Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ވަޢުދު (ހަތަރުވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
August 22, 2019 8 Mins Read
18 Comments

މަލާކަށް ނޭނގުނު ކަމަކީ އޭނަ އެ ދުޢާ ކުރި ހިނދުވެސް އޭނަގެ ތަޤްދީރުގައި އެ ހުރިހާ ދުޢާއެއް އިޖާބަވެފައިވިކަމެވެ. އޭނައަށްޓަކައި އެންމެ ރަޙްމާންވަންތަ ރަސްކަލާނގެ ޙަޟްރަތުގައިވާ ލޯބިފުޅު އެނގުންވިނަމަ އޭނަގެ ހިތަށް މާ ބޮޑަށް އަސަރުކުރީސްކަމެވެ. އަދި އޭނައަށްޓަކައި އެކަލާނގެ ރާއްވަވާފައިވި ރޭވުންތައް ފެންނާނެނަމަ އެކަލާނގެއަށްޓަކައި ލޯބިން ހިތް ކުދިކުދިވެގެންދާނެކަމެވެ.

 

މަލާކް ދުޢާކުރަން ފެށި ވަގުތުއްސުރެ އޭނަގެ ކަރުނަތައް ހުއްޓިފައިވިކަން އޭނައަށް އެނގުންވާން ހިނދުކޮޅެއްނެގިއެވެ. ހަމަ އެ ވަގުތު އޭނަގެ ފޯނު އެލާމްވާން ފެށުމުން މަލާކަށް ފޯނާއި ދިމާލަށް ބަލާލެވުނެވެ. އެއީ އޭނަ އިންޑިޔާއަށް އައިފަހުން ނިމާލްގެ އެހީގައި އިންޑިޔާގެ ނަމާދު ގަޑިތައް ހޯދައި ކޮންމެ ނަމާދު ވަގުތެއްޖެހުމުން ރިންގުވާ ގޮތަށް ހަމަޖައްސާފައި ހުރި އެލާމްތަކެވެ. ކުޑައިރުއްސުރެ އޭނަ ނަމޫނާއަކަށް ބަލާ އޭނަގެ މަންމަ ނަމާދަށް ދޭ ސަމާލުކަމުގެ ސަބަބުން ނަމާދު ކުރާ ހިތްނުވިޔަސް މަލާކަށް ނަމާދު ނުކޮށް ނުހުރެވެއެވެ. މަންމައާއި މިހާ ދުރަށް އައިސްފައިވެސް މި ފިޔަވަޅު އެޅިފައިވަނީ އެހެންވެއެވެ.

 

މަލާކް ފުން ނޭވައެއް ދޫކޮށްލަމުން އެލާމް ނިވާލިއެވެ. އަދި ނަމާދަށް ދާން އަވަސްވެގަތް ހިނދު އިހުނަށްވުރެ އޭނަގެ ހިތުގައި ނަމާދަށްޓަކައި ހުރި ޝައުޤުވެރިކަން އިތުރުވެފައިވިއެވެ. އެއީ ކީއްވެކަމެއް މަލާކަށް ވެސް ދޭހައެއް ނުކުރެވުނެވެ.

 

**

 

ޗެކް-އިން ގައި ހޭދަވި ގަޑިއިރުތަކާއި ފްލައިޓްގައި ހޭދަވި ގަޑިއިރަށްފަހު އަޔާޒް އިން ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ޖެއްސީ މެންދުރު 2 ޖަހަން ގާތްވެފައި ވަނިކޮށެވެ. ފުރުމަށްޓަކައި ކޮޗިން އެއާރޕޯޓަށް ދިޔައިރުވެސް އަޔާޒަށް ވިސްނެމުން ދިޔައީ އެއްކަލަ ކުއްޖާއާއި މެދުގައެވެ. އެއާރޕޯޓަށް ދިޔަ މަގުމަތީގައި ޓެކްސީގެ ތެރެއިން ވެސް އޭނައަށް ކޯރމެޑް ހޮސްޕިޓަލްގެ އެމްއާރްއައި ގެ މަސައްކަތް ކުރާ މީހުންނަށް ގުޅާލެވުނެވެ. އަދި މިފަދަ މީހެއް ހުރި ވާހަކައާއި އެމީހާއަށް އެހީވެ ނުދިނުމަށް އެދުނެވެ. އެކުއްޖާގެ ޙާލަތް އޭނައަށް ރަނގަޅަށް އެނގޭކަމަށްބުނެ ކުޑަވަރެއްގެ އިންޒާރެއްވެސް ދެމުންނެވެ. އޭނައަށް ކިރިޔާވެސް ހަމަޖެހުމެއް ލިބުނީ އެހާ ހިސާބުންނެވެ. އޭނައަށް އެނގޭ އެހެނިހެން ހޮސްޕިޓަލްތަކަށް ގުޅަން ހިތަށްއެރިއެއްކަމަކު ހަމަ އެވަގުތު ބޮޑުމަންމަ ފުރުމުގެ ކަންތަކާއި ބެހޭގޮތުން ސުވާލުކުރުމަށް ގުޅުމުން އެކަމަށް ހުރަސްއެޅުނެވެ. އެއާރޕޯޓަށް ދިޔަތަނާހެން މައުވާގެ ކޯލެއް ލިބުމުން އެކަމާމެދު މުޅިންހެން ހަނދާންނެތޭ ގޮތްވިއެވެ. އޭނަ ދެއްކި ވާހަކަތަކަށްފަހު އެމީހުން އެހެން ނަހަދާވެސް ހިނގައިދާނެހެން ހީވުމުން ވެސްމެއެވެ.

 

ރަންވޭގައި ޖެއްސުމަށްފަހު އެންމެ ފަހުގެ އެންގުންތައް އަންގައި ނިމި ފްލައިޓްގެ ދޮރު ހުޅުވިގެން ދިޔުމުން އެހެން ފަސިންޖަރުންހެން އަޔާޒް ވެސް ފްލައިޓުން ފައިބަން އަވަސްވެގަތެވެ. އޭނައަކީ ފުދޭވަރަކަށް ދަތުރުކޮށްފައި ހުރި މީހަކަށްވުމުން އެހެން މީހުން ތެދުވުމުގެ ކުރިން އޭނަގެ އެއްޗެހި ނަގައިގެން ދޮރާއި ނުހަނު ގާތަށް ދިޔައެވެ. އެއަށްފަހު އޭނަގެ ކުރީގަ ތިބި ތިންވަރަކަށް ފަސިންޖަރުންގެ ފަހަތުން ގޮސް ފްލައިޓުން ފޭބިއެވެ.

