Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިއުތިރާފް

Shafag Level 110 Stories
March 28, 2019 3 Mins Read
4 Comments

ފުރާވަރުގެ ދުވަސްތަކުގައި ދިމާވާ ކުދިކުދި ކަންތައްތަކާ ވަރަށް ފަސޭހައިން ދިރިއުޅުން މަތިން ފޫހިވެއްޖޭ ބުނާ ހަނދާން އަދިވެސް އަހަރެން އެބަހުއްޓެވެ. ހަގީގަތުގައި ދިރިއުޅުން މަތިން ފޫހިވުމަކީ ކޮބައިކަން އިހުސާސްމިވަނީ މިހާރުއެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. ކާހިތެއް ނުވެއެވެ. ނިދުމަކީ އަހަންނަށް ކުރަން އެންމެ އުނދަގޫ ކަންތަކެވެ. މިހުރިހާ ދައްޗަކާ އެކުވެސް ދިރިއުޅެވޭތޯ މަސައްކަތް މިކުރަނީ މަންމަމެންނަށްޓަކައެވެ. އެމީހުން ހިތްހަމަ ޖެއްސުމަށް މަސްނޫއީ ހިނިތުންވުމެއް މޫނުމަތީގައި ކުރަހައިގެންހުރެ ކޮންމެ ދުވަހަކު އަހަރެންގެ އަމިއްލަ ނަފްސާއި ކުރަމުން މިދާ ހަނގުރާމަ އެނގޭނީ ހަމަ އަހަންނަށެވެ. ބިރުގަންނަނީ މިހަނގުރާމައިގައި އަހަރެން ވަރުބަލިވެ، ބަލިކަށިވެ ހަގީގަތް އެމީހުންނަށް ހާމަވެދާނެތީއެވެ.

އަހަރެންގެ އާއިލާއަކީ މުއްސަނދި އާއިލާއެއްނޫނަސް އަހަރެމެން ދިރިއުޅެނީ ފުދިގެންނެވެ. ބައްޕައަކީ މާލޭ މީހަކަށް ވިޔަސް ކާފަގެ ގޯއްޗަކީ ކުޑަ ގޯއްޗެއްކަމުން ގެބަހައިގެން ކާފަގެ ކޮންމެ ކުއްޖަކަށް ލިބުނީ އެޕާޓްމެންޓެކެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެއް ހުރި ތަނެއް ކަމުން އަހަރެމެންގެ އާއިލާއަށް ހަމަޖެހިގެން އެތާނގައި އުޅެވޭވަރުވެއެވެ. އަހަރެންނާއި ބޭބެއަށް ވަކި ދެކޮޓަރި ހުރެއެވެ. ދެން ހުންނަ ކޮޓަރީގައި އުޅެނީ މަންމަމެންނެވެ. ބައްޕަ އާއި ބޭބެ އާއި އަހަރެން ވަޒީފާއަށް ދާތީ އެއްވެސް ދަތިކަމެއް ނެތި އުޅެވެއެވެ. ދިރިއުޅުން ހުއްޓުމަކަށްއައީ މުޅި އާއިލާއަށް ސިހުން ގެނުވި ހާދިސާއަކާއެކުއެވެ.

