Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ވަޢުދު (އެއްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
August 15, 2019 10 Mins Read
25 Comments

ހާމަ އެމްއާރްއައި މެޝިނެއްގެ މޭޒު މަތީގައި އޭނަ ބޭއްވިގެން ދިޔަ ހިނދު މަލާކްގެ އަތްފައި އިންތިހާއަށް ފިނިވެފައިވިއެވެ. އޭނަ ބޭއްވިފައި އޮތް މޭޒު ކުއްލިގޮތަކަށް ވާތްފަރާތަށް ދެމިގެން ދިޔަ ގޮތުން އޭނައަށް ދެލޯ މަރައި ތަގުޅި ކޮށްލެވުނެވެ. ބާރަށް ތެޅެމުން ދިޔަ ހިތަކާއެކީ ދެލޯ ހުޅުވައި ބަލާލިއިރު އޭނައާއި ދިމާ މައްޗަށް ވާގޮތަށް ވަށްބުރަކަށް ހުރި ބޮޑު ދަގަނޑުގަނޑެއް އޭނައަށް ފެނުނެވެ. އޭގެ މާ ގިނައިރެއްނުވެ އޭނަގެ މޫނުގައި ނުޖެހޭނެހެން މޫނުމަތީގައި ހަމަ އެ ޒާތުގެ ދަގަނޑުން ހެދިފައި ހުރި ހުސް 6 ގޮޅި ލެވިފައިވި މާސްކެއް އެޅިގެން ދިޔުމުން އިސާހިތަކު ހަޅޭއްލަވައިގެން އެތަނުން ތެދުވެގެން ދާން ހިތަށްއެރިއެވެ. އެހެނަސް އޭނައަށް ހިރިވެސް ނުލެވެނީސް އެ އެޅިފައިވި މާސްކުގެ މަތިން ކަނާތް ފަރާތުން ފެށިގެން ވާތްފަރާތަށް ރަތްކުލައިގެ ރޮނގެއް ހިނގާލިތަން އޭނައަށް ފެނުނެވެ. އެ ހިނދުވެސް އިސާހިތަކު އޭނައަށް ތެދުވެވިދާނެހެން މަލާކަށް ހީވަމުން ދިޔައީ އޭނަގެ އަތާއި ފައި އެކަމަށް ކެތްމަދުވެގެން އުޅޭ ފަދައަކުންނެވެ. އެހެނަސް އެވަގުތު ތެދުވެއްޖެނަމަ ވެދާނެގޮތް ޚިޔާލަށް ގެނެވެމުން ދިޔަ ގޮތް ސާފުކަމުން ވެސް އޭނަގެ ސިކުނޑި ހާސްވާން ފެށިއެވެ. މަލާކަށް ދެލޯ މަރާލެވުނީ އޭނަގެ ސިކުނޑި ތެރޭގައި އެ ދެޚިޔާލުގެ ދެމެދުގައި ވަރުގަދަ ހައިޖާނެއް އުފެދިގެން ދިޔުމުންނެވެ. މިއީ އޭނައަށް ވަރަށް ޢާއްމު ގޮތެއްގައި ވާކަމެކެވެ. އޭނަ ހިރިލަން ބޭނުންނުވާ ވަގުތުތަކުގައި ވެސް އޭނައަށް އިޚްތިޔާރުން ބޭރުގައި ޙަރަކާތްތައް ގެނެވެއެވެ.

 

“ދަރިފުޅު ބަލައިގެން ކަންތައް ކުރަންޏާ ތިހެންނެއް ނުވާނެ! ދެންވެސް ބަލައިގެން އިސްތިރި ގެންގުޅެއްޗޭ.” އެއްދުވަހު މަލާކް އެނދުމަތީގައި އިނދެ އިސްތިރި ކުރަމުން ދަނިކޮށް އޭނަ އެއްއަތުން ގެންދިޔަ އިސްތިރި ހެދުމުގައި ހިފަހައްޓައިގެން ހުރި އަނެއް އަތުގައި ޖެހުމުން މަންމަ ބުންޏެވެ. މަންމަގެ ނަޞޭޙަތަށް މަލާކް ބޯޖެހިއެއްކަމަކު އެއީ އޭނައަށް ޙައްލުކުރެވިދާނެ ކަމެއްހެން މަލާކަށް އެއްގޮތަކަށް ވެސް ހިއެއްނުވެއެވެ. 20 އަހަރުގެ ޢުމުރަށް އައިއިރު ‘ބަލައިގެން ކަންތައް ކުރާށޭ’ އެކި މީހުން އޭނަ ގާތު ބުނި ޢަދަދެއްވެސް މަލާކަކަށް ނޭނގެއެވެ. އޭނަ އެގޮތަށް ކަންތައް ކުރަން ކިތަންމެ މަސައްކަތް ކުރިއެއްކަމަކު އަދިވެސް ކާމިޔާބުވެފައިނުވަނީ އޭނަގެ ނާޤާބިލިއްޔަތުކަމުގެ ސަބަބުންހެން މަލާކަށް ހީވެފައިވެއެވެ.

 

ދެލޯ މެރުމުން މަލާކް އޭނަގެ ޚިޔާލުތަކުގެ ތެރެއަށް ހިނދުކޮޅަކަށް ގެއްލިގެން ދިޔައެއްކަމަކު މާ ގިނައިރެއްނުވެ އަނެއްކާވެސް އޭނަ އޮތްތަން މަލާކަށް އެނގުންވިއެވެ. މިތަނަށް އޭނަ ގެނެވުމުގެ ކުރިން އޭނަގެ ބޮޑުބޭބެވަނީ އެމްއާރްއައި ހެދޭއިރު އެކިއެކި އަޑުތައް އިވޭނެ ވާހަކަ ބުނެފައެވެ. އެ ވާހަކަ ހަނދާންވުމުން މަލާކަށް އޭނަގެ މެރިފައިވި ދެލޯ ތަގުޅިކޮށް އޭނަގެ ދެއަތް މުށްކަވައި ބާރު ކޮށްލެވުނެވެ. ހަމަ އެހިނދު އޭނައަށް ނޭނގި އޭނަގެ ދެފަޔަށް ވެސް ބާރުވެ ދެފައި ކައިރިވެގެން ދިޔައެވެ. އޭގެ ސިކުންތުކޮޅެއްފަހުން ހިމޭންކަމުގެ ތެރެއިން ކުއްލިއަކަށް ބާރު އަޑެއް އިވެން ފެށުމުން މަލާކް ސިއްސައިގެން ދިޔަ ވަގުތު އޭނަގެ މޫނު ވެސް ހިއްލި އޭނަގެ މޫނުމަތީގައި އެޅިފައިވި މާސްކުގައި ނުޖެހުނީ ކިރިޔާއެވެ. މޭގަނޑު އަތަށް އައިހެން ހީވި މަލާކަށް ދެލޯ ހުޅުވާލެވުނު ވަގުތު އަނެއްކާވެސް ކުރިން ފެނުނު މަންޒަރު އޭނައަށް ފެނުނެވެ. މާސްކުގެ ރޮނގުތަކުގެ ދޭތެރެއިން މަތިން ފެންނަމުން ދިޔަ ދަގަނޑުގަނޑު އޭނައަށް ފެނުނެވެ. އެ މަންޒަރު ބަލަން އޮތްތާ ސިކުންތުކޮޅެއް ފަހުން އޭނަގެ ކަންފަތް އެ އިވެމުން ދިޔަ އަޑަށް ހޭނުނެވެ. އެއަށްފަހު އޭނަ އަނެއްކާވެސް ދެލޯ މަރާލީ މި ‘މުޞީބާތް’ ނިމެންދެން އޭނަގެ ސިކުނޑި ހަމަޖެހޭތޯއެވެ. މިފަހަރު ދެލޯ މަރާލުމުން އޭނަގެ ހަނދާނަށް އައީ ސިއްސައިގެން ދިޔުމުގައި އޭނަގެ އޮންނަ ‘ރެކޯޑެވެ.’