 

އަނެއްކާވެސް މަސްތަކެއްފަހުން އޭނަގެ އުފަން ރަށުގައި ފިޔަވަޅު އަޅާލެވުނު ވަގުތު އަޔާޒަށް ފުން ނޭވައެއް އެތެރެއަށް ދަމަމުން ވަށައި ނަޒަރު ހިންގާލެވުނެވެ. އޭނައަށް އެއާރޕޯޓުގެ ޢިމާރާތުގެ ތެރެއަށް ވަންނަން ދެވުނީ ހިނިތުންވުމެއްގައި ހުރެއެވެ. އަނެއްކާވެސް އެތައް ދުވަހެއްފަހުން އޭނަ ހިތްހަމަޖެހޭ ފަދަ ހޫނުކަމެއް އިޙްސާސްކުރެވޭ މާޙައުލަކަށް އާދެވުމުންނެވެ. ކޮންމެ މީހަކުވެސް އެންމެ އުފާވާނީ އެމީހެއްގެ އުފަން ބިމެއްގައި ހުރުމުންތާއޭ އޭނަގެ ހިތަށްއެރީ އެއާރޕޯޓުގެ ޢިމާރާތަށް ވަން ވަގުތެވެ. ޢިމާރާތަށް ވަދެވުމާއެކު އޭނަގެ ހަނދާނަށް އައީ ބޮޑުމަންމައާއި ދޮންބެގެ އިތުރުން އޭނައަށް ބޮޑުބޭބެ ކިޔާ ދެކުދިންނެވެ. ޢާއްމުގޮތެއްގައި އޭނަ ރަށަށް އަންނަ ދުވަހު އޭނަ ބަލާ އަންނަނީ އެމީހުން ކަމަށްވާތީވެއެވެ. އެތައް ދުވަހެއްފަހުން އެމީހުން ހަމަ ލޮލުން ދެކެން ކެތްމަދުވުމުން ލަގެޖް ބެލްޓުގެ ކައިރިވެސް މަޑުނުކޮށް އަޔާޒަށް ޓާރމިނަލާއި ދިމާލަށް ދެވުނެވެ. ޓާރމިނަލަށް ވަންތާ މާ ގިނައިރެއްނުވެ އޭނައަށް އެމީހުން ފެނިގެން ދިޔައެވެ.

 

“އަޔާޒް! ނިޝާން ބަލާބަލަ އެހެރީ އައިއްސަ.” ދިގު ކަޅު ހެދުމަކާއި އާދައިގެ ކަޅު ބުރުގާއެއް އަޅައިގެން ހުރި ވަސީމާ އެހެން ބުނެލީ އުފާވެރި ހިނިތުންވުމަކާއެކީގައެވެ. އެ ހިނިތުންވުން ފެނިފައި އާދައިގެ މަތިން އަޔާޒްގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. ކުރިމަތިން ފެންނަމުން އެދަނީ އޭނަގެ ޙަޔާތުގައި މަންމައެއްގެ ދައުރު އެންމެ ބޮޑަށް އަދާކުރި ފަރާތެވެ. އޭނަގެ ބައްޕަ ފަރާތު ބޮޑުދައިތައެވެ. އޭނަ ކުޑައިރު އޭނަގެ ބައްޕައާއި މަންމަ ވަރިވެ މަންމަ އެހެން ރަށަކަށް ދިޔަފަހުން ބޮޑުމަންމަ އޭނައާއި އޭނަގެ ދޮންބެ ބެލި ގޮތަށްޓަކައި އަޔާޒްގެ ހިތުގައި ބޮޑުމަންމައަށްޓަކައި ޤަދަރެއްވެއެވެ. އަދި ބައްޕަ ނިޔާވުމަށްފަހު ވެސް އެމީހުން ޒީލަގަދަ ދޮންމަންމައެއްގެ އަތްދަށުގައިވީ ދުވަހު އެމީހުންނަށް ރައްކާތެރިކަންދީ މުސްތަޤްބަލު ޔަޤީންކޮށްދިނީ އެ ބޮޑުމަންމައެވެ. އެކަމަށްޓަކައި އަޔާޒް ޢުމުރު ދުވަހަށްވެސް އެ ބޮޑުމަންމައަށް ޝުކުރުވެރިވާނެއެވެ.

 

“މި ކުއްޖާ މަ މަޑުކުރުވާނީ ކިހިނެއްތަ؟ ޒުވާން ޢުމުރުގަ މުސްކުޅި ވެދާނެ މަ މި ކުއްޖާ ފަހާ ފަހާ.” އަޔާޒަށް ބަލަން މަސައްކަތް ކުރަމުން ދިޔަ ނިޝާނަށް އެކަން ކާމިޔާބު ނުކުރެވުނީ ލިލިއަން އެތާ ތަން އޮތްތާ ދުވަމުން ދިޔައީތީވެއެވެ. އެންމެ ފަހުން ނިޝާން ލިލިއަންގެ ފަހަތުން ގޮސް އުރާލިއެވެ. އެއިން އެކުއްޖާގެ ހުނުން އިތުރުވުން ނޫންކަމެއްނުވިއެވެ.

 

“ތެދެއް ލިލީ ބައްޕި މުސްކުޅި ވަނީތަ؟” އަޔާޒް ދެބުމަ ކައިރިކޮށްގެން ހުރެ ނޭނގޭ ކަމަށް ހަދާފައި ލިލިއަން ކުރެން އެހިއެވެ.

 

“އިއްޔެ ބައްޕި ކުޅިވީ ޗިލީ ކާފަ.” ލިލިއަން އޭނަގެ ޅަ އަދި ލޯބި އަޑުން ދިން ޖަވާބުން އެންމެންނަށް އެކީގައި ލޯތްބާއެކީ އެހެންދޯއޭ ބުނެލެވުނެވެ. ހަމަ އެހިނދު ކެތްނުވެގެން އަޔާޒަށް ޔަޒްބެ ކައިރިއަށް އަންނާށޭ ބުނެ ދެއަތް ދިއްކޮށްލެވުނެވެ. ލިލިއަން އުފަލާއެކީ އޭނަގެ އަތުތެރެއަށް އައުމުން އަޔާޒް އާދައިގެ މަތިން އެކުއްޖާއަށް ލޯބިކޮށްލިއެވެ. ހަމަ އެ ހިނދު 5 އަހަރުގެ ލަޔާން އޭނަގެ އަތުގައި ހިފައި ލަޔާން އޭނައަށްޓަކައި ހަދައިގެން އައި ކާޑެއް ދިއްކުރިއެވެ. އެ އުފަލުން ފުރިގެންވި ވަގުތުކޮޅަށް ނިމުމެއް އައީ ވަސީމާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ވަސީމާ ފޯނު ނެގި ހިނދު ނިޝާނާއެކީ ލިލިއަން ތިރީގައި ބެހެއްޓި އަޔާޒަށް ވެސް ބަލާލެވުނެވެ.

