފައި އަޔާޒް މަލާކްގެ މޫނަށް ނަޒަރު ހުއްޓާލި ވަގުތު އޭނަ ލަސްލަހުން އޭނަގެ ލޯ ހުޅުވާލަނީއެވެ. އެ މަންޒަރު ފެނިފައި މަލާކަށް އޭނަ ފެނުމުން ވާނެ ގޮތް ދެކިލަން އޭނަ ހިސާބަކަށް ކެތްމަދުވިއެވެ. ހަނިގޮތަކަށް އެ ލޯ ހުޅުވުމަށްފަހު ސިކުންތުކޮޅެއްގެ ތެރޭގައި އަޔާޒްގެ މޫނަށް ލޯ އަމާޒުވުމާއެކުހެން ކުއްލިއަކަށް އެ ދެލޯ ބޮޑުވެ މަލާކް ސިއްސައިގެން ދިޔައެވެ. އެ މަންޒަރު ފެނިފައި އަޔާޒަށް ނޭނގި އޭނަގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ މަލާކްގެ ސްކޭން މަތިން ހަނދާންވުމުންނެވެ. މަލާކަށް ދެންމެ އެވީ އޭނަ ލަފާ ކޮށްފައިވި ގޮތަށް ކަމަށްވިޔަސް އެއީ މިފަދަ ލޯބި މަންޒަރަކަށް ވެދާނެ ކަމަކަށް އޭނަ ހިއެއްނުކުރެއެވެ.
މަލާކާއި އަޔާޒް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބާ ހަމަހޭވެރިކަމެއް ލިބިގެން ދިޔައީ ޓާރމިނަލްގެ ތެރެއިން މީހަކު ކަރުކެހިލި އަޑަށެވެ. އެއާއެކު އަޔާޒާއި މަލާކް ވެސް އެދިމާލަށް ބަލާލި ވަގުތު އެތާތިބީ ކޮންޓްރޯލް ކުރަމުން ދިޔަ ހިނިތުންވުންތަކާއެކީ ތިބި ނިޝާނާއި ވަސީމާއެވެ. އެ ދެ މޫނުމަތިން ވެރިވަމުން ދިޔަ ކުލަވަރުތަކުގެ ފަހަތުގައިވި ސަބަބު އެނގުންވީ ހިނދު އަޔާޒަށް އޭނަ ހިފަހައްޓައިގެން ހުރި ދެއަތްގަނޑުން ދޫކޮށްލަމުން ސީދާވެލެވުނީ ކަރުކެހިލަމުންނެވެ. ހަމަ އެ ހިނދު އޭނައަށް ހުރެވުނީ އޭނަގެ ހިތުގައި ދެންމެ ހިނގާލި ޖަޒުބާތުތަކާމެދު އަޖާއިބުވެ އަންތަރީސްވެފައެވެ.
“ދިމާވެއްޖެދޯ މަލާކް އަޔާޒްއާ. މަލާކް މަޢާފުކޮށްލައްޗޭ އަހަރުމެންނަށް ތަންކޮޅެއް ލަހުން އާދެވުނު ކަމަށްޓަކައި. އަޔާޒް ކީއްތިކުރަނީ މަލާކްގެ ގޮނޑީގެ ތިކޮޅުގަ ހިފަހައްޓައިގެން؟ ރަޝިޔާގަ މީހުން ވީލްޗެއާރ ދުއްވައި އުޅެނީ ތިކޮޅުގަ ހިފައިގެންތަ؟” ނިޝާން ވަސީމާއާއެކީ އެދިމާލަށް އަންނަމުން ނޭނގޭ ކަމަށް ހަދައި ރާގަކަށް ސުވާލުކުރިއެވެ. އެއާއެކު އަޔާޒް އޭނަ މަލާކަށް ނުރުހުންވާންވީ ސަބަބުތަކުގެ މަތިން އެއްފަހަރާ ހަނދާންވުމުން އޭނަ ވަގުތުން މިއަދު އޭނަ ކަންތައް ކުރަން ރާވައިގެން ހުރި ގޮތުގެ މަތިން ހަނދާންކޮށްލިއެވެ. އިސާހިތަކު އޭނަ ހިތާހިތުން މަލާކް ރާއްޖެ ތެރޭގެ ‘ދަށު ދަރަޖައިގެ’ ކުއްޖެއްގެ ގޮތުގައި ދެކެން ފެށީ މައުވާގެ މަތިން ވެސް ހަނދާންކުރަމުންނެވެ.
އަޔާޒް ޖަވާބެއް ނުދިނުމުން ވަސީމާ މަލާކްގެ ގާތަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ.
“ތެދެއް މަލާކް ކިހިނެއްތަވީ؟ މަލާކަށް ގޮތެއްވެގެން އަޔާޒް ބަލާލަން އުޅުނީތަ؟ އެއީ ޑޮކްޓަރެކޭ. އެހެންވީމަ ކިރިޔާވެސް ގޮތެއްވަންޏާ އަޔާޒަށް ނުހުރެވޭނެ ނުބަލާ…” ވަސީމާ އެހެން ބުނެލީ ދެންމެ ކޮންމެ ގޮތެއްވެފައި ވިޔަސް މަލާކްގެ މޫނުމަތިން ނުތަނަވަސްކަމެއް ފެންނަމުން ދިޔައީތީވެއެވެ. ވަސީމާ އެ ވާހަކަ ބުނެފައި ހީލުމުން މަލާކް ހިނިތުންވާން މަސައްކަތް ކުރިއެވެ. އެހެނަސް ކޮންޓްރޯލެއްނެތި ބާރަށް ތެޅެމުން ދިޔަ ހިތެއްގެ ސަބަބުން މަލާކް ޖަވާބެއްވެސް ދޭން ނުކުޅެދުނެވެ. މަލާކަށް ވަމުން ދިޔަ ގޮތް ބަލަން ހުރި އަޔާޒް ޖަވާބެއް ނުދޭން ހުރެފައި ވެސް ސީރިއަސް ނަޒަރެއްގައި ހުރެ ވާހަކަ ދެއްކިއެވެ.
“ދެންމެ އެކޮޅުގަ ހުއްޓާ ކޮންމެވެސް ކުޑަ ކުއްޖަކު ގޮނޑި ކޮއްޕާލީމަ ފާރުގަ ޖެހެން އައީ. އެވަގުތު އަހަރެން ގޮނޑި ހުއްޓުވީ…” އަޔާޒް ކިޔައިދިނެވެ. އެ ހިނދު މަލާކަށް އަޔާޒާއި ދިމާލަށް ބަލާލެވުނީ ކުއްލިއަކަށެވެ. އަޔާޒް އޭނަގެ ގޮނޑީގައި ހިފަހައްޓައިގެން ހުންނަންވީ ކީއްވެކަން މަލާކަށް ދޭހަ ކުރެވުނީ އެ ބަސްތައް އިވުމުންނެވެ. މީގެ އިރުކޮޅެއްކުރިން ލޯ ހުޅުވާލި ވަގުތު އަޔާޒްގެ މޫނު އެހާ ކައިރިން ފެނިގެން ދިޔުމުން ލިބުނު ޝޮކާއެކީ އޭނަ ދެންމެ ކަންތައް ހިނގިގޮތް ހިނދުކޮޅަކަށް ނަމަވެސް ހަނދާންނެތޭ ގޮތްވީއެވެ. އަދި އަމުދުން އޭނަ ސިއްސައިގެން ދިޔުމުން ވެސް އަޔާޒް އޭނައާއި ދުރުވުމެއްނެތި ހިނިތުންވެލީ ގޮތުން އޭނަ ވީ އަޖާއިބެއްގެ ތެރޭގައެވެ. މިއީ އޭނަގެ ޙަޔާތުގައި ވެސް އޭނަ ސިއްސައިގެން ދިޔުމުން މީހަކު ހިނިތުންވެލީ ފުރަތަމަ ފަހަރެވެ. އަޔާޒް އެހެން ހަދަންވީ ކީއްވެތޯ ހިތަށްއެރިއެވެ. އަދި އަމުދުން އޭނަ ހިތް ބިރުގަތް އެ ވަގުތުކޮޅުގައި ވަކި އަޅާލުމެއްވެސް ނެތި ހެވިލަން މި މީހެއްގެ ހިތެއްވެސް ނެތީ ހެއްޔެވެ؟ އެހެނަސް އެ ހިނިތުންވުމުން މަލާކްގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބުނުކަމަށް އޭނަގެ ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ.