 

“ދަރިފުޅު ވިސްނައިގެން ހުރެބަލަ ކަންތަކާމެދު. ވިސްނައިގެން ހުންނަންޏާ ތިހެންނެއްނުވާނެ.” އެއްދުވަހު މަލާކް ކާމޭޒުދޮށުގައި ސައިބޯން އިންދާ ފުޅިއެއް ވެއްޓުނު އަޑަށް ސިއްސައިގެން ގޮސް ސައިތަށި އޭނަގެ ގަޔަށް ވެއްޓިގެން ދިޔުމުން ބައްޕަ ބުނެފައިވެއެވެ. ބައްޕަ އޭނަ ގާތު އެ ބަސްތައް ބުނެބުނެ ވަރުބަލިވެސް ނުވޭތޯ މަލާކްގެ ހިތަށްއަރައެވެ. އެކަމާމެދު ވެސް މަލާކަށް ކުށްވެރިކުރެވެނީ އަމިއްލަ ނަފްސެވެ. އެ ޒާތުގެ ކަންތައް އެހާ ގިނައިން ދިމާވަނީ އޭނަގެ ފަރުވާކުޑަކަމުން ކަމަށް މަލާކަށް ޤަބޫލުކުރެވިފައިވެއެވެ.

 

ޚިޔާލުގައި އޮވެފައި އަނެއްކާވެސް މަލާކް އެމްއާރްއައި މެޝިންގެ މަތިން ހަނދާންވެގެން ދިޔުމުން ދެންވެސް އޭނަގެ ސިކުނޑީގައި އެތަނުން ތެދުވެގެން ދިޔުމަށް އެދެން ފެށިއެވެ. އެމްއާރްއައިއަށް 20 މިނެޓް ނަގާނެކަން ހަނދާންވެގެން ދިޔުން ވެސް ވެގެން ދިޔައީ މަލާކްގެ ސިކުނޑި އިތުރަށް ހާސްކުރުވި ކަމަށެވެ. އޭނައަށް އެއްވެސް ޙަރަކާތެއް ނުގެނެވޭނެ ގޮތެއް ހައްދަވައި ދެއްވުމަށްއެދި އެ ހުރިހާ ވަގުތެއްގައި އޭނައަށް ދުޢާ ކުރެވެމުން ދިޔައެވެ.

 

މަލާކްގެ ނަސީބު ރަނގަޅުކަމުން އެ ވަގުތުކޮޅު އޭނައަށް އެއްވެސް ޙަރަކާތެއް ނުގެނެސް ކަނޑައްތު ކުރެވުނެވެ. އިވެމުން ދިޔަ އަޑުތައް ކެނޑި އޭނަގެ މޫނުމަތީގައި އޮތް މާސްކު ނެގިގެން ދިޔަ ހިނދު މަލާކަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނީ ހިތާހިތުން ޙަމްދުކުރަމުންނެވެ. އޭނަ ބޭއްވިފައި އޮތް މޭޒު އަނެއްކާވެސް ކަނާތްފަރާތަށް ދަމާލެވުމާއެކު އެ މޭޒުގެ ކައިރިއަށް އޭނަގެ އެހީތެރިކަމަށް އަންހެނަކު އައީ ފުރޮޅިލީ ގޮނޑިއަކާއި އެކީގައެވެ. މަލާކް އެ މީހާ ފެނުމާއެކު މޭޒުން ތެދުވެލިއެވެ. އެހިނދު އޭނަގެ ކަޅުކުލަގަދަ ކޮނޑުން ތިރިއަށް އޮތް ފަން އިސްތަށިގަނޑުގެ ބައެއް އޭނަގެ ދޮން، ވަށް މޫނުމައްޗަށް އެޅުނެވެ. އަންހެން މީހާ އޭނަގެ ފައިލާ ކޮޅަށް ގޮސް ފައި ތިރި ކުރަން އުޅުމުން މަލާކް ޤަޞްދުގައި އެމީހާއަށް ހިފުނަ ނުދީ ލުއްކެއްޖަހައި އޭނަގެ ހިމަތޮޅި ފައި އެ މޭޒުން ބޭލިއެވެ. އެ ހިނދު ދެފައިގައި އުފެދިގެން ދިޔަ ރިހުމާއެކީ މަލާކްގެ އަނގައިން ނިކުތް އާހަކާއި އެކީ އޭނައަށް ދެލޯ މަރައި ތަގުޅި ކޮށްލެއްވުނެވެ. އެހެނަސް އޭނަ ދެންވެސް ދެލޯ ހުޅުވާލީ ވަރުގަދަ ޢަޒުމަކާއެކީ ގައި ފަދައެވެ. އެ އަންހެން މީހާ ދެންވެސް އޭނައަށް އެހީވާން އުޅުމުން މަލާކް އޭނަގެ ފައިގައި ރިއްސާނެކަން އެނގިހުރެވެސް އަމިއްލައަށް ނުހަނު އުދަގުލާއެކީ އެ މޭޒުން ފޭބިއެވެ. ދެފައިމައްޗަށް ކޮޅަށް ތެދުވެވުނު ވަގުތު ފަޔަށް އެރި ތަދާއެކީ އޭނަ ވެއްޓެން އުޅުނުހެން ހީވި ވަގުތު މަލާކް ކުއްލި ގޮތަކަށް އެނބުރިލީ ގޮނޑީގައި އިށީންނަން އަމާޒުކުރަމުންނެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި އޭނަ އެތައް ފަހަރެއްގެ މަތިން އެހެން ހަދާފައިވުމުން އާދައިގެ މަތިން އޭނައަށް އިށީނދެވުނީ ގޮނޑީގައެވެ. އެހެނަސް އޭގެއިން ކޮންމެ ވަގުތެއްގައި އޭނަގެ ހިތުގައި އަށަގެންފައި ހުންނަ ވެއްޓިދާނެހެން ހީވާ ބިރަށް އެއްވެސް ބަދަލެއް ނާދެއެވެ. އޭނަ އިށީން ގޮތުން އޭނަގެ އެހީތެރިކަމަށް އައި އެތާ މަސައްކަތް ކުރާ އިންޑިޔާ އަންހެން މީހާ ވެސް ކުދި ކިޔުނެވެ. ބަލައިގެން އުޅުމަށް އެދިއެވެ. އެ ބަސްތަކަށްވީ ފޫއްސާއެކީ މަލާކް ދެއަތުން ގޮނޑި ދުއްވާލީ އެކަމަށް ވެސް އެ އަންހެން މީހާއަށް ފުރުޞަތު ނުދިނުމަށެވެ. އޭނައަކީ ‘ބަލައިގެން’ ކަންތައް ނުކުރެވުނަސް އަމިއްލައަށް ކުރެވޭ ކަންތައް އަމިއްލައަށް ކުރާ މިނިވަން ޒުވާނެއްކަން ދެއްކުމަށެވެ. އޭނަ އޭނައަށް ވީ އެންމެ ފުރިހަމައަށް އެކަން އެ އަންހެން މީހާއަށް ސާބިތުކޮށްދިނެވެ. ޗޭންޖިންގް ރޫމަށް ގޮސް އުދަގުލާއެކީ ވެސް އާދައިގެ މަތިން އަމިއްލައަށް އަމިއްލަ ހެދުން ބަދަލުކުރި ގޮތުންނެވެ. އަތްދިގު ކުރުތާއަކާއި ފަޔާއި ހަމައަށް އޮތް ދިގު ތިރަކާއިއެކީ ނުހަނު ރީއްޗަށް ޝޯލްވެސް އަޅައިގެން މަލާކް ނިކުތް ގޮތުން އެ އަންހެން މީހާގެ ތަޢުރީފު އޭނައަށް ލިބުނެވެ. އެކަމާމެދު ހިސާބަކަށް ފޮނިވެފައިހުރެ މަލާކް ދެންވެސް ގޮނޑި ދުއްވަމުން އެތަނުން ނިކުމެގެން ދިޔައީ އަމިއްލައަށެވެ.