ލޯބިވާ މީހަކު ގެއްލުމަކީ ކިހާ ވޭންހުރި ކަމެއްކަން އަހަރެންވަނީ ތަޖުރިބާ ކޮށްފައެވެ. އަހަރެންގެ ބޭބެ މަރުވީ އަހަރެންގެ އުމުރުން 25 އަހަރުގައެވެ.  ބޭބެއަކީ މަޖާ މިޒާޖެއްގެ މީހެއްކަމުން ބޭބެގެ މަރު ވެގެންދިޔައީ ގޭތެރޭގެ ދިރުން ގެއްލި އެންމެން ހަމަހިމޭން ކުރުވި ކަމަކަށެވެ. އެކަމުގެ ހިތާމަ އަދިވެސް އަހަރެންގެ ހިތުން ފިލައިގެން ނުދެއެވެ. ވަޒީފާއާއި ދިރިއުޅުމުގެ އެހެން ހުރިހާ ކަމަކުން ދުރުވެ ފުރިހަމަ އެއް އަހަރު އަހަރެން ހުރީމެވެ. ނަފްސާނީ ޑޮކްޓަރެއްގެ އެހީ ހޯދަން ޖެހުނެވެ. އަހަރެންގެ އަމިއްލަ ފަސްގަނޑު ދޫކޮށް މެލޭޝިއާއަށް ބަދަލުވީމެވެ. ކުރީގެ ދިރިއުޅުމަށް އެނބުރި އަންނަން މަޖުބޫރުވީ އަހަރެންގެ ސަބަބުން މަންމަ ބަލިވާންފެށުމުންނެވެ. ކުރިންވެސް މަސައްކަތް ކުރި އޮފީހުން ވަޒީފާ ލިބުމުން ވަޒީފާއަށް ދާންފެށީ ގޭގައި މަޑުކޮށްފިނަމަ ބޭކާރު ޚިޔާލުތައް ގިނަވާނެތީއެވެ.

އޮފީހަށް ދާން ތައްޔާރުވާން ލޯގަނޑު ކުރިމަތީގައި ހުރިއިރު ފަރުވަތެރިކަމާއެކު އަމިއްލަ ސޫރައަށް ބަލައިލީމެވެ. އެހިތާމެރި ހާދިސާއަށް ތިން އަހަރު ވެފައިވީނަމަވެސް ފަރުވާވެ ބަލާލުމުން އަހަރެންގެ މޫނުމަތިން އަދިވެސް އަހަރެންނަކީ ބޮޑު ހިތާމައެއް ކުރާ މީހެއްކަން އެނގޭނެ ކިތަންމެ ނިޝާނެއް ފެންނަން ހުއްޓެވެ. ލޯ ކައިރި ކަޅުވެފައި ހުރިއިރު، ލޯ ހުރީ ވަޅުވަދެފައެވެ. މޫނުވަނީ މިލާފައެވެ. އަހަރެންގެ ހާލު މާ ގޯސްވި ރެއެއްގައި އިސްތަށިގަނޑުގެ އެކި ތަންތަނުން ކޮށާލުމުން، އެއްވަރު ކުރަން ކުރުކޮށް ކޮށާލި ގޮތަށް މިހާރު އަބަދުވެސް އޮންނަނީ ކުރުކޮށް ކޮށާފައެވެ. ރީތިވެލައިގެން ކޮޓަރިން ނުކުތްއިރު މަންމަ ސައި ތައްޔާރުކޮށްގެން އިންތިޒާރުގައި އިނެވެ. ސައި ބޮއިގެން އޮފީހަށް ދިޔައީ ކުރަންހުރި މަސައްކަތްތަކާމެދު ވިސްނަމުންނެވެ.

އޮފީހަށް ވަދެ ހަމަޖެހިލިއިރަށް ސައީދު ބުނެގެން އަހަރެން ބަލައި މީހާކު އައެވެ. ސައީދުއަކީ އޮފީހުގެ ވެރިމީހާއެވެ. “ނައީ!” އަހަރެން ފެނުމާއެކު ސައީދު ގޮވައިލީ އަތުގެ އިޝާރާތުން އިށީންނާށޭ ބުނަމުންނެވެ. “މިއަދު އާކުއްޖަކު އަންނާނެ. ކުރިންވެސް އާކުދިން ތަމްރީނު ކުރުމާ ހަވާލުވަނީ ނައީ. މިދިޔަ ދުވަސްތަކުގައި ނައީ ބްރޭކެއް ބޭނުންވެފަ ހުރީމަ އެހެން ކުއްޖަކާ ހަވާލުކުރަނީ. އެކަމަކު މިހާރު އަހަރެންނަށް ހީވަނީ ނައީ ރެޑީހެން.” ސައީދުގެ ވާހަކަ ނިންމާލާފައި އަހަރެންނަށް ބަލަން އިނީ ޖަވާބެއްގެ އިންތިޒާރުގައެވެ. ސައީދު ދެއްކީ ރަނގަޅު ވާހަކައެއްކަމަށް އަހަރެންނަށް ގަބޫލު ކުރެވުނެވެ. “އޯކޭ ސަރ. އަޅުގަނޑު ރެޑީ.”

