ރަސްމީ ގަޑި – 5
ރަހްމާ
އޮފީހަށް އާދެވުނުއިރު ބަނޑުހައިވެގެން ދެފައި ތުރުތުރުއަޅަނީއެވެ. ހެނދުނު ކެއީ ބަދަން ކޮޅެއް އެކަންޏެވެ. ލިފްޓް ތެރޭގައި އިން ލޯގަނޑުން ވެނީލާ ކުލައިގެ ހެދުމަކާއި ގަދަ މުށިކުލައިގެ ބުރުގާއެއް އަޅައިގެން ހުރި އަހަރެންގެ ސޫރައަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ. ކަޅުކަން ގަދަ ދެލޯ ފެންނަ ކޮންމެ ފަހަރަކު ހަނދާންވަނީ ދެލޮލަށް ލޭ އަރާ ދުޅަވެފައި ހުރި ދުވަސްތަކެއްގެ މަތިންނެވެ. އެވަގުތު ލިފްޓު ދޮރު ނުލެއްޕެނީސް ފިރިހެނެއްގެ ބޫޓު ހަނިވަމުން ދިޔަ ދޭތެރެއަށް ކޮއްޕާލާ ލިފްޓުގެ ދޮރު ހުޅުވާލިއެވެ.
ލިފްޓަށް އެރީ ސުލްތާން ނޫން ދެވަނަ މީހެއް ނޫނެވެ. މިޔަދު އާދަޔާ ހިލާފަށް ސުލްތާން ރީތިހެން ހީވިއެވެ. ވަރަށް ހަމަޖެހިލައިފައި ހުރިއިރު އޭނާގެ ތުންފަތުގައި ލާނެތް ފާޑުގެ ހިނިތުންވުމެއް ދުވެލިއެވެ. ކަޅު އިސްތަށިގަނޑާއި ކަޅު ގަމީހެވެ. ކަޅު ފަޓުލޫނާއި ކަޅު ތުނބުޅިއެވެ. ހިތަށް އަރަމުން ދިޔަ ސުލްތާންގެ ތަޢުރީފުގެ ސަނާ ނިމުނީ އޭނާ ބުނެލި ފޫހި އެއްޗަކުންނެވެ.
“ރޭ ވަރުގަދަ ކުޅިއެއް ކުޅެލާފަ ދޯ ތިއުޅެނީ..”
ސުލްތާން އަކީ ސިކުނޑީގައި ފުރޭންޏެއް ގެންގުޅޭ މީހެއް ނޫނެވެ. އޭނާ ހިތަށް އެރި އެއްޗެއް ބޭނުން މީހަކަށް ބުނެލަންވީއެވެ.
“ތި ބުނި އެއްޗެއް ނުވިސްނުނު.”
އަހަރެން ދިނީ ފިނި ޖަވާބެކެވެ. ސުލްތާން ހިނިގަނޑެއް ޖަހާލިއެވެ. ބާރަކަށް ނޫނެވެ. ހީވަނީ މޭތެރެޔަށް ހިންދައިގެން ހޭހެނެވެ. ދެމީހުންނަށް ކިރިޔާ ހުރެވޭ ގޮޅީގެ ތެރެއިން އޭނާ ފޭބީވެސް އުޅަބޮށިން އަހަރެންގެ މޭމަތީ ކޭއްތިފައެވެ. ފަހަތަށް އެނބުރިލަމުން އަނެއްކާވެސް އެއްމިޔަކަނުން ހީލިއެވެ. އަހަރެންގެ ހިތް ބުނަމުން ދިޔައީ އެ ހިނިތުންވުން އޭނާގެ ކަންފަތާ ހިސާބަށް އަންނަ ވަރަށް އަނގަ އިރާލާށެވެ. އޭރުން އޮންނާނީ ހެވިފައެވެ.
“ހޭ، ގުޑް މޯނިންގް.. ކީއްވެފަ ތިހިރީ؟”
ވީލާގެ ތޫލި އަޑު އިވުމާއިއެކީ މޫނަށް ގަދަކަމުން ހިނިތުންވުމެއް ގެނުވޭތޯ ބެލީމެވެ. އޭނާއާއި އެއްކޮށް ރިސެޕްޝަނަށް ވަންއިރު ސޯފާއެއްގައި ހުޒާމް އިށީދެގެން އިނެވެ. ވަގުތުން ވީލާގެ ހަށިގަނޑު ކޮޅަށް ޖެހުނެއެވެ. ބުރަކަށި ސީދާވެ އަތް މުއްކެވުނެއެވެ. ހުރިހާ ކަމެއް ވެސް ދިޔައީ އަހަރެންގެ ތޫނު ދެލޮލުން ރިކޯޑް ވަމުންނެވެ. ހުޒާމްއާއި ވީލާގެ ދޭތެރޭ ކޮންމެވެސް ކަމެއް އެބަ އުޅެއެވެ. އަހަރެންނާއި ބެހޭކަމެއް ނޫން ވިޔަސް ވަރަށް އިނގެން ބޭނުމެވެ. ނުބެހޭ ކަންތަކާ ބެހޭ ހިތްވެއެވެ. އަނގައިންނެއް ނޫނެވެ. އަހަރެންގެ ދެލޮލުންނެވެ.
