“އެއީ އަހަރެންގެ ބޭބެ.” އަހަރެން އެހެން ބުނުމާއެކު އަޒާން ސިހިފައި އަހަރެންގެ މޫނަށް ބަލާލިއެވެ. “އަހަރެން ކުރިން މިވާހަކަ ކިޔައިނުދިނީ އަހަރެންގެ އެހާ ހިތްވަރު ނެތީމައި. އެކަމަކު މިހާރު އެއީ އަޒާންއަށް ވެސް އެނގެންޖެހޭނެ ވާހަކައެއް.” އަހަރެން ވާހަކަ ދައްކަމުން އެނދުމަތީގައި އިށީންނީ ފައި ތުރުތުރުލާން ފެށުމުންނެވެ.
“އަހަރެންގެ ބޭބެ ދުނިޔެއަކު ނެތް. ފޮޓޯ ފެނުނީމަވެސް އެނގޭނެކަން ނޭނގެ. އޭރު ޓީވީން ވަރަށް ގިނައިން ދައްކާނެ. ބޭބެ މަރާލާފައި އޮއްވާ ފެނުނީ އަހަރެންނަށް. މިގޭ…. މިގޭ ދޮރުމަތީގައި…..” އަހަރެންނަށް އިތުރަށް ވާހަކަ ނުދެއްކި ހުއްޓައިލި އިރު ގިސްލެވެނެ ފަށައިފިއެވެ. ބޭބެ ގެ ލެއިން ކަޅިވެފައިވާ ހަށިގަނޑު ސިފަވާންފެށިއެވެ. ހިތްވަރުކޮށްފައި ވާހަކަ ކުރިއަށް ގެންދިޔައީމެވެ. “އެރޭ ދަރުބާރުގޭގައިއޮތް އިވެންޓްއަކަށް ބޭބެ އަހަރެން ގެންގޮސްދިނީ. އެއީ ބޭބެ ދިރިހުއްޓައި ފެނުނު އެންމެ ފަހު ފަހަރު. ނިމިގެން ގުޅުމުން ބޭބެ ފޯނެއްވެސް ނުނެގި. ބައްޕައަށްވެސް ނުގުޅުނީމަ ކާރެއްގައި އައީ. ކާރު މަޑުކުރީ ތަންކޮޅެއް ދުރަށް. ހިނގާފައި މިހިސާބަށް އައި އިރު…. އައި އިރު ފެނުނީ…… މަރާލާފައި…………. ވަރަށް ވަރުކޮށްލާފައި އޮތީ. ފެނިފައި އަހަރެން ހޭނެތުނީ….. ފަހު ސަލާމެއްވެސް ނުކުރެވުނު. ހޭއެރިއިރު ވަޅުލައިފި…..” ރޮވޭ ވަރުން އަހަރެންނަށް ވާހަކަ ނުދެއްކިގެން ހުއްޓައިލުމުން އަޒާން އަހަރެންގެ ކައިރިއަށް އައިސް އަހަރެން ކޮނޑުގައި އަތް އަޅުވައިލަމުން އޭނާއާއި ގާތަށް ގެނައެވެ. “އެކަންތައް ކުރީ ކޮންބައެއްކަމެއް ފުލުހުންނަކަށް ނުހޯދުނު. ތުހުމަތުގައި ހައްޔަރު ކުރިދެމީހުންވެސް ދޫކޮށްލީ ހެކި ނުލިބުމުން. ޝައްކު ކުރެވޭ މީހަކުވެސް ނެތް. ބޭބެއާ މީހާކާ މައްސަލައެއް ޖެހިފައި އޮތްކަމެއް އެކަކަށްވެސް ނޭނގޭ. ބޭބެގެ ގާރލްފްރެންޑާ ހުރިހާ ފްރެންޑްސްވެސް ބުނަނީ އެކަކާވެސް މައްސަލައެއް