Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދެގަޑި ތިރީސް – 14

naina Level 110 Stories
December 18, 2018 5 Mins Read
11 Comments

“ދޮންމުހައްމަދު ބޭރަށް ދަމައިގަނެގެން ގެންދިޔަ ދިމާލެއް ނޭންގެ. އަހަންނަށް ވަގިތުން އިނގިއްޖެ ދޮންމުހައްމަދުގެ ކިޔެވެލީގެ ބާރު ކެނޑުނީކަން. އަހަރެން އެންމެ ފުރަތަމަވެސް ބޭނުންވީ މިކޮޓަރިއަށް ދަރިފުޅުމެންކައިރިއަށް އަންނަން. އެކަމު އަހަންނަށް އެއްވެސް ކަމެއް ކުރެވުމުގެ ކުރިން ބޭރުގަ ތިބި ޖިންނީންތައް އެތެރެއަށް ދެމެން ފެށި. އަހަރެން ފަހަތަށް ޖެހެމުން އަޑުހަރުކޮށް ކިޔަވަން ފެށިން. އެކަމު އަހަރެންގެ ކިޔެވެލީގެވެސް ބާރު ކެނޑެމުންދާހެން ހީވާން ފެށި. އެވަގުތު ހިތަށް އެރި މީއަހަރުމެން އެންމެންގެ ފަހު ދުވަހޭ. ޝަހާދަތްވެސް ކިޔާލެވުނު. އެކަމު ކުއްލިއަކަށް ޒަކޯއީ އަހަރެންގެ ކުރިމައްޗަށް އެރި. މުޅިތަން އެއްކޮށް ދިއްލިގެން ދިޔަ. އަހަންނަށް އިވުނު އޭނަ ގޮވާލި އަޑު ޒާހިޔާ ކައިރިއަށް ދާށެ. އަހަރެން ލޯކުޑަކޮށްގެން ޒާހިޔާ އޮތް ދިމާލަށް މަޑުމަޑުން ދިޔައިން. ކޮޓަރި ތެރޭ ގުގުމާލާފަ އޮތީ ހަޅޭކުގެ އަޑު. ވާނުވާއެއް އަހަންނަކަށް ނޭންގެ. އަހަރެން ޒާހިޔާ ކައިރިޔަށް ގޮސް އޭނަގައިގަ ބައްދައިގެނެގެން އޮވެ ކިޔަވަން ފެށި. އަނެއްކާވެސް ޒަކޯއީ އަހަރުމެން ކައިރިޔައަށް އައިސް އަހަރުން ދެމީހުންގެ އިނގިލީގަ އަނގޮޓިއެއް އެޅުވި. އެކަމު އެއްވެސް އެއްޗެއް  ނުބުނެ އޭނަ އަނެއްކާވެސް އެއަލިގަނޑު ތެރެއަށް ފޭދުނު. ވާއެއް ނުވާއެއް ނޭންގެ. އަހަރެން ކިޔެވެލި ކިޔެވުން ހުއްޓައެއް ނުލަން. މީހާ އޮތީ ބިރުން ފިތްކަނޑައިގެން ދާވަރުވެފަ. އަހަރެން ހިތަށް އެރި އެވަގުތު މިތިބީ ހާމައަށެ، ކީއްވެބާއޭ އެއްވެސް ޖިންނިއެއް އަހަރުމެންނަށް ހަމަލާ ދޭން މަސައްކަތް ނުކުރަނީ”

އާދަނު ވާހަކަ މެދުކަނޑާލާފައި އޭނަގެ އަތުގައި އޮތް އަނގޮޓިއަށް ބަލާލިއެވެ.

“މިހާރު އިނގިއްޖެ ކީއްވެކަން.”

އާދަނުގެ ވާހަކަ އަޑުއަހަން އަނގަހުޅުވިފަ ޒާހިޔާ އާއި ނާޝިދާ ތިއްބެވެ. ބުނާނެ އެއްޗެއް އެމީހުންނަކަށް ނުވިސްނުނެވެ.