“ސުބްޙާނަ ﷲ އަސްލުވެސްތަ؟! މަންމަމެންނާ އެކީ ނޫންތަ ތިއައީ؟ ކޮބާ މަންމަމެން؟” ވަސީމާ ކަންބޮޑުވުމަކާއެކީ ސުވާލުކުރިއެވެ. މިފަހަރު ވެސް ވާހަކަ ދައްކަން ދަތިވެފައިވި މަލާކަށް އެއްޗެކޭ ބުނެވުމުގެ ކުރިން އަޔާޒް ވާހަކަ ދެއްކިއެވެ.
“އެމީހުން އެބަތިބި ލަގެޖް ބެލްޓް ކައިރީގަ. އަހަރެން އެމީހުންނަށް އެހީ….” އަޔާޒްގެ ވާހަކަ މެދުކެނޑުނެވެ.
“އުނހު އަޔާޒް ދޭ ބޮޑުމަންމައާއެކީ މަލާކް ކާރަށް ލާން. އަހަރެން އެބަ އަންނަން އެމީހުން ގޮވައިގެން….” ނިޝާން ބުނެލިއެވެ. އެއަށްފަހު އޭނަ އަޔާޒްގެ ކޮނޑުގައި ޖަހާލަމުން ދިޔަ ގޮތުން އަޔާޒް އަނެއްކާވެސް އޭނަ އެދުވަހަށް ކަނޑައެޅި މަޤްޞަދުތަކުގެ މަތިން ހަނދާންކުރަމުން ހިނގާށޭ ބުނެލިއެވެ. އެއާއެކު ވަސީމާ ގޮނޑި ދުއްވައިދެންތޯ މަލާކް ކައިރިން އަހައި ވަކި ޖަވާބެއް ހޯދުމެއްނެތި ގޮނޑީގެ ފަހަތަށް ގޮސް އަތްގަނޑުގައި ހިފަހައްޓާލިއެވެ. އެކަމާމެދު ހިސާބަކަށް ނުރުހުންވިއެއްކަމަކު އޭނަ އެދޭ ގޮތް އެ ދައްތައަށް ނޭނގޭނެތާއޭ ހިތާހިތާ ކިޔާލިއެވެ. އެއަށްފަހު ހިނިތުންވެލީ އެ ދައްތަގެ ހިތްހެޔޮކަން ހިތަށް ގެނެވެމުންނެވެ. އަޔާޒް ހިނގަމުން ދިޔައިރު މަލާކްގެ މޫނުން ނަޒަރު ވަކިކޮށްލެވުނީ އެ މަންޒަރު ވެސް ބެލުމަށްފަހުއެވެ.
ވަސީމާއާއި އަޔާޒް މަލާކް ގޮވައިގެން އެއާރޕޯޓުން ނިކުތްވަގުތު ނިޝާންގެ ހުދުކުލައިގެ ކާރު ކައިރީގައި ތިބި ހައިފާއާއި އަނުމް ވަގުތުން އެދިމާލަށް އަންނަން ފެށިއެވެ. މަލާކް ފެނިފައި އަނުމް ދުއްވައިގަތީ ދޮންތިއޭ ކިޔާފައެވެ. އެ އަޑުއިވި އަނުމް ފެނިގެން ދިޔުމުން މަލާކްގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ ޙައިރާންކަމެވެ. އަނުމް އައިސް އޭނަ ކައިރި ހުއްޓި ޙާލު އަހުވާލު ބަލަން ފެށުމުން މިތާ ކީއްކުރަނީތޯ އަހާލެވުނީ ދެންމެ ހިތަށްވެރިވި ހުރިހާ ނުތަނަވަސްކަމެއްގެ މަތިން ހަނދާން ނައްތާލަމުންނެވެ.
“ހެހެ….އަނުމްއަށް އަދި މިކޮޅަށް އައިސް މަލާކް ދޮންތިއަށް ގުޅާ ނުލެވޭދޯ؟ އަނުމް އަކީ އަޔާޒްގެ ކޮއްކޮއޭ މަލާކް. އަނުމްގެ މަންމައަކީ އަޔާޒްގެ ވެސް މަންމަ. އަޔާޒްމެން ކުޑައިރު އަޔާޒްގެ މަންމަ އެ ރަށަށް ގޮސްގެން އުޅެނިކޮށް އަނުމްއަށް ބަނޑުބޮޑުވެ އަނުމް ލިބުނީ.” ވަސީމާ ހިނިތުންވުމަކާއެކީ ކިޔައިދިނެވެ. މަލާކަށް އެ އަނުމްއާއި ދިމާލަށް ބަލަން އިނދެ އެ ވާހަކަތަކާއިމެދު ވިސްނުނެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި އަނުމްއާއި ސުވާލުކުރުމުން ވެސް އޭނަގެ ޢާއިލާއާއި ބެހޭގޮތުން ކިޔައިދީފައިވަނީ ވަރަށް މަދު ވާހަކަތަކެކެވެ. މަލާކަށް އިވިފައިވާހާވެސް ވާހަކައަކީ އަނުމްގެ މަންމައާއި ބައްޕަ ވަރިވެފައިވިކަމާއި އޭނަގެ ދޮށީ ދެބޭބެއިން ތިބޭ ކަމެވެ. އެމީހުންގެ ވާހަކަ ދެކެވޭއިރަށް އަނުމްގެ ތަބީޢަތް ގޯސްވެ ނުރުހުންވާ މަންޒަރު ފެނިފައިވެއެވެ. އެއީ އެމީހުން އޭނަގެ މަންމައާއިމެދު ކަންތައް ކޮށްފައިވި ގޮތުންހެން މަލާކަށް ހީވެފައިވެއެވެ. އަނުމް އަނބުރާ މާލެއަށް ދާންޖެހޭ ވާހަކަ ބުނި ދުވަހު ހުރީ އާދައިގެ ގޮތަކަށެވެ. އެހެނަސް އޭގެ އަނެއްދުވަހު މަލާކަށް އަނުމް އޭނަގެ ގޭގެ ކޮޓަރީގެ ކަނެއްގައި ގަނޑުވެފައި އިށީނދެގެން އިން މަންޒަރެވެ. ބޯ ވިއްސި ހާލިވެފައި ހުރިއިރު ލޯމަތިން ހީވީ މުޅި އެރޭ ރޮވިފައި ހުރި ހެންނެވެ. އަނުމްއަށް ކިހިނެއްވީތޯ ބަލަން މަލާކް އެތައް މަސައްކަތެއް ކުރިއެވެ. އެހެނަސް އޭނަ ދެއްކި އެއްވެސް ވާހަކައަކުން ވެސް އަނުމް ލައްވާ ބަހެއް ބުނެވޭވަރެއް ނުވިއެވެ. ރަޙީމާދައްތަ ވެސް ވެގެން އުޅޭ ގޮތެއް ވަކި ކިޔައިދޭކަށް ނުއުޅުނެވެ. މަލާކް ހުރީ ދެންވެސް އަނުމްއަށް ވެގެން އުޅޭގޮތެއް ސާފުކުރަން ކަނޑައަޅައިގެންނެވެ. ނަމަވެސް އޭނަ އިންޑިޔާއަށް ފުރައިގެން ދިޔައީ އޭގެ އަނެއްދުވަހުގައި ކަމަށްވުމުން އެކަން ކާމިޔާބެއްނުވިއެވެ.
އިންޑިޔާގައި ހުރެވެސް މަންމަ ގުޅާ ކޮންމެ ފަހަރަކު އަނުމްއާއި ބެހޭ ސުވާލުތައް މަލާކަށް ކުރެވެމުން ދިޔައީ އެހެންވެއެވެ. އެހެނަސް މަންމައަށް ވެސް އެނގުނު ވަކި އާ ކަމެއް ނެތެވެ. އަނުމްއަށް ކިރިޔާވެސް ބަދަލެއް އައި ވާހަކަ އިވިގެން ދިޔައީ އޭނަގެ ބޭބެމެން އޭނަ އެކޮޅަށް ގެންދަން އުޅޭ ވާހަކަ އޭނައަށް ލިބުމަށްފަހުއެވެ. އަދި ވަކިން ޚާއްސަކޮށް އޭނަގެ ހަގު ބޭބެ އަނބުރާ އަންނަން އުޅޭ ވާހަކައިންވެސް މެއެވެ.
