Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ވަޢުދު (ސާދަވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
September 25, 2019 9 Mins Read
21 Comments

ސާރިޔާ ބޭއްވިފައި އޮތް އެނދު ހޮސްޕިޓަލްގެ ތެރެއިން ގެންދެވެމުން ދިޔައިރު އޭގެ ދެކޮޅުގައި ތިބީ އަޔާޒާއި މަސްޢޫދެވެ. އެނދުގެ ފަހަތުން ފެންކަޅިވެފައި ހުރި މަލާކް ވެސް ބާރު ދުވެއްޔެއްގައި އޭނަގެ ގޮނޑި ދުއްވަމުން ދިޔައިރު، ކަންބޮޑުވެފައި ތިބި ނިޝާނާއި ވަސީމާވެސް އޭނައާއި އެކުއެކީހެން އަވަސް ފިޔަވަޅުތަކެއްގައި ހިނގަމުން ދިޔައެވެ. މަލާކަކީ ޢާއްމުގޮތެއްގައި މިފަދަ ޙާލަތްތަކުގައި ރޮވޭ މީހެއްނޫނެވެ. މިފަދަ ޙާލަތެއްގައި ވެސް އޭނަ އަބަދުވެސް އެންމެ ހެޔޮކޮށް ވިސްނޭތޯ ބަލައެވެ. އެހެނަސް އެކަން ކާމިޔާބުވާ ގޮތެއްނުވީ ބައްޕަގެ މޫނު ފެނިފައެވެ. މަންމަ ދެލޯ މެރިފައި އޮތް މަންޒަރު ބަލަބަލާފައި ބައްޕަ ކަރުނަތައް ފޮހެމުން ދިޔަ ގޮތުންނެވެ. އޭނައަށް ސިއްރުކުރެވިފައިވާ ބޮޑު ކަމެއް އެބައޮތްހެން އޭނައަށް ހީވާން ފެށީ އެހާ ހިސާބުންނެވެ.

 

މިނެޓްތަކެއްގެ ތެރޭގައި ސާރިޔާ އޮތް އެނދު ވެއްދިގެން ދިޔައީ އެމަރޖެންސީ ރޫމުން އެދުނު ގޮތަށް އައި.ސީ.ޔޫ އަށެވެ. އެނދު ވެއްދި ވަގުތު އައި.ސީ.ޔޫ އިން ނިކުތް ދިވެހި ޑޮކްޓަރު ފެނިފައި އަޔާޒް ވާހަކަ ދެއްކިއެވެ.

 

“ދެންމެ އެ ވެއްދި ޕޭޝަންޓްގެ ލަންގް ސީޓީ ސްކޭންއެއް ވީހާވެސް އަވަހަކަށް ނެގުން މުހިއްމުހެން އަޅުގަނޑަށް ހީވަނީ. ބްރީތިންގް ރޭޓް ވަރަށް ދަށްކޮށް އުޅެނީ. ހޭނެތުމުގެ ކުރިން ކޮފް އެޓޭކެއް އައި. އޭގެ ކުރިން ވެސް ވީޒިންގްއާ އެކީ ކޮފް ހުރީ…ހޭނެތިފަ އޮތްއިރު އަނގައިން ނިކުތް ލޭގެ އަސަރުތައް ތުންފަތުގަ ހުރި…” އަޔާޒް ޑޮކްޓަރެއްގެ ނަޒަރިއްޔާތުން ހުރިހާ ޢަލާމާތެއް ކިޔައިދިނީ އެ ދައްތަ ރަނގަޅުކޮށްދޭން އޭނަވެސް ބޭނުންވުމުންނެވެ. އެމްބިއުލާންސް ތެރޭގައި އޭނަ އެތައް ސުވާލެއް ކުރުމުން ވެސް ރުއިމުގެ ސަބަބުން މަސްޢޫދުބެއަށް ޖަވާބެއް ދެވިފައި ނުވުމުން އަޔާޒް ހުރީ އެ ދައްތަގެ ޙާލު ދެނެގަންނަން އިތުރަށް ބޭނުންވެފައެވެ. މިއީ ކުޑަކަމަކަށް ވެދާނެހެން ހީވެސް ނުވުމާއި އެކީގައެވެ.

 

އަޔާޒް އެ ޑޮކްޓަރަށް އެ ވާހަކަތައް ކިޔައިދިން ވަގުތު އެތަނާއި ހަމަވަމުން ދިޔަ މަލާކާއި ވަސީމާމެންގެ އިތުރުން އަޔާޒް ކައިރި ހުއްޓިހުރެ ގޮތް ހުސްވަމުން ދިޔަ މަސްޢޫދަށް ވެސް އިވުނެވެ. އަޔާޒް ދެއްކި ވާހަކައިގެ ޖަވާބުގައި އެ ޑޮކްޓަރު ވާހަކަ ދެއްކި އަޑު އެންމެންނަށް އިވުނެވެ.

 

“ކެއްސާ ވަގުތު މެއިން ދިލަ ނަގައި ރިއްސާ އުޅޭތަ؟” ޑޮކްޓަރު ސުވާލުކުރިއެވެ. އެ ސުވާލު އިވިފައި އަޔާޒާއި އެކީ ދެން ތިބި މީހުންނަށް ވެސް ބަލާލެވުނީ މަސްޢޫދަށެވެ.

 

“އަ….އާދެ…” މަސްޢޫދު ބުނަން ނުބުނަން ހުރެ ޖަވާބުދިނެވެ.

 

“ކިހާ ދުވަހެއް ވެއްޖެތޯ މި ޢަލާމާތްތައް ފެންނަތާ؟” ޑޮކްޓަރު ސުވާލުކުރިއެވެ.

 

“ހް…ހަ ވަރަކަށް މަސްވެދާނެ.” މަސްޢޫދު ދެންވެސް ޙަޤީޤަތް އެކުއެކީ ފާޅުނުކުރެވޭތޯ ބެލިއެވެ.

 

“ހަ މަސް ވީއިރު ޑޮކްޓަރަކަށް ދައްކާފަވޭތޯ؟ ބަލާބެލުމަށް މިއީ ކުދިކުދި ޢަލާމާތްތަކަކަށް ވިޔަސް މިއީ ފުރާނައަށް ނުރައްކާވާފަދް….” އެ ޑޮކްޓަރުގެ ވާހަކަ މެދުކެނޑުނީ މަސްޢޫދުގެ އަޑުހަރުވުމުންނެވެ.

 

