Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިއުތިރާފް (6 ވަނަ ބައި)

Shafag Level 110 Stories
April 16, 2019 3 Mins Read
3 Comments

“އަޒާންއަށް ކަމެއްވީތަ؟” ލަސްލަހުން އަހަރެން އެހެން ބުނިއިރަށް މަންމަގެ މޫނަށް ވީގޮތް ފެނި އަހަރެންނަށް ނޭވާ ހިފަހައްޓާލެވުނެވެ.

**********************

މިއަދަކީ އަހަރެންގެ ކައިވެނި ކުރެވޭދުވަހެވެ. ބައްޕަގެ އެންމެ ހަގު ކޮއްކޮއަކީ މޭކަޕް ކޮށްދޭ މީހެއްކަމުން އަހަރެން ތައްޔާރުކުރުމާއި ހަވާލުވެގެން ހުރީ އޭނާއެވެ. ތައްޔާރުކޮށް ނިމެންދެންވެސް އަހަރެން އެއްވެސް ވާހަކައެއް ނުދައްކަމެވެ. ނީޝާގެ މަސައްކަތް ނިމުމުން ދުރަށް ޖެހިލާ އަހަރެންނަށް ބަލާލުމަށްފަހު ލޯގަނޑުން ބަލާލަން އަހަރެން ކައިރީގައި ބުންޏެވެ. އަހަރެން ލައިގެން ހުރި ހެދުމަކީ މަންމަގެ ހޮވުމެކެވެ. ހުދުކުލައިގެ އެހެދުމަކީ ވަރަށް އާދައިގެ ގޮތަކަށް ހުއްޓެއްކަމަކު ރީތި ހެދުމެކެވެ. މަޑުމަޑުން ތެދުވެގެން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓި އަމިއްލަ ސޫރައަށް ބަލަން ހުއްޓައި އަހަރެންގެ ލޯ ކަރުނުން ފުރުނެވެ. އެމަންޒަރު ފެނި ނީޝާ ކައިރިއަށް އައިސް އަހަރެންގެ ކޮނޑުގައި ހިފާލީ ހިތްވަރުކުރާށޭ ބުނާފަދައިންނެވެ.

މަންމަ ދޮރު ހުޅުވާލަމުން ބޭރަށް އައުމަށް ގޮވާލީ އަހަރެމެން އެހެން ތިއްބައެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން މަންމައާއި ނީޝާ އާއި އެކު އަހަރެން ބޭރަށް ނިކުތީމެވެ. މޭޒުދޮށުގައި އަހަރެން އިށީނދެ ހަމަޖެހުމުން އިރުކޮޅެއްފަހުން ކައިވެނީގެ ކަންތައްތައް ފެށިގެން ދިޔައެވެ. މޭޒުދޮށުގައި އިން ހުރިހާ ވަގުތަކު އަހަރެން އިނީ އިސްދަށަށް ޖަހައިގެންނެވެ. ސައީދުގެ ދުލުން އަނބި ގަބޫލުކޮށްފީމޭ ބުނި އަޑު އިވުމުން އަހަރެންނަށް ކަރުނައެއް ނުހިފެހެއްޓުނެވެ. އާނއެކެވެ. އަހަރެންގެ ކައިވެނި ކުރެވުނީ ސައީދުއާއެވެ. އޭނާއާއި ކައިވެނި ކުރުމަކީ ދުވަހަކުވެސް ހުވަފެނަކުންވެސް އަހަރެން އުންމީދު ކުރި ކަމެއް ނޫނެވެ. ހަޔާތުގައި ހީވެސް ނުކުރާފަދަ ފުން ވަޅުގަނޑަކަށް އަހަރެން ވެއްޓުނު ވަގުތު އެހީގެ އަތެއް ދިއްކޮށްލި މީހަކީ ސައީދުއެވެ. އަހަރެންގެ ކައިވެންޏަށް ސައީދު އެދުނީ މަންމަމެން އަހަރެންގެ ހަޔާތަށް ދެން ދުވަހަކުވެސް އުފާވެރިކަމެއް ނާންނާނެ ކަމަށް ނިންމައިގެން ތިއްބައެވެ. މިކައިވެންޏަށް އަހަރެން އެއްބަސްވީވެސް މަންމަގެ އެދުމުގެމަތިންނެވެ. ސައީދުއާއި އަހަރެންގެ އުމުރުގެ ތަފާތަކީ އެންމެ ފަސް އަހަރެވެ. އޭނާއަކީ ޒުވާން އުމުރުގައި ވިޔަފާރިއެއް ފަށައި އެތަކެއް ކާމިޔާބީ ތަކެއް ހޯދާފައިވާ މަޝްހޫރު ވިޔަފާރިވެރިއެކެވެ. ކައިވެންޏަށް ފަހު އަހަރެން ސައީދުގެ ގެއަށް ބަދަލުވާ ގޮތަށް ވާހަކަ ދެކެވުނީ ސައީދުގެ މަންމައަކީ ބަލި މީހަކަށް ވާތީއެވެ.