އެ ޚިޔާލު ހިތަށް ވެރިވީ ވަގުތު މަލާކަށް އޭނަގެ ކަނާތް ފަރާތުގައި ހުއްޓިހުރި އަޔާޒަށް ބަލާލެވުނެވެ. ހަމަ އެ ހިނދު އަޔާޒް ވެސް އޭނައަށް ބަލާލުމުން ދެމީހުންގެ ހަތަރުކަޅި އަނެއްކާވެސް ބައްދަލުވިއެވެ. އެހެނަސް ދެމީހުންވެސް ދުރުބަލަން ފެށީ ދެމީހުން އެކަކު އަނެކަކަށް ނުރުހުންވާންޖެހޭހެން ހީވާ ފަދައަކުންނެވެ.
އޭނަ ދެއްކި ވާހަކައަށްފަހު އެކަކުވެސް އެކައްޗެކޭވެސް ނުބުނުމުން ވަސީމާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“ދެން ހިނގާދޯ އެންމެން ގެއަށް ދާން؟ ނިޝާން މިހާރު އަންނާނެ މަލާކްގެ މަންމަމެންނާއެކީ….ބައްޕަ އައިމަދޯ މަލާކަށް ކާރަށް އެރޭނީވެސް؟” ވަސީމާ ވިސްނާލަމުން ބުނެލިއެވެ.
“އުނހު….މަލާކަށް ތެދުވެވޭ ކުޑަކުޑަކޮށް އަމިއްލައަށް. އެހެންވީމަ ގޮނޑި ކާރު ކައިރިއަށް ގެންދިޔައިމަ ކާރަށް އެރޭނެ މީހެއްގެ އެހީއާ ނުލާވެސް.” މަލާކް ބުންޏެވެ. އޭނަ ބޭނުންވީ އޭނައަކީ މުޅިއަކުން ނުކުޅެދުންތެރިއެއް ނޫންކަން މި ބީރައްޓެހިންނަށް ވެސް ދައްކާށެވެ. އޭނަ ދެންމެ އެ ބުނެލި ކަންތައް ކުރުމަކީ އޭނައަށް މަރުފަދަ ވޭނަކަށްވާނެ ކަމަކަށް ވިޔަސްމެއެވެ. އޭނައަށް ތަދުވިޔަސް ބޭރުފުށުން ބަލަން ތިބޭ ބަޔަކަށް އެނގޭނީ ކިހިނެއްތޯ ހިތަށްއެރިއެވެ. އެހެނަސް…..
“ފަޔަށް ތަދުނުވާނެތަ އެހެން ހެދީމަ؟” އަޔާޒަށް އެހެން އަހާލެވުނީ ހަމަ ނުހުރެވިގެންނެވެ. އަހާލެވުމުން އޭނައަށް އަމިއްލަ ނަފްސަށް ނަފްރަތުވެސް ކުރެވުނެވެ. އެހެނަސް ނާހާ ނުހުރެވުނީ މަލާކް އެފަދަ ޙަރަކާތެއް ގެންނައިރު ފަޔަށް ތަދުނުވެ ނުހުންނާނެކަން ޔަޤީނާއި ގާތްވުމުންނެވެ. ތަދުނުވާނަމަ އޭނަ އަދި މަލާކްގެ ޙާލަތާއިމެދު އިތުރަށް ޝައުޤުވެރިކަން އެބަ ހުއްޓެވެ. ޑޮކްޓަރެއްގެ ޙައިސިއްޔަތުންނެވެ. އަޔާޒް އަމިއްލަ ނަފްސު ދިފާޢުކުރީ އެ ބަސްތަކުންނެވެ.
އަޔާޒް ކޮށްލި ސުވާލުން މަލާކަށް އޭނައަށް ބަލަން ހުރެވުނީ ދެބުމަ ކައިރި ކޮށްގެންނެވެ. އޭނަގެ ފަޔަށް ތަދުވާނެކަން އަޔާޒަށް އެނގޭނީ ކިހިނެއްތޯ ހިތަށްއެރިއެވެ. ޑޮކްޓަރަކަށް ވިޔަސް އޭނަގެ ފަޔަށް އިޙްސާސްވާނެ އެއްޗެއް ދެނެގަންނަން އެއީ ހިނގަހިނގާހުރި ސްކޭން މެޝިނެއް ނޫންވިއްޔާއެވެ. އޭނަ އެއްޗެކޭ ނުބުނެ އިންދާ އެއާރޕޯޓް ޢިމާރާތުގެ ތެރެއިން ނިކުމެގެން އައި އޭނަގެ މަންމައާއި ބައްޕަ ފެނުނެވެ. އެއާއެކު މަލާކް ހިނިތުންވުމަކާއެކީ އެމީހުންނަށް ހަނާ އަޅާލުމުން އެމީހުން އޭނަ ގާތަށްއައެވެ. އެއަށްފަހު މަލާކް އަޔާޒްގެ ކާރަށް އެރުވިގެން ދިޔައީ އާދައިގެ މަތިން ބައްޕަގެ އެހީގައެވެ. އެ ބީރައްޓެހިންނަށް އޭނަ ފެނުނު ފުރަތަމަ ދުވަހު އެފަދަ މަންޒަރެއް ދައްކަންވުމުން މަލާކް ހިސާބަކަށް ދެރަވެ ލަދުވެސް ގަތެވެ. އެކަމަށްޓަކައި ވެސް އޭނަ ނުރުހުންވީ އަޔާޒް ދެކެއެވެ. އޭނައަށް އަމިއްލައަށް ކާރަށް ނޭރުނީ އަޔާޒާއި ހެދި ކަމަށްވާތީވެއެވެ.
ނިޝާން ބުނި ފަދައިން އަޔާޒް އޭނަގެ ކާރުގައި މަސްޢޫދުގެ ދެމަފިރިންނާއި މަލާކް ގޮވައިގެން ދިޔައެވެ. ދަތުރު ފެށިގެން ވަކި ހިސާބަކަށް ދިޔައީ ހިމޭންކަމާއި އެކީގައެވެ. ކާރުގެ ފަހަތް ދައްކާ ލޯގަނޑު އަޔާޒް ރަނގަޅުކޮށްލީ ވަގުތު އަނެއްކާވެސް އޭނައާއި މަލާކްގެ ލޯ ބައްދަލުވުމުން އަޔާޒް ވަގުތުން ލޯގަނޑު ހުރިގޮތަށް އަނބުރާލި ހިނދު މަލާކް ރުޅި މޫނެއް ހަދާލިއެވެ. އެ މަންޒަރު ފެނުނު ސާރިޔާ ކުޑަކޮށް ހީލިއެވެ.
“އެނގޭތަ އަޔާޒް؟ އަޔާޒް ބުނި ގޮތަށް ބޭސްތައް މެދުކެނޑި ފަހުން މަލާކް މުޅިންހެން ރަނގަޅޭ. އަދިވެސް އަޔާޒް ބުނި ރިޕޯޓެއް ނު…ފެނޭ.” ސާރިޔާ އެ ވާހަކަ ދެއްކީ އަޔާޒާއި މަލާކާއި ދެމެދު އޮތް ގުޅުން ރަނގަޅުކުރުމަށެވެ. އެހެނަސް ހަމަ އެ ހިނދު އޭނަ އެ ހުރިހާއިރު ހިފަހައްޓައިގެން ހުރި ކެއްސުންގަނޑު މަޑުމަޑުން ފާޅުވާން ފެށިއެވެ.
“އަސްލުވެސްތަ ދައްތާ؟” އަޔާޒް އެ އެމްއާރްއައި ރިޕޯޓާއިމެދު ވިސްނަމުން އެހެން އަހާލީ ކާރުގެ އޭސީ ވެސް ދަށްކުރަމުންނެވެ. އެ ދައްތަ ކެއްސަން ފެށީ އޭސީގެ ސަބަބުންހެން ހީވުމުންނެވެ.
“އާނއެކޭ….މަލާކް ކައިރިން އަހަން މަންމަ ހުރީ ހަނދާން ނެތިފައޭ. މަލާކް ދުށިންތަ އެއްކަލަ އެމްއާރު ރިޕޯޓު؟” ސާރިޔާ ދެންވެސް ފުން ނޭވާތަކެއްލާން މަސައްކަތް ކުރަމުން ސުވާލުކުރިއެވެ.