 

“ކޮބާ ފަރީދާ އަނުމްއާއެކީ އެބަ އާދެވޭތަ؟ އެބަ އާދެވޭދޯ؟ އަހަރުމެން މިވަގުތުވެސް މިތިބީ އެއާރޕޯޓުގަ އަޔާޒް ހޯދަން އައިއްސަ…..އެހެންތަ؟ މިހާރު ތި އަންނަނީ ބޯޓެއްގަ؟ ކޮން……3 ދުވަސްފަހުންނޭ؟ އަޅޭ ފަރީދާ ހާދަ ބޮޑު ކަމެއްގައޭ ދޯ މި ބައްދާލެވުނީ؟ މަޢާފުކޮށްލަދެއްޗޭ….އާނއޯކޭ އަހަރުމެން ދާނަން އަންނަ ހުކުރު ދުވަހު ހަވީރު ބަނދަރަށް ތިކުއްޖާ ބަލާ. ވަރަށް ސަލާމް.” ވަސީމާގެ މޫނުމައްޗަށް އެރި އެކި ކުލަވަރުތަކަށްފަހު އެންމެ ފަހުން ފޯނު ބާއްވަން ދެންވެސް އަޔާޒާއި ނިޝާން ތިބީ އެމީހުންގެ ބޮޑުމަންމައަށް ބަލަހައްޓައިގެންނެވެ. އަނުމްގެ ޚަބަރެއް އެނގެން އެމީހުން ވެސް ބޭނުންވެފައިވާ ފަދައަކުންނެވެ.

 

“އަނުމް އެބަ އާދެޔޯ….ހެހެ….އެކުއްޖާ ކުރިން އުޅުނީ އެއާރޕޯޓެއް ހުންނަ ރަށެއްގައެއްނޫން. އެރަށުން ގޮވައިގެން އެހެން ރަށަކަށް ގޮއްސަ ފްލައިޓުން ފުރީ މާލެ އަންނަން. އެކަމަކު ފަރީދާ ބުނީ ފްލައިޓް ތެރޭގަ ވަރަށް ބިރުގެންފައޭ ހުރީ. އެހެންވެ ދަތުރުކުރަމުން ގޮސް ފްލައިޓް ރަށަކަށް ޖެއްސީމަ އަނެއްކާ ބޯޓަކުން އެކުއްޖާ ގޮވައިގެން ފަރީދާ މާލެ އެ އަންނަނީ. ދެރަވެސްވެއްޖެ ފަރީދާއަށް މިހާ ބޮޑު ބުރައެއް ޖައްސާލެވުނީމަ.” ވަސީމާ ބުންޏެވެ.

 

“އޭ އޯކޭވާނެ ބޮޑުމަންމާ. ފަރީދައްތަ އައިމަ ސައިދޭނީ ވަރަށް ރަނގަޅަށް….އަނުމް ކުރިން ފްލައިޓަކަށް ނާރާތީ ވީގޮތެއް ކަންނޭނގެ ދޯ އެއީ.” ނިޝާން ވިސްނުމެއްގައި ހުރެ ސުވާލުކުރިއެވެ.

 

“ވެދާނެދޯ……ދެން އަވަހަށް އަޔާޒް ގެއަށް ދާންވީއެއްނު؟ ނިޝާން ދޭ އަވަހަށް ލަގެޖް ނަގައިގެން އަންނަން. ތަންކޮޅެއް ލަސްވާނެ ކަންނޭނގެ އޭތި އަންނައިރު ވެސް. އަޔާޒް މާ ބޮޑަށް ވަރުބަލިވެފަ ހުންނާތީ މޫސަބެ ލައްވާ އަޔާޒްގެ ކާރުވެސް ގެނެއްސަ އޮތީ. ބޭނުމިއްޔާ އޭގަ އަވަހަށް ދިޔަޔަސް ހެޔޮ.” ވަސީމާ ބުނެލިއެވެ.

 

“އަހަރެންގެ ކާ..ރު…..ކެމްރީ؟ ހެދީތަ އޭތި؟!” އަޔާޒް އުޖާލާވެގެން ދިޔަ މޫނަކާއެކީ އަހާލިއެވެ.

 

“އާނ ދެން ރައީސުލްޖުމްހޫރިއްޔާ އަންނަންވާއިރަށް ކާރުކޮޅު ހެދެންވާނެތާ.” ނިޝާން މޫނު ހަދައިގެން ހުރެ ރާގަކަށް ބުނެލިއެވެ.

 

“ބޮޑުމަންމަ ބުނެގެންދޯ؟” އަޔާޒް ވަސީމާއާއި ދިމާލަށް ބަލާލިއެވެ. ވަސީމާ ނިތަށް ރޫއަރުވަމުން ބޯހޫރުވާލިއެވެ. އެއާއެކު އަނެއްކާވެސް އަޔާޒަށް ނިޝާނާއި ދިމާލަށް ބަލާލެވުނެވެ. ހަމަ އެހިނދު ލިލިއަން ވަސީމާއާއި ޙަވާލުކޮށްފައި ނިޝާން ފޮށިތައް ނަގައިގެން އެބަ އަންނަމޭ ބުނެ އެމީހުންނަށް ފަސްދިނެވެ.

 

“ދޮންބޭ…” އަޔާޒަށް ނުހުރެވިގެން ގޮވާލެވުނެވެ. އޭނަގެ ހަނދާނަށް އަންނަމުން ދިޔައީ ރޭ އޭނައާއި ދޮންބެއާއި ދެމެދު ދެކެވުނު ވާހަކައެވެ. އޭނަ ހަދަންޖެހޭ ގޮތް އެނގުންވީ ވަގުތު ދޮންބެ އޭނައަށް ބަލާލިއެވެ.

 

“ސޮރީ.” އަޔާޒަށް ބުނެލެވުނެވެ. އެ ބަސް އިވިފައި ނިޝާން ކުޑަކޮށް ހުއްޓުން އެރިއެވެ. އެހެނަސް އޭނަ ފުން ނޭވައެއް ދޫކޮށްލަމުން ވާހަކަ ދެއްކިއެވެ.

