ރަސްމީ ގަޑި (ފެށުން)
ރަހްމާ
ނުވަ ބުރިއަށް ނަގާފައި ހުރި އިމާރާތުގެ ފަސްވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއިއެކީ އަހަރެން ފޭބީމެވެ. އަޅާފައި އޮތް ބުރުގާ ލޯގަނޑުން ރީތި ކޮށްލަމުން “ގެލެކްސީ ފުޑް ސަޕްލައިސް” ޖަހާފައި އިން ދަނބު ކުލައިގެ ދޮރުން އެތެރެއަށް ވަނީ ތެޅި ތެޅި އޮތް ހިތަކާއި އެކުގައެވެ. އެތެރެެއަށް ވަންތަނާހެން ނޭފަތުގައި ޖެހުނު ފޮނި ލުނބޯ ވަހުން އަހަރެންގެ އެތެރެ ހައްޓަށް ތާޒާ ކަމެއް ގެނުވިއެވެ. ރިސެޕްޝަންގައި އިން އަންހެން ކުއްޖާ ހިނިތުންވެލަމުން އަޅި ކުލައިގެ ސޯފާގައި އިށީދެލުމަށް އެދުނެވެ.
ކޮނޑުގައި އަޅާފައި އޮތް އަތް ދަބަސް ދެކޮޅަށް އަނބުރަން އިންދާ ކުރިމަތިން އިސްކޮޅުން ދިގު ފިރިހެނެއް ހުރަސް ކޮށްލިއެވެ.
“އާދޭ.”
އަމުރުވެރި ރާގަކަށް އޭނާ އެހެން ބުނުމުން އަހަރެން އޭނާ ފަހަތުން ދާން ތެދުވެލީމެވެ. ތެދުވި ލެތް ހަލުވި ކަމުން ފުންނާބަށް ތަދެއް ވެސް އެރިއެވެ. ފުރަތަމަ ފަހަރަށް އެހާ ދިގު ކަށްޓަކަށް އެރިކަމަށްޓަކައި ވެސް އަނިޔާއެއް ލިބުނީތާއެވެ. އިސްޖަހައިގެން ހުރެ އަހަރެން އެ ފިރިހެން މީހާގެ ފަހަތުން ގޮސް އޭނާގެ ކެބިން ތެރެއަށް ވަނީމެވެ. ކެބިނުގެ ދޮރުގައި ހަރުކޮށްފައި އިން ބޯޑު ފެނުމުން އަހަރެންގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ.
“އޮޕަރޭޝަންސް މެނޭޖަރ، ހުޒާމް އަހްމަދު”
ހިތާއި ހިތުން އެ ނަން ތަކުރާރުކޮށްލީ ކުރިއަށް އޮތް ތާނގައި ވެސް ހަނދާނުގައި ބަހައްޓާށެވެ. އަރައިގެން ހުރި ހިމަ ކަށި ތުރުތުރު އަޅާ ހާލުގައި ގޮނޑީގައި އަހަރެން އިށީން އިރުވެސް ހުޒާމްގެ ލޯ ކޮމްޕިޔުޓަރުން ނުނައްޓައެވެ. ވާހަކަ ދައްކަން ފެށީވެސް ބަލާނުލައެވެ. ބަލާބެލުަމަށް ހުޒާމްއަކީ އޭނާއަށް ވުރެ ބަލިކަށި އަދި އޭނާގެ ނަޒަރުގައި އޭނާޔާއި އަރަފޯދިގެން ނުވާ މީހުންނަށް ސަމާލުކަން ދޭ މީހެއް ނޫނެވެ. ލައިގެން ހުރި ގަމީހުގެ ވިދުމާއި އަޅައިގެން ހުރި އަގުބޮޑު ގަޑިން ވެސް އޭނާއަކީ މުއްސައްޖެންކަން ދެއްކެން ބޭނުންވާ މީހެެއްކަން އިނގެއެވެ.