ރިޕޯޓާއިމެދު ސުވާލުކުރުމުން މަލާކްގެ ހަނދާނަށް އައީ ފާރޫޤުބެ އޭނައާއި އިންނާނެ މީހަކު ގެއަށް ގެނައި ދުވަހެވެ. އޭނަގެ ޙާލަތް ދަށަށް ދާނެކަމުގެ ފައިދާ ނަގަން ބަޔަކު މީހުން އުޅުނު ރެއެވެ. އެރޭ މަލާކް އައިސްފައިވި ރުޅީގައި އޭނަ ގޮސް މަންމަމެންގެ ކޮޓަރިއަށްވަދެ އެ ރިޕޯޓް ނެގިއެވެ. އޭނަ ހުރިހާ ރުޅިއެއް ބާލަން ބޭނުންވީ އެ ރިޕޯޓަށެވެ. އޭނަގެ ޙަޔާތް އެ ފުށްމިފުށަށް ޖެހެން ފަށާފައިވީ އެ ރިޕޯޓުގައި ލިޔެވިފައިވި އެއްޗަކުން ކަމަށް ވާތީވެއެވެ. އެހެންކަމުން މަންމައާއި ބައްޕަ ކޮޓަރީގައި ތިބި ވަގުތެއްގައި މަލާކް އޭތި ހިފައިގެން ގޮސް ގޭގެ ބިއްދޮށަށް ނިކުތެވެ. އަދި އެތާނގައި މަންމަ ލާފައި ހުރި ކުޑަ އަލިފާން މަޅީގެ ކައިރިއަށް ގޮސް އެ ރިޕޯޓް އޭގެ ތެރެއަށް އުކާލިއެވެ. އެ ރިޕޯޓްގެ ފަހު ބައި އަލިފާންގަނޑުގެ ތެރޭގައި ޖެހުނުއިރު އޭގެ ކުރީ ބައި މަލާކަށް ފެންނަމުން ދިޔައެވެ. ކުރެވުނު ކަމާމެދު ހިސާބަކަށް ހިތްހަމަޖެހުނު ހިނދު ދެރަވެސްވިއެވެ. އެ ރިޕޯޓް އެހެން ޑޮކްޓަރަކަށް ދައްކައިފިނަމަ ތަފާތު ނަޒަރިއްޔާތެއް ފެނިދާނެއޭ ހިތަށްއެރުމުންނެވެ. އެހެނަސް މަލާކް ދެން އެއްވެސް ޑޮކްޓަރަކަށް ދައްކާކަށް ބޭނުމެއްނުވެއެވެ. އޭނައަށް ނުހިނގޭ މައްސަލައަކީ ބައްޔެއްކަމުގައި ދެކޭކަށް ބޭނުމެއްނުވިއެވެ. އެއީ ބައްޔެއްކަމުގައި ދެކި އެންމެ ރަނގަޅު ފަރުވާ ލިބޭނެކަމަށް އުއްމީދު ކުރެވުނު ފަހަރު ދިމާވި ހިތި ތަޖުރިބާގެ ސަބަބުންނެވެ. ވީއިރު އޭނަ ދެން މިފަދަ އެއްވެސް ރިޕޯޓަކަށް ބޭނުން ނުވާނެ ކަމަށްވެސް މަލާކް އަމިއްލަ ނަފްސުގާތު އެރޭ ބުނެލިއެވެ.
އެރޭ އެ ރިޕޯޓް އަނދައި ހުލިވަންދެން މަލާކް އެއަށް ބަލަން އިނެވެ. ކާރު ތެރޭގައި އިންއިރު ވެސް މަލާކްގެ ލޯ ކުރިމަތިން އެ މަންޒަރު ސިފަވަމުން ދިޔައެވެ. އޭނައަށް އެންމެ ފަހު ފެނިގެން ދިޔައީ އެ ރިޕޯޓްގައި ލިޔެވިފައިވި ހޮސްޕިޓަލްގެ ނަމެވެ. ‘މެޑިކެއާރ’ އޭ ލިޔެވިފައި އޮތް މަންޒަރު ފެނިފައި އޭނަ ދިޔަ ހޮސްޕިޓަލަށް ކިޔަނީ ހަމަ އެހެންތޯ މަލާކްގެ ހިތަށްއެރިއެވެ. އެހެނަސް ހޮސްޕިޓަލަށް ވަންއިރު އޭނައަށް ހޮސްޕިޓަލްގެ ނަން ނުބެލޭކަން ހަނދާންވުމުން މަލާކް އެ ހީވި ހީވުމާއިމެދު ވެސް އިތުރަށް ވިސްނަން ބޭނުމެއްނުވީ ވަރުބަލިވެފައިވި ހިތެއްގެ ސަބަބުންނެވެ.
މަލާކް ޚިޔާލުތަކެއްގައި އިނދެފައި ހަމަހޭވެރިކަމެއްވީ ބައްޕަ ދަރިފުޅޭ ކިޔައި ގޮވަން ފެށުމުންނެވެ.
“ބައްޕަމެންގެ އަލަމާރީގަދޯ އޭތި އޮތީ؟ މަލާކް ނެގިންތަ؟” މަސްޢޫދު ސުވާލުކުރިއެވެ.
“ދް…ދެން އޭތި ނެތަސް މައްސަލައެއް ނެތެއްނު ބައްޕާ؟ ބޭސް ހުއްޓިފަހުން މިހާރު މަލާކް މުޅިން ރަނގަޅެއްނު؟” މަލާކް ބުނެލިއެވެ. އޭނަ އުއްމީދު ކުރިފަދައިން އޭނަގެ މަންމައާއި ބައްޕައަށް އޭނައަށް އޮޅުވާލެވުނެވެ. އެހެނަސް އޮޅުވާނުލެވުނު މީހެއް ހުރީ ކާރުގެ ކުރީ ސީޓުގައެވެ. މަލާކް ކޮންމެވެސް ކަމެއް ފޮރުވަން އުޅޭކަން އަޔާޒަށް އެވަގުތުވެސް ޔަޤީންވިއެވެ. އެހެނަސް އޭނަ އިތުރު ސުވާލެއް ނުކުރީ މަލާކްގެ މަންމައާއި ބައްޕަވެސް އެވާހަކައާއި ހިސާބަކަށް އެއްބަސްވުމުންނެވެ. އެހެނަސް އޭތި އޮންނަންވާނެ ނޫންތޯ މަސްޢޫދު ބުންޏެއްކަމަކު ދެން މަލާކް އިތުރު އެއްޗެކޭ ނުބުންޏެވެ. މީގެ އިތުރުން އަޔާޒް ސުވާލެއް ނުކުރީ ކޮށްފިނަމަ ފަހަތުގައި ތިބި ތިން މީހުންވެސް އޭގެ ނުބައި މާނައެއް ނަގާފާނެތީވެއެވެ. އަދި އެހެންނޫނަސް މަލާކަކީ އޭނަގެ ނަޒަރުން މިއަދަށްފަހު އޭނައަށް ފެންނާނެ ކުއްޖެއްނޫނެވެ. ވީއިރު އޭނަ މަލާކާއިމެދު މާ ބޮޑަށް ފިކުރުކުރަންވީ ސަބަބެއް ނެތްކަމަށްބުނެ އަޔާޒް އަމިއްލަ ނަފްސަށް ވިސްނައިދިނެވެ.
މިނެޓްތަކެއްގެ ދަތުރަކަށްފަހު އަޔާޒްގެ ކާރު ގޮސް ސަންރައިޒް ޢިމާރާތުގެ ކައިރީގައި ހުރި ގަރާޖަށް ވެއްދިއެވެ. އޭނައާއި މަލާކްމެން ފޭބި ވަގުތު ނިޝާންގެ ކާރުވެސް ގަރާޖަށް ވެއްދި އެ ކާރުގައި ތިބި މީހުންވެސް އެއިން ފޭބިއެވެ. އެންމެން އެކީގައި ޢިމާރާތަށް ވަދެގެން ދިޔައެއްކަމަކު ލިފްޓަށް އަރަން ޖެހުނީ ދެ ބަޔަކަށެވެ. މަލާކްމެން ބޮޑުމަންމައާއެކީ އެރިއިރު އަޔާޒް ނޭރީ ހަމަ ޤަޞްދުގައެވެ. ކޮންމެއަކަސް އެންމެންނަށް ގޭގެ ސިޓިންގް ރޫމުގައި އިށީނދެވުނު ވަގުތު އަޔާޒް މަލާކާއި ކުރިމަތިލާން ޖެހުނެވެ. ދެމީހުން އެކަކު އަނެކަކާ މޫނުޖެހޭ ގޮތަށް ތިބެންވުމުން ދެމީހުންނަށް ވެސް އުދަގޫވިއެވެ. އެހެނަސް އަޔާޒް ހުރީ އޭނަގެ މިއަދުގެ އަމާޒުގެ މަތިން ހަނދާން ކޮށްގެންނެވެ. އޭނަގެ އަމާޒަކީ ކޮންމެ މިޞްރާބަކަށް ވާހަކަ ދިޔަޔަސް އޭނަ މަލާކަށްވުރެ އެތައް ގުނައެއް މޮޅުކަން ދެއްކުމެވެ.