 

“އާނ ދެން….ދެން ނުދާނީތަ؟ ނޫނީ މަ ދާންވީތަ އެ ކާރަށް އަރައިގެން؟” ދޮންބެ ޖަޒުބާތުގައި ނުޖެހުމަށްޓަކައި އަޑު ހަރުކަށި ކޮށްލުމުން އަޔާޒަށް ހީލެވުނެވެ. އެއަށްފަހު ދަނީއޭ ބުނެލަމުން ދާން ހިނގައިގަތީ ބޮޑުމަންމައަށާއި ދެކުދިންނަށް އަލްވަދާޢު ކިޔަމުން ހަމަޖެހިފައިވާ ހިތަކާއެކީގައެވެ. އެ ހިނދު އެ ދެބެއިންގެ ދެމެދުގައި ޖެހުނު މައްސަލައެއް ޙައްލުވިކަން އެނގުންވި ވަސީމާ ވެސް ހިނިތުންވެލިއެވެ.

 

އަޔާޒް އެއާރޕޯޓުގެ ޢިމާރާތުން ނިކުތްވަގުތު އެތާ ކައިރީގައި ކަޅުކުލައިގެ އޮފު އަރާ އޭނަގެ ކާރު އޮތް މަންޒަރު ފެނިފައި އޭނަގެ ހިނިތުންވުން އިތުރަށް އުޖާލާވިއެވެ. އޭނަ ދިގު ފިޔަވަޅުތަކެއްގައި ގޮސް ކާރުގެ ފަހަތު ސީޓަށްއެރީ މޫސަބެ ކުރީ ސީޓުގައި ހުންނާނެކަން ދަނެގެންނެވެ. ވެފައި ހުރި ވަރުބައްޔަކުން ދުއްވާ ހިތެއްނުވުމުން ގެއަށް ގެންގޮސް ދިނުމަށް މެދު ޢުމުރުގެ މޫސަބެ ކައިރީގައި އޭނައަށް އެދެވުނެވެ. އެއާއެކު ކާރު ދުއްވާލުމުން އަޔާޒަށް ކަޅުކުރެވިފައިވި ކުޑަދޮރުން ބޭރު ބެލެން ފެށިއެވެ. އޭނަގެ ނަޒަރު ކުޑަދޮރުން ވަކިވީ، ސިނަމާލެ ބްރިޖްގެ މަތިން ކާރު ދިޔަ ހިނދު އޭނަގެ ޖީބުގައި އޮތް ފޯނު ރިންގުވާންފެށުމުންނެވެ. ފޯނު ނަގައި ސްކްރީނަށް ބަލާލިއިރު ސްކްރީނަށް އަރާފައި އޮތީ ދިގު ނަންބަރެކެވެ. ނަންބަރުގެ މަތީގައި ލިޔެވިފައި އޮތް ނަމަކީ ‘މައު’އެވެ. އެއާއެކު ލުއި ހިނިތުންވުމަކާއެކީ އަޔާޒް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ހެލޯ ލޯބި….މިސްވީތަ؟” އަޔާޒް އަހާލީ ނުފިލާ ހިނިތުންވުމަކާއެކީގައެވެ.

 

“އާނ ކުޑަކޮށް މިސްވީ ބޭބް މަތިން. އެކަމަކު މި ގުޅާލީ އެހެންކަމަކު. އަދި ޓްރާންސްފާރ ކޮށްދެއްވިދާނެތަ 200 ވަރަކަށް ޑޮލާރސް؟” މައުވާ އެކޮޅުން ކޮށްލި ސުވާލުން އަޔާޒްގެ ހިނިތުންވުން ކުޑަކޮށް ފަނޑުވިއެވެ.

 

“އެއީ ކީއްކުރަންތަ ލޯބި؟ މީގެ 3 އަވާރސް ވަރަކަށް ކުރިން 400 ފޮނުވީމެއްނު؟ އަނެއްކާވެސް އެކަމުގެ ތެރެއަށް ވަދެވެނީތަ މައު؟ އިފް ޔޫ ނީޑް ހެލްޕް އާސްކް މީ އެކަމަކު ދެން އެކަހަލަ ކަމެއްގެ ތެރެއަށް ނުވަންނައްޗޭ. ވަރަށް ދެރަވާނެ މައުއަށް ގޮތެއް ދިމާވެއްޖެއްޔާ.” އަޔާޒް ދެރަ ގޮތަކަށް ބުނެލިއެވެ.

 

“އަޔާޒް ޑޯންޓް ވޮރީ….އަހަރެން ނުދަމޭ މިހާރު ބާރތަކަށް. ބޭނުމިއްޔާ އެއްކަލަ ބާރޓެންޑާއަށް ގުޅާފަ އަހާލިޔަސް ހެޔޮ….މިއުޅެނީ ކޮންމެވެސް އާ ޕްރޮޖެކްޓެއް ފަށަންވެގެން. އަހަރެން ވެސް ޖެހޭނެއެއްނު އަޔާޒް ކަހަލަ މޮޅު މީހަކަށްވާން؟ އެ ޕްރޮޖެކްޓަށްޓަކައި ލާރި ބޭނުންވަނީ.” މައުވާ ބުންޏެވެ.

 

“ކޮންކަހަލަ ޕްރޮޖެކްޓެއް؟” އަޔާޒަށް އަހާލެވުނީ ދެބުމަ ކައިރިކޮށްލަމުންނެވެ.

 

“އެއީ…..އެއީ ސަޕްރައިޒެއް. އޭތި ސަކްސެސްފުލްވެގެންދާ ދުވަހަކު އަޔާޒަށް އޮޓޮމެޓިކުން އެނގޭނެ.” މައުވާ ހިނިތުންވުމަކާއެކީ ބުނި އަޑު އިވުނެވެ.

 

“އެހެންތަ؟ މިހާރުއްސުރެ ސެލެބްރޭޝަންއަށް ތައްޔާރުވާންތާ އަހަރެން މިޖެހުނީ. ހެހެ….އެބަ ޓްރާންސްފާރ ކުރަން އިނގޭ؟” އަޔާޒް ބުންޏެވެ.

 

“އާނ އޯކޭ.” މައުވާ ބުނެލިއެވެ.