“ސޭލްސް އޮފިސަރ އެއްގެ މަގާމުގައި އިނގޭ މި އެޕޮއިންޓު ކުރަނީ.. މިއޮތީ ޖޮބް އެޕޮއިންޓްމެންޓް ސިޓީ.. އުއްމީދުކުރަން ރަނގަޅު މަސައްކަތެއް ރަހްމާ ކިބައިން ފެންނާނެ ކަމަށް..”
އޭނާ ވާހަކަ ދައްކަމުން ދިޔައިރު މޫނުގައި އެއްވެސް އިހްސާސެއް ނެތެވެ. ކޮމްޕިޔުޓަރަށް ބަލަން އިން ގޮތުން ހީވަނީ އަހަރެންނާއި ދިމާލަށް ބަލާލަން ބޭނުންނުވަނީ ހެނެވެ.
“ލައްބަ.. އައި ވިލް ޓްރައި މައި ބެސްޓް..”
އަހަރެންގެ ޖަވާބު އަޑު އެހުމެއް ނެތި ސިޓީ އަތަށް ޖަހާފައި ފޯނުން މީހަކާއި ގުޅައިގެން ވާހަކަ ދައްކަން ފެށިއެވެ. ހާދަ އެހެން ކަހަލަ މީހެއް ތާއެވެ. މިވެސް ދެން މެނޭޖަރުން ހެއްޔެވެ؟
ފުން ނޭވާއެއް ބޭރުކޮށްލަމުން އަހަރެން އޭނާގެ ކެބިން ތެރެއިން ބޭރަށް ނިކުތީމެވެ. ކުރިމަތީގައި ހިނިތުންވެލައިގެން ހުރީ ރިސެޕްޝަން އިން ދިމާވި އަންހެން ކުއްޖާއެވެ.
“ހައި… މިއީ ވީލާ.. އޯކޭ ވީ ކިޔަސް.. ތީ ރަހުމާ ދޯ؟ ސޭލްސްއަށް ދޯ ޖޮއިން ކުރަނީ؟ އާދޭ.. ސޭލްސް މީހުންގެ ބަޔަށް ގެންދާނަން..”
އަހަރެން ވީލާއަށް ހޫނު ހިނިތުންވުމެއް ރައްދުކޮށްލީމެވެ. އޭނާގެ ބައިވަރު ސުވާލުތަކަށް ޖަވާބުދޭވަރަށް ވުރެ އަހަރެންގެ ސިކުނޑި ހުރީ ވަރުބަލިވެފައެވެ. އެވަގުތު ވައިބްރޭޓު ވާން ފެށި ފޯނު އިހުސާސުވުމުން ހިތުގެ ތެޅުން ދެގުނަ އަވަސްވިއެވެ. ނޫނެކެވެ. ނުނަގާނަމެވެ. މިއީ އަހަރެންގެ ދުވަހެވެ.
ސޭލެސް ބަޔަށް އާދެވުނީ މާކެޓިން މީހުންގެ ބައިން ހުރަސްކޮށް އެކައުންޓްސް ތެރެއިން ލައިގެންނެވެ. އެކައުންޓްސްއާއި މާކެޓިންގް މީހުންނަށް ވެސް ވީލާ ދިޔައީ އަހަރެން ތަޢާރަފުކޮށްދެމުންނެެވެ. އެމީހުންގެ މޫނު ދެވަނަ ފަހަރަށް ފެނުނަސް ހަނދާންވެސް ނުހުންނާނެއެވެ. ނަމަވެސް އެކައުންޓްސްގެ ބަޔަށް ވަނުމާއި އެކީ ކުޑަދޮރު ކައިރީ ފޯނެއް ހިފައިގެން ހުރި ފިރިހެނާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އޭނާގެ މޫނު އެހެން މީހުންހާ ޢާންމެއް ނޫނެވެ. މޫނުގެ ބައްޓަމާއި ތުނބުޅީގެ ކަޅުކަމަކީ އެއްފަހަރުން ހަނދާން ނައްތާނުލެވޭހާ ރީތިކަމެކެވެ. އޭނާ އަހަރެން ފެނުމުން ފަނޑު ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
“ހޭ.. ސުލްތާން.. މިއީ ރަހްމާ.. ސޭލްސްއަށް އަލަށް ޖޮއިން ކުރާ ކުއްޖާ..”