“އެނގެއޭ!! ނޭނގޭ ކަމަށްތަ ތި ހީކުރަނީ؟! ސާރިޔާ މިކަން ދިމާވެގެން އެންމެ ފުރަތަމަ ޑޮކްޓަރަށް ދައްކަން ދިޔައީ ވެސް މި ދިޔަ މަހު….އެ އަންހެނާ ކައިރި އަހަރެން ބުނެބުނެ ނުގޮސް ހުރީ! މަލާކްގެ ފަރުވާއަށްޓަކައި ލާރި އެއްކުރާނީއޭ ކިޔާފަ. އެންމެ ފަހުން ޑޮކްޓަރަށް ދެއްކުނުއިރު ވަނީ ވަގުތު ފާއިތުވެފަ. ސާރިޔާއަށް ޖެހިފަ ހުރީ ފުއްޕާމޭގެ ކެންސަރު. މިހާރު ކަނޑައްތު ކުރަމުން އެ ދަނީ އޭގެ އެންމެ ފަހު މަރުޙަލާ….” މަސްޢޫދު ހަޅޭއްލަވަމުން ފެށި ވާހަކަ ފޭދިގެން ދިޔައީ ގިސްލުމެއްގެ ތެރެއަށެވެ. އެ ވާހަކަތައް އަޑުއަހަން އެތާ ތިބި މީހުންގެ މޫނުތަކުން ވެރިވީ އެއްޒާތެއްގެ ކަންބޮޑުވުމެކެވެ. އެންމެ ބޮޑު ސިހުމެއް ލިބިފައިވީ މަލާކަށެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ހަނދާނަށް އައީ މަންމަ ކެއްސަމުން ދިޔަ ހުރިހާ ވަގުތުކޮޅުތަކެވެ. ކެއްސާއިރު ވޭންއަޅާހެން ހީވާހެން ކެއްސަމުން ދިޔަ ވަގުތު ތަކެވެ. އަދި ކެއްސަމުން ގޮސް ބައެއްފަހަރު މަންމަ ފާޚާނާއަށްވަދެ ހޮޑުވެސް ލާހެން ހީވި ހީވުންތަކެވެ. މަންމައަށް ލޭ ލެވޭ މަންޒަރު ލޮލަށް ސިފަވެގެން ދިޔުމުން މަލާކްގެ ގައިން ހީބިހި ނެގިއެވެ.

 

އެ ހުރިހާ ޚިޔާލެއް މަލާކްގެ ސިކުނޑިއަށް އެއްފަހަރާ ވެރިވެގެން ދިޔުމުން އޭނަ ދެފަރާތަށް ދެފަރާތަށް ކަޅި ހިންގަން ފެށިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނަގެ ލޯބިވާ މަންމަ އޭނައާއި ވަކިވެދާނެހެން ހީވުމުން މޭގައި ރިހުމެއް އުފެދި ލޮލަށް ތާޒާ ކަރުނަތައް ޖަމާވިއެވެ. އެހެނަސް ރުއިމުގެ ކުރިން އޭނަ ދެންވެސް ސުވާލުތައް ކުރަން ބޭނުންވުމުން އިސްއުފުލައި އެންމެ ފުރަތަމަ ބަލާލެވުނީ ބައްޕައަށެވެ. އެ ހިނދު އެތާހުރި ޑޮކްޓަރު ދެންވެސް އަޔާޒް ގާތު އެއްޗެކޭ ބުނެފައި ދަނީއެވެ. މަލާކް ކުރިއަށްދާން އުޅުނު ވަގުތު ބައްޕަ އައި.ސީ.ޔޫގެ ކުޑަދޮރުން އެތެރެ ބަލަން ހުރެފައި އޭނަ ހުރި ދިމާލުގައި ހުރި ގޮނޑިބަރިއާއި ދިމާލަށް އަންނަނީއެވެ. މަސްޢޫދު ހިތާމަވެރި މޫނަކާއެކީ އިސްޖެހިފައި ހުރެ ހިނގަމުން ގޮސް ގޮނޑިއެއްގައި އިށީނީ ވަރުބަލިވެގެން އުޅޭ ފަދައަކުންނެވެ. މަލާކް އޭނަގެ ގޮނޑި އަނބުރާލަމުން ބައްޕަގެ ކުރިމައްޗަށް ގޮސް މަޑުކޮށްލިއެވެ.

 

“ބައްޕާ….ބައްޕަ ދެންމެ އިވުނީ ހަމަ ތެދެއްތަ؟ މަންމައަށް ހުރީ ކެންސަރު ޖެހިފަތަ؟” މަލާކަށް އެ ސުވާލުކޮށްލެވުނީ ކިތަންމެ ސާބިތުވާން އުޅުނެއްކަމަކު ތުރުތުރު އަޅާ އަޑަކުންނެވެ. އެ ހިނދު އަޔާޒާއެކީ އެތާތިބި ނިޝާނާއި ވަސީމާގެ މޫނުތަކުންވެސް ފެނުނީ ޙަމްދަރުދީގެ އަސަރުތަކެވެ.

 

މަސްޢޫދު މަލާކްގެ ސުވާލު އިވިފައި އިސްއުފުލައި މަލާކަށް ބަލާލިއެވެ. އެހެނަސް އަނެއްކާވެސް ރޮވެން އުޅުނުހެން ހީވުމުން މަސްޢޫދަށް ދުރު ބަލާލެވުނެވެ.

 

“ބުނެބަލަ ބައްޕާ….ކުރިން މަލާކް ކައިރި ނުބުނަމެއްނު މި ވާހަކަ؟ މަލާކް ނުދެނެހުރިން މަންމަ ޑޮކްޓަރަށް ދައްކަން ދިޔަކަމެއް….އެއީ ކޮން ދުވަހަކު ޑޮކްޓަރަށް ދައްކަން ދިޔައީ؟ އެ….” މަލާކް ސުވާލުތައް ކުރަން ފެށުމުން މަސްޢޫދު ކެތްނުވެގެން އުޅޭ ފަދައަކުން ތެދުވެލިއެވެ. އެއަށްފަހު މަލާކަށް ބެލުމެއްވެސް ނެތި ފަސްދީފައި ދާންފެށިއެވެ. މަލާކް މަސްޢޫދު ދިޔަ މަންޒަރަށް ބަލާލި ހިނދު އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެންއައެވެ. އޭނައަށް ވެސް ރޮވެން ކައިރިވިއެއްކަމަކު އޭނަ ހިތްވަރު ކުރަމުން އަނެއްކާވެސް ގޮނޑި އަނބުރާލިއެވެ. މިފަހަރު އޭނަ ދާންފެށީ އައި.ސީ.ޔޫގެ ދޮރު ކައިރީގައި ހުރި އަޔާޒާއި ދިމާލަށެވެ. އަޔާޒް ކުރިމަތީގައި ގޮސް މަޑުކޮށްލަމުން އޭނަ ވާހަކަ ދެއްކިއެވެ.

 

“މަންމަ ރަނގަޅުވާނެތަ؟ ކް…ކެންސަރު ވިޔަސް ރަނގަޅުވާ މީހުން އުޅޭ ދޯ؟ އަދި ވެދާނެ އަހަރުމެން އަތޮޅުގަ ހުންނަ ހޮސްޕިޓަލުގަ ހުރި ޑޮކްޓަރަށް ނުބައި ގޮތަކަށް ބެލުނީ ކަމަށްވެސް. އެހެން ވެފަ އެބަހުރި ވަރަށް ގިނަފަހަރު މަތިން….އެހެންވީމަ ވެދާނެ ދޯ ކެންސަރު ނޫންކަމަށްވެސް؟” މަލާކް ހުރީ ދެންވެސް ޤަބޫލުކުރަން ބޭނުމެއްނުވެފައެވެ. އޭނަގެ މަންމައަށް މިހާ ބޮޑު ބައްޔެއް ޖެހިދާނެކަމަށް އޭނަ ޙަޔާތުގައި ވެސް ހިއެއްނުކުރެއެވެ. ވީއިރު މިހާރު އޭނަ އެކަން ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟

 

މަލާކްގެ އިޙްސާސްތައް އޭނައަށް ބަލަން ހުރި އަޔާޒަށް ފަހުމްވިއެވެ. އެ ހިތާމަވެރި މޫނު ފެނިފައި ހިނދުކޮޅަކަށް ނަމަވެސް މަލާކްގެ ހިތްހަމަޖައްސާލަދޭން އަޔާޒް ބޭނުންވިއެވެ. މަލާކަށް އޭނަގެ އިޙްސާސްތައް ކޮންޓްރޯލްކުރުން ވާނީ އާދައިގެ މީހުންނަށްވުރެ ދަތިކަމަކަށްކަން އޭނައަށް އެނގުންވާތީވެސްމެއެވެ. އެހެނަސް މިފަދަ ޙާލަތެއްގައި ޙަޤީޤަތް ފޮރުވައިގެން ލިބޭނެ ފައިދާއެއް ނޯންނާނެކަން ދަނެގެން އޭނަ ވާހަކަ ދެއްކިއެވެ.