ނުޖެހޭ ކަމަށް. އެކަހަލަ ވާހަކައެއްވެސް ނުދައްކާ ކަމަށް.” އަނެއްކާވެސް އަހަރެންނަށް ރޮވުނެވެ. “ހައްޔަރު ކުރިމީހުން ދޫކޮށްލުމުން ބައްޕަމެން އެހާވަރުން އިތުރަށް އެމައްސަލަ ބަލަން ނޫޅުނީ އަހަރެންގެ ހާލު ހުރިގޮތުން. ގާތިލުން ހޯދުމަށްވުރެ ބައްޕައަށް މުހިންމުވީ ދިރިހުރި ހަމައެކަނި ދަރިފުޅުގެ ސިއްޚަތު. އެކި ޗެނަލްތަކުންނާ ނޫސްތަކުން ގުޅުމުންވެސް ބައްޕަ އެއްވެސް މައުލޫމާތެއް، އިންޓަވިއުއެއް ދޭން ބޭނުންނުވީ އަހަރެންނަށް އެވާހަކަ ދެކެވޭ އަޑު އިތުރަށް އިއްވަން ބޭނުންނުވާތީ. ބައްޕަ މައުލޫމާތު ނުދިނުމުން ދެން ފެނުނީ ބޭބެއާއި ގޭންގުތަކާއި ގުޅުވައި އެމީހުން ހަދަހަދައިގެން ވާހަކަ ދައްކާތަން. ފަޔާޒް….” ފަޔާޒްގެ ނަން އަހަރެން ކިޔުމާއި އެކު އަޒާންގެ ހަށިގަނޑު ސީދާކޮށްލި ގޮތުން އަހަރެން ހާސްވިއެވެ. އެކަމަކު އެކަމަށް އެވަރަށް ސަމާލުކަން ނުދީ އަހަރެން ވާހަކަ ކުރިއަށް ގެންދަން ފެށީ، ވާހަކަ ހުއްޓައިލައިފިނަމަ ދެން ފަށާނެ ހިތްވަރު އަހަރެންނަށް ނުލިބިދާނެތީއެވެ. “ފަޔާޒް އަހަރެންނާއި ގުޅުން ކަނޑާލީ އެވާހަކަތައް ގަބޫލުކުރެވުނީމަ. އޭނާގެ އާއިލާ އެއްބަސް ނުވީ ގޭންގުތަކާއި ގުޅުން އޮތް އާއިލާއެއްގެ ކުއްޖަކާ ގުޅުން ބާއްވަން. އެކަން އަހަރެންނަށް އެނގުނީ މެލޭޝިއާއަށް ދިޔަ ފަހުން. ބޭބެގެ ގާރލްފްރެންޑް ވެސް އޭނާގެ ރަށަށް ބަދަލުވީ މާލޭގައި ހުރުމުން ބޭބެގެ ހަނދާންތައް އާވާތީ.
މިއީ އެހާ ހަލަބޮލި މަގެއް ނޫންވީމަ އެކަންތައް ފެނުނު މީހެއްވެސް ނެތް. ހުއްޓަސް މިޒަމާނު ކާކު ހެކިބަސް ދޭނީ. ބައެއް ފަހަރު ހިތަށް އަރާ ބައްޕަމެން އެކަންތައް ކުރި މީހުން ހޯދަން މަސައްކަތް ކުރިނަމައޭ.” މަޑުމަޑުން އަހަރެން ވާހަކަދެއްކީމެވެ. ވަރަށް ގިނައިރު އަޒާންގެ އަތުތެރޭގައި އޮވެ ރުއިމަށް ފަހު އަހަރެން ހަމައަކަށް އެޅުނެވެ. އަޒާން އެއްވެސް ވާހަކައެއް ނުދައްކާ އަހަރެންގެ ބުރަކަށީގައި ފިރުމަން އިނެވެ.