“ކޮބާ ދެން ލަދުން ތިބެނީތަ؟ އަވަހަށް ވާހަކަ ފަށާ. މަލާކް ތަޢާރަފް ވެލަންވީއެއްނު ފުރަތަމަ؟” ވަސީމާ ހެވިފައިހުރެ ބުނެލިއެވެ. އެހިނދު ސާރިޔާ އަނެއްކާވެސް ކެއްސަން ފެށުމުން އެންމެންގެ ނަޒަރު އޭނައަށް އަމާޒުވިއެވެ. ސާރިޔާ ކެއްސުން މައިތިރިކޮށް ހިނިތުންވާން މަސައްކަތް ކުރިއެއްކަމަކު އެކަން ކާމިޔާބެއްނުވިއެވެ. އެހެންކަމުން އޭނަ ކެއްސަމުން ކޮޅަށް ތެދުވެ އެތަނުން ބޭރަށް ދާން ހިނގައިގަތެވެ. އެ ހިނދު މަސްޢޫދަށް ކަންބޮޑުވުމަކާއެކީ ސާރިޔާއޭ ކިޔައި ގޮވާލެވުނެވެ. މަލާކަށް ވެސް އޭނަގެ ގޮނޑި ކުޑަކޮށް ކުރިއަށް ދުއްވާލެވުނީ ބޭއިޚްތިޔާރުގައެވެ.
“އެ….އެއީ އޭސީ ހުރީމަ މާ ބޮޑަށް ކެއްސަނީ ކަމަށްވާނީ. މިކަހަލަ ކަންތައްވޭ ޢާއްމުގޮތެއްގަ ރަށުގަވެސް. ހާމަ ވަޔަށް ދިޔައިމަ ރަނގަޅުވާނެ ޢާއްމުކޮށް. މަލާކް ވާހަކަ ދައްކާ އަޔާޒްއާ.” މަސްޢޫދު އެ މާޙައުލު ނުތަނަވަސް ކުރަން ބޭނުންނުވުމުން ހިނިތުންވާން މަސައްކަތް ކުރަމުން ހަމަޖައްސާލިއެވެ. އެއަށްފަހު އެހެން މީހަކަށް އިތުރު އެއްޗެކޭ ނުބުނެވެނީސް މަސްޢޫދު އަވަސް ފިޔަވަޅުތަކެއްގައި ބޭރަށް ދިޔައެވެ. މަލާކް ވެސް ބޭރަށް ދާން ބޭނުންވިއެއްކަމަކު ބައްޕަގެ އެ ވާހަކަ ޤަބޫލުކުރަން ބޭނުންވިއެވެ. މަންމައަށް ދިމާވީ ކުޑަކަމެއް ކަމާއި މަންމަ ނުހަނު އަވަހަށް ރަނގަޅުވެދާނެ ކަމެވެ.
“އަޅޭ ހާދަ ދެރައޭ….ކުރިން ބުނެލިނަމަ މަލާކް…ވަރަށް ދެރަވެއްޖެ ސާރިޔާ އެގޮތަށް ދާން ޖެހުނީމަ…” ވަސީމާ މާޔޫސްކަމާއެކީ ބުނެލިއެވެ.
“އެއީ މައްސަލައެއްނޫންދޯ މަލާކް ދޮންތި….ކޮއްކޮ ރަށުގަ ހުރިއިރު ވެސް ބައެއްފަހަރު ސާރިޔައްތައަށް އެހެންވެއެއްނު؟ ހަމަ ކުޑައިރުކޮޅަކުން ރަނގަޅުވޭ.” އަނުމް ބުންޏެވެ. އެއާއެކު މަލާކަށް އިތުރު ހަމަޖެހުމެއް ލިބުނެވެ. ގޭގެ ތެރޭގައި އުޅެމުން ވެސް މަންމަ އެގޮތަށް ކެއްސުންގަނޑެއްގައި ޖެހުމުން ރަނގަޅުވި އެތައް ދުވަހެއްގެ މަތިން ހަނދާންވެފައި އޭނަގެ ހިތަށް ތަސައްލީއެއް ލިބުނެވެ.
“ދެން މަންމަ އަންނަންދެން ވެސް މަލާކްއާ އަޔާޒް ކުޑަކޮށް ތަޢާރަފު ވެލަންވީއެއްނު ދޯ؟ މަންމަ އުފާވާނެ މަންމަ އަންނަންވާއިރަށް ދެކުދިން ރައްޓެހިވެފަ ތިބިއްޔާ.” ނިޝާން ލާނެތް ހިނިތުންވުމަކާއެކީ އެ ބަސް ބޭނުންކޮށްލީ ހަމަ ޤަޞްދުގައެވެ. އެ ހިނދު މަލާކްގެ އަތް ފައި ފިނިވިއިރު އަޔާޒްގެ ކަތުރު ކަށިގަނޑަށް ބާރުވީ އޭނަ މިކަމަށް ތައްޔާރުވާން އުޅޭ ފަދައަކުންނެވެ.
ވަސީމާ އެންމެ ފުރަތަމަ މަލާކް ފަށަންވީއެއްނޫންތޯ ބުނެލުމުން މަލާކަށް އަޔާޒާއި ދިމާލަށް ބަލާލެވުނެވެ. އޭނަގެ ތަޢާރަފަށްޓަކައި ދައްކަންވީ ޒާތެއްގެ ވާހަކައެއް އޭނައަށް ނުވިސްނުނެވެ. އެހެންކަމުން….
“މަލާކް….” މަލާކަށް ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ. ދެމެދުގައި ވާހަކަތައް ފެށިގެން ދިޔުމުން ލަސްލަހުން އޭނަގެ ވާހަކަތައް އަޔާޒަށް ކިޔައިދޭން ނިންމަމުންނެވެ. އެހެނަސް އޭނައަށް ނޭނގުނު ކަމަކީ އޭނަ އެ ދިން ކުރު ތަޢާރަފުން އަޔާޒަށް އޭނަގެ މުރާދު ޙާޞިލުކުރަން ފަސޭހަވެގެން ދިޔަކަމެވެ. އޭނަ މަލާކަށް ބަލާލީ ކިބުރުވެރި ހިނިތުންވުމަކާއެކީގައެވެ.