 

“ވަރަށް ބޮޑަށް މަޢާފަށް އެދެން މިހެން ބުނަންވީމަ. އެކަމަކު ޑޮކްޓަރެއްގެ ޙައިސިއްޔަތުން ޙަޤީޤަތާ ޚިލާފަށް އަޅުގަނޑު ބަލިމީހެއްގެ ޙާލަތް ކިޔައެއްނުދޭނަން. މަލާކްގެ މަންމަ ފަރާތުން ފެނުނުހާ ޢަލާމާތްތަކަކީ ހަމަ އެ ބަލީގެ ޢަލާމާތްތައް….ދެން ފަރުވާ ދެވޭތޯ ބަލާނެދޯ މި ހޮސްޕިޓަލްގެ ޑޮކްޓަރުން؟ އެކޮޅުން ނެހެދޭނެ ސްކޭންތަކާއި ނުލިބޭނެ ބޭސްތަކުގެ ޚިދުމަތްތައް މިކޮޅުން ލިބެން ފެށީމަ ރަނގަޅުނުވާނެ ކަމެއްވެސް ނޭނގޭ…” އަޔާޒް ބުންޏެވެ. ހަމަ އެހިނދު އޭނައަށް އަމިއްލަ ނަފްސު ޙައިރާން ކުރެވުނެވެ. ބަލިމީހެއްކައިރި ނުވަތަ ބަލިމީހެއްގެ ޢާއިލާ ކައިރި ބައްޔެއްގެ ވާހަކަ ބުނާއިރު އެމީހެއްގެ އިޙްސާސްތަކަށް ރިޢާޔަތް ކުރުމުގެ މުހިއްމުކަމާމެދު އޭނަ ވަނީ ކިޔަވާފައެވެ. އެހެނަސް މިހާތަނަށް އައިއިރު އެކަން އަބަދުވެސްވެފައިވީ އަޔާޒަށް ދަތިކަމަކަށެވެ. ބަލިމީހުން އޭނަ ކައިރިއަށް އައުމުން ގިނަފަހަރު އޭނައަށް ވިސްނެނީ މީހުންނަށްވުރެ ބޮޑަށް ފަރުވާއާއި މެދުގައި ވިއްޔާއެވެ. އެހެނަސް މިއަދު މިވީ ކިހިނެއް ހެއްޔެވެ؟ މަލާކް ހިތްހަމަޖައްސައިދޭން އޭނައަށް މާ ބޮޑަށް މަސައްކަތް ކުރެވުނީ ކީއްވެ ހެއްޔެވެ؟ އެއީ މަލާކްގެ ޙާލަތާއިމެދު އޭނައަށް އެނގޭތީވެ ހެއްޔެވެ؟ އެ ސުވާލަށް އާނއެކޭ ބުނަން އަޔާޒްގެ ސިކުނޑި ބޭނުންވިއެއްކަމަކު އޭނަގެ ހިތްވީ ޝައްކެއްގެ ތެރޭގައެވެ.

 

“މް…މަންމަ ރަނގަޅު ކޮށްދެއްޗޭ…..ކޮންމެ ފަދަ ޚަރަދެއް ހިނގިޔަސް ފަރުވާ ކުރިއަށް ގެންގޮސްދެއްޗޭ. އަޅުގަނޑަށް ވީ އެންމެ އަވަހަކަށް އެ ޚަރަދު އަދާކުރެވޭތޯ ބަލާނަން އިން ޝާ ﷲ!” މަލާކް ދެންވެސް އަޔާޒަށް ބަލަން ހުރެ ބުނެލިއެވެ. އެ ހިނދު މަލާކްގެ ކައިރިއަށް އައިސް މަޑުކޮށްލި ވަސީމާ ވާހަކަ ދެއްކިއެވެ.

 

“އެއްވެސް ޚަރަދަކާމެދު މަލާކް ވިސްނާނެކަމެއް ނެތް. އަހަރުމެން ހުރިހާ ކަމެއް ހަމަޖައްސަދޭނަން. އިން ޝާ ﷲ ހުރިހާ ކަމެއް ރަނގަޅުވާނެ.” ވަސީމާ މަލާކްގެ ކޮނޑުގައި އެއްއަތް އަޅާލަމުން އުއްމީދީ ގޮތަކަށް ބުނެލިއެވެ. އެއާއެކު ކުޑަވަރެއްގެ ތަސައްލީއެއް ލިބިގެން ދިޔަ ހިތަކާއެކީ މަލާކަށް އެއްދިމާލަކަށް ނަޒަރު ހުއްޓަމުން ބޯޖަހާލެވުނެވެ.

 

އެހެނަސް ދުވަސް ކުރިއަށް ދިޔަ ވަރަކަށް ކަންތައް ވަމުން ދިޔައީ މަލާކްގެ އެ އުއްމީދާއި މުޅިން އިދިކޮޅަށެވެ. މުޅި ދުވަސް ތެރޭގައި ނަރުސް ކުދިންނާއި ޑޮކްޓަރުން އަވަސް ފިޔަވަޅުތަކެއްގައި އައި.ސީ.ޔޫއަށް ވަދެ ނިކުމެ އުޅޭ މަންޒަރު މަލާކް ބަލަންއިނެވެ. ޑޮކްޓަރަކާއި އަޔާޒް ވާހަކަ ދައްކާއިރަށް އިވިގެންދަނީ ފުއްޕާމޭގެ ކެންސަރު ޖެހިފައިވި ބަލިމީހާގެ ވާހަކައެވެ. އެ ބަލިމީހާގެ ޙާލަތު އިރަށްއިރަކަށް ދަށްވަމުން ދިޔަ ވާހަކައެވެ. އެހެނަސް މަލާކް ދެންވެސް އުއްމީދު ކަނޑާލުމެއްނެތި ދުޢާކުރަމުން ދިޔައެވެ. ކުރެވެމުން ދިޔަ ހިތާމައިގައި އަރުތެރެ ބެދިފައިވުމުން ވަސީމާ ކާއެއްޗެހި ގެނައުމުން ވެސް މަލާކަށް ކެވޭ ގޮތެއްނުވިއެވެ. އޭނައަށް އިންތިޒާރު ކުރެވެމުން ދިޔައީ ޑޮކްޓަރަކު ނިކުމެ އޭނަގެ މަންމަ ރަނގަޅުވެދާނެ ވާހަކަ ބުނާނެ އިރަކަށެވެ. އެހެނަސް އެދުވަހުގެ މަޣްރިބަށްވުރެ ފަސްވިފަހުން އިވިގެން ދިޔަ ޚަބަރުން މުޅި ދުނިޔެ އޭނަ ވަށައި އެނބުރެން ފެށިހެން މަލާކަށް ހީވިއެވެ.