އަހަރެން ހިނިތުންވެލީ ގަދަަކަމުން ވެސް ހީވެދާނެއެވެ. ހަޤީޤަތަކީ އެވަގުތު ސުލްތާންގެ ނަން އިވިފައި މޫނަށް ގެންނަންވީ ކޮން އިހުސާސެއްކަން ވެސް ހަނދާންނެތުނީއެވެ. އިސްޖަހާލަމުން އަހަރެން އަމިއްލަ ނަފްސަށް މަލާމާތްކޮށްލީމެވެ. ސުލްތާން ކަހަލަ ފުރިހަމަ ފިރިހެނެއްގެ ސަމާލުކަން އަހަރެންނަށް ހައްގު ހެއްޔެވެ؟ ނޫނެކެވެ.
“މިއީ އެކައުންޓްސްގެ ޑެޕިޔުޓީ މެނޭޖަރ..”
އަދިވެސް އަހަރެން އިސް އުފުލާނުލަމެވެ. ކުރިއަށް ހިނގައިގަތީ ވީލާ ގެ ފަސްފަހަތުންނެވެ. ސޭލްސް ބަޔަށް ވަނުމާއިއެކީ ފޯނުން ވާހަކަ ދައްކަމުން ދިޔަ އެތައް އަޑުތަކެއް ކަންފަތުގައި ގުގުމާލިއެވެ. ގާތްގަނޑަކަށް ފަނަރަ ވަރަކަށް މީހުން ތިބިއިރު ހުރިހާއެންމެންވެސް ތިބީ ފޯނުގައެވެ. ކޮމްޕިޔުޓަރަށް ބަލަމުން ފޯނުން ވާހަކަ ދައްކަމުން ދިޔައީ ވަރަށް އަދަބުވެރިކަމާއި އެކުގައެވެ.
ހުރިހާ އެންމެނާއި ވަކިން އިށީދެގެން އިން އަންހެންކުއްޖާ ހުރީ ފޯނެއްގައެއް ނޫނެވެ. އޭނާ އިނީ ނިޔަފަތި ކަނޑާށެވެ. އަހަރެން އަންނަ ތަން ފެނުމުން ވެސް އަތުން ދަތި ދުލެއްނުކުރިއެވެ.
“އީނާޝް. މިއީ ރަހްމާ.. އާ ކުއްޖާ..”
އެހެން ބުނަމުން ވީލާ ހިނގައިގަތީ ކުރިމަތީގައި ހުރި ބިއްލޫރި ދޮރުން ވަދެގެން ޖެހިގެން އިން ރިސެޕްޝަނަށެވެ. ވީލާ އީނާޝްއާއި އެހާ ގަޔާނުވާކަން އޭނާގެ ހަރަކާތްތަކުން ދޭހަވިއެވެ. އަަހަރެންނަކީ ކުޑައިރުއްސުރެވެސް މީހުން ހަށިގަނޑުގެ ބަސްމަގު ރަނގަޅަށް ދަންނަ މީހެކެވެ. ކުރިން އަދާކުރަމުން ދިޔަ ވަޒީފާގެ ގޮތުން ކަމަށް ވެސް ވެދާނެއެވެ.
“ހޫ.. އެއިނީ ޑެސްކް.. ހިނގާ..”
