މާފްކުރާށޭ ކަލާ 9
މިއަދު ނުހާގެ ރީތި ކަމުގެ އެއްވެސް އަގެއް އަޔާންގެ ކުރިމަތީގައި ނެތް ކަހަލައެވެ. ނަފްރަތުން ފުރިގެންވާ ބެލުމަކުން ބަލަން ހުރެ އަޔާން ކުރިއަށް ޖެހިލީ ނުހާގެ ކަންފަތްމަތީގައި ނިކަން ލޯބިން ފިރުމާލުމުގެ ނިޔަތުގައެވެ.
“ސޮރީ ދަރިފުޅު. މިހާ ދުވަސްވީމަ ބައްޕައަށް ނުކެރުނީ ދަރިފުޅު ކައިރީގައި ބުނަން. މީ ދެން ސިއްރެއް. ބައްޕަ އުއްމީދު ކުރަން ދަރިފުޅު މިކަން ސިއްރު ކޮށްދޭނެ ކަމަށް.”
މާކުރިން އަޔާން ކައިރީގައި ވާހަކަ ދައްކަންޖެހޭ ގޮތް އާސިފް ރާވައިފައިވާ ކަހަލައެވެ. އާސިފްގެ ވާހަކަ އަޑުއަހަން އަޔާން ހުރީ ކެތްތެރިކަމާއެކުގައެވެ. ކުރިއަށް ދާން އެޅި ފިޔަވަޅުވެސް ހުއްޓާލައިގެން އަޔާން ހުރިއިރު އޭނާގެ ހިތުގައި އެތައް ވޭނެއް އަޅަމުންދެއެވެ.
“ދަރިފުޅު ބައްޕައަށް ހިތްބުރަ ނުކުރައްޗޭ. ނުހާއަކީ އަޅާލާނެ އެއްވެސް މީހެއް ހުރި ކުއްޖެއްނޫން. އަދި ނުހާ ބައްޕައަށް ވަރަށް ރަނގަޅު.”
އާސިފް ނުހާގެ ކޮނޑުގައި ހިފައި އޭނަގެ ގަޔާއި ކައިރިކޮށްލިއެވެ. އަޔާންއަށް ދެލޯ މަރާލެވުނީ އެމަންޒަރު ބަލާނެހާ ހިތްވަރު ނެތީމައެވެ. ނުހާ އޭނައަށް އެދިނީ ކިހާ ބޮޑު ކެއްސެއް ހެއްޔެވެ؟ ދެއްކީ ކޮންކަހަލަ ކުލައެއް ނެތް ހުވަފެންތަކެއް ހެއްޔެވެ؟ އޭނާގެ ކުށަކީ ކޮބައި ހެއްޔެވެ؟ އަޔާންގެ ހިތަށް އަރާ ފައިބަމުންދާ ސުވާލުތަކުގެ ޖަވާބު ނުހާގެ އިސްޖެހިފައިވާ މޫނުން ހަމަ ރަނގަޅަށްވެސް އަޔާންއަށް ފެނެއެވެ. ނުހާއަކީ މަކަރުވެރިއެކެވެ. ބޮޑު ބޭވަފާތެރިއެކެވެ. އަޔާން ނުހާގެ ކުރިމަތީގައި ދެރަވެ ކަރު އެލޭކަށް ބޭނުމެއްނުވިއެވެ.
“ކޮންގްރާ ޑޭޑް. އައި އޭމް ސޯ ހެޕީ ފޯ ޔޫ. ޑޭޑް އަށް ނުހާއަށްވުރެ ވަކި ރަނގަޅު ކުއްޖެއް ނުލިބޭނެ.” އަޔާންގެ އަޑުގައިވާ މަލާމާތް އާސިފްއަށް ނޭނގުނަސް ނުހާއަށް ހަމަ ރަނގަޅަށްވެސް ނަގައިގަނެވުނެވެ. އަޔާންގެ ވާހަކައިން އާސިފް ހިތް ހަމަޖެހުނު ކަމުގައި ވިޔަސް ނުހާ ވީ ހައިރާނެވެ.
“ވެލްކަމް ޓު ދަ ފެމެލީ ނުހާ. އައި މީން މޯމް.” އަޔާން ނުހާއަށް ބަލާފައި ހީލިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ނުހާވެސް ހީލިއެވެ.