 

“އަހަރުމެންނަށް ކުރެވެން އޮތްހާ މަސައްކަތެއް ކޮށްފިން. އެކަމަކު ފުއްޕާމޭގެ ޙާލަތު ވަރަށް ދަށަށް ގޮސްފަ ވަނީ. ފުއްޕާމޭގަ ކެންސަރު ފެތުރިފަ ހުރި ބައި ބޮޑުވީމަ އެ ބައި ނަގައިގެން ވާނެ ފައިދާއެއްނެތް. އަދި ކެންސަރު ހަށިގަނޑުގެ އެހެން ބައިތަކަށް ވެސް ފެތުރިފަ ހުރިކަމަށް ލަފާކުރެވޭ. ފުއްޕާމޭގަ އިންފެކްޝަން ވެސް ވަރަށް ބޮޑަށް ހެދިފަ އެބަހުރި….. ޕޭޝަންޓް ދެން ދުނިޔޭގަ ހުންނަން މާ ގިނަ ވަގުތެއްނެތް.” ޑޮކްޓަރު އައި.ސީ.ޔޫ އިން ނިކުމެ އެ ވާހަކަ ބުނެލީ މަދުފަހަރަކު ނޫނީ އެތަނުން ދުރުނުވެ އެތާ ހުއްޓިހުރި އަޔާޒް ގާތުގައެވެ. އެ ވާހަކަ އެވަގުތު އެތާނގައި ތިބި ވަސީމާއަށާއި މަލާކަށް ވެސް އިވިގެން ދިޔައެވެ. މަލާކަށް ލިބުނު ޝޮކާއެކީ އޭނަ ކުރިއަށް ގޮނޑި ދުއްވަން ފެށި ވަގުތު އޭނައަށް ރޮވެން ކައިރިވިއެވެ. އެހެނަސް އެވަގުތު ޑޮކްޓަރު ބުނެލި ވާހަކައިން އޭނަގެ ކަރުނަތައް މަޑުޖެހުނެވެ.

 

“ޕޭޝަންޓް މިވަގުތު އޮތީ ހޭލާ….ބައްދަލުކުރަން ބޭނުންވާނަމަ ފަހަރަކު ދެމީހުން ވަނަސް މައްސަލައެއްނެތް.” އެ ޑޮކްޓަރު މަލާކަށް ބަލާލަމުން ބުނެލިއެވެ. އެއަށްފަހު އެ ޑޮކްޓަރު އަޔާޒަށް ބަލައި ބޯޖަހާލުމަށްފަހު ހިނގައިގަތުމުން މަލާކް ވިސްނުމެއްގައި އިނދެފައި އިހުނަށްވުރެ ބާރަށް އައި.ސީ.ޔޫގެ ދޮރާއި ދިމާލަށް ދިޔައެވެ. މަލާކް އެ ދޮރު ކައިރިއަށް އައުމާއެކު އަޔާޒް މަލާކަށް ބަލަން ހުރެފައި އެ ދޮރު ހުޅުވާލިއެވެ. އެއާއެކު މެޝިންތަކާއި ގުޅާލެވިފައި އެނދެއްގައި ބަލިކަށިވެފައި އޮތް ސާރިޔާ އެދެމީހުންނަށް ވެސް ފެނުނެވެ. މަލާކަށް އެތަނުން އެހެން މީހަކުވެސް ނުފެނުނު ފަދައަކުން އޭނަގެ މަންމަ ކައިރިއަށް ދެވުނެވެ. މަލާކް ގޮސް ސާރިޔާގެ މަގަތުގައި މަޑުކޮށްލި ވަގުތު އަޔާޒް ވެސް ފަސް ފަހަތުން އައިސް މަލާކްގެ ކައިރީގައި ހުއްޓިލިއެވެ. އެވަގުތު ސާރިޔާ އޮތީ ދެލޯ މެރިފައެއްކަމަކު މޫނުމަތީގައި އެޅިފައިވި މާސްކުގެ ތެރެއިން ފެންނަމުން ދިޔަ ފޫސުން ލަސްލަހުން ބަދަލުވަމުން ދިޔަ ގޮތުން ނޭވާ ލާކަން އެނގެއެވެ. އެކަމާމެދު ޙަމްދުކުރަމުން މަލާކް އެނދުމަތީގައި އޮތް އޭނަގެ މަންމަ އަތުގައި ހިފާލި ހިނދު އޭނަގެ ލޯ ކަރުނުން ފުސްވިއެވެ. އޭނަގެ ޙަޔާތުގައި އޭނައަށް އެންމެ އެހީތެރިވީ އެއަތެވެ. އޭނަ ވެއްޓުނު ކޮންމެ ފަހަރަކު އޭނަ ތެދުކުރުވީ އެއަތެވެ. އޭނައަށް ދެފައި މައްޗަށް ކޮޅަށް ތެދުވުމަކީ ނާދިރު ކަމެއް ކަމަށް އެތައް ބަޔަކު ބުންޏެއްކަމަކު އެކަން ބިލާހަކަށް ހެދުމަށްޓަކައި އެތައް ދުވަހެއްމަތިން މަސައްކަތް ކުރީ އެއަތެވެ. އެ އަތާއި އޭނަ މުޅިން ވަކިވާން އުޅުނުހެން ހީވި ވަގުތު މަލާކަށް އެއަތަށް ބަލަން އިނދެ ރޮވިފައިވި އަޑަކުން މަންމާއޭ ކިޔައި ގޮވާލެވުނެވެ. އެ ހިނދު ސާރިޔާގެ ލޯ ހަނިގޮތަކަށް ހުޅުވިގެން ދިޔަ މަންޒަރު ފެނުނީ އަޔާޒަށެވެ. އޭނަ މަލާކަށް ބަލާލަމުން އެ ވާހަކަ އަންގަން އުޅުނު ވަގުތު ސާރިޔާ ކުރަކި އަޑަކުން ދަރިފުޅޭ ކިޔައި ގޮވާލި އަޑުއިވުނެވެ. ހަމަ އެއާއެކު މަލާކް އިސްއުފުލައި ބަލާލިއެވެ. އަދި ތަކުރާރުކޮށް މަންމާއޭ ކިޔައި ގޮވުނެއްކަމަކު އޭނައަށް އިތުރު އެއްޗެކޭ ނުބުނެވުނީ ރޮވެން ފެށުމުންނެވެ.

 

“ދަރިފުޅު ދެރަނުވައްޗޭ މަންމަގެ މި ފަހު ވަގުތުކޮޅު…..އިން ޝާ ﷲ، ﷲ ގެ ރަޙްމަތްފުޅުން މަންމަ ދާނީ މިއަށްވުރެ ރަނގަޅު ތަނަކަށް. ދަރިފުޅު އެކަމަށްޓަކައި ދުޢާކޮށްދެއްޗޭ. މަންމަގެ ފާފަތައް ފުއްސެވުމަށްއެދި މަންމަ ސުވަރުގެއަށް ވަދެވޭތޯ ދުޢާކުރައްޗޭ….މަންމަ އެންމެ އުފާވާނީ ދަރިފުޅާއި ސުވަރުގެއިން ބައްދަލުވާ ދުވަހަކު. އެކަމަށްޓަކައި މި ދުނިޔޭގައި ދަރިފުޅު ހުރި ދުވަހު މަސައްކަތް ކުރައްޗޭ….ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަމުރުފުޅުތައް ދަނެގަންނަން މަސައްކަތްކޮށް އެއާއި އެއްގޮތަށް އުޅެއްޗޭ މަންމަގެ ލޯބި ދަރިފުޅު….” އެހެން ބުނެލި ހިނދު ސާރިޔާގެ އަޑުވެސް ތުރުތުރު އަޅައި އޭނަގެ ލޮލުގެ ހިމަކޮޅުން ކަރުނައެއް ފައިބައިގެން އައެވެ. އެ ހިނދު މަލާކަށް އިތުރަށް ރޮވުނެވެ. އޭނައަށް އެގޮތްތައް ދަސްކޮށްދޭން މަންމަ ހުންނަންވީ ނޫންތޯ ބުނެ ހިތް ހަޅޭއްލެވިއެވެ. އެހެނަސް އޭނައަށް ދުލުން އެއްވެސް އެއްޗެކޭ ނުބުނެ ރޮމުން ރޮމުން އެނދުމަތީގައި ބޯއަޅާލެވުނެވެ. އެއާއެކު ސާރިޔާ ލަސްލަހުން އޭނަގެ އަތް ގެންގޮސް މަލާކްގެ ބޮލުގައި ފިރުމަން ފެށިއެވެ. އެއަށްފަހު އެތާ ހުއްޓިހުރި އަޔާޒާއި ދިމާލަށް ބަލާލިއެވެ. ސާރިޔާގެ ނަޒަރު އޭނަގެ އަމާޒުވުމުން އަޔާޒްގެ މެއަށް ލޮޅުމެއްއައެވެ. އިވިދާނެ ވާހަކައަކާމެދު ނުތަނަވަސްވީ ވަގުތު ސާރިޔާ ވާހަކަ ދެއްކިއެވެ.