 

“މިހާރު ބޮލުގެ ރިހުން ރަނގަޅުތަ؟ ގަޑިންގަޑިއަށް ބޭސް ކައި….” އަޔާޒަށް އެހާ ހިސާބަށް ބުނެލެވުނުތަނާ އެކޮޅުން ފޯނު ކެނޑިގެން ދިޔައެވެ. އަޔާޒް ހުއްޓުން އަރާފައި ކަހަލަ ގޮތަކަށް ސްކްރީނަށް ބަލާލިއެވެ. މިއީ ނުހަނު ޢާއްމު ގޮތެއްގައި ވާ ކަމެއްވުމުން އަޔާޒަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނަގެ އަޑު ނުއިވި މައުވާއަށް އަނެއްކާވެސް ފޯނު ކަނޑާލެވުނީތާއޭ އޭނަގެ ހިތް ބުންޏެވެ. މައުވާއާއި ރައްޓެހިވެގެން އުޅުނު ފުރަތަމަ ދުވަސްކޮޅު އޭނަ އެކަމާމެދު ސުވާލުކުރުމުން މައުވާ ބުނީ އެއީ އޭނައަށް ވަރަށް ގިނައިން ވާ ގޮތެއްކަމެވެ. ‘އޯކޭ’ އޭ ބުނުމަށްފަހު އޭނައަށް ވަގުތުން ފޯނު ކަނޑާލެވެނީ ކަމަށެވެ. އެކަމާމެދު އަޔާޒަށް ޝައްކުކުރެވުނެއްކަމަކު މައުވާއަށް އިތުބާރުކުރަން ބޭނުންވީ އެ ދެމެދުގައި އޮތް ފާޙިޝް ލޯތްބެއްގެ ގުޅުން އޭނަގެ ހިތުގައި ޒީނަތްތެރިވެފައިވުމުންނެވެ. އޭނަ ލޯބިވާ ފަރާތް އޭނައަށް ދޮގު ހަދަނީހެން ހީވިއެއްކަމަކު ޙަޤީޤަތް ނުފެންނަކަމަށް ހެދުނީ އެހެން ހެދުމުން އޭނައަށް ވެސް ރީތި ލޯބީގެ ވާހަކައެއްގައި އުޅެވިދާނެހެން ހީވުމުންނެވެ. އެހެނަސް އަޔާޒަށް ނޭނގުނު ކަމަކީ އެންމެ ރީތި ލޯތްބަކީ ﷲ އަށްޓަކައި ވެވޭ ލޯތްބެއްކަމެވެ. ތެދުވެރިކަމާއެކީ ޙަޤީޤަތާއި ކުރިމަތިލައިގެންވެސް ދެމި އޮންނާނެ ލޯތްބަކީ އެއީކަމެވެ. އެފަދަ ލޯތްބެއް އޭނައަށް އިޙްސާސް ކުރެވެން އޮތް ދުވަސް އޭނައާއި ނުހަނު ގާތްވަމުން ދިޔަކަން އޭނައަށް ރޭކާނުލައެވެ.

 

**

 

މަލާކްގެ މުޅި އެދުވަސް ހޭދަވީ އޭގެ އަނެއްދުވަހު ރަށަށް ދާން ޕެކްކުރުމުގައެވެ. އޭނައަށްވީ ވަރަކުން އަތާއި ފައި ޙަރަކާތް ކުރަމުން ދިޔައީ އޭނަގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔަ ޚިޔާލުތަކާއި ދުރުވުމަށެވެ. އަދި އަމުދުން ކޮޓަރި ތެރޭގައި ގިނަ ވަގުތު ހޭދަ ކުރީ ބޮޑުބޭބެމެން ގިނަގިނައިން އެ ވާހަކަ ދައްކައި އޭނަގެ ވިސްނުމާއި ކުޅެން މަސައްކަތް ކުރާ ފަދައަކުންނެވެ. ބޮޑުބޭބެމެން އޭނަގެ ބައްޔާއިމެދު އުފާކުރާ ކަހަލައެވެ. އުފާ ނުކުރަންވީ ވެސް ކީއްވެ ހެއްޔެވެ؟ މަސްޢޫދާއި ފާރޫޤުގެ ތެރެއިން އެންމެ ކާމިޔާބު ޢާއިލާވެސް ނިސްބަތްވަނީ ބޮޑުބޭބެއަށް ކަމަށްބުނެ ބޮޑުބޭބެއަށް އިތުރަށް ބޮޑާވުމުގެ ފުރުޞަތެއް ލިބިދާނެ ނޫންހެއްޔެވެ؟ އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އެ އެމްއާރްއައި ރިޕޯޓްގައި ކޮންމެ އެއްޗެއް ލިޔެވިފައިވިޔަސް އޭނައަށް އެހާ ދެރަގޮތެއް މެދުވެރި ނުވާނެކަމަށް މަލާކްގެ ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ. ވަކިން ޚާއްޞަކޮށް އޭނަ ނަމާދުކުރާ ގަޑީގައި މިފަދަ އުއްމީދަކުން އޭނަގެ ހިތް ފުރިގެންދެއެވެ. މަންމަމެން ގުޅައި އޭނަގެ ބައްޔާއިމެދު ސުވާލުކުރުމުން ރަށަށް ގޮސް ކިޔައިދޭނަމޭ ބުނެ އޭނައަށް ފަސްކުރެވެމުން ދަނީ އެހެންވެއެވެ. އެހެން ބުނާއިރު އޭނަގެ އަޑުގައި ހިތާމައެއް ނުހުންނާތީ އޭނަ ދޭންއުޅެނީ ނުހަނު އުފާވެރި ޚަބަރެއްހެން މަންމައާއި ބައްޕައަށް ވެސް ހީވެފައިވެއެވެ. އެގޮތަށް ކަންތައް ކޮށްގެން އޭނައަށް މި ކުރެވެނީ ރަނގަޅުކަމެއް ކަމެއް ނޫނީ ގޯސްކަމެއް ކަމެއް މަލާކަށް ޔަޤީނެއް ނުކުރެވެއެވެ. ކޮންމެ ގޮތެއްވިޔަސް އޭގެ އާޚިރު ނަތީޖާއާއިމެދު އޭނަ ބިރުގަންނަމުން ދިޔައެވެ.

 

އެރޭ މަލާކް ނިދަން މަސައްކަތްކުރަމުން ދިޔައިރު ވެސް އެފަދަ ނުތަނަވަސްކަމެއް އޭނަގެ ހިތުގައިވުމުން އޭނަ މާގިނައިން ސިހެމުން ދިޔައެވެ. އެއީ ވެސް އޭނައަށް އާ ކަމަކަށް ނުވުމުން ވަކި އެކަމާމެދު މަލާކް ހާހެއްނުވެއެވެ. އޭނަ ސިހޭއިރު ބައެއްފަހަރު އޭނަގެ ފައި ހިއްލި އަނެއްބައި ފަހަރު އޭނަގެ އަތުގެ ފަލަމަސްގަނޑު ނޫނީ އިނގިލިތަކަށް ލޮޅުމެއް އަންނަ ގޮތުން އެއީ އޭނައަށް ސަމާސާކަމަކަށް ވެފައިވެއެވެ. މަލާކް މުޅި ޢުމުރު ހޭދަކޮށްފައިވަނީ މިގޮތަށް ކަމަށްވުމުން އެހެން މީހުންނަށް ވެސް މިކަހަލަ ގޮތްތައް ވާނެކަމަށް އޭނައަށް ނިންމިފައިވެއެވެ. އެހެނަސް އެއީ އޭނަގެ ޙާލަތާއިމެދު އޭނައަށް ނޭނގޭ މިންވަރުކަން މަލާކަށް ރޭކާނުލައެވެ.