 

އެކަނިމާއެކަނި ފުރޮޅިލީ ގޮނޑީގައި އޭނަ އެ ހޮސްޕިޓަލްގެ ރިސެޕްޝަނާއި ހަމައަށް ދިޔައީ އެތާނގައި ހުރި ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައި އޭނަގެ ބޮޑުބޭބެ ހުންނާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް ވަށައިގެން މަލާކަށް ހުސްވެސް ފެންނަމުން ދިޔައީ ބިދޭސީ، ބީރައްޓެހި މޫނުތަކެވެ. ބީރައްޓެހިންގެ މެދުގައި އެކަނިވުމުން މަލާކްގެ ހިތް ބިރުގަންނަ ގޮތްވިއެވެ. އެހެނަސް އާދައިގެ މަތިން ހިތަށް ސާބިތުކަން ވެރިކުރުވަމުން މަލާކް އޭނަގެ ކުޑަ އަތްދަބަސް ތެރެއިން އޭނަގެ ނޮކިއާ ކުޑަ ފޯނު ނެގިއެވެ. އޭނަ އެ ފޯނު ނެގިތާ މާ ގިނައިރެއްނުވެ ދުރުން ބޮޑުބޭބެގެ އަޑު އިވުނެވެ.

 

“އަދި ކިރިޔާ ވަންނަންދޯ ތިއުޅެނީ؟ ވަދެ ނިމިގެން ބޭބެއަށް ގުޅާލައްޗޭ. ފަރުޒާނައްތައާ ނިމާލާއެކީ ރެސްޓޯރެންޓަކަށް އައިސް މިއުޅެނީ. ކައިނިމިގެން އަންނަންވާއިރަށް…..” މެދު ޢުމުރަށްދާ އޭނަގެ ބޮޑުބޭބެގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާހެން މަލާކް ވާހަކަ ދެއްކިއެވެ.

 

“މަލާކް ނިމިއްޖެ ބޭބޭ.” މަލާކަށް އަވަސްއަވަހަށް އެހެން ބުނެލެވުނީ އޭނަގެ ބޮޑުބޭބެ ފޯނު ކަނޑާލަން އުޅުނުހެން ހީވުމުންނެވެ.

 

“އެ…އެހެންތަ؟ އަޅޭ އެކަމަކު ހަމަ ދާދި ދެންމެއަކު އަހަރުމެންގެ ކާއެއްޗެހި މިއައީ. ކައި ނިމިގެން އަޔަސް މައްސަލައެއްނެތް ދޯ މަލާކް؟” ބޮޑުބޭބެ އެކޮޅުން ބުނި އަޑު އިވުނެވެ. އެއާއެކު މަލާކްގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވިއެވެ.

 

“ހޫމް….” އޭނަ އެހެން ޖަވާބެއް ދިނަސް ކަންތައްވާނީ ބޮޑުބޭބެ ބޭނުންވާ ގޮތަށްކަން ދަނެގެން މަލާކް ހޫންލެއްވިއެވެ. އެއާއެކު އެކޮޅުން ފޯނު ކެނޑިގެން ދިޔަ އަޑު އިވުމުން އޭނަ ފުން ނޭވައެއް ދޫކޮށްލަމުން ފޯނު ކަންފަތުން ނަގާލިއެވެ. އެއަށްފަހު ފޯނާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން އިނދެފައި ފުން ނޭވައެއް ދޫކޮށްލިއެވެ.

 

ބޮޑުބޭބެގެ އެ ހެދި ގޮތުން މަލާކް އެއްގޮތަކަށްވެސް ޙައިރާނެއްނުވެއެވެ. ބޮޑުބޭބެއަކީ އެއްޒަމާނެއްގައި ވެސް އޭނައަށާއި އޭނަގެ ޢާއިލާއަށް ކުލުނެއްހުރި މީހެއްނޫންކަން އޭނައަށް ޔަޤީންވާތީވެއެވެ. ބޮޑުބޭބެއަކީ މަލާކްގެ ޢުމުރުން ދުވަސްވީ ބައްޕަގެ ބޭބެއަށްވިޔަސް ބޮޑުބޭބެގެ ފަރާތުން ޢާއިލާއަށް އެއްވެސް އެހީތެރިކަމެއް ނުލިބެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަލާކާއި އޭނަގެ ޢާއިލާ ދިރިއުޅެމުން އަންނަނީ މަލާކްގެ ބައްޕަ މަސްޢޫދު އެމީހުން އުޅޭ ކުޑަ ރަށުގެ ރަށު އޮފީހުގައި ސެކިއުރިޓީ ގާޑެއްގެ ވަޒީފާ އަދާކޮށްގެން ލިބޭ ލާރިންނެވެ. މަލާކްގެ މަންމަ ސާރިޔާ ހެދިކާ ހަދައިގެން ލާރި ހޯދަން މަސައްކަތް ކުރިއެއްކަމަކު ރަށުގައި އޮންނަ ނުހަނު ކުޑަ އާބާދީގެ ސަބަބުން ގިނަ ފަހަރު އެކަން ކާމިޔާބު ކަމާއެކީ ކުރިއަށް ނުގެންދެވެއެވެ. މީގެ ބަދަލުގައި މަލާކްގެ ބޮޑުބޭބެ ރަފީޤަކީ މަލާކް ހަނދާން ހުންނަން ފެށީއްސުރެ ވެސް މާލޭގައި ފިހާރަ އަޅައިގެން އުޅޭ ފައިސާވެރިއެކެވެ. އެހެނަސް ރަފީޤަށް މަސްޢޫދުގެ ޙާލު ނުވެސް ފެންނަ ފަދައެވެ. ރަފީޤު އޭނަގެ ޢާއިލާއާއެކީ ގިނައިން އުޅެނީ ވެސް މާލޭގައެވެ. ދޭތެރެއަކުން ރަށަށް އަޔަސް ކުރާހާ ވެސް ކަމަކީ މަސްޢޫދުގެ ކުރިމަތީގައި ކިބުރުވެރިވުމެވެ. އޭގެއިން ކޮންމެ ވަގުތެއްގައި މަލާކް އިންތިހާއަށް ރުޅި އައިސް އެތަކެއްޗެއް ކިޔަން ބޭނުންވިއެއްކަމަކު އޭނަ ހިމޭންކަން ޚިޔާރު ކުރަނީ އޭނަގެ މަންމަ ވެސް ހިމޭނުން ހުންނާތީވެއެވެ. މަލާކް ހުރިހާ ކަމެއްގައި ވެސް މިސާލަކަށް ނަގަނީ އޭނަގެ މަންމަ ކަމަށްވާތީވެއެވެ. ހަމަ އެހެންމެ ބައްޕަ ފައިސާ އެއްކޮށްގެން އޭނަގެ ފަރުވާއަށްޓަކައި ބޮޑުބޭބެއާއެކީ އިންޑިޔާއަށް ފޮނުވަން ނިންމުމުން އެކަމާ އެއްބަސްވީ ވެސް އެ ސަބަބާހެދިއެވެ. މަލާކަށް ބޮޑުބޭބެމެންނާއެކީ އައުމުގެ ފުރުޞަތު މި ލިބުނީ ވެސް ދެކޮޅު ޓިކެޓާއި ފަރުވާގެ ހުރިހާ ފައިސާއެއް ބައްޕަ ބޮޑުބޭބެމެންނަށް ދިނުމުންނެވެ. ބައްޕަ ދާން ބޭނުންވިއެއްކަމަކު އެހާވަރަށް ލާރި ނެތުމުން ބައްޕައަށް އެ ފުރުޞަތެއް ނުލިބުނެވެ. އެހެނަސް ބައްޕައާއި މަންމަ އޭނަ ފޮނުވީ ނުހަނު އުފަލާއެކީގައެވެ..