އިރުކޮޅެއްފަހުން އަހަރެންގެ ރުއިން ހުއްޓުމުން އަޒާން އަހަރެންގެ ކޮނޑުގައި ހިފައި ސީދާކޮށްލަމުން މޫނު ދޮވެލަން ދިޔުމަށް އެދުނެވެ. އަހަރެން މޫނު ދޮވެލައިގެން ނިކުތްއިރު އަޒާން އަހަރެންގެ އެނދުގައި އުއްޑުން އޮށޯވެގެން ބޮލުގައި ހިފަހައްޓައިގެން އޮތެވެ. ކުއްލިއަކަށް މިއެނގުނު ކަންތައްތަކުން އަޒާންއަށް އަސަރުކޮށްފައިވާކަން މިކަމުން އަހަރެންނަށް އެނގުނެވެ. މަންމަ ކޮޓަރިއަށް ވަނީ އެވަގުތުއެވެ. ދޮރު ހުޅުވުނު އަޑަށް އަޒާންވެސް ތެދުވެ އިށީންދެލިއެވެ. މަންމައަށް އަހަރެންގެ މޫނު ފެނުމާއެކު ހާސްކަމާއެކު ސުވާލުކުރީ އަޒާންއާއި ދެމީހުން މައްސަލައެއްޖެހުނީތޯއެވެ. އަހަރެން ދެފަރާތަށް ބޯހޫރާލަމުން އަޒާންއަށް ބޭބެގެ ވާހަކަ ކިޔައިދިނީކަމަށް ބުނީމެވެ. ބޭބެގެ ނަން ބުނުމާއެކު މަންމަގެ މޫނު މައްޗަށް ވެރިވި ހިތާމަވެރި އަސަރު އަޒާންއަށް ފެނުނުކަން އެނގުނީ އޭނާގެ ފެންކަޅިވެފައިވާ ދެލޯ ފެނިފައެވެ. އަހަރެންގެ އާއިލާގެ ހިތާމައިގައި އަޒާން ބައިވެރިވާކަން އެނގި އަހަރެންގެ ހިތުގައި އޭނާއަށް ދެވިފައިވީ އިހުތިރާމް އިތުރުވިއެވެ. މަންމަ މަޑުމަޑުން އެނދާއި ކުރިމަތިވާ ގޮތަށް ހުރި ސޯފާގައި އިށީންނެވެ. “ނިހާން މަރުވީއްސުރެ އަޒާން އާއި ދިމާވަންދެންވެސް ނައިރާ ހުރީ އެކަމުން އަރައިނުގަނެވިފަ. އަޒާން އަކީ މަންމަމެންގެ ނައިރާ މަންމަމެންނަށް އަނބުރާ ގެނައިސްދިން ފަރާތް. އެކަމަށް އަޒާންއަށް ޝުކުރު އަދާ ކުރާނެ ގޮތެއްވެސް މަންމައަކަށް ނޭނގެ.” މަންމަ ވާހަކަ ދެއްކިއިރު އަޑު ހުރީ ކުރެހިފައެވެ.
އެރޭ އަޒާން ގެއަށް ދިޔައިރުވެސް ހުރީ ބަސްމަދުވެފައެވެ. ގެއަށް ދާން ނުކުންނަމުން އަހަރެންގެ މޫނުގެ ދެފަރާތުގައި ހިފަހައްޓަމުން އަހަރެންގެ ނިތުގައި އަޒާން ބޮސްދިނެވެ. “ނައިރާ ދެން ނުރޮއްޗޭ. އަހަރެންގެ ހިތް ކުދިކުދި ވެދާނެ.” މަޑުމަޑުން އެހެން ބުނުމަށްފަހު އަޒާން ނިކުމެގެނެ ދިޔައީއެވެ.
އަޒާން ދިއުމުން ކޮޓަރިއަށް ވަދެ ބޭބެގެ ފޮޓޮލުގައި އަތްޖައްސާލުމަށްފަހު އައިސް އެނދުގައި އޮށޯވެލީމެވެ. އެހާ ގިނަދުވަސް ވަންދެން ހިތުގައި ފޮރުވައިގެން ހުރި ވާހަކަތައް މީހަކާ ހިއްސާ ކުރެވުމުން ހިތާއި ސިކުނޑިއަށް ލިބުނު އަރާމެއްގެ ބޮޑުކަމުން އެރޭ އެހެން ރޭރެއަށްވުރެ ފަސޭހައިން އަހަރެންނަށް ނިދުނެވެ.
ދެއާއިލާއަށްވެސް އެއްބަސް ވެވުނީ ވީއެންމެ އަވަހަކަށް ކައިވެނި ކުރުމަށެވެ. އެހެންކަމުން ޖެހިގެން އައި ދުވަހުން ފެށިގެން ކައިވެނީގެ ތައްޔާރީތައް ދެގޭގައިވެސް ފެށިގެން ދިޔައެވެ. ކައިވެނީގެ ހަފްލާ ބާއްވަން ހަމަޖެހުނީ ދަރުބާރުގޭގައެވެ. އަހަރެންނާއި އަޒާން ކައިވެނީގެ ފަހުން އުޅެން ނިންމީ އަޒާންގެ ގޭގައެވެ. އަޒާންއާއި އަހަރެން އޮފީހުން ޗުއްޓީ ނެގީ ތައްޔާރީތަކަށް ވަގުތު ހުސްކުރުމަށްޓަކައެވެ.