އާއިލާއާއި ގާތް ރައްޓެހިން ބައިވެރިވި ހަފްލާއަކަށް ފަހު ސައީދުގެ ގެއަށް ބަދަލުވުމުގެ ތައްޔާރީތައް ފެށުނެވެ. އަހަރެންގެ ފޮށްޓާއި އެކުގައި ގެންދާ އެހެން ސާމާނުތައް ހުރީ ކުރިން ތައްޔާރުކޮށްފައެވެ. ސައީދުއާއި ބައްޕަ އެއެއްޗެހި ކާރަށް އެރުވުމުގައި އުޅުނު ވަގުތު އަހަރެން އައީ ކޮޓަރިއަށެވެ. މަންމަ އަހަރެންގެ ފަހަތުން އައިކަން އެނގުނީ ކޮޓަރިއަށް ވަތް ފަހުންނެވެ. އަހަރެން މަންމަގެ މޫނަށް ބަލައިލުމުން މަންމަ ހިތި ހިނިތުންވުމެއް މޫނުމައްޗަށް ވެރިކޮށްލިއެވެ. “ދަރިފުޅު ދާތީ މަންމަ ވަރަށް ދެރަވޭ. މަންމަ ވަރަށް އެކަނި ވާނެ. އެކަމަކުވެސް ދަރިފުޅު އަބަދުވެސް ހަނދާން ކުރާތި މަންމަމެން ކުރާ ކޮންމެ ކަމެއްވެސް ކުރާނީ ދަރިފުޅަށް ރަނގަޅަކަށް.” އަހަރެންގެ އަތުގައި ހިފައިގެން އެނދާ ދިމާއަށް ހިނގައިގަންނަމުން މަންމަ ވާހަކަ ދެއްކިއިރު އެއަޑު ތުރުތުރުލައެވެ. “ދަރިފުޅު ވަރަށް ހިތްވަރު ކުރާތި. ދާންތިއުޅެނީ ނުދަންނަ ބައެއް ކައިރިއަށް. މަންމަ ކައިރީގައި އުޅޭހެން ނޫޅެވޭނެ. އެންމެންނާވެސް ގުޅިގެން އުޅޭތި. ސައީދުއަށް އަޅާލާތި. މިހާރު އަދި ދަރިފުޅު އޭނާދެކެ ލޯބިނުވިޔަސް އެކުގައި އުޅެން ފެށީމަ ހިތްޖެހިދާނެ. ނެތް މީހެއްގެ މަތިން ހަނދާން ކުރުމަކީ ބޭކާރު ކަމެއް.” މަންމަގެ ވާހަކަ އަހާފައި އަހަރެން ދެރަވި ނަމަވެސް ކަރުނަ ހިފަހައްޓައިގެން އިނީ އުމުރުގެ ބާކީ އޮތް ބައިގައި ވެސް އަހަރެން އުޅެން ޖެހޭނީ މިހެންނޭ ހިތް ބުނަމުން ދާތީއެވެ. ދެމައިންގެ ބައްދަލުވުން ނިންމާލަން ޖެހުނީ ސައީދު އަހަރެން ބަލައި އައުމުންނެވެ.

