އަސްލާން 2
“ރޭ ދަންވަންދެން ކަލޭ ވާހަކަދައްކީ ކާކާ؟” ހިލްމީގެ ސުވާލުން އަހަރެން ހާސްވިއެވެ. އަނެއްކާ އަސްލާންގެ އަޑު އިވުނުބާއޭ ހިތަށްއެރިއެވެ.
*******************************
“ނިދީގަ ކަމަށް ވާނީ.” އަހަރެން އޮޅުވައިލީމެވެ. ހިލްމީ އިތުރު އެއްޗެކޭ ނުބުނެއެވެ.
“ކި..ކިހިނެތްވީ؟” ކަރުން އަޑު ނުކުތީ ކިރިޔާއެވެ. އަހަރެންގެ ގޮވުމަށް އިޖާބަދީ، ގާތަށް އައި އަސްލާންގެ މޫނުމަތީވީ ޒަހަމުތައް ފެނިފައި ހިތުގައި ތޫނު އެއްޗަކުން އެޅުނުފަދަ އިހުސާސެއް ކުރެވުނެވެ.
“މީ…މީ ރައްޓެއްސަކާ ކުޑަ މައްސަލައެއް ޖެހިގެން… އަރާރުންވެފަ…” އަސްލާންގެ ތުންފަތަށް ވެރިކުރި މަސްނޫއީ ހިނިތުންވުން އަހަންނަކަށް ކަމަކު ނުދިޔައެވެ. އޮޅުވައިލަން އޭނާ ބުރަ މަސައްކަތްކުރި ނަމަވެސް، އަހަންނަށް އެ ފަރުދާގެ ފުރަގަސް ފެނުނީ ކީއްވެބާއެވެ. އޭނާގެ ކަރުގައި އޮޅާފައިވީ ސްކާފްއިން ފޮރުވިފައިވީ ކަނދުރާއާއި ދިމާއަށް އަހަންނަށް އަތް ގެންދެވުނީ ކިހިނެތް ކަމެއް ނޭންގެއެވެ. ސިހިފައި އަސްލާންއަށް ފަހަތަށް ޖެހިލެވުނެވެ.
“އެކޮޅުގަ ފިނި މޫސުމޭ އިނގޭތަ މިހާރު. މިރޭ ސްނޯވެސް ވެހުން.” އަސްލާން ވާހަކަ އޮޅުވައިލަން މަސައްކަތްކުރިއެވެ. ނަމަވެސް އަހަރެން ސްކާފް ދުރުކޮށް ކަނދުރާ ބަލައިލީމެވެ. ކަނދުރާގައި ރަތްވެފައި ހުރީ ދެ އަތަކުން ހިފައި ބާރުކޮށްފައި ހުރި ނިޝާނެވެ. އެއީ އަހަރެންގެ އަތުގެ ނިޝާނެވެ. ހަމައިން ނެއްޓި ވަގުތު އަސްލާންގެ ކަރުގައި ހިފުނު ހަނދާން ސާފުކޮށް ވީ ކީއްވެކަމެއް އޭރަކު ނޭންގެއެވެ. އަހަރެންގެ ކުރިމަތީގައި ދެލޯ ބޮޑުވެފައި، ހިތާމައާއި ހަމްދަރުދީގެ ނަޒަރަކުން ބަލަހައްޓައިގެން އޮތް އަސްލާންގެ މޫނު ސިފަވީ ދުވާލާއި ރޭ ވަކިވާހާ ސާފުކޮށެވެ.
“އެ ރަނގަޅުވާނެއޭ. ގަސްތުގައެއް ނޫނެއްނު. ތަދެއްވެސް ނުވެއޭ.” އަސްލާން އަވަސްއަވަހަށް ދުރަށް ޖެހިފައި އަހަންނަށް ކަރު ފޮރުވިއެވެ. އޭނާގެ މަޑުމައިތިރި، ހިތްހެޔޮ އަޑުން ހިތްހަމަ ޖައްސައިދޭން މަސައްކަތްކުރުމުން އަހަރެންގެ ހިތުގެ ވޭން ވީ އިތުރެވެ.