 

ބޮޑުބޭބެ އަންނަންވާއިރަށް އިންތިޒާރުކުރަން ޖެހޭނެ ވަގުތު ހިތަށް ގެނެވުމުން ބިރުގަތް ވަރަށްވުރެ ބޮޑަށްވީ ފޫއްސެވެ. ކިތަންމެ ފޫހިވިޔަސް ކުރެވޭނެ އިތުރު ކަމެއް ނެތްކަން އެނގުންވުމުން މަލާކް އޭނަގެ ނަޒަރު އެތާ ތަންކޮޅެއް މަތީގައި ހަރުކުރެވިފައިވި ޓީވީ ސްކްރީނަށް އަމާޒުކޮށްލިއެވެ. ޓީވީގައި އަޅުވާލެވިފައިވީ ކުރީގެ ހިންދީ ފިލްމެކެވެ. ދެ ފިރިހެނަކު ތަޅާ މަންޒަރު ބަލަން މަލާކަށް އިނދެވުނީ ޝައުޤުވެރިކަން ގެއްލިފައިވާ މޫނަކާއި އެކީގައެވެ. އޭނަ ނިދިޖެހެން އުޅެނިކޮށް ކުއްލިއަކަށް އޭނަގެ ފޯނު ރިންގުވާން ފެށުމުން އޭނަ އާދައިގެ މަތިން ސިއްސައިގެން ދިޔައެވެ. އެކަމާހެދި އެ ގުޅި މީހަކަށް ހިސާބަކަށް ނުރުހުންވެފައިހުރެ މަލާކް ފޯނުގެ ސްކްރީނަށް ބަލާލިއެވެ. އެހެނަސް އެ ކުޑަ ސްކްރީނުން ބައްޕަގެ ނަން ފެނުމާއެކު މަލާކް އެއަށް ޖަވާބު ދެމުން ފޯނު ކަންފަތުގައި ޖެއްސިއެވެ.

 

“ހެލޯ ބައްޕާ! ހާދަ އިންތިޒާރެއް ކުރީމޭ ބައްޕަގެ ފޯނަކަށް. ކީއްވެ އެހާ ލަސްވީ؟ މަންމަ ކޮބާ؟” މަލާކަށް އެއްފަހަރާ އެތައް ސުވާލެއް ކުރެވުނެވެ.

 

“ފޯނަށް ލާރި އަޅާނެ ގޮތެއް ނެތިގެން އެއްދުވަސް މިދިޔައީ ކަނބުލޮއަށް ނުގުޅި. ކިހިނެއްތަ ކަނބުލޮ؟ ޑަކުޓަރަށް ދެއްކިއްޖެތަ މިހާރު؟” މަސްޢޫދު އެހިއެވެ.

 

“އާނ ބައްޕާ. އެ ދެއްކި ނާރުގެ ޑޮކްޓަރަކު ބުނެގެން ދެންމެ މަލާކް މިއައީ ބޮޑު މެޝިނެއްގެ ތެރޭގަ އޮވެފަ. އެއީ ވެސް ކޮންމެވެސް ޓެސްޓެކޯ. އެ ބެލީމަ އެނގޭނެޔޯ މަލާކަށް ނުހިނގެނީ ކީއްވެކަން.” މަލާކް ޚުލާޞާކޮށްދިނެވެ.

 

“ތީތިވެސް ހަދައިގެން އެނގިއްޖެއްޔާ ރަނގަޅު. ކަނބުލޮގެ މުޅި ދިރިއުޅުން ތި ބީވެގެން ދަނީ ތި ގޮތް ނޭނގޭ ބަލީގަ ވިޔް…” މަސްޢޫދުގެ އަޑު އެހާ ހިސާބުން ކެނޑުނެވެ. ބައްޕަގެ އަޑު އިވިފައި އާދައިގެ މަތިން އެ ވާހަކަ ދެކެވުމުން ބައްޕަ ދެރަވީކަން މަލާކަށް އެނގުންވިއެވެ. ބައްޕަ ދެރަވުމުން އޭނަވެސް ދެރަވިއެވެ. އެހެނަސް ގިނަ މީހުން ހީކުރާނެ ފަދައިން އޭނަ އަމިއްލަ ނަފްސަކަށް ޙަމްދަރުދީއެއް ނުވެއެވެ.

 

ބައްޕަ އެބުނީ ތެދެކެވެ. މަލާކް މިހާތަނަށް އައިއިރު މުޅި ދިރިއުޅުން ހޭދަކޮށްފައިވަނީ އަމިއްލަ ފައިމައްޗަށް ކޮޅަށް ނުތެދުވެވޭ ޙާލުގައެވެ. އެ ޙާލުގައިވެސް އޭނައަށް ތަންތަނަށް ދިޔުމަށްޓަކައި ފުރޮޅުލީ ގޮނޑިއެއް ލިބުނީ ވެސް އޭނަގެ ޢުމުރުން 17 އަހަރުގައެވެ. ކުޑައިރު އެހެން ކުދިން ކުޅޭ މަންޒަރު ފެނި އޭނައަށް ނުކުޅެވޭތީ ހިތުގައި އެތައް ޝަކުވާއެއް އުފެދުނެއްކަމަކު ވިސްނެމުން ދިޔަދިޔަހެން އެ ޝަކުވާތަކުގެ ބޭނުމެއްނެތްކަން މަލާކަށް އެނގުންވާން ފެށިއެވެ. ޝަކުވާކޮށް އޭނައަށް ނުކުރެވޭ ކަންތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އޭނައަށް ކުރެވޭނެ ކަންތަކާމެދު އަބަދުވެސް ވިސްނަން އޭނައަށް ދަސްކޮށްދިނީ އޭނަގެ މަންމައެވެ. މިގޮތުން އޭނަ އަމިއްލައަށް ފެންވަރައި، ރީތިވެ ހެދުން ލައި އަދިވެސް ގޭގެ ތެރޭގެ ކުދިކުދި ކަންތައް ކުރަން ދަސްކުރީ މަންމަ އެ ދިން ހިތްވަރުންނެވެ. މަންމަގެ ނަޒަރުން އޭނަ ޢަޒުމެއް ކަނޑައަޅައިފިނަމަ ﷲ ގެ އިރާދަފުޅުން ނުކުރެވޭނެ ކަމެއް ނޯންނާނެއެވެ. އެތައް ދުވަހެއްގެ މަތިން އެ ބަސްތައް އަޑުއަހާފައިވުމުން އެއާއި ދެކޮޅަށް ވިސްނަން މަލާކަށް އުދަގުލެވެ. ބައްޕަ އޭނައަށް ޙަމްދަރުދީ ވާ ފަދައިން އިތުރަށް ވެސް ވާހަކަ ކުރިއަށް ގެންދިޔުމުން ދެރަ ނުވީ އެހެންވެއެވެ.