“ޑޮކްޓާރ އަޙްމަދު އަޔާޒް ޢަބްދުލްޙަލީމް، އެމްބީބީއެސް، ކަޒާން ސްޓޭޓް މެޑިކަލް ޔުނިވާރސިޓީގެ ކްލާސް 2019 ގެ ޓޮޕް އެޗީވާރ، ޔުނިވާރސިޓީގެ ނިއުރޯސައިންސް ރިސާރޗް ޓީމްގައި ސެކަންޑް ޔިއާރ މެޑިކަލް ސްޓޫޑެންޓެއްގެ ގޮތުގައި ވޮލިންޓިއާރކޮށް ބްރޭކްތްރޫއެއް ހޯދުމުގައި އެސިސްޓްކުރި ފުރަތަމަ ބައިވެރިޔާ، ނިއުރޯސައިންޓިސްޓުންގެ ރިސާރޗް ކޮންފަރެންސެއްގައި ޕޭޕާރއެއް ހުށަހެޅުމުން އޯލްރެޑީ ނިއުރޮލޮޖިސްޓަކަށް ވެދާނެކަމަށް ބުނެ ކޮމްޕްލިމެންޓްސް އާއެކީ ކޮންފަރެންސް އިން ނިކުތް ތާރޑް ޔިއާރ މެޑިކަލް ސްޓޫޑެންޓް…..ސާފުވެއްޖެ ކަމަށް އުއްމީދު ކުރަން.” އަޔާޒް ޤަޞްދުގައި ބޮޑެތި ބަސްތައް ބޭނުންކޮށްގެން ފަޚުރުވެރިކަމާއެކީ އޭނަގެ ކާމިޔާބީގެ ވާހަކަތައް ކިޔައިދިނީ މަލާކް ދަށްކޮށްލުމުގެ ނިޔަތުގައެވެ. އަދި މަލާކަށް އޭނަ ދެއްކި ވާހަކަތައް ނޭނގޭނެ ކަމަށް ނިންމަމުން ވެސްމެއެވެ. މަލާކް އެއްޗެކޭ ނުބުނެ ދެބުމަ ކައިރިކޮށްގެން އޭނައަށް ބަލަހައްޓައިގެން އިންނަން ފެށުމުން އަޔާޒްގެ މޫނުމައްޗަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އެހިނދު އޭނަގެ ނިޔަތް އެނގުންވެގެން ދިޔަ ވަސީމާއާއި ނިޝާނަށް ތިބެވުނީ ނުރުހުންވެފައެވެ. އަޔާޒް އެހެން އިނދެއިނދެފައި އެމީހުންނަށް ވެސް ބަލާލިއެވެ. އެއަށްފަހު ކޮޅަށް ތެދުވެލިއެވެ.
“މިޒާޖު ކިހާ ތަފާތުކަން މިހާރު އެނގިއްޖެކަމަށް ހީކުރަން.” އަޔާޒް ދޮންބެއަށާއި ބޮޑުމަންމައަށް ބަލަން ހުރެ އެ ޖުމްލަ ބުނަން ފެށީ ހިނިތުންވުމަކާއެކީ ކަމަށްވިޔަސް ނިންމާލީ ނުރުހުންތެރިކަން ވެރިވި މޫނަކާއެކީގައެވެ. އެއަށްފަހު އޭނަ އެމީހުންނަށް ފަސްދީފައި ދާންފެށީ އޭނަ އެ ސޯފާގައި އިށީންއިރު އަރިމަތީ މޭޒުމަތީގައި އޭނަ ބޭއްވި ފޯނުގެ މަތިން ވެސް ހަނދާން ނައްތާލަމުންނެވެ. އެހެނަސް އޭނައަށް 3 ފިޔަވަޅު އެޅުނު ތަނާހެން އޭނަގެ ފައިގައި ތަޅު އެޅުވުނުހެން ހީވީ މަލާކްގެ އަޑުއިވުމުންނެވެ.
“މަރިޔަމް މަލާކް…..އައިސައްތަގެ ކިޔަވާ ގޭގައި އެންމެ އަވަހަށް ކިޔަވަން ދަސްކުރި ދަރިވަރު. މަދުރަސާގައި ގްރޭޑް 3 ކުން ކިޔަވަން ފަށައި ރިޕީޓް ނުވެ ހުރިހާ ގްރޭޑެއް ނިންމި ފުރަތަމަ ދަރިވަރު. އަތޮޅު މަދުރަސާގައި 2013 ވަނަ އަހަރު އޯ ލެވެލް ހެދި ކުދިންގެ ތެރެއިން ޓޮޕް ޓެންގެ ދެވަނައިގައި ހިމެނުނު ފުރަތަމަ ނުހިނގޭ ދަރިވަރު. މަލާކްގެ އަމިއްލަ މަންމަ ހިންގާ ބިޒްނަސްގެ މާރކެޓިންގް މެނޭޖާރ….” މަލާކް ކިޔައިދިނެވެ. އެ ވާހަކަތައް އިވުނު އަޔާޒް ދެލޯ ހަނިކޮށްލަމުން މަލާމާތުގެ ހީލުމަކުން ހީފައި ފަސްއެނބުރި ބަލާލީ ރައްދެއް ދިނުމަށެވެ. އެހެނަސް އޭގެ ކުރިން މަލާކް ވާހަކަ ދެއްކިއެވެ.
“މަލާކްއަށް 21 އަހަރުވީ އިހަކަށް ދުވަހު. 21 އަހަރުގެ ޢުމުރަށް އައިއިރު މަލާކްއަށް މިހާތަނަށް އައިއިރު ލިބިފައިވި ފުރުޞަތުތަކަށް ބަލައި މިހާވަރަށް ޙާޞިލުވެފަ ހުރުމަކީ ކާމިޔާބީއެއް ކަމުގައި ދެކެން. އަޑުއެހި ގޮތުގަ ޑޮކްޓާރ އަޔާޒްއަށް 26 އަހަރު. އެހެންވީމަ ތިހާވަރަށް ޙާޞިލުވެފަ ހުރުމަކީ ޙައިރާންވާންވީ ކަމެއްނޫން….އިން ޝާ ﷲ މަލާކްވެސް ވަރަށް އަވަހަށް ޔުނިވާރސިޓީއަކަށް ޖޮއިން ކުރާނަން. އަދި ގްރެޖުއޭޓްވާނީ ވެސް ޓޮޕް އެޗީވާރއެއްގެ ގޮތުގަ. އެއީ މަލާކަށް ނުވާނެ ކަމެއްހެން އެއްގޮތަކަށް ވެސް ހިއެއްނުވޭ. ވަކިން ޚާއްޞަކޮށް މަލާކް މިހާރުއްސުރެ ވެސް ބިޒްނަސްއާ މާރކެޓިންގްއާ ގުޅޭ ރިސާރޗް ބޭސްޑް ބުކްސް ފުދޭވަރަކަށް ކިޔާފައި ހުންނާތީ. މަލާކްގެ ވިޝަންއަކީ މަލާކްގެ އަމިއްލަ ބިޒްނަސްއެއް ފަށައި އެ ބިޒްނަސް ތްރޫކޮށް މުޅި ރާއްޖޭގެ އިކޮނޮމީވެސް ކުރިއަރައިގެން ދިޔުން. އަދި ބިޒްނަސްގެ ޝެއާރސްތައް ކުދިކުދި ރަށްތަކުގަ އުޅޭ ނިކަމެތިންނަށް އެހީއެއްގެ ގޮތުގައި ބެހުން އިން ޝާ ﷲ. ޕްލަސް މާރކެޓިންގް ތްރޫކޮށް އެ ރަށްތަކުގަ އުޅޭ މީހުންގެ ޙާލު މުޅި ރާއްޖެއާއި ހަމައަށް ގެނެސްދިނުން…..ޑޮކްޓާރ އަޔާޒްގެ ވިޝަންއަކީ ކޮބައިތޯ ތި ދާއިރާގަ އުޅޭއިރު؟ ލައިކް….ވަޓްސް ދަ ބިގް ޕިކްޗާރ ފޯ ޔޫ؟ ޑޮކްޓާރ ތި ދެއްވި ތަޢާރަފުގަ އެއްވެސް އަމާޒެއް ހުރިހެން ހިއެއްނުވޭ.” މަލާކް އެ ފަހު ބަސްތައް ބުނެލީ ހަމަޖެހިގެން އިނދެ ނޭނގޭ ކަމަށް ހަދަމުންނެވެ. އަޔާޒް އޭނައާއި ކުޅެން އުޅުނު ފަދައިން އޭނަ ވެސް ކުޅެން ބޭނުންވީއެވެ. މާ ބޮޑަށް ކިބުރުވެރިވާން އުޅޭ މީހުންނާއި ޖަދަލުކުރުމަކީ ކުޑައިރުއްސުރެވެސް އޭނަގެ ކަށީގައި ހިފާފައިވާ ކަމަކަށްވާތީވެއެވެ.
މަލާކް ދެއްކި ވާހަކަތަކުން ނިޝާނާއި ވަސީމާ އެމީހުންގެ ހިނިތުންވުންތައް ކޮންޓްރޯލް ކުރަން ޖެހުނެވެ. އެހެނަސް މަލާކަށް ބަލަން ހުރި އަޔާޒް ހުރީ ބުމަގޮށްޖެހި ގޮށްމުއްކެވިފައެވެ. އޭނަގެ ހިތުތެރޭގައި ރުޅިވެރިކަމުގެ ހުޅުގަނޑެއް އަރައިގެން ދިޔައެއްކަމަކު އޭނަ އެއްޗެކޭ ބުނަން ނުކުޅެދުނީ އެ ހިތަށް ވެރިވެފައިވި ޙައިރާންކަމެއްގެ ވެސް ބޮޑުކަމުންނެވެ. އޭނަ ކުރިމަތީގައި އެ އިން ‘ނިކަމެތި’ އަންހެން ކުއްޖާ އެ ވާހަކަ ދެއްކީ އޭނަ އެއްގޮތަކަށް ވެސް އުއްމީދު ކުރި ގޮތަކަށް ނޫނެވެ. މިހެންވާންވީ ކީއްވެތޯ އޭނަގެ ހިތަށްއެރި ވަގުތު މަލާކް އަސަރެއްނެތް ގޮތަކަށް ހީލިއެވެ.