“ސަރ.. ”
މާކެޓިންގެ ބައިން ނިކުން ސަލީމް، ހުޒާމް ކައިރިއަށް ހުއްޓުމުން އޭނާ ސޯފާއިން ތެދުވީ ދުމެއް ޖެހި ހެނެވެ. ވީލާއާއި ހަތަރު ކަޅި ހަމަވީވެސް ދެނެވެ. ހުޒާމްގެ ދެލޯ ހަނިވެ އިސްޖެހުނެއެވެ. ހުރިހާ ކަމެއްވެ ނިމުމުން ނޭނގޭ ކަމަށް ހެދިގެން ގޮސް ސޭލްސް ބަޔަށް އަހަރެން ވަނީމެވެ. އެއްވެސް ކަނަކުން އީނާޝް ފެންނަން ނެތުމުން ކުޑަކޮށް ފޫހިވިއެވެ. އެއީ އޭނާ ހުރިނަމަ ކޮންމެވެސް ކަހަލަ ޑްރާމާއެއް ކުޅޭނެތީއެވެ.
ފޯނު ހުޅުވާލުމުން އަނެއްކާވެސް ހާނިމްގެ އިންޒާރުގެ މެސެޖުތައް ފުލުފުލުން އަންނަން ފެށިއެވެ. ފަހަރަކު މެސެޖެއް ކިޔަމުން ދިޔައިރު އަހަރެންގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް މަދެއް ނޫނެވެ. ސޭލްސްބައިގެ އެކަކުވެސް އަދި އޮފީހަށް ނާންނާތީ އަހަރެން ހުރީ އެކަންޏެވެ. ހިތް ފުރެންދެން ރޯލެވުނެއެވެ. ހިތުގެ އަޑީގައި ވަޅުލެވިފައިވާ ހުރިހާ ޝަކުވާއެއް ކަރުނައިގެ ސިފައިގައި ބޭރުވިއެވެ. އެންމެ ފަހު މެސެޖު ކިޔާލުމުން އަހަރެންގެ ހިތް މޭގަނޑުން ނިކުންނަހާ ބިރުގަތެވެ.
“މަށަށް އިނގޭ ރަހްމާ ހުރީ ކޮންތާކުކަން..”
ހާނިމްއަށް އިނގުނީ ކިހިނެތް ހެއްޔެވެ؟ ނޫނީ އެއީ އޭނާ އަހަރެން ބިރު ގަންނަވާލަން ބުނި އެއްޗެއް ހެއްޔެވެ؟ ހާނިމް ކުރިން ފަހަރު ހެދިހެން އޮފީސް ތެރެއަށް ވަދެ ހަޅުތާޅުކޮށް އަހަރެން ބޭޒާރުކޮށްލައިފިއްޔާ މި ދުނިޔޭގައި އުޅޭކަށެއް އަހަރެން ބޭނުމެއް ނޫނެވެ. ވަރަށް ކެތްކުރެވިއްޖެތާއެވެ.
“އޭ، ކިހިނެތް ތިވަނީ؟ އެހާ އަވަހަށް ޑަމްޕް ކޮށްލީތަ؟”
ދޮރު ހުޅުވާލާފައި އެތެރެޔަށް ބޯކޮއްޕާލި ސުލްތާން ފެނި އަވަސްއަވަހަށް ކޯތާފަތް ފޮހެލާ، ބުމަގޮށް ޖަހާލާ އަދި ވަރުގަދަޔަށް ތުންގަނޑު އަނބުރާލީމެވެ.
“ތިހާ ރޯ އެއްޗެއް ނޫން.. މަވެސް މިހިރީނު؟”
އަނެއްކާވެސް ސުލްތާން އެއްމިޔަކުން ހީލިއެވެ. ގޮއްމުއްކަވާފައި މޭޒުގައި ނުޖެހުނީ ކިރިޔާއެވެ.
“ކީއްކުރަން ތި އައީ؟”
އޭނާއާއި ދިމާލަށް ބަލާވެސް ނުލާ އަހަރެން އަހާލީމެވެ.
“މިތާ އެކަނި އިނަސް ނާންނާނެ އެކަކުވެސް. އެންމެން ވީ މީޓިން ރޫމްގަ، މަންޖޭ”
މަޖާވެފައި ސުލްތާން އެހެން ބުނެލުމާއިއެކީ އަހަރެން ކޮޅަށް ތެދުވީމެވެ. ހިތާއި ހިތުން އީނާޝްއާއި ދިމާލަށް ކުދި ކިޔާލެވުނެއެވެ. މީޓިންއެއް އޮތް ވާހަކަ އަންގާ ނުލީތީވެއެވެ.