 

“ބައްޕައަށް ވަރަށް ވިސްނޭ ކަނބުލޮއާމެދު. ހިތަށްއަރަނީ ބައްޕަމެން ނެތް ދުވަހު މަލާކް ބަލާނީ ކާކުތޯއޭ. މަލާކް މީހަކާ އިންނަ ދުވަހަކުން ބައްޕަ އެންމެ ހިތްހަމަޖެހޭނީ.” މަސްޢޫދު ބުންޏެވެ. އެ ބަސްތައް އިވިފައި އާދައިގެ މަތިން މަލާކް ކިތަންމެ ބޭނުމެއް ނުވިޔަސް އޭނައަށް ކަޅި މައްޗަށް ހިންގާލެވުނެވެ. 18 އަހަރު ފުރުނީއްސުރެ ކައިވެނީގެ ވާހަކަ އޭނައަށް އިވެނީ ކެނޑިނޭޅިއެވެ. އޭނައަށް ފިރިއަކު ލިބޭ ދުވަހަކުން ބައްޕަ ހިތްހަމަޖެހޭނެ ވާހަކަ އެއްވަގުތު އިވުނިއްޔާ އޭނައާއި އިންނާނީ ކާކުތޯ ބުނެ އަވަށްޓެރި އަންހެނުން ވާހަކަ ދައްކާ އަޑު އިވިދާނެއެވެ. އެހެންނޫނީ ބޯޓު ފަހަރަކުން އެމީހުންގެ ރަށަށް ޗުއްޓީއަކަށް ޒިޔާރަތް ކުރާ ރީތި ފިރިހެނެއްގެ ވާހަކައިން މަލާކްގެ އެކުވެރިން އޭނައާއި ދިމާކޮށްލާނެއެވެ. ކައިވެންޏަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްހެން ހީވާ ފަދައެވެ. އެންމެން އޭނައަށް ފިރިއަކު ހޯދައި ނުދެވިގެން އުޅެނީ ކީއްކުރަން ހެއްޔެވެ؟ ފިރިއަކު ލިބުމުން އަންހެން ކުއްޖެއްގެ ޙަޔާތުގައިވާ ހުރިހާ މައްސަލައެއް ޙައްލުވެގެން ދަނީ ހެއްޔެވެ؟ އަންހެން ކުއްޖަކަށް ދިރިއުޅުމުގައި އޭނަގެ ލަނޑުދަނޑިތައް ޙާޞިލުކޮށް އަމިއްލަ ފައިމައްޗަށް ކޮޅަށް ނުތެދުވެވޭނީ ހެއްޔެވެ؟ އޭނައަށް ވެސް ‘ޖާދުލަކުން’ ހިނގެން ފަށާނީ ހެއްޔެވެ؟ މަލާކަށް ޝައްކެވެ. ކޮންމެ ގޮތެއްވިޔަސް ފިރިއަކު ހޯދުމާއި ބެހޭ ވާހަކައަކީ އޭނަ ގެ އެޚިޔާލުތަކާހެދި އޭނަ އަބަދުވެސް ރުޅިގަދަ ކުރުވާ ވާހަކައެކެވެ.

 

މަލާކްގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ. އޭނަ ހިތްހަމަނުޖެހުމެއްގެ ތެރޭގައި ވަނިކޮށް ފޯނުގެ އަނެއްކޮޅުން މަންމަގެ އަޑުއިވުނެވެ.

 

“ކޮން ވާހަކައެއް ދައްކާކަށްތަ މަސްޢޫދު؟ އެންމެ މޮޅު ރައްކާތެރިއަކީ ހަމައެކަނި ﷲ. ފިރިއަކު ހުއްޓަސް ނެތަސް މާތް ﷲ އަހަރުމެންގެ ދަރިފުޅު ބައްލަވާވޮޑިގެންވާނެ. ދެން ފޯނު ދީބަލަ މަގޭ އަތަށް!” އެކޮޅުން އިވުނު ސާރިޔާގެ އަޑަށް މަލާކްގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ. ސާރިޔާ ސަލާމް ގޮވާލި އަޑަށް މަލާކަށް ވަގުތުން ވާހަކަ ދެކެވުނެވެ.

 

“ލަވް ޔޫ މަންމާ! ވަރަށް ހަނދާންވޭ މަންމަ މަތިން. ކިހިނެއްތަ މަންމަ؟” މަލާކަށް އަހާލެވުނީ އުޖާލާވި ހިނިތުންވުމަކާއި އެކީގައެވެ. އޭނަ އެހެން އަހާލިއިރަށް މަންމަ ނުބައިގޮތަކަށް ކެއްސަން ފެށި އަޑަށް އޭނަގެ ހިނިތުންވުން ފޭދުނެވެ. މަންމަ އެ ކެއްސުމަކާއިގެން އުޅެނީ މީގެ މަސްތަކެއް ކުރިންނެވެ. ކޮންމެ ދުވަހަކު މަންމަ ކެއްސާ އަޑަށް އެއީ އަރިދަފުސް ރޯގާއެކޭ ހިތާހިތުން ކިޔައި މަލާކް ހިތްހަމަޖައްސަމުން ދަނީ ރަނގަޅުވާނެއޭ ހިތާއެވެ. އެހެނަސް އެ އެއްކެއްސުމެއްގައި މަންމަ މާ ގިނަ ދުވަސްވާން ފެށިފަހުން މަލާކް ކުޑަކޮށް ކަންބޮޑުވާން ފަށާފައިވެއެވެ. އެހެނަސް އޭނަ އެ ވާހަކަ ދުލާއި ހަމައަކަށް ނުގެނެއެވެ.

 

“މަންމަ ހަމަ ރަނގަޅު އަލްޙަމްދުލި ﷲ. މަންމަވެސް ވަރަށް ހަނދާންވޭ ދަރިފުޅު މަތިން. އެކަމަކު ތިކޮޅުން ހޯދެން އޮތްހާ ފަރުވާއެއް ހޯދައިގެން އަނބުރާ އަންނަންވާނީ އިނގޭ؟ މިހާރު ކޮންތާކު ތިހިރީ؟” ސާރިޔާ އެހިއެވެ.