“ޑޭޑް. ނުހާ މަށަށްވުރެ ކުޑަ ވިޔަސް ވާނީ މައި މޯމްއަށް ދޯ.” އަޔާން ބޭނުންވީ ހަމަރަނގަޅަށްވެސް ނުހާ ދަށްކޮށްލާށެވެ. މިއަދުގެ މިވަގުތާއި ހަމައަށް އަޔާން ނުހާ ދެކެ ދީވާނާ އެއް ފަދައިން ލޯބިވީ ނަމަވެސް އެލޯބި ވަނީ ނަފްރަތަށް ބަދަލުވެފައެވެ. މީހުން ބުނަނީ ތެދެކެވެ. މީހެއް ދެކެ ކިތަންމެ ލޯބި ވިޔަސް ހަމަ ފަޅި ސިކުންތެއް ތެރޭގައި އެލޯބި ނަފްރަތަށް ބަދަލުވެދާނެއެވެ. ހިތާއި ގުޅިފައިވާ ކަންތައްތައް ބަދަލުވެގެންދާނީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ.
ކޮޓަރިއަށް ވަދެ ތަޅުލުމަށްފަހު އަޔާން އެނދު މައްޗަށް ދަބަސް ނަގާ އެއްލާލިއެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލަމުން އަޔާން ދެލޯ މަރާލީ ހިތަށް ލިބެމުންދިޔަ ވޭންތަކަށް ކެތް ނުކުރެވިގެންނެވެ. ދެލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތައް އެކަމަށް ހެކިދެއެވެ.
“ކީއްވެ؟ ނުހާ ކީއްވެ؟” މިއަދު އަޔާންގެ އަޑުއަހާނެ އެއްވެސް މީހެއްނެތެވެ. ނުހާ އަޔާން އަށް އެފަދަ ބޮޑު ކެއްސެއް ދީފާނެ ކަމަށް އަޔާން ހީވެސް ނުކުރެއެވެ. އަދި ނުހާ މުޅި އުމުރަށް އަޔާން އެވޭނުގައި އުޅެން ބޭނުންވާ ކަހަލައެވެ. އެއީ ނުހާ ދެން އުޅޭނީ އަޔާންގެ ކުރިމަތީގައެވެ. ނުހާ ފެންނަ ކޮންމެ ފަހަރަކު އަޔާންއަށް އެހަނދާންތަކާއި ދުރަށް ނުދެވޭނެކަން ޔަޤީނެވެ.
އަތުގެ ނުފުށުން ދެލޯ ފޮހެލަމުން އަޔާން އެނދުގައި އޮށޯވެލިއެވެ. މޫނުމަތީގައި ބާލީސް އަޅަމުން އަޔާން ދެލޯ މަރާލީ ދެން ދުވަހަކުވެސް ދެލޯ ހުޅުވަން ބޭނުން ނުވާ ކަހަލަ ގޮތަކަށެވެ.
ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގަ ހިނގާ ހުރި ނުހާ ހުރީ ދާހިތްލާ ފޯވެފައެވެ. ކޮޓަރީގެ އޭސީ އެންމެ ފުލް ކޮށްފައި ހުރިއިރުވެސް އޭގެ އަސަރެއް އޭނާގެ ހަށިގަނޑަށް ނުކުރާ ކަހަލައެވެ.
“ހާދަ ހާސްވެފަ މެޑަމް.” ނީތާ ޖޫސްތައްޓެއް ހިފައިގެން އައިސް ނުހާއަށް ދިއްކޮށްލިއެވެ.
“އާން…ނޫން..” ނުހާ ހިނިތުންވެލަން މަސައްކަތް ކުރިނަމަވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ.
“ދެން ނީތާ ދޭ. އަހަރެން ބޭނުމީ ރެސްޓްކޮށްލަން.” ނުހާ ނީތާ އަތުން ޖޫސްތަށި އަތުލަމުން އެނދުގައި އިށީނެވެ. މިވަގުތު އެއްވެސް މީހެއް އެތާގައި ހުންނަން އޭނާ ބޭނުންނުވަނީއެވެ.