 

“ދައްތައަށް ދެން ނުހުރެވޭނެ މަލާކް ބަލާކަށް އަޔާޒް….މަލާކް ރަނގަޅަށް ބަލައިދެއްޗޭ…” ސާރިޔާ ބުނެލިއެވެ. އަޔާޒް އެ ވާހަކައަށް ޖަވާބެއްދޭން އުޅެފައިވެސް ޖެހިލުންވިއެވެ. ޙަޔާތުގައި ވެސް ކަމަކަށް ވަޢުދުވެއްޖެނަމަ އޭނަ އެކަމާއި ޚިލާފުވެފައި ނުވާތީ އޭނަ ކަންކަމަށް އާނބަސް ދީ އުޅެނީވެސް ވަރަށް ވިސްނާފައެވެ. އެއީ އޭނަގެ ބައްޕަ އޭނައަށް ނަމޫނާ ދައްކައި އޭނައަށް ދަސްކޮށްދީފައިވާ ކަމަކަށްވާތީވެއެވެ. މީހަކު ކިތަންމެ އާދޭސްކުރިޔަސް އޭނަ އެއްބަސްވާނީ އޭނައަށް ކުރެވޭނެ ކަންތަކަށެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. މަލާކްގެ މަންމަގެ ލޮލުން ފެނުނު އާދޭހުން އޭނައަށް ބޯޖަހާލެވުނީ އިޚްތިޔާރުން ބޭރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ހިނދު އޭނައަށް އުދަގޫވެސްވިއެވެ. އެއްބަސް މި ވެވުނީ ކޮންކަމަކަށްތޯ ހިތަށްއެރިއެވެ. ކުއްލިއަކަށް އޭނައަށް އެ ވެވުނު އެއްބަސްވުން އަނބުރާ ނަގަންވެސް ހިތް ބުންޏެވެ. އެހެނަސް މިވަގުތު އެފަދަ ކަމެއްކޮށް ނުބައި މީހަކަށްވާން ބޭނުމެއް ނުވުމުން އަޔާޒް ހިމޭންކަން ޚިޔާރުކުރިއެވެ.

 

ސާރިޔާ ދުނިޔެ ދޫކޮށްދިޔައީ 7:01 ހިނގި ވަގުތު މަސްޢޫދާއި އެންމެ ފަހު ބައްދަލުވުމުގެ ތެރެއިންނެވެ. އެވަގުތުން ފެށިގެން މަސްޢޫދާއި މަލާކްގެ ގިސްލުމުގެ އަޑު ހޮސްޕިޓަލުގެ އެ ޞަރަޙައްދުގައި ހިފިއެވެ. އަޔާޒްގެ ޢާއިލާއިން އެދެމީހުން ވީ ވަރަކުން ހިފަހައްޓައި ހިތްވަރު ދޭން މަސައްކަތްކުރިއެވެ. އަދި ޖަނާޒާގެ ހުރިހާ ކަންތައް އިންތިޒާމް ކޮށް އެކަން އެންމެ ފުރިހަމައަށް ދޭތޯ ބަލަމުން ދިޔައީ ވެސް އެ ޢާއިލާއިންނެވެ.

 

އެ މަސައްކަތުގައި އުޅެއުޅެފައި ޢިޝާ ނަމާދާއެކީ ކުރެވުނު ކަށުނަމާދަށްފަހު ގެއަށް އައި ވަގުތު ވެސް އަޔާޒަށް ވިސްނެމުން ދިޔައީ އޭނައަށް އެދުވަހު ވެވުނު ވަޢުދާއި މެދުގައެވެ. އޭނަ ގެއަށް ވަދެގެން އައިއައިހެން ސިޓިންގް ރޫމުގެ ކުޑަ މޭޒުމަތީގައި އޮތް އޭނަގެ ފޯނުވެސް އޭނައަށް ފެނުނެވެ. ހޮސްޕިޓަލުގައި ހުރެފައި އޭނަ ދެ ފަހަރެއްގެ މަތިން ގެއަށް އައެއްކަމަކު ވެފައި ހުރި ހާސްކަން ބޮޑުވުމުން އެއަށް ސަމާލުކަމެއް ނުދެވުނީއެވެ.

 

އަޔާޒް ގޮސް އޭނަގެ ފޯނު ނަގައި ހުޅުވާލި ވަގުތަކީ އޭނައަށްވުރެ ކުރިން ދޮންބެގެ ކާރުގައި ގެއަށް އައިސް ހުރި ބޮޑުމަންމަ ގޭގެ އަލި ބޮކިތައް ނިއްވަން ކޮޓަރިން ނިކުމެގެން އައި ވަގުތެވެ. ބޮޑުމަންމަ ފެނުނެއްކަމަކު ވެފައި ހުރި ވަރުބައްޔެއްގެ ބޮޑުކަމުން އަޔާޒް އެއްޗެކޭ ނުބުނެ ފޯނު ތިރިކޮށްލަމުން އޭނަގެ ކޮޓަރިއަށް ދާން މިޞްރާބުޖެހިއެވެ. އެހެނަސް ކޮޓަރިއަށް ވަދެވުމުގެ ކުރިން ބޮޑުމަންމަ އޭނައަށް ގޮވާލުމުން ބޮޑުމަންމައަށް ބަލާލެވުނެވެ. ބޮޑުމަންމަ އޭނައަށް ބަލަން ހުރެ ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“އުއްމީދު ކުރި ގޮތަކަށް ނޫން ކަންތައް މިވީ…..ކައިވެނީގެ ވާހަކަ ދުވަސްކޮޅަކަށް ނުދެއްކުން ދެން އެންމެ ރަނގަޅުވާނީ. މަލާކާއި ބެހޭގޮތުން މިހާރު އެނގިފައިވާ މިންވަރަށް ބިނާކޮށް އަޔާޒްގެ ނިންމުމަށް ބަދަލެއް އަންނާނެތޯ ނުވަތަ ނާންނާނެތޯ ވިސްނުމުގެ ފުރުޞަތެއް މި ލިބެނީ. ބޮޑުމަންމަ ކުރީ ދުވަހު ކިޔައިދިންހެން އިސްތިޚާރާ ނަމާދުވެސް ކޮށް އެންމެ ރަނގަޅު ގޮތް ނިންމައްޗޭ…..ކޮންމެ ގޮތެއްވިޔަސް މިކަމާމެދު ގޮތެއް ނުނިންމާ މަލާކާއި އޭނަގެ ބައްޕަ މިގެއިން ފޮނުވާލުން ރަނގަޅެއްނުވާނެ. އެދެމީހުން ހަމައަކަށް އެޅޭވަރު ބަލާފަ ޖަވާބެއް ދީފަ ގޮތެއް ނިންމަންވާނެ ވީހާވެސް އަވަހަކަށް….” ބޮޑުމަންމަ ބުނެލިއެވެ. އަޔާޒަށް މާ ބޮޑު ވިސްނުމެއްނެތި ބޯޖަހާލެވުނީ އެވަގުތު މާ ގިނައިން ވާހަކަ ދައްކަން ބޭނުމެއްނުވެފައި ވަރުބަލިވެފައި ހުރުމުންނެވެ. އަދި ބޮޑުމަންމަގެ އެ ވާހަކައާއި އެއްބަސްވެވުމާއި އެކީގައި ވެސް މެއެވެ.