“މިހާ ވަރުވީމަވެސް އަހަރެން ކައިރިއަށް ތި އަންނަނީ ކީއްވެ؟ ބަދަލެއް ނުދެވޭއިރު އަހަންނަށް ހެޔޮކޮށް ތި ހިތަނީ ކީއްވެ؟” އަހަރެންގެ ހިތަށް އަރައި ފޭބި ސުވާލުތައް ދުލުން ނެރެވޭ ގޮތެއް ނުވިއެވެ.
“ހިނގާ ބޭރަށް.” އަސްލާން ބުނި އެއްޗެއް އަހަންނަކަށް ނުވިސްނުނެވެ.
“ބޭރަށް؟” އަހަރެން އަހައިލީމެވެ. ދާނަންހޭ އެހުމުން އަހަންނަކަށް ދޭނެ ޖަވާބެއް ނޭންގުނެވެ. ޖަވާބެއް ދެވޭނީ ފުރަތަމަ ސުވާލު ވިސްނިގެންތާއެވެ. އެފަދަ ކަމެއް ބޭނުންވުމަކީ އަހަންނަށް ލިބިފައިވާ ހައްގެއް ނޫންވިއްޔާއެވެ. އެ ކޮޓަރިން ބޭރަށް ނުކުމެލެވޭނެ އިރެއް އެއީ އަހަރެންގެ ބާރުގެ ދަށުގައި އޮންނަ ކަމެއް ނޫންވިއްޔާއެވެ. އަސްލާން އަހަރެންގެ ދެ އަތުގައި ހިފާފައި ލޯ މެރުމަށް ބުންޏެވެ. އެއްވެސް ސުވާލެއް ނެތި އަހަންނަށް ލޯ މަރައިލެވުނީ ކުރެވުނު އުންމީދަކުންނެވެ.
ހަންގަނޑުގައި ބީހިލި ފިނި ވައިރޯޅިން ލޯ ހުޅުވައިލެވުނެވެ. ކުރިމަތީގައި އަތުގައި ހިފައިގެން ހުރި ގޮތަށް އަސްލާން ހުއްޓެވެ. ނަމަވެސް ވަށައިގެންވީ މާހައުލު ވަނީ ބަދަލުވެފައެވެ. ހަތަރު ފަރާތުގައި ހުދު ފާރުތަކެއް ނެތެވެ. ފައިދަށުގައި ހުދު ޓައިލްސްތަކުގެ ބަދަލުގައި ތަފާތު ކުލަތަކުގެ މާމެލާމެލިން ފުރިފައިވިއެވެ. ވިނަގަނޑެއްގައި ފައިޖެހުނީ އަލަށެވެ. ކުރެވުނީ ތަފާތު އިހުސާސެކެވެ. ދުރުން ފެންނަ ފަރުބަދައެއްހާ ބޮޑުކޮށް އިން ހަނދު އޭގެ އެންމެ ފުރިހަމަ މިނުގައި އުޑުގެ މެދުގައި ބަބުޅަމުންދިޔައެވެ. އެ ހަނދު ވަށައިގެން ދިއްލިފައިވާ ތަރިތައް ގުނާ އަދަދު ނުކުރެވެއެވެ. މުޅި މާހައުލަށް ވެރިވެފައިވަނީ މާތަކުގެ މީރު ވަހެވެ. އަހަންނަށް ހުރެވުނީ އާޝޯހުވެފައެވެ. އެއީ ދުވަހަކުވެސް ދެކިފައިނުވާ ރީތި ތަނެކެވެ.
“ކަމުދޭތަ؟” އަސްލާންގެ އަޑަށް އޭނައަށް ބަލައިލީމެވެ. ޖަވާބުގައި ހެވިފައި އަހަންނަށް ބޯ ޖަހައިލެވުނެވެ. ހުރިހާ ނުތަނަވަސްކަމެއް އެރީ ހަވަޔަށް ކަންނޭންގެއެވެ. އަސްލާން ހިނިތުންވެލިއެވެ. ކޮލަށް އަރާ އަޑިކޮޅު ދައްކައިލަމުންނެވެ.
“އަހަރެން ލުއާ ކައިރިއަށް އަންނަނީ ބަދަލެއް ބޭނުންވެގެނެއް ނޫން. ލޯބިވާތީ.” ކިތަންމެ ފަހަރަކު އިވުނަސް އަސްލާންގެ ދުލުން އިވޭ އެ ބަހަކީ އަހަރެންގެ އިހުސާސްތައް އެފުއް މިފުށަށް ޖަހައިލާ ބަހެކެވެ.