 

“މިހިރީ…..ހޮސްޕިޓަލުގަ…ޓެސްޓެއް ހަދަން އައިއްސަ.” މަލާކް ކުރުކޮށް ކިޔައިދިނީ ބޮޑުބޭބެގެ ވާހަކައިން މަންމަ ކަންބޮޑުކުރުވަން ބޭނުމެއް ނުވުމުންނެވެ.

 

“އެހެންތަ؟ ކައިފިންތަ މިރޭ؟” ސާރިޔާ ސުވާލުކުރިއެވެ.

 

“އަދި….ގެއަށް ގޮއްސަ ކާނީ…މަންމާ ކޮބައިތަ އަނުމް؟ އަދިވެސް މާލެއަށް ދާގޮތަށްތަ ނިންމައިގެން ހުރީ؟” ބޮޑުބޭބެގެ ވާހަކައާއި ހަމައަށް ދިޔުމުގެ ކުރިން މަލާކް މަޢުޟޫއު ބަދަލުކުރީ އެހެންނޫނަސް އޭނަ އަނުމްގެ ވާހަކަ އަހަން ބޭނުންވެފައި ހުރުމުންނެވެ. އަނުމްއަކީ އޭނަގެ ޅަ ޢުމުރު ދުވަހުއްސުރެވެސް މަލާކްމެންގެ ރަށަށް އައިސް އަވަށްޓެރި ގެއެއްގައި މަލާކާއި ނުހަނު އެކުވެރިކޮށް އުޅުނު ކުއްޖެކެވެ. މީގެ ދުވަސްތަކެއް ކުރިން އެކުއްޖާ މާލެއަށް ބަދަލުވާން އުޅޭ ވާހަކަ އިވުންވެގެން ދިޔައީ މަލާކްގެ ހިތް ގަންބުވާލި ކަމަކަށެވެ.

 

“އާނ ދަރިފުޅު. އަނުމް ދެން މިކޮޅުގަ މަޑެއް ނުކުރާނެ. އަނުމްގެ އެއްބަނޑު އެއްބަފާ ހަގު ބޭބެއެއް ބޭރުގަ ކިޔަވަން އުޅެފަ އަނބުރާ އަންނަނީޔޯ. އެހެންވީމަ އެ ބޭބެވެސް ބޭނުންވަނީ އަނުމް އަނބުރާ މާލެއަށް ގެންދާށޯ. މާލެއިންވިއްޔާ ދޯ ރަނގަޅަށް ކިޔެވޭނީވެސް؟ އަނެއްހެން ފަހުން ވަރަށް އުފަލުން ހުރީ. އެ ބޭބެގެ ނަން ކިޔަކިޔާފަ ބުނި ތިމަންނަ ވަރަށް ލޯބިވެއޭ އެ ބޭބެދެކެ. މިކޮޅުގަ އުޅުނުއިރުވެސް ވަރަށް ގުޅާ ހަދާ ބޭބެއެއް ކަންނޭނގެ އެއީ.” ސާރިޔާ ކިޔައިދިނެވެ.

 

“އެހެންތަ؟ އަނުމް އުފަލުން ހުރިއްޔާ އެންމެ ރަނގަޅު…..ވަރަށް ހަނދާންވާނެ އަނުމް މަތިން.” މަލާކަށް މާޔޫސީ ގޮތަކަށް ބުނެލެވުނެވެ.

 

“އަސްލުވެސް ދޯ؟ އޭ ދަރިފުޅު މަންމަ ދާންވެއްޖެ އަށިމަތީގަ ހުރި އެއްޗެއްސަށް ބަލަން. ދަރިފުޅު އެއްވެސް ދަތިކަމެއް ދިމާވިއްޔާ ޚަބަރެއް ވެލައްޗޭ. މަންމަމެން އެހީވެދޭނަން. އަނ މަސްޢޫދު.” މަންމަ އެހެން ބުނެފައި ބައްޕަ އަތައް ފޯނު ދިންކަން މަލާކަށް އެނގުންވިއެވެ. ބައްޕަވެސް ފަހު ބަސްތަކަށް ދެން ބާއްވަނީއޭ ބުނެ މަލާކް އާނއެކޭ ބުނުމުން ފޯނު ކަނޑާލިއެވެ. އެއާއެކު މަލާކަށް އަނެއްކާވެސް އެކަނިވެރިކަމެއް އިޙްސާސް ކުރެވުނެވެ. ހޮސްޕިޓަލުގެ މައި ދޮރާއި ދިމާލަށް ބަލާލެވުނީ ބޮޑުބޭބެ އަންނާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް ދޮރުމަތިން އެއްވެސް މީހަކު ނުފެނުމުން މަލާކަށް ފުން ނޭވައެއް ދޫކޮށްލަމުން އިސްޖަހާލެވުނެވެ.

 

މަލާކް ދުރު ބަލާލި ވަގުތު ހޮސްޕިޓަލުގެ ދޮރުން ޒުވާނަކު ވަދެގެން އައެވެ. އޮފު އަރާ ކަޅުކުލައިގެ ބޫޓު ހޮސްޕިޓަލުގެ ތެރޭގައި އެޅުނު ވަގުތު އެތާތިބި ގިނަ ބައެއްގެ ނަޒަރު އެ ދިމާލަށް ދަތުރުކުރިއެވެ. މަލާކް އެމީހުންގެ ތެރޭގައި ނުހިމެނުނީ އެވަގުތު ޓީވީއިން އިޝްތިހާރުތައް ފެށިގެން ދިޔުމުން މަލާކްގެ ނަޒަރު އެއަށް ހުއްޓިފައިވުމުންނެވެ. ހޮސްޕިޓަލަށް ވަދެގެން އައި ޒުވާނާ ލައިގެން ހުރި ގަދަ ނޫކުލައިގެ އަތްދިގު ގަމީސް އޭނަގެ ކަސްރަތީ ހަށިގަނޑަށް ހިފިފައިވީ ގޮތުންނާއި އޭނަގެ ކަޅު ކުލައިގެ ފަޓުލޫނާއެކީ ބެގީ ކޮށްގެން ހުރި ގޮތުން އޭނަ ފެންނަމުން ދިޔައީ ނުހަނު ރަސްމީ ގޮތަކަށެވެ. ކަނދުރައާއި ހަމައަށް އޮތް ކަޅުކުލައިގެ އިސްތަށިގަނޑުގައި ތެތްކަމެއް އެކުލެވިފައިވި ގޮތުން ތާޒާކަމަށް ލޯބިކުރާ މީހެއްކަން އެނގެއެވެ. ހިނގާފައި ދިޔަގޮތުން ހައިބަތު ހުރިކަމަށް ދައްކަމުން ދިޔައެވެ.