ކައިވެންޏަށް ދެދުވަހަށް ވީއިރު އަޒާންގެ ފަރާތުން އަހަރެންނަށް ބަދަލުތަކެއް ފާހަގަވާން ފެށިއެވެ. އަހަރެންގެ ކައިވެނި ހެދުން ހެޔޮވަރުކުރަން ދިޔަ ދުވަހުވެސް އަޒާންގެ ފަރާތުން ފެނުނީ ތަފާތު ކަންތައްތަކެކެވެ. އެދުވަހު އަޒާން އަހަރެމެންނާ އެކު ދާން އެއްބަސްވީ އޭނަގެ މަންމަ ވަރަށްއާދޭސް ކުރުމުންނެވެ. ހެދުން ލައިގެން އައިސް ލޯގަނޑު ކުރިމަތީގައި އަހަރެން ހުއްޓި ހުރިއިރު ލޯގަނޑުން ފަހަތުގައި އިން އަޒާން އަހަރެންނަށް ފެނެއެވެ. ގިނަ ވަގުތު އޭނާ އިނީ އިސްދަށަށް ޖަހައިގެންނެވެ. އަހަރެންނަށް އޭނާ އެއްވެސް ސަމާލުކަމެއް ނުދެއެވެ. އެހެންނާ އަހަރެންނަށް ތައުރީފު ކުރުމުގައި ކިތަންމެ ކުޑަ ފުރުސަތެއްވެސް އަޒާން ދޫކޮށެއްނުލާނެއެވެ. މިކަމުން އަހަރެންނަށް ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް ވާންފެށިއެވެ. އެތަނުން ނިކުމެ ގެއަށް ދިޔުމަށް ކާރަށް އެރިއިރުވެސް އަހަރެން އިނީ އެކަމާ ވިސްނާށެވެ. އިތުރަށް އަހަރެންނަށް އުނދަގޫ ވާންފެށީ އަޒާން އޭނާގެ މަންމަ ގާތުގައި ކޮންމެސް ވާހަކައެއް ދެއްކުމަށްފަހު ޓެކްސީއެއްގައި ދިޔަތަން ފެނިފައެވެ. އަޒާންގެ މަންމަ ކާރަށް އެރުމުން އަހަރެން ގަދަކަމުން ހިނތުންވެލީ އަހަރެންގެ ހިތުގައި ހިނގަމުން ދިޔަ ޚިޔާލުތައް އޭނާއަށް އަންގަން ބޭނުން ނުވާތީއެވެ. ކާރު ދުއްވާލުމުން އަޒާންގެ މަންމަ ވާހަކަ ދައްކަން ފެށިއެވެ. “އަޒާން ވަރަށް ބަދަލުވެއްޖެ ދޯ؟ އެކަމާ ނައިރާ އެބަ ވިސްނާކަން މަންމައަށް އެނގޭ.” ހައިރާންވެފައި އަހަރެންނަށް އަޒާންގެ މަންމަގެ މޫނަށް ބަލައިލެވުނީ އެހާވަރުން ސިއްރުކުރަން އުޅުނު ކަންތައް އެހާ ފަސޭހައިން އޭނާއަށް އެނގުނީމައެވެ. އެމީހުން އަހަރެންނަށް ކަމެއް ސިއްރު ކުރަނީތޯ ސުވާލުއެފެދުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


Me first dhw..will comment After reading..
In Sha Allah?
❤❤
Masha allah vvvvv reethi mi part ves… Keep up the good work dear..btw,When next part?
Thankyou Kitty ❤ tomorrow In sha Allah.
Vedhaane dhw azaan ge gey meehakah e fayaax vefa ethamaa hithaama kurany kamah vec..dhn neyge…Waiting..miadhu up kohdheynan dhw In Sha Allah?????❤❤