ކަނެއްގައި ބަހައްޓާފައި އިން ކޮމްޕިޔުޓަަރ ސިސްޓަމް ދައްކަމުން އީނާޝް ގޮނޑިން ތެދުވެގެން ހިނގައިގަތެވެ. އީނާޝްގެ ބުރުގާ ކަންފަސޭހަ ގޮތަކަށް އޮޅާލާފައި އޮތްއިރު ލައިގެން ހުރި ކްރީމް ހެދުމުުގެ އަތުކުރީގައި ހިރަފުސް ފާޑުގެ އެއްޗެއް ހޭކިފައި ހުއްޓެވެ. އޭނާގެ މޫނުގައި ފައުންޑޭޝަން ބޯވެފައި ތުންފަތުގައި ޖައްސާފައި ހުރި ކުލަ ގަދައެވެ. އީނާޝްއަކީ މަތި އޮމާންކޮށް ހުންނަން ބޭނުންވާ ނަމަވެސް އެތެރެއަށް ފީނާލައިފިނަމަ ކަންނެތް އަދި ދަހި މީހެކެވެ. އެކަން މިއޮތީ ހާމައަށް ފެންނާށެވެ. އެހެން މީހުންނަށް އޮޅުވާލެވުނަސް އަހަރެންގެ ލޮލަށް އޮޅުވާލެވުނީ މިހާތަނަށް އެންމެ މީހަކަށެވެ.
“ސޯ.. މިއޮތީ ޕްރައިސް ލިސްޓްއާއި އެއްޗެހި.. ދެން މިތަނުން ބަލައިގެން ކޯޓޭޝަންއާއި އެއްޗެހި ހަދާ.. އޯކޭ ނު؟”
ބޮޑުވައި އިނގިލީގައި ބަޅުވެފައި އިން ނިޔަފަތި ފިޔަވައި އެހެން ހުރިހާ ނިޔަފައްޗެއް ކަނޑަމުން އީނާޝް ބުނެލިއެވެ. ބޮޑުވައި އިނގިލީގެ ނިޔަފަތި ނުކަނޑާ ބޭންދުމުގެ އެތަކެއް ސަބަބެއް އަހަރެންގެ ސިކުނޑިއަށް އައެވެ. ނަމަވެސް ހިނިތުންވެލަމުން މަސައްކަތާއިގެން އުޅެން ފެށީމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.



Rainoppa ge new story eh dhw…V v salhi feshun???…am i first?
yes,jiji. You are first. Congrats <3
Thank you for your comment. 🙂
Hey. Wow. New story eh tha? Varah salhi. V curious to know more.. avahah upkohdheh Chey.. ??
Yes, new story. Will try my best, insha allah
Thank you very much for your comment, Nau.
Rainoppa I’m ur biggest fan… Feshun v salhi… Waiting for the next part??
Woooooww varah salhi mi story ? ? ? ? love you rainoppa ❤️ ❤️ ❤️. Curiously waiting for next part ? ?
Love you too, Shahu
Very happy to read your comment 🙂
Wow v salhi Feshun❤️❤️waiting for the next part
Kn first ekey tha kiyaa knme meeeheh mikiyany.. vaahaka kiyunyma nimunynu..
Anyways nice story heevey varah interesting vaane henn??????
Asluvx.. mimeehunah heevaani mubaaraatheh baahvain ulheyhn??
Hadhiyaleh libeneekee nooniyya first ey milahvany?
Ehme meehaku kiyaa ehcheh tha aee..balaga kohme first ekey kiyaa..vaki meeheh nuunehnu
Love the starting of the story.. readers ge interest vaahaka ah libey gothah v thafaathukoh feshun genesfa iny…. Curiously waiting for the next part.. best of luck!! ?❤❤
looking forward to read it….. big fan of ur other story hope dhevaahaka ah vureves reethi vaanekamah
Hello, azker. Very happy to read your comment.
I hope you enjoy this story as well. ♥️
☺☺☺☺☺
Varah rythi lysm???
Hhhh, Thanks for reading.
Love you too <3
whn next part
??????Koniraku nxt episode genesdheny?? Looking forward for episode 2
upload kohffa inaany .. Adhi pending ga inee
Thanks for reading, Zoe 🙂
Mi story v reethi ♥️