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެެއަށް އަލްވަދާއު ކިޔުމުން އަނދިރިކަން ދުނިޔެއަށް ވެރިވެގަތެވެ. އެ އަނދިރިކަމުން ސަލާމަތްވުމަށް އެންމެން އަވަސް ވެގަތް އިރު އަޔާންއަށް އެއްވެސް ހޭވެރިކަމެއް ނެތްކަހަލައެވެ. ނީތާވެސް އެތައް ފަހަރަކު ދޮރުގައި ޖަހައިފިއެވެ. އެކަމަކު އަޔާންއަށް ރޭކާވެސް ނުލައެވެ. ދެލޯ ހުޅުވަން ވެސް އަޔާން ބޭނުންނުވާ ކަހަލައެވެ.
އަޔާން ދެލޯ މަރައިގެން އޮތަަސް އޭނާ އެއޮތީ ނިދާފައެއްނޫނެވެ. ދެލޯ ހުޅުވަން ބޭނުން ނުވެފައެވެ. ސިކުނޑިވެސް ވަނީ މަސައްކަތް ކުރުން ހުއްޓާލާފަ ކަހަލައެވެ.
ކުއްލިއަކަށް އަޔާން ތެދުވިއެވެ. އެއްވެސް ހާލެއްގައި އެހާ ފިނޑިވާކަށް އޭނާ ބޭނުމެއްނޫނެވެ. އެއްވެސް މީހަކަށް ދެރައެއް އަޔާން ނުދެއެވެ. ވީއިރު އަޔާން ދެރަވާންވީ ކީއްވެ ހެއްޔެވެ؟ އަޔާން މޫނުގައި ދެއަތް މަޑުމަޑުން ހާކާލިއެވެ. އަދި މަޑު ހިނގުމެއްގައި ގޮސް ލޯގަނޑުގެ ކުރި މައްޗަށް ހުއްޓުނެވެ. ސިފަގެއްލިފައިވާ އޭނާގެ މޫނަށް އަޔާން ބަލަހައްޓައިގެން ހުރިއިރު އޭނަގެ ލޮލުން ކަރުނަ ހިލުނެވެ. ދުވަހަކުވެސް އަޔާން އެހާ މުޑުދާރު ސިފައެއްގައި ހުއްޓައި އެކަކަށްވެސް ނުފެންނާނެއެވެ. އަޔާން ހިތުގައި އަޒުމް ކަނޑައެޅިއެވެ. ނުހާއަށްޓަކާ ދެން އެންމެ ކަރުނަ ތިއްކެއްވެސް އޭނާގެ ލޮލަކުން އޮހޮރުނަ ނުދޭނަމެވެ. ބޭވަފާތެރިއަކަށްޓަކާ ދިރިއުޅުމުގެ އެންމެ ދުވަހެއްވެސް އޭނާ ބޭކާރުކޮށެއް ނުލާނަމެވެ. ނުހާއަކީ އަޔާންގެ ބަލިފަޔަކަށް ހަމަ ހިލާ ވިޔަކަ ނުދޭނަމެވެ.
އަޔާން ފޮށި ހުޅުވާލާފައި ތުވާލި ނެގިއެވެ. އަދި އަވަސް ފިޔަވަޅު ތަކެއްގައި ފާހާނާއަށް ދިމާއަށް މިސްރާބު ޖެހިއެވެ.
މަލަކާއަށް ހޭހަން ކުރުމުގައި އަވަދިނެތި އުޅުނު ފާލިހް އިރުއިރުކޮޅާއި އަޔާންގެ ނަމްބަރަށް ގުޅާލައެވެ. އަޔާން އޮންލައިން ވޭތޯ ވެސް އިރުއިރުކޮޅާއި ބަލާލައެވެ.
“ފާލިހޫ. އިރުއިރުކޮޅާއި ފޯނަށް ތިބަލަނީ މާ ޚާއްސަ މީހަކު ގުޅަނީތަ؟” މަލަކާ ހުރީ ހިތްހަމަ ނުޖެހިފައެވެ. ފާލިހްގެ ހުރިހާ ސަމާލުކަމެއް އޭނައަށް ނުދީ ފޯނާއިވެގެން އުޅޭތީއެވެ.
“ނޫނެކޭ. މިއުޅެނީ އަޔާންގެ ޚަބަރެއް ނުވެގެންނު. ފޯނަކަށް ގުޅެނީ އެއްނޫން. ނުހާގެ ޚަބަރެއް ނުވެގެން އޭނަ ގޯހެއް ހަދާފާނެތީ ހައްތަހާވެސް.” ފާލިހް ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ކިހިނެއްވެގެންތަ ނުހާ އޮފީހުން ކެނޑުނީ. ފާލިހް ނުވެސް ބުނަމެއްނު މަގޭ ކައިރީގައެއް އެއްވެސް ވާހަކައެއް.” ކުއްލިއަކަށް މަލަކާ ހަނދާންވީ ކުރީ ދުވަހު މީތަންއާ ދިމާވެގެން ދެއްކި ވާހަކައެވެ.