ސައީދުގެ ގެއިން އަހަރެންނަށް މަރުހަބާކީ އޭނާގެ މުސްކުޅި މަންމަ ފައުޒިއްޔާއެވެ. އޭނާގެ ދެބޭބެއިންނާއި އެމީހުންގެ އަނބިން އެގޭގައި އުޅުނެއްކަމަކު އެއިން މީހަކު އަހަރެންނަށް ނުފެނުނެވެ. އެއާއިލާގައި މައްސަލަތައް ގިނަކަން އެކަމުން އަހަރެންނަށް ނަގައި ގަނެވުނެވެ. ސައީދުއަކީ މުއްސަނދި މީހެއް ނަމަވެސް އެގޭތެރެއިން އެކަން ފެންނާކަށް ނެތެވެ. މަސައްކަތް ކުރާކަށް ނޯކަރުންނެއް ނެތެވެ. ގޭތެރޭގައި އަގުބޮޑު ފަރުނީޗަރެއްނެތެވެ. ގޭތެރެ އޮތީ އާދައިގެ ގޮތަކަށެވެ. ސައީދުއަކީ މުއްބާރު މީހަކީ ކަމެއް ނޫނީ ދެއްކުންތެރިކަން ބޭނުން ނުވާ މީހަކީ ކަމެއް ނޭނގެއެވެ. ފައުޒިއްޔާ ކުޑަކޮށް ގޭތެރޭގެ ކަންކަން އޮންނަ ގޮތް އަހަރެންނަށް ކިޔައިދިނެވެ. އެގޭގެ ކަންކަން ކުރަނީ އޭނާއެވެ. އޭނާގެ ޅީދަރިންގެ ފަރާތުން އެހީއެއް ލިބޭ ވާހަކައެއް ނުބުނެއެވެ. ޅީދަރިންނަކީ ވަޒީފާ އަދާކުރާ، ޒަމާނީ ވިސްނުމުގެ ކުދިން ކަމުގައި ބުނިއިރު މޫނުމަތިން ފެނުނީ ފޫހިކަމެވެ. ފައުޒިއްޔާގެ ވާހަކަ ދެއްކުމުގެ ރާގު ހުރިގޮތުން އޭނާއަށް އޭނާގެ ޅީދަރިން ކަމުނުދާކަން އެނގެއެވެ. މިހުރިހާ ކަމަކުން އަހަރެންގެ ހިތުގައި އުފެދުނީ އިތުރު ބިރުވެރިކަމެކެވެ. އަހަރެންނަށް މިގޭގައި ކެތްވާނެބާއޭ ހިތަށް އެރިއެވެ.

އަހަރެންގެ ކޮޓަރިއަށް އަހަރެން ގެންގޮސްދިނީ ފައުޒިއްޔާއެވެ. ކޮޓަރިއަކީ ތަނަވަސް ކޮޓަރިއެކެވެ. ގޭތެރެއާއި ޚިލާފަށް ކޮޓަރިވަނީ ޒަމާނީ ގޮތަކަށް ހަދާފައެވެ. އަހަރެން ކޮޓަރިއަށް ދިޔައިރު ސައީދު އުޅެނީ ފާޚާނާގައެވެ. އަހަރެންގެ ފޮށި އެނދުކަރީގައި ހުއްޓާ ފެނުނެވެ. ފޮށި އެނދުމައްޗަށް ލައިގެން ހެދުމެއް ނެގުމުގައި އުޅެނިކޮށް ސައީދު ނިކުތެވެ. ތުވާލި ހަރުގައި އަޅުވާލުމަށްފަހު އައިސް އެނދުގައި އިށީންނެވެ. “އަހަރެންނަށް އެނގޭ ނައީ އަދި ވަރަށް ބީރައްޓެހިވާނެކަން. ނައީއަށް އަހަރެން އެނގިފައި އޮންނާނީ ވެރިއެއްގެ ގޮތަށް. ނައީ ބޭނުން ވަރަކަށް ނައީއަށް ވަގުތުދޭން އަހަރެން މިހުރީ ތައްޔާރަށް. ނައީގެ ނުރުހުމުގައި އަހަރެން އެއްވެސް ކަމެއް ނުކުރާނަން.” ސައީދުގެ ވާހަކަ ނިމުމުން އަހަރެން ބޯޖަހާލީމެވެ. ހެދުން ބަދަލުކޮށްގެން ނިކުތްއިރު ސައީދުއޮތީ ނިދިފައެވެ. ނޫނީ ނިދާ ކަމަށް ހެދިފައެވެ. މަޑުމަޑުން އަހަރެން އެނދުގެ އަނެއް ފަރާތުން އަރައި ވީހާވެސް އޭނާއާއި ދުރުގައި އޮށޯވެ ނިދޭތޯ ލޯމަރާލީމެވެ.