ސުލްތާންގެ ފަހަތުން މީޓިންއަށް ދާން އަހަރެން ހިނގައިގަތީމެވެ. ފާޑެއްގެ ރާގެއް އަޅުވަމުން ސުލްތާން ހިނގައިފައި ދިޔަގޮތުން ރޭ އުފާވެރި ކަމެއް ދިމާވީކަމަށް ވެދާނެއެވެ.
މީޓިން ރޫމަށް އާދެވުނުއިރު ދިގު ކުކުޅު ބިހުގެ ބައްޓަމަށް ހަދާފައި އިން ލަކުނޑި މޭޒުގެ އެއް ކައިރިއެއްގައި އީނާޝް އިށީދެލައިގެން އިނެވެ. އޭނާގެ ލޮލުގައި ކަޅު އަދުން އަޅާލައިފައި ހުރިވަރުން ފެންނަނީ ލޮލުގެ ހުދުބަޔާއި ކަޅި އެކަންޏެވެ. އޭނާގެ ކައިރީގައި ފައި މައްޗަށް ފައި ލައިގެން ހުޒާމް އިނީ ކުރިމަތީ ޕްރެޒެންޓް ކުރަމުން ދިޔަ އަޒްހާގެ ވާހަކަތަކަށް ސަމާލުކަމެއް ދީގެނެވެ. މޭޒުގެ ދެފަރާތުގައި ތިބީ ސޭލްސް ބައިގެ މީހުނާއި ފައިނޭންސް މީހުނެވެ. އީނާޝްގެ ވައަތަށް ދެގޮނޑި ދޫކޮށް އަހަރެން އިށީނީ ސަލީމްގެ ގާތުގައެވެ. ގޮނޑި ދުރުކޮށްލުމަށް ފަހު ޖާގަ ހަދާލުމުން ސަލީމްގެ މޫނުން ފެނުނީ ހިތްހެޔޮކަމެވެ. އޭނާ ހިނިތުންވެލިއިރު ކޮލަށް އެޅުނު އަޑި ކޮޅުން ޝުކުރުން އަހަރެންގެ ހިތް ފޮޅުނެއެވެ. ނަމަވެސް މީހަކަށް އިތުބާރުކުރުމުގެ ކުރިން އަދި އަމިއްލަ ހިތުގައި ލެވިފައިވާ ވަރުގަދަ ފާރުތައް މުގުރާލުމުގެ ކުރިން އަހަރެން ހާހެއްހާ ފަހަރު ވިސްނާނަމެވެ. ފިރިހެނުންނަކީ ވަރަށް މަކަރުވެރި އަނިޔާވެރި ބައެކެވެ. ކުރެވިފައި ހުރި އެތަކެއް ތަޖުރިބާއަކުން ނިކުން ނަތީޖާއަކީ މި ހިތި ހަޤީޤަތެވެ.
އަހަރެންގެ ސީދާ ކުރިމައްޗަށް އިށީން ސުލްތާން ދިޔައީ އަތުގައި އޮތް ގަލަމާ ކުޅެމުންނެވެ. އަޒްހާގެ މަޑުމޮޅި އަޑުން ކުރިޔަށް ގެންދާ ޕްރެސެންޓޭޝަނުން އަހަރެންގެ ސަމާލުކަން އަތުލެވޭ ގޮތެއް ނުވިއެވެ. އެކަމަކުވެސް އެ ދައްކަނީ އަލަށް ތަޢާރަފުކުރި ކިރުޕެކެޓުތަކެއްގެ އަގު ތަފާތުވެގެން އެ ވާހަކަ ކަން އިނގެއެވެ. އެވަރުން ފުދުނީތާއެވެ. ކޮންހާ ބޭކާރު ގްރާފްތަކަކާއި ޗާޓުތަކެއް ހެއްޔެވެ؟
ދެލޯ މެރެން ގާތްވިތަނާހެން ޖީބުގައި އޮތް ފޯނު ވައިބްރޭޓުވި ހިނދު އަހަރެންގެ ހިތަށް ބިރުވެރިކަންވަނެވެ. ފިނި ކޮޓަރީގައި ވެސް ދާހިއްލަން ފަށައިފިއެވެ. ހިން ދިރުވާލުމަށްފަހު ފޯނު ހުޅުވާލާ ބަލާލިއިރު ހާނިމްގެ މެސެޖެކެވެ.