“އަހަރެންނަށް އެހެން އޮވެވުނީ ކިހާ އިރަކު ކަމެއް ނޭންގެ. ކޮޓަރި ތެރެ އަޑުގަދަވަމުންގޮސް ކަންފަތަށް ކެތްނުވާވަރުވި. ދެން ހަމަ ކުއްލިއަކަށް އަޑު ކެނޑުނީ. އެވަރުންވެސް އަހަރެން ލޯނުހުޅުވަން. ޒާހިޔާގައިގަ ބާރަށް ބައްދައިގަނެގެން އޮތީ. ދެން އަހަންނަށް އިވުނީ ޒަކޯއީގެ އަޑު. އޭނަ ދާންޖެހޭ ވަގުތު އައިސްފިކަން ބުނި. އަދި އަހަރުމުންގެ އާއިލާއަށް މިވަގުތަށް އެއްވެސް ނުރައްކަލެއް ނާންނާނެކަމަށް ބުނި. އަދި ޔޫއާން ސަލާމަތް ކުރަން ދަރިފުޅަށް އެހީވުމަށްވެސް އެދުނު. އަހަރެން ލޯހުޅުވާ ބަލާލިއިރު އެއްވެސް މީހެއް ނެތް. ހިނގައިދިއަ އެއްވެސް ކަމެއްގެ އަލާމާތެއް ނިޝާނެއްވެސް ކޮޓަރި ތެރޭ ނެތް. އެވަގުތު އަވަހަށް ތެދުވެ ޒާހިޔާ ހޭއެރުވޭތޯ ބެލީ. ޒާހިޔާ ހޭއެރުމާއި އެކު ނާއިލްއަށް ގޮވަން ފެށި. އަހަރެން އޭނަ ހަމަޖައްސައިގެން މިކޮޓަރިއަށް ގޮވައިގެން އަވަހަށް އައީ.”

ޒާހިޔާ ގިސްލާފަ ރޯން ފެށިއެވެ. ނާޝިދާ އޭނަ މަންމަ ގައިގަ ބައްދާލިއެވެ. އޭނަގެ ލޮލުންވެސް ކަރުނަ ނުހިފެހެއްޓެއެވެ.

“ދޮންމުހައްމަދުބެއަށް ފެނުނީ ރީނާ ދައްތަތަ؟” ނާޝިދާ ކުއްލިއަކަށް ސުވާލުކޮށްލިއެވެ.

އާދަނު ބޯޖަހާލިއެވެ.

“ރީނާ ފެނުނީމަ އޭނައަށް އެހެންވާނީ. ރީނާ ގެއްލުނުތާ ފަސްއަހަރުވީ އެކަމު އަދިވެސް ދޮންމުހައްމަދު އޭނަ ހޯދުން ހުއްޓައެއް ނުލާ. އަހަންނަށް ހީވަނީ ބޭރުގަ ތިބި ޝައިޠޯނުން އޭނައަށް ރީނާގެ ސިފަ ޖެހިފަ ހުރި ޖިންނިއެއް ދެއްކީހެން. ރީނާ ފެނުނީމަ އޭނަ ބަލިކަށިވީ. އެހެންނޫންނަމަ އެހާފަސޭހައިން އޭނަ ބައްޔެއް ނުކުރެވޭނެ.”

“އަހަރުމެން ދެން ކިހިނެއް ހަދާނީ؟ އަދިވެސް މިކަމުން ސަލާމަތެއް ނުވެވެއެއްނު؟” ޒާހިޔާ މަޑުމަޑުން އަހާލިއެވެ.

އާދަނު ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި އޭނަ އަތުގަ އިން އަނގޮޓިއަށް ބަލައިލިއެވެ.

“ﷲ ގެ އިރާދަފުޅުން މިވަގުތު އަހަރުމެން މިތިބީ ރައްކަލުގަ. އެކަމުމީ ވަގުތީ ހައްލެއް.”

ބަންގީގެ އަޑަށް ތިންމީހުން ސިއްސައިގެން ދިޔައެވެ. ގޭތެރެ އަމާންވެއްޖެކަމުގެ އިޙްސާސްވެ ތިން މީހުންގެ ހިތަށްވެސް ހިތްހަމަޖެހުން ވެރިވެގެން ދިޔައެވެ. އެއްވެސް ވާހަކަ ދެއްކުމެއް ނެތި ތިންމީހުން އެކު އެކީ ނަމާދުކުރުމަށް އަވަސް ވެގަތެވެ.