އެއީ އަހަރެންގެ ހަޔާތުގައި އެންމެ އުފާވި ރެއެވެ. ވިނަގަނޑުމަތީ ތިބެ އާދައިގެމަތިން ދެއްކީ ކޫސަނި ވާހަކައެވެ. އަސްލާންއަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް އެ ވަގުތުކޮޅަށް ދުވަހަކުވެސް ނިމުމެއް ނާންނާނެނަމައޭ ހިތަށް އެރިއެވެ. ވަގުތުގެ ހިނގުން ހުއްޓައިލެވުނުނަމަ ހުއްޓައިލީމުހެވެ. އެ ޖާދުވީ ރޭ އަހަރެންގެ ހަނދާނަކުން ދުވަހަކުވެސް ނުފިލާނެއެވެ.
ހޭވެރިކަމެއް ވީއިރު ކައިރީ ދެ ނަރުހުން ތިއްބެވެ. އޮވެވުނީ ފަރުވާދޭ ކޮޓަރިއެއްގައެވެ. އަހަރެން ލޯ ހުޅުވައިލިތަން ފެނިފައި އެތަނުން އެކަކު ޑޮކުޓަރަށް ގޮވަން ދިޔައެވެ. ހަތަރެސްފައި ގުޑުވައިނުލެވުނީ އެނދާއި ގުޅިފައިވީ ދަގަނޑު މަޅިގަނޑުތަކަކުން ބަނދެވިފައި ވުމުންނެެވެ. އެއް އަތް އޮތީ އައްސިވެފައެވެ. އަނގައިތެރެއިން ލޭ ރަހަލިއެވެ. އޭގެން އެއްވެސް ކަމެއްގެ ސަބަބެއް ނުވިސްނުނެވެ.
“މީ ކޮންތަނެއް؟” ކަރުން އަޑު ނިކުމޭތޯ ބަލަން އެއްޗެކޭ ބުނަން ބޭނުންވެގެން އެހީމެވެ. ހާލަތު އިނގިދާނެކަމުގެ ކުޑަ އުންމީދަކާއިއެކީއެވެ.
“ފަރުވާދޭ ކޮޓަރި.” ދޮރުން ވަދެގެން އައި ޑޮކުޓަރު ރޫބީގެ އަސަރެއް ނެތް އަޑުން ޖަވާބު އައެވެ. އެއީ އަހަރެންގެ ސައިކޮލޮޖިސްޓްއެވެ. އަހަރެން ހުރީ ހަމަހޭގައިކަން ޔަގީންވުމުން ރޫބީ ހަތަރެސްފައި ބަނދެފައިވީ ދަގަނޑުތައް ނައްޓައިލިއެވެ. ފުރަތަމަ ފަހަރަށް ކަނާތުގައި ބަނދެފައި ވީ ބޭސްގަނޑު ފެނުނެވެ. އައްސިވެފައި އޮތީ އެ އަތެވެ. ވީ ގޮތެއް އެހުމުން ރޫބީ ޖަވާބެއް ނުދިނެވެ.
ވީ ގޮތެއްގެ ފަހުމެއްވެސް ވީ އެރޭ ބޭސްގަނޑު ބަދަލުކުރި ގަޑީގައެެވެ. ނައްޓައިލި ބޭސްގަނޑުގެ އަޑީގައި އަހަރެންގެ އަތުގެ ބޮޑުވައި އިނގިލި ކައިރިން އޮތީ މަސްގަނޑު އިރިފައެވެ. އިރިފައި އިން ހިސާބު ފެށިފައި އިނީ ދަތްޕިލައެއްގެ ނިޝާނުންނެވެ. އަނގައިގައި ލޭ ރަހަ ލީ ސަބަބުވެސް އިނގުނީއެވެ. ނަރުސްކުއްޖާ އަހަރެންގެ މޫނަށް ބަލައިލާފައި އަވަހަށް އާ ބޭސްގަނޑަކުން ޒަހަމު ފޮރުވިއެވެ. އަހަރެންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އެ ވަގުތު ވީ އަމިއްލަ އަތެއް ނޫނެވެ. އެކަން ހިނގިއިރު އަސްލާން ނެތްކަމެއް ނޭންގޭތީއެވެ. އެންމެ ފަހު ހަނދާނަކީ ނިދަން އޮށޯތުން ކަމުގައިވި ނަމަވެސް، ކުރީ ފަހަރުވެސް އަހަންނަށް އަސްލާންއަށް ގޮވުނީ ބަލިވި ގަޑީގައެވެ. އެ ފަހަރުވެސް ފަހު ހަނދާނަކީ ނިދުންވިއްޔާއެވެ.