“އަހަރެން މިހިރީ ތި އޮފީސް ކުރިމަތީ. އަހަރެންވެސް ބޭނުންވަނީ ދެމީހުނަށް ރަނގަޅު ގޮތޭ. އެހެންވެ ތިތާ ތެރެއަށް ވަދެ ރަހްމާ ލަދުގަންނަވާކަށް ބޭނުމެއް ނޫން. އޭރުން ތި ލިބޭ ލާރިކޮޅު ވެސް ނުލިބޭނެ އެއްނު؟ ކިހާ ރަނގަޅު މަ! ނިމިގެން ނިކުންނައްޗޭ”
މެސެޖު ކިތަންމެ ފަހަރަކު ކިޔަސް އެޔަށް ބަދަލެއް ނާންނާނެ ކަން އިނގެއެވެ. ބިރުވެރި ހުވަފެނަކުން ހޭލުމަށް މަސައްކަތްކުރާ ފަދައިން ދެލޯ މަރަ މަރާފައި މެސެޖު ކިޔަމުން ދިޔައިމެވެ. އެންމެ ފަހުން ވަރުބަލިވެގެން ފުން ނޭވާއެއް ދޫކޮށްލީމެވެ. އަހަރެން ޖެއްސި ވައްތަރުތައް އެކަކުވެސް ބަލަން ނެތް ކަން އިނގެއެވެ. އެއީ އެންމެންގެ ދެލޯ މެރެމުން ދާތީއެވެ.
ހާނިމްގެ ކަޅު ހިޔަނި މިހިސާބަށްވެސް ފޯރީތާއެވެ. އޭނާގެ އައުވާނުން މާލޭގައި އުޅޭކަމެއް އަހަރެންނަކަށް ނޭނގެއެވެ. ހަދާނެ ގޮތެއް ވެސް ނޭނގުނެއެވެ. ހާނިިމްގެ ވިހަގަދަ ވަކިތަކުގައި އަނެއްކާ ހައްޔަރުވާކަށް ބޭނުމެއް ނޫނެވެ. އެޔަށް ވުރެ މިތާ ބާލުހާނާއިން ފުންމާލިޔަސް މާ ހިތަށް ހަމަޖެހުން ލިބޭނެއެވެ. ފިލައިގެން އުޅެވޭނީވެސް ދެން ކިހާ ދުވަހަކަށް ހެއްޔެވެ؟ ވަރީގެ ފޯމުވެސް ލެވިއްޖެއެވެ. އެވެސް އަހަރެން އަމިއްލައަށް އެދޭ ވަރިއެކެވެ. އަދިވެސް ކޯޓުން ގުޅާވެސް ނުލައެެވެ. ހާނިމްއާއި އޮތް ގުޅުން ހުރިހާ ގޮތަކުން ވެސް ނިންމާލަން އަހަރެން މިހިރީ ކެތްމަދުވެފައެވެ. އޮފީސް ނިމުމުން އޭނާއަށް ނުފެނި ނިކުންނާނީ ކިހިނެތް ހެއްޔެވެ؟
މީޓިން ނިމުނުއިރުވެސް އަހަރެންނަށް އިދެވުނީ ގަނބުވެފައެވެ. ނިޔަފަތި ގަނޑު އަނގަަޔަށް ލައިގެން ހެފުނު ވަރެއް ވެސް ނޭނގެއެވެ. އިނގިލީގެ ކޮޅުން ލޭ ރަހަ ލާން ފެށުމުން ފާޑެއްގެ ފަކުރެއް ގަތެވެ.
“ހޭ، ރަހްމާ. ހިނގާ ކޮފީއަކަށް.”
އަހަރެންގެ އަތުގައި ހިފާލަމުން ވީލާ ބުނެލިއެވެ. ގަޑިއަށް ބަލާލެވުނީ ދެނެވެ. ގަޑިން ދިހަ ގަޑި ބައިވަނީއެވެ. މިއީ ޓީ ބްރޭކްއެވެ. ހިތާއި ހިތުން ހަތަރު ގަޑި ބައިވާން ވާއިރަށް އޮތީ ކިހާ ގަޑިއެއްތޯ ހިސާބުކޮށްލެވުނެއެވެ. އެއްވެސް ކުޑަދޮރެއް ކައިރިއަށް ނުހުއްޓި އޮފީސް ތެރޭގައި ހަދާފައި ހުންނަ ކާ ކޮޓަރިއަށް ވެސް އާދެވިއްޖެއެވެ. ފަހަތުން ވީލާ ދިޔައީ ކޮންމެވެސް ބިރުވެރި ފިލްމެއްގެ ވާހަކަ ދައްކަމުންނެވެ. އެ ފިލްމުގައި ވަމުން ދާ މަންޒަރުތައް ކުއްލިއަކަށް ހުރެފައި އެކްޓުވެސް ކުރަން ފަށައިފިއެވެ. ހީވަނީ މީހުންގެ ސަމާލުކަން ހޯދަން އުޅޭ ހެނެވެ. ވީލާ ކިޔާ ގިނަ އެއްޗެއްސަށް ސަމާލުކަމެއް ނުދެވުނަސް ސުލްތާން މެއްސެއްހެން އަހަރެން ކައިރި އެނބުރޭ ކަމުގެ އިހްސާސްވާން ފަށައިފިއެވެ. މީޓިން ރޫމްގަ ވެސް އިށީނީ އަހަރެން ކުރިމަތީއެވެ. ކާ ކޮޓަރީގައި ވެސް މި އިންނަންޖެހުނީ އޭނާޔާ އެއްމޭޒެއްގައެވެ. ކިހިނެތް ކަމެއް ނޭނގެއެވެ. ނަމަވެސް ވީލާގެ ވާހަކަތައް ހުރިގޮތުން ސުލްތާނާއި ވީލާއަކީ ގާތް ދެ ރަހުމަތްތެރިންކަން އިނގުނެއެވެ. އެކަމާ ހައިރާންވިއެއް ކަމަކު އަަހަރެންގެ ސިކުނޑި ހިޞާރުކޮށްލާފައިވަނީ ހާނިމްއެވެ.