“އަޅެ އަޖައިބެއްނު. މަށަށް ވެސް އެއްވެސް އެއްޗެއް ނޭނގިގެން ދޯ މިއުޅެނީ. ނުހާ ވީ ތަނެއްވެސް އެނގެނީ އެއް ނޫން.” ފާލިހް ނުރުހިފައި ވާހަކަ ދެއްކުމުން މަލަކާ ހިތުގައި ޖެހުނެވެ. ފާލިހްއަށް މަލަކާގެ އޮފް ވެފައިވާ މޫނު ފެނުމުން ދެފަރާާތަކަށް ބޯ ހޫރާާލިއެވެ.
“ބޭބީ. އަސްލު ވަރަށް ޓެންޝަންގަ މިހުރީ. މިގަޑީގައި އެއްވެސް ސުވާލެއް ނުކޮށްފާނަންތަ؟ އަޔާންގެ ޚަބަރެއްވިތޯ އާސިފްއަށް ގުޅާލަން މިހިތަށް އަރަނީ. ހާދަ އެބަ ވިސްނެޔޭ އަޔާން އާ ދޭތެރޭގަ.”
“މަށާ ދޭތެރޭ ވިސްނީމަ މިހުރީ އައިސް.” އަޔާންގެ އަޑަށް މަލަކާއާއި ފާލިހްއަށް ބަލާލެވުނީ އެއްފަހަރާއެވެ. ފާލިހްއަށް ލިބުނު ޝޮކުގައި އޭނަ ހުރީ ގުޑިލަންވެސް ނޭނގިފައެވެ. އަޔާން އައިސް ފާލިހްގެ ގައިގައި ބައްދާލުމުން ފާލިހްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. މަލަކާވެސް ހުރީ އުފަލުންނެވެ. އޭނާގެ ފިރިމީހާ ފިކުރު ބޮޑުވެފައި ހުންނަތަން ބަލަން މަލަކާއަށްވެސް އުނދަގޫވެއެވެ. “ނުހާ އާ ދިމާވެއްޖެތަ؟” ފާލިހްއަށް ފުރަތަމަވެސް އަހާލެވުނީ ނުހާގެ ވާހަކައެވެ.
“ހޫމް.” ނުހާގެ ނަން އިވިފައި އަޔާންގެ ހިތް ތެޅިލިއެވެ. ކިތަންމެ ވަރަކަށް ހިތްގަދަ ކޮށްގެން ހުއްޓަސް ހިތާއި ހަނގުރާމަ ކުރުމަކީ ކިހާ އުނދަގޫ ކަމެއްކަން އަޔާން އަށް ވިސްނުނެވެ.
“ކޮންތާކުން؟ ކިހިނެއްވީތަ ނުހާއަށް.” މަލަކާއަށް އަނގަ މަޑުންލައިގެނެއް ނުހުރެވުނެވެ. ފާލިހްވެސް އަޔާންއާއި ދިމާއަށް ބަލަން ހުރީ ކެތްތެރިކަން ކުޑަވެފައެވެ.
“ނުހާ އެބައުޅޭ އަހަރެމެން ގޭގައި.” ޝީ އިޒް މައި ސްޓެޕް މަމް.” އަޔާންގެ ދެލޯ މަރާ ބާރުކޮށްލިއިރު އެދެލޮލުން ކަރުނަތައް އޮހިގަތީ އެއްވެސް އިހުތިޔާރަކާ ނުލައެވެ.
“ވަޓް؟ ކީކޭ؟” ކަންފަތަށް އިވުނު ހަޤީޤަތް މަލަކާ އާއި ފާލިހްއަށް ޤަބޫލުކުރަން ދަތިވިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އަނގަ ހުޅުވައިގެން މަލަކާ އާއި ފާލިހް އަށް ތިބެވުނީއެވެ.