 

5 ވަނަ ފަހަރަށް ވެސް ދެލޯ މަރައި ނިދަން އުޅުމުން ދެންވެސް އޭނަގެ ފަޔަށް ލޮޅުމެއް އައިސް އޭނަ ސިހިގެން ގޮސް ހޭލެވުނެވެ. އެއާއެކު މަލާކް ފުން ނޭވައެއް ދޫކޮށް ސީދަލަށް އޮށޯވެ ސީލިންގްއަށް ނަޒަރު ހުއްޓާލިއެވެ. އޭނަ މިކަން މަދުކުރަން ބޭނުންނަމަ އޭނަ ހަމަޖެހެން ޖެހޭ ކަމަށް މަލާކް އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އެއަށްފަހު އޭނައަށް މިއަދު ދިމާވަމުން ދާ ކަންތައް ހަނދާންކޮށް އެކަންތަކާއިމެދު ވިސްނުނެވެ. ކުރީކޮޅު އޭނައަށް މުޅިން ވެސް ވިސްނުނީ ގޯސްކޮށެވެ. އެހެނަސް ކޮންމެ ޙާލަތެއްގައި ކޮންމެވެސް ރަނގަޅެއްވާނެކަމަށް މަންމަ ބުނާ ބުނުން މަތިން ހަނދާންވުމުން މަލާކް އިތުރަށް ފިކުރުކުރިއެވެ. މަންމަ އެހެން ބުންޏަސް މިއީ ރަނގަޅެއްނުވާ އެއްޙާލަތްތާއޭ ފުރަތަމަ ހިތަށްއެރިއެވެ. އެހެނަސް ވިސްނާލެވުނެވެ. އޭނަގެ ވިސްނުން އަދި ގޯހެއް ނުވެއެވެ. ގޯސްވާނެ ދުވަހެއް އެނގެނީއެއްވެސް ނޫނެވެ. އެއީ މާ ދުރު ދުވަހަކަށް ވެސް ވެދާނެ ނޫންހެއްޔެވެ؟ މި ހުރިހާ ދުވަހުވެސް އޭނަ ހުރީ ނޫން ހެއްޔެވެ؟ ކުރިއަށް އޮތްތާނގައި އޭނަ ބޯ ގޯސްވާން އޮތެއްކަމަކު އަދި ނުވެއެވެ. ވީއިރު އޭނައަށް ރަނގަޅަށް އުޅެވެން އޮތް ދުވަސްކޮޅު އުޅެލާނީ ނޫންހެއްޔެވެ؟ ކުރިއަށް އޮތް ތާނގައި ވާނެ ކަމަކާމެދު ވިސްނުމުގެ ބަދަލުގައި ބުއްދިވެރީ މިއަދުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމެވެ.

 

އެ ޚިޔާލު މަލާކްގެ ހިތަށް ވެރިވުމުން އޭނައަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އެ ލިބުނު ހަމަޖެހުމާއެކީ އޭނަ ޝަހާދަތާއެކީ އެހެން ރޭތަކާއި ޚިލާފަށް ޒިކުރުތައް ވެސް ކިޔުމަށްފަހު ނިދޭތޯ މަސައްކަތް ކުރިއެވެ. މިފަހަރު އޭނައަށް ހޭނުލެވި ފުން ނިންޖެއްގެ ތެރެއަށް ގެނބުނެވެ.

 

އޭގެ އަނެއްދުވަހު މަލާކް ފަތިސް ނަމާދުގެ އެލާމަށް ހޭލެވުމާއެކުވެސް އެންމެ ފުރަތަމަ ހިތަށް ވެރިވެގެން ދިޔައީ އިއްޔެގެ ޚިޔާލުތަކެވެ. އޭނަގެ ސިކުނޑިއަށް ގެއްލުމެއް ލިބިފަ ހުރި ވާހަކައިގެ އިތުރުން އޭނަގެ ވިސްނުން ގޯސްވާނެ ވާހަކަ ހިތަށްއެރުމުން މޭ ނުބައި ކުރާ ގޮތްވިއެވެ. އެހެނަސް ކުރީ ރޭ ނިދިއިރު ހިތަށްއެރި އެއްޗެހި ހަނދާނަށް އައުމުން ލިބުނު ހަމަޖެހުމާއެކީ އޭނައަށް ތެދުވެލެވުނެވެ. ފަތިސް ނަމާދު ކުރަން ފެށުމުން އާދައިގެ މަތިން އެ ހަމަޖެހުން އިތުރުވުން ނޫންކަމެއް ނުވިއެވެ. އެއީ ކީއްވެބާއޭ ހިތަށްއަރަމުން ދިޔައެއްކަމަކު އޭގެ ޖަވާބު މަލާކަށް މުހިއްމެއްނުވިއެވެ.

 

ރަށަށް ދިޔަ ދިގު ދަތުރު މަތީގައި ފާރޫޤާއި ފަރުޒާނާއަށް ދޭތެރެދޭތެރެއިން މަލާކްގެ މޫނަށް ބެލެމުން ދިޔައީ އެ މޫނުމަތިން އެއްވެސް ހިތާމަވެރިކަމެއް ނުފެނުމުން ވީ އަޖާއިބުގައެވެ. އެމީހުން އުއްމީދުކޮށްގެން ތިބީ މަލާކް ދަތުރުމަތީގައި ހުއްޓުމެއްނެތި ރޯނެކަމަށެވެ. އަދި އޭގެ ސަބަބުން އެމީހުންނަށް އުދަގޫވެސްވާނެ ކަމަށެވެ. އެހެނަސް މަލާކް އެހާ ހަމަޖެހިގެން ހުރުމުން ވެސް އެމީހުން ހާސްވާ ގޮތްވިއެވެ.