“އިއްޔެ މަ ދުށިން ރަހްމާ.”
ވަރަށް އާދައިގެ ރާގެއްގައި ސުލްތާން އެބުނެލި ޖުމުލަ އަހަންނަށް އިވުނީ މޫނު މައްޗަށް ޖެހި އެސިޑެއް ހެނެވެ. ސުލްތާންއަށް އަހަރެން ދިރިއުޅެމުންދަނީ ކޮންތާކުކަން އިނގިއްޖިއްޔާ ވާރޭގައި ހަންޑި ކުޑަ ފެތުރޭހެން މުޅި އޮފީހަށް ފެތުރޭނެއޭ އަހަރެންގެ ހިތް ބުނަމުން ދިޔައެވެ.
“ކޮންތާކުން؟”
ސުވާލު އެހީ އަހަންނެއް ނޫނެވެ. ވީލާއެވެ. މަސްކަރާ ކާއްތާފަައި އިން ދެލޯ ބޮޑުކޮށްލަމުން އަތުގައި އޮތް ކޮފީ ޖޯޑުން ކޯވަރެއް އޭނާ ބޯލިއެވެ. ސުލްތާން ވަރަށް މަޖާވެލައިފައި ބަޖިޔާއެއް ދެފަރާތަށް ވީދާލުމަށްފަހު އަނގަޔަށް ލިއެެވެ.
“ނުބުނާނަން. ކީއްކުރަން ވީލާ ކައިރި ބުނަނީ؟ ތީނައާ ބެހޭކަމެއް ނޫނެއްނު.”
ސުލްތާންގެ ހިތަށް ވަނީ ކޮން ހަމްދަރުދީއެއް ކަމެއް ނޭނގެއެެވެ. ގައިމުވެސް އެދުމެއް ނެތި ވެދުމެއް ނުކުރާނެއެވެ. އޭނާގެ ލާނެތް ހިނިތުންވުމުން ވެސް ދޭހަވަނީ އެކަމެވެ. އެ ކަންތައް ސިއްރުކޮށްދިނުމަށްޓަކައި އޭގެ ބަދަލެއް ވެސް ދޭން ޖެހޭނެއެވެ. ކުއްޔަށްދޭ ކޮޓަރިއެއްގައި އުޅޭކަން އިނގިއްޖިއްޔާ ވަރަށް ސުވާލުތަކާ ކުރިމަތިލާން ޖެހޭނެއެވެ. އެއީ ވަޒީފާއަށް ކުރިމަތިލީ ފޯމުގައި ކައިވެނިކޮށްގެން އުޅޭ ވާހަކަ ލިޔެފައި އިންނާތީއެވެ. އަމިއްލަ ޒާތީ ހަޔާތާއި މެދުގައި ވާހަކަ ދެއްކުމަކީ އަހަރެން އެއްއިރެއްގައިވެސް ގަޔާވާ ކަމެއް ނޫނެވެ.
“ހޫ. ދެން މި ސުލްތާން ވެސް. އެއީ ސިއްރުކުރަންޖެހޭ ވަރު ކަމެއްތަ؟ ރަހްމާ ބުނެބަލަ. ރޭ ކޮން..”
ވީލާގެ ވާހަކަ މެދުކެނޑުނީ އީނާޝް އައިސް އަަހަރުމެން ތިބި މޭޒުކައިރިއަށް ހުއްޓުމުންނެވެ. ހަށަންބަދެލައިގެން ހުރެ އޭނާ ވީލާއާއި ދިމާލަށް ލޯ އަޅާލީ ނުލަފާ ދޮން މަންމައެށް ލޯއަޅާލާ އުސޫލުންނެވެ.
“ރަހްމާ. އެބައޮތް ކަމެއް.”
އަހަރެންނާ ވާހަކަ ދެއްކިއެއް ކަމަކު އޭނާ ބަލަމުން ދިޔައީ ވީލާއަށެވެ. ވީލާވެސް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާވެސް ހަމަ ކަމާ ކަންފަށާ އީނާޝްއާއި ދިމާލަށް ބަލަމުން ދިޔައެވެ. އެންމެ ފަހުން ދެފައި ފާޑަކަށް ފުރޮޅާލާފައި އީނާޝް ނިކުންނަން ހިނގައިގަތެވެ. އަހަރެންނަށް އިޝާރާތްކުރަމުންނެވެ.