 

ޒުވާނާ އެތަނަށް ވަދެގެން ދިޔައިރު އޭނަގެ ނަޒަރު އެތާ ފުރޮޅުލީ ގޮނޑިއެއްގައި ވަކިން ހުރި އަންހެން ކުއްޖާއަށް ހުއްޓުނެވެ. އެ ކުއްޖާ އޭނައަށް ފަސްދީގެން އިނެއްކަމަކު އެކުއްޖާ ފެނިފައި އޭނަގެ ފިޔަވަޅުތައް މަޑުވެގެން ދިޔައީ އެފަދަ ކުއްޖަކު އެކަނި ހުންނާތީ ޙައިރާންވުމުން ކަންނޭނގެއެވެ. އެހެނަސް އެ ޒުވާނާ ވަކި އެކުއްޖާ ކައިރިއަށް ދިޔުމުގެ ބަދަލުގައި އެކުއްޖާއަށް ބަލަމުން ބަލަމުން ގޮސް ވަދެގެން ދިޔައެވެ. އޭނަ ހިނގަމުން ގޮސް އެންމެ ފަހުން ވަނީ އެމްއާރްއައި ހަދާ ރޫމަށެވެ. އޭނަ ވަންއިރުވެސް މެޝިންގައި މީހަކު ބޭއްވިފައިވީތީ މެޝިންގެ އަޑުފަތްގަނޑު އެތާގައި ހަރުލާފައިވިއެވެ. އެއީ ނުހަނު އާދައިގެ ކަމެއްހެން ހީވާ ފަދައަކުން އެ ޒުވާނާ މެޝިނަށް ވެސް މާ ބޮޑު ސަމާލުކަމެއްނުދީ އޭތި ބެހެއްޓިފައި ހުރި މަންޒަރު ފެންނާނެ ފަދައަކުން އެތާ ޖެހިގެން ހަދާފައި ރޫމަށް ދިޔައެވެ.

 

“ކިތަކެއް އެބަހުރިތަ މިރޭ؟” ޒުވާނާ އިނގިރޭސި ބަހުން ސުވާލުކުރީ މެޝިންގެ ކަންތައް ބަލަހައްޓަން އެތާ ތިބި 4 މީހުންކުރެންނެވެ.

 

“20 ވަރަކަށް އެތި އެބައޮތް މީތި ލައިގެން.” މޮނީޓަރެއްގެ ކައިރީގައި ހުރި މީހާ ކުރިމަތީގައި ހުރި ބޮޑު ބިއްލޫރިގަނޑުން މެޝިނަށް ޢިޝާރާތްކުރަމުން ބުންޏެވެ.

 

“ގްރޭޓް! ހުރިހާ އެއްޗެއް އެތެރެއަށް ފޮނުވަދީ!” ޒުވާނާ އެދެމުން އެ ރޫމުގެ އެތެރޭގައި ހުރި ދޮރެއް ހުޅުވާލަމުން މިފަހަރު ވަނީ އާދައިގެ ކެބިންއެއް ކަހަލަ ކޮޓަރިއަކަށެވެ. އޭނަ ގޮސް އެތާހުރި އޮފީސް މޭޒުދޮށުގައި ހުރި ބޮޑު ގޮނޑީގައި އިށީންނަން އުޅުނުތަނާހެން އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ފަޓުލޫނުގެ ޖީބު ތެރެއިން އޭނަ ނަގާލީ އެންމެ ފަހުގެ އައި ފޯނެކެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން އޭނަ ވާހަކަ ދެއްކިއެވެ.

 

“ހެލޯ ބްރޯ…….ނޫނޭ މިފަހަރު ފްލައިޓް ކެންސަލްއެއް ނުވޭ. އެކޮޅުން އައި މަގުމަތީގަ އިންޑިޔާގަ މަޑުކުރަން ޖެހުނީ 16 ގަޑިއިރަށް. އަހަރެން އުޅުނީ އެހެން ފްލައިޓެއް ހޯދައިގެން ވެސް މާލެ ދާން. އެކަމަކު އެއްކަލަ ބައްޕަގެ އިންޑިއަން ފްރެންޑްއާ އެއާރޕޯޓުން ދިމާވެގެން އަހަރެން ކައިރީގަ ބުނީ މިއުޅެނީ އެމްއާރްއައި ރިޕޯޓް ލިޔާނެ މީހަކު ނެތިގެންނޭ. އެއްދުވަހު ވިޔަސް ލިޔެދޭންވީ ނޫންހޭ. އެހެންވެ މިހިރީ އެ ހޮސްޕިޓަލަށް އައިއްސަ.” ޒުވާނާ ފޯނުން ވާހަކަ ދައްކަމުން ގޮނޑީގައި އިށީނެވެ. ހަމަ އެވަގުތު އެ ރޫމަށް ޕެން ޑްރައިވްއަކާއެކީ އައި މީހަކު ދޮރު ހުޅުވުމުން ވަންނަން އޭނަ އަތުން ޢިޝާރާތް ކުރީ ފޯނުގެ އެކޮޅުން ދައްކަމުން ދިޔަ ވާހަކަ އަޑު އަހަމުންނެވެ.

 

“ހެހެ….ނިއުރޮލޮޖީއަކީ އަހަރެން ޝައުޤުވެރިކަން ހުރި ދާއިރާއެއް. ދެން ނޭނގޭ ފަހުން ކޮން ސްޕެޝަލްޓީއެއްކަމެއް ޗޫޒްކުރާނީ. އައި މޭ ޗޭންޖް މައި މައިންޑް…އޯކޭ ދެން ބާއްވަނީ. ބާއި.” ޒުވާނާ ފޯނު ކަނޑާލީ އޭނަގެ މޭޒުމަތީގައި ބޭއްވުނު ޕެން ޑްރައިވަށް ނަޒަރު ދެމުން އޭގައި ހުރި އެއްޗެހި ބަލަން ކެތްމަދުވެގެން އުޅޭ ފަދައަކުންނެވެ. ފޯނު މޭޒުމަތީގައި ބޭއްވުމަށްފަހު އޭނަ ޕެން ޑްރައިވް ސީޕީޔޫއަށް ޖަހާލީ ނުހަނު ގަޔާވެގެންނެވެ. ކުރިމަތިން ފެންނަމުން ދިޔަ މޮނީޓަރުން އޭނަ އެ ޕެން ޑްރައިވް ހުޅުވާލުމާއެކު ފެނިގެން ދިޔައީ އެމްއާރްއައި ހަދާފައިވި ބަލިމީހުންނަށް ދެވިފައިވި ނަންބަރުތަކުން ނަން ދެވިފައިވި ފޯލްޑާތަކެވެ. އޭނަ އެ ފޯލްޑާތަކުގެ ތެރެއިން ފުރަތަމަ ފޯލްޑާ ހުޅުވާލިއެވެ. މާ ގިނައިރެއްނުވެ ހުދާއި ކަޅުން ހުރި ސިކުނޑިއެއްގެ ތަސްވީރެއް ފެނިގެން ދިޔައެވެ. ޒުވާނާ މައުސް ސްކްރޯލް ކުރުމުން އެ ތަޞްވީރުން ފެންނަމުން ދިޔަ އަޅިކުލަ ބަދަލުވަމުން ދިޔަ ހިނދު އޭނަ އެއަށް ނުހަނު ފަރުވާތެރިކަމާއެކީ ބެލިއެވެ. އެއަށްފަހު ނޯޓް ޕެޑްއެއް ފަދަ ޕްރޮގްރާމެއް ހުޅުވައި އެއްފަރާތުން އޭނައަށް ފެންނަމުން އެ ދިޔަ ސްކޭނުން ހޯދުނު ހޯދުންތައް ލިޔަން ފެށިއެވެ.