 

“ހުންނަގޮތް ދޯ އަންހެނާ؟ މަށަށް ހީވަނީ އަސްލުވެސް ބޯ ގޯސް ވަނީހެން. ސިކުނޑީގަ ގެއްލުމެއް ހުރިޔޭ ބުނީމަ އާދައިގެ މީހަކު އެގޮތަށް ކަންބޮޑުނުވެ ނުހުންނާނެ.” ފަރުޒާނާ ފްލައިޓް ތެރެއިން އޭނައާއި ފާރޫޤު ތިބި ސީޓާއި ދިމާވާގޮތަށް އަނެއްފަރާތުގައި ހުރި ސީޓުގައި އިން މަލާކަށް ބަލަމުން ފާރޫޤު ކައިރި ބުންޏެވެ.

 

“އަސްލު ބޯ ގޯސް ވިޔަސް ނުވިޔަސް އަހަރުމެންނަށް ކޮންކަމެއް؟ ރަށަށް ދާއިރަށް އަހަރުމެން ބޭނުންވާ ގޮތަށް ކަންތައް ދާނީ، ބަލާތި!” ފާރޫޤު ނުލަފާ ހިނިތުންވުމަކާއެކީ ބުންޏެވެ.

 

“ކިހާވަރެއް އަހަރުމެންނަށް ލިބެން އޮތީ މިކަމުން؟” ފަރުޒާނާ ހެވިފައިހުރެ އަހާލިއެވެ.

 

“ހުމް….ހަމަ ގައިމުވެސް މައްސަރެއްވަންދެން ބޭރު ޤައުމެއްގަ އުޅެވިދާނެ.” ފާރޫޤު ބުނެލިއެވެ. އެއާއެކު ފަރުޒާނާ ހިނިގަނޑެއް ޖަހާލިއެވެ.

 

ގަޑިއިރުތަކެއްފަހުން ފާރޫޤުމެންނަށް މަލާކާއި އެކީ މާލެއަށް ދެވުނެވެ. ޓިކެޓް ނަގާފައި އޮތް ގޮތުން މާ ގިނައިރު މާލޭގައި މަޑުނުކޮށް މަލާކްމެން ރަށާއި ކައިރީގައި އޮންނަ ރަށުގެ އެއާރޕޯޓަށް ދެވޭގޮތްވިއެވެ. އެ ރަށުގެ އެއާރޕޯޓަށް ދެވި ރަށަށް ދިޔުމަށްޓަކައި ދޯންޏަކަށް އެރެންދެން ވެސް މަލާކް ހުރީ ހަނުހިމޭނުންނެވެ. މެންދުރުގެ އެ ވަގުތު އޭނަ ބަނޑުހައިވަމުން ދިޔައެއްކަމަކު އޭނަ އެ ވާހަކަ ވެސް ބުނާކަށް ބޭނުމެއްނުވިއެވެ. އޭނައަށް އެނގުނުހާ ވެސް ކަމަކީ އޭނަ ބޭނުންވީ ބޮޑުބޭބެމެންނާއި ދުރަށް ދާންކަމެވެ. އޭނަގެ މަންމައާއި ބައްޕަ ދެކިލަންކަމެވެ. ރަށަށް ގޮސް އޭނައާއި ކުރިމަތިވާން އުޅޭ ޠޫފާނެއް މަލާކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ.

 

ދޯނި ފާލަމުގެ ކައިރީގައި މަޑުކޮށްލުމާއެކު ދޯނީގައި ތިބި އެންމެ ނިކުމެގެންދާން އަވަސްވިއެވެ. މުޅި ދަތުރު މަތީގައި ހެދިހެން އާދައިގެ މަތިން މަލާކް ދޯނިންވެސް ފޭބީ ބޮޑުބޭބެގެ އެހީގައެވެ. ފާލަންމަތިން މަލާކް އޭނަގެ ގޮނޑި ދުއްވާލީ އެކަމާމެދު ފޫހިވެފައި އިނދެއެވެ. އެހެނަސް ފާލަމުގެ މެދާއި ހަމައަށް ދެވުނު ވަގުތު އަތިރިމައްޗަށް ނިކުންނަމުން ދިޔަ މަންމައާއި ބައްޕަ ފެނުމުން މަލާކްގެ މޫނުމައްޗަށް އުޖާލާވި ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ނުހަނު ބާރަށް ގޮނޑި ދުއްވަމުން ގޮސް ފާލަމުގެ އެންމެ ކޮޅާއި ހަމައަށް ދިޔައީ މަންމައާއި ބައްޕައަށް ގޮވަމުންނެވެ. އޭނަ އެހާ ހިސާބަށް ދިޔުމާއެކު އޭނައާއެކީ ގޮނޑި ތިރިއަށް ގެނައުމަށް އެތައް ދުވަހެއްފަހުން އޭނަގެ ލޯބިވާ މަންމައާއި ބައްޕަ އެހީވުމުން އޭނަގެ ހިތަށް އުފަލެއް ލިބުނެވެ.

 

“ކޮބާ ކިހިނެއްތަ މަލާކް؟” ސާރިޔާ އުފާވެރި މޫނަކާއެކީ މަލާކްގެ ކުރިމައްޗަށް ތިރިވަމުން އަހާލިއެވެ. މަންމަގެ ބުރުގާގައި އާދައިގެ ގޮށެއް ޖެހިފައިވި ގޮތުންނާއި މަންމަ ލައިގެން ހުރި އާދައިގެ ހަރުވާޅު ހެދުމުން މަންމަ އައީ ބަދިގޭގައި އުޅެފައިކަން މަލާކަށް އެނގުންވިއެވެ. މަންމަ ކުރި ސުވާލާއެކީ ނުބައި ޚިޔާލުތައް އޭނަގެ ސިކުނޑިއަށް ވެރިވިއެއްކަމަކު ބޭއިޚްތިޔާރުގައި އޭނައަށް އެ ޚިޔާލުތައް ފިލުވާލެވުނެވެ.

 

“ހަމަ ވަރަށް ރަނގަޅު މަންމާ.” މަލާކް ބުންޏެވެ.

 

“ކީކޭ ޑަކުޓަރު ބުނީ؟” ބާ ޓީޝާޓަކާއި އާދައިގެ ފަޓުލޫނެއްގައި ހުރި މަސްޢޫދު ސުވާލުކުރިއެވެ. ފާރޫޤުމެން ފާލަމުގެ ކޮޅާއި ހަމައަށް ފޯރީވެސް އެވަގުތެވެ.