“ނުހާ ޗީޓެޑް މީ. އެވެސް ވިތު މައި ޑޭޑް.” އަޔާން ފާލިހްގެ ގައިގައި އޮޅުލައިގަތީ ކުޑަ ކުއްޖެއް ފަދައިންނެވެ. ފާލިހް ފެންކަޅިވެފައި ހުރެގެން އަޔާންއަށް ހިތްވަރުދެމުން ދިޔައިރު ނުހާއަށްޓަކައި ނަފްރަތުގެ ހުޅުގަނޑު ރޯވެ އަނދަންފެށިއެވެ.
“ހިނގާ ނުހާގެ ހަޤީޤަތް ފަޅާ އަރުވާލަން.” ފާލިހް އަޑަށް ބާރުލާފައި ބުނެލިއިރު މަލަކާާވެސް އެކަމަށް ތާއީދުކުރިއެވެ.
“ނޯ..ނޯ..ލެޓް ދެމް ބީ ހެޕީ. މަށަށް އޯކޭ. ބޭނުމެއްނެތް ނުހާގެ ލެވެލް އަށް ވެއްޓޭކަށް.” އަޔާން ދެއަތުން މޫނު ފޮހެލިއެވެ. ފާލިހް ގޮތެއް ދުލެއް ނުކުރިއެވެ. އެކަމަކު އެކަން އެގޮތަށް ކޮށްގެން ނުވާނެ ކަމަށް އެތަކެއް ވާހަކައެއް ދެއްކުމުން ފާލިހް ހިމޭންވިއެވެ.
“އޯކޭ. އަޔާ ހުންނަންވާނީ ދެން މިގޭގައި.” ފާލިހް އަޔާންއަށް ކޮށްލީ ޝަރުތެކެވެ.
“އޭރުންނޯ. މަ އޯކޭ އޭ. ނުހާއާއި ފޭސް ކުރަން ޖެހިލުމެއްވެސް ނުވޭ. މިހާރު އެއްވެސް އެއްޗެއް ހިތަކަށް ނާރާނެ. ތިމީހުން ތި ތިބީނު މަށަށް ސަޕޯޓް ދޭން.” އަޔާން ފާލިހް އަށް ހައިފައިވް ޖަހާލަން އަތް ދިއްކޮށްލިއެވެ. ފާލިހް ބޯ ޖަހާލި ނަމަވެސް އަޔާންގެ ދެލޮލުން ފެންނަމުންދާ ވޭނާއި ކެކުޅުން އޭނައަށް އިހްސާސްކުރެވެއެވެ. އެކަމަކު މިދަނޑިވަޅުގައި ފާލިހް ބޭނުންވީ އަޔާންއަށް ހިތްވަރުދޭށެވެ.
ދަންވަރުގެ ހަމަ ހިމޭން ވަގުތެވެ. މުޅި ދުނިޔެ ނިދާފައިވާ ކަހަލައެވެ. އެއްވެސް މީހެއްގެ ހިލަމެއްނެތެވެ. ނިދާފައި އޮތް އާސިފްއަށް ބަލާލަމުން ނުހާ އެނދުން ތެދުވިއެވެ. ލައިފައިވާ ތުނި ނިދާ ހެދުމުން ގައިގެ ވަނާތައް ފާޅުވަމުން ދާއިރުވެސް އެކަމަށް ފަރުވާލެއް ނުބަހައްޓާ ނުހާ ކޮޓަރިން ބޭރަށް ނިކުތެވެ. ސިޓިންރޫމް ސޯފާގައި ފޯނާއި ކުޅެން އިން އަޔާން ނުހާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ.
އަޔާން މިހާރު ފެންނަން އެހެރީ ކުރިން ހުރި ގޮތަށް ނޫންކަން ފުރަތަމަވެސް ނުހާއަށް ފާހަގަވިއެވެ. ދިގުވެ ތަރުތީބު އޮޅިފައިވާ ތުބުޅި ވަނީ ތުނި ކޮށް އެއްވަރު ކޮށްފައެވެ. އަޔާންގެ ދިގު ވެފައިވާ ފަން އިސްތަށިކޮޅުވެސް ވަނީ ރީތި ސްޓައިލަކަށް ކޮށާލާފައެވެ. އަޔާންގެ ރީތިކަން ހިތަށް އެރުމާއެކު ނުހާއަށް ހިންދިރުވާލެވުނެވެ. ނުހާ ބޭނުންވީ އަޔާންއާ ވާހަކަ ދައްކާށެވެ. ކުރިއަށް ދެފިޔަވަޅު އެޅިތަނާއި ބޮޑު ދެއަތް ނުހާގެ އުނަގަނޑު ވަށާލިއެވެ. ކުޑަކޮށް ސިހުނު ނަމަވެސް އެއީ އާސިފްކަން ނުހާއަށް އެނގުނެވެ.