 

އަޔާޒް ގޮސް އޭނަ ޢާއްމުގޮތެއްގައި އުޅޭ ކޮޓަރިއަށްވަދެ އޭނަގެ އަރާމު އެނދުގައި އިށީނެއްކަމަކު ހިތްހަމައެއް ނުޖެހެއެވެ. ބޮޑުމަންމަ ދެންމެ ދެއްކި ވާހަކައިގެ އިތުރުން މިއަދު މަލާކްގެ މަންމަ އޭނައަށް ބުނެލި ފަހު ބަސްތައް ހަނދާންވަމުން ދިޔަ މިންވަރުންނެވެ. އޭނަ ހަމަ މަލާކާއި އިންނާނީތޯ ހިތާހިތާ ކިޔާލި ތަނާހެން އޭނަގެ ސިކުނޑި ނޫނެކޭ ކިޔައި ހަޅޭއްލެވިއެވެ. އޭނައަކީ މުޅި ޙަޔާތުގައި ވެސް އެންމެ ކުއްޖަކާއި ރައްޓެހިވި މީހެކެވެ. އޭނަ މިހާތަނަށް އައިއިރު ލޯބިވީ ހަމައެކަނި މައުވާ ދެކެއެވެ. އެ ‘ލޯތްބާއެކީ’ އޭނައަށް ދިގު ތިން އަހަރު ހޭދަ ކުރެވޭނީ އެއީ ކިހާ ވަރުގަދަ ގުޅުމަކަށްވުމުން ހެއްޔެވެ؟ އޭނަ އެ ގުޅުމަށް ނިމުމެއް ގެންނާނީ ފަހެ ކިހިނެއް ހެއްޔެވެ؟

 

އާދައިގެ މަތިން އަޔާޒް އޭނަގެ ޙަޔާތަށް އައިސްފައިވި ‘މައުވާ’ ނަމަކަށް ކިޔާ ދަޅައަށް ހެއްލުނެވެ. ނޫނެކެވެ. އޭނަ ކޮންމެ ގޮތެއްވިޔަސް މައުވާ ދެރަވާ ގޮތަކަށް ނަހަދާނެއެވެ. އެހެންނޫނަސް މަލާކްގެ މަންމަ ބުނީ މަލާކް ރަނގަޅަށް ބެލުމަށެވެ. އޭނައާއި އިންނާށެކޭއެއް ނުބުނެއެވެ.

 

ސިކުނޑިއަށް ވެރިވި ޚިޔާލުތަކާއެކީ އަޔާޒަށް އޭނައާއި މައުވާގެ ގުޅުން އޮތް ހިސާބުގެ މަތިން ހަނދާންކޮށް އެ ގުޅުން ކުރިއަށް ގެންދަން ބޭނުންވިއެވެ. އެކަމަށްޓަކައި އޭނަ އޭނަގެ ފޯނު ޖައްސާލިއެވެ. ހަމައެއާއެކު ލޮކް ކޯޑެއް ޖެހިފައި ނެތް އޭނަގެ ފޯނުގެ ސްކްރީނުން ފެނިގެން ދިޔަ ނަމުން އަޔާޒްގެ ހިތް އުފަލުން ފޮޅުނެވެ. އޭނަ ވަގުތުން މައުވާ ފޮނުވާފައި އޮތް މެސެޖު ހުޅުވާލިއެވެ.

 

“އަޔާޒް…..ލޯބި! މަލާކްއާ މެރީ ނުކުރާތި. ޖަސްޓް…ޑޯންޓް މެރީ ހާރ ފޯ އެނީތިންގް! އަހަރެން މި އަންނަނީ 3 ޑޭއިސް ތެރޭގަ….” އެ މެސެޖު ފެނިފައި އަޔާޒަށް ނޭނގި އޭނައަށް ފުރިހަމައަށް ހިނިތުންވެލެވުނެވެ. އޭނައަށް ހުރެވުނު ދުނިޔެއެއްވެސް ނޭނގުނެވެ. މެސެޖަށް ބަލަބަލާ އިނދެފައި އޭނަ އެ ނަންބަރަށް ގުޅާލީ ކެތްމަދުވެގެން ދިޔަ ހިތެއްގެ ސަބަބުންނެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު މައުވާ 3 ރިންގަށްފަހު އޭނަގެ ފޯނު ނެގުމުން އޭނަ އުފަލުން މޮޔަވެދާނެހެން އަޔާޒަށް ހީވިއެވެ.

 

“ހާއި ލޯބި….ކީކޭތަ މެސެޖްއިން ތިބުނަނީ؟ ލޯބިގެ އަޑުން ބުނާ އަޑުއަހަން ބޭނުން.” އަޔާޒް އާޝޯޚުވެފައިވާ ފަދައަކުން ބުނެލިއެވެ.

 

“ހް….ހެހެ….މަލާކްއާ މެރީ ނުކުރާށޭ އަހަރެން ބުނީ. ލޯބި އެންމެ ފަހުން ފޮނުވާފަ އޮތް މެސެޖު ފެނިފަ އެނގުނީ މަރިޔަމް މަލާކް މަސްޢޫދުއާ ކަން މެރީ ކުރަން ތިއުޅެނީ. އެހެން މީހަކާ މެރީ ކުރިޔަސް މައްސަލައެއްނެތް….އެކަމަކު އެ މަލާކްއާ މެރީ ނުކުރައްޗޭ.” މައުވާ ބުނެލިއެވެ. އޭނަގެ އަޑުގައި ހިސާބެއްގެ ނުތަނަވަސްކަމަކާއި އާދޭހެއްވިއެވެ.

 

“ކިހިނެއްވީ ލޯބި؟ ލޯބިއަށް އެނގޭ ކުއްޖަކީތަ އެ މަލާކަކީ؟” އަޔާޒަށް ދެބުމަ ކައިރިކޮށްލަމުން އަހާލެވުނެވެ.

 

“ން…ނޫނޭ ނޫނޭ…ހެހެ….ހަމަ އެއްގޮތަކަށް ވެސް ނޭނގޭ. އެއީ ދެން ހަމަ ލޯބި މެސެޖްގަ ބުނެފަ އޮތްހެން އެއީ ނުހިނގޭ ރާއްޖެތެރެ ކުއްޖެއްވިއްޔާ ލޯބިގެ ޢާއިލާވެސް މުޅިން ބަދުނާމުވާނެދޯ؟ އެހެންވެގެން ބޮޑަށް އަހަރެން ތިކޮޅަށް އަންނަން ބޭނުންވީ. ޓު ފިކްސް އެވްރީތިންގް ބިފޯރ އިޓްސް ޓޫ ލޭޓް!” މައުވާ ބުންޏެވެ. މައުވާ ދެއްކި ވާހަކަތަކުގައި ދެ މާނައެއް އެކުލެވިގެންވިހެން އަޔާޒަށް ހީވީ ކީއްވެކަމެއް އޭނައަށް ޔަޤީން ނުކުރެވުނެވެ. އެހެނަސް އާދައިގެ މަތިން އޭނަ މައުވާއާއިމެދު އުފެދުނު އެ ޝައްކުގެ މައްޗަށް ފަސްއަޅާލިއެވެ.