ކުޑައިރުކޮޅެއް ފަހުން ކެބިންގެ ދޮރުގައި ޓަކިޖަހާލުމަށްފަހު އެތެރެއަށް ވަދެގެން އައީ އަހަރެން ދުވަހަކުވެސް ނުދެކޭ މީހެކެވެ. ބޮލުގެ އިސްތަށިގަނޑު ކުރުކޮށް ކޮށާފައި ހުރިއިރު ތުނބުޅިވެސް ހުރީ ތުނިކޮށް ކޮށާފައެވެ. މަޑުނޫކުލައިގެ ގަމީހަކާއި އެކު ކަޅުކުލައިގެ ފަޓުލޫނެއްގައި ހުރިއިރު އަޅާފައިހުރީ ކަޅުކުލައިގެ ޓައީއެކެވެ. އެތެރެއަށް ވަނުމަށްފަހު މޫނުމައްޗަށް އެވެރިކޮށްލި ހިނިތުންވުން އަހަރެންނަށް ވަރަށް ފާހަގަ ކުރެވުނެވެ. ދެން އަހަރެންނަށް އެންމެ ފާހަގަ ކުރެވުނީ ނިތްކުރީގައި ހުރި ބޮޑު ލަކުނެކެވެ. “އަޒާން. ވެލްކަމް. މިއިންނެވީ ނައިރާ. ނައިރާ މިއީ އަޒާން.” ސައީދު ކުރު ތައާރަފެއް ދިނުމުން އަހަރެން ތެދުވެ އަޒާން އާއި ސަލާމް ކޮށްލުމަށްފަހު ސައީދުގެ ހުއްދައާއި އެކު އަޒާން ގޮވައިގެން ބޭރަށް ނުކުމެ އޮފީހުގެ ކަންކަން ކުޑަކޮށް އޭނާއަށް ކިޔައިދީ އޮފީހުގެ އެހެން މީހުންނަށް އޭނާ ތައާރަފްކޮށްދިނީމެވެ.

އަޒާންގެ ވޯކްސްޓޭޝަން ހުރީ އަހަރެންގެ ވޯކްސްޓޭޝަން އާއި ޖެހިގެންނެވެ. އޭނާއަށް ފުރަތަމަ ކުޑަ މަސައްކަތެއް ހަވާލުކުރުމުގެ ގޮތުން އަހަރެން ހަވާލުކުރީ އޮފީހަށް ލިބިފައިއޮތް ސިޓީއެއްގެ ޖަވާބު ލިޔާށެވެ. ކުޑަކޮށް މަސައްކަތް ކިޔައިދިނުމަށްފަހު އަހަރެންގެ އަމިއްލަ މަސައްކަތްތައް ކުރަން ފެށީމެވެ. ކުޑައިރުކޮޅަކުން އަހަރެން ބަލައިލިއިރުވެސް އަޒާން މަސައްކަތެއް ނުފަށައެވެ. ކިހިނެއްތޯ ވީ އަހާލުމުން ކުޑަކޮށް މޫނަށް ވައްތަރެއް ޖައްސާލަމުން ދިވެހި ޓައިޕް ކުރަން ނޭނގޭ ވާހަކަ ބުންޏެވެ. އަހަރެން ލޯބޮޑުކޮށްލުމުން އޭނާ ހާސްވިތަން ފެނުނެވެ. “މިބުނީ ވަރަށް ނުފަރިތަވާނެ. އެހެންވެ ފުރަތަމަ ހުރިހާ އަކުރުތައް ލިޔެވޭ ގޮތްގޮތް މިބަލަނީ.” ވަރަށް ހާސްވެފައި އިނދެ އޭނާ ބުންޏެވެ. “ސޮރީ. އަހަރެން މަސައްކަތައް ވަރަށް އާވާނެ. ބޭރުން ކިޔެވީމަ ދިވެހި ޓައިޕް ކުރަން އުނދަގޫވަނީ. އެކަމަކު އަހަރެންނަކީ ވަރަށް އަވަހަށް ކަންކަން ދަސްކުރާ މީހެއް.” އަހަރެން އެއްޗެކޭ ނުބުނުމުން އަނެއްކާވެސް އޭނާ ބުންޏެވެ. “އިޓްސް އޯކޭ.” އަހަރެން ކުޑަކޮށް ހިނިތުން ވެލަމުން ބުނީމެވެ.