އަރައިގެން އައި އިރާއިއެކު ރަށުތެރޭގައި އެރޭ ކަންތައްގަނޑެއް ހިނގައިދިޔަ ކަމުގެ ވާހަކަތައް މީހުންގެ ތުންތުން މަތިން އިވެންފެށިއެވެ. ދަންވަރު ބޭރަށް ނިކުމެ އުޅުނު މީހުންނަށް އާދަނުމެންގޭ ކައިރިން އަލިގުޅަތަކާއި ހިޔަނިތަކެއް ފެނުނު ވާހަކަ ފެތުރެންފެށިއެވެ. އަދި ވަކި ހިސާބަކަށް ދާތަނުން މަގުމަތިއެޅުމާއި ތަނެއްދޮރެއް ނުފެންނަވަރަށް ދުންފެތުރިފައިވާ ވާހަކައެވެ. ނާޝިދާގެ އާއިލާ އާއި ދޮންމުހައްމަދުބޭގެ އާއިލާ ފިޔަވާ ރަށުގެ އެހެން އެއްވެސް ރައްޔިތަކަށް ކަންހިނގައިދިޔަގޮތުގެ ހަޤީޤަތެއް ނޭންގެއެވެ. ފަތިސް ނަމާދުން ފައިބައިގެން އާދަނު އެންމެ ފުރަތަމަވެސް މިސްރާބުޖެހީ ދޮންމުހައްމަދުބެ ގެއަށެވެ. އޭނަގެ އާއިލާގައި މިވަގުތު ތިބީ އޭނަގެ އެންމެ ދޮށީ ފިރިހެން ކުއްޖާ ރައިހާން އާއި އޭނަގެ އަންހެނުން އަދި ހަގަށް ތިބޭ ދެއަންހެކުދިން ރީޝާ އާއި ރަނާއެވެ. ދޮންމުހައްމަދުބެއަށް ދިމާވި ކަންތައް ކިޔައިދެމުން ދިއައިރު އާދަނުގެ ލޮލުން ކަރުނަ ހިލެއެވެ. އޭނަގެ ވާހަކަ އަޑުއަހަން ތިންކުދިންވެސް ތިބީ އެއްޗެއްބުނަން ނޭންގިފައެވެ. އެންމެ ހަގު ރަނާ އަށް ރޮވެން ފެށުމުން ރައިހާން ގެ އަންހެނުން އޭނަ ގޮވައިގެން އެތެރެއަށް ވަނެވެ. އާދަނުގެ ވާހަކަ ނިމުމުން ރައިހާން އައިސް އާދަނު ގައިގަ ބައްދައިގަތެވެ. ދޮންމުހައްމަދުބެ ގެއްލުމުން އެމީހުންނާ އެއްވަރަށް އާދަނަށް ވެސް އަސަރު ކުރާނެވަރު ރައިހާން އަށް އިޙްސާސް ކުރެވެއެވެ.

“ކޮޔާ ހާސްނުވާތި، ބޭބެއަށް އިތުބާރު ކުރޭ. ﷲގެ އިރާދަފުޅުން ދަރިފުޅުގެ ބައްޕަ ހޯދައިގެން ގެންނާނަން.” ރައިހާން ގައިގާ ބާރަށް ބައްދާލަމުން އާދަނު ބުނެލިއެވެ. ރައިހާން ބޯޖަހާލިކަން އޭނައަށް އިހްސާސްވިއެވެ. އޭނަ ކުޑަކޮށް ރައިހާން ދުރުކޮށްލާފައި އޭނައާއި ދިމާލަށް ބަލާލިއެވެ.

“މީބޭބެގެ ސަބަބުން ދިމާވިކަމެއް. ބޭބެއަށް މަޢާފް ކޮށްދޭތި”

“ތިހެން ނުބުނޭ އާދަންބެ. އަޅުގަނޑުމެންނަށް އެންމެ ކުރިންސުރެވެސް އިނގޭ ބައްޕަ ކުރެއްވި މަސައްކަތުގެ ނުރައްކާތެރިކަން. ހުދު ބައްޕަވެސް އަޅުގަނޑުމެންނަށް އެކަން ވިސްނަދެއްވާފައި އޮންނަނީ. މިކަމަކީ ބޭބެގެ ސަބަބުންވީކަމެއް ނޫން. މީﷲގެ މިންވަރުފުޅު. އަޅުގަނޑުމެންނަށް އޮތީ ކެތްކުރުން. އިންޝާﷲ އަދި ބައްޕަ ސަލާމަތުން އަންނާނެ.”