 

“ހެހެ….ދެޓްސް ސޯ ކިއުޓް ލޯބި…މައު އަޔަސް ނަޔަސް އަހަރެން އެކުއްޖާއާ މެރީ ނުކުރާނަމޭ.” އަޔާޒް ހިނިތުންވުމަކާއެކީ ޔަޤީންކަން ލައިދިނެވެ.

 

“އަސްލުވެސްތަ؟!” މައުވާ ޙައިރާންވެގެން އުޅޭ ފަދައަކުން އަހާލިއެވެ. އަޔާޒް ހޫމްލައްވާލަމުން މައުވާއަށް އިތުރަށް ޔަޤީންކޮށްދިނެވެ.

 

“އޮހް….އެހެންވެއްޖެއްޔާ މައްސަލައެއްނެތް. މައު ނާންނާނަން ތިކޮޅަށް….އަޔާޒް އޭނައާ މެރީ ނުކުރަންޏާ…” މައުވާ ބުނެލި ވާހަކައިން އަޔާޒްގެ ހިނިތުންވުން ފޭދުނެވެ.

 

“ބަޓް ވާއި؟ އައި ތޯޓް ޔޫ ވޯންޓެޑް ޓު ސީ މީ މައު…” އަޔާޒްގެ ވާހަކަ މެދުކެނޑުނެވެ.

 

“ދެން މިކޮޅުގަ އަސްލު ވަރަށް ބިޒީއޭ އަޔާޒް. އަޔާޒް އަންނަންވީއެއްނު އަހަންނާ މީޓް ކުރަން މިކޮޅަށް؟” މައުވާ ބުނެލިއެވެ.

 

“އެކަމަކު ދެންމެ ލޯބި ބުނީ….” އަޔާޒްގެ ވާހަކަ އަނެއްކާވެސް މެދުކެނޑުނެވެ.

 

“ޕްލީސް އަޔާޒް! އިތުރަށް އާދޭސްކޮށް އަހަންނަށް މިކަން އިތުރަށް ދަތި ނުކުރައްޗޭ…ޔޫ ނޯ ހައު އައި ލޯންގް ޓު ސީ ޔޫ….އެކަމަކު ހަމަ ކުޑަ މަސައްކަތެއް ކުރާތީ ނާދެވިގެން މިއުޅެނީ. އައި ވޯންޓް ޓު ހޭވް އަ ކަރިއާރ ޖަސްޓް ލައިކް ޔޫ. ޓްރާއި އެންޑް އަންޑަސްޓޭންޑް!” މައުވާ ބުނެލިއެވެ. މައުވާގެ އެ ވާހަކަ އަޑުއަހަން މިފަހަރު އަޔާޒަށް އިނދެވުނީ ހިތްހަމަނުޖެހިފައެވެ. އާދައިގެ މަތިން މައުވާގެ އެ ބަސްތައް އޭނަ ޤަބޫލުކުރަން ބޭނުންވިއެއްކަމަކު މިފަހަރު އެކަންވީ ދަތިކަމަކަށެވެ. އެއްވަގުތު ކޮޅެއްގައި މައުވާގެ އެހާ ބޮޑު ނިންމުމެއް ބަދަލުވެގެން ދިޔަ ގޮތުންނެވެ. މައުވާ އޭނައަށް ސަމާލުކަން ދޭނީ އޭނަ މައުވާއަށް ފަސްދޭން އުޅޭހެން ހީވުމުން އެކަނިތޯ އަޔާޒްގެ ހިތަށްއެރިއެވެ. ހަމަ އެވަގުތު މައުވާ ހެލޯއޭ ކިޔަން ފެށުމުން އަޔާޒަށް ވާހަކަ ދެކެވުނެވެ.

 

“އެންމެ ރަނގަޅު މައު. މައު ނަޔަސް އަހަރެން މައްސަލައެއް ނުޖައްސާނަން.” އަޔާޒް ބުނެލިއެވެ.

 

“ގްރޭޓް! ލަވް ޔޫ، ބާއި!” މައުވާ އަވަސް އަރުވާފައި ކަހަލަ ގޮތަކަށް ފޯނު ކަނޑާލިއެވެ. އެހިނދު އަޔާޒް ފޯނު ކަންފަތުން ނަގާލަމުން އެއަށް ބަލާލުމަށްފަހު އެއްދިމާލަކަށް ނަޒަރު ހުއްޓާލިއެވެ. ހަމަ އެވަގުތު އޭނަ އެންމެ ފުރަތަމަ ރައްޓެހިވެގެން އުޅުނު މައުވާ އޭނައަށް އަނބުރާ ލިބިދާނެ ގޮތެއް އޭނައަށް ވިސްނުނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ސިކުނޑި މޮޅު ރޭވުމެއް ރާވާލިއެވެ. އެ ރޭވުމާއިމެދު ހިތްހަމަޖެހުނު ވަރުން އޭނަ ލަސްކުރުމެއްނެތި އޭތި އެވަގުތުން ވެސް ކުރިއަށް ގެންދަން ބޭނުންވިއެވެ. އެހެންކަމުން އޭނަ ވަގުތުން ފޯނު ހިއްލައި މިވަގުތު ގުޅާލީ ބޮޑުމަންމަގެ ނަންބަރަށެވެ. މާ ގިނައިރެއްނުވެ އެކޮޅުން ފޯނު ނެގިއެވެ.

 

“އަޔާޒް ކިހިނެއްވީ މި ގަޑީގަ ތިގުޅަނީ؟ އެއްޗެއް ބޭނުންވީތަ؟” ބޮޑުމަންމަ ސުވާލުކޮށްލި އަޑު އިވުނެވެ.

 

“ނޫނޭ ބޮޑުމަންމާ….ބޮޑުމަންމަ ކައިރި އެއްޗެކޭ ބުނެލަން ބޭނުންވެގެން މި ގުޅާލީ….އަހަރެން ބޭނުން މަލާކްއާ އިންނަން…” އަޔާޒް ބުނެލިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ބުނެދޭށޭ ރުހެމޭ 78

Next

ކަފުން ވެވިފާ…08

Next
September 25, 2019

ކަފުން ވެވިފާ…08

Previews
September 24, 2019

ބުނެދޭށޭ ރުހެމޭ 78

21 Comments!

  1. Jana says:
    September 25, 2019 at 3:03 pm

    Assalaam’alaikum. wedding scene nethyma thiya kiyuntherin mihaaru jana ah rulhi aisfa kanneynge thibeyny. ekamaku mihaahisaabah mi genesdhiny mi bai reethivaany mihaa hisaabun nimmeemahen heeveema. ey e fahu scene in mulhi vaahaka ah mi annany varah bodu change eh. ehenveema. 🙂

    In Sha Allah next part sunday ga. ^_^ mi bayaa gulhey post In Sha Allah maadhama genesdheynan 🙂

  2. Kiyaa says:
    September 25, 2019 at 3:06 pm

    Awesome???? vvv reethi mipart vess???? MashaaAllah finally ayaaz and malaak dho ???curiously waiting for next part???when next part

    1. Anonymous says:
      September 28, 2019 at 4:05 pm

      idiot kiyaa

  3. Ummu Xahaa Xaan says:
    September 25, 2019 at 3:38 pm

    Binthu Yoosuf

    1. Binthu Yoosuf says:
      September 25, 2019 at 9:16 pm

      Ummu Xahaa Xaan v reethi dhw

    2. Ummu Xahaa Xaan says:
      September 25, 2019 at 10:03 pm

      Binthu Yoosuf hmmm

  4. ?Shifna? says:
    September 25, 2019 at 3:38 pm

    Wow masha allah. Vrh reethi.