 

ޒުވާނާ އެ މަސައްކަތް ކުރަމުން ދިޔައީ އެއްވެސް މެދުކެނޑުމެއްނެތި ނުހަނު ޝައުޤުވެރިކަމާއި އެކީގައެވެ. އެއް ފޯލްޑާއަކަށްފަހު އަނެއް ފޯލްޑާއެއް ހުޅުވައި ނުހަނު ގަޔާވެގެން ރިޕޯޓްތައް ލިޔަމުން ދިޔައީ އެއީ އޭނައަށް ކުޅޭކުޅޭ ކަމެއްހެން ހީވާ ފަދައަކުންނެވެ. އެ ސްކޭންތަކުގެ ތެރޭގައި ގިނައީ ބޭރުފުށުން ބޮލަށް ކޮންމެވެސް އަނިޔާއެއް ލިބިފައިވާ މީހުންކަން އޭނައަށް ނަގައިގަނެވުނެވެ. ބޮލުގައި ރިއްސުމުގެ މައްސަލައެއްގައި ނުވަތަ ސިކުނޑި ހަމަނުޖެހުމުގެ ސަބަބުން ޑޮކްޓަރަށް ދެއްކި މީހުންވެސް ސްކޭންތަކުގެ ޒަރިއްޔާއިން އޭނައަށް ފަސޭހައިން ޔަޤީނާއި ގާތްކުރެވުނެވެ. އެހެނަސް އޭނަގެ މަސައްކަތް ނިމެން ގާތްވެފައި ވަނިކޮށް ފެނުނު ސްކޭނެއްގެ ޒާތުން އޭނަގެ ދެބުމަ ކައިރިވިއެވެ. އެއްވެސް އެއްޗެއް ލިޔުމުގެ ކުރިން އޭނައަށް އެތައް ފަހަރެއްގެ މަތިން އެ ސްކޭން ސްކްރޯލް ކޮށްލެވުނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ކުށަކާ ނުލާ 23

Next

ވަޢުދު (ދެވަނަ ބައި)

Next
August 15, 2019

ވަޢުދު (ދެވަނަ ބައި)

Previews
August 15, 2019

ކުށަކާ ނުލާ 23

25 Comments!

  1. lam says:
    August 15, 2019 at 1:36 pm

    vvvvvvvvv reethi aneh baa avas

    1. Jana says:
      August 15, 2019 at 1:39 pm

      Alhamdhulillah! (All praise and thanks belong to Allah) Aneh bai ves miadhu up kohdheefaanan. aslu thankolheh lahun esfiyaiga up mi kury. Official koh vaahaka up kurany dhiislam ga veema. vaahaka up vaany komme sunday adhi wednesday egga In Sha Allah 🙂

  2. Jana says:
    August 15, 2019 at 1:37 pm

    Bismillaahirrahmaanirraheem. Assalaam’alaikum. 🙂 Anekkaaves thiya kiyuntherinna hama ah aa vaahaka eh genesdhinumuge thaufeeq libunu kamattakai hamdhu kuran. Ummeedhaky mi vaahakain ves thiya kiyuntherinnah faidhaa eh kurun. Vaahaka aa gulhey blog post thah thireegaivaa blog link in fennaane vaahaka dhannavan 🙂

    guidancefromquran.blogspot.com

    Facebook ga ulhey kiyuntherin mi page ah ziyaaraiy kurumaky jana ge varah bodu edhumeh In Sha Allah

    https://web.facebook.com/Asr-1445208739121696/

  3. Shahu says:
    August 15, 2019 at 2:00 pm

    Woooooww varah salhi story. Varah reethi ❤️ ❤️ ❤️ ❤️ ❤️ love you jana

    1. Jana says:
      August 16, 2019 at 5:41 pm

      Alhamdhulillah! Love you too sis <3 <3 <3

  4. g says:
    August 15, 2019 at 2:07 pm

    my favorite writer is back thank ALLAH. Janage vahaka tha kiyaeilvuneema inspire vey. avas avahah up kohdeche igey u r the best <3

    1. Jana says:
      August 16, 2019 at 5:43 pm

      Rangalhu kameh kuran inspire viyya vany hama ekani Allah ge iraadhafulhun. ey jana kuraa kameh nama hurihaa kiyuntherinnah ekkahala asareh kurees. mee komme vaahaka eh fashaairu jana amilla nafsah handhaan kohdey kameh. hehe…Alhamdhulillah! Happy to be back ingey 😀 <3

  5. jiji says:
    August 15, 2019 at 4:21 pm

    Jana sis ge new story eh dhw..ma sha allah feshun v v v rythi ingey..dhn oiy bai vec up vefa dhw iny….will comment e part vec kiyaafa ingey jana sis ..ly sissy? <3 <3 <3

    1. Jana says:
      August 16, 2019 at 5:44 pm

      Alhamdhulillah! 🙂 Jazaakillah Khairan for the support <3

  6. Fathimath says:
    August 15, 2019 at 5:24 pm

    Alhamdhulillah.. jana is back.. Ma Sha Allah.. vaahaka vrh reethi..

    1. Jana says:
      August 16, 2019 at 5:44 pm

      Alhamdhulillah! <3 😀

  7. sis says:
    August 15, 2019 at 6:29 pm

    omg jana sis is back yay ?? anekkaves varah interesting story eh ? varah reethi ingey cant wait for the next part?

    1. Jana says:
      August 16, 2019 at 5:45 pm

      Alhamdhulillah! Hehe…next part sunday ga dhiislam site ga upvaane In Sha Allah 🙂

  8. Yashm says:
    August 15, 2019 at 8:16 pm

    Wowwww Jana is back….vvv reethi Masha Allah

    1. Jana says:
      August 16, 2019 at 5:45 pm

      Alhamdhulillah! 😀

  9. Unique says:
    August 15, 2019 at 9:30 pm

    Hehe we are twinny dhw I mean namuge gothun

    1. Jana says:
      August 16, 2019 at 5:46 pm

      theeves jana ehtha :O we should meet!

    2. Unique says:
      August 16, 2019 at 8:55 pm

      Yes im also a jana
      Where do u live?? But I guess I will be younger than u
      Maybe

  10. ?Sha says:
    August 16, 2019 at 8:58 am

    Wow.Mashaallah varah lobi ♥️
    Jane sis keep it up♥️??

    1. Jana says:
      August 16, 2019 at 5:46 pm

      Alhamdhulillah! Jazaakillah Khairan for the support! 🙂 <3

  11. ?Shifna? says:
    August 16, 2019 at 9:32 am

    Alhamdhulillah. Yey. ? Jana sis is back. Vrh reethi feshun vx.

    1. Jana says:
      August 16, 2019 at 5:47 pm

      Alhamdhulillah! Ethah dhuvaheh fahun shifna sis fenunymaves v ufaavejje. 😀 <3

  12. # says:
    August 16, 2019 at 10:03 am

    Kon writer eh tho nubala vaahaka kiyan feshy ekam kiyanmun dhiya iru hithan eriy miy yageeney jana ge vaahaka ekey enme fahun kiya ninmaafa beli iru hama jana ge vaahaka miss u jana vaahaka varah reethi

    1. Jana says:
      August 16, 2019 at 5:49 pm

      Ma Sha Allah haadha salhi gothekey mivy dho? hieh nukuran jana ge liyumuga vaki thafaathu gotheh hunna kamakah. adhives rangalhu kuran jehey kanthah jana ge nazaruga hureema. hehe…Alhamdhulillah! jana ves handaanvi thiya kiyuntherin mathin 🙂

  13. ❤️ says:
    August 17, 2019 at 12:32 pm

    Jana thee kon rasheh ge kujjeh..by the way story varah reethi

Comments are closed.

Next Episodeވަޢުދު (ދެވަނަ ބައި)←


All Right Reserved!