އަޒާން ބުނީ ތެދެކެވެ. އޭނާ މަސައްކަތްތަކަށް ވަރަށް އަލެވެ. ގިނަ ކަންކަން ނޭނގެއެވެ. އެކަމަކު ކިޔައިދިނުމުން ވަރަށް އަވަހަށް ކަންކަން ދަސްކުރެއެވެ. ފުރަތަމަ ދުވަހު މަޑުމަޑުން އިނަސް ގިނަ ދުވަސްވީ ވަރަކަށް އަޒާންއަކީ މަޖާ މިޒާޖެއްގެ މީހެއްކަން އަހަރެންނަށް އެނގުނެވެ. މީހުން ހެއްވުމަކީ އޭނާއަށް އުނދަގޫ ކަމެއްނޫނެވެ. އޭނާއާއި އެކު ގިނަ ކަންތައްތަކެއްގައި އުޅުމުގެ ސަބަބުން އަހަރެމެންގެ އެކުވެރިކަން ބަދަހިވެ ރައްޓެހިންނަށް ވާކަށް މާގިނަ ދުވަހެއް ނުނެގިއެވެ.

އޮފީހުގެ އަހަރީ ދުވަހަށް ތައްޔާރުވުމަށްޓަކައި އެކި މަސައްކަތްތައް ހަވާލުކުރިއިރު އަހަރެންނާއި އަޒާންއަށް ލިބުނީ އޮފީހުގެ ތައާރަފެއް ދައްކުވައިދޭ ޕްރެސެންޓޭޝަން އެއް ތައްޔާރުކުރުމުގެ މަސައްކަތެވެ. މިމަސައްކަތުގައި ވަރަށް އަވަދިނެތި އުޅުމަށްފަހު އަޒާންގެ އެދުމުގެ މަތިން މެންދުރުގެ ކެއުމަށް ރެސްޓޯރަންޓަކަށް ދިޔައީމެވެ. އެތަނަށް ވަދެ މޭޒެއްގެ ކައިރީގައި އިށީނދެ އޯޑަރު ދިނުމަށްފަހު އަޒާން ކޮންމެވެސް މީހަކަށް ގުޅައިގެން ވާހަކަ ދައްކަން ފެށުމުން އަހަރެން ވަށައިގެން ބަލައިލީމެވެ. އަހަރެންގެ ސަމާލުކަން އަތުލީ ކަނެއްގައި ހުރި މޭޒެއްގެ ކައިރީގައި ކުޑަކުއްޖަކު އުނގަށްލައިގެން އިން އަންހެނެކެވެ. ކުއްޖާ ރޯތީ އޭނާ ހުއްޓުވޭތޯ މަސައްކަތް ކުރަމުން އަތުގައި އޮތް ބުއްފުޅިން އޭނާއަށް ދެވޭތޯ ބަލަމުން އިރުއިރުކޮޅުން ރެސްޓޯރެންޓަށް ވަންނަ ދޮރާއި ދިމާލަށް ބަލާގޮތުން އެއިނީ މީހެއްގެ އިންތިޒާރުގައިކަން އެނގެއެވެ. ކުޑައިރުކޮޅަކުން ފިރިހެނަކު ބާރު ހިނގުމެއްގައި އައިސް އޭނާގެ ކައިރިއަށް ހުއްޓުނެވެ. އަންހެން މީހާ ނުރުހިފައި އިނދެ ކޮންމެސް އެއްޗެއް ބުނުމުން ފިރިހެންމީހާ ކުއްޖާ އުރާލިއެވެ.