“އަސްލު މަލާކް ހީކުރީ ވަޒީފާއެއް ހޯދަން ނޫންކަމަށް މިގެއަށް މިއައީ ވެސް. މިގޮތަށް ދެމީހުންވެސް ތަޢާރަފު ދިނީމަ ހީވީ އެކަހަލަ ގޮތެއް. ދެން ބަލަމާ ދޯ؟ ކުރިއަށް އޮތް ތަނުގަ ދެމީހުންނަށް ވެސް ދެމީހުންގެ ހުރި ހުނަރުތަކުން ފައިދާތަކެއް ކޮށްފާނެ ކަންނޭނގެ….އެކަމަކު އަޅުގަނޑު ވާހަކައެއް އިތުރުކޮށްލަން ބޭނުން. ޑޮކްޓާރ ދެންމެ އުޅުނީ ޑޮކްޓާރ ތިއީ އަޅުގަނޑަށްވުރެ ޤަދަރުވެރި މީހެއްކަން ދައްކަންހެން ހީވުމުން ދައްތައަކު ކިޔައިދިން މި ވާހަކަ ހަނދާންވީ. އަހަރުމެން އެންމެންނަކީ ވެސް އާދަމުގެ ދަރިން. އާދަމުގެފާނު ހައްދަވާފައިވަނީ ވެލިން. އެހެނަސް ހުރިހާ މަލާއިކަތުންނަށް ވުރެ ވެސް ބޮޑަށް އާދަމުގެފާނު މާތްވެގެން ދިޔައީ އެކަލޭގެފާނުގެ ކިބައިގައި ލެއްވި ރޫޙުގެ ސަބަބުން. ﷲ ހަނދުމަކޮށް ރަނގަޅު ކަންތައް ކުރަން ބާރުއަޅަނީ އަހަރުމެންގެ އެ ރޫޙު. އެހެންވީމަ އަހަރުމެންނަށް ޤަދަރުވެރި ބައެއްގެ ގޮތުގައި އުޅެވޭނީ ވަކި ދުނިޔެ ހޯދައިގެނެއްނޫން. އެފަދަ ޤަދަރެއް ލިބުން އޮތީ އަހަރުމެންގެ ކިބައިގައި ވެސް ލެއްވި ހަމަ އެ ރޫޙުގެ ޒާތާއި އެއްގޮތަށް އުޅެގެން.” މަލާކް ކިޔައިދިނެވެ. އެ ވާހަކަތައް އިވިގެން ދިޔަ އަޔާޒްގެ މުއްކެވިފައިވި އަތް މަޑުމަޑުން ދޫވެ މޫނުމަތިން ރުޅިވެރިކަން ފޭދެން ފެށީ ވަރަށް ގާތް މީހެއްގެ މަތިން އޭނަ ހަނދާންވާން ފެށުމުންނެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނަގެ ލޮލަށް ސިފަވެގެން ދިޔައީ އޭނަގެ މަންމަގެ ހިނިތުންވުމެވެ. ޤުރުއާނުގެ ހުރިހާ ވާހަކައެއްގެ ތެރެއިން ބައްޕައަށްވުރެ ކުރިން މަންމަ އޭނައަށް ފުރަތަމަ ކިޔައިދިން ވާހަކައަކީ އެއީއެވެ.
އަޔާޒް އެ ޚިޔާލުތަކުގެ ތެރެއަށް ގެނބެން އުޅެނިކޮށް ހަމަހޭވެރިކަމެއް ލިބިގެން ދިޔައީ ކުއްލިއަކަށް ގޭގެ ދޮރު ހުޅުވިގެން ދިޔަ އަޑަށެވެ. އެންމެންނަށް ސިހިފައި އެ ދިމާލަށް ބަލާލެވުނު ވަގުތު އެތާހުރީ ހާސްވެ ކަންބޮޑުވެފައި ހުރި މަސްޢޫދެވެ.
“ސް….ސާރިޔާ ހޭނެތިއްޖެ!” މަސްޢޫދު ރޮވެން އުޅޭ ޒާތަކަށް ހަޅޭއްލަވާފައި ބުނެލި ގޮތުން އެންމެން އެކުއެކީގައި ކަންބޮޑުވިއެވެ. އަޔާޒް ވަގުތުން ނިކުންނަން ދިޔުމުން ދެން ތިބި މީހުން ވެސް އޭނަގެ ފަހަތުން ދިޔައެވެ. އެތަނުން މީހުން ހުސްވި ވަގުތު އެތާ މޭޒުމަތީގައި ބޭއްވިފައި އޮތް އަޔާޒްގެ ފޯނަށް މެސެޖެއްއައެވެ. އެއީ މައުވާގެ ފަރާތުން އައިސްފައިވި މެސެޖެކެވެ.
“އަޔާޒް…..ލޯބި! މަލާކްއާ މެރީ ނުކުރާތި. ޖަސްޓް…ޑޯންޓް މެރީ ހާރ ފޯ އެނީތިންގް! އަހަރެން މި އަންނަނީ 3 ޑޭއިސް ތެރޭގަ.” އެ މެސެޖުގައި އޮތީ އެހެންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.







Assalaam’alaikum. next part in annaane wedding scene eh. 😀 e part wednesday ga In Sha Allah ^_^ mi bayaa gulhey post In Sha Allah mirey genesdheynan.
Jana vrh reethi vaahaka. Konme dhuhuk genesdheeba Jana dhahthaa..
Alhamdhulillah first dhw jana sis..kiyaafa comment eh kohlaanan In Sha Allah ??
aan ekey jiji ah first. Alhamdhulillah! 😀
Mi vaahaka v v v reethi ?
Alhamdhulillah! (All praise and thanks belong to Allah) 🙂 <3
Dhn ayaz ah mauva ge msg nufennathi… Dhn avahah ayaz ar malak ar gulhuvaba.. V reethi vhk.. ????
mioh zamaanegga msg eh nufeni dhiyumaky varah naadhiru kameh kanneynge dho Mai? dhen balamaa vaagotheh. next part ga wedding eh onnaane komme gothevviyas. hehe 😀 Alhamdhulillah!
Reethi
Alhamdhulillah! 🙂
Varah reethi. Masha allah keep it up. The story amazing. By the way when is the next part sis.
Alhamdhulillah! Next part wednesday ga In Sha Allah 😀 <3
Blog post:
“All of you are children of Adam and Adam was made from clay.”
These words of the Prophet (SAW), serve as a humble pill for all of us.
But at the same time, we hear about how our father Adam (AS) was honoured. Why was this creation, that was made from just clay honoured even above the angels? The ayah below answers that question.
فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ
“So when I have proportioned him and breathed into him of My Ruh, then fall down to him in prostration.” Surah Sad, 72
These are the words that Allah said to the angels when He swt made Adam (AS). He did not tell them to fall into sajda before Adam (AS) when he was just shaped and proportioned. Rather, the angels were only told to bow before him, after the Ruh was blown into him.
And just like our father, each and every one of us have a Ruh. Our Ruh recognizes Allah as its Master and it was in the company of Allah for a very long time way before it came into this world. (Look up Suratul A’raaf, 172).
So our Ruh wants to remember Allah. The Ruh wants to do good things that please Allah. Because it eventually wants to go back to the perfect company that it was in, before it came to this world. The Ruh inside of us never forgets its Master. But a lot of times, we become blinded by this world. By our vain desires and temptations. And we do enough sins that we completely ignore the needs of our Ruh and as a result, we end up humiliating our own selves by sinning. That is when we don’t realize that we were meant to be so much more dignified above all the sins, because of that Ruh that Allah put inside of us. And only when we stop ourselves from sins, though we have the desire, are we truly honoured.
May Allah make us of those who are truly honoured. Ameen!