“ކީއްތިކުރަނީ މިގަޑީގަ މިތާގައި.” އާސިފް ނުހާގެ ދޮން ކޮނޑުގައި ވަސްބަލާލިއެވެ.
“ފެން ބޯންވެގެން.” އާސިފްގެ އެހަރަކާތުން ނުހާއަށް ވީ އުނދަގުލެވެ. ވަރަށް ނޫން ގޮތަކަށް އާސިފްއާއި ނުހާ ދުރަށް ޖެހިލީވެސް އެހެންވެގެންނެވެ. އާސިފްއަށް އެކަން އެހާބޮޑަށް ފާހަގަ ނުވީ ސޯފާގައި އިން އަޔާން ފެނުނީމަ ކަންނޭނގެއެވެ.
“އަޔާންވެސް އެބަ އިނެއްނު. ސޯ ތިގޮތަށް ހުރެ ނިކުތުން އެހާ ރަނގަޅެއް ނުވާނެ. ދޭ ރޫމްއަށް. އަހަރެން ފެން ގެނެސް ދޭނަން.” އާސިފް އަޔާންއާ ދިމާއަށް ހިނގައިގަތެވެ. ލިބުނު މާޔޫސްކަމުގައި ނުހާ އެނބުރި އައިކޮޅަށް ހިނގައިގަތީ އާސިފްއަށް ކުދި ކިޔަމުންނެވެ. ނުހާ އަޔާން އާއި ވާހަކަ ދައްކަން ބޭނުމެވެ. އިތުރު ދޮގުތަކެއް ހަދައިގެން ނަމަވެސް އަޔާންގެ ހިތުން ނުހާ އަށް ކުރާ ނަފްރަތު ހުއްޓުވަން ނުހާ ބޭނުންވެއެވެ.
“ދަރިފުޅު ނުނިދަނީތަ؟” އާސިފް އަޔާންގެ ކައިރީގައި އިށީންނުމުން އަޔާން ސިހުނެވެ.
“މިއަދު ނިދުނީމަ ނިދިނައިސްގެން މިއުޅެނީ.” އަޔާން ވާހަކަ ދެއްކީ ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓައިލައިގެން އިނދެ އެވެ.
“މާދަން އޮފީހަށް ނިކުންނާނަންތަ؟ ވަރަށް ބިޒީ ދުވަސްކޮޅެއް. ” އެއީ އާސިފްގެ އާދައެވެ. އަޔާން މާލެ އަންނަ އިރަށް އަބަދުވެސް އާސިފް އާއި އެކީ އަޔާން އޮފީހަށް ނިކުންނަން އޭނާ ބޭނުންވެއެވެ.
“އޮފީހުގެ ހުރިހާ ކަމަކާއި އަޔާން ހަވާލުވާނަން މާދަމާއިން ފެށިގެން. ޑޭޑް އަބަދުވެސް ދެކެން ބޭނުންވާ ދުވަހެއްނު އެއީ.” އަޔާން ހިނިތުންވެލިއެވެ. ވީ އުފަލުން އާސިފް އަޔާންގެ އަތުގައި ހިފައި ފިރުމާލިއެވެ. އަޔާންގެ ގައިގައި އެތައް ފަހަރަކު ފިރުމުމަށްފަހު އާސިފް އެނބުރި ކޮޓަރިއަށް ދިޔައެވެ.
“ހާދަ ލަސްވީ.” ނުހާ ހުރީ އާސިފް ކޮޓަރިއަށް އައިސް ނުވަދެގެން ކަހަލައެވެ. އޭނާ ބޭނުންވީ އަޔާންގެ ވާހަކައެއް އަޑުއަހާށެވެ. ކަންވީ ވެސް އެހެންނެވެ. އަޔާން އެއްކޮށް އޮފީސް ހިންގުމާއި ހަވާލުވީ ކަން އާސިފްގެ ފަރާތުން ނުހާ އަށް އެނގުނެވެ. ނިއްކުރި މައްޗަށް އަރުވާލި ރޫތަކާއެކު ނުހާ ފުންވިސްނުމަކަށް ގެބުނު ކަހަލައެވެ. ނުހާ ކަންތައް ކުރި ގޮތުން އަޔާން އެއްވެސް ވަރަކަށް ދެރަވާ ހެން ނުހާއަށް ހީނުވަނީއެވެ. ނުހާ ހީކުރީ އަޔާން ނުހާއަށް ވަރަށް ވަރު ބާލާނެ ކަމަށެވެ. އެކަމަކު އަޔާން އަޅާވެސްނުލައެވެ.