ކޮޓަރިއަށް ފޮނުވައިލިއިރު ރަތްބޮކި ދިއްލައިފިއެވެ. އަވަހަށް އަސްލާންގެ ހާލު ބަލަން އުޅެނިކޮށް ޖެހިގެން ހުރި ކޮޓަރިން ހިލްމީ ވާހަކަދައްކަން ފެށިއެވެ.
“ކޮބާ ކިހިނެތް ހާލުކޮޅު؟” ހިލްމީ އެއްސެވެ. ހީވަނީ ހެވިފައި ހުރިހެންނެވެ.
“އަހަރެން ހަމަ އެ ވަރަށް ހަޅޭއްލަވަންތަ؟”
“ނޫނޭ.” ހިލްމީ ހިނިގަނޑެއް ޖަހައިލުމުން އަހަރެން ގާތަށް އައި ސިނގުރުޅިއެކެވެ. ވަށްބަހުން ޖެހީކަމަށް ހީކޮށެވެ.
“ނަރުހުން މާ އަޑުގަދަކޮށްލާފަ އުޅުނީމަ ކަމެއްވީކަން އިނގުނީ. ކަލޭ ނެރެގެން ގެންދިޔަ އަޑުވެސް އިވުން.” ހިލްމީ ކިޔައިދިނެވެ.
“ކަންފަތް ތޫނު މީހެކޭ ދޯ.” އަހަރެން ބުނީމެެވެ. “ދެން ނިދާބަލަ.” އަދި ހިތާއިހިތުން ކިޔައިލީމެވެ.
“މިތަން ހަމަ ސައުންޑް ޕްރޫފް ކުރަންވީ.” ހިލްމީ ބުންޏެވެ. އުނދަގޫވީތީ މާފަށް އެދެން ހިތަށް އަރާފައިވެސް އެއްޗެކޭ ނުބުނަމެވެ. އޭނާ ލަވަކިޔާ ވަރުން އަހަންނަށް ވާ އުނދަގުލުގެ ބަދަލެއް ކަމަށް ބެލީމެވެ. ބާއްޖަވެރި ރޭގަނޑަކަށް އެދުނީ ނުސީދާކޮށް ދެން ނިދަންއުޅޭށޭ ބުނުމުގެގޮތުންނެވެ. ހިލްމީ ގުގުރިދަމަން ފަށަންދެން ނިދުނަނުދީ ދެލޯ ބޮޑޮކޮށްގެން އިންނަން ޖެހުނެވެ.
“އަސްލާން…” ލޯ ހުޅުވައިލިއިރު ކުރިމަތީ އަސްލާންއެއް ނެތެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.





Me first dhw mifaharu vec…Ma Sha Allah.. mi part vv rythi ingey….plc next part thankolheh dhigukohlaba..waiting fr the next ingey Jinni….Luw yuhhh?????????????????❤❤❤❤?????????❤❤❤???????
Thanx jiji luv u more
hey jinni im sos sry snap delete v ma mihaaru talk nukurevenyy and o was really look forwad for u r stry kiyaalaafa comment kohlaanan im really sorry
It’s fine~ kiyaafa comment kurachey?
hama v obi as always avahah up kohdhehcheyy next part hingey can’t wait
Thaaaanx nattu
Jinni mi part ves varah salhi. ekam thankolheh dhigu kohla dhehchey. Aslaan akee Jinni eh dho.Luaa nasfanee Bali meehehdho
Thnx Rai. Daily Koh up kureveythoa balaathy kuru vany kudakoh. Aslan akee kind of like an alien n yea lua is mentally ill. hope u find this concept interesting
Alien akas hunnany normal insaaneh hen ingey not like a weird creature?