ސޭލްސްބަޔަށް ވަނުމާއިއެކު ދިގަށް ޕާޓިޝަން ޖަހާފައި ހުރި މޭޒުދޮށުގައި ތިބި ތިން އަންހެކުދިން ދެމީހުނަށް ބަލާލީ އެއްފަހަރާއެވެ. އެ ހުރިހާ އެންމެންގެ ނަން ނޭނގުނަސް އަހަރެން ހިނިތުންވެލީމެވެ. ހުރިހާ އެންމެނާ ދުރުގައި ކަނެއްގައި ބަހައްޓާފައި ހުރި މޭޒު ކައިރިއަށްް އަންނަން އީނާޝް އެދުނެއެވެ. އޭނާ އުޅޭ ގޮތުން ހީވަނީ ވަރަށް ބޮޑު ސިއްރު ވާހަކައެއް ބުނަން އުޅޭ ހެނެވެ. އަހަރެންގެ ސިކުނޑި ހުރީ އެހެން ދިމާލަކަށް ވިޔަސް އީނާޝް ކިޔާ އެއްޗަކަށް ސަމާލުކަން ދިނީމެވެ. މޭޒުދޮށުގައި އިން ބޮޑު ގޮނޑިއެއްގައި ޖައްސާލަމުން ތުންފަތުގައި ދޫ ކާއްތާލިއެވެ. އަވަހަށް ބުނަން އުޅޭ އެއްޗެއް ބުނަން ވީ ނޫން ހެއްޔެވެ؟
“ވީލާ އާ އެހާ ފްރެންޑް ނުވާތި އިނގޭ. މަށަށް ހިވަނީ ރަހޫ އަކީ ކުޑަކޮށް ކިލާސް ހުންނަ މީހެއް ހެން. ނޯބޮޑީ ވިތް އަ ސްޓޭންޑަރޑް ޓޯކްސް ޓު ވީލާ. އިނގޭ ދޯ މި ބުނަން އުޅޭ އެއްޗެއް؟”
ދެއަތް ގުޅާލަމުން އީނާޝްގެ ތަތްކޮށްފައިވާ އެސްފިޔަތައް ތަޅުވާލިއެވެ. ރަހޫ އޭ ކިޔާފައި މުހާތަބު ކުރުމުން ހަނދާންވީ ހާނިމްއާއި އަހަރެންގެ ރަން ޒަމާނުގެ ދުވަސްވަރެވެ. އީނާޝް ބުނި އެއްޗަކާއި މެދު އަހަރެން ހައިރާނެއް ނުވެއެވެ. ބުނީވެސް އުންމީދުކޮށްގެން ހުރި ކަހަލަ ވާހަކައެކެވެ. ކިތަންމެ މަޖާވެފައި ހުއްޓެއް ކަމަކު އަހަރެން މޫނަށް ގެނުވީ ވަރަށް ހައިރާންވެފައި ހުރިކަހަލަ ކުލަވަރެކެވެ. އަހަރެންނަށް ވީގޮތް ފެނުމާއިއެކީ އީނާޝް ހިތްހަމަޖެހިފައި ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ޔަޤީނުން ވަންޏާ އެއުޅެނީ ދެބައުޑުވާށެވެ.
“ނުބުނާތި އެކަކު ކައިރީވެސް އަހަރެން ބުންޏޭ. އެކަމް ވީލާ ގެސްޓް ހައުސްއަކުން ބަސްޓުވި ކޮމްޕެނީ ބޮޑު މީހަކާ އެއްކޮށް. ނޭނގެ ކާކު ކަމެއް. އެކަމް އިޓްސް އޮބްވިއަސް އޭނައަކީ ގޮލްޑް ޑިގަރ އެއްކަން. ބޮޑު ބަޑިއެއް އެއީ! އަދި އެވެސް ނަން މަޝްހޫރު.”
ވީލާ އެރޭ އޮތީ ކާކުގެ އަތްދަނޑިމަތީގައި ކަން އިނގިއްޖިއްޔާ މި އީނާޝްއަށް ވާނެ ގޮތަކާއި މެދު އަހަރެންނަށް ވިސްނާލެވުނެވެ. އެއަށްފަހު ރަނގަޅު ޖަވާބެއް ދިނީމެވެ.
“ދެން ތިކަމާ އީނާޝް އެހާ އަޅާނުލާ. ހުޒާމްއާ އެއްކޮށް ނޫނެއްނު ބަސްޓު ވީ..”