“ފެނެއް ނުބޮވާތަ މިހާރު.” އާސިފްގެ އަޑުން ނުހާއަށް އޭނާގެ ޚިޔާލީ ދުނިޔެއިން އެނބުރި އާދެވުނެވެ. އެއްވެސް އެއްޗެއް ނުބުނެ އާސިފް އަތުން ފެންފުޅި އަތުލައިގެން ނުހާ ފެން ބުއިއެވެ. އަދި އަވަސް އަވަހަށް އެނދަށް އަރާ ހަށިގަނޑު ދަމާލިއެވެ. ނުހާގެ ހަރަކާތަށް ބަލަންހުރި އާސިފްއަށް ނުހާ އުޅުނު ގޮތުން ހެވުނެވެ.
ހެނދުނު ހެނދުނާ އަޔާން އޮފީހަށް ދާން ތައްޔާރުވެލިއެވެ. މޫނުމަތީގައި އެއްވެސް ތާޒާ ކަމެއްނެތް އިރު އަޔާންގެ ދެލޯ ހެކި ދެނީ އަޔާންއަށް ރަނގަޅަށް ނިދިވެސް ނުލިބޭ ކަމެވެ.
އަވިއައިނު ލޮލުގައި އަޅާލަމުން އަޔާން ސައިކަލަށް އަރާ ދުއްވާލިއެވެ. އޮފީސް ދޮރު މައްޗަށް އަޔާން ސައިކަލްގައި އައިސް މަޑުކޮށްލިއިރު ފާލިހްވެސް އޮފީސް ދޮރުމަތީގައި ހުއްޓެވެ.
“އޯ. ނިއު ބޮސް ތަ؟” ފާލިހްގެ މަޤްސަދަކީ އަޔާން އާ ދިމާކުރުމެއްނޫނެވެ. އަޔާން ހެއްވާލުމެވެ. އަޔާންގެ ޖަވާބެއް ނައިސް ހަމައެކަނި ހިނިތުންވުމަކުން ނިންމާލުމުން އަޔާން ގެ މޫޑް އެހާ ރަނގަޅު ނޫންކަން ފާލިހް ދެނެގަތެވެ. އެހެންވެ އަޔާން ސައިކަލް ޕާކްކޮށްފައި އަންނަންދެން ފާލިހް މަޑުކޮށްގެން ހުރީއެވެ.
“ހިނގާ ސައިބޯންދަމާދޯ ފުރަތަމަ.” އަޔާން ފާލިހްއާއި އަރާ ހަމަކުރަމުން ފާލިހްއަށް ދޯ ދިނެވެ. ފާލިހްގެ ޖަވާބެއް ނުލިބުމުން އަޔާން ފާލިހްއާ ދިމާއަށް ބަލާލިއެވެ. އެވަގުތު ފާލިހް ހުރިގޮތް ފެނިފައި އަޔާންގެ ގާތަށް ހިނިއައެވެ.
“ކަލޭ މޮޔަވީތަ އަނެއްކާ؟” ފާލިހްގެ ބޮޑުވެފައިވާ ދެލޮލާއި ތަންމިނަށް ހުޅުވިފައިވާ އަނގަ ފެނިފައި އަޔާން ފާލިހްގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ.
“ނިކަން ބަލާބަލަ އެއޮށް ކަމެއް؟” ފާލިހް އެހެން ބުނުމާއެކު ފަހަތަށް އެނބުރި އަޔާންއަށް ބަލާލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


Me first vvv reethi.. Avahah upload kurahchey
Mi part v kuruhen heevanee kiyaa hiyy vaaleh bodukamun.. v nice story
Meethan coming after having a makeover dhw?
avahah up kohdheeba please
Alheyh ayaan kihaa sad vaane… aneii bai avahah up kuhdheeba..
Wow… vvv nice… waiting for next part…