  5. jiji says:
    September 25, 2019 at 3:47 pm

    ?Wow..v furihama ingey mi bai vx..masha allah

  6. Anonymous says:
    September 25, 2019 at 4:04 pm

    ?saariya dhiyaee.. vaahaka vrh reethi

  7. Anonymous says:
    September 25, 2019 at 4:48 pm

    Mauva akee Malaak ge aslu bappage dharieh baa

  8. I.s.H.a says:
    September 25, 2019 at 4:59 pm

    Wow

  9. Unique says:
    September 25, 2019 at 5:18 pm

    Masha allah….
    ???? malaakge mamma niyaavee??
    Varah emotional
    ????
    I hope avahah malaak and ayaazge kaiveni kurevigendhiun

    May allah bless u sissy

    Honestly I don’t know how to react?

  10. Saaji says:
    September 25, 2019 at 7:53 pm

    Alheyyy varah reethi mi part ves masha allah.. i love it… who is mauvaa… ?

    1. El says:
      September 26, 2019 at 2:09 pm

      kuree parts thah kiyaaleema engeyne dear.. e ee ayaz ge girlfriend

  11. Yaanee says:
    September 25, 2019 at 10:34 pm

    Varah reethi…Maa sha Allah..
    Malaak ah dhera eh dheyn Ayaz merry nukuraathi please please…. Mauva kuraa kamaah kiyaa ehchehssa Sahkku Abadhu fasalhaa foruvani??

  12. އޭޝް says:
    September 26, 2019 at 4:14 pm

    މާ ޝާ ﷲ ޖަނާ ވަރަށް މޮޅު…ވާހަކައިގެ މި ހިސާބަށް އައި އިރު ވަރަށް ސަޅި..އޭގެ އިތުރަށް ކޮންމެ ދުވަހަކު ތި ގެނެސްދޭ ބްލޮގް ޕޯސްޓް ތަކުން އަޅުގަނޑަށް ވަރަށް ފަައިދާކުރޭ.. ﷲއަލްޙަމްދުލި …ކެތްތެރިކަމާއެކު ދެން އޮތް ބަޔަށް އިންތިޒާރު ކުރަން އިނގޭ.. ލަވްޔޫ ސިސީ ?

  13. Jana says:
    September 26, 2019 at 11:15 pm

    The word ‘Wasiyyah’ in the Arabic language means an advice given by a person on a death bed. Allah uses a form of that word (thawaasau) to describe how we as believers are supposed to give advice to each other. What does that tell us?

    It tells us that we should be loving when we give advice to one another. That the advices that we give should be selfless and none of the words slip out of our tongues except out of extreme care. That we should never give an advice to our fellow brothers and sisters in a way that would hurt them. Because at the end of the day, none of us would wish anyone was hurt because of us on the day we lie on our death bed. We would say whatever we say out of extreme care for the ones around us. And none of the words we say would be to gain anything of this world. Rather, it would be said with the pure intention of gaining something in the Akhirah.

    This is how we are supposed to be when giving advice to our brothers and sisters even when we are living our daily lives. Subhaanallah!

    #SuratulAsr #Advice #Lastwords

    ******************************

    ޢަރަބި ބަހުގައި “ވަޞިއްޔަތް” މި ބަހުގެ މާނައަކީ މީހަކު ދުނިޔެ ދޫކޮށްދާން ގާތްވެފައި ވަނިކޮށް ދޭ ނަޞޭޙަތެކެވެ. އަހަރުމެން މުސްލިމުންގެ ގޮތުގައި އެކަކު އަނެކަކަށް ނަޞޭޙަތްތެރިވާން ޖެހެނީ ކިހިނެއްކަން ސިފަ ކުރެއްވުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވި ބަސްފުޅަކީ އެ ބަހާއި ގުޅުން ހުރި ބަހެކެވެ (ތަވާޞައު). މިއިން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟
    މިއިން އެނގެނީ އަހަރުމެން އެކަކު އަނެކަކަށް ނަޞޭޙަތްތެރިވާން ޖެހޭނީ ލޯތްބާއި އެކީގައި ކަމެވެ. ނަޞޭޙަތްތައް ދޭންވާނީ އެއްވެސް އަމިއްލަ އެދުމެއް ނެތި ކަމެވެ. އަދި އަޑުއަހާ މީހަކަށްޓަކައިވާ އަޅާލުމަށްޓަކައި މެނުވީ އަހަރުމެންގެ ދުލުން ބަހެއް ނުބުނެވޭނެ ކަމެވެ. އެހެނިހެން ކޮންމެވެސް އެއްދުވަހަކުން އަހަރުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މަރުމަތީގައި ވާ ހިނދު އަހަރުމެން ބުނެލާ ބަހަކުން އަޑުއަހާ މީހަކު ދެރަވާން ނޭދޭނަމުއެވެ. އަދި ބުނާ ކޮންމެ ވާހަކައެއް ބުނާނީ އެވަގުތު ކައިރީގައި ތިބޭ މީހުންނާމެދު އަޅާލެވޭ މިންވަރުންނެވެ. މީގެ އިތުރުން އެވަގުތު ދެވޭ ނަޞޭޙަތެއް ދެވޭނީ ވެސް ދުނިޔޭގެ އެއްވެސް އެދުމެއް އޮވެގެނެއްނޫނެވެ. އެވަގުތު ނަޞޭޙަތެއް ދޭނީ ހަމައެކަނި އާޚިރަތަށް އެދިގެންނެވެ.

    ޢާއްމު ދިރިއުޅުމުގައި އުޅޭއިރު އަހަރުމެންގެ އަޚުންނާއި އުޚްތުންނާއިމެދު މުސްލިމުންގެ ގޮތުގައި އަހަރުމެން ކަންތައް ކުރަންޖެހެނީ މިހެންނެވެ. ސުބްޙާނަ ﷲ!

  14. Jana says:
    September 26, 2019 at 11:18 pm

    Assalaam’alaikum. varah bodah maafah edhen fahakah ais jana ah reply nukureveythy. kudakoh balive ulhey dhuvaskolhakah vaathy down vegen miulheny. In Sha Allah maadhamaa English vaahaka up koffa mi baige comment thakah reply kureveytho balaanan 🙂 post thakun faidha eh kuriyya post adhi vaahaka ves hissa kurumaky jana ge edhumeh.

  15. Unique says:
    September 27, 2019 at 5:27 pm

    Shafaakillah sissy
    Sissy ah avas shifaaeh dhehvaadheyve
    Aameen

  16. dhonthy's friend says:
    September 28, 2019 at 3:50 pm

    Get well soon Jana sis.. Sis alhugandu bunan mi ulhenee dhonthy v beynumoa sis aa vaahaka dhakkaalan. Sis Gmail beynun kurangnaa dhonthy au mail kollabalaashoa dhonthy bunee.. Dhonthy ge request eiy veema mi bunelee inge

  17. Anonymous says:
    September 28, 2019 at 10:05 pm

    Were is wedding scene ?????
    Yageenunves onnaaney bunefa………….??????

Comments are closed.

Next Episodeވަޢުދު (ފަނަރަވަނަ ބައި)←


All Right Reserved!