އީނާޝްއަށް ހީވީ އަހަރުގެ އެންމެ މޮޅު ޖޯކު ބުނިހެންނެވެ. ވަރުގަދަ ހިނިގަނޑެއް ޖަހާލާފައި ފިޔާތޮށިކުލައިގެ ދިގު ނިޔަފަތިތަކުން ލޯބިން ވަކިވެސް އަޅުވާލިއެވެ. ދަތް ފިއްތަމުން އަހަރެންވެސް އޭނާއާއި އެއްކޮށް ބައިވެރިވެލީމެވެ. ހިތް ފުރޭވަރަށް ފޮނިކަނޑާ ނިމުމުން މޭޒުދޮށަށް އާދެވުނުއިރު ވިހި ވަރަކަށް މިނިޓު ފާއިތުވެއްޖެއެވެ. ވަރަށް ނޫންކަމަށް ހަދަމުން ދޮރުފޮތިގަނޑު ކަހާލާފައި ބޭރަށްވާ ގޮތަށް އޮތް މަގަށް އަވަސް ނަޒަރެއް ހިންގާލީމެވެ. ގައިމުވެސް ހާނިމް ފެންނާކަށް ނެތެވެ. ފޯނަށް އިތުރު މެސެޖެއް ވެސް ނާދެއެވެ. އަނެއްކާ ހާނިމް ދޮގު ހެދީ ހެއްޔެވެ؟
މެންދުރުގެ ވަގުތު ފަހަނަ އަޅައިގޮސް ގަޑިން ހަތަރެއް ޖަހައިފިއެވެ. އަހަރެންނަށް އިނދެވުނީ ބޮޑު ބިރެއްގެ ތެރޭގައެވެ. ފާހަނަޔަށް ދިޔަސް ހީވަނީ ކުޑަދޮރުން ހާނިމް އަހަރެން ޖަހައިގަންފާނެ ހެންނެވެ. މުޅި ސިކުނޑީގައި އެނބުރެނީ ކަޅު ހަނދާންތަކެކެވެ. ކޮޓަރިއެއްގައި ނުކައި ނުބޮއި ބަންދުވެފައި ހުރި ހަނދާންތަކެއްގެ މަތިންނެވެ. އެ ނަރަކައަށް އަނބުރާ ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. ކަރުނަ ހިލޭ ހާލުގައި ހެއްދެވި ފަރާތަށް ދުޢާކުރެވެން ފެށިއެވެ. ނަމާދު ކޮޓަރީގައި އިންއިރުވެސް ހަމަ ރޮވެނީއެވެ. ތަންކޮޅެއް ކައިރީގައި އިން އަޒްހާވެސް ބަލަމުން ދިޔައީ ހައިރާންވެ ހުރެއެވެ. ނަމަވެސް އަހަރެންނަށް ފަރުވާލެއް ނެތެވެ. ހެއްދެވި މާތް އިލާހުގެ އަރިހުގައި ފޮރުވޭނެ ހިތާމައެއް އިހްސާސެއް ނޯންނާއެވެ.
ގަޑިން ހަަތަރު ގަޑި ބައި ވާން އެންމެ މިނިޓެކެވެ. އިނގިލި ކެވޭވަރުން އީނާޝް ފަކުރު ވައްތަރަކަށް އަހަރެންނާއި ދިމާލަށް ލޯވެސް އަޅައިލާފިއެވެ. އެކަމުވެސް ހުއްޓުވޭގޮތެއް ނުވިއެވެ. ހުރިހާ އެންމެން ލިފްޓަށް އަރާ ހަމަވިއިރުވެސް އިން ގޮނޑިން ގުޑާވެސް ނުލަމެވެ. ފޯނު ރިންގު ވާން ފެށީ ދެނެވެ. ހަމަ އެވަގުތަށް ސޭލްސްގެ ބަޔަށް ބޯ ކޮއްޕާލާ ބޮކި ނިއްވަން އަތް ދިމާކޮށްގެން ހުރި ސުލްތާނަށް ހަތަރު ކަޅި ހަމަވިއެވެ.
“ކިހިނެތްވެފަ މިތާ ތީނީ؟ ނުދަންތަ؟”
ސުލްތާން ފެނުމާއިއެކީ ފޫކޮޅަށް ކައްޓެއް ޖެހިގެން ތެދުވެގެން ގޮސް ލިފްޓު ކައިރިއަށް ހުއްޓުނީމެވެ. ހާނިމް މަޑުކޮށްގެން ހުރެދާނެއެއް ނޫން ހެއްޔެވެ؟ ރޯމާ ދުވާލު މަގުމަތިން ޖަހައިގަނެގެން ގެންދަން އޭނާއަށް އުދަނގޫވާނެއެވެ.
“މަޑުކޮށްބަލަ.. ހާދަ ބާރަކަށް!! ކެތް ނުލަވައިގެން ދޯ ތިއުޅެނީ! ހެހެހެ!!”