“ފަސްއަހަރުވީއިރު ދޮންތަ އެނބުރިނައިރު ބައްޕަ އަންނާނީ ކިހިނެއް؟” ދެމީހުން އެއްފަހަރާ އަޑުއައި ދިމާލަށް ބަލާލިއިރު ރީޝާ ފެންކަޅިވެފައި ހުއްޓެވެ. “އަހަރެން އަބަދުވެސް ބައްޕަ ކައިރީ ބުނަން އެކަންތަކާ ދުރުވާށޭ. ދޮންތަ ގެއްލުނު ފަހުން އަހަރެން ވަރަށް ބިރުގަނޭ. އަހަރުމެންގެ އާއިލާގެ އެހެން މީހަކަ ގެއްލިދާނެތީ. މިއޮތީ އެދުވަސް އައިއްސަ.”

“ރީޝާ، ބޭބެ—-” އާދަނު ވާހަކަ ފަށަން އުޅުމުން ރީޝާ އޭނަ ހުއްޓުވިއެވެ.

“ނޫން ބޭބެ، އަހަރެން ބޭބެ ކުއްވެރިއެއް ނުކުރަން. އެކަމު އަހަރެން ދެރަވަނީ ބައްޕަ ތިކަހަލަ ކަންތައްތަކަށް ދާއިރު އަހަރުމެންނަށް އަންގާ ނުލާ ދާތީ. ކިހާ ނުރައްކާތެރިކަމެއްކަން އިނގި ހުރެވެސް އިތުރުމީހުންގެ އެހީ ނުހޯދާތީ. އާދަންބެ އާއި ބައްޕަ އެކަންޏޭ ތިބުނީ ކިޔަވަން ތިބީ. އިތުރު ބައެއް ތިބިނަމަވެސް ބައްޕަ ސަލާމަތްވީސް. ދޮންބެ ވެސް މިހިރީ ތިރޮގުން ކިޔަވާފަ ހުރި މީހެއް. ދޮންބެއަށްވެސް ބައްޕަ ސަލާމަތް ކުރެވުނީސް އެންނު.”

ރީޝާ އޭނަގެ ހިތުގަ ހުރި އެއްޗެށް ކިޔާލުމަށްފަހު އެތަނުން ދުއްވައިގަތެވެ. އާދަނު އާއި ރައިހާން އެއްވެސް އެއްޗެއް ނުބުނެ ކުޑައިރުކޮޅަކު ތިއްބެވެ.

“ބޭބެގެ އެދުމެއް އެބައޮތް. އަދި އެއްވެސް މީހަކަށް ނޭންގެ ކޮޔެމެންގެ ބައްޕަ ގެއްލިގެން އުޅޭކަމެއް. އެކަން ސިއްރުކޮށްފަ ބާއްވާ. ބައްޕަ ކޮބާހޭ އަހައިފިއްޔާ ބުނޭ ކައިރި ރަށަކުން ދަންވަރު ބައްޕަ ބަލައި އައިސްގެން އެމީހުންނާއި އެކު ގޮއްސިޔޭ. ބައްޕަ ކިޔެވެލި ކިޔަވާދޭ މީހަކު އަތުވެއްޖެ ނަމަ ބުނޭ ބޭބެ ކައިރިއަށް އަންނާށޭ. ބޭބެއާއޭ ހަވާލުކޮށްފައޭ ދިޔައީ. ކޮއްކޮ މެންކައިރީ ވެސް ބުނޭ މިގޮތަށް ކަންތައް ކޮށްދޭށޭ. ރީޝާ އަށްވެސް ވިސްނަދީ”

ރައިހާން އެއްވެސް ސުވާލެއް ނެތި ބޯޖަހާލިއެވެ. އޭނަގެ ކޮނޑުގައި ޖަހާލުމަށްފަހު އާދަނު އެގެއިން ނިކުމެގެން ދިޔައެވެ. އޭނަގެ މިސްރާބުހުރީ ރަށުގެ ތުނޑީކޮޅަށެވެ. އޭނަ ބޭނުންވީ އެއްވެސް މީހެއްގެ އުނދަގުލެއް ނުވާހިސާބަކަށް ގޮސް ހަމަޖެހިލައިގެން ވިސްނާލަން އިންނާށެވެ. އޭނަ ކުރިއަށް ދާންވީ ގޮތާއި މެދުގައެވެ.