 

“ޑޮކްޓަރު ދިނީ ބޭސް. މިހިރީ ބޭސްކޮތަޅު.” ފާރޫޤު އެހެން ބުނެލީ ފާލަމުން ފައިބަމުން އޭނަގެ އަތުގައި އޮތް ކުޑަ ކަރުދާސް އުރައެއް މަސްޢޫދަށް ދިއްކުރަމުންނެވެ. ބޮޑުބޭބެ އެ އުރަ ބައްޕައާއި ޙަވާލުކުރި ވަގުތު މަލާކަށް އިނދެވުނީ ދެބުމަ ކައިރިކޮށްގެންނެވެ. ކުރިން އެއްވެސް ބޭހެއްގެ ވާހަކަ ބޮޑުބޭބެ ބުނެފައިނުވުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ވަޢުދު (ތިންވަނަ ބައި)

Next

އިލްޒާމު-1

Next
August 22, 2019

އިލްޒާމު-1

Previews
August 22, 2019

ވަޢުދު (ތިންވަނަ ބައި)

18 Comments!

  1. Jana says:
    August 22, 2019 at 10:35 pm

    Blog post:

    At times when we make dua, Allah gives us something more than what we actually wanted. The contentment of the heart through His remembrance.

    #Qalbinsaleem #Aheartatpeace

    *********************************************************

    ބައެއްފަހަރު އަހަރުމެން ދުޢާކުރުމުން އަހަރުމެން އެދޭ ކަމަށްވުރެ މާ ބޮޑު ނިޢުމަތެއް ﷲ ދެއްވައެވެ. އެއީ އެކަލާނގެ ހަނދުމައިން ހިތަށްލިބޭ ހަމަޖެހުމެވެ

  2. Jana says:
    August 22, 2019 at 10:35 pm

    Blog post:

    There is always good in everything ‘bad’ that happens to us. Because that was written FOR us not AGAINST us. And it was written by our ultimate Protector.

    قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَا

    “Say, we will never be struck except what Allah has written for us, He is our Protector…” Surah At-Tawba, 51

    **************************************

    އަހަރުމެންނަށް ދިމާވާ ކޮންމެ ‘ނުބައި’ ކަމެއްގައި ހެވެއްވެއެވެ. އެހެނީ އެއީ އަހަރުމެންނާއި ދެކޮޅަށް ލިޔުއްވާފައިވާ ކަމަކަށް ނުވާތީވެއެވެ. އޭގެ ބަދަލުގައި އަހަރުމެންނަށްޓަކައި ލިޔުއްވާފައިވާ ކަމަކަށްވާތީވެއެވެ. އަދި އެކަން އަހަރުމެންނަށްޓަކައި ލިޔުއްވީ އަހަރުމެން ރައްކާތެރި ކުރައްވާ ފަރާތް ކަމަށްވާތީވެއެވެ.

    قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَا

    “ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަޅަމެންނަށްޓަކައި ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެއެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ، ރައްކާތެރިކުރައްވާ ރަސްކަލާނގެއެވެ….” ސޫރަތް ތައުބާ، 51

  3. IsHa says:
    August 22, 2019 at 10:38 pm

    REEETHI

    1. Jana says:
      August 25, 2019 at 9:55 pm

      ALHAMDHULILLAH! 🙂

  4. Jana says:
    August 22, 2019 at 10:49 pm

    Assalaam’alaikum. In Sha Allah miadhun feshigen mivaahakaige baithah esfiyaiga ves upvaane. next part sunday ga In Sha Allah 🙂

  5. jiji says:
    August 22, 2019 at 11:51 pm

    Ma Sha Allah..V v salhi mi part vec?..Sis ge haalu kihineh thr..Nd also Im waiting fr da next part ingey..Ly sis

    1. Jana says:
      August 25, 2019 at 9:51 pm

      Alhamdhulillah! sis ge haalu rangalhu Alhamdhulillah! jiji kihineh? 🙂

  6. Unique says:
    August 22, 2019 at 11:56 pm

    Maasha allah unique mi story dhiislam site in kiyan
    Varah reethi malaakuge bodubeybe men varah goas amilla faidhaa ah balany malaak aa malaakge mamma aai bappa medhuga nuves visnaa
    Aslu varah emotional story eh miee
    And may allah bless your work aameen
    ❤❤

    1. Jana says:
      August 25, 2019 at 9:53 pm

      aan dho varah goas emeehun. balamaa emeehunnah vaagotheh In Sha Allah. Maai Allah alhamen kuraa komme heyo masakkatheggai barakaaiy lavvaashi. Ameen! <3 <3

  7. Shahu says:
    August 23, 2019 at 12:59 am

    Woooooww masha Allah varah reethi mi part ves. Love you jana sis❤️❤️❤️❤️????

    1. Jana says:
      August 25, 2019 at 9:54 pm

      Alhamdhulillah! Love you too sis <3 <3 <3

  8. Girl says:
    August 23, 2019 at 9:52 am

    Mi story hama v salhi… when next??

    1. Jana says:
      August 25, 2019 at 9:55 pm

      Alhamdhulillah! Next upvejje 🙂

  9. Aby says:
    August 23, 2019 at 6:20 pm

    Varah reethi maasha Allah ??

    1. Jana says:
      August 25, 2019 at 9:56 pm

      Alhamdhulillah! 🙂 <3

  10. ?Shifna? says:
    August 24, 2019 at 8:24 am

    Masha allah. Vrh reethi mi part vx. Malaak ge bodubeybe e ulhenee kihinei thr?? Abadhu vx amilla faidha ah e masekkaih kuranee. Haadha goahey. Vrh reethi mi story.
    Anyways. Sis ge haalu kihinei thr?? Vrh gina dhuvas fahun mi dhimaa v dhw. English vaahaka kiyaahiy 3 faharu start kohgen vx nukiyun. Adhivx try kohlaanan e vaahaka kiyeythw. English teacher vx buney english vaahaka kiyaashey. Foohi kamun nukiyenee. LY sis. May allah bless u..

    1. ?Shifna? says:
      August 24, 2019 at 8:25 am

      Kiyaahiy nuvegen*

    2. Jana says:
      August 25, 2019 at 9:59 pm

      Malaak ge bodubeybe akahves abadhu ehen noolheveyne kanneynge dho? hinga balamaa In Sha Allah. jana rangalhu Alhamdhulillah! Shifna sis kihineh? hehe…i can relate ingey sis. jana ves aslu varah kiyaa hiy nuvey English vaahaka thah kurin. ekamaku kiyamun gos hama vadhevuny eyge thereah. ekamaku adhives jana bodah shauquverivany dhivehi vaahaka thakah. ey emme kuda irussuves ekan oiy goiy. mihaaru busy kamun vaahaka kiyai noolhunas. hehe…try kollahchey ingey sis. In Sha Allah fahun heynidhaane kureekolhu dheyha kuran dhathiviyas. May Allah bless you more. Ameen! Love you too <3

Comments are closed.

Next Episodeވަޢުދު (ފަސްވަނަ ބައި)←


All Right Reserved!