“ކޯޗެއްތަ ތިބަލަނީ؟” އަޒާން ފޯނު ބޭއްވުމަށްފަހު އަހަރެން މާގަޔާވެފައި އެހެން ދިމާއެއް ބަލާތީ އަހާލިއެވެ. “ދަންނަ ބައެއްތަ؟” އަހަރެންގެ ނަޒަރު ހުރި ދިމާ ބަލާލުމަށްފަހު އަޒާން ސުވާލުކޮށްލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އަހަރެން ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އަތުގެ އިޝާރާތުން އެއީ ކޮންބައެއްތޯ އަޒާން ސުވާލުކުރިއެވެ. “މައި އެކްސް. އޭނާގެ އަންހެނުންނާ ދަރިފުޅު.” އިސްޖަހާލަމުން މަޑުމަޑުން އަހަރެން ބުނީމެވެ. އަޒާން ހައިރާންވިކަން އޭނާ ހަރަކާތްކުރިގޮތުން އަހަރެންނަށް އެނގުނެވެ.

“ނައިރާ.” ފަޔާޒްގެ އަޑު އިވުމުން ސިހިފައި އަހަރެން ބަލާލީމެވެ. “ފަޔާ. ކިހިނެއް؟” އޭނާ އަހަރެންގެ ފުރިހަމަ ނަން ބޭނުންކުރި ނަމަވެސް އަހަރެންނަށް އޭނާގެ ފުރިހަމަ ނަމުން ގޮވުމުގެ ހިތްވަރެއް ނުލިބުނެވެ. “ރަނގަޅު. ނައިރާ ކިހިނެއް؟” “ރަނގަޅު.” އޭނާ އަޒާންއަށް ބަލައިލީ ތައާރަފަކަށް ބޭނުންވެފައި ހުރެއެވެ. “މީ އަޒާން. މައި ބޯއިފްރެންޑް.”

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shafag

Level 110 Stories

Other Articles

Previous

ބުނެދޭށޭ ރުހެމޭ 10

Next

ނޭނގި ޔާރު ވަކިވީހޭ….6

Next
March 28, 2019

ނޭނގި ޔާރު ވަކިވީހޭ….6

Previews
March 27, 2019

ބުނެދޭށޭ ރުހެމޭ 10

4 Comments!

  1. jiji says:
    March 28, 2019 at 8:03 pm

    Waiting for the next..bt kudakoh olhun araaa nge mi prt..vedhaane jiji ah kiyun gothakun kamah vec??❤❤?..

    1. itsme says:
      March 28, 2019 at 8:20 pm

      Hi jiji. Hoping your confusions will be cleared in the coming parts. Thank you for reading. ❤

    2. jiji says:
      March 29, 2019 at 9:26 am

      Heii mihaaru kudakoh get vejje..curiously waiting for the next nge❤❤????

  2. Shala says:
    April 6, 2019 at 3:17 am

    Wow… this looks interesting???

Comments are closed.

Next Episodeއިއުތިރާފް (ދެވަނަ ބައި)←


All Right Reserved!