“If you knew the true value of yourself, you will never allow yourself to be humiliated by committing sins” Ibn Al Qayyim (rahimahullah)
post lasvi kamattakai maafah edhen. mi post ge dhivehi bai In Sha Allah maadhama genesdheynan 🙂
PS: mi post thakun faidha thakeh kuranya thireegai mivaa page follow kurun edhen. mee jana hama random koh ayah thah hissaa kuraa page eh. e ayah thakaa beheygothun jana ah engifa huri ehchakaa, ein jana libunu ibraiythakaa e aayaiythakaa eky jana ah kurevunu thajuribaa thah kiyaidhey page eh. jana ayahthah hissa kureema kiyuntherinnah ves eyge kurin ein filaavalheh libifaivinama jana aai vakin ehen noony comment thakugai viyas hissa kollun edhen In Sha Allah 🙂 beynumaky Quranuge ayah thakaky aharumenge aammu dhiriulhumugai faidhaa libigane beynun hifaa ayah thakah vegen dhiyun In Sha Allah
https://web.facebook.com/guidancefromquran/
mi post thah adhi blog ah up nukurevi hunnaany. In Sha Allah blog mulhin update koffa jana adhi angaanan.
Alhe Mauvaa haadha goahey dhw. Plx Malaak ah ehn nuhadhajjey
aan dho Mauva varah goas. mi hurihaa dhuvahu Ayaz ge beynun hifaafa gellen ulheyhen heeveema eoiy annany. hehe…Malaak ah kihineh nahadhanvy Thihu? 😀 Ayaz gellunas mivaguthaku Malaak dheravaane hen hieh nuvey dho? dhen balamaa vaagotheh In Sha Allah 🙂
the mauva v goas dhw..alhe nishaan ah fenigen eyna e msg delete kohlaifi nama kohfadhaa eh..waiting for the next..v v curious ingey…Dhen wedding scene ah inthizaaru kurany migen..ly ingey sis??
***yh mauva v gos dhw
hehe…jiji ah heevany thihen hen dho vaany? balamaa dhen e msg Ayaz ah feneytho dho? 😀 jana ves mihiry wedding scene varah liyaahithun. ^_^ next part wednesday ga In Sha Allah. Love you too sis <3
***yh mauva v gos dhw
Blog post (dhivehi):
“ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ އާދަމުގެ ދަރިއެކެވެ. އަދި އާދަމުގެފާނު ހައްދަވާފައިވަނީ މަށިންނެވެ.”
ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމް) ގެ މި ޙަދީޘަކީ އަހަރުމެން އެންމެންގެ ހިތްތައް ކިބުރުވެރިކަމުން ދުރުކޮށްދޭނެ ޙަދީޘެއްކަން ޔަޤީނެވެ. މި ޙަދީޘްގައި މިގޮތަށް ވާއިރު އެންމެހައި އާދަމުގެ ދަރިން މާތްކުރެވިގެންވާ ކަމަކީ ވެސް އަހަރުމެންނަށް އެނގޭ ޙަޤީޤަތެކެވެ. މަށިން ހައްދަވާފައިވި މި އިންސާނާއަށް މަލާއިކަތުންނަށްވުރެ މަތީ މަޤާމެއް ދެވުނީ ކީއްވެ ހެއްޔެވެ؟ ތިރީގައިވާ އާޔަތުން އޭގެ ޖަވާބު ލިބިގެން ދެއެވެ.
فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ
“ފަހެ، ތިމަންރަސްކަލާނގެ އެ އިންސާނާ (އެބަހީ: آدم ގެފާނު) ހައްދަވައި ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ ރޫޙުފުޅުން އެ އިންސާނާއަށް ފުމެލައްވައިފިހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި ސަޖިދައަށް ތިރިވާށެވެ!” ސޫރަތް ޞާދް، 72
އާދަމް (ޢަލައިހިއްސަލާމް) ހެއްދެވުނު ވަގުތު ﷲ ސުބުޙާނަހޫ ވަތަޢާލާ މަލާއިކަތުންނަށް އެންގެވި އެންގެވުމަކީ މިއީއެވެ. އާދަމް (ޢ.ސ) ހައްދަވައި ފުރިހަމަ ކުރެއްވުމާއެކުހެން އެކަލޭގެފާނަށް ސަޖިދަ ކުރައްވަން މަލާއިކަތުންނަށް ނުއެންގެއެވެ. އެހެނެއްކަމަކު މަލާއިކަތުން އާދަމް (ޢ.ސ) އަށް ސަޖިދަ ކުރެއްވުމަށް އެންގެވުނީ ރޫޙު އެކަލޭގެފާނުގެ ކިބަޔަށް ފުމެލެއްވުމަށްފަހުއެވެ.
އަހަރުމެންގެ ބައްޕަ އާދަމް (ޢސ) ފަދައިން އަހަރުމެންގެ ތެރެއިން ކޮންމެ މީހެއްގެ ކިބައިގައިވެސް ރޫޙެއްވެއެވެ. އޭގެ ވެރިރަސްކަލާނގެއަކީ ﷲ ކަން އެ ރޫޙަށް އެނގެއެވެ. އަދި މި ދުނިޔެއަށް އައިސް އަހަރުމެންގެ ހަށިތަކަށް އައުމުގެ ކުރިން އެ ރޫޙުވަނީ ﷲ ގެ ޙަޟްރަތުގައި ވަރަށް ގިނަ ދުވަސްތައް ހޭދަކޮށްފައެވެ. (އަޢްރާފް ސޫރަތުގެ 172 ވަނަ އާޔަތް ބައްލަވާ)
އެހެންކަމުން އަހަރުމެންގެ ކިބައިގައިވާ އެ ރޫޙު ﷲ މަތިން ހަނދުމަކުރެއެވެ. ރަނގަޅު ކަންތައް ކޮށް އެ ރޫޙު ކުރިންވެސް ވި ﷲ ގެ ފުރިހަމަ ޙަޟްރަތަށް ދާން އެ ރޫޙު އެދެއެވެ. އެހެނަސް ގިނަފަހަރު މި ދުނިޔެއާހެދި އަހަރުމެންވަނީ އަނދުން އެޅުވިފައެވެ. އަހަރުމެންގެ އެއްވެސް ފައިދާއެއްނެތް އެދުންތަކެއްގެ ސަބަބުންނެވެ. އަދި އެ ރޫޙުގެ އެދުންތަކުގެ މަތިން އަހަރުމެން ހަނދާން ނެތޭ ވަރަށް އަހަރުމެންނަށް ފާފަތައް ކުރެވެއެވެ. އެއީ އަހަރުމެން މާތްކުރެވިފައިވާ މިންވަރު އަހަރުމެންނަށް ދޭހަ ނުކުރެވޭތީވެއެވެ. އަހަރުމެންވަނީ އެ ހުރިހާ ނޭދެވޭ ފާފަތަކަށްވުރެ މަތީ ދަރަޖައަކަށް މާތް ކުރެވިފައެވެ. އަދި ޙައްޤުވާ ގޮތެއްގައި އަހަރުމެން މާތްވެގެން ދަނީ ފާފައެއް ކުރަން ހިތް އެދޭ ހިނދު ވެސް އެ ފާފައަކުން ދުރުވެގަންނަ ވަގުތުކޮޅުތަކުގައެވެ.
މާތް ﷲ އަޅަމެންނަކީ ޙައްޤުގޮތުގައި މާތް ބަޔަކު ކަމުގައި ލައްވާށި! އާމީން!
Masha allah sis
You are a great person
Baarakallah feekum
Mi storyga malaakge e hunna hihvarakee uniqueves varah beynunvaa kameh im not that confident at speaking and behaving like her but Maasha allah
She is extremely good at that
And ayaaz ah nuvisneythee varah dhera ekamves in sha allah
Ayaaz ahves visneyne knmeves dhuvahakun that malaak is a diamond exclusively for him
They are meant to be together so no one can separate them specially that mauwa
Maaih allah enmehaa meesthakunnah heyo buhdhi dhevvai ragalhumagah magu thanavas koh dhevvaandheyve…. aaameen
And sissy just love your way of writing and giving advice
Vaahakaves varah furihama masha allah
Adhi sissy hadhees aai ehenihen dheeny kanthah mi storyga himanaathy mi story varah furihama adhi ehaame reethi
May allah bless you with good deeds aameen
And sissy thanks for this story