ތުބުޅީގައި ފިރުމަމުން ބަރު ހިނިގަނޑެއް ސުލްތާން ޖަހާލީ އެއްބުމަ ހިއްލަމުންނެވެ. އޭރުވެސް އަހަރެންގެ ހިތް އޮބިނޯވެއެވެ. ހާސްވެފައި ހުރިވަރުން ދެލޯ މައްޗަށް ފުސް ބުރާފައި ހުރި ކަހަލައެވެ. އޮފީހުން ބޭރަށް ނިކުންތަނާހެން ސުލްތާން ހިނގައިގަތެވެ. އަހަރެން އެކަނި ބަހައްޓާފައެވެ. ދެފައި ތެރަސް ލައިގެން ތަތް ކުރީކަމެއް ނޭނގެއެވެ. މުޅި މަގު ވަށައި ހޯދަން ފެށުނީ ހާނިމް ފެނޭތޯއެވެ. މަގުގެ އަނެއް ފަރާތުގައި ހުރި މީހާ ލޮލުގައި އަޅައިގަތީ ދެނެވެ. އޭނާގެ ވަޅުވަދެފައި ހުރި ދެލޮލުން އަލިފާން ބުރާ ކަހަލައެވެ. ކަނދުރާާއާއި ހިސާބަށް އަރާ އިސްތަށިގަނޑު ހުރިީ ބޮލުގައި ތަތްވެ ކިފުޅިއަކަށް ވެފައެވެ. މުޅި މޫނުން ފެން ދަމާލާފައި ހުރިއިރު ފުރަތަމަ ހާނިމް ވަކި ވެސް ކުރަން ނޭނގުނެއެވެ. އެހާވެސް އޭނާގެ ސިފަ ހުރީ ބަދަލުވެފައެވެ. އެވެސް އެންމެ ތިންމަސް ތެރޭގައެވެ.
ސިކުނޑި މަސައްކަތްކުރަން ފެށީ ދެނެވެ. ތެޅެމުން ފޮޅެމުން އަހަރެން ހިނގަން ފެށީމެވެ. ފަހަތުން ބާވެފައި އޮތް ފައިވާންގަނޑެއް ބިންމަތީ ކާއްތަމުން ހާނިމް ހިނގައިގަތެވެ. “މިފަހަރު ސަލާމަތެއް ނުވެވޭނެ މި ޅަ* އަކަށް!”
ހާނިމްގެ އަޑުގައި ވި ރުޅިވެރިކަން އަޑުއިވިފައި އަހަރެންގެ ފިޔަވަޅު ދެގުނަ ބާރުވިއެވެ. މަގު ހުރަސްކުރަން އަވަސް އަވަހަށް އެޅި ފިޔަވަޅު ހުއްޓުނީ ކުރިމައްޗަށް ސައިކަލެއް އެރީމައެވެ. އަހަރެންގެ ފިޔަވަޅު މަޑު ޖެހުނު ތަންވަޅު ބަލާފައި އައިސް ބުރަކަށިން އަހަރެންގެ ގައިގައި އޭނާ އޮޅުލައިގަތެވެ. ގަތް ލަަދެއްގެ ބޮޑުކަމުން ދެލޯ މަރާ ތަގުޅިކޮށްލެވުނެއެވެ. އަހަރެންގެ ކަރުން ނިކުން ވޭނީ އަޑު ވެސް މީހަކަށް ނީވެނީ ހެއްޔެވެ؟
“ހްްމްމްމް. ހާދަ ފައްކަލޭ ދޯ އަދިވެސް!”
ހާނިމްގެ ނޭވާ މޫނަށް އެޅުމާއި އެކީ މުޅި މީހާގެ ގައިން ވަރު ދޫވިއެވެ. ހުރި ތަނަށް ގުޑާލަންވެސް ނުކެރި މަގުމަތިން ދާހާ މީހުންގެ ނަޒަރު އަމާޒުވާހެން ހީވިއެވެ. މުޅި މަގުމަތީ ރޯ އޮރިޔާމުން ދުވިޔަސް މާތާހިރުވާނެއެވެ. ހާނިމްގެ ގައިން ދުވި ހޮޑުވަހާއި ސިގިރޭޓު ވަހުން މޭނުބައިކުރަން ފެށި ތަނާހެން މީހެއްގެ އަތް އައިސް ހާނިމްގެ ކޮނޑުގައި އަޅުވާލާ ކޮއްޕާލިހެން ހީވިގެން އަހަރެންގެ ދެލޯ ހުޅުވުނެއެވެ. ކުރިމައްޗަށް ހުއްޓުނު ސައިކަލު ނުދާކަން ރެޔަކާލީ ދެނެވެ.
“އަރާބަލަ. ސައިކަލަށް އަރާބަލަ ދެންވެސް!”
ނުނިމޭ
12 Comments!
Comments are closed.



Yey me first dhw oppa..kiyaafa will comment
Waa waa…v hiyygaimu ngey..dhn oiy bai sunday ga dw..waitingg?✨
Waa waa..haadha hiyygaimey mi part vx..dhn oiy bai sunday dw..um waiting ingey?✨?
?❤?Salhi mi bai vx
Waa waa..v hiyygaimu ingey..dhn oiy bai sunday ga dw..waiting?✨?
Reeethi
Varah Reethi mi part ves. When is the next part?
♥️♥️♥️♥️♥️♥️?????
V reethi. When is next part?
V reethi …..whn is next part??? 🙂
Alhe vrh reethi keep it up ???… Your stories r just simply breathtaking ??????
kobaa aneh part