އެރޭ ގިނައިރު އަހަރެން އޮތީ ނުނިދިފައެވެ. ފަތިސް ނަމާދަށް ގޮވީވެސް އަހަރެން ހޭލާ އޮއްވައެވެ. ތެދުވެ ނަމާދުކޮށްގެން އަހަރެން ބޭރަށް ނިކުތީ ކޮންމެސް އެއްޗެއް ބޯލައިގެން ނިދަން ވަންނަން ހިތުލައިގެންނެވެ. ބަދިގެއަށް ވަތްއިރު ފައުޒިއްޔާ ރޮށި ފިހަންވެގެން ތައްޔާރުކޮށް އުޅެއެވެ. އެހިސާބުން ދެން ކޮޓަރިއަށް ވަނުމުގެ ޚިޔާލު ދޫކޮށްލީމެވެ. އޭނާ އާއި އެކު ބަދިގޭގެ މަސައްކަތުގައި އުޅެނިކޮށް ސައީދު އަހަރެން ހޯދަމުން އައެވެ. އޭނާގެ މަންމައާއި އެކު ހުއްޓައި ފެނުމުން ހިނިތުން ވެލާފައި އަނބުރާ ދަމުން އޮފީހަށް ނުދާ ވާހަކަ ބުނެލިއެވެ.

އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުން ފައުޒިއްޔާއަކީ ހިތްހެޔޮ މީހެއްކަން އެނގުނެވެ. އަހަރެމެންގެ ގުޅުން ބަދަހިވެގެން ދިޔައީ ހީވެސް ނުކުރާހައި ފަސޭހައިންނެވެ. މިކަން ވެގެން ދިޔައީ ބޭކާރު ޚިޔާލުތަކާއި އަހަރެން ދުރުކޮށްދިން ކަމަކަށެވެ. ފުރަތަމަ ފަހަރަށް ސައީދުއާއި ކައިވެނި ކުރުމަކީ އަހަރެންނަށް ކުރެވުނު ރަނގަޅު ކަމެއްކަމަށް އިހުސާސްވީ އެވަގުތުއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shafag

Level 110 Stories

Other Articles

Previous

ވާ ލޯބި އެނގޭ ނަމަ 20

Next

މާޒީ (ހަތްވަނަބައި)

Next
April 16, 2019

މާޒީ (ހަތްވަނަބައި)

Previews
April 16, 2019

ވާ ލޯބި އެނގޭ ނަމަ 20

3 Comments!

  1. Lara says:
    April 17, 2019 at 2:11 am

    Haadha haadha haadhaa kurey mi part

    1. Shafag says:
      April 17, 2019 at 7:15 am

      Sorry dear. Hama kuda thankolheh ekam kuruvaany aanmukoh up kuraa varah vure. Will try to make it longer next time. Thankyou for reading ❤

  2. jiji says:
    April 17, 2019 at 1:43 pm

    V salhi mi part vec ??..Sis alhe azaan maru v thr???..Next part avahah up kohdhehchey ingey…Waiting ?????❤❤

Comments are closed.

Next Episodeއިއުތިރާފް (7 ވަނަ ބައި)←


All Right Reserved!