ނާޝިދާ އާއި ޒާހިޔާ ދެމީހުން އަވަދިނެތި ބަދިގެތެރޭގަ އުޅެމުންދިޔައެވެ. ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ނިންމާލުމަށްފަހު ކުޑަ ތިން ކުދިންނަށް ގޮވަން ޒާހިޔާ ދިޔައެވެ. ނާޝިދާވެސް ކޮފީތައްޓެއް ގިރައިގެން ބޭރު ޖޯޔަށް ނިކުތެވެ. ރޭގަ ނިދި ނުލިބުމުގެ ސަބަބުން އޭނަގެ ދެލޯ ވަނީ ރަތްވެފައެވެ. މުޅިމީހާއަށް ވަނީ ވަރުބަލިކަންވެރިވެފައެވެ. އޭނަ ޖޯލީގަ އިށީނުމަށްފަހު ހަމަޖެހިލާފަ ކޮފީބޯންފެށިއެވެ. ކުއްލިއަކަށް އޭނަ ފޯނު މަތިން ހަނދާންވިއެވެ. ޔޫއާން ގުޅާލާނެވަރު އޭނަ ހިތަށް އެރިއެވެ. ޔޫއާންއަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ކުއްލިއަކަށް އެގުޅުން ކަނޑާލީމަ އޭނަ ހިތުގަ އުފެދޭނެ ސުވާލުތަކާއި އަޅާނެ ވޭން ނާޝިދާއަށް އިހްސާސް ކުރެވުނެވެ. ތެދުވެގެން ގޮސް ޔޫއާންއަށް ގުޅާ ހުރިހާ އެއްޗެއް ކިޔައިދޭންވެސް އޭނަ ހިތަށް އެރިއެވެ. ނަމަވެސް އާމްރާގެ އިންޒާރު މަތިން ހަނދާންވުމުން އޭނައަށް ފަސްޖެހެވުނެވެ. ބައްޕަ އަށް މިކަމަށް ހައްލެއް ނުހޯދެނީސް އޭނަގެ ސަބަބުން އެކުޑައާއިލާ ގެއްލުމެއްގެ ތެރެއަށް ވައްދާކަށް އޭނަ ބޭނުމެއް ނުވެއެވެ.

“ޒާހިޔާ!” ނާޝިދާ ސިއްސައިގެން ދިޔަވަރުން އަތުގަ އިން ކޮފީތަށި ގަޔަށް ބަންޑުން ނުވީ ކިރިޔާއެވެ. ދެލޯބޮޑޮކޮށް ގޭގެ މައިދޮރާ ދިމާލަށް އޭނަ ބަލައިލިއެވެ. އޭރު ޖެހިގެން ހުރިގޭ ސަކީނާ ދައިތަ ވަރަށް ބާރު ހިނގުމެއްގަ އެގޭތެރެއަށް ވަދެގެން އާދެއެވެ. ނާޝިދާ ފެނުމުން އޭނަ ހުއްޓުނެވެ.

“ކޮޔާ ކޮބާތަ މަންމަ؟ ދެންމެ ބަދިގެ ފަރާތުންވެސް ގޮވާލައިފީމޭ، ޚަބަރެއް ނުވޭ” އޭނާ ހިނިތުންވަމުން އަހާލިއެވެ.

ނާޝިދާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލާފަ ޖަވާބު ދިނެވެ.

“މަންމަ އުޅޭނީ ކޮޓަރި ތެރޭ ކޮއްކޮ މެން ނަގަންވެގެން. އެހެންވެ ދައްތަ ގޮވި އަޑު ނީވުނީ.”

“އެހެންދޯ،” ނާޝިދާ ކައިރީ އިން ހުސް ޖޯލީގައި އިށީންދެލަމުން ސަކީނަ ދައިތަ ބުނެލިއެވެ. އޭނަ ޖޯލީގައި ހަމަޖެހިލުމަށްފަހު ގޯތިތެރެއަށް ނަޒަރު ހިންގާލިއެވެ. ހީވަނީ އެއްޗެއް ހޯދަން އުޅޭހެންނެވެ.

“ކޮޔާ، ރޭގަ މިގޭތެރޭ ކަމެއް ހިނގިތަ؟ މިބުނީ އެއްވެސް އާދަޔާ ޚިލާފް ކަމެއް؟” ނާޝިދާ ޖަވާބުނުދީ އިނެވެ. ސަކީނާ ދައިތައަކީ ކަންބަލަން ދުވާމީހެއްކަން އޭނައަށް ވަރަށް ރަނގަޅަށް އިނގެއެވެ. ރޭގަ ހިނގާ ދިޔަ ކަންތައްތަކުގެ ވާހަކަ ރަށުތެރޭ މީހުން ދައްކާތީވެ އޭގެ ހަޤީޤަތް ހޯދަން އޭނަ ބޭނުންވަނީއެވެ. ސަކީނާދައިތައަށް ޖަވާބުދޭންވެގެން ނާޝިދާ އަނގަހުޅުވާލިގަޑިއަށް މީހަކު ސަލާމް ގޮވާލިއަޑު އިވުނެވެ. ދެމީހުން އެއްފަހާރާ ދޮރާ ދިމާލަށް ބަލާލިއިރު ރަށު އޮފީހުގައި މަސައްކަތް ކުރާ ޕިއޯނު، ސަލީމް، ދޮރުކައިރީ މަޑުކޮށްލައިގެން ހުއްޓެވެ.

“ވައަލެއިކުމުއްސަލާމް” ނާޝިދާ ސަލާމް ބަލައިގަތެވެ.

“ނާޝް ހިނގާބަލަ ވަރަށް އަވަހަށް އޮފީހަށް،” ސަލީމް ބުނެލިއެވެ. އޭނަގެ މޫނުމަތިން ކުޑަ ނުތަނަވަސްކަމެއް ހުރިކަން ނާޝިދާ އަށް ހީވިއެވެ. އޭނަ ކުއްލިއަކަށް ބިރުގަންނަން ފެށިއެވެ.

“ކިހިނެއްވީ؟” ހަމަޖެހެން މަސައްކަތް ކުރަމުން ނާޝިދާ އަހާލިއެވެ.

“ނާޝް ހޯދަން މީހަކު ވަރަށް ގުޅާ އެބަ އޮފީހަށް. އަހަރެން އޮފީސް ހުޅުވަން ދިޔައިރު ފޯން ރިންގްވާ އަޑު އިވޭ. ނާޝް ހޯދަންށޭ ބުނީމަ އަހަރެން ބުނިން ނާޝްގެ ނަމްބަރަށް ގުޅާށޭ. ބުނީމަ ބުނި ފޯން ނިއްވާލާފައޭ އޮތީ. ދެން އަހަރެން ބުނިން އަހަރެން ބަލައިދޭނަމޭ. އެހެން ބުނެފަ ފޯން ބޭއްވީ. އޭގެ ފަހުންވެސް ފަސް ފަހަރު ގުޅައިފި ނާޝް ކޮބާހޭ ކިޔާފަ. އަހަންނަށް މަސައްކަތެއް ނުކުރެވިގެން މިއައީ.”

ނާޝިދާ ހުއްޓުން އެރިއެވެ. އޭނައަށް އެވަރަށް ގުޅާނީ ކާކުކަން އިނގެއެވެ. އެކޯލްއަށް ޖަވާބުދޭންދާކަށް އޭނަ ބޭނުމެއްނުވެއެވެ. އަދި އަމްދުން އޮފީސް އެންމެންގެ ކުރިމަތީގައެވެ. ކުޑައިރުކޮޅަކު ވިސްނަން އިނދެފަ އޭނަ ސަލީމްއަށް ޖަވާބު ދިނެވެ.

“ސަލީމް ދޭ އޮފީހަށް. އެމީހަކު ގުޅައިފިއްޔާ ބުނޭ މިހާރު އަހަންނާ ގުޅޭނެޔޭ. އަހަރެން ފޯން ޗާރޖް ގޮއްސަ އޮތީ. އެހެންވެ އެމީހަކަށް ނުގުޅިގެން އެއުޅެނީ.”

“އާން އޯކޭ. ހަނދާންކޮށް ފޯން އޮން ކުރައްޗޭ،” މިހެން ބުނެ ސަލީމް ނިކުމެގެން ދިޔައެވެ.

“ދައްތާ އަޅުގަނޑު މިދަނީ އެތެރެއަށް. މަންމައަށް ގޮވާލަންވީތަ؟” ނާޝިދާ ޖޯލިން ތެދުވަމުން ސަކީނަ ދައިތަކައިރީ އަހާލިއެވެ.

“ނޫން ކޮޔާ ދައްތަވެސް ދެން ފަހުން މަންމަ ހޯދަން އަންނާނީ. ދައްތަވެސް ސައިތައްޔާރުކޮއްލާފަ މިއައީ. މިހާރު އެކުދިންވެސް ސައިބޮއެ ނިމިދާނެ. މަންމަ ކައިރީ ބުނެލާތި ދައްތަ އައިވާހަކަ.”

ނާޝިދާ ބޯޖަހަލާފަ ﷲ އަށް ޙަމްދުކޮށްލިއެވެ. ސަކީނާދައިތައަށް ދޮގޮތަކެއް ހަދަން ނުޖެހުނީތީއެވެ. އޭނަ ގޭތެރެއަށް ވަންނަން ދަނިކޮށް އަނެއްކާވެސް ސަލީމް ގޮވާލިއަޑު އިވުނެވެ.

“ނާޝް އަދި އެއްވާހަކަ ބުނަން ހަނދާންނެތުނީއޭ” ނާޝިދާ ދޮރާ ދިމާލަށް އެނބުރުމުން ސަލީމް ބުނެލިއެވެ.

“ކޮންވާހަކައެއް؟”

“ގުޅި މީހާ ބުނި ނާޝް އާއި ދިމާވެއްޖެޔާ ބުނެދެއްޗޭ ޔޫއާންއާއި ނުގުޅިގެންނޭ މިއުޅެނީ.”

ނާޝިދާ އަތުގަ އިން ކޮފީ ތަށި ވެއްޓުނެވެ. ސިހުން ލިބުނު ވަރުންނެވެ.

“ކާކު….ކާކު ގުޅީ؟”

“އަންހެނެއް” (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

naina

Level 110 Stories

Other Articles

Previous

ހަދިޔާ (ފަނަރަވަަނަ ބައި)

Next

ވޭނީ ދިރިއުޅުން 3

Next
December 18, 2018

ވޭނީ ދިރިއުޅުން 3

Previews
December 18, 2018

ހަދިޔާ (ފަނަރަވަަނަ ބައި)

11 Comments!

  1. Beryl Stone says:
    December 20, 2018 at 5:46 pm

    Btw??????me first dhw??Masha allah?????vrh rythi mi prt vx??❤?????curiously waitinn fr the nxt prt..

  2. Aroo says:
    December 20, 2018 at 7:48 pm

    Varah reethi 15 vana bai kindhuvahakun

  3. unique says:
    December 20, 2018 at 11:41 pm

    varah reethi mi partvx n thanks vaahaka up kohdhinythy

  4. Cute Lips says:
    December 21, 2018 at 3:16 pm

    Maana aky yooaan ge mom dw naash ah mi gulhany….. Dhn yooaan kobaa baa… V reethi…?

  5. Princess says:
    December 21, 2018 at 10:41 pm

    Wow vara reethi keep going well done ???????❤❤❤

  6. hhhhhhh says:
    December 22, 2018 at 12:13 am

    kyve thr ehaa lahun up kuranyyyyyyy

  7. Aroo says:
    December 22, 2018 at 1:38 pm

    Keehvetha msg thakah reply nukuranee

  8. ?Shifna? says:
    December 22, 2018 at 8:01 pm

    Wow mi part vx varah varah reethi. When next part?? Waiting 4 next part..

  9. mal says:
    December 23, 2018 at 12:08 pm

    woooow dhn kon irakun next part neranee???
    ??

  10. Blondiee says:
    December 23, 2018 at 11:26 pm

    I love this story..!was waiting for this part very impatiently…when are you gonna upload the next part..?

  11. baby says:
    December 27, 2018 at 12:16 pm

    konkalaki dhen ohh part ginaas dheny lass veyhedhy v foohi mikow vaahaka keyshas

Comments are closed.

Next Episodeދެގަޑި ތިރީސް – 